11.10.2010

އިސްލާމްދީން އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތު

އަލްއުޚްތު ޖެޒްމީނާ ސާބިޤް
ޖާހިލިއްޔަ ޒަމާނުގައި އަންހެނުން އުޅެންޖެހުނީ އޭރުގެ ޢަރަބި ޤަބީލާތަކުގެ ފިރިހެނުންގެ ބާރުގެދަށުގައި އެއްވެސް އާރެއް ބާރެއް ނެތް ބައެއްގެ ގޮތުގައެވެ. އޭރު އަންހެނުންނަކީ ނިކަމެތިވެ ގޮތް ހުސްވެފައިވާ ބައެކެވެ. އެމީހުން ވަނީ ފިރިހެނުންގެ އަޅުންނަށް ހަދާލެވިފައެވެ. އެންމެ ކުޑަވެގެން އަމިއްލަ ނަފްސުގެ މައްޗަށްވެސް އެއްވެސް ކަހަލަ އިޚްތިޔާރެއް ލިބިގެންނުވެއެވެ. އެމީހުންނަކީ އަޅުވެތިވެފައިވާ މިނިވަންކަން ނެތް ބައެކެވެ. މުޖުތަމަޢުގައި އެއްވެސްކަހަލަ އަގެއް، މާތްކަމެއް އެމީހުންނަށް ލިބިގެން ނުވެއެވެ. މުޖުތަމަޢުގައި އަންހެނުންގެ އެއްވެސް ޖަރަޖައެއް މަޤާމެއް ނެތް މިންވަރަކީ ގަނެވިއްކާ މިލްކު ކުރެވޭ ތަކެތީގެ ތެރޭގައި އެމީހުން ހިމެނޭކަމެވެ. ޣަނީމާ މުދާ ނުވަތަ ޖަނަވާރުފަދައިން ވިއްކާލެވޭ ބައަކަށް އަންހެނުން ވެއެވެ. މީގެ އިތުރުން އަންހެނުންނަކީ ފިރިހެނުން ފޫހިވާ، ކައިވެނި ކުރުމަށް ނޭދޭ ނުވަތަ ފިރިހެނުންގެ ޢަދުއްވުންނެވެ. އަންހެނުންނަށް ތަޢްލީމު އުނގެނުމުގެ ޙައްޤެއް ނޯވެއެވެ. އަދި މިލްކު ކުރުމާ، ވާރުތަވުމުގެ ޙައްޤެއްވެސް އަންހެނުންނަކަށް ނޯވެއެވެ. އަންހެނުންގެ މުދާ އެކަނބަލުންގެ ހުއްދައާ ނުލައި ފިރިންނަށް ބޭނުން ކުރެވެއެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި އަންހެނުންނަށް ދިރިއުޅުމުގެ ޙައްޤެއްވެސް ލިބިގެނެއް ނުވެއެވެ. ވުމާއެކު ބައްޕައިންނަށް އެމީހުންގެ އަންހެން ދަރީން ޤަތުލު ކުރުމުގެ ޙައްޤު އޮވެއެވެ. ނުވަތަ ދިރިހުއްޓާ ވަޅުލެވިދާނެއެވެ.
އިސްލާމް ދީން އައުމުގެ ކުރީގައި ބައެއް ރަށްރަށުގައި އަންހެނުންނަކީ ފިރިހެނުންފަދަ އިންސާނީ ނަފްސަކާއި ރޫޙެއް ލިބިގެންވާ ބަޔަކުތޯ ބެލުމުގައި އޭރު ގިނަ ރަށްރަށުގެ ފިރިހެނުންގެ މެދުގައި އިޚްތިލާފް އުފެދިފައި ވެއެވެ. އަދި އަންހެނުން ސުވަރުގެ ވަންނާނެތޯއާ އާޚިރަތް ދުވަހަށް އެކަނބަލުން ފޮނުއްވޭނެ ކަމާއިމެދުގައިވެސް އެމީހުންގެ ޚިޔާލު ތަފާތުވެފައި ވެއެވެ. މިކަމާ ގުޅިގެން އޭރުގެ ރޯމަން ޖާމިޢާގައި ކަނޑައެޅިފައިވާ ގޮތުން އަންހެނުންނަކީ ހަޑިމުޑުދާރު ނަޖިސް ޙައިވާނުންނެވެ. ވީމާ އެމީހުންނަށް ރޫޙެއް ދިރިހުރުމެއް ލިބިގެނެއް ނުވެއެވެ.
އެހެންނަމަވެސް އަޅުކަންކޮށް ފިރިހެނުންނަށް ޚިދުމަތް ކޮށްދޭން އަންހެނުންނަށް ޖެހޭނެއެވެ. އަދި ވާހަކަ ދެއްކުމާ ހީ ހެދުމުން އަންހެނުން މަނާ ކުރުމަށްޓަކައި ކުއްތާތަކާ ބަޢީރުތައް ފަދައިން އަނގަ ބަންދު ކުރުވަން ޖެހޭނެއެވެ.
ބައެއް މީހުންގެ ނަޒަރުގައި ފިރިހެނަކު އަންހެނަކު ޤަތުލު ކޮށް މަރާ ހެދުމަކުން ފިރިހެނުންގެ ކިބައިން އެކަމުގެ ބަދަލުގައި ބަދަލު (ޤިޞާޞް) ހިފުމެއްނެތެވެ. މަރުގެ ދިޔަ ދޭކަށް ނުޖެހޭނެއެވެ. އެދުވަސްވަރު އަންހެނުންނަށް ކިރިޔާވެސް ޙައްޤެއް ލިއްބައިދިން ބަޔަކީ ފަރަންސޭސި ރައްޔިތުންނެވެ. އެ ޙައްޤަކީ އަންހެނުންނަކީވެސް އިންސާނުންކަމަށް އެމީހުން ދެކޭ ދެކުމެވެ. އެމީހުން ވަރަށް ގިނަ ޖަދަލުތަކާ ތަފާތު ޚިޔާލުތަކާ ބަޙުޘް ކުރުމަށްފަހު ނިންމީ އަންހެނުންނަކީ ވެސް އިންސާނުން ކަމަށެވެ. އަދި އެމީހުން އުފައްދަވާފައިވަނީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށެވެ. މިޤަރާރު ނެރުނުއިރު ފަހަރެއްގައިވެސް އަންހެނުންނަށް ލިބިދާނެ ޙައްޤުތަކަކާ އިންސާނުންނަށް އައިސްފާނެ ހެޔޮ އިޞްލާޙަކާ މެދުގައި މިޤަރާރު ނެރުނު ބަޔަކު ނުވިސްނައެވެ. ނުވަތަ އެއްވެސް ބަޔަކު ނުދަނެތެވެ. އަދި އެމީހުންގެ ސިކުނޑި އެހިސާބަށް ފޯރުވައި ވިސްނާވަރަށްވުރެ އެމީހުންގެ ޖާހިލުކަމާ ތަންދޮރު ނުދަތުމާ އަނިޔާވެރިކަން މާބޮޑެވެ. މިޤަރާރު ނެރެފައިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ފަހުންނެވެ. ނަމަވެސް ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީގައެވެ.
އިސްލާމް ދީން އައުމަށްފަހު އަންހެނުން:
ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުމާއެކު ފަސާދަވެފައިވާ މުޖުތަމަޢު އިޞްލާޙް ކުރެއްވުމަށްޓަކައި އެކަލޭގެފާނު މަސައްކަތްޕުޅު ފެއްޓެވިއެވެ. ފަސާދަވެފައިވާ ދީނީ އާދަކާދަތަކާ މީސްތަކުން ދުރުހެލި ކުރެއްވިއެވެ. މިކަމުން އެންމެބޮޑު ފައިދާއެއް ކުރިބަޔަކީ އަންހެނުންނެވެ. މިކަމަކީ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ނިޢްމަތަކަށް ވިއެވެ. އަންހެނުންނާ ފިރިހެނުންނަކީ އެއްނަސްލަކުން އައިސްފައިވާ ނުވަތަ އެއްބައްޕަޔަކާ އެއް މަންމައިން ކަމުގައި އުނގަންނަވައިދެއްވިއެވެ. އަދި މިކަން ޘާބިތުކޮށްދޭ ﷲ ތަޢާލާގެ ކަލާމްފުޅު މީސްތަކުންނަށް ކިޔަވާ ވިދާޅުވެދެއްވިއެވެ. ކީރިތި ޤުރުއާނުގައި އައިސްފައި ވެއެވެ.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (الحجرات: 13)
މާނައަކީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާ އަންހެނެއްގެ ކިބައިންނެވެ. (އެބަހީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރު ވަންތަ ރަސްކަލާނގެއެވެ."
އަދިވެސް ވަޙީ ކުރައްވާފައި ވެއެވެ.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا (النِسَاء:1)
މާނައަކީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އެކަލާނގެއީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސް ހެއްދެވިއެވެ. އަދި އެދެކަނބަލުންގެ ކިބައިން ގިނަފިރިހެނުންނާއި ގިނަ އަންހެނުން ފެތުރުއްވިއެވެ." ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
"إِنّمَا النِّساَءُ شَقَائِقُ الرِّجاَلِ" މާނައަކީ: ހަމަކަށަވަރުން އަންހެނުންނަކީ ފިރިހެނުންގެ އެއްބަނޑު އެއްބަފާ ބައެކެވެ."
އާދެ! އަންހެނުންގެ އީމާންތެރިކަމާ ފިރިހެނުންގެ އީމާންތެރިކަމާ އެއްފަދައެވެ. ކޮންމެ ނަފްސަކަށްވެސް އީމާންތެރިކަމެއް ލިބިގެންވެއެވެ. އީމާންކަމުގައި ދެޖިންސްގެ މީހުން ހަމަހަމަވެގެންވެއެވެ. އަންހެނުންގެ އީމާންތެރިކަމާ ފިރިހެނުންގެ އީމާންތެރިކަމާ އެއްފަދަ ކަން ސާބިތުވާ އާޔަތްތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކިޔަވާ ވިދާޅުވެ އިއްވަވާ ދެއްވާފައިވެއެވެ. މިއާޔަތްތަކުގެ ތެރޭގައި يَا أَيُّهَا الَّذِينَ آَمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ اللَّهُ أَعْلَمُ بِإِيمَانِهِنَّ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ (الممتحنة 10)
މާނައަކީ: އޭ! އީމާންވި މީހުންނޭވެ! ތިޔަބައިމީހުންގެ ގާތަށް މުއުމިނު އަންހެނުން ހިޖުރަ ކޮށްފަ އަންނަހިނދު، ފަހެ ތިޔަބައިމީހުން އެކަނބަލުން އިމްތިޙާން ކުރާށެވެ! އެކަނބަލުންގެ އީމާންކަން ހުރިގޮތް ﷲ ދެނެވޮޑިގަތުން ބޮޑެވެ. ފަހެ އެކަނބަލުންނަކީ (ޙަޤީޤަތުގައި) މުއުމިނުންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ ފަހެ ކާފިރުންގެ ގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ!"
وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا (الأحزاب: 58)
މާނައަކީ: އަދި އެބައިމީހުން ހޯދައިގަތް ކުށަކާއި ނުލައި މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް އުދަނގޫ ކުރާ މީހުން (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެބައިމީހުންނީ ބުހުތާން ދޮގަކާއި ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބައެކެވެ."
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ (البروج: 10)
މާނައަކީ: "ހަމަކަށަވަރުން މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން، ދީނުން އެއްކިބާ ކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން ތައުބާނުވި މީހުން (ދަންނާށެވެ!) ފަހެ އެބައިމީހުންނަށް ނަރަކައިގެ ޢަޛާބު ހުއްޓެވެ. އަދި އެބައިމީހުންނަށް އަނދައަނދައި ހުންނަ އަލިފާނުގެ ޢަޛާބު ހުއްޓެވެ."
فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ (محمد: 19)
މާނައަކީ: "ފަހެ ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ކުށަށާއި އަދި މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް ކަލޭގެފާނު ފާފަ ފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައި މީހުން ހިނގައި ބިނގައިވެ އުޅޭ ތަނާއި އަރާމު ކުރަން ތިބޭ ތަން ﷲ ދެނެވޮޑިގެންވެއެވެ."
ހަމައެހެންމެ އިސްލާމްދީނުގެ ރުކުންތަކާއި ފަރުޟުތަކަކީ ދެ ޖިންސުގެ މީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތަކެވެ. ފިރިހެނުންނަށް ދީނުގެ ރުކުންތަކާ ފަރުޟުތައް ވާޖިބު ކުރެއްވި ފަދައިން އަންހެނުންނަށް ވެސް ވާޖިބުވެގެން ވެއެވެ. އޭގައި ހަމައެކަނި ތަފާތަކީ ރޯދަ ހިފުމާ ނަމާދުކުރުން އަދި ޠަވާފު ކުރުން ވަކި ދުވަސްވަރެއްގައި އަންހެނުންނަށް ޙަރާމްވެގެންވާ ކަމެކެވެ. އެއީ އެކަނބަލުން ޠާހިރު ވަންދެންނެވެ. ގެއްލޭ ނަމާދުގެ ގިނަ ކަމަށްޓަކައި އެނަމާދު ޤަޟާ ކުރާކަށް ނުޖެހެއެވެ. ނަމަވެސް ރޯދަ ޤަޟާ ކުރުން ވާޖިބުވެގެން ވެއެވެ. ހަމައެހެންމެ އާޚިރަތް ދުވަހުން ފިރިހެނުންނަށް އެބައިމީހުންގެ ހެޔޮ ކަންތަކަށް ޖަޒާ ދެއްވާފަދައިން އަންހެނުންނަށް ވެސް އެކަނބަލުންގެ ހެޔޮ ކަންތަކުގެ ޖަޒާ ދެއްވާނެތެވެ. މިކަން ސާބިތުކުރުމަށްޓަކައި ބާވައިލައްވާފައިވާ އާޔަތްތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޅި ޢާލަމަށް އިއްވަވާ ދެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ (النحل:97)
މާނައަކީ: މުއުމިނަކު ކަމުގައިވާ ޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު ޢަމަލު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން އެބައި މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާ ހުށީމެވެ."
އަދިވެސް ވަޙީ ކުރެއްވީ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ނުބައި ކަމެއް ކޮށްފި މީހަކަށް، ފަހެ އެ ނުބައި ކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންކުރެ، ނުވަތަ އަންހެނުން ކުރެވިޔަސް، އީމާންވެގެން ހުރެ ޞާލިޙު ޢަމަލު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ އެބައިމީހުން ސުވަރުގެ ވަންނާނެއެވެ. އެތާނގައި ހިސާބެއް ނެތި އެބައިމީހުންނަށް ރިޒުޤު ލިބޭނެއެވެ." ( ޣާފިރު: 41).
ނިސާ ސޫރަތުގެ 123 އާއި 124 ވަނަ އާޔަތުގައި ޖިންސަކަށް ބެއްލެވުމެއް ނެތި އެކަލާނގެ އަޅުތަކުންކުރާ ޢަމަލުތަކުގެ ޖަޒާ ލިބޭނެކަމުގައި އަންގަވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވަނީ: لَيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِ مَنْ يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا (123) وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا (النساء 123-124)
މާނައަކީ: "(އެކަން ލިބުންވަނީ) ތިޔަބައިމީހުންގެ އެދުންތަކަކުން ނޫނެވެ. އަދި ފޮތުގެ އަހުލުވެރީންގެ އެދުންތަކަކުން ވެސް ނޫނެވެ. ނުބައި ކަމެއް ކުރާ މީހާއަށް އެކަމުގެ ޖަޒާ ލިބޭނެއެވެ. އަދި ﷲ ފިޔަވައި އެހީތެރިޔަކު ވެސް ނަޞްރު ވެރިޔަކު ވެސް އެމީހަކަށް ނުފެންނާނެއެވެ. އަދި މުއުމިނަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ހެޔޮ ޢަމަލު ކުރާ މީހާ (ދަންނާށެވެ!) ފަހެ އެބައިމީހުން ސުވަރުގެއަށް ވަންނާނެއެވެ. އަދި ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް އެބައި މީހުންނަށް އަނިޔާއެއް ނުކުރައްވާހުއްޓެވެ."
އަދި ފިރިހެނުންނާ އަންހެނުން ކުރާ ޢަމަލުތައް ގެއްލެނި ނުކުރައްވާ ކަމުގައި ބަޔާން ކުރައްވަމުން އާލު ޢިމްރާން ސޫރަތުގެ 195 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى بَعْضُكُمْ مِنْ بَعْضٍ (آل عمران:195)
މާނަ: "ދެން އެބައިމީހުންގެ ވެރި ރަސްކަލާނގެ އެބައިމީހުންނަށް އިޖާބަ ދެއްވިއެވެ. ހަމަކަށަވަރުން ތިޔަބައި މީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ ޢަމަލުކުރާ މީހެއްގެ ޢަމަލު ތިމަން ރަސްކަލާނގެ ގެއްލެނި ނުކުރައްވާ ހުށީމެވެ. ތިޔަބައި މީހުންކުރެ އެއް ބަޔަކު ވަނީ އަނެއް ބައެއްގެ ކިބައިންނެވެ."
މީގެ އިތުރުން ވެސް މިކަމާ ގުޅިގެން އައިސްފައިވާ އާޔަތްތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ކިޔަވާ ވިދާޅުވެ ދެއްވާފައެވެ. އިސްލާމްދީން އަންހެނުންނަށް ވަރަށް ގިނަ ޙައްޤުތައް ލިއްބައިދިނެވެ. އޭގެ ތެރޭގައި ދީނީ ޝިޢާރުފާޅު ކުރުމާއި އިޖުތިމާއީ އަދި ސިޔާސީ ޙައްޤުތައް ހިމެނެއެވެ. ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާ މުންކަރާތްތައް ނަހީ ކުރުމަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް އަމުރު ވެވިގެން ވެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައިޢަތު ހިއްޕެވީއަކީ ހަމައެކަނި ފިރިހެނުންނަކާ ނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތާއި ކީރިތި ޤުރްއާނުގައިވާ ފަދައިން އަންހެނުންނާ ވެސް ބައިޢަތު ހިއްޕެވިއެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އޭ ނަބިއްޔާއެވެ! އީމާން ވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް ބައިޢަތު އަންނަ ހިނދު، އެކަނބަލުން ﷲ އާ އެއްވެސް އެއްޗެއް ޝަރީކު ނުކުޅައުމަށާއި އެކަނބަލުން ވައްކަން ނުކުޅައުމަށާއި އަދި އެކަނބަލުން ޒިނޭ ނުކުރުމަށާއި އެކަނބަލުންގެ ދަރިން ނުމެރުމަށާއި އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް ބުހުތާން ދޮގު ވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަޙަލާލު ކުދިން ޙަލާލު ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮ ކަމެއްގައި ކަލޭގެފާނަށް އެކަނބަލުން އުރެދި ނުގަތުމަށް، ފަހެ ކަލޭގެފާނު އެކަނބަލުންނާ ބައިޢަތު ހިއްޕަވާށެވެ! އަދި އެކަނބަލުންނަށް ފާފަ ފުއްސެވުން އެދި ކަލޭގެފާނު ﷲ އަށް ދަންނަވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." الممتحنة: ١٢
ހަނގުރާމައިގައި ވެސް އަންހެނުންނަށް ބައިވެރިވެވޭކަން އިސްލާމްދީނުގައި ހިނގާފައިވާ ބޮޑެތި މަޝްހޫރު ހަނގުރާމަތަކުން އެނގެއެވެ. ނަމަވެސް ހަނގުރާމައިގައި ސަފުތަކަށް ނުކުމެ ސީދާ ޤަތުލު ކޮށް އުޅުން އަންހެނުންނަށް ވާޖިބެއް ނޫނެވެ. ނަމަވެސް ހަނގުރާމަ ކުރާ ފިރިހެނުންނަށް ކާނާއާ ބޯފެން ގެންގޮސް ދިނުމަށް އަންހެނުންނަށް ހަނގުރާމައިގެ މައިދާނަށް ނިކުމެވިދާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިއަނބިކަނބަލުންނާ ޞަޙާބީބޭކަލުންގެ އަނބިއަނބިކަނބަލުން ހަނގުރާމަތަކުގެ މައިދާނަށް ނުކުންނަވާ ކާނާ ތައްޔާރުކޮށްދެއްވާ ފެން ގެނެސްދެއްވާ ޒަޚަމްވާ މީހުންގެ ޒަޚަމްތައް ދޮވެ ސާފުކޮށް ދެއްވާ ބޭސްއަޅުއްވައިދެއްވާ އުޅުއްވިއެވެ.
ތަޢްލީމް އުނގެނުމާއި އުނގަންނައި ދިނުމަކީ ވެސް އަންހެނުންގެ ޙައްޤެކެވެ. ވަރަށް ގިނަ ގޮތްގޮރުން ސާބިތުވެފައިވާ ގޮތުގައި ޝިފާ ބިންތުލް ޢަދަވިއްޔާ އަށް ލިޔަން ދަސްކޮށްދެއްވީ ޢުމަރުގެފާނުގެ ދަރިކަނބަލުން އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުން ޙަފްޞާގެފާނެވެ. ބުނެވޭ ގޮތުގައި މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވުމަކަށް އެކަމަނާ ކުރެއްވި ކަމެކެވެ.
މުދާ ވާރުތަކުރުމާ މުދާ މިލްކު ކުރުމަކީ އަންހެނުންގެ ވެސް ޙައްޤެކެވެ. ގަނެ ވިއްކުމުގެ ތަފާތު މުޢާމަލާތްތަކުގައި އަންހެނުންނަށް ބައިވެރިވެވޭނެކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވެއެވެ. ވަޞިއްޔަތް ކުރުމާ ވަޞިއްޔަތް ލިބިގަތުމާއި ވާރުތަމުދާ ލިބިގަތުމުގެ ޙައްޤު ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ވެއެވެ.
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ނުލިބިވާ ކިތަންމެ ޙައްޤެއް ނުވަތަ ހުރިހާ ޙައްޤެއް އިސްލާމްދީން އައުމަށްފަހު ވަނީ އަންހެނުންނަށް ލިއްބައިދީފައެވެ. އާދެ ހުރިހާ އެންމެންނަކީ އެއް މަންމައަކާ އެއް ބައްޕައެއްގެ ދަރިންނެވެ. އެއް ބަޔަކުވެސް ބޮޑާވެ ކިބުރުވެރި ވުމެއް ނެތެވެ. އެންމެން ވެސް އެނބުރި ދާނީ އެކަލާނގެ ޙަޟްރަތަށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment