9.22.2011

ބެލުން ތިރި ކުރި މީހެއް

އަލްއުޚްތު މުސްލިމާ
އެއްދުވަހެއްގައި ޞާލިޙު މީހަކު އޭނާގެ ދަރިވަރަކާއި އެކީ ގެއަކަށް ގޮސް ކެއެވެ. އަދި ކައިނިމުމަށްފަހު އެ ދަރިވަރު އުސްތާޛާއެކު ނިކުމެއްޖެއެވެ. އަދި އެދަރިވަރު ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. ފިރިހެނުންގެ އަތް ދޮވުމަށްޓަކައި އަންހެނުން ފެން އަޅާ ދިނުމީ ރީތި ގޮތެއް ނޫނެވެ. އެމީހުން ކައި ނިމުމުން ގޮސް އަތް ދޮވުނިމަ ވީ ނޫން ހެއްޔެވެ." އަންހެނުން ފިރިހެނުންގެ އަތް ދޮންނަން ފެން އެޅުން އެދަރިވަރަށް ޢައިބަކަށްވިއެވެ. އެހިނދު އުސްތާޛު ބުންޏެވެ. " އަހަރެން މިގެއިން ކާތާ 10 އަހަރަށް ވުރެ ގިނަވެއްޖެއެވެ. އެހެންނަމަވެސް އެފެން އަޅަނީ އަންހެނެއްކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެއެވެ."

މީހަކު އޭނާގެ ބެލުން ތިރިކޮށްފިނަމަ 3 ކަމަކުން ރައްކާތެރިކަންލިބިދެއެވެ. އެއީ ޙަރާމް ތަންތަނަށް ބެލުމުން ތިބާގެ ލޯ ސަލާމަތްވެއެވެ. އަދި އޭނާގެ ދުލުގައި ﷲ ޙިކުމަތްތެރިކަން ލައްވައެވެ. އަދި ޤިޔާމަތް ދުވަހުން އޭނާގެ މައްޗައް އެއްވެސް މީހެއްގެ ދަރަންޏެއް ނޯންނާނެއެވެ. ސަބަބަކީ ތިބާ ކޮންމެ ފަހަރަކު މުސްލިމެއްގެ ޙުރުމަތްތެރިވެގެންވާ ތަނަކަށް ބަލައިފިނަމަ، ތިބާގެ ހެޔޮ ޢަމަލުތަކުން ބައެއް ނަގާލެވޭނެއެވެ. އަދި އެ ހަމަހަމަކޮށް ބަހާލެވޭނެއެވެ.

ޙާތިމް އަކީ މެދުކެނޑުމެއްނެތި 30 އަހަރަށްވުރެ ގިނަދުވަސް ވަންދެން ޝަޤީޤުލް ބަލްޚީގެ އަރިހުގައި ދީން ކިޔެވުމަށް ހޭދަކުރެއްވި ބޭކަލެކެވެ. 30 އަހަރު ފާއިތުވިފަހުން އެއްދުވަހަކު އެގެއަށް މީހަކު އައެވެ. އައުމުން ޝަޤީޤުގެ އަނބިކަބަލުން ދޮރު ހުޅުވިއެވެ. އަދި އެނބުރި ދިއުމުން ގެއަށް އައީ ކާކުތޯ އެއްސެވެ. އަނބިކަނބަލުން ޖަވާބު ދެއްވީ އެއީ ތިބާގެ ލޯފަން އެކުވެރިޔާ ކަމަށެވެ. އެހިނދު ޝަޤީޤު ވިދާޅުވީ އެބޭފުޅާގެ އެއްވެސް ލޯފަން ރަޙުމަތްތެރިއެއް ނުހުންނާނެ ކަމަށެވެ. އެއަށްފަހު ބޭރަށް ނިކުތުމުން ފެނިވަޑައިގަތީ ޙާތިމެވެ. އަދި ޙާތިމަށް ދެންނެވިއެވެ. އަހަރެންގެ އަނބިމީހާ ހީކުރީ ތިޔައީ ލޯފަން މީހެއް ކަމަށެވެ.

30 އަހަރު ވަންދެން އޭނާގެ ރަޙުމަތްތެރިޔާގެ ގެއަށް ޒިޔާރަތްކޮށް އުޅުނު އިރުގައި އޭނާގެ ރަޙުމަތްތެރިޔާގެ އަންހެނުން ހީކުރީ އެއީ ލޯފަން މީހެއް ކަމުގައެވެ.

އިސްލާމްދީނުގައިވާ ޤަޟިއްޔާއަކީ "ފަރުވާ އަށް ވުރެ ރައްކާތެރިވުން މޮޅެވެ." އެހެންކަމުން ތިބާ ގެއެއްގެ ދޮރުގައި ޓަކި ޖެހުމަށްފަހު ދޮރަށް ފުރަގަސްދީގެން ހުންނާށެވެ. އަދި އެގޭގެ ކަނާތް ފަރާތުގައި ހުރެ ސަލާމް ގޮވާށެވެ. އަދި އެއީ ކާކުތޯ އެހިއްޖެނަމަ ނަން ބުނާށެވެ.

ނަބީ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅުގެ ދޮރުކޮޅުގައި މީހަކު ޓަކި ދިނެވެ. އެހިނދު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ކާކު؟" ޖަވާބު ދެވުނެވެ. "އަހަރެން." އެހިނދު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އަހަރެން، އަހަރެން." އެކަލޭގެފާނު އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވިހެން ދޭހަވާ ކަހަލަ ގޮތަކަށެވެ.
"އަހަރެން" އެގޮތަށް ބުނީ އިބްލީހެވެ. އޭނާ ބުނީ : (أَنَا خَيْرٌ مِنْهُ) މާނައީ: އޭނާ (އެބަހީ އިބްލީސް) ބުންޏެވެ. އަހަރެން އޭނާ (އާދަމްގެފާނު) އަށްވުރެ ހެޔޮވެގެންވެއެވެ."

އެހެންވީމާ ނަން ބުނާށެވެ. އެވެނި މީހެއްގެ ދަރި އެވެނި މީހެކެވެ. އަދި ދޮރު ހުޅުވާފައި އެތެރެއަށް ވަނުމަށް ދަޢުވަތު ދިނުމުން މަޑުމަޑުން (އަވަސް އަރައި ނުގަނެ) ދާށެވެ. އަދި ދެވަނަ ފަހަރަށް ވަންނަން ބުނުމުން ވަދެ މަޑުކުރާށެވެ. އަދި ގޭގެ ވެރިމީހާ ތިބާއަށް އިށީންނާނެ ތަނެއް ދެއްކުމުގެ ކުރިން ނީށީންނާށެވެ. މިއީ އަދަބުތަކުގެ ތެރެއިންވާ ކަންކަމެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: