11.04.2010

ދަތްތައް ސާފުކޮށް ބެލެހެއްޓުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ދަތް އުނގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އަހަރެމެން ކާ އެއްޗެތީގެ ތެރެއިން ބައެއް ބާވަތުގެ އެއްޗެތީގެ ސަބަބުން އަނގާގައި ބެކްޓީރިއާ ނުވަތަ ޖަރާސީމު އުފެދޭގޮތް ދިމާވެއެވެ. ޚާއްޞަކޮށް ޗޮކްލެޓާއި މެޓާ ފަދަ ފޮނި އެއްޗެތި ކެއުމަށްފަހު ދަތް އުނގުޅުމަކީ ދަތްފަނި ކެއުމުން ސަލާމަތްކުރުމަށްޓަކައި ވަރަށް މުހިއްމުކަމެކެވެ.
ކާއެއްޗެތީގެ އަސަރު ބައިގަޑީ އިރަށްވުރެ ގިނައިރު އަނގައިގެ ތެރޭގައި ހުންނަގޮތް ދިވާވެއްޖެނަމަ އަނގައިގެ ތެރޭގައި އެސިޑްގެ ބައި ނުވަތަ ހުތްކަން އިތުރުވެ އޭގެ ސަބަބުން ދަތުގެ ބޭރުފަށަލަ ހަލާކުވެ ދަތްތައް ފަނިކާން ފަށާކަމަށް ދަތުގެ ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ދަތުގައި ކޮބަޑިޖަހައި ހިރުގަނޑު ހަލާކުވާގޮތް މެދުވެރިވެއެވެ.
ދަތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދެއްވާށެވެ.
1- ކޮންމެ ދުވަހަކުވެސް މަދުވެގެން ދެއިރު ދަތްތައް އުނގުޅައި ސާފުކުރުން. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރު ކަމެކެވެ) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ."
2- ކެއުމުގެ ފަހުންނާއި ނިދުމުގެ ކުރިން އަދި ނިދުމުގެ ފަހުން ދަތްތައް ސާފުކުރުން
3- ނަމާދަށް ތައްޔާރުވުމުގެ ގޮތުން ދަތް އުނގުޅުން
4- ކެއުމުގެ ރަނގަޅު އާދަތައް ހިފެހެއްޓުން، އަދި އިރުއިރުކޮޅާ އެއްޗެތި ކެއުމުން ދުރުހެލިވުން
5- ދަތް އުނގުޅާ ބުރުހަކީ ދަތްތައް ރަނގަޅަށް ސާފުވާފަދަ ބުރުހެއްކަމުގައި ވުން.
6- ދަތް އުނގުޅުމަށް ބޭނުންކުރާ ބޭހަކީ ދަތް ފަނިކެއުމުން ސަލާމަތްކޮށްދޭ، ފްލޮރައިޑް ހިމެނޭ ބޭހެއްކަމުގައި ވުން
7- ދަތަށް ބޭނުންވާ މާއްދާތައް ހިމެނޭ ކާނާ ކެއުން
8- ޤަވާޢިދުން ދަތުގެ ޑޮކްޓަރަށް ދެއްކުން
އެންމެ ރަނގަޅު ދަތް އުނގުޅާ ބޭހާއި ބުރުސް
މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި ދަތް އުނގުޅުމަށް އެންމެ ރަނގަޅީ ސިވާކެވެ. ސިވާކުގެ ދިޔަ ނުވަތަ ޢަރަޤަކީ ޖަރާސީމު މަރައިލާއި އަނގައިގައި ހުންނަ އެސިޑް ނުވަތަ ހުތްކަން ކަނޑުވައިދޭ އެއްޗެކެވެ. ސިވާކު ދަނޑީގައި ހުންނަ ނަރުވާތަކަކީ ދަތް އުނގުޅާ ބުރުހެއްފަދަ އެއްޗެކެވެ. ވީމާ ސިވާކު ދަނޑިކޮޅަކީ ދަތްއުނގުޅާ ބުރުހަކާއި ބޭހުގެ ބަދަލުގައި ބޭނުން ކުރެވިދާނޭ ރަނގަޅު އެއްޗެކެވެ. ބުރުހާއި ބޭހަށްވުރެ ޚަރަދުވެސް ކުޑައެވެ. ސިވާކުގައި އެކުލެވޭ މަޢުދަނުގެ ބާވަތްތަކަކީ ޖަރާސީމު މަރައިލަދީ ދަތްފަނިކެއުމުން ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދޭ ބާވަތްތަކެކެވެ. މިޒަމާނުގެ ދަތް އުނގުޅާބޭސްތަކުގައި އެކުލެވިގެންވާ ބާރުގަދަ ކެމިކަލްތަކަށްވުރެ، ޠަބީޢީ މާއްދާތަކެއް އެކުލެވިގެންވާ ސިވާކުގެ ފައިދާ މާބޮޑުކަން އެތަކެއް ސައިންޓިފިކް ރިސާޗްތަކަކުން ދައްކައެވެ. އަދި މީގެ އިތުރުން ސިވާކަކީ ބައިވަރު ޑޮކްޓަރުންނާއި އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯގެ އިތުބާރު ދީފައިވާ، ބޭނުން ކުރުމަށް ހިތްވަރުދޭ އެއްޗެކެވެ.
ތަހުލީލުކުރުމުގެ ކުޅަދާނަކަމާއި ލެބޯރެޓަރީތަކުގެ މުއްސަނދިކަން ދުނިޔެއަށް ލިބިފައިނުވާ ޒަމާނެއްގައި "ސަޙަރާތެރޭގައި" އުޅުނު ބަޔަކަށް، "ޞަޙަރާތެރޭގައި" ހެދޭ އިރާކު ގަހުގެ މޫ ނުވަތަ ގޮފި، ބޭނުންކުރަން އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާ، އަދި އުއްމަތަށް އިރުޝާދު ދެއްވާފައިވުމީ، އެކަލޭގެފާނު އެގެންނެވީ "ރިސާލަތު"ގެ ތެދުކަން މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރަން މަޖުބޫރު ކުރުވި ކަމެކެވެ. އެހެނީ އެ ފޯރމިއުލާއަކީ މިއަދުގެ ތަހުޛީބުވެ ތަރައްޤީވެފައިވާ ލެބޯރެޓަރީތަކުގެ ފޯމިއުލާއަށްވުރެ މޮޅު ފޯމިއުލާއެއްކަމަށް މިއަދު މިވަނީ އިޤްރާރުވާންޖެހިފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އަހަރެމެން މިވަނީ އެކަލޭގެފާނަށް އީމާންވާން ޖެހިފައެވެ.
މަރުޖިޢު: "ސިވާކު" އައްޝައިޚް ޙަސަން މޫސާ ފިކްރީ، ރާއްޖެއިސްލާމް

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment