1.12.2012

މުތްތަކުގެ ހައްޤުތައް

އަލްއުޚްތު ޒައުޖަތު ހާޝިމް
ޝައްކެއްނެތް ގޮތުގައި އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަގާމަކީ ވަރަށް މަތިވެރި މަގާމެކެވެ. އެއީ ޝަރަފުވެރި ބައެކެވެ. އާދެ! މުޖުތަމަޢުގެ މުތްތަކެވެ. އެމުތްތަކުގެ ހައްޤުތައް އިސްލާމްދީން ޙިމާޔަތްކޮށްދެއެވެ. މިކަމަށް ދަލީލުކުރާ ބައެއް ކަންކަން މިލިޔުމުގައި ﷲގެ އިރާދަފުޅާއެކު ހިމަނާލުމަށް އަޅުގަނޑު ގަސްދުކުރަމެވެ.

ތިބާ ޖަވާހިރެއް ދުށިންހެއްޔެވެ؟ ނުވަތަ ޑައިމަންޑެއް ދުށިން ހެއްޔެވެ؟ އެއީ ކުޑަ ކުޑަ ގާކޮޅެއްގެ މިސާލަށް އޮންނަ އެއްޗަކަށް ވީހިނދު ތިބާ އެއަށް ލޯބިކުރަނީ ކޮން ސަބަބަކާހުރެތޯއެވެ؟ އެ ހޯދަން އުނދަގޫވީމަ ހެއްޔެވެ؟ ނުވަތަ ބޮޑު އަގުގައި ނޫނީ ނުލިބޭ އެއްޗަކަށް ވީމާ ހެއްޔެވެ؟

އިސްލާމް ދީނުގައި އަންހެނުންގެ މިސާލަކީ މިއީ އެވެ. ދީނުގައި އުޙްތުންނަށް ދެއްވާފައިވާ މަގާމަކީ މިއީ އެވެ. އޭނާ އަކީ އަގު ބޮޑު ޖަވާހިރެކެވެ. މުތެކެވެ. ކޮންމެ މީހަކަށް އޭގައި އަތެއް ނުލެވޭނެއެވެ. އޭނާގެ ފިރިމީހާއަށް މެނުވީއެވެ. އިސްލާމީ ޖިލްބާބުން ޙިޖާބުވާން ދީނުގައި އަންގަވާފައިވަނީ އެހެންވެއެވެ. އެއީ އެ މުތްތަކަށްވާ ރައްކަލެކެވެ.

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް އާމްދަނީ ހޯދަން ނުވަތަ އެނޫންވެސް ގޮތްގޮތަށް މުޖުތަމަޢުގެ މަސައްކަތްތަކުގައި ބައިވެރިވެ އުޅުމުގެ ހައްޤު އިސްލާމް ދީން ހޯދައިދީފައިވެއެވެ. އޭނާގެ އިއްފަތްތެރިކަމަށް ނުރައްކަލެއްނުވާ ކޮންމެ ތަނެއްގައެވެ. ޝަރުޢީ މިންގަނޑުތަކުން ބޭރުނުވާގޮތަށް، އެކަމަށް އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއްގައެވެ. އަދި އޭނާ އަދާކުރަންޖެހޭ ޒަވާޖީ އަދި ތަރުބަވީ މައްސޫލިއްޔަތު ތަކަށް އަސަރު ނުކުރާނޭފަދަ ގޮތަކަށެވެ.

އަދި އަނބިމީހާގެ ހައްޤުތައް އަދާކުރުމުގައި ފިރިމީހާ ފަރުވާކުޑަކޮށްފިނަމަ ފިރިމީހާގެ ކައިރިން ވަރިވުމުގެ ޙައްޤު ލިބިދީފައިވެއެވެ. އަދި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް މުދާ ވާރުތަވުމުގެ ޙައްޤުވެސް ލިބިދީފައިވެއެވެ.

އިސްލާމް ދީނުގައި މަންމައިންނަށް ދެއްވާފައިވާ މަޤާމަކީވެސް އަންހެނުންނަކީ ޝަރަފުވެރި ބައެއްކަން ދަލީލު ކޮށްދޭކަމެކެވެ. ބައްޕަގެ މައްޗަށް މަންމަ ވަނީ ތިންދަރަޖަ މަތިކުރައްވާފަވެއެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ، قَالَ : جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ ،مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : " أُمُّكَ " قَالَ : ثُمَّ مَنْ ؟ قَالَ : " ثُمَّ أُمُّكَ " قَالَ : ثُمَّ مَنْ ؟ قَالَ :" ثُمَّ أُمُّكَ " قَالَ : ثُمَّ مَنْ ؟ قَالَ : " ثُمَّ أَبُوكَ " (صحيح البخاري)
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަންވީ (ޢާއިލާގެމީހުންގެ ތެރެއިން) ކާކަށްތޯއެވެ؟" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިބާގެ މަންމައެވެ." އެ މިހާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ؟" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިބާގެ މަންމައެވެ." އެ މީހާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ތިބާގެ މަންމައެވެ." އެ މީހާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ދެން ތިބާގެ ބައްޕައެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
( خَيْرُكُمْ خَيْرُكُمْ لِأَهْلِهِ) رواه الترمذي وصححه الألباني في "السلسلة الصحيحة"
"ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތިޔަބައިމީހުންގެ އަނބީންނަށް އެންމެ ހެޔޮ މީހުންނެވެ."
މި ޙަދީޘް ބަސްފުޅުންވެސް އިސްލާމް ދީނުގައި އުޙްތުންނަށް ދެއްވާފައިވާ މަޤާމާއި އެކަނބަލުންގެ ހައްޤުތަކަށް އިސްލާމްދީން އަހަމިއްޔަތުދޭކަން ހާމަވެގެންދެއެވެ.

އޭ ލޮބުވެތި އުޙްތާއެވެ. އިސްލާމް ދީން ތިބާ ނިކަމެތި ކޮށެއްނުލައެވެ. ތިބާގެ ހައްޤުތައްވެސް ހިމާޔަތްކޮށްދީފައިވެއެވެ. ތިބާއަށް ދީނުގައި ދެއްވާފައިވާ ޝަރަފާމެދު ތިބާ ފަޚްރުވެރި ނުވަމުހެއްޔެވެ؟ ތިބާ އަކީވެސް އަގު ބޮޑު މުތެކެވެ. ﷲ ގެ މަގުގައި ފައިތިލަ ސާބިތުކުރާށެވެ. އިންޝާﷲ އޭރުން ތިބާއަށްވެސް ހުރީ ފާލާޙާއި ކާމިޔާބެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment