5.21.2011

ޝަރުޠުކުރި ކައިވެނި

އަލްއުޚްތު ބިންތު ޢަބްދުﷲ ޢަބްދުލްޣަނީ
ކައިވެނިކުރަން ބޭނުންވެފައިވާ ވަރަށް ރީތި އަންހެނަކު ވިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ވަރަށް ހެޔޮލަފާ ތަޤްވާވެރި ފިރިއެއްކަމުން، ކޮންމެދުވަހަކު ހަތިމެއްކުރާ، މުޅި އަހަރު ދުވަހު ރޯދަ ހިފާ އަދި ކޮންމެ ރެއަކު ހޭލާހުރެ ﷲއަށް އަޅުކަންކުރާ މީހަކާ އޭނާ ކައިވެނިކުރާނޭ ކަމަށް ބުންޏެވެ.

އެއީ ރީތި އަންހެނެއްކަމުން ވަރަށް ގިނަ ފިރިހެނުން އޭނާގެ ކައިވެންޏަށް އެދިއެދި ތިއްބެވެ. ނަމަވެސް އޭނާ ކަނޑައަޅާފައިވާ ކަންކަން ނުކުރެވޭނެތީ އެމީހުން ހަމަހިމޭނުން ތިއްބައި، ފިރިހެނަކު ކުރިއަށްޖެހި އޭނާއަށް އެކަން ކުރެވޭނޭކަމަށް ބުންޏެވެ. އެހެންކަމުން އިމާމްމީހާ އެދެމީހުންގެ ކައިވެނިކޮށްދިނެވެ. ކައިވެނީގެ ފުރަތަމަރޭ ފާއިތުވެގެންގޮސް އަނެއްރެއަށް އެޅި އިރުވެސް އަނބިމީހާއަކަށް އޭނާގެ ފިރިމީހާ ޤުރުޢާން ކިޔަވާތީވެސް، ރޯދަ ހިފާތީވެސް އަދި ރޭގަނޑު ހޭލާހުރެ ﷲ އަށް އަޅުކަންކުރާތީވެސް ނުފެނެއެވެ. މިކަންކަން ބަދަލުވޭތޯ ދެތިން ހަފްތާއަކު މަޑުކޮށްލުމަށް އަނބިމީހާ ނިންމިއެވެ. ނަމަވެސް އޭނާގެ ފިރިމީހާގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުމުން ކޯޓަށް މައްސަލަ ހުށަހަޅާ ވަރިވުމަށް އެދުނެވެ.

އެދެމީހުން ޤާޟީގެ އަރިހަށް ހާޟިރުކުރެވުމުން ޤާޟީ އެއްސެވިއެވެ. "ކައިވެނީގެ ޝަރުތުތަކަކީ ކޮބާހެއްޔެވެ؟" ފިރިހެންމީހާ ޖަވާބުދިނެވެ. "އެއީ އަހަރެން ކޮންމެ ދުވަހަކު ޚަތިމެއް ކުރުމަށާއި، މުޅި އަހަރުދުވަހު ރޯދަ ހިފުމާށާއި ކޮންމެ ރެއަކު ހޭލާހުރެ ﷲއަށް އަޅުކަންކުރުމެވެ." ޤާޟީ އެއްސެވިއެވެ. "ކަލޭ އެކަންކަން ފުރިހަމަކުރަން ހެއްޔެވެ؟" އޭނާ ބުންޏެވެ. "އާއެކެވެ." ޤާޟީ ވިދާޅުވިއެވެ. "ކަލޭ ތިހަދަނީ ދޮގެވެ. ކަލޭ އެއްވެސް ކަމެއް ނުކުރާކަމުގައި ކަލޭގެ އަނބިމީހާ އެބަބުނެއެވެ. އޭނާ ވަރިވުމަށް އެ އެދެނީވެސް އެހެންވެގެންނެވެ."
ނަމަވެސް ފިރިހެންމީހާ އޭނާ އެކަންކަން ކުރާކަމުގައި ތަކުރާރުކޮށް ބުނަމުންދިޔައެވެ. އެހެންކަމުން ޤާޟީ އެއްސެވިއެވެ. "ކަލޭ ކޮންމެ ދުވަހަކު ޚަތިމެއް ކުރަން ހެއްޔެވެ؟" ފިރިހެންމީހާ ޖަވާބުގައި ބުންޏެވެ. "އާއެކެވެ." ގާޟީ ހައިރާންވެވަޑައިގެންފައިވާފަދަ ރާގެއްގައި އެއްސެވިއެވެ. "ކިހިނެއް ހެއްޔެވެ؟ ކަލޭ އެކަންކަން ކުރަނީ ކިހިނެއް ހެއްޔެވެ؟" ފިރިހެންމީހާ ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ. "އަހަރެން ކޮންމެ ދުވަހަކު ސޫރަތުލް އިޚްލާސް ތިން ފަހަރު ކިޔަވަމެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާގޮތުން ސޫރަތުން އިޚްލާޞްއަކީ ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައެވެ. (އެހެންކަމުން ތިންފަހަރު ކިޔެވުމުން ކީރިތި ޤުރުއާން އެއްކޮށް ކިޔެވުނީއެވެ)"

ޤާޟީ ވަރަށް ހައިރާންވެ ލެއްވިއެވެ. އަދި އެއްސެވިއެވެ. "މުޅި އަހަރު ދުވަހު ރޯދަ ހިފަނީ ކިހިނެއް ހެއްޔެވެ؟" އޭނާ ޖަވަބުގައި ބުންޏެވެ. "އަހަރެން ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފަމެވެ. އަދި ޝައްވާލު މަހުގެ ހަރޯދަ ހިފަމެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާ ގޮތުން ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފުމައްފަހު ޝައްވާލު މަހުގެ ހަރޯދަ ހިފައިފިމީހާ މުޅި އަހަރުދުވަހު ރޯދަހިފި ފަދައެވެ."

ޤާޟީ ވަރަށް ހަމަހިމޭންވެ އިންނެވިއެވެ. އަދި އޭނާ އެބުނާ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެކޭ ބުނެވޭކަށް ނެތް ކަންވެސް ޤާޟީއަށް އެނގިލައްވައެވެ. އެހެންކަމުން އެންމެ ފަހުން ޤާޟީ އެއްސެވިއެވެ. " ކަލޭ މުޅިރޭ ހޭލާހުރެ ﷲއަށް އަޅުކަންކުރަނީ ކިހިނެއް ހެއްޔެވެ؟" މިސުވާލުގެ ޖަވާބު ނުދެވޭނެ ކަމަށް ޤާޟީ ހީފުޅު ކުރެއްވިއެވެ. ނަމަވެސް ފިރިހެންމީހާ ކުރިއަށްވުރެވެސް ހަމަޖެހިލުމާއެކު ޖަވާބު ދިނެވެ. "އަހަރެން ކޮންމެ ދުވަހެއްގެ އިޝާ ނަމާދާއި ފަތިސް ނަމާދު ކުރަނީ ޖަމާޢަތުގައެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާގޮތުން ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭ ﷲއަށް އަޅުކަންކުރުމުގައި ހޭލާހުރިފަދައެވެ."

ޤާޟީ ޙައިރާންވެގެން އެމީހާޔާދިމާއަށް ބައްލަވަން އިންނެވިއެވެ. އަދި އެންމެ ފަހުގެ ހުކުމް އިއްވަމުން ވިދާޅުވިއެވެ. "ދާށެވެ. ދާށެވެ. ތިޔަކައިވެނީގައި އެއްވެސް މައްސަލައެއް ނެތެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

3 comments:

  1. ماشاءالله , ވަރަށް ޢިބުރަތްތެރި ، ވަރަށް ރީތި . جزاك الله خبرا

    ReplyDelete
  2. its amazin! subhaanAllah!

    ReplyDelete
  3. ސުބުޙާނަﷲ

    ReplyDelete