4.21.2010

ޒިކްރުކުރުމުގެ މާތްކަން

އަލްއަޚް ޙުސައިން ޢަފީފް
އިމާމް އަޙްމަދު ބުން ޙަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގިވަޑައިނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް ޢިލްމުވެރިއާއެވެ. އުއްމަތަށްޓަކައި މިކަލޭގެފާނުގެ ޚިދުމަތްތަކަކީ ދުލުން ބަޔާންނުކުރެވޭހާ ގިނަ ޚިދުމަތްތަކެކެވެ. އިމާމް އަޙްމަދު ބުން ޙަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދައަށް ހިއްޕެވި އެކަކެވެ. ނަމަވެސް މިފަހަރު މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.

އެކަލޭގެފާނަކީ ޢިލްމު ހޯއްދެވުމަށްޓަކައި ވަރަށް ދިގު ދަތުރުކޮށް އުޅުއްވި ބޭކަލެކެވެ. މިގޮތުން އެއްފަހަރަކު އެކަލޭގެފާނާއި އިމާމް ޔަހްޔާ ބިން މައީނާއި ދެބޭކަލުން އިމާމް ޢަބުދުލް ރައްޒާ ޤްއާއި ބައްދަލުކުރެއްވުމަށް ދަތުރު ފެއްޓެވިއެވެ.
މަންޒިލަށް ވަޑައިގެންނެވިއިރު އިމާމް އަޙްމަދުގެ އަތްމަތި ދަތިވެ ފައިސާ ހުސްވިއެވެ. ނަމަވެސް އިމާމް އަޙްމަދަކީ މީހުން ދޭ އެއްޗެހީގައި އެއްވެސް ވަރަކަށް ހިއްޕަވާ އުޅުއްވި ބެކަލެއްނޫނެވެ. މިގޮތުން އެފަހަރު އިމާމް ޢަބްދުލް ރައްޒާޤުވެސް އެހީއެއް ދެއްވަން އުޅުއްވުމުން އެކަމުން މަނާވެގަނެ ވިދާޅުވިއެވެ. މީހަކު ދޭ އެއްޗެއްގައި ތިމަން ހިފާނެނަމަ ކަލޭގެފާނުގެ އަތުން ހިފީމުހެވެ. އެއަށްފަހު ރޭގަނޑު ހޭދަކޮށްލުމަށްޓަކައި މިސްކިތަކަށް ވަޑައިގެން އެތާނގައި މަޑުކުރެއްވިއެވެ.
ކަން ދިމާކުރިގޮތުން މި މިސްކިތަކީ ރޭގަނޑަށް ބަންދުކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތުމީހާ އެތަން ބަންދުކުރަންވެގެން އިމާމް އަޙްމަދު އެތާ އިންނެވިތަން ދެކި އައިސް ސުވާލުކުރިއެވެ. މިތާ ކީއްކުރަނީ ހެއްޔެވެ؟ މަސައްކަތު މީހާއަކަށް އެއީ އިމާމް އަޙްމަދު ކަމެއް ނޭނގެއެވެ. އެކަލޭގެފާނު އެތަނުގައި ރޭކުރުމުގެ ނިޔަތް އޮތްވާހަކަ ވިދާޅުވުމުން މިސްކިތުން ނެރެލިއެވެ. އެކަލޭގެފާނު މިސްކިތުން ނެރެލުމުން ފެންޑާމަތީ އިށީނދެ ވަޑައިގެން އިންނެވިއެވެ.
މަސައްކަތުމީހާ މިސްކިތް ބަންދުކޮށް ނިމުމަށްފަހު ބޭރަށްނުކުމެ އިމާމް ފެންޑާގައި އިންނެވިތަން ފެނި އެތަނުންވެސް ނުކުތުމަށް އެންގިއެވެ. އެކަލޭގެފާނު މިއީ ﷲގެ ގެކޮޅޭ ވިދާޅުވެ އިދިކޮޅު ހެއްދެވުމުން ފައިގައި ހިފާ ދަމަމުން މިސްކިތު ގޯތިތެރެއިން ބޭރަށް ނެރެލިއެވެ. މިތަން ބަލަން ރޮށިފިހާ މީހަކުހުއްޓެވެ. އެކަލޭގެފާނުގެ ޙާލުފެނި ހަމްދަރުދީވެ އެކަލޭގެފާނު ގޮވައިގެން އެ ރޮށިފިހާ މީހާގެ ގެއަށްދިއައެވެ. ރޮށި ފިހާމީހާއަކަށް ވެސް އެއީ އިމާމް އަޙްމަދު އިބްނު ޙަންބަލްކަމެއް ނޭނގެއެވެ.
މިތަނުގައި އެކަލޭގެފާނު އިންނެވިއިރު ރޮށިފިހާ މީހާގެ ކިބައިން ޚާއްޞަކަމެއް ފެނުނެވެ. އަބަދުވެސް ޒިކުރުކުރުމެވެ. ހުއްޓާނުލައި ޒިކުރު ކުރަމުން ގެންދާތީ އިމާމް އޭނާ އާ ސުވާލުކުރިއެވެ. ކަލޭގެ ތިޔަ ޒިކުރުކުރުމުން އެއްވެސް ޚާއްޞަކަމެއް ލިބޭހެއްޔެވެ؟ އޭނާ ބުންޏެވެ. އާދޭހެވެ. މިހާތަނަށް ކުރި އެއްވެސް ދުޢާއެއް އިޖާބަ ނުކުރައްވައެއް ނުދެއެވެ. އެންމެ ދުޢާއެއް މެނުވީއެވެ. އެދުޢާވެސް އިޖާބަ ކުރައްވާނޭ ކަމަށް އުއްމީދު ކުރަމެވެ. އެކަލޭގެފާނު އެއްސެވެ. އެއީ ކޮންދުޢާއެއް ހެއްޔެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ. ތިމަންނަ މުއުމިނުންގެ އިމާމް، އިމާމް އަޙްމަދު އިބްނު ޙަންބަލްއާއި ބައްދަލު ވޭތޯ އެދި ދުޢާކުރީމެވެ. އެހިނދު އިމާމް އަޙްމަދު އިބްނު ޙަންބަލްގެ ލޮލުން ކަރުނަ އައެވެ. އަދި ވިދާޅުވިއެވެ. އިމާމް އަޙްމަދު އިބްނު ޙަންބަލް އަކީ އަހަރެންނެވެ. ދަންނާށެވެ. މުއުމިނުންގެ އިމާމު އެ ޒިކުރުކުރާމީހާގެ ދުޢާ އިޖާބަ ކުރެއްވުމަށްޓައި އެމީހާގެ ކައިރިއަށް ގެނެވުނީ ދެފައިގައި ހިފާ ދަމާފައެވެ.

---------------------------------

= މި ލިޔުމަކީ އަލްއަޚް ޙުސައިން ޢަފީފްގެ ބްލޮގް އިސްލާމިކް-ކޯލް އިން ނަގާފައިވާ ލިޔުމެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment