6.08.2012

އަންހެންކުދިން ބަލާ ބޮޑުކުރުމުގެ މާތްކަން

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު
ޢަރަބިންގެ މުޖުތަމަޢުއަކީ އިސްލާމްދީން ފާޅުވުމުގެ ކުރިން އަންހެންކުދީން މަރަމުން އައި ބަޔެކެވެ. އަންހެންކުދިން ދިރިތިއްބާ ވަޅުލަމުން އައި ބަޔެކެވެ. އަދި އަންހެނުންނަކީ ވާރުތަމުދަލެއް ފަދައިން ވާރުތަވާ އެއްޗަކަށް އެދުވަސްވަރު ވަނީ ވެފައެވެ.

މާތް ﷲ ކީރިތިޤުރުއާނުގައި މިކަން ބަޔާންކުރައްވާފައިވާ ބަސްފުޅަކީ: وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ * يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلَا سَاءَ مَا يَحْكُمُونَ - النحل: ٥٨-٥٩ މާނަ: "އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު (އެކަމާ ދެރަވެ ހިތާމައިން) ކަޅުވެދެއެވެ. އަނދިރިވެގެންދެތެވެ. އަދި އޭނާއަށް އެ ޚަބަރު ދެވުނުކަމުގެ ނުބައިކަމުން (އެބަހީ: އަންހެންދަރިޔަކު ލިބުމުގެ ނުބައިކަމުން) އޭނާ މީސްތަކުންނާ ދުރުވެ ވަންހަނާވެދެއެވެ. ނިވައިވެދެއެވެ. ނިކަމެތިކަމާއި ދެރަކަމާ އެކު އެކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ އެކުއްޖާ (ދިރިއޮއްވާ) ފަސްގަނޑުގެ ތެރޭގައި ވަޅުލާނީބާވައެވެ؟ ދަންނާށެވެ! އެމީހުން އެކުރާ ޙުކުމް ހާދަހާވާ ނުބައިވެގެންވެއެވެ!"
ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙައްޤުދީނާއިގެން ވަޑައިގެންވަނީ މި ނުބައި އާދަ ނައްތައިލައްވާފައެވެ.

އަންހެންކުދިން ދިރިތިއްބައި ވަޅުލަމުން އައިދުވަސްވަރު އެކަންމަނާކުރައްވައި އެ އާދަ ނައްތާލުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
مَنْ عَالَ جَارِيَتَيْن حَتَّى تَبْلُغَا جَاءَ يَوْمَ القِيَامَةِ أنَا وَهُوَ كَهَاتَيْنِ (رواه مسلم ) وَضَمَّ أَصَابِعَهُ ދެ އަންހެންދަރިން ބާލިޣުވަންދެން އެދެކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށްފި މީހާ ޤިޔާމަތްދުވަހުން އެމީހަކު ތިމަންކަލޭގެފާނާއި މިފަދައިން އަރިސްވެގެންވާ ހުއްޓެވެ. (މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ އިނގިލިފުޅުތައް ކައިރިކޮށްލެއްވިއެވެ).


ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment