5.03.2010

''އިނދެގެން އިނދެގެން'' "އިނދެގެން ނުއިނދެ'' އަދި، '' ނުއިނދެ އިނދެގެން'' އުޅުމަކީ ކޮބާ؟

އަލްއަޚް އިބްރާހިމް ފައުޒީ
ކައިވެނީގެ ގުޅުމަކީ މުޤައްދަސް ގުޅުމެކެވެ. މަތިވެރި ގުޅުމެކެވެ. އެގުޅުމުގެފަހަތުގައި އަޚްލާޤީ ފަރުވާތަކަކާ ގިނަގުނަ ޙައްޤުތަކެއްވާ ގުޅުމެއްވެސް މެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މުޖްތަމަޢުތަކުން ފެންނަމުންދަނީ ކައިވެނީގެ ގުޅުމުގެ މާނަ އޮޅުވާލާ ތަނެވެ.

ދިރިއުޅުމުގެ މިރީތި އުޞޫލު ބަދަލުކޮށް އިޖްތިމާޢީ މައްސަލަ ތަކެއްގެ ފުން ވަޅުގަނޑަށް ފުންމާލާ ތަނެވެ.

މުޖްތަމަޢުން ފެންނަ ކޮންމެ ނަފްސާނީބައްޔަކަށް ދުލާއިގަދަމުން ފަރުވާ ދިނުމަކީ މިޒަމާނުގައި ވެވިދާނެ ކަމެކެވެ. ޖިސްމާނީ ހަށިގަނޑަށް ޖެހޭ ބަލިތަކަށް ފަތްޕިލާވެއްޔާއި ތަފާތު ޤުދުރަތީ ބަހާތަކުން ބޭސްފަރުވާ ހޯދުމަށް ކަނޑުއަޑިޔާ ފަޟާގެ ކަންކޮޅުތައް ސައިންސްވެރިންހޯދައި ތަޙްލީލު ކުރަމުން ދާއިރު އެއްދުވަހުން އަނެއް ދުވަހަށް އިންސާނާގެ ނަފްސަށް އަންނަ ބަދަލުތަކަށް ފަރުވާ ހޯދުމަށްވެސް ބަޔަކު އުޅެން ވެއްޖެއެވެ. އެއީ ޢަމަލުތައް ސާފުކުރުމުގެ ބޭނުމުގައެވެ. ހަށިގަނޑަށް ޖެހޭ ބަލިތަކުން ގިނަ ފަހަރަށް އަސަރުކުރަނީ އެބަލިޖެހުނު މީހާއަށް އެކަންޏެވެ. މިއާ ޚިލާފަށް ނަފްސާނީ ބަލިތަކުން ދެމަފިރިންނަށް، ޢާއިލާއަށް، ދަރިފަސްކޮޅަށް އަދި މީގެ އިތުރަށް މުޖްތަމަޢަށް އެބަލީގެ އަސަރު ފޯރު ކުރުވައެވެ. މިފަދަ ބައެއް ބަލިޖެހުމުން އެމީހާއަކީ ''ހާސްފުޅަށް މަތިން ފުންމާލާ ބަކަރިއެއްފަދަ'' މީހަކަށް ހަދައިލައެވެ. އަނެއްބައި ފަހަރަށް އޭނާއަކީ ''ހުންގާނުނެތް އޮޑިއެއް'' ފަދަ، މިޞްރާބު ގެއްލިފައިވާ މީހަކަށް ހަދައިލައެވެ. އަނެއްބައި ފަހަރަށް ތިމާގެ ޢާއިލާތިމާގެ އަތުން ފުނޑުފުނޑު ކޮށްލާފަދަ މީހަކަށް ހަދައިލައެވެ.

ކަންމިހެންހުރުމާއެކު މި މަވްޟޫޢުގައި މިއަދު އެއްޗެއް ދަންނަވާ ހިތްވަނީ، އެއީ ވަރަށްއާދައިގެ ކަމެއްކަމަށް ބައެއްމީހުން ދެކޭ، އެހަނަސް އޭގެ ސަބަބުން ތިމާގެ އަބުރާ ޢިއްޒަތަށް އަދި ޖަމާޢަތަށް އުނިކަން ގެނެސްދޭ ކަމަކާ ބެހޭގޮތުންނެވެ. ދިވެހިންގެ މެދުގައި ''އިނދެގެން'' އުޅުން މާނަކުރެވޭ، ނުވަތަ އިނދެގެން އުޅޭގޮތަށް ނުއިނދެ އުޅޭ އުޅުމާ ބެހޭގޮތުންނެވެ. އާދެ! އެއީ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ''އިނދެގެން އިނދެގެން އުޅުމާ، އިނދެގެން ނުއިނދެ އުޅުމާ، އަދި ނުއިނދެ އިނދެގެން'' އުޅުމެވެ. މިދެންނެވި ތިން ވައްތަރުން ފުރަތަމައަށް އޮތް އިނދެގެން އިނދެގެން އުޅުމަކީ ކޮބައިތޯއެވެ؟ އާދެ! އެއީ ޝަރްޢީ ހަމަތަކުގެ މަތީން ކައިވެއްޏެއްކޮށް އަނބިމީހާއަށް ޚަރަދު ބަރަދު ދީ، އަނތްބަކު ގެންގުޅެންވީ އެންމެ ހެޔޮގޮތުގައި ދިރުއުޅުން ވެތޭކުރާ ކުރުމެވެ. މިއީ، މާތްވެގެންވާ އިސްލާމްދީން އެމަގަކުން ހިނގުމަށް މަގުދައްކައި ދީފައިވާ އެންމެހެޔޮ މަގުގައި ފައިތިލަ ސާބިތުކޮށް ކުރިއަށްދާ މީހާގެ މަގެވެ. ލޯތްބާއި ރަޙްމަތް އެދެމީހުންގެ މެދެދުގައިވާ ކަމަށް ﷲގެ ވަޙީ ބަސްފުޅުގައިވާ ބަޔަކީ މިދެންނެވި ފަދަ މީހުންނެވެ. ވަފާތެރި އަނތްބަކު ގެންގުޅެވިދާނެ މަގަކީވެސް މިއެވެ. ދުނިޔެއަށްމިއަދު ތަޢާރަފު ވަމުންދާ ނުރައްކާތެރި ބައެއް ބަލިތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި ފަރުވާއަކީވެސް މިއެވެ.

ދެންއޮތީ ''އިނދެގެން ނުއިނދެ'' އޮޅޭގޮތެވެ. ''އިނދެގެން ނުއިނދެ'' އުޅުމަކީ ޝަރްޢީގޮތުން ކައިވެންޏެއްކޮށް އަނބީމީހާއަށް ދޭންވީ ނަފަޤާތް ދިނުމެއްނެތި އަނތްބަކަށް ކުރަންވީ އެއްވެސް ހޭދައެއް ނުކުރުމުގެ އިތުރަށް އަނބި ފިރިކަމުގެ އެއްވެސް ގުޅުމެއް ނުބޭއްވުމާއެކު ހަމައެކަނި ނަމެއްގައި އަނތްބަކު އިނުމެވެ. މިކަމަކީ ހަމައެކަނި ފިރިމީހާއަށް އެކަމުގެ ލަޢުނަތާ މަލާމާތާ ގެއްލުމާ ހަލާކު ދުނިޔެއާ އާޚިރަތުން އޭނާ ހޯދައިގަންނަ ކަމެކެވެ. މިފަދަ ''އިނުން'' އިނދެގެން އުޅޭ މީހުންނަކީވެސް މުޖްތަމަޢުގައި މަދުން ނަމަވެސް ތިބި ބައެއްކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. މިކަމަކީ ބައެއް ފިރިހެނުން އެމީހުންގެ ކެރޭކަމާ ކުޅަދާނަކަން ނުވަތަ ޖެހުލުން ނުވާކަން ދައްކަންކުރާ ކަމަކަށްވިޔަސް، އެއީ ތަންދޮރު ނުދަންނަ ޖާހިލުން ފިޔަވައި އެހެން ބަޔަކު ޢަމަލުކުރާނެ ގޮތެއްނޫންކަން އެފަދަ މީހުން ދަންނަން ޖެހެއެވެ. އެހެނީ ތިމާގެ ކިބައިން ތިމާއަށްވުރެ ނިކަމެތި ޖިންސުއްލަޠީފުންނަށް ކުރެވޭ ގޯނާއަކީ، ވަސްމީރު ބަގީޗާއަކަށް ވަދެ، އެބަގީޗާގެ މާމެލާމެލީގައި ވަސްބަލާނެ ވަރަކަށް ބެލުމަށްފަހު އެބަގީޗާގެ މާތައް މޯޅިނުވަނީސް އަމިއްލަ އަތުން ޗިސްކޮށް ބިންމައްޗަށް އުކާލުން ފަދަ ކަމެކެވެ. މުސްލިމަކަށްވަނީ އޭނާގެ އަތާއި ދުލުން އެހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހާކަމަށް މާތްރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަށް ފުރަގަސްދެވޭ ކަމެކެވެ. އަދި މީގެ އިތުރުން އެދެމެދުން ދަރިންތަކެއް ލިބިފައވާނަމަ އެދަރިން އޮޔާލާ ފަދަ ކަމެއްވެސް މެއެވެ. އެފަދަ ދަރިންނަށް މަގު ގެއްލިގެން ދިއުމުގެ ސަބަބަކަށްވަނީ އަޅުގަނޑުމެން ފިރިހެނުންގެ ތެރެއިން ''އިނދެގެން ނުއިނދެ'' އުޅުމޭ މިބުނެވޭ ޙާލަތުގައި އުޅޭ މީހުންނެވެ. އެފަދަ ޢަމަލުތަކުގެ އަމާޒަކީ ތިމާގެ ޙަހާލު އަނބިމީހާކަމަށް ވިޔަސް އެއަނިޔާ ދެވެނީ މުޅި މުޖްތަމަޢަށެވެ. އެހެނީ ގަހަށްނެތް ލޯތްބެއް އެގަހުގެ ފަތަކަށް ނުހުންނާނެކަމަށް އެވޭލާގެ ބުނުންތަކުން އެނގޭ ފަދައިން އަޅާލާނެ ބައްޕައަކު ނެތި ބޮޑުވާ ދަރިންގެ ފަރާތުން އަދުގެ ޙާލަތަށް ބަލާލިޔަސް ޤައުމީ ހަށިގަނޑަށް ފަރުވާ ހޯދުން ދަތި ބައްޔަކަށް މިބަލިވަނީ ވެފައެވެ. އިޤްތިޞާދީ އެތަކެއް ގެއްލުންތަކެއް މުޖްތަމަޢަށް މިއަދު ފޯރުމުންދާ އެއްކަމަކީ ''އިނދެގެން ނުއިނދެ'' އުޅޭ މަދު ބަޔަކު ނަމަވެސް މުޖްތަމަޢުގައި އުޅޭކަމެވެ. މިފަދަ މީހުން ހޭއަރަން ވެއްޖެއެވެ.

މައުޟޫޢުގައި ދެން އޮތީ އެންމެމުހިންމު އެއްބައެވެ. އެއީ ''ނުއިނދެ އިނދެގެން'' އުޅޭގޮތެވެ. އާދެ! ''ނުއިނދެ އިނދެގެން'' އުޅުމަކީ ޝަރްޢީގޮތުން ކައިވެންޏެއް ކުރުމެއްނެތި އަނތްބަކު ގެންގުޅޭ ފަދައިން އަންހެނަކު ގެންގުޅެ، ޝަރްޢީ ކައިވެންޏެއްގެ މަތީ ދެމިތިބޭ ދެމީހުންވެސް ލިބި ނުގަންނަފަދަ މިނިވަން ކަމެއްގެ ތެރޭގައި އަރާމާއި އުފަލާ ލައްޒަތު ހޯދުމުގައި ދެޖިންސުގެ ދެމީހަކު ގައިގޯޅިވެ އުޅުމެވެ. ޝައިޠާނާ ދައްކާމަގުން ރެޔާއިދުވާލު އެ ''ރީތި'' ގޮތުގައި އުޅުމަށް ދުނިޔެ ޒީނަތްތެރި ވެފައިވާ މީހާގެ އުޅުމެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެކަހެރިކޮށް ހިލޭ އަންހެނަކާ ފިރިހެނަކު އެއްތަން ވެއްޖެނަމަ އެދެމީހުންގެ ދެމެދުގައި ތިންވަނަ މީހަކަށް ހުންނާނީ ޝައިޠާނާކަން އަޅުގަނޑުމެން ދަންނަމުއެވެ. ވީއިރު، ޝައިޠާނާއާއެކު އެންމެ ގިނައިން ވަގުތު މަޖްލިސްކުރާ ބަޔަކަށްވާނީ ''ނުއިނދެ އިނދެގެން އުޅޭ'' މީހުން ފިޔަވައި ދެން ކޮންބައެއް ތޯއެވެ؟

އާދެ! މިކަމަކީ ބޭރު ދުނިޔެއިން (ޣައިރު މުސްލިމުންގެ ކިބައިން) އައި، ފިކުރީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއްކަމެއްގެ ގޮތުގައި ރާއްޖެއަށް ''އިމްޕޯޓް'' ކުރެވިފައިވާ ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ދީނާ އަދި ކާބަފައިން ވާރުތަކޮށްދިން ރީތި ޢަމަލުތަކާ ޚިލާފު ކަމަކަށްވާތީ އަޅުގަނޑުމެންގެ މިއަދުގެ ބެލެނިވެރިންނާ ހެޔޮ ވިސްނޭ ޒުވާނުން އިސްލާމީ ގިއުގަނޑުގެ ތެރެއަށް ފުރިހަމައަށް ވަނުމަށްޓަކައި ފިކުރުކުރަން ވެއްޖެ ކަމެކެވެ. މިހެން މިދެންނެވީ މީހާރަކަށް އައިސް ވަރަށް މަދު ބަޔަކަށް ނޫނީ ''އިނދެގެން އިނދެގެން'' އުޅުމަކާ ހަމަޔަށް އާދެވެނީވެސް ''ނުއިނދެ އިނދެގެން'' އުޅޭތާ އެތައް އަހަރުތަކެއް ވޭތުވާފަހުން ނުވަތަ ''ނުއިނދެ އިނދެގެން'' އުޅޭ އެތައް ''ކައިވެންޏެއް'' ރޫޅޭ ފަހުންކަން ތިޔައިން ކޮންމެ ބޭފަޅަކުވެސް ޤަބޫލުފުޅު ކުރައްވާނެކަން ޔަޤީން ކުރެވޭތީއެވެ. ނުއިނދެ އިނދެގެން އުޅޭ ''ކައިވެނިން'' އުފަންވާ ''ދަރިންނަށް'' ވާގޮތް ދެނެވޮޑިގެންވަނީ ސިއްރާ ފާޅު ދެނެވޮޑިގެންވާ ﷲ ފިޔަވައި ދެން ކޮން ފަރާތެއްތޯއެވެ؟ ދެން އެނގޭނީ އެ ފާޙިޝް ނުބައި ޢަމަލުކުރި ބަޔަކަށެވެ.

މިކަން މިހެން ހުރުމާއެކުވެސް މުޖްތަމަޢުގެ އެއްބަޔަކު ޤަބޫލުކުރާ ގޮތުގައި ޝަރްޢީ ކައިވެންޏެއް ކުރުމުގެ ކުރިން އިނދެގެން އުޅޭ ދެމީހުން އުޅޭގޮތަށް އެކީގައި އުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ އެއީ ''ބާއްޖަވެރި ކައިވެންޏަކަށް'' ނުވެއެވެ. ނަމަވެސް މިކަމުން ނުކުންނަ ހިތި ނަޖީތާއަކީ، ކިހާވަރެއްގެ ކަމެއްކަން ދެނެގަނެވޭ ވަރަށްވުރެ މާބޮޑަށް އަޅުގަނޑުމެންގެ ސިކުނޑަތައްވަނީ ފިކުރީ ހަނގުރާމައިގެ ވިހަގަދަ ހަތިޔާރުން ތަޣައްޔަރު ކޮށްފައެވެ.

މިކަމަށް އޮތް ހަމައެކަނި ފަރުވާއަކީ އިސްލްމާދީނުގައި އަޅުގަނޑުމެން މިކަމުގައި ހިނގަން އޮތްމަގު ދަސްކުރުމެވެ. ބިރުވެތި ވާންވީ ނައިސްނުދާބޭ ދުވަހެއް އަޅުގަނޑުމެންނާ ކުރިމަތިވާއިރު އަޅުގަނޑުމެން ކުރި ޢަމަލުތަކެއްގެ ނަތީޖާ ފިޔަވައި އެދުވަހުން ސަލާމަތުގެ އައްސޭރިއެއް ހޯދޭނެ އެހެން ޖާގައެއް ނެތްކަން ދެނެތިބެ އެދުވަހަކަށް ޓަކައެވެ. އެ ޢަމަލެއްކުރި ގުނަވަނެއް އެ ޢަމަލަކަށް ހެކިދޭ ދުވަހަށް ޓަކައެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: