9.25.2011

ދިވެހި މުޖުތަމަޢުގެ މައިންގެ ޙާލަތު

އަލްއުޚްތު ނިއުމާ ހާރޫން
އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ ބައެކެވެ. ނަމަވެސް މިކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯއެވެ!އަޅުގަނޑަކީވެސް ތިބާފަދަ އަންހެނަކީމެވެ. މި މުޖުތަމަޢުގެ ގިނަ އަންހެނުންގެ މިޒާޖާއި ސުލޫކު ހުންނަގޮތުން އަޅުގަނޑު ހައިރާން ވެއްޖެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. އަޅުގަނޑު މި ލިޔުމުގައި ފާހަގަ ކޮށްލާނީ މި މުޖުތަމަޢުގެ ހުރިހާ އަންހެނުން އުޅޭ ގޮތުގެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ޢަދަދެއްގެ އަންހެން ވެރިން އުޅޭ ގޮތުގެ ވާހަކައެވެ.

އޭއުޚްތުންނޭވެ! ތިބާ އަށް އެނގޭ ހެއްޔެވެ؟ މި ކުޑަ ކުޑަ ދިވެހި މުޖުތަމަޢުގެ ޙާލަތު މިއަދު މި އޮތް ގޮތުން،އަޅުގަނޑުމެންގެ ދަރިން އުޅޭ ވިޔާނުދާ އުޅުމުން ތިބާ ތިބާގެ މަސްޢޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ނުކުރާކަން ހާމަވެގެން ދެއެވެ.މިއަދު ތިބާ ތިބާގެ މަސްޢޫލިއްޔަތު ހަނދާން ނެތިއްޖެ ފަދައެވެ. އަންހެނާގެ ވަޒީފާއަކީ ގޭތެރޭގެ ކަންތަށްތަކާއި ، ފިރިމީހާއާއި،ދަރިންގެ ކަންތައްތަށް ބެލެހެއްޓުމެވެ.

ނަމަވެސް،މިކަން މިހެން އޮށްވާ، އެކި އެކި ތަފާތު ތަންތަނުގެ ވަޒީފާއަށް ގޮސް ބޭރުތެރެއަށް ގިނަވެ ގަންނަނީ ކީއްވެގެން ހެއްޔެވެ؟ ލާ ހެދުމަކުން ޢައުރަ ނިވާ ނުވާ ހާލު ބޭރަށް ނުކުންނައިރު މާ ފަހުރުވެރި ވަނީ ހެއްޔެވެ؟މަގުމަތިންދާ ހުރިހާ ފިރިހެން ވެރިން ތިބާ އާއި ދިމާއަށް ކަޅިޖަހާނުލާ ބަލަމުން ދާއިރު ލަދުވެތި ކަމުގެ ޒައްރެއްގެ މިންވަރުވެސް އިހުސާސް ނުވަނީ ހެއްޔެވެ؟ ތިބާގެ ވަނާތަކަކީ މަގުމަތީގައި ނީލަންކިޔޭފަދަ ދަށުދަރަޖައިގެ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ! ތިބާގެ ވަނާތަކަކީ އިތާ މުތަށްވުރެ އަގުބޮޑު އެއްޗެކެވެ. އަގުބޮޑެތި އެއްޗެހި ބަހައްޓަން ޖެހޭނީ މީހުންނަށް އަތްނުލެވޭ ގޮތަށް ނުވަތަ ނުބެލޭ ގޮތަށް ފޮރުވާފައި ކަން ތިބާ އަށް އެނގޭ ނޫންހެއްޔެވެ؟އެހެންކަމުން ބޭރަށްދާއިރު ތިމާގެ އައުރަ ނިވާ ވާފަދަ ދޫ ހެދުމެއް ލުމަށް އާދަ ކުރާށެވެ.

ތިބާ ތިބާގެ ލޯބިވާ ދަރިފުޅު ކާފަރު ފަރަންޖީންނާ ބަލަން ޙަވާލު ކޮށްފައި ވަޒީފާއަށް ދާން ހިތްވަރު ލިބުނީ ކިހިނަކުން ހެއްޔެވެ؟ ތިބާ އެދަރިފުޅުގެ މުސްތަޤުބަލާ ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނަނީ ހެއްޔެވެ.؟ އެދަރިފުޅު ކާފަރު ފަރަންޖީންނާ ބަލަން ޙަވާލުކުރުމުން އެކުދިންގެ އަޤީދާ އަށް ކުރާނެ ނޭދެވޭ އަސަރު ތިބާ އަށް ނޭނގެނީ ހެއްޔެވެ؟ ބޭރުތެރަށް ނުކުމެގެން ތިޔަ އުޅެނީ ތިބާ ކުރާނެ ކަމެއް ގޭގައި ނެތީމާ ހެއްޔެވެ؟ ނޫނެކެވެ!ތިބާ ގޭގައި އުފުލަންޖެހޭ އެތަކެއް މަސްޢޫލިއްޔަތު ތަކެއް ވެއެވެ.ދަރިފުޅަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްދިނުމަށް މަސައްކަތް ކޮށް ގޭގެ ހުރިހާ ކަންތައްތަށް އިންތިޒާމު ކުރުމަކީ ކުޑަ ކަމެއް ނޫނެވެ.

ދެން، ވަޒީފާއަށް ނުގޮސް ގޭގައި ތިބޭ އަންހެން ވެރިންނާމެދު ވިސްނާލަމާބަހީއެވެ!ތިބާގެ ފިރިމީހާ ދުވާލުދާ ހަތަރުދަމު ފައިސާ ހޯދަން ބުރަމަސައްކަތް ކޮށް، ތިބާ ވަޒީފާއަކަށް ނުފޮނުވާ ތިބާ ގޭގައި ބެހެއްޓީ ތިބާގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާނެ ކަމުގެ ފޮނި އުއްމީދާއި އެކުގައި ނޫން ހެއްޔެވެ؟ ނަމަވަސް ތިބާ ތިބާގެ ފިރިމީހާގެ ފޮނި އުންމީދުގައި ކޮޅުފައިން ޖަހާ ޚިޔާނާތްތެރި ވެއްޖެވެ. ތިބާއަކީ ހާދަހާވާ ރަޙުމް ކުޑަ މީހެކެވެ.

ގޭތެރޭގެ މަސައްކަތްތަށް ކުރަން ފަސޭހަޔަކަށް ދަރިފުޅަށް ކާޓޫނު އަޅުވާދީފައި ޓީވީއާއި ދަރިފުޅު ބަލަން ހަވާލު ކުރީމާ ނިމުނީއެވެ.ޓޮމް އެންޑް ޖެރީ،ބެންޓެން ފަދަ ނަންކިޔަން ނޭނގޭހައި ވިޔާނުދާ ކާޓޫނު ބަލައިގެން އެއިން ފެންނަ ގޮތަށް ކުއްޖާ ކަރާޓީ ތަޅަން ފެށީމަ، ރުޅިއަންނަނީ ދަރިފުޅު ދެކެއެވެ.ރުޅި އައިސްގެން ދަރިފުޅަށް އަނިޔާ ކުރާއިރު އެއީ ތިބާގެ ކުށް ކަމުގައި އިޙުސާސް ނުވަނީ ހެއްޔެވެ؟ ދަރިފުޅަށް ފާޑު ފާޑުގެ ލޯބީގެ ލަވަތަށް ދައްކައި ލަވަޔާއި މިއުޒިކާ ދޭތެރޭ ދަރިފުޅުގެ ހިތުގައި ލޯބި ޖައްސާއިރު ތިބާއަށް އެއީ ޙަރާމް ކަމެއްކަން އެނގިފައި ނުވަނީ ހެއްޔެވެ.؟ އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ލަވަޔާއި މިއުޒިކަކީ ޙަރާމް ތަކެތިކަން ތިބާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެކަމަކު ތިބާގެ ޢަމަލުތަށް ހަތް އުޑުގެ މަތިން ގަދަ ކީރިތި ވަންތަ الله ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވާކަން ތިބާ ހަނދުމަނެތުނީއެވެ. ދެން އޮންނާނީ ޑްރާމާ ބެލުމުގެ ގަޑިތަކެވެ. ޓީވީ އިން ދައްކާ ފާޑު ފާޑުގެ ޑްރާމާ ބަލަން ސޮނިވެއްޓިފައި އިންނައިރު ނަމާދު ވަގުތު ފާއިތުވެދާއިރުދެސް ތިބާއަށް ރެޔަކާނުލައެވެ. ދަރިފުޅަށް ތިޔަ ދައްކައި ދެނީ ކޮންފަދަ ނުބައި ނަމޫނާ އެއް ހެއްޔެވެ؟

ހިތާމަހުއްޓެވެ! މި ލޮބުވެތި ވަޠަންގެ މައިންގެ ޙާލަތައިމެދު އަޅުގަނޑު ހިތާމަ ކުރަމެވެ.ކަރުނައަޅައި ރޮމެވެ.ސަބަބެއް ނެތިއެއް ނޫނެވެ.ދަރިން ތަރުބިއްޔަތު ކުރުމުގެ މައިދާނުގައި ތިބާ ވަނީ ފެއިލް ވެފައެވެ. ދަރިން ނަށް އިސްލާމީ ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ތިބާ ވަނީ ނުކުޅެދިފައެވެ.ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ތިބާ ތަޢުބާވުމަށް އަޅުގަނޑު ނަޞޭހަތްތެރިވަމެވެ. ތިބާއަށް ހެޔޮއެދޭ މުސްލިމް އުޚްތެއްގެ ހައިޞިއްޔަތުންނެވެ. ވަގުތު ފާއިތު ނުވަނީސް ތަޢުބާ ވުމަށް އަވަސްވެ ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން الله ސުބުޙާނަހޫ ވަތަޢާލާއީ ތަޢުބާވާ އަޅުންގެ ފާފަތަށް ފުއްސަވާ ދެއްވާ ތަޢުބާވާ އަޅުންދެކެ ލޯބިވެ ވޮޑި ގަންނަވާ ދީލަތިވަންތަ އިލާހެވެ. މިއަދުން ފެށިގެން ތިބާގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް މަސައްކަތް ފަށާށެވެ. އަދި ތިބާގެ ލޯބި ވެތި ދަރިންނަށް އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ޢަޒުމް ކަނޑައަޅާށެވެ. އަދި މި ޢަޒުމްގެ މަތީގައި ހިތްވަރާއެކު ތިބާ ސާބިތުވެ ހުންނާށެވެ. މިކަމުގެ ސަބަބުން މާދަމާ ތިބާ އުފާކުރާނެއެވެ.ތިބާ މަރުވުމަށްފަހު އެދަރިފުޅު ކުރާ ހެޔޮ ދުޢާގެ ސަބަބުން ތިބާގެ ހެޔޮ ޢަމަލުގެ ފަތް ބަރުވެ ތިބާ ސުވަރުގެއަށް ވައްދަވަން الله ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރަށްވާ ދުވަހު ތިބާ އުފަލެއް ނުވާނެ ހެއްޔެވެ؟ ޝައްކެއްނެތެވެ. އެދުވަހުން ތިބާ އުފާ ކުރާނެކަން ޔަގީނެވެ. الله ސުބުޙާނަހޫ ވަތަޢާލާ މި މުޖުތަމަޢުގެ އަންހެން ބޭކަނބަލުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އަދި އެކަނބަލުންނީ ހެޔޮބަސް އަޑުއަހާ ހެޔޮ ބަހާ އެއްގޮތަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށި އެވެ! އާމީން!

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment