7.07.2011

ތަރުބިއްޔަތުގެ ހުންގާނު މަންޒިލާ ދިމާއަށް ސީދާ ކޮއްލަމާތޯއެވެ؟

ޑރ. އިބްރާހިމް ޝިހާމް
ޢާއިލާއަކީ ކޮންމެ މުޖްތަމަޢެއްވެސް އޭގެ މައްޗަށް އެކުލެވޭ އެންމެ މުހިއްމު ބައެވެ. އޭގެ ޙާލަތު ރަނގަޅުވެއްޖެނަމަ މުޖްތަމަޢުގެ ޙާލަތުވެސް ރަނގަޅު ވެދެއެވެ. އަދި އޭގެ ސަބަބުން ވަކިވަކި ފަރުދުން އިޞްލާޙުވެ ފަލާޙާއި ކާމިޔާބަށް ވާޞިލުވެދެއެވެ. އަދި ޢާއިލާތައް ރޫޅި ބަލިކަށި ވެއްޖެނަމަ މުޖްތަމަޢުގެ އެހެން ގުޅުންތައްވެސް ހީނަރުވެ އިޖްތިމާޢީ އެތައް ބަލިތަކެއް އެމުޖްތަމަޢެއްގައި އަށަގަނެގެން ދެއެވެ.

އެމީހެއްގެ ޢާއިލާއެއް ބެލެހެއްޓުމާއި، ޚިދުމަތްކޮށްދިނުމާއި ރަނގަޅު މަގު އިޚްތިޔާރު ކުރުމުގައި އެހީތެރިވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. މިއީ އެއިން ހަމައެކަކުވެސް ނުނެއްޓޭނެފަދަ އިލާހީ އަމުރުފުޅަކުން ސާފުކޮށް އެނގޭން އޮތް ޒިންމާއެކެވެ.

މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ''އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުން ނަރަކައިގެ އަލިފާންގަނޑުން ރައްކާތެރިކުރާށެވެ. އެއަލިފާންގަނޑު ރޯކުރާނޭ ދަރުކަމުގައި ވާހުށީ މީހުންނާއި ހިލައެވެ. އަދި އެތަން ބެލެހެއްޓުމުގައި ހަރުކަށި އަދި ބާރުގަދަ މަލާއިކަތުންގެ ބަޔަކު ތިއްބަވާނެއެވެ. އެބޭކަލުން މާތް ﷲ ކުރައްވަވާ އަމުރުފުޅަކަށް ނުކިޔަމަންނުވާހުއްޓެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.'' (އައްތަޙްރީމް:6)

ޞަޙީޙު ބުޚާރީއާއި ޞަޙީޙު މުސްލިމްގައިވާ އަހަރުމެންގެ މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމްގެ މަޝްހޫރު ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ތިއިން ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރި އެކެވެ. އަދި އެމީހަކާއި ބަލަހައްޓަން ޙަވާލުވެފައިވާ އެއްޗަކާއި މެދު ސުވާލުވެވޭ ހުއްޓެވެ. ވެރިމީހާއަކީ އޭނާގެ ދަށުގައިވާ މީސްތަކުންނަށްވާ ބެލެހެއްޓުންތެރިއެކެވެ. އެމީހުންނާއި މެދު އޭނާއާއި ސުވާލުވެވޭ ހުއްޓެވެ. ފިރިމީހާއީ ޢާއިލާގެ މައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ. އޭނާޔާ އެއާއިމެދު ސުވާލުވެވޭނެއެވެ. އަޅުމީހާއީ އޭނާގެ ވެރިމީހާގެ މުދަލުގެ މައްޗައްވާ ބެލެހެއްޓުންތެރިއެކެވެ. އެތަކެއްޗާއި މެދު އޭނާއާއި ސުވާލުވެވޭ ހުއްޓެވެ. ތިއިން ކޮންމެ މީހަކީވެސް ބެލެހެއްޓުން ތެރިއެކެވެ. އަދި އެމީހަކާއި ބަލަހައްޓަން ޙަވާލުވެފައިވާ އެއްޗަކާއި މެދު އެމީހާއާއި ސުވާލުވެވޭ ހުއްޓެވެ.'' (ޞަޙީޙު މުސްލިމް 4496).

ވީމާ މިއީ ބޮޑު މަސްއޫލިއްޔަތެއްކަން ދެނެ ތިބެ މި އަދާކުރާނެ ގޮތް ދެނެގަންނަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމެކެވެ. އެހެނީ ކުދީން ރަނގަޅަށް ބަލާ ތަރުބިއްޔަތު ކުރުމަކީ ހުޅަނގުގެ މީހުންދެކޭ ފަދައިން މުސްކުޅިވާ ދުވަހަށްޓަކައި ކުރެވޭ ރަނގަޅު އިންވެސްޓްމެންޓެއް، އެކަންޏެއް ނޫނެވެ. މިމަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރުމުން ދިމާވާނޭ އެންމެ ބޮޑު މަސްއަލަ އަކީ މުސްކުޅިވާދުވަހު ބަލި ޙާލުގައި އޮންނައިރު ގޮވާލަންވެސް ވަދެލާނެ ''ވަޤުތެއް'' އެދަރީންނަށް ނުލިބުމެއް ނޫނެވެ. އެބަލި އަމަޔަށް ނުވަތަ ބަފަޔަށް ފައިސާގެ ކުޑަ އެހީއެއް ދެވުމުން އެފުދުނީކަމަށް، ހައްޤު އަދާވީކަމަށް، ދަރީން ދެކެން ފެށުމުން ލިބޭ ހިތްދަތިކަން އެކަންޏެއް ނޫނެވެ. އެހެނީ އަތުގައި ލާރިހުރިނަމަ ބަލިވީމަ ބަލަހައްޓާނޭ މީހުންވެސް ހޯދިދާނެއެވެ. ނުވަތަ ދަރީން އެމީހުންގެ ޙައްޤުތައް އަދާކޮށްވެސް ފާނެތާއެވެ.

އެކަމަކު މިއީ ހައްތަހާވެސް މިދުނިޔެމަތީގައި އެކި ގޮތްގޮތަށް ފެންނަ ނުވަތަ ފެނިދާނެ ނަތީޖާއެވެ. ޢާއިލާއެއްގެ ސިފައިގައި ﷲ ތިމާއަށް ޙަވާލުކުރެއްވި އަމާނާތް ރަނގަޅަށް ނުބަލަހައްޓާ އިހުމާލުވާކަމުގެ ބަދަލު އާޚިރަތް ދުވަހުން ދޭންޖެހިއްޖެނަމަ ލިބޭނެ ނިކަމެތި ކަމެއްގެ ބޮޑުކަމާއެވެ! މާތް ﷲ ކަނޑައެޅިގެން ތިމާއާއި ޙަވާލުކުރައްވާފައިވާ ކަމެއް ރަނގަޅަށް ނުކޮށް ފަރުވާކުޑަކުރުމުގެ ފާފައިން ސަލާމަތްވާނީ ކިހިނެތް ތޯއެވެ؟ ވީމާ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަކީ ކޮނޑުގައި ދީނީ ވާޖިބެއްކަމަށް ދެކިގެން ފުރިހަމައަށް އެއަދާކުރާނެ ގޮތެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެޅަ ސިކުނޑިތައް ރަނގަޅަށް ބައްޓަންކުރުމުގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ކިތަންމެހާވެސް ބޮޑެވެ. "ނުބީހެންޏާ ކަނޑާހަމަ"އިގެ އުޞޫލު ބޭނުން ކުރާނަމަ އަބަދުމެ އުޅޭހާވާނީ އޮޑިބީހިގެންނެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުން މިހާރު ފެންނަ ފަދައިންނެވެ. އަޅުގަނޑުމެންގެ މާތް އިސްލާމްދީނުގައި މިކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމް ދެއްވާފައިވާ އިރުޝާދުތައް ދެނެގަނެ އެއަށް ޢަމަލުކޮށްގެން މެނުވީ މި މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާނުކުރެވޭނެއެވެ. މި އުޞޫލުތަކާއި ގޮތްތައް ސާފުކޮށްދިނުމަކީ ފަހަރެއްގައިވެސް އަޅުގަނޑުގެ މަޤްޞަދެއް ނޫނެވެ. އަދި އަޅުގަނޑަށް ޤާބިލުކަން ލިބިފައިވާ ކަމެއްވެސް ނޫނެވެ. ހަމައެކަނި ކަމުގެ މުހިއްމުކަމަށް އިޝާރާތްކުރުމާއި ވިސްނާލަންޖެހޭ ބައެއް ކަންތައް ފާހަގަކޮށްލަނީއެވެ. އަދި ކުށެއްވާނަމަ ރަނގަޅު ކޮށްދިނުމާއި ނަސޭހަތް އެދި ހުރީމެވެ.

އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ ގޮތުގައި ކުއްޖަކު ބޮޑުވަމުން އަންނައިރު އޭނާއަށް ރަނގަޅު "ރޯލް މޮޑެލް" އެއް ނުވަތަ ނަމޫނާއެއް ނެގިފައި ހުރެއްޖެނަމަ އޭނާ އެއާއި އެއްގޮތް ވުމުގެ ގޮތުން އަމިއްލަ ނަފްސުގައި އެ ރަނގަޅު ސިފަތައް ހަރުލެއްވޭތޯ ބަލާނެތެވެ. ރަނގަޅު ސުލޫކައި ވިސްނުން އަށަގެންނެވުމަށް ތިމާމެން ރަނގަޅު މިސާލުތަކަކަށް ވުމަކީ ލާޒިމްކަމެކެވެ. ރިވެތި އާދަތަކާއި މާތް ޚުލްޤެއް އެކުދީންނަށް ނުދައްކާ އެކުދިންގެ އަޚްލާޤާއި މެދު ވާހަކަ ދައްކައި އަދަބުދީ ހެދިޔަކަސް މާބޮޑު ކުރިއެރުމެއް ނުލިބޭނެތެވެ. އަދި ނަތީޖާ ދިމާ އިދިކޮޅަށް ނުކުތުންވެސް އޮންނާނީ ދާދިގާތުގައެވެ. ތިމާމެން ނަމާދު ޤާއިމް ނުކުރާނަމަ ނުވަތަ ދައްކާވާހަކައިގައި ނެތިނުބައި ކިޔުމާއި ދޮގުހެދުން ހުންނަނަމަ އެކުދީންނަށް އެކަންކަމަކީ އާދައިގެ ކަންތައްކަމުގައި ނުނެގޭނެ ގޮތެއް ނޯންނާނެއެވެ. ވީމާ އެކުދީންނަށް ރިވެތި އިސްލާމީ އަޚްލާޤު ދައްކައިދިނުމަކީ އަދި ދިރިއުޅުމުގައި އިސްލާމްދީން އަށަގަންފައިވާކަން ސާފުކޮށް އަނގައިދިނުމަކީ ފުރަތަމަ ފިޔަވަޅެވެ.

އަދި މީގެ އިތުރުން މާތް ﷲ ވަނީ އަޅުގަނޑުމެންގެ ފައިދާއަށްޓަކައި އިސްވެދިޔަ އެތައް ޤަރުނުތަކެއްގެ ޞާލިހު އަޅުންނާއި ނަބިއްޔުންގެ ވާހަކަތައް ވަރަށް ވެސް ފަސޭހައިން ވިސްނޭ ފަދަ ގޮތެއްގައި ކީރިތި ޤުރުއާނުގައި ހިމަނުއްވާފައެވެ. އަޅުގަނޑުމެން އެ ނަބިއްޔުންނާއި ޞާލިޙުންގެ "ވާހަކަތައް" ދެނެގަނެ އަޅުގަނޑުމެންގެ ކުދީންނަށް އެއިން އަސަރުކުރާނެ ފަދަ ގޮތަކަށް އެކުދީންގެ އުމުރާ ގުޅޭފަދައިން ގެނެސް ދިނުމީ މުހިއްމު ކަމެކެވެ. އެހެނީ ހަމަގައިމުވެސް މުސްލިމް ކުއްޖަކަށް ހެރީޕޮޓާރ ގެ ޖާދޫ އަށްވުރެ ބޮޑަށް އެނގުން ޙައްޤުކަން ބޮޑީ ރަސޫލުންނާއި ނަބިއްޔުންގެ ޙައްޤަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީތަކެވެ. ޕޯކެމޮންގެ ކުޅަދާނަކަން އެނގުމަށްވުރެ ބޮޑަށް މުހާޖިރުންނާއި އަންޞާރުން ދީނަށްޓަކައި ކުރެއްވި ޖިހާދުގެ ވާހަކަތައް އެނގުން މާ މުހިއްމެވެ. މި ރަމަޟާން މަހުގެ މެންދުރު "ރޯދަ ކުރުކުރުމަށް" ބޭނުންކުރެވޭ ވާހަކަތަކަކަށް ނުހައްދަވާ ޢާއްމު ދިރިއިޅުމުގައިވެސް އެއަށް ނިސްބަތްކުރެވޭ "ދިރިހުރި" ވާހަކަތަކަކަށް ހެއްދެވިއްޖެނަމަ ކުރާނެ ފައިދާ ވަރަށްވެސް ބޮޑުވާނެއެވެ.

އަޅުގަނޑުމެނގެ ކުޑަކުދީން އިސްލާމީ މާޙައުލެއްގައި ބޮޑުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު އެކުދީންނަށް އިސްލާމްދީން ނެގެނީ ކޮންގޮތަކަށްތޯ ވިސްނާލުން މުހިއްމެވެ. އެކުދީންނަށް ދީނާމެދު ހެޔޮކޮށް ވިސްނުވައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވެންޖެހެއެވެ. ދީނަކީ ކުރަން ހުއްދަ އަދި ހުއްދަނޫން ކަންތައް ކަނޑައަޅާ މިންގަނޑެއް އެކަނިކަމުގައި ވިސްނިއްޖެނަމަ އަދި މިދެއްކުނީ ރަނގަޅު މަންޒަރެއް ނޫންކަން ގައިމެވެ. އަދި މިވެނި އެވެނި ކަމެއް ކުރެވިއްޖެނަމަ ނަރަކަށްއަށް ދިއުން އެއީ އެކުދިންނަށް ދީނާމެދު އެނގޭ އެންމެ މުހިއްމު ނުކުތާ ކަމުގައި ވާނަމަވެސް އަދި މިދެވުނީ ފުރިހަމަ ވިސްނުމެއް ނޫނެވެ. މި ދެންނެވި ކަންތައްކަކީވެސް އެނގެންޖެހޭ މުހިއްމު ކަންތަކެވެ. ނަމަވެސް އިސްލާމްދީނާއި އަދި މާތް ﷲ އާއިމެދު އެނގެންޖެހޭ މާ މުހިއްމު އެހެންކަންތައް އެބަހުއްޓެވެ. އަޅުގަނޑުމެން މާތް ﷲ އަށް ކިޔަމަންވެ، އަންގަވާފައިވާ ކަންތައްކޮށް އަދި އެކަލާނގެ އެއިން ސަލާމަށްވުމަށް މަސައްކަތް ކުރުމަށް އަންގަވާފައިވާ ނަރަކައަށް ވަނުމަށް ނުރުހުމުގެ މައިގަނޑު ސަބަބަކީ ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން މާތް ﷲ ދެނެގަނެފައި ވުމެވެ. އެފަރާތުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢްމަތްތައް ހަނދާންކޮށް އެފަރާތަށް ލޯތްބާއި ޝުކުރުން ހިތްތައް ފުރިފައިވުމެވެ. އެކަލާނގެ އެންގެވި ކޮންމެ ކަމެއްގައިވަނީ އަޅުގަނޑުމެންގެ ފައިދާއާއި މަޞްލަޙަތުކަން (އެ ފައިދާ ފެންނަން އޮތަސް އަދި ނެތްކަމުގައިވިޔަސް) ކުޑަވެސް ޝައްކެއްނެތި ޤަބޫލުކުރެވިފައިވުމެވެ. މަޔަކު ދަރިއަކު ލޯބިނުވާ މިންވަރަށް މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ލޯބިވެ ވޮޑިގެންވާކަމަށް ޔަޤީންވާތީއެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމް އެނގެވިގޮތަށް ޢަމަލު ކުރުމަށް އަވަސްވަނީ އެކަލޭގެފާނުގެ ސިފަތަކުން ސިފަ ލިބުމަށް ލޯބިކުރަނީ އަދި އެކަލޭގެފާނުގެ ނަންފުޅު ގަނެވޭހިނދު ޞަލާމާއި ޞަލަވާތްލެއްވުމަށް އެދި ދުޢާ ކުރާ މުހިއްމުއެއް ސަބަބަކީ އެކަލޭގެފާނަށްޓަކައި ހިތުގައި ވާ ލޯތްބެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވުމަށް ހިތްތަކުގައިވާ ޝުކުރުވެރިކަމުގެ ބޮޑުކަމުންވެސްމެއެވެ. މި ޝުޢޫރުތަކަކީ އިސްލާމްދީން ދެނެގަންނަމުންދާ ޅަދަރިފުޅުގައި އަށަގެންނެވުނު ވަރަށްވެސް މުހިއްމު ޝުޢޫރުތަކެކެވެ. އެހެންނުވާނަމަ މި މާތް އިސްލާމްދީނަކީ ހަމައެކަނި ކުރަންޖެހޭ އަދި ކުރުން ހުއްދަނޫން ކަންތައްތަކެއް ކަނޑައަޅާ އެއްޗެއްކަމުގައި އެކުދިންގެ ނަޒަރުގައި ވެގެން ހިނގައިދާނެއެވެ. އަދި މިހެންވެއްޖެނަމަ ނުކުންނާނެ ނަތީޖާ ހިތިވެފައި އެހާވެސް ނުރައްކަލެވެ. އެހެނީ އެކުއްޖާ ބޮޑުވަމުން އަންނަ އަހަރުތަކަކީ އެކުއްޖާގެ ސިކުނޑީގައި ކަންތައް ބިންވަޅުނެގޭ ދުވަސްވަރެވެ. އެދުވަސްވަރު އެކުއްޖާގެ ސިކުނޑީގައި ކަންތައް ބިންވަޅުނެގޭ ދުވަސްވަރެވެ. އެދުވަސްވަރު އެކުއްޖާގެ ސިކުނޑިއަށް ދީނަކީ އޭނައަށް ހަމައެކަނި ހުރަސްތަކެއް އަޅާ އަދި މަޖުބޫރުތަކެއް ކުރާ އެއްޗެއްގެ ގޮތުގައި ވިސްނިއްޖެނަމަ ސިކުނޑީގެ ފުން ހިސާބުތަކުގައި މީގެން މިންޖުވެއްޖެނަމަ ދިރިއުޅުން ހާދަ ފަސޭހަވާނެއޭ، ހާދަ އިތުރުކަމެއް ކުރެވޭނެއޭ ބިންވަޅު ނުނެގި އެއް ނުދާނެއެވެ. އަދި މިގޮތަށް ސިކުނޑިއަށް ވަންނަ ކަންތަކަކީ އުމުރު ދުވަހަށް ސިކުނޑީގައި ފިލާނުގޮސް ހުންނަ ކަންތަކެވެ. އޭގެ އަސަރު ފެންނަނީ އެތައް އަހަރަކު "އިސްލާމީ" މުޖުތަމަޢެއްގައި ވަރަށް ރަނގަޅަށް އުޅެފައި ޣައިރު މުސްލިމް ރަށެއްގައި ދުވަސްކޮޅަކު އުޅެން ލިބުނީމައެވެ. އޭރުން ކުރީން އުޅުނު ގޮތްތައް ބޯދާގޮތްތަކަކަށްވެ، ޙަރާމް ޙަލާލުބަލައި އުޅުމަކީ "ކަޓު" ކަމަކަށްވެ ސަލާމަތް ބުއްދި ހުންނަމީހުން ދުރުހެލިވުމަށް ދުވާ ޙިޔާލާތުތަކަށް "ސިކުނޑި ހުޅުވާލާނީ" ކުޑަވެސް ފަސްޖެހިލުމެއް ނެތިއެވެ. މިއީ އަޅުގަނޑުމެންގެ މިކުޑަ މުޖްތަމަޢުގައި މަދެއްކޮށް ހިނގާފައިވާ ނުވަތަ ހިނގަމުންދާ ކަންކަމެއް ނޫނެވެ. މި މުޖްތަމަޢުއަށް ކްރިސްޓިއަނިޓީ އާއި އޭތީސްމް (ކަލާނގެ އެއް ނުވާކަމަށް ގަބޫލުކުރުން) އަދި އެގްނޯސިސް (ކަލާނގެއެއް ވާކަން ނުވަތަ ނުވަތަ ނޫންކަން ޔަޤީނަށް ނުހޯދޭނެ ކަމަށް ގަބޫލުކުރުން) ފަދަ ހަމަ ބުއްދިއާ ތަޢާރުޟުވާ، ކުޑަ ހިނދުކޮޅަކުވެސް ފުންކޮށް ވިސްނާލައިފިނަމަ އެއީ ހަމަނުޖެހޭ ވިސްނުންތަކެއްކަން ސާފުވާފަދަ ޚިޔާލްތައް ވަނުމުގެ އެއް ސަބަބަކީވެސް މިއެވެ. ވީމާ މިފަދަކަންތައް ހުއްޓުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކީ ޅަދަރީން އިސްލާމްދީނުގެ މައްޗައް ލޯބި ޖެއްސުމެވެ. އަދި ދީން ފުރިހަމަ އަށް އަންގައިދިނުމެވެ. އަދި ކުރުން ޙަރާމް ކަންތައްތަކާއި ވާޖިބު ކަންތައްތަކުގެ ލިސްޓެއް އެކުދީންނަށް ދީ އެއަށް ކިޔަމަން ނުވެއްޖެނަމަ "ނަރަކައަށް ހިނގައިދާނެ" ކަމުގެ އިންޒާރު ދިނުމުން ތަރުބިއްޔަތު ކުރުމުގެ ވާޖިބު އަދި އަދާ ނުވާކަން ހަނދާންކޮށް، އެކުދިންގެ ހިތްތަކުގައި ދީނުގެ އެކި ކަންކަމަށް އެކަންކަމާއި އެކަށީގެންވާ އަހައްމިއްޔަތު ކަމެއް ދެވޭފަދަ ގޮތަކަށް ކިޔައިދިނުން ހުއްޓެވެ. ނަރަކައަކީ ކިހާބިރުވެރި ނުބައި ތަނެއްކަމާއި ތިމާނުރުހޭ ކޮންމެ ވަގުތެއްގާ ނުވަތަ މީހަކާއިމެދު ނުރުހޭ ކޮންމެ ހިނދެއްގައި ދުލުކޮޅުގައި އެތަނަށް އެމީހަކު "ފޮނުވަން" އޮތުން ހެޔޮވާވަރުގެ ތަނެއް ނޫންކަން ސާފުވެފައި އޮތުން މުހިއްމެވެ.

ކުޑަކުދީންނަށް ދީނުގެ މަޢުލޫމާތުދޭ ހިނދު އެކުދިންގެ އުމުރާއި ގުޅޭގޮތަށް ދިނުން މުހިއްމު ކަމީ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއްނޫނެވެ. އެކަމަކު އެގޮތަށް ކަންތައްކުރުމަކީ މިހާރު އެންމެން އުޅޭ "ބުރަ" ކަމުން ނުވެވިފަ އޮންނަ ކަމެކެވެ. އެހެނީ އެއްޗެއް ކިޔައިދިނުމަށް ކުޑަ ވަގުތުކޮޅެއް ލިބިއްޖެނަމަ ތިމާއަށް ކަމެއް އެނގިފައިވާގޮތަށް އަޑުއަހަން އިންނަމީހާގެ އުމުރަށް ނުވަތަ ޙާލަތައް ނުބަލާ ކިޔައިދިނުން ފަސޭހަވާނެއެވެ. ނަތީޖާއަކަށްވަނީ އެކުދީންނަށް އެކިޔަވައިދެވޭ އެއްޗެއްގެ ފައިދާއެއް ނުވާފަދަ ގޮތަކަށް ކިޔައިދެވުމެވެ. މިސާލެއްގެ ގޮތުގައި ދީނުގެ އެންމެ މުހިއްމު އެއްބައިކަމުގައިވާ توحيد ނަގަމާހެވެ.

މުސްލިމް ކުއްޖަކަށް ވަރަށް ސާފުކޮށް އެނގުން މުހިއްމު އެއްޗެކެވެ. އަދި ކިޔަވާވެސް ދެވޭ އެއްޗެކެވެ. ދީނުގެ ބޮޑެތި ޢިލްމުވެރިން އެތަކެއް ވިސްނުންތަކާއި ބަޙުޘްތަކަކަށް ފަހު ތިން ސުރުޙީއެއްގެ ދަށުގައި މިބައިކުރެވިދާނެ ކަމަށް ނިންމަވާ އެބައިތަކުގެ ނަންކަމުގައި توحيد الربوبية، توحيد الألوهية، توحيد الأسماء والصفات ވަނީ ހަމަޖައްސާފައިއެވެ. ނަމަވެސް މިހުރިގޮތަށް ވަރަށް ޅަސިކުނޑިތަކަކަށް ކިޔާދެވިއްޖެނަމަ ނަތީޖާއަކަށް ވާނީ މި ބުނެވުނު ބައިތަކުގެ ނަންތަކާއި އޭގެ "މާނަ"ތައް ހިތުން ދަސްކުރުމެވެ. މާބޮޑު ފަހުމްވުމަކާއި ނުލައެވެ. ނަމަވެސް ވަރަށް އާދައިގެ ބަހުން އެކުއްޖަކަށް ވިސްނޭގޮތަށް ﷲގެ އެއްކައުވަންތަކަމާއި އޭގެން ނިކުންނަ ޢަޤީދާތައް ކިޔައި ދިނުން މުހިއްމެވެ.

ކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް ވިޔަސް އެއްޗެއް ބުނެދޭ ހިނދު އޭނާ އެއްޗެއް ބަލައިގަތުމުގެ މާޙައުލެއް އުފެއްދުމަކީ މުހިއްމު ކަމެކެވެ. ތިމާ ކިޔާއެއްޗެއް މީހަކު ބަލައި ނުގެންފިނަމަ އެއީ އެމީހާގެ މައްސަލަ އެއްކަމަށް ނުނިންމާ އެއީ އަޅެ ތިމާގެ ނުވަތަ އެއެއްޗެއް ކިޔާދެވުމުގައި ހުރި އުނިކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަމުގައި ވެދާނެކަން ހަނދާންކުރުން ބުއްދިވެރިއެވެ. އަޅުގަނޑުމެން އެންމެންގެ ސާހިބާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަޞައްލަމް ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް ބަލައިލަމާހެއްޔެވެ. އަބޫދާވޫދުއާއި އަންނަސާއީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވާ ބަސްފުޅަށް ބައްލަވާށެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމް އެއްދުވަހަކު އެކަލޭގެފާނުގެ ސަޙާބީންގެ ތެރެއިން ޅަޒުވާން ބޭފުޅެއްކަމުގައިވާ މުޢާޒް ބިން ޖަބަލުގެ އަތުގައި ހިއްޕެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "އޭ މުޢާޒް އެވެ! ތިމަންކަލޭގެފާނު ކަލޭގެފާނުދެކެ ލޯބިވަމެވެ." ވިސްނާލައްވާށެވެ. މިޞަޙާބީއަށް އެވަގުތު ވެރިވަމުންދާނީ ކޮންފަދަ ޝުޢޫރުތަކެއް ތޯއެވެ؟ މުޅި އުއްމަތް ކައު ކުރެއްވި ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަޞައްލަމް އެ ޙަދީޘްކުރެއްވި ބަސްފުޅުން އުފަލުންނާއި ޝުކުރުވެރިކަމުން ފުރިގެން ނައަންނާނީ ކޮންހިތެއް ތޯއެވެ؟ ރަސޫލު ﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމް އެފަދައިން ތިންފަހަރު ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ. އެމާތް ސަޙާބީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމްގެ މައްޗަށް ކޮޅުނެތް ކޮޅަށް ލޯބި ބޮޑުވެ ހިތްމަޑުވީހިނދު ޙަދީޘް ކުރެއްވިއެވެ. " ކޮންމެ ނަމާދަކަށްފަހު މި ދުޢާ ކިޔުމަށް ހަނދުމަ ނައްތާނުލުމަށް ތިމަންކަލޭގެފާނު ކަލޭގެފާނަށް ނަޞޭޙަތްތެރިވަމެވެ. "ޔާ ﷲ އިބަރަސްކަލާނގެ ހަނދުމަކުރުމުގައްޔާއި ޝުކުރުކުރުމުގައްޔާއި އަޅުކަންކުރުމުގައި ވާގިވެރިވޮޑިގަންނަވާނދެއެވެ.!" ވިސްނަވާލައްވަ ބައްލަވާށެވެ. މުޢާޒްގެފާނު ދުވަހަކުވެސް މި ނަސޭހަތްޕުޅު ހަނދުމަ ނެތޭނެހެން ހީފުޅުވޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަޞައްލަމް ޢަމަލު ކުރެއްވިގޮތެވެ. ތަރުބިއްޔަތުކުރުމުގެ މާތް ނަމޫނާއެވެ. އަޅުގަނޑުމެން ނަކަލުކުރަން އެންމެ އެކަށީގެންވާ މިސާލެވެ.

އޭ އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ. އަޅުގަނޑުމެންނާއި ޙަވާލުކުރެވިފައި އަމާނާތްތަކަށް ރައްކާތެރިވަމާތޯއެވެ. މިކަމުގައި ޢަމަލުކުރުމަށްވާ އެންމެ ރަނގަޅުގޮތް ދެނެގަނެ އެގޮތަށް ޢަމަލުކުރަމާތޯވެ. އަޅުގަނޑުމެން އެކަކު އަނެކަކަށް ވާގިވެރިވުމަށް ނަސޭހަތްތެރިވަމުން ކާމިޔާބުގެ މަންޒިލާދިމާލަށް ކުރާ މިދަތުރުގައި ހުންގާނު އިހުނަށްވުރެވެސް ސީދާކޮށްލަމާތޯވެ. އަދި އަޅުގަނޑުމެންގެ ޢާއިލާތަކަކީ އަޅުގަނޑުމެންގެ ކާމިޔާބުގެ ސަބަބުތަކެއްކަމުގައި ހަދާ ޣާފިލްވެ ހަލާކުވެދިއުމުގެ ސަބަބެއްކަމުގައި ވިޔަ ނުދެމާތޯވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮ ވިސްނުންދެއްވައި އެވިސްނުމާ އެއްގޮތަށް ޢަމަލުކުރުމުގެ ހިތްވަރާއި ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން!

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment