9.23.2011

ކޮންމެ މުސްލިމް އުޙްތެއްގެ ޙައްޤެއް

އަލްއުޚްތު ބިންތު ޢަލީ
މުޖްތަމައެއްގައި އަންހެނުންނަކީ އެމުޖްތަމައެއްގެ ޝަރަފާއި ޢިއްޒަތެވެ. މަޖްދާއި ކަރާމާތެވެ. އެކަނބަލުންގެ ކާމިޔާބީއަކީ މުޅި މުޖްތަމައުގެ ކާމިޔާބީއެވެ. އެކަނބަލުންގެ ކުރިއެރުމަކީ މުޖްތަމަޢުގެ ކުރިއެރުމެވެ. އެކަނބަލުންގެ ބުރުސޫރައާއި ހަށިގަނޑުގެ ބައްޓަން އިޝްތިހާރުކޮށް ފިރިހެނުންގެ ތެރޭގައި ނީލަން ކިޔުމަކީ ފަހަރެއްގައިވެސް ކުރިއެރުން ކަމުގައި ދެކިގެން ނުވާނެއެވެ. އެއީ އެކަނބަލުންގެ ކަރާމާތް ވެއްޔާއި މޮޑެލުމެވެ. ޢިއްޒަތާއި ކުޅުމެވެ.

މުސްލިމް އަންހެނުން މުޅި ހަށިގަނޑު ނިވާކޮށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއެކުގައި ތިބުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވާފައިވެއެވެ. އަދި މިއަދު ﷲގެ ރަހުމަތުން އަޅުގަނޑުމެންގެ ގައުމުގައި ވަރަށް ގިނަ އުޙުތުން އިސްލާމީ މިންގަނޑާ އެއްގޮތަށް ފޭރާން އަޅުއްވަމުން ގެންދަވާކަން އުފަލާއެކު ފާހަގަކުރަމެވެ. ނަމަވެސް ހިތާމައަކީ މިފަދަ އުޚްތުން މުޖްތަމައުން ބާކީ ކުރެވިފައިވުމެވެ. ކީއްވެގެން ކަމަށްތޯއެވެ؟ އިސްލާމީ ޖިލްބާބުން ޙިޖާބުވެފައި ވީކަމަށްޓަކައެވެ.

މިއަދުގެ މުޖްތަމަޢުގައި މިފަދަ އުޙްތަކަށް ކިޔެވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އިސްލާމީ ގިއުގަނޑުގެ ތެރޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ހައިރާންވާންޖެހޭ ތަންކޮޅަކީ ނިވާކަންކުޑަ ހެދުން ލާ މީހުންނަށް މިފަދަ ފުރުޞަތުތައްހުޅުވާލެވިފައިވުމެވެ. މީހަކު ލާ ހެދުމެއްގެ ސަބަބުން އެމީހާ ޙައްޤުތަކަކުން މަޙްރޫމްކުރުމަކީ ކިހާ ބޮޑު ބޭ އިންސާފެއްތޯއެވެ؟

ސަރުކާރުގެ އިދާރާތަކުގައްޔާއި މުއައްސަސާތަކުގައި އަދި އެއްވެސް އޮފީހެއްގައި މިކަމަށް ހުރަސްއެޅިފައި އޮވެގެން ނުވާނެއެވެ. ޚާއްސަ ގޮތެއްގައި އެޑިއުކޭޝަން މިނިސްޓްރީންނާއި ދީނީ މުއައްސަސާތަކުން މިކަމާއިމެދު ވިސްނާ ވަޑައިގަތުމަކީ މުހިއްމު ކަމެކެވެ.

މުސްލިމުންނަށް އެބައިމީހުންގެ ދީނަށް އުޅުމުގެ ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ކަމާބެހޭ ފަރާތުން ދެއްވުމަކީ އެބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެކެވެ.

ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކަށް ޢަމަލުކުރުމުގެ މަގު ބަންދުކޮށްފައި އޮތުމަކީ ބަންދުކުރާ ބަޔަކަށް ނުވަތަ އެދޮރު ބަންދުކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެދުނިޔޭގައި ލަޢުނަތްލައްވާނެ ކަމެކެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި އެކަލާނގެ މަގަށް ތަބަޢަވުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އާމީން.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: