7.03.2011

ފުރާވަރު

އަލްއަޚް އާސް ޢަބްދުﷲ
ފުރާވަރު އުމުރަކީ ކުދިންގެ އުޅުމަށް އިންޤިލާބެއް ގެނުވާ އުނދަގޫ ދުވަސްވަރެކެވެ. ވުމާއެކު ބެލެނިވެރިން އެމީހުންގެ ދަރިންނަށް ފުރާވަރު އުމުރުގައި ޚާއްޞަ ސަމާލުކަމެއް ދިނުން މުހިއްމެވެ. މި އުމުރުގައި ކުދީންގެ އުޅުމަށް ޙާއްޞަ ސަމާލުކަމެއް ނުދެވިއްޖެނަމަ، ކުއްޖާގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އައިސް ގޯޅި އެޅުން އޮންނާނީ ދާދި ގާތުގައެވެ.

ފުރާވަރު އުމުރުގެ ކުދިން، ބެލެނިވެރިންނާއި، ދަރިފުޅާއިދެމެދު، ބަދަހި އިތުބާރު ހިފޭ ގުޅުމެއް ޤާއިމް ކުރެވިފައިވާނަމަ ފުރާވަރު އުމުރުގައި ކުއްޖާ މަގުގެއްލިގެން ދިއުން ދުރެވެ. އަދި ބެލެނިވެރިންނާއި ދަރިންނާއި ދެމެދު މި ދެންނެވި ފަދަ ގުޅުމެއް ޤާއިމްކުރެވިފައިވާނަމަ ފުރާވަރު އުމުރުގައި ކުދީންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ބޮޑު ބާރަކަށް މިކަން ވެގެންވެދާނެއެވެ.

މި އުމުރުގެ ގިނަ ކުދިންނަށް އިޙްސާސްކުރެވޭ ގޮތުގައި ފުރާވަރު އުމުރުގައި އެކުދީންނަށް ކުރިމަތިވާ ގިނަކަންތައްތައް ބެލެނިވެރިންނަށް ވަޒަންނުކުރެވެއެވެ. މީގެ ސަބަބުން ބެލެނިވެރިންނާއި ދަރީންނާއި ދެމެދު އޮންނަންވާ ގުޅުމަށް ބުރޫއަރައެވެ. ވުމާއިއެކު މި އުމުރުގައި ކުދިންގެ އިޙްސާސްތައް ދެނެގަނެ އެކުދީންނާއި ބަދަހި ގުޅުމެއް ބޭވުން މުހިއްމެވެ.
ހަމައެކަނި ބެލެނިވެރިއަކަށް ނުވާށެވެ. ރަޙުމަތްތެރިއަކަށް ވެސް ވާށެވެ:

ފުރާވަރު ކުދިންނާއި މުޢާމަލާތް ކުރާއިރު ބެލެނިވެރިންނަކީ ކުދިންގެ ރަޙްމަތްތެރިއެއް ކަމަށް އިޙްސާސްވާ ގޮތަށް މުޢާމަލާތް ކުރުން މުހިއްމެވެ. ކުއްޖާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ ހިތްވަރު ދިނުން މުހިއްމެވެ. މީގެ އިތުރުން ކުއްޖާގެ ޝަޙްޞިއްޔަތު ބިނާކުރުމުގައި އެހީތެރިވެދެއެވެ. ފުރާވަރު އުމުރުގެ ކުދިންނާއި މުޢާމަލާތު ކުރާއިރު ބޮޑެތި މީހުންނާ މުޢާމަލާތު ކުރާގޮތަށް މުޢާމަލާތު ކުރުން މުހިއްމެވެ. މީގެ މާނައަކީ ޢާއިލާގެ އެކި ޙަރަކާތް ތަކުގައި ދަރިފުޅު ބައިވެރިކުރުމާއި ކަންކަމުގައި ދަރިފުޅުގެ ޙިޔާލާއި މަޝްވަރާ ހޯދުމެވެ.

ދަރިންގެ އަޑު އަހާށެވެ:
މީގެ މާނައަކީ ހަމައެކަނި އަޑު އެހުމެއް ނޫނެވެ. އަޑު އަހާ ދެނެގަތުމެވެ. ދަރިންގެ ވާހަކަ އަޑުއަހާ، ދެނެގަނެ، ވިސްނުމުން ކުއްޖާގެ ފިކުރުތަކާއި އަމާޒުތައް ދެނެގަނެވި، މިކަންކަމާއި އެހީތެރިވުމަށް ފަސޭހަވެގެންދާނެއެވެ. އަދި ދަރީންގެ ވާހަކަ އަޑުއެހުމުގެ ސަބަބުން ބެލެނިވެރިންނާއި ދަރީންނާއި ދެމެދު ވާގުޅުން ބަދަހިވެ އިތުބާރު އުފެދި ކުދިންނަށް ދިމާވާ ކަންކަމުގައި ގޮތް ނޭނގޭ މީހުންގެ ފަރާތުން މަޝްވަރާ ހޯދުމުގެ ބަދަލުގައި ބެލެނިވެރިންނާ މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިނިވަންކަމަކީ ޙަޤީޤީ ގޮންޖެހުމެކެވެ:
ތިބާއާއި ތިބާގެ ދަރިފުޅާއި ދެމެދު އާދައިގެ ހަމަޖެހޭ ގުޅުމެއް ބިނާކުރާށެވެ. ދަރިފުޅުގެ އަޑު އަހާށެވެ. ދަރިފުޅުގެ ޚިޔާލު ފާޅުކުރުމަށް ޖާގަ ދޭށޭވެ. އެ ޚިޔާލަށް އިޙްތިރާމް ކުރާށެވެ. ނަމަވެސް ފަހުބަސް ބުނަންވާނީ ތިބާއެވެ. ކުއްޖާއަށް އިޙްތިރާމް ކުރިވަރަކަށް ކުއްޖާ ތިބާޔަށް އިޙްތިރާމް ކުރާނެއެވެ. ތިބާގެ ޚިޔާލާއި އެއްގޮތް ނުވި ނަމަވެސް ދަރިފުޅުގެ ޚިޔާލަށް ފުރްޞަތު ދޭށޭވެ. ނަމަ ނަމަ ދަރިފުޅު ވިސްނާގޮތަށް، އެނާގެ ތަބީޢަތަށް ނުވަތަ އޭނާގެ މިޒާޖަށް ފާޑު ނުކިޔާށެވެ. މީގެ ސަބަބުން ބެލެނިވެރިއާއާއި ފުރާވަރު އުމުރު ކުއްޖާއާއި ދެމެދު އުފެދިގެން ނުވާނޭ ފަދާ ދުރުކަމެއް އުފެދިދާނެއެވެ.

ރަނގަޅު މިޘާލު ދައްކާށެވެ:
ފުރާވަރު އުމުރުގެ ކުދިން އަބަދުވެސް އެހެން މީހަކު ކޮޕީ ކުރުން ގާތެވެ. ވުމާއެކު ބެލެނިވެރިން ވާންވާނީ ކުދިންނަށް ވަރަށް ރަނގަޅު ނަމޫނާއަކަށެވެ. ސަބަބަކީ ކުއްޖާގެ މިޒާޖާއި އުޅުން ބައްޓަން ވުމުގައި ބެލެނިވެރިން ދައްކާ ނަމޫނާ، މުހިއްމު ދައުރެއް އަދާކުރާތީއެވެ. އަދި ދަރީންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ސިޔަރަތު އުނގަންނައިދީ ކިޔައިދިނުން މުހިއްމެވެ. އެހެނީ ދަރިފުޅު ރެސްލިން ތަޅާ މިހެއްގެ ޕްރޮފައިލް ހޯދާ އޭނާއަށް ސަޕޯޓް ކުރާނަމަ ކުއްޖާއަށް ކޮޕީ ކުރެވެން އުޅޭނީ އޭނާގެ ގޮތެވެ.

ރަނގަޅު ރަޙުމަތްތެރިއެއް ހޯދާދޭށެވެ:
ފުރާވަރު އުމުރުގެ ކުދިން ބައެއް ޙާލަތްތަކުގައި އެކުދިންގެ ރަޙްމަތްތެރިން، ދައްކާ ވާހަކަ، ބެލެނިވެރިން ދައްކާ ވާހަކައަށް ވުރެ ފަސޭހައިން ޤަބޫލުކުރެވެއެވެ. ވުމާއެކު ކުއްޖާއަށް ރަނގަޅު ރަޙްމަތްތެރިއެއް ހޯދައިދީ މިފަދަ ރަޙްމަތްތެރިންނާއިއެކު އުޅުމަށް ބާރު އަޅާށެވެ.

ހެޔޮލަފާ ކަންކަމުގައި މަޝްޣޫލު ކުރުވާށެވެ:
ފުރާވަރު އުމުރުގެ ކުއްޖާގެ ދިރިއުޅުން، ރަނގަޅު ހެޔޮލަފާ ކަންކަން ކުރުމުން ފުރިފައިވާނަމަ ނުރަނގަޅު ކަންތައްތަކާއި މަޝްޣޫލުވެގެން އުޅުމަށް ވަގުތެއް ނޯންނާނެއެވެ. މިޘާލެއްގެ ގޮތުން ކުއްޖާއަށް ލިބޭ ހުސްވަގުތު ތަކުގައި ކޮންމެވެސް ރަނގަޅު ފޮތެއް ކިއުމަށް ބާރުއެޅިދާނެއެވެ. އަދި ޢާއިލާގެ ކަންތަކުގައި ފުރާވަރު އުމުރުގެ ކުދީންގެ ބައިވެރިވުން އިތުރުކޮށް އޭނާގެ ޚިޔާލާއި މަޝްވަރާ ހޯދާށެވެ.

ފުރާވަރު އުމުރަކީ އެއްގޮތަކުން ބަލާއިރު ދަރިފުޅުގެ ދިރިއުޅުން ވަކިގޮތަކަށް ބައްޓަންވެގެންދާ އުމުރެކެވެ. މި އުމުރުގައި ކުއްޖާއަށް ރަނގަޅު މިސާލު ދައްކާ، ކުއްޖާއަށް ދިމާވާ ކަންތަކުގައި ބެލެނިވެރިން ކުއްޖާއާއި އެކު ހިއްސާކޮށް މަޝްވަރާއާއި ލަފާދީ ހެޔޮ ތަރުބިއްޔަތު ދެވިއްޖެނަމަ ދަރިން ބޮޑެތިވެގެން މަގު އޮޅިގެން ދިއުން ނުހަނު ދުރެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން ފެންނަމުން މިދަނީ ފުރާވަރުގެ އުމުރުގައި ދަރިންނާއި މެދު އިހުމާލުވުމުގެ ހިތި ނަތީޖާއެވެ.
..........
މަޞްދަރު: ދަރުމަ މަޖައްލާ

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: