12.02.2010

ދެމަފިރިންގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުން

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
އެއްބަސްވާށެވެ. އެއްވެސްމީހަކީ ހުރިހާގޮތަކުން ފުރިހަމަ މީހެއް ނޫނެވެ. ތިމާ ކިތަންމެ މަސައްކަތެއްކުރިޔަސް، ތިމާއަކީ ބައިވެރިޔާދެކެ ލޯބިވާ އަދި އިޙްތިރާމްކުރާ މީހަކަށް ވިޔަސް، ބައިވެރިޔާއާ ދެބަސްވެވޭ ވަޤުތު އަންނާނެކަން އެއީ ކަށަވަރުކަމެކެވެ. ނަމަވެސް އުފެދޭ ދެބަސްވުންތަކުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަށް ނޭދެވޭ އެއްވެސް އަސަރެއްކުރިޔަ ނުދިނުމަކީ ދެމަފިރީންވެސް ވިސްނާލުން މުހިއްމުކަމެކެވެ.
ތިމާއާއި ބައިވެރިޔާއާ ދެމެދު ދެބަސްވުމެއް އުފެދެން އުޅޭހެން ހީވާނަމަ ހަނދާނުގައި ބެހެއްޓުން މުހިއްމު ކަންތައްތަކެއްކަމަށް ތަޖުރިބާކާރުން ބުނާ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
1 - ބައިވެރިޔާއަށްވެސް ވާހަކަދެއްކުމުގެ ފުރުޞަތުދޭށެވެ.
ތިމާ ވާހަކަދައްކަމުން ދަނިކޮށް އެހެންމީހަކު ތިމާގެ ވާހަކަ މެދުކަނޑާލައިފިނަމަ އެކަމާ ނުރުހެވޭ ނޫންހެއްޔެވެ؟ ތިމާގެ ބައިވެރިޔާއަށްވެސް އެފަދައިންވާނެއެވެ. ތިމާ ލިބުމަށް އެދޭ އިޙްތިރާމް ބައިވެރިޔާއަށްވެސް ދޭށެވެ. އޭނާ ބުނާ އެއްޗަކަށް އެއްބަސްނުވެވުނަސް ވާހަކަދެއްކުމުގެ ފުރުޞަތު ދޭށެވެ.
2 - ބައިވެރިޔާ ބުނާއެއްޗެއް ވިސްނޭތޯ މަސައްކަތްކުރާށެވެ.
ބައިވެރިޔާ ދައްކާވާހަކަ ތިމާއަށް ނުވިސްނުނަސް ވިސްނޭކަމުގައި ތިމާއަށް ހީވާފަހަރު އަންނާނެއެވެ. ނަމަވެސް ތިމާއަށް ނުވިސްނޭކަމުގައި ބައިވެރިޔާއަށް އިޙްސާސްކުރެވޭނެއެވެ. އޭނާ ދައްކާ ވާހަކަ ތިމާއަށް ވިސްނޭކަމަށް ބައިވެރިޔާއަށް އިޙްސާސްކުރެވުމުން މައްސަލަ އަވަހަށް ޙައްލުކުރެވޭނެއެވެ. އެހެންކަމުން ބައިވެރިޔާ ދައްކާވާހަކަ ޙަޤީޤަތުގައިވެސް ތިމާއަށް ވިސްނޭތޯ މަސައްކަތްކުރާށެވެ. އޭނާގެ ވާހަކަތައް އަޑުއަހާށެވެ.
3 - ފަހުން ހިތާމަކުރަންޖެހޭފަދަ އެއްވެސްބަހެއް ނުބުނާށެވެ.
ދެމަފިރިންގެ ދެމެދުގައިވާ ގުޅުން ބިއްލޫރިގަނޑެއްގެ ގޮތުގައި ސިފަކުރާށެވެ. އެއްވެސް ކޫރެއްނެތި، ރީތި އަދި ސާފުކަންމަތީ އެބިއްލޫރިގަނޑު ދެމެހެއްޓޭނީ މަސައްކަތާއެކުގައެވެ. އަޅާނުލެވިއްޖެނަމަ އޭގެ ރީތިކަން ގެއްލިދާނެއެވެ. ފަރުވާކުޑަކުރެވިއްޖެނަމަ ކޫރުއެޅިދާނެއެވެ. ރެނދުއަޅާފާނެއެވެ. ތަޅައިގެންވެސް ހިނގައިދާނެއެވެ. ވިސްނާނުލާ ތިމާގެ ދުލުންބޭރުކުރެވޭ ބަހެއްގެ ސަބަބުން ފަހުން ހިތާމަކުރަންޖެހިދާނެއެވެ. އެހެންކަމުން ޒުވާބު ކިތަންމެ ހޫނުވިޔަސް ވިސްނާފައިނޫނީ ބަސްނުބުނާށެވެ.
4- ކުރީގައި ހިނގާފައިވާ ކަންތައްތަކުގެ ވާހަކަ ނުގެންނާށެވެ.
މާޒީއަކީ މާޒީއެވެ. އެ އޮތްގޮތަށް ބާއްވާށެވެ. މާޒީގައި ހިނގާފައިވާ ހިތްހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަ އަބަދު ދައްކާނަމަ މުސްތަޤުބަލަށް ޙައްލެއް ނުހޯދޭނެއެވެ. އަދި ބައިވެރިޔާއަށް ލިބެންޖެހޭ ލޯތްބާއި އިޙްތިރާމް ނުލިބޭކަމަށް އޭނާއަށް އިޙްސާސްވާނެއެވެ. ބައިވެރިޔާއާ ދޭތެރޭ ތިމާއަށް ވިސްނޭނީވެސް ގޯސްކޮށެވެ. އެންމެނަށްވެސް ކުށްކުރެވޭނެއެވެ. ކުރެވޭ ކުށްތަކުންލިބޭ ހިތާމަތަކާ ވަކިވުމުގެ ފުރުޞަތު ބައިވެރިޔާއަށްވެސް ދޭށެވެ. އެހީތެރިވާށެވެ. އަދި ބައިވެރިޔާ ރަނގަޅަށްކުރާ ކޮންމެ ކަމަކަށް ހިތްވަރުދީ އުފާކުރާށެވެ.
5- ވަކިއަތަކަށް ބުރަނުވާގޮތަށް މައްސަލަ ޙައްލުކުރެވޭތޯ ބަލާށެވެ.
ވަކިއަތަކަށް ބުރަނުވާގޮތަށް މައްސަލަތައް ޙައްލުކުރަމުންދާނަމަ ޖެހޭ މައްސަލަތައް މަދުވާނެއެވެ. ކަމަކާ އެއްބަސްނުވެވޭނަމަ ދެމެދަށްވާކަހަލަ ޙައްލެއްފެނޭތޯ މަސައްކަތްކުރާށެވެ. ބައިވެރިޔާ ނުރުހޭކަމެއް ތިމާ ބޭނުންވާނަމަ އެކަމުގެ ބަދަލުގައި ކުރެވިދާނެ އެހެންކަމެއް އޮތްތޯ ވިސްނާލާށެވެ. އަދި އެއީ އޭނާ ރުހޭފަދަ ކަމެއްތޯ ވިސްނާލާށެވެ.
6 - ކޮންމެފަދައަކުން ވާހަކަދެއްކިޔަސް ދެމީހުންނަށް އެއްބަސްނުވެވިދާނެކަން ދަންނާށެވެ.
ދެބަސްވުމެއް ނުވަތަ ޒުވާބެއްފެށެނީ ކަމަކާ ނުވަތަ އެއްޗަކާ ދޭތެރޭ ތިމާ ދެކޭގޮތާއި އަނެކާ ދެކޭގޮތާ ތަފާތުވުމުންނެވެ. އަނެކާއަށް އެނގެންޖެހޭ ހުރިހާއެއްޗެއް ނުއެނގެނީއޭ ހިތައި ތިމާ އަނެކާއަށް ވިސްނާދޭން މަސައްކަތްކުރަމުއެވެ. މިގޮތަށް މަސައްކަތްކުރުމަށްފަހުވެސް އަނެކާ ދެބަސްވާނަމަ ތިމާއަށްވެސް ރުޅިއާދެވޭގޮތް ވެއެވެ. ބައިވެރިޔާއާ ދެބަސްވާ ބައެއްފަހަރު އެންމެ ރަނގަޅުގޮތަކީ އޭނާއާ އެއްބަސްވުމެވެ. މިފަދައިން ކަންތައްކުރުމުން ތިމާގެ އިޙްތިރާމް ލިބޭކަމުގެ އިޙްސާސް ބައިވެރިޔާއަށް ކުރެވޭނެއެވެ. އޭނާގެ ޚިޔާލާއި ވިސްނުމަށް އިޙްތިރާމްލިބޭކަމުގެ އިޙްސާސްކުރެވޭނެއެވެ. އަދި ފަހުން ދެމީހުންކުރެ އެކަކުގެ ޚިޔާލު ބަދަލުވުންވެސް އެކަށީގެންވޭނޫންތޯއެވެ؟
7 - ޙައްލެއް އަންނަންދެން ވާހަކަދެއްކުމަށް އިސްކަންދޭށެވެ.
ބައިވެރިޔާ ތިމާއާ އެއްބަސްނުވުމުން އޭނާއާ ދުރަށްޖެހި ވާހަކަދެއްކުން ހުއްޓާލުން އެއީ ކުރުމަށް ވަރަށް ފަސޭހަކަމެކެވެ. ރަނގަޅުގޮތަކީ އެކަކު އަނެއްކަކުގެ ވާހަކަތަކަށް އިޙްތިރާމްކޮށް މައްސަލައަށް ޙައްލެއް ފެންނަންދެން ވާހަކަދެއްކުމެވެ. ދެމީހުން އެއްކޮށް މަސައްކަތްކުރާނަމަ ޞުލްޙަވެރި ޙައްލެއް ނުގެނެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެކަން ޔަޤީނެވެ.
8- ތިމާއާ ބައިވެރިޔާއާ ދެމެދުގައި އޮންނަ ގުޅުމަށް އެންމެ މުހިއްމުކަން ދިނުމަށް ހަނދާންބަހައްޓާށެވެ.
މީގެ މާނައަކީ ތިމާ ކޮންމެ ފަހަރަކު ގޮތްދޫކުރަންޖެހޭނެއެކޭ ނޫނެވެ. އަދި ކޮންމެ ފަހަރަކު ބައިވެރިޔާއާ އެއްބަސްވާށެކޭވެސް ނޫނެވެ. ހަމައެކަނި ކުރަންޖެހޭކަމަކީ ހަނދާން ބެހެއްޓުމެވެ. ތިމާ ދެބަސްވެ ވާހަކަދައްކަމުންދަނީ ތިމާގެ އެންމެ ގާތް އެކުވެރިޔާ އަދި ބައިވެރިޔާއާކަން ހަނދާންބެހެއްޓުމެވެ. މިކަން ހަނދާން ބަހައްޓާނަމަ ބައިވެރިޔާއަށް ބަދުބަސްބުނުމާ ތިމާ ދުރުވާނެއެވެ. އެއީ އެފަދަ ބަސްތައް ތިމާގެ ހިތަށް ގެނައުމަށް ދަތިވާނެތީއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment