12.16.2011

''ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ''

އަލްއުޚްތު ބިންތު ޢަލީ
އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އިސްލާމީ ދިވެހި މުޖްތަމަޢަކީ ފަސާދަ މަދު، ޞާލިޙް ރަނގަޅު މުޖަތަމަޢަކަށް ހެދުމަށްޓަކައި ނަސޭހަތްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަސޭހަތްދިނުމުގެ ހަޤީޤަތަކީ ހެޔޮކަންތައް ތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމެވެ.

މުސްލިމު އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާތަނެއް ކަމުގައި މުސްލިމުން އެއްބަސްވެއެވެ. އަދި އެއީ މުޅި އުއްމަތުގެ އިޖުމާޢެއްވެސް މެއެވެ.

މުސްލިމު އަންހެނުންނަށް އެބައިމީހުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުނުކުރުމަށް އަމުރު ކުރެއްވިފައިވާ އެއް އާޔަތަކީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތެވެ.
މާތް ﷲ ވަހީކުރައްވާފައި ވެއެވެ.
{{وَلا يُبْدِينَ زِينَتَهُنَّ إِلا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ}} النور/31.
މާނައި: "އަދި އެކަނބަލުންގެ ފިރިންނަށް ނުވަތަ ބައްޕަމެނަށް ނުވަތަ ފިރިންގެ ބައްޕަމެނަށް ނުވަތަ ދަރިންނަށް ނުވަތަ ފިރިންގެ ދަރިންނަށް ނުވަތަ (ކައިވެނި ހެޔޮ ނުވާ) އަޚުންނަށް ނުވަތަ (އެފަދަ) އަޚުންގެ ދަރިންނަށް ނުވަތަ (އެފަދަ) އުޚްތުންގެ ދަރިންނަށް ނުވަތަ އެކަނަބަލުންގެ ތެރެއިންވާ އަންހެނުންނަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާށެވެ!"

ވިސްނާލުން ހުރި ތަންކޮޅަކީ ބައެއް އުޙްތުން ވަރަށް ފުރިހަމައަށް ޙިޖާބުވެފައި ވީ ނަމަވެސް ޢައުރަ ނިވާކުރަން ޖެހޭ މީހުންގެ ކުރިމަތީގައި ޢައުރަ ނިވާ ނުކުރާ ކަމެވެ. ޙަޤީޤަތުގައި މިކަމުން ޙިޖާބުވުމުގެ މަޤްސަދު ހާސިލެއް ނުވެއެވެ. ޙިޖާބުވާން ޖެހޭނީ ހަމަ އެކަނި ބޭރަށް ނިކުންނަ އިރަކުއެއްނޫނެވެ. ގޭގައި ވީ ކަމުގައިވިޔަސް ކޮންމެ ތަނެއްގައި ވީ ކަމުގައިވީނަމަވެސް ޢައުރަ ނިވާކުރަންޖެހޭ މީހުންގެކުރިމަތީގައި ނިވާވާންޖެހޭނެއެވެ.

ޙާއްސަގޮތެއްގައި ޅިޔަނުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރެވޭތަން އާދެއެވެ. ''އެއްބަނޑު އެއްބަފާ ބޭބެ'' އެއްގެ ދަރަޖަ ދީ ''ގާތް'' މީހެއްގެ ގޮތުގައި ދެކެވެއެވެ. ގޭތެރޭގައި ޓީޝާޓާއި ސޯޓުފަދަ ކުރު ހެދުން އެބައިމީހުންގެ ކުރިމަތީގައި ލައިގެން ސައިކަލު ފަހަތުގައި ''ތަތް'' ވެފައި އޮންނައިރު ލަދެއް، ހެއްދެވި ފަރާތަށް ބިރެއް ނުގަންނަނީ ބާވައެވެ.

ލޮބުވެތި އުޙްތުންނޭވެ! މިއީ ވިސްނަންވެފައިވާ ވަރަށް މުހިއްމު ކަމެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831) ''
މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ '' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟'' ޙަދީޘްކުރެއްވިއެވެ'' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ''

އަންހެނުންގެ ފިތުނައަކީ އެންމެ ބޮޑު ފިތުނައަށް ވީ ހިނދު ތިމާގެ އަބުރު ރައްކާތެރި ކުރެވެންވޮތް އަށްޑަނައަކީ ތިމާގެ އައުރަ ނިވާކުރުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment