10.20.2010

ޅަފަތުގައި ރަނގަޅު ތަރުބިއްޔަތު ދިނުން

ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ފިޠުރަތުގެ ސާފުކަންމަތީ ހުރެގެން އުފަންވާ ކުއްޖެކެވެ. ދެން އެކުއްޖާގެ ކިބާގައިވާ ފިޠުރަތުގެ މިޢަޤީދާ އެހެނިހެން ގޮތްގޮތަށް ބަދަލުކޮށްލާ ބަޔަކީ އެކުއްޖެއްގެ މައިންބަފައިންނެވެ. ނުވަތަ އެކުއްޖަކު ތަރުބިއްޔަތުކުރާ ބަޔެކެވެ.

ކުއްޖާ ދުނިޔެއަށް އުފަންވީއްސުރެ ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ކޮންމެހެންވެސް ކުރަންވާނޭ ކަމެކެވެ. ތަރުބިއްޔަތު ކުރުން ފެށެނީ ކުއްޖާ ދުނިޔެއަށް އުފަންވުމުގެ ކުރިންނޭވެސް ދެންނެވިދާނެއެވެ. އެހެނީ ކުއްޖާ ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މަންމައެވެ. އެހެންކަމުން މަންމައަކީ ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭވަރުގެ މަންމައަކަށް ވާންޖެހެއެވެ.

އަންބަކު އިޚްތިޔާރު ކުރުމުގައި ދީންވެރި އަންހެނަކު އިޚްތިޔާރު ކުރުމަށް، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އިރުޝާދު ދީފައިވަނީ އެހެންވެގެންނެވެ.

ކުޑައިރުއްސުރެ ފެށިގެން ކުއްޖާއަށް ވަކިގޮތަކަށް އުޅެން އާދަ ވެއްޖެނަމަ އެއުޅެމުން އައި ގޮތަކީ އެއްގޮތަކަށްވެސް ގޯސް ގޮތެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. މިކަމުގައި ކުއްޖާ އުޅެ ބޮޑުވާ މާހައުލުގެ އަސަރު ވަރަށްވެސް ބޮޑެވެ. މިސާލަކަށް އެއްގޮތަކަށްވެސް ހެދުންނުލާ ބައެއްގެތެރޭގައި އުޅެބޮޑުވާ ކުއްޖަކަށް އެކަމަކީ އައިބު ކަމަކަށް ނުވާނެއެވެ. މިފަދަ ބައެއް ޤަބީލާތައް އެފްރިކާގެ ބައެއް ރަށްރަށުގައި މިހާރުވެސް ދިރިއުޅެމުން އެބަދެއެވެ. އެބައިމީހުންނަކީ ފެށުނީއްސުރެ އެގޮތަށް އުޅޭ ބަޔަކަށް ވީތީވެ އެކަމަކީ އައިބު ކަމަކަށް އެމީހުން ނުދެކެއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކުރީޒަމާނުގައި އަންހެން ކުދިން ބޮޑުވާފަހުންވެސް ލިބާސް ލައްވަންދެންނޭކިޔާ، ހަމައެކަނި ކަނޑިކިއެއް އަނދެގެންވެސް އުޅުނެވެ. އެކަމަކީވެސް އެދުވަސްވަރު ހުތުރު ކަމެއް ނޫނެވެ. ހަމައެފަދައިން ކުޑައިރުއްސުރެ ނިވާކަން ކުޑަ ހެދުން ލައްވައި އެގޮތުގައި އުޅެ ބޮޑުވާ ކުދިންނަށްވެސް ބޮޑުވާފަހުން ޢާއްމުކޮށް ކުޑަ ހެދުން ލުމަކީ އައިބު ކަމަކަށް ނުވާނެއެވެ. އަދި ކީއްތަ؟ އެކުދިން ކައިރީގައި އައިބު ކަމަކަށް ވާނީ ނިވާވާކަހަލަ ހެދުން ލުމެވެ.

ވަކި މާހައުލެއްގައި ގެންގުޅެ ވަކި ގޮތަކަށް ކުއްޖާ ބައްޓަންކުރެވި ބޮޑުވާފަހުން، އަލުން އެހެން ގޮތަކަށް އެކުއްޖާ ހާނުވަން އުޅުނަސް އެކަމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ޅައިރުއްސުރެ ކުއްޖާ ބައްޓަން ކުރަންވާނީ، ބޮޑުވުމުންވެސް އެކުއްޖާ ދީންވެރިކޮށް އުޅޭނެ ގޮތަށެވެ.

ޅަފަތުގައި ތަރުބިއްޔަތު ދިނުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައް:

1- ތެދު ބުނުމަށް އާދަކުރުވުން: ކުދިން ކައިރީގައި ދޮގުހެދުމަކީ ގޯސް ކަމެއްކަމުގައި ބުނާއިރު، މައިންބަފައިން އެއާ ޚިލާފަށް ޢަމަލު ކުރާނަމަ، އެދައްކާ ވާހަކައަކުން ކުއްޖާއަށް ފައިދާއެއް ނުކުރާނެއެވެ. މިސާލަކަށް ބައްޕައަށް މީހަކު ފޯނު ކުރުމުން ގޭގައި ނޫޅުއްވައޭ ބުނާށޭ ދަރިފުޅު ގާތު ބައްޕަ ބުނުމަކީ، ދޮގު ހަދަން އޭނާއަށް ދަސްކޮށްދިނުން ނޫންތޯއެވެ؟

2- ޅަފަތުގައި ނަމާދު ކުރަން ދަސްކޮށްދީ އެކަމަށް އާދަ ކުރުވުން: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަތް އަހަރުވުމުން ދަރިންނަށް، ނަމާދު ކުރަން އަމުރު ކުރާށެވެ. އަދި 10 އަހަރުވުމުން، ނަމާދު ނުކުރާނަމަ އަދަބު ދޭށެވެ. އަދި އެ ޢުމުރަށް ދިއުމުން ކުދިންގެ ތަންމަތި ވަކި ކުރާށެވެ." (ރަވާހު އަޙްމަދު ވަ އަބޫދާއޫދު) ކުދިން ކައިރީގައި ނަމާދު ކުރާށޭ ބުނާއިރު، މަންމަ އާއި ބައްޕަ ނަމާދު ކުރުމުގައި ފަރުވާ ކުޑަކުރާނަމަ، އެކަމަކީ އެހާ މުހިއްމު ކަމެއްކަމަށް އެކުދިންނެއް ނުދެކޭނެއެވެ.

3- ޤުރުއާން ކިޔަވަން ދަސްކޮށްދީ ކުދިން ލައްވައި ޤުރުއާން ކިޔުއްވުން، އަދި މައިންބަފައިންވެސް ކުދިންނަށް ފެންނަ ފަށުގައި ޤުރުއާން ކިޔެވުން.

4- ކުދިން އުޅޭ ކޮޓަރިއަށް ދޭތެރެ ދޭތެރެއިން ވަދެ އެކުދިން ގެންގުޅޭ އެއްޗެހި ބަލައި ހެދުން. ވަކިން ޚާއްޞަކޮށް ކުދިންނަށް ވަކި ކޮޓަރި ޚާއްޞަކޮށްފައި ވާނަމަ މިކަމުގެ މުހިއްމުކަން ބޮޑެވެ.

5- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ މާތް ސީރަތު ކުދިންނަށް ކިޔައިދިނުން.

6- ފައިދާހުރިގޮތުގައި ހުސްވަގުތުގެ ބޭނުންހިފަން ކުދިންނަށް ދަސްކޮށް ދިނުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހުސް ވަޤުތާއި ފުރިހަމަ ޞިއްޙަތަކީ ވަރަށް ގިނަ މީހުންނަށް ގެއްލުން ދައްކައިދޭ ދެ ކަމެކެވެ." (ރަވާހުލް ބުޚާރީ) އެހެން ކަމުން ކުދިންގެ ސްކޫލް ބަންދުގައްޔާއި އަދިވެސް ލިބޭ އެހެނިހެން ހުސްވަޤުތުތަކުގައި ފައިދާހުރި ކަންތައް ކުރެވޭނެމަގު ތަނަވަސް ކޮށްދިނުމަކީ އެކުދިންގެ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ.
މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، އިސްލާމް ދީނާއި މުސްލިމުންގެ ޤަދަރާއި މަތިވެރި ކަމުގެ ވާހަކަ ކުދިންގެ ހިތްތަކަށް ވައްދައިދޭ ކަހަލަ ޕްރޮގްރާމްތަކާއި އެފަދަ ފޮތްތައް ކުދިންނަށް ހޯދައި ދިނުން ފަދަ ކަންތައް ހިމެނެއެވެ. ހަމަ އެއާއެކު މުސްލިމުންގެ މި ޢިއްޒަތާއި ޝަރަފު މިއަދު އެބައި މީހުންގެ އަތުން ގެއްލި ގޮސްފައި ވަނީ އިސްލާމް ދީނުގެ ހުރި އުނިކަމަކުން ނޫން ކަމާއި، އެއީ އިސްލާމުން އެބައިމީހުންގެ ދީނުގެ ޙުކުމްތަކާއި އިރުޝާދު ތަކާއި ދުރަށް ދިއުމުން ކަން ކުދިންނަށް ބުނެދީ، އެކަމުގެ ހެކިތައް އިސްލާމީ ތާރީޚުގައި ހިގާފައިވާ އެކިއެކި ޙާދިޘާތަކުން ދެއްކުން.

7- ކެއުމުގެ ކުރިން ބިސްމި ކިޔުމަށާއި ކެއުމަށް ފަހު ﷲ އަށް ޙަމްދު ކުރުމަށް އާދަ ކުރުވުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައި މީހުން ކުރެ މީހަކު އެއްޗެއް ކާނަމަ ކަނާއަތުން ކާށެވެ. އަދި އެއްޗެއް ބޯނަމަ ކަނާއަތުން ބޯށެވެ. އެހެނީ ވާތުން ކައި އަދި ބޮއި ހަދަނީ ހަމަކަށަވަރުން ވެސް ޝައިޠާނާއެވެ." (ރަވާހު މުސްލިމް)
އެހެންކަމުން ޝައިޠާނާއާ އެއްފަދަވާން ބޭނުންނޫން ކަމަށް ވަންޏާ ވާތުން ކައިބޮއި ހަދައިގެން ނުވާނޭ ކަން ކުދިންނަށް ބުނެދޭން ވާނެއެވެ. ޝައިޠާނަކީ އަޅުގަނޑުމެންގެ ޢަދުއްވެކެވެ. އޭނާއަކީ ޢަދާވާތްތެރިއަކު ކަމުގައި ބެލުމަށް މާތްﷲ އަޅުގަނޑުމެންނަށް ވަނީ އަމުރު ކުރައްވާފައިވެއެވެ.

8- ސަލާމް ކުރުމުގެ ރީތި އާދަ ކުދިންގެ ކިބާގައި އަށަގެންނެވުން. ސަލާމް ކުރުމަކީ އިސްލާމުންގެ ޝިޢާރެވެ. އެހެންކަމުން ގެއަށް ވަންނައިރާއި ރައްޓެހިންނާއި ބައްދަލުވާއިރާއި އެހެން މީސްމިހުންގެ ގޭގެއަށް ވަންނައިރު ވެސް ސަލާމް ކުރައްވާނޭ ކަން ކުދިންނަށް ބުނެދޭން ވާނެއެވެ.

9- ހެދުން އެޅުމާއި ކުދިން ބަލަން އެކަށީގެން ނުވާ މަޖައްލާ ފަދަ ތަކެތި ކިޔުމާއި ޓީވީގެ އެކިއެކި ޗެނެލްތަކުން ދައްކާ ބައެއް ކަހަލަ ޕްރޮގްރާމްތައް ބެލުމާއި ތަފާތު މިޒާޖުގެ ރައްޓެހިންނާއެކު ތަންތަނަށް ގޮސް އުޅުން ފަދަ ކަންކަން ކުއްޖާގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާކަށް ނުވާނެއެވެ.

ދަރުމަ- ޖެނުއަރީ 2002

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment