3.27.2010

އަނބިމީހާއަކީ ތިބާގެ ކާކު؟

އަލްއުޚްތު އުއްމު ޙަނީން
ކައިވެންޏެއް ކުރުމުން ތިބާއަށް އެލިބުނީ ހަމައެކަނި އަންބެއް ނޫނެވެ. ތިބާއަށް އެލިބުނީ ތިބާގެ މުޅިދުނިޔެއެވެ. ކައިވެނި ކުރާދުވަހުން ފެށިގެން ޙަޔާތްނިމެންދެން ޙަޔާތުގެ ބައިވެރިއަކީ، ނުވަތަ އެކުގައި އުޅޭ، ނުވަތަ އެންމެގާތްއެކުވެރިއަކީ ތިބާގެ އަނބިމީހާއެވެ. ތިބާގެ ހުރިހާ ހިތާމައަކާއި އުފަލެއްގެބައިވެރިއަކީ އެއީއެވެ. ލިބޭ ކޮންމެ ކާމިޔާބަކާއި، ގެއްލުމެއް ޙިއްސާކުރުމުގައި ތިބާއާއެކު ވާނެއެވެ.
ހުވަފެންތަކާއި ބިރުތަކުގައިވެސްމެއެވެ. އަދި ތިބާ ބަލިވުމުން އެންމެ ބޮޑަށް އެހީތެރިވެ އަޅާލާނީވެސް ހަމަ އަނބިމީހާއެވެ. އެފަދަ އެހީތެރިކަމަށް އެދި އެދި އޮންނަ ޙާލަތެއްގައި އަނބިމީހާ ވީ އެންމެ ރަނގަޅަކަށް ތިބާއަށް އެހީތެރިވެއެވެ. އަދި ތިބާ އަނބިމީހާގެ ކައިރީގައި ސިއްރެއް ބުނެފިނަމަ އެސިއްރެއް ސިއްރުކުރެއެވެ. އަދި ނަޞޭޙަތެއް ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ އެންމެ ފުރިހަމަ ނަޞޭޙަތެއް ދެއެވެ. އޭނާ އަބަދުވެސް ތިބާއާއެކު ވާނެއެވެ.
* ތިބާ ހެނދުނު ހޭލާއިރު ފުރަތަމަވެސް ތިބާއަށް ފެންނަނީ އޭނާއެވެ.
* ދުވާލުގަޑީގައިވެސް އޭނާ ތިބާއާއެކު ވާނެއެވެ.
* މަސައްކަތުން ގެއަށް އަންނައިރު ނުވަތަ ދަތުރެއްކޮށްފަ ގެއަށް އައިސްވަންނައިރު ތިބާއާ އިސްތިޤްބާލުކުރަން ހުންނަ ފަރާތަކީވެސް ތިބާގެ ލޯބިވާ އަނބިމީހާއެވެ.
* ތިބާފެންނަން ނުހުންނަ ގަޑި ތަކުގައި އޭނާ ތިބާއަށްޓަކާ ހެޔޮދުޢާކޮށް، ތިބާގެ ހަނދާންކޮށް ހަދައެވެ.
ތިބާ ރޭގަނޑު ނިދާއިރު ފެންނަ އެންމެ ފަހު މީހަކީވެސް ތިބާގެ އަނބިމީހާއެވެ.
ކުރުކޮށްބުނާނަމަ ތިބާގެ އަނބިމީހާއަކީ ތިބާގެ މުޅިދުނިޔެއެވެ. އަދި ތިބާއަކީ އޭނާގެ ވެސް މުޅި ދުނިޔެއެވެ. ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ގުޅުން އެންމެ ފުރިހަމަ އިބާރާތުން ބަޔާންކޮށްދީފައިވަނީ ކީރިތި ޤުރްއާނުގައެވެ.
އަލްބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ
"އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނަކީ، އެކަނބަލުންނަށް ފޭރާމެކެވެ."
އެބަހީ އެއްބަޔަކީ، އަނެއްބައެއްގެ ޢިއްފަތްތެރިކަމާއި އަބުރު ރައްކައުތެރިކޮށް ސިއްރުތައް ވަންހަނާކޮށް އައިބުތައް ފޮރުވައިދޭން ތިބޭބައެކެވެ.
އިންސާނުންގެ ތެރޭގައިވާ ގުޅުންތަކުގެ ތެރެއިން ދެމަފިރިންގެ ދެމެދުގައިވާ ގުޅުމަކީ އަޖައިބެއްފަދަ ގުޅުމެކެވެ. އެދެމަފިރިންގެ ދެމެދުގައި އޮންނަ ލޯތްބާއި ކުލުނާއި، ގާތްކަމާއި، ހަމްދަރްދީވުމާއި، މަޑުމައިތިރިކަމާއި އޯގާތެރިކަމަކީ ބުނެދޭންވެސް ނޭނގޭފަދަ އާދަޔާޚިލާފް ކަންތައްތަކެވެ. މިއީ އެންމެ މަތިވެރިވެގެންވާ ހުސްޠާހިރުވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން އެދެމަފިރިން ދެމެދުގައި ލައްވާފައިވާ ޚާއްޞަ އާދަޔާ ޚިލާފް ކަންކަމެވެ.
އައް ނަޚްލު ސޫރަތުގެ 72 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ هُمْ يَكْفُرُونَ
"އަދި ﷲ ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބީންލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން، ދަރީންނާއި، ދަރީންގެ ދަރީން ދެއްވައި، އަދި ރަނގަޅު ޙަލާލު ތަކެތީން، ތިޔަބައިމީހުންނަށް ރިޒްޤުދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ ބާޠިލަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރުވަނީ ﷲ ގެ ނިޢުމަތަށް ހެއްޔެވެ؟"
ﷲ ގެ ރަޙްމަތަށް އެދޭ މީހުންގެ ހިތުގައި ރަޙްމަތުން ފުރިގެންވާ އިޙްސާސްތައް މާތްﷲ ލައްވަވައެވެ. އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ
"ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
ﷲސުބްޙާނަހޫ ވަތަޢާލާ އިންސާނުންގެ ހިތްތައް ރަގަޅަށް ދެނެވޮޑިގެންވެއެވެ. ހިތް ބަލި މީހުންނާއި ވަރުގަދަ މީހުން އެންމެ ފުރިހަމައަށް ދެނެވޮޑިގެންވެއެވެ. ޒަމާންތަކާއެކު ކަންތައްތައް ބަދަލުވަމުން އާދެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބިވެސް ކުޑަވަމުން ދިއުމަކީ އެކަށީގެންވާކަމެކެވެ. އެކަކު އަނެކަކަށް ރަނގަޅަށް އަޅާނުލެވޭނަމަ ކައިވެނީގެ ގޮށްވެސް ދޫވަމުންދާނެއެވެ. ނަމަވެސް ކައިވެންޏެއްގެ އުފަލަކީ އަބަދަށް ދެމިއޮންނަން ޖެހޭ އެއްޗެކެވެ. ކައިވެނީގެ ގުޅުމަކީ ގިނަދުވަސްތައް ފާއިތުވަމުން ދާވަރަކަށް އެގުޅުން ބޮޑަށް ބަދަހިވަމުން ދާން ޖެހޭ ގުޅުމެކެވެ. ގަހެއް ހެދިބޮޑުވަމުން އަންނައިރު ފެން ބޭނުންވާ ފަދައިން ކައިވެންޏަކަށްވެސް ގިނަ ދުވަސްވަމުން ދިޔަވަރަކަށް ލޯތްބާއި އަޅާލުން އިތުރަށް ބޭނުންވެއެވެ. އެހެންކަމުން މިގުޅުން ދަމަހައްޓަން ދެމަފިރިން ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިހެއްޔެވެ؟
* އެކުގައި ވަގުތު ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކުގައި ސުންނަތް ނަމާދު ކުރުމަށާއި އެކުގައި ކެއުމަށްޓަކައި ވަޤުތު ހޯދާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަނބިކަނބަލުން ޢައިޝާ ރަޟިޔަﷲ ޢަންހާއާއެކު ހޭދަކުރެއްވީ އޯގާތެރިކަމާއި ލޯބިން ފުރިގެންވާ ދިރިއުޅުމެކެވެ. އެކުގައި ގިނަ ގުނަ ކަންތައްތަކެއް ކުރެއްވިއެވެ. އެކަލޭގެފާނު ޢައިޝާ ރަޟިޔަﷲ ޢަންހާ އާ ސަމާސާކުރެއްވިއެވެ. ދުވެވަޑައިގެން އެކަމަނާއާ ވާދަޖެއްސެވިއެވެ.
* އަބަދުވެސް އެކަނބަލުންނަށް ހެޔޮކޮށް ހިތައި ރަގަޅު ބަސްތައް ބުނެހަދާށެވެ. ގިނަގިނައިން އެކަނބަލުންނާއި ހިނިތުންވެހުރެ ވާހަކަ ދައްކާށެވެ. އަދި އެކަނބަލުންނާ މަޝްވަރާ ކޮށް ޚިޔާލު ހޯދާށެވެ. ތިބާގެ ވިސްނުމަށް ނާންނަ ރަނގަޅުވިސްނުމެއްވެސް ލިބިދާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
" ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަގަޅު މީހުންނަކީ ތިޔަބައިމީހުންގެ އަނބީންނަށް އެންމެ ހެޔޮކޮށް ހިތާ މީހުންނެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

2 comments:

  1. This article is so interesting and adorable.

    ReplyDelete
  2. Jazak Allah Khairan! Varah rangalhu liyumeh! Masha Allah!! Kuriah oi thaagai ves zavaajee hayaathaa behey gina ma'uloomaathu dheenee gothun libey fadha liyun thah gina kurun edhen. Eheny vareege massala raaje gai aamu vun kuda koh meehun heylun theri kurumah mi ee varah muhimmu kameh kamah feney.

    ReplyDelete