1.30.2012

ހެދުމާއި، ދުޅަހެޔޮކަމާއި މުސްލިމުން

ޑރ. އިބްރާހިމް ޝިހާމް
ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީ.ބީ.ސީ.) އަކީ ވަރަށް ގިނަ މީހުން މަޢުލޫމާތު ނެގުމަށާއި ޚަބަރު ހޯދުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ޞިއްޙަތާއި ތާރީޚާއި އަދި އެ ނޫން ވެސް އެކިއެކި މައުޟޫޢުތަކުގެ މައްޗަށް "މަޢުލޫމާތުން" ފުރިގެންވާ އެތައް ޕްރޮގްރާމެއް އެ މީހުން ގެނެސްދެއެވެ.

ނަމަވެސް މިއީ މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގައި ހަމަ އެންމެ ފުރުޞަތެއް ވެސް ނަގާނުލާ ބައެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ. އެމީހުން ފޮނުވާ އެންމެ އާދައިގެ ޕްރޮގްރާމްތަކުގައި ވެސް އިސްލާމުންނާއި އޮންނަ ދެކޮޅުވެރިކަން އޮންނަނީ ވިސްނާ މީހަކަށް ވިއްޔާ ފައުޅުވާށެވެ. 2001 ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބީ.ބީ.ސީ. އިން ދުރަށް ފެތުރި "ޞިއްޙީ" މަޢުލޫމާތާއި މެދު ނަޒަރެއް ހިންގާލަމާހެވެ. އެ އިރުޝާދުގައިވާ ގޮތުން ވިއްޔާ "ކަށީގެ ބައްޔެއް ކަމުގައި ރިކެޓްސް ގިނަވަމުން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ހެދުން އެޅުމުގައި މުސްލިމުން ގެންގުޅޭ ހަރުކަށި ގޮތްތަކެވެ." މިފަދަ އެއްޗެއް ބުނާކަށް އެއްވެސް ދިރާސާއެއްގެ ބޭނުން ހިފާކަށް ނުޖެހުނެވެ. ނޫނީ ޞިއްޙީ ކަމަކާ ގުޅޭ އެއްޗެއް ބުނުމުގައި ޢާންމު ގޮތެއްގައި ގެންގުޅޭ އެއްވެސް އުޞޫލެއް ވެސް ގެންގުޅޭކަށް ނުޖެހެއެވެ. ހަމަ ބުނެލަންވީއެވެ. މިފަދަ އެއްޗެތި ކިޔައި އަޑުއަހާ ހަދާނީ ބީ.ބީ.ސީ. އިން ބުނާ މިފަދަ "ކުޑަ" އެއްޗެއް ވިސްނާލުމަކާ ނުލާ "މަޢުލޫމާތު" ގެ ގޮތުގައި ސިކުނޑިއަށް ނަގާނެ މީހުންކަން އެ މީހުން ދަންނާތީއެވެ.

ރިކެޓްސްއަކީ ކޮބައިތޯއެވެ؟ މިއީ ހަށިގަނޑުގައި ވިޓަމިން-ޑީ މަދުވުމުން ކަށިގަނޑަށް އަންނަ ބަދަލުތަކަށް ކިޔާ ނަމެކެވެ. ހެދެމުން އަންނަ ކަށީގައި މަޢުދަނުގެ ބާވަތްތައް ރަނގަޅު މިންވަރަށް އެކުނުލެވެނީއެވެ. ނަތީޖާއަކަށް ވަނީ ކަށިގަނޑު އައިބުވެ ބަލިކަށިވުމެވެ. ރިކެޓްސް ގިނައިން ފެންނާނީ 2 އަހަރުން ދަށުގެ ކުޑަކުދީންގެ ކިބައިންނެވެ. ވިޓަމިން-ޑީ ހަށިގަނޑަށް ލިބޭ މައިގަނޑު ދެގޮތެއް ވެއެވެ. އެއް ގޮތަކީ ކާއެއްޗެތީގައި އެކުލެވޭ ވިޓަމިން އެ ކާއެއްޗަކާއި އެކު ލިބުމެވެ. (މިސާލު: މަހު މޭ، ބިސް ...). އަނެއް ގޮތަކީ އަވީގެ އަލްޓްރާ ވައިލެޓް ދޯދިތައް ހަމަށް އެޅުމުން ހަމުގައި ވިޓަމިން-ޑީ އުފެދުމެވެ. ފަހުން މި ބުނި ބަޔަށް "ފޮޓޯލިސިސް" އޭ ކިޔެއެވެ. ބީ.ބީ.ސީ. އިން އެ ބުނަނީ މުސްލިމް އަންހެނުން ހެދުން ލާ ގޮތުން އަތްވަށް ހާމަވާ ވަރު ކުޑަވެ ހަށިގަނޑުގައި ވިޓަމިން-ޑީ މަދުވާ ގޮތް ދިމާވެ ރިކެޓްސް ޖެހެނީ ކަމަށެވެ. މިއީ ވަރަށް ވެސް ހަމަނުޖެހޭ ވާހަކައެކެވެ. އެތައް ސަބަބުތަކަކާ ހުރެއެވެ.

• ރިކެޓްސްއަކީ ޅަފަތުގެ ބައްޔެކެވެ. އިސްލާމްދީނުގައި ހަށިގަނޑުގެ މިވެނި މިންވަރެއް ނިވާކުރާށޭ އަންގާފައިވަނީ ބާލިޣުވެފައި ތިބޭ މީހުނަށެވެ. 2 އަހަރު ނުފުރޭ ކުޑަކުދީންނަކަށް ނޫނެވެ.

• އިސްލާމްދީނުގައި އޮންނަ ގޮތަށް ހެދުން އަޅައިގެން އުޅެމުން ވެސް މުސްލިމް އަންހެނާއަށް އެ މީހާ ގޭގައި ފުދޭވަރަށް އަތްވަށް ހާމަވުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި މަދު މިނެޓްކޮޅަކަށް އަވީގައި ހުރުމުން ވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން-ޑީ އުފެދޭނެއެވެ. އެ "ފައިދާ" ހޯދުމަށްޓަކައި ހެދުން ނަގާ އެއްލާލައި ހުޅަނގުގެ މީހުނާއި ހުޅަނގަށް ތަބާވާ މީހުން އުޅޭ ގޮތަށް އުޅެގަންނާކަށް މުސްލިމް އަންހެނުންނަކަށް ނުޖެހެއެވެ.

• ރަނގަޅަށް ކާއެއްޗެތި ކައިހަދާނަމަ ފުދޭ ވަރަކަށް ވިޓަމިން-ޑީ ލިބޭނެއެވެ. (މަހުމޭ، ބިސް، ކިރު- ބާޒާރުގައި ލިބެން ހުންނަ ގާތްގަނޑަކަށް ހުރިހާ ކިރަކީ ވެސް ވިޓަމިން ޑީ ވަކީން އަޅާ "އެންރިޗް" ކޮށްފައި ހުންނަ ކިރެވެ.)

• ރިކެޓްސް ޖެހެން ދިމާވާ އަދި އެތައް ސަބަބުތަކެއް ހުންނަކަމީ ވެސް ހަނދާންކޮށްލުން ބޭނުންތެރި ކަމެކެވެ. އަދި އޭގެ އިތުރުން ހަށިގަނޑުގައި ކެލްސިއަމް މަދުވެއްޖިއްޔާ ވިޓަމިން-ޑީ ހަށިގަނޑުގައި ހުރުމަކުން ވާނެ ފައިދާއެއް ވެސް ނޯންނާނެއެވެ. (ކެލްސިއަމްއަކީ އަވީގައި ހުރުމުން ލިބޭ އެއްޗެއް ނޫނެވެ.)

• އަވީގައި ހުރުމަކުން ވިޓަމިން-ޑީ ހަށިގަނޑުގައި އުފެދުމަކީ އަދި ލާޒިމު ކަމެއް ނޫނެވެ. މި ކަމަކީ ވަރަށް ގިނަ ސަބަބުތަކާއި ޝަރުޠުތަކެއްގެ މައްޗަށް ހުއްޓިފައި އޮންނަ ކަމެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބައެއް މަސްތަކުގައި (މިސާލު: އެމެރިކާގެ އެޑްމޮނޓޮންގައި އޮކްޓޯބަރު މަހާއި މާރޗް މަހާއި ދެމެދު) ކިތަންމެ އިރަކު އަވީގައި ހުއްޓަސް ހަމަ ކުޑަ ވިޓަމިން-ޑީ ކޮޅެއް ވެސް ނުއުފެދޭނެއެވެ.

ދެން ބީ.ބީ.ސީ. ގެ މި އުފެއްދުމުގައި އަތްވާއިބެހޭ ގޮތުން ނުގެނެސްދޭ ބައެއް ނުކުތާތަކަށް ބަލައިލާނަމެވެ. އިރަށް ހާމަވުމުން ދިމާވާ ބައެއް ކަންތަކުގެ ތެރޭގައި ހަންގަނޑު އެނދުން، ހަމުގައި ރޫޖެހުން، ދުވަސްވާ ކަމަށް ފެނުން. އަދި ހަމުގެ ކެންސަރު ޖެހުން ހިމެނެއެވެ. ހަމުގެ ކެންސަރަކީ ރިކެޓްސްއަށް ވުރެ މާ ނުރައްކާތެރި އަދި މާ ޢާންމު ބައްޔެކެވެ. އަދި ހަމުގެ ކެންސަރު ޖެހުމަށް ދިމާވާ އެންމެ މުހިންމު އަދި މައިގަނޑު އެއް ސަބަބަކީ އިރުގެ ދޯދިތައްކަން އެތައް ދިރާސާތަކަކުން ވަނީ ސާބިތުވެފައެވެ.

ރިކެޓްސްއަކީ މިހާރު މަދުން ފެންނަ އެއްޗެއް ކަމުގައި ވިއަސް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ހަމުގެ ކެންސަރު ޖެހިގެން މަރުވެއެވެ. އިނގިރޭސިވިލާތުގައި ކޮންމެ 5 ގަޑިއިރެއްގެ ތެރޭގައި ހަމުގެ ކެންސަރުގެ ސަބަބުން މީހަކު މަރުވެއެވެ. އެމެރިކާގައި ކޮންމެ ގަޑިއިރެއްގެ ތެރޭގައި ހަމުގެ ކެންސަރުގެ ޝިކާރައަކަށް ވެގެން މީހަކު މަރުވެއެވެ. ހަމުގެ ކެންސަރުގެ އެންމެ ނުރައްކާ ވައްތަރު ކަމަށްވާ "މެލިގްނަންޓް މެލަނޯމާ" ދުނިޔޭގައި މިހާރު ގިނަވަމުންދަނީ ބިރުގަންނަންޖެހޭ ފަދަ ދަރަޖައަކަށެވެ. 1930މ. އާ އަޅާބަލާއިރު އެމެރިކާގައި އެކަނިވެސް މިބަލި ނިސްބަތުން %1800 (އާދޭހެވެ. 180 ގުނައަށް) ވަނީ އިތުރުވެފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިބަލި އިތުރުވެފައިވަނީ ކުރީން އުޅުނު މީހުންނަށްވުރެ ހަށިގަނޑުގެ ހާމަކަން އިތުރުކޮށްގެން އުޅޭ މީހުންގެ ތެރޭގައެވެ. (އޮކްސްފޮރޑް ޓެކްސްޓް ބުކް އޮފް މެޑިސިން) އަދި މިހާރު ވެސް މި ބަލި ދަނީ އިތުރުވަމުންނެވެ.

ޝައްކެއް ނެތެވެ. ހެދުން ލާ ގޮތާއި ހަށިގަނޑަށް ޖެހޭ ބަލިތަކާއި މެދު ވަރަށް ވެސް ގުޅުން ބޮޑެވެ. ނަމަވެސް ހެކިތަކާ ދަލީލުތައް ދައްކާ ގޮތުގައި މި ގުޅުން ވަނީ ބީ.ބީ.ސީ. އިން އެ ފަތުރާ ވާހަކަތަކާ މުޅީން ތަފާތުކޮށެވެ. ކޮންމެ އަހަރަކު އިނގިރޭސިވިލާތުގައި 40،000 (ސާޅީސް ހާސް) މީހުންނަށް ހަމުގެ ކެންސަރު ޖެހެއެވެ. ހަށިގަނޑު ހާމަކުރުމަށް ލާ ހެދުންތައް ދޫކޮށްލައި އިސްލާމީ ރިވެތި ހެދުމުން ޒީނަތްތެރިވީ ނަމަ މީގެ ތެރެއިން ބޮޑު ބައެއް ރައްކާތެރި ކުރެވުނީހެވެ.

ލަދުވެތިކަމަކީ އޭގެ އަގު ނުކުރެވޭފަދަ މާތް ޚަޞީލަތެކެވެ. ރިވެތި އުޅުމަކީ ހަމައެކަނި މާއްދީ ތިލަފަތުން ކިރާލެވޭނެ އެއްޗެއް ނޫނެވެ. މުސްލިމުންނަށް އުޅުމަށް އަންގަވާފައިވާ ގޮތާއި ހެދުން އެޅުމުގައި ގެންގުޅެން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަކީ އަހަރެމެން ﷲ އަށް ޙަމްދުކޮށް ޝުކުރުކުރާހާ ވެސް ފުރިހަމަ ގޮތްތަކެކެވެ. އެއީ އިންސާނާގެ އުނި ސިކުނޑިއަށް އެއަށް ފާޑުކިއިދާނެ ކަމެއް ނޫނެވެ. އަދި ކޮންމެހެން އެކަމަށް ފާޑުކިއަންޖެހިއްޖެ ކަމަށް "ވިސްނިއްޖެ" މީހާވެސް ކޮންމެވެސް މިންވަރަކަށް ޙަޤީޤަތާއި މެދު ވިސްނާލުމާއި ފާޅުވެ ފެންނަންހުރި ދަލީލުތަކަށް ނަޒަރެއް ހިންގާލުމަކީ ބުއްދިވެރި ކަމެކެވެ. އަހަރެމެންގެ އިސްލާމީ ހެދުމަކީ ވަރަށް ގިނަ ކަންތަކުން އަހަރެމެން ރައްކާތެރިކޮށްދޭ ހެދުމެކެވެ. ނޭދެވޭ ލޯތަކުން ފެށިގެން ގޮސް ބަލިޖައްސާ މަދިރީގެ ކަށިތަކުންނާއި އިރުގެ ނުރައްކާތެރި ބައެއް ދޯދިތަކުންނެވެ. އެއީ އަހަރެމެންގެ ރޫޙަށް ފައިދާކުރާ، ހަމަޖެހޭ ރިވެތި ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރާ އެއްޗެކެވެ. އަހަރެމެންގެ ހަށިތަކަށާއި ޞިއްޙަތަށް ވެސް މަންފާކުރާ އެއްޗެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment