2.25.2010

ވަގުތު ފާއިތުވުމުގެ ކުރިން ﷲގެ ހަޟްރަތަށް ރުޖޫޢަވާށެވެ.

އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ
އޭ ލޮބުވެތި އުޚްތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟ ވިހިއަހަރު ހެއްޔެވެ؟ ސާޅީސް އަހަރުހެއްޔެވެ؟ ނުވަތަ ފަސްދޮޅަސް އަހަރުހެއްޔެވެ؟ ތިބާ މާދަމާވެސް ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެބައޮތް ހެއްޔެވެ؟ ހަމަ މިވަގުތުވެސް ތިބާގެ ގާތަށް މަރު އައިސްދާނޭކަން ދަންނާށެވެ. މަރުއައުމުން ނުދިޔުމަށް ތިބާއަށް އެއްވެސް ގަދަކަމެއް ދެއްކިދާނެ ހެއްޔެވެ؟

މަރަށްފަހު ދެން އޮތީ ކައްވަޅެވެ. އޭގެ ބަނޑުތެރެއަށް ތިބާ ދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ތިބާގެ ޙަޤީޤީ ތަންމައްޗެވެ. އެތަނުގައި ވާނީ ނާމާން ކަމާއި ބިރުވެރިކަމެވެ. އޮންނަންޖެހޭނީ އަލިކަމެއްނެތި ކަނު އަނދިރީގައެވެ. އެކަނިވެރިކަމާއި ފޫހިކަމުގައެވެ. އެކީ އުޅުނު ލޯބިވާއެންމެން ތިބާ އެކަނިކޮއްލާފައި ދާނެއެވެ. ކައްވަޅުގައި ތިބާގެ އެކުވެރިންކަމުގައި ވާނީ ފުޅަތަކެވެ. އެތަކެތި ތިބާގެ ޗާލު މޫނާއި އަސަރުގަދަ ދެލޮލާއި ރީތި ކޯތާފަތާއި އަދި ތި ލޫޅާފަތި ހަށިގަނޑު ކައި ހުސްކޮށްލާނެއެވެ. ސެންޓާއި އަތަރުގެ ސަބަބުން މީރުވަސް ދުވި ތިޔަ ހަށިގަނޑުން ދުވާނީ ކުނި ވަހެވެ.
އޭ އުޚްތާއެވެ! އަދި ކައްވަޅުގެ ވޭނީ ޢަޒާބު މާގަދަފަދަ ވެގެންވެއެވެ. ތިބާގެ ދަށުގައި އަލިފާން ރޯކުރެވޭނެއެވެ. ކައްވަޅު ތިބާއާއެކު ފިއްތާލެވޭނެއެވެ. އަދި ބިރުވެރި ބިޔަ ނާގަ ހަރުފަތައް ތިބާގެ މައްޗަށް ފާކުރެވޭނެއެވެ. އަދިވެސް އެތަކެއް ވޭނީ ޢަޒާބުތަކެވެ.
އެއައްފަހު ދެން އޮތީ އެންމެ ގަދަފަދަ ވެގެންވާ ވޭނީ އަޒާބެވެ. ވޭނުން ފުރިގެންވާ ނަރަކައިގެ ޢަޒާބެވެ. އެތާންގެ ބިމާއި ފާރުތަކާއި ހެދުމާއި ތަންމަތި އަލިފާނުންވާ ނަރަކައެވެ. މިދުނިޔޭގެ އަލިފާނުގައި އެންމެ ހިނދު ކޮޅަކައްވެސް ކެތް ކުރެވޭނެ ހެއްޔެވެ؟ އަދި އެނަރަކައިގެ އަލިފާނަކީ ދުނިޔޭގެ އަލިފާނުގެ އެތައް ގުނަ ހޫނު އަލިފާނެކެވެ. ލޮބުވެތި އުޚްތާއެވެ! ވިސްނާ ފިކުރު ކޮށްލަބަލާށެވެ. އަދި އެނަރަކައިގެ ކެއުމަކަށް ވާނީ ނުބައިވެގެންވީ ޒައްގޫމެވެ. ބުއިމަކަށް އެދިއްޖެނަމަ ދެނީ ހޫނުކަން އިންތިހާއަށް ގޮސްފައިވާ ފެނާއި ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ދޮހާއި ފާދިޔައެވެ. އެތާންގައި ކަރުހިއްކުން ފިލުމެއް ބަޑުހައިކަން ފިލުމެއް ނުވެއެވެ. އުފަލެއް އަރާމެއް ހިތްހަމަ ޖެހުމެއް ނުވެއެވެ.
އޭ އުޚްތާއެވެ! ދުނިޔެމަތީގައި ތިމާގެ ހަވާނަފުސައް އަޅުވެތިވެގެން އުޅޭ ކޮންމެ މީހެއްގެ އާޚިރަތުގެ ދާއިމީ ގޮވައްޗަކީ މިބަޔާންކުރެވުނު ނުބައިވެގެންވާ ގޮވައްޗެވެ. އެތަނުގައި މަރެއްވެސް ނުވާނެއެވެ. އަދި ނުވެސް ދިރޭނެއެވެ. އުޚްތާއެވެ! ތިބާއެތަނުގައި ވާމަންޒަރު ތަޞައްވަރު ކޮއްލައްވަ ބައްލަވާށެވެ. ދެން އެއައްފަހު އަމިއްލަ ނަފުސާ ސުވާލު ކޮއްލައްވަ ބައްލަވާށެވެ. "އަހަރެންނަށް ނަރަކައިގެ އެދާއިމީ ގޮވަތީގައި ކެތްކުރެވޭނެ ހެއްޔެވެ؟"
އޭ އުޚުތާއެވެ! މަތިވެރި ﷲ ގެ ރުހުން ލިބިގެން މެނުވީ އާޚިރަތުގެ ގޮވަތީގައި ކާމިޔާބެއް ނުލިބޭނެއެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން މަތިވެރި ﷲގެ ހަޟުރަތައް ތައުބާވެ ރުޖޫޢަވާށެވެ. އަދި ތިބާގެ ދިރިއުޅުމުގެ މަޤުޞަދަކީ ﷲގެ ރުއްސެވުން ހޯދުންކަމުގައި ހަދާށެވެ. މިފަނާވަނިވި ދުނިޔޭގައި ތިބާއަކީ ދަތުރުވެރިއެއް ނުވަތަ ބީރައްޓެއްސެއް ކަމުގައި ވާށެވެ. އޭރުން ހަމަކަށަވަރުންވެސް ތިބާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިވާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ: ޔާ ﷲ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ ނަރަކައިގެ ޢަޒާބުން އަޅަމެން މިންޖު ކޮއްދެއްވާފާނދޭވެ! އާމީން.

ފޭސްބުކްގައި ޝެއަރ ކުރައްވާ

4 comments:

  1. Masha Allah! Me ibrathun furigen vaa liumeh, Allah alhugandumen enmen ge thubaa gabool kurahvaashi.. aameen!

    Jazakillah Khaiarn ukhthy...

    ukhthuki reen

    ReplyDelete
  2. hey Dear .. I m hosting an online news called vathan.com ./ cud i re-publish this article in vathan .. if you permit plz juz write comment on our site any article and inform me ..

    May Allah bless and mercy on ye ..

    Wassalaam
    Eusoph

    ReplyDelete