5.12.2011

އިސްލާމްދީނުގައި އަންހެނުންގެ މަގާމު

ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް
އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްގު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ.
މީގެ އިތުރުން ވާރުތަ މުދަލުން ލިބެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް އެއްވެސް ވަރެއްގެ ނަޞީބެއް ވާރުތަ މުދަލުގައި ނުވެއެވެ. އަންހެނުންނާއި މެދުގައި ދެކެމުން އައީ ނަފްރަތުގެ ނަޡަރަކުންނެވެ. އެބައިމީހުންނަށް އަންހެން ދަރިޔަކު ލިބިއްޖެކަމުގެ ޚަބަރު ލިބިއްޖެނަމަ، އެކަމުގެ ހިތާމާގައި މޫނުމަތި އަނދިރިވެގެންދެއެވެ. އައްނަޙްލު ސޫރަތުގެ 58-59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ) މާނައަކީ: "އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ".

ނަމަވެސް އިސްލާމްދީން އައުމާ އެކުގައި މިކަންތައްތައް ފޮހެލާ، ޢަދުވެރިކަން ގާއިމު ކުރިއެވެ. ކިރުބޯ ތުއްތު ދަރިފުޅުން ފެށިގެން އެންމެ ބޮޑު މީހާއާއި ހަމައަށްމެ، ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްގު ހޯދައިދިނެވެ. އަދި ބަނޑަށް މަރުވާ ކުދިންގެ އިޙްތިރާމަށްޓަކައި އެކުދިންގެ މައްޗަށް ކަށުނަމާދު ކުރުން ޝަރްޢު ކުރެއްވިއެވެ.

އިސްލާމްދީނުގައި އިންސާނުން މާތް ކުރެއްވިއެވެ. މިމާތް ކުރެއްވުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވެއެވެ. ﷲ ގެ ޙުކުމްތަކުގައި ފިރިހެންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. އަދި ދަރުމަ އާއި ޘަވާބުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. ސޫރަތުލް އިސްރާގެ 70 ވަނަ އާޔަތުގައި މަތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَقَدْ كَرَّمْنَا بَنِي آدَمَ) މާނައަކީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ". ނިސާ ސޫރަތުގެ 7 ވަނަ އާޔަތުގައި މިފަދައިން ވަޙީ ކުރެއްވިއެވެ.(لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا ) މާނައަކީ: "މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ". ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ) މާނައަކީ: "އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ". ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި އަންގަވަނީ މިފަދައިންނެވެ. (وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ) މާނައަކީ: "مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ". އާލްޢިމްރާން ސޫރަތުގެ 195 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ) މާނައަކީ: "ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ". ނިސާ ސޫރަތުގެ 124 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَـٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا) މާނައަކީ: "އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ". ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ. (مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ) މާނައަކީ: "مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.".

އިސްލާމްދީނުގައި އެތައް ޙައިޘިއްޔަތަކުން އަންހެނުން މާތް ކުރެއްވިއެވެ. މަންމަ އެއްގެ ޙައިޘިއްޔަތުން އޭނާ އަށް ކިޔަމަންތެރިކަން އަދާކޮށް، ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އަމުރުކުރެއްވިއެވެ. މަންމަގެ ރުހުމަކީ ﷲ ގެ ރުހުން ލިބުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. މަންމަގެ ދެފައިތިލަ ދަށުގައި ސުވަރުގެ ލެއްވިއެވެ. އުއްފެއްގެ މިންވަރަށްވެސް ނުރުހުމުގައި މަންމަ އާއި ދިމާލަށް އެއްޗެއް ނުބުނުމަށް އަމުރުކުރެއްވިއެވެ. މަންމަ އަށް ނުކިޔަމަންތެރި ވުމަކީ ބޮޑު ފާފަތަކުގެ ތެރޭގައި ލެއްވިއެވެ. ބައްޕަގެ ޙައްގަށްވުރެ މަންމަ ގެ ޙައްގު މަތިވެރި ކުރެއްވިއެވެ. މަންމަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހުގައި އަޅާލުންދީ އޯގާތެރިކަމާއެކު ޚިދްމަތްކޮށްދިނުމަށް އަމުރު ކުރެއްވިއެވެ. އަލްއަޙްގާފް ސޫރަތުގެ 15 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ) މާނައަކީ: "إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ".

އަލްއިސްރާ ސޫރަތުގެ 23-24 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ) މާނައަކީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!".

މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ ބިން ޖާހިމަތިއްސަލަމީ އޭ ކިޔުނު ޞަޙާބީއަކު ވިދާޅުވިއެވެ. (أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ : يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ : قَالَ : وَيْحَكَ أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ . قَالَ : ارْجِعْ فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ الْجَانِبِ الآخَرِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : فَارْجِعْ إِلَيْهَا فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ) ތިމްންނާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް ދެންނެވީމެވެ. ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދި ކަލޭގެފާނުގެ އަރިހުގައި ޖިހާދަށް ނިކުތުމަށް ގަޞްދުކޮށްފީމެވެ. ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާއެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ". ދެން އެހެން ފަރާތަކުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އަނެއްކާވެސް ދެންނެވީމެވެ. "ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ". ޙަދީޘް ކުރެއްވިއެވެ."ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާއެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ". ދެން އެކަލޭގެފާނުގެ ކުރިމަތިފުޅުން ބައްދަލުކޮށް ދެންނެވީމެވެ. "ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ". ޙަދީޘް ކުރެއްވިއެވެ."ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާއެކެވެ". ޙަދީޘް ކުރެއްވިއެވެ. "މަންމަގެ ފައިކައިރީ ހުންނާށެވެ. އޭރުން ސުވަރުގެ ދެވޭނެއެވެ". އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. (فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا) މާނައަކީ: "މަންމަ ގާތުގައި ހުންނާށެވެ. ސުވަރުގެ ވަނީ މަންމަގެ ދެފައި ދަށުގައެވެ".

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. (جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ .قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ) މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް މީހަކު އައިސްދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ ބައްޕަ އަށެވެ".

މަންމަ އަށް ބޭނުންވާނެ ޚަރަދުތަށް ބަލަހައްޓައި ދިނުމަކީ ދަރިފުޅުގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، މުސްކުޅި ޢުމުރަށް ދިޔުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުން، ނުވަތަ މުސްކުޅިން ބަލަހައްޓާ މަރްކަޒަކަށް މަންމަމެން ގެންގޮސް ބެހެއްޓުން، ނުވަތަ އަމިއްލަ މަސައްކަތުން އެމުސްކުޅި މަންމަ އާއި ބައްޕަ ކައިބޮއި ހެދުމަކީ އިސްލާމްދީން ގަބޫލު ކުރާ ކަންތަކެއް ނޫނެވެ.

އަންބެއްގެ ޙައިޘިއްޔަތުން ވެސް އިސްލާމްދީންވަނީ އަންހެނުން މާތް ކުރައްވާފައެވެ. އަނބިންނަށް ހެޔޮކޮށް ހިތުމަށް ފިރިންގެ މައްޗަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. އަދި ރިވެތިވެގެންވާ ހެޔޮ ދިރިއުޅުމެއް އުޅުމަށް އަމުރުކުރެއްވިއެވެ. އަދި ފިރިންގެ މައްޗަށްވާ އަނބިންގެ ޙައްގުތަކެއް ލެއްވިއެވެ. މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮމީހަކީ އަނބިންނަށް އެންމެ ހެޔޮ މީހާ ކަމުގައި ލެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލައި އެކަނބަލުންގެ މުދަލުން ބޭނުން ނުކުރުމަށް އެންގެވިއެވެ. ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ) މާނައަކީ: " އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!". ބަގަރާ ސޫރަތުގެ 228 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ) މާނައަކީ: " އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ".

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (اسْتَوْصُوا بِالنِّسَاءِ خَيْرًا) މާނައަކީ: "ތިޔަބައިމީހުންގެ އަނބިންނާއި މެދުގައި ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވަމެވެ"، އަދިވެސް ޙަދީޘް ކުރެއްވިއެވެ. (خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ".
އަންހެން ކުއްޖެއްގެ ގޮތުގައި އޭނާ މާތް ކުރެއްވިއެވެ. އަންހެންކުދިން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމަށް ބާރުއަޅުއްވާ، އެކަމުގައި ބޮޑުވެގެންވާ ދަރުމަ ލެއްވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.(مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ ) މާނައަކީ: "ދެއަންހެންކުދިން ބާލިޣުވުމަށް ދާންދެން ޚަރަދުކޮށް ބަލަހައްޓައިފިމީހާ ގިޔާމަތް ދުވަހުން ވާހުށީ ތިމަންކަލޭގެފާނާއި މިހާ ހިސާބުގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ އިނގިލިފުޅުތައް ލަންބަވައިލެއްވިއެވެ".

ޢުގްބާ ބިން ޢާމިރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. (مَنْ كَانَ لَهُ ثَلاثُ بَنَاتٍ ، فَصَبَرَ عَلَيْهِنَّ ، وَأَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَتِهِ كُنَّ لَهُ حِجَابًا مِنْ النَّارِ يَوْمَ الْقِيَامَةِ ) މާނައަކީ: "ތިން އަންހެންދަރިންލިބި، އެކުދިންގެ ތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނު ހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުން ނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ".
ބޮޑުދައިތަ އެއްގެ ގޮތުން އަދި އުޚްތެއްގެ ގޮތުންވެސް އިސްލާމްދީންވަނީ އަންހެނުން މާތް ކުރައްވާފައެވެ. ރަޙިމްގެ ގުޅުން ބޭއްވުމަށް އަމުރުކުރައްވާ ބާރު އެޅުއްވިއެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާ ނުލުމަށާއި، އެކަމުގެ ހުރި ނުބައިކަން އުއްމަތަށް ބަޔާންކޮށްދެއްވާ އިންޛާރު ދެއްވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (يَا أَيُّهَا النَّاسُ ، أَفْشُوا السَّلامَ ، وَأَطْعِمُوا الطَّعَامَ ، وَصِلُوا الأَرْحَامَ ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ ، تَدْخُلُوا الْجَنَّةَ بِسَلامٍ) މާނައަކީ: "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް ސަލާމްގޮވާ އުޅޭށެވެ. އެކަކު އަނެކަކަށް ކާންދީ ހަދާށެވެ. މީސްތަކުން ނިދާފައި ތިއްބާ ރޭގަނޑު ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއި އެކު ސުވަރުގެ އަށް ވަދެވޭނެއެވެ".
ގުދްސިއްޔަ ޙަދީޘެއްގައި ރަޙިމް އާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (مَنْ وَصَلَكِ وَصَلْتُهُ ، وَمَنْ قَطَعَكِ قَطَعْتُهُ) މާނައަކީ: "ރަޙިމްގެ ގުޅުން ދަމަހައްޓައިފި މީހަކަށް ތިމަން ﷲ ގުޅުން ދަމަހައްޓަވާނަމެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާލައިފި މީހަކާ ތިމަން ﷲ ގުޅުން ކަނޑުއްވާ ހުށީމެވެ".

އަންހެނެއްގެ ކިބައިގައި މިހުރިހާ ޞިފަތަކެއް އެއްވުމަކީ ގާތް ކަމެކެވެ. އޭނާ އަކީ އަންހެން ކުއްޖެކެވެ. ދައްތަ އެކެވެ. މަންމައެކެވެ. ބޮޑުދައިތަ އެކެވެ. މިހުރިހާ ޙައްޘިއްޔަތެއް އެއްވުމުން އަންހެނާ އަށް ކޮންފަދަ ބޮޑު ދަރަޖައެއްތޯއެވެ؟!

އެހެންކަމުން، އިސްލާމްދީނުގައި ވަނީ އަންހެނާގެ މަގާމާއި ދަރަޖަ އުފުއްލަވާފައެވެ. އަދި އަންހެނުންނާއި ފިރިހެނުން ގިނަ ކަންތައްތަކެއްގައި ހަމަހަމަ ކުރެއްވިއެވެ. ފިރިހެނުންނާއި އެއްގޮތަށް އަންހެނުންވެސް ﷲ އަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރަންޖެހެއެވެ. އަދި އާޚިރަތުގެ ޖަޒާ ހަމަހަމަ ކުރެއްވިއެވެ. ބަސްބުނުމުގެ ޙައްގު އެކަނބަލުންނަށް ދެއްވިއެވެ. ﷲ ގެ މަގަށް ގޮވާލާ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމަށް އެންގެވިއެވެ. ވިޔަފާރި ކުރުމުގެ ޙައްގު ދެއްވިއެވެ. ވާރުތަ މުދާ ލިބުމުގެ ޙައްގު ދެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލާ އެއްވެސް މީހަކަށް އެކަނބަލުންގެ މުދާ އަތުލައި ނުގަނެވޭނެކަން އެންގެވިއެވެ. ޢިލްމު އުނގެނުމުގެ ޙައްގު ދެއްވިއެވެ. އަދި ދުނިޔަވީ ރިވެތި އުޅުމެއް ވޭތު ކުރުމުގެ ޙައްގު ދެއްވިއެވެ. އެއްވެސް ގޮތަކުން އެކަނބަލުންނަށް އަނިޔާވެރިވުން މަނާ ކުރެއްވިއެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ކަންތައް ހުރި ގޮތާއި އިސްލާމްދީނުގައި އަންހެނުންގެ ޙައްގުތައް ދެއްވާފައި ހުރި ގޮތް އަޅާ ކިޔައިފިމީހަކަށް މިކަންތައްތަކުގެ ޙަގީގަތް ފެނިގެންދާނެއެވެ. އަދި އިސްލާމްދީނުގައި އަންހެނުން މާތް ކުރެއްވި ވަރަށް އެހެންއެއްވެސް ދީނެއްގައި އަދި ޝަރީޢަތެއްގައި ވެސް އެކަނބަލުން މާތް ކުރައްވާފައެއް ނުވެއެވެ.
ޔޫރަޕްގެ މީހުން އަންހެނުންނާއި މެދުގައި ދެކެމުން އައި ގޮތާއި މެދުގައި ވިސްނާލަމާތޯއެވެ. 585މ. ގައި ފަރަންސޭސިން އަންހެނުންގެ ކަންތައްތަކާއި ބެހޭގޮތުން ބައްދަލުވުމެއް ބޭއްވިއެވެ. އެއަންހެނާގެ ރޫޙެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ރޫޙެއްވީނަމަވެސް، އެއީ އިންސާނެއްގެ ރޫޙުތޯ ނުވަތަ ޙައިވާނެއްގެ ރޫޙުތޯ ބެލުމަށެވެ. އެންމެ ފަހުން އެބައްދަލުވުމުގައި އެބައިމީހުން ނިންމީ އަންހެނުންނަކީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށްޓަކައި ހައްދަވާފައިވާ ބައެއް ކަމަށެވެ.

ހެންރީ 8 ގެ ދުވަސްވަރުގައި އިނގިރޭސި ވިލާތުގެ ޕާލިމެންޓުން ނެރުނު ބަޔާނެއްގައިވަނީ އެބައިމީހުންގެ މުގައްދަސް ފޮތް ކަމުގައިވާ "އިންޖީލު" ކިޔެވުމަކީ އަންހެނުންގެ މައްޗަށް މަނާވެގެންވާ ކަމެއްގެ ގޮތުގައެވެ. ސަބަބަކީ އެކަނބަލުންނަކީ ނަޖިސް ބަޔަކަށްވާތީވެއެވެ.

1805 ވަނަ އަހަރާ ހަމަ އަށް އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން ފިރިމީހާ އަށް އޭނާގެ އަންހެނުން ވިއްކާލުމުގެ ޙައްގު ލިބިގެންވެއެވެ. އަދި އެބައިމީހުން އަންހެނާގެ އަގެއް ކަމުގައި ކަނޑައަޅާފައިވަނީ އެންމެ 6 ޕައުންޑެވެ.
މިފަހުގެ ޒަމާންތަކުގައިވެސް ޔޫރަޕް މީހުން އަންހެން ކުދިންނާއި މެދުގައި ދެކެމުން އައި ގޮތަކީ ޢުމުރުން 18 އަހަރު ފުރުމުން ޢާމްދަނީ ހޯދުމަށް ގެއިން ނިކުތުން މަޖްބޫރު ކުރުވުމެވެ. ނުނިކުމެ ގޭގައި ތިބެއްޖެނަމަ، ކޮޓަރީގެ ކުއްޔާއި ކެއިންބުއިމުގެ ޚަރަދު މައިންބަފައިންނަށް ދޭންޖެހެއެވެ.

އެހެންކަމުން، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޝަރަފާއި މާތް ކަން އެހެން ބަޔަކަށް ދެވޭނީ ކިހިނަކުންތޯއެވެ؟!

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment