1.19.2012

އިސްލާމީ ޙިޖާބުގެ ޝަރުޠުތައް

އަލްއުޚްތު ބިންތު އަޙްމަދު
މުޖްތަމަޢުގެ މުތްތަކާއެވެ! ތިބާ އަކީ ވަރަށް އަގު ބޮޑު ޖަވާހިރެކެވެ. ދުނިޔޭގައިވާ ކޮންމެ ޖަވާހިރަކީ އެ ގެއްލިއްޖެނަމަ އޭގެ އަގު އަނބުރާ ދެވޭނެ އެއްޗެކެވެ. އެކަމަކު މުސްލިމް އުޚްތުންނަކީ އެއަށްވުރެ އަގު ބޮޑު ބައެކެވެ. ތިބާފަދަ އަގު ބޮޑުމުތެއް ގެއްލިޖެނަމަ އޭގެ އަގު އަދާކުރާނީ ކިހިނެތް ހެއްޔެވެ؟

ލޮބުވެތި އުޙްތާއެވެ! ތިބާ އަކީ އިސްލާމްދީނުގައި ރައްކާތެރިކުރެވިފައިވާ އަގުބޮޑު ޖަވާހިރެކެވެ. އިސްލާމްދީން ނެތް ނަމަ ތިބާ އަކީ ވިޔަފާރިވެރިއެއްގެ އަތުން ބާޒާރުގައި ވިޔަފާރި މުދާހެން ވިކެމުންދާނެ އެއްޗެކެވެ. އަދި ފާޙިޝް ނޭއްގާނީ ޢަމަލްތައް ކުރަމުންދާ މީހުންގެ އަތުގައި އޮންނަ ކުޅޭއެއްޗަކަށެވެ. ނޫންނަމަ އިންސާނުންގެ ތެރޭގައިވާ ޖަނާވާރުންގެ ކާނާއަކަށެވެ. އެމީހުން ތިބާގެ ޢިއްފަތްތެރިކަމާ ޢިއްޒަތް ފޭރިގަނެ އެމީހުންގެ ބޭނުން ފުދުމުން ތިބާ އެއްލާލާނެއެވެ.

ނިވާވެ ޢިއްފަތްތެރި މުއުމިން އަންހެނުންނާ، ނިވާނުވެ ތިބާގެ އައުރަ ހިލޭ ފިރިހެނުންނަށް ދައްކާމީހުންގެ ތަފާތަކީ ރައްކާތެރި ކުރެވިފައިވާ ގަހަނާއަކާ މަގު މެދަށް އެއްލާލެވިފައިވާ މަލެއްގައި ހުންނަ ތަފާތެވެ. ނިވާވެފައިވާ އަންހެނާ ވާނީ އޭނާގެ ޙިޖާބް އިން އޭނާ ފޮރުވި ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތްވެގެންނެވެ. ނަމަވެސް އައުރަ ނިވާނުކޮށް ހުންނަ އަންހެނާ މަގު މެދަށް ވެއްޓިފައި އޮންނަ ފިނިފެންމަލެއް ފަދައެވެ. އެ ފިނިފެންމާ ރައްކާތެރި ކުރާނެ އަދި މަގު ދައްކާނެ އެހީތެރިއެއް ނުވެއެވެ. އެހެންކަމުން ބޭނުން މީހަކަށް އެމަލާ ކުޅެ އޭގެ ބޭނުން ހިލޭ ހިފެއެވެ. އެއަށްފަހު އެ މާ މޯޅިވެ މަރުވުމުން އޭތި އެއްލާލާ އެޔަށް ފައިންއަރާ ޗިސްޗިސް ކޮށްލައެވެ. މިދެ ގޮތުންކުރެ ތިލޮބުވެތި އުޙްތާ ޚިޔާރު ކުރާނީ ކޮންގޮތެއް ހެއްޔެވެ؟ ދީނުގެ އިލްމުވެރިން ވަނީ ޢައުރަ ނިވާ ކޮށްފައިވާ އަންހެނުންގެ ޙިޖާބުގައި ހުންނަންޖެހޭ އަށް ސިފައެއް ބަޔާން ކޮށްދެއްވާފައެވެ. އެކަންތައްތަކަކީ:

1. މޫނާއި ދެއަތްތިލާ ފިޔަވައި އަންހެނާގެ މުޅިހަށގަނޑު ފޮރުވޭ ހެދުމެއްކަމުގައިވުން. ޢިލްމުވެރިންގެ ވަނީ އަންހެނާގެ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރުމަކީ ވާޖިބެއްކަމަށް އިއްތިފާޤުވެވަޑައިގެންފައެވެ. މޫނާއި ދެއަތްތިލައާއި މެދު އިޚްތިލާފުވެވަޑައިގެންފައެވެ. ފިތުނައިގެ ޒަމާނުގައި މޫނުވެސް ނިވާކުރަންޖެހޭނެ ކަމަށް ގިނަ ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

2. އަންހެނާ އަޅާ ހެދުން އޭގެ ޒާތުގައި ޒީނަތްތެރިކަމެއްވާ ހެދުމެއްކަމުގައިނުވުން. އެބަހީ އެހެދުމަކީ އޭގެ ޒީނަތްތެރިކަމުން މީސްތަކުންގެ ނަޒަރު އެއަށް ހުއްޓޭ ހެދުމަކަށްނުވުން. ﷲ ވަޙީކުރައްވާފައިވެއެވެ. "وَلَا يُبْدِينَ زِينَتَهُنَّ" (النور :31) މާނައީ: "އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ".

3. އެހެދުމަކީ ތުނިހެދުމެއްކަމުގައި ނުވުމާއި އަދި ގައިގެ ހަމުގެ ކުލަ ފާޅުވާ ހެދުމެއްކަމުގައި ނުވުން. ތުނިހެދުމަކުން ހަށިގަނޑު ނިވާކުރުމުން ނިވާކުރުމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކޮށެއް ނުދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ."نِسَاءٌ كَاسِيَاتٌ عَارِيَّاتٌ" (رواه مسلم).މާނައީ: "ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ." މި ޙަދީޘްގައި މިވަނީ ޢައުރަ ނިވާނުވާ ގޮތަށް ހެދުންލާ އަންހެނުންގެ ވާހަކައެވެ.

4. ގަޔަށްބާރުވެ، ގައިގެ ވަނާތައް ފާޅުވާ ހެދުމަކަށް ނުވުން. އެއީ ހަށިގަނޑު ނިވާކުރުމުގެ މަޤްޞަދު ހާޞިލްކޮށްނުދިނުމުގެ އިތުރަށް ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

5. ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން ނުވަތަ ފިރިހެނުން އަޅާ ހެދުމާއި އެއްގޮތް ހެދުމަކަށް ނުވުން. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ."لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ ، وَلاَ مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ"(رواه أحمد) މާނައީ: "އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން) ގެ ތެރެއިންވާ ބަޔެއް ނޫނެވެ. އަދި ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ."

6. ޣައިރު މުސްލިމު އަންހެނުންގެ ހެދުމާ ވައްތަރު ހެދުމަކަށް ނުވުން. ޣައިރު މުސްލިމުންނާއި ޚިލާފުވެ އެމީހުންނާއި އެއްގޮތްވުމުން ދުރުހެލިވުމަކީ އިސްލާމްދީނުގެ ޝަރީޢަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ."وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ" (رواه أحمد وأبو ‏داود) މާނައީ: "ބަޔާކައި އެއްގޮތްވެއްޖެ މީހާ ވާހުށީ އެބައެއްގެ ތެރެއިންނެވެ".

7. މީރުވަސްދުވާ ހުވަނދުފަދަ ތަކެތި ލައިގެން ހިލޭފިރިހެނުންގެ ތެރެއަށް ނުނިކުތުން. ސަބަބަކީ މިއީ ފިރިހެނުންގެ ހިތްތައް އަންހެނާއި އާއި ދިމާލަށް ލަނބުވާލާ އަދި ފިތުނަވެރިކުރުވާ ކަމެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ" (رواه أبو داود الترمذي والنسائي).މާނައީ: "އެއްވެސް އަންހެނަކު މީރުވަސްދުވާ ހުވަނދުލައި ބައެއްގެ ތެރެއިން ގޮސް އެބަޔަކަށް އޭނާގެ އެހުވަނދުގެ ވަސްދުއްވައިފިނަމަ (ވަސްދުއްވައި ފިތުނަވެރި ކުރުވައިފިނަމަ) އޭނާއަކީ ޒިނޭކުރާ މީހެކެވެ." މި ޙަދީޘްގައި "ޒީނޭކުރާމީހެކޭ" ބޭނުންކުރެވިފައި މިވަނީ މަޖާޒީ ގޮތެއްގައެވެ. ސަބަބަކީ މިކަމަކީ ޒިނޭއަށް މަގުފަހިކޮށްދޭކަމަކަށް ވާތީއެވެ.

8. ޝުހުރަތުގެ ހެދުމެއްކަމުގައި ނުވުން. އެބަހީ މީސްތަކުންނަށް ތިމާގެ މަޝްހޫރުކަންދައްކާ ހެދުމެއްކަމުގައި ނުވުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ" (رواه أبو داود وحسنه الألباني) މާނައީ: "ދުނިޔެމަތީގައި މަޝްހޫރުކުރުވަނިވި (އެބަހީ މީސްތަކުންގެ ކުރިމަތީގައި ފާޅުކަންބޮޑުކޮށް މީސްތަކުންގެ ނަޒަރު އެހެދުމަށްހުއްޓި ހެދުންލައިގެންހުރި މީހެއްގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަންވަންނަ) ހެދުމެއްލައިފިމީހާ ﷲ ޤިޔާމަތްދުވަހު އޭނައަށް ނިކަމެތިވެގެންވާ ހެދުމެއް ލައްވާހުއްޓެވެ. (އޭނާ މީސްތަކުން ކުރިމަތީގައި ބޮޑާވެ އުޅުމުގެ ސަބަބުން އޭނަ ނިކަމެތިކުރުމުގެ ގޮތުންނެވެ.)

ލޮބުވެތި އުޙްތާއެވެ! ތިބާ އަކީ ޢިއްފަތްތެރިކަން ފޭރިގަތުމަށް މަސައްކަތް ކުރާ މީހުންގެ ލޯތަކަށް ޝިކާރައަކަށްވުރެ ޢިއްޒަތްތެރި މީހެކެވެ. އަދި ބާޒާރުގައި ވިކުމަށްވުރެ ތިބާގެ އަގު ބޮޑެވެ. އެހެންކަމުން އައުރަ ކަޝްފުކުރުމުގެ ސަބަބުން ނުބައި ފާޙިޝް ކަންތައްތަކުގެ ދޮރު ހުޅުވިޔަ ނުދޭށެވެ. އުޙްތާއެވެ! އިއްފަތްތެރި ކަމުގެ ގަހަނާޔާ ކުޅެ ޢިއްޒަތާއި ކަރާމާތް ނިގުޅާގަންނަން މަސައްކަތް ކުރާ މީހުންނާމެދު ތިބާ ސަމާލުވާށެވެ!

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: