10.13.2011

ކައިވެނި

އަލްއަޚް މުޙައްމަދު ސިނާން
ފެށުން
އިންސާނުންގެ މިޒާޖާއި ނުކުޅެދުމުގެ ސަބަބުން އިންސާނާއަކީ އަބަދުވެސް އެކަކު އަނެކަކެއްގެ އެހީއާއި މަދަދަށް ބޭނުން ޖެހިފައިވާ މީހެކެވެ. އެއްވެސް އިންސާނަކީ އޭނަ ބޭނުން ހުރިހާކަމެއް އެކަނިމާއެކަނި ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫނެވެ. ނަތީޖާއެއްގެގޮތުން އިންސާނާއަށް މަޖުބޫރުވެފައިވަނީ، އެއިގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކާއެކު އުޅުމަށެވެ. މިފަދައިން އެއްކޮށްއުޅުމުގައި އެއެންމެންގެ މަޞްލަޙަތަށާއި އަމަންއަމާންކަމަށްޓަކައި ފުރިހަމަ ޤާނޫނެއް އެބައިމީހުންގެ މެދުގައި އޮތުމަށް މަޖުބޫރުކުރެއެވެ.

މިގޮތުން ބަލާއިރު، އެބައިމީހުންގެ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި، އެބައިމީހުންގެ ތެރެއިންވާ އެއްޖިންސުގެ މީހުން އަނެއް ޖިންސުގެ މީހުންނަށް ބޭނުންވެއެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުންގެ ކޮންމެ ޒަމާނެއްގައިވެސް، އަދި ކޮންމެ ދީނެއްގައިވެސް، އަދި ކޮންމެ މުޖުތަމަޢުއެއްގައިވެސް އެބައިމީހުން ޤަބޫލުކުރާ އުޞޫލުތަކެއްގެ މަތީން ކައިވެނިކޮށް އުޅެއެވެ.

މިގޮތުން މުޖުތަމަޢުއެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ އެމުޖުތަމަޢުތަކުގައި ކުރެވޭ ކައިވެނިތައްކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. މިކައިވެނިތައް ބާއްޖަވެރިވެއްޖެނަމަ މުޖުތަމަޢުވެސް ބާއްޖަވެރިވާ ހުއްޓެވެ. މިކައިވެނިތައް ފަސާދަވެއްޖެނަމަ މުޖުތަމަޢުވެސް ފަސާދަވެދާ ހުއްޓެވެ.

އަންނަނިވި ބައިތަކުގައި ކައިވެންޏަކީ ކޮބައިކަމާއި، އިސްލާމްދީނުގައި ކައިވެންޏަށް ދެއްވަވާފައިވާ އަހައްމިއްޔަތަށާއި، އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތަށާއި، މިދީނުގެ ރިވެތި އުޞޫލުތަކާ ޚިލާފަށް ކައިވެނީގެ ނަމުގައި ކުރެވޭ ބައެއް ގުޅުންތަކާއި، ރަނގަޅު ކައިވެންޏަކާ ގުޅިފައިވާ މަޞްލަޙަތުތަކަށާއި، ކައިވެނި ކުރާ ދެބައިވެރިން އެކަކުއަނެކަކަށް ދޭންޖެހޭ މުހިއްމު ޙައްޤުތަކާބެހޭގޮތުން އަލިއަޅުވާލާފައިވާނެއެވެ.

ކައިވެނީގެ ތަޢާރަފެއް
ދިވެހިބަސްފޮތުގައި ބަޔާންކުރެވިފައިވާ ގޮތުގައި، ކައިވެންޏަކީ އަންހެނަކާ ފިރިހެނަކު ފިރިޔަކާ އަންބެއްގެގޮތުގައި ދިރިއުޅުމަށް ދީނީ ހަމަތަކުގެ މަތިން އެދެމީހުން ގުޅުވައިދޭ ގުޅުވައިދިނުމަށް ކިޔާ ނަމެކެވެ. ޢަރަބިބަހުގައި މިގުޅުމަށް ކިޔަނީ “النِّكَاحُ” (ނިކާޙު) އެވެ. މިތަނުގައި ނިކާޙުގެ މާނައަކީ ޢަޤުދެވެ. ޝަރުޢުގައި ނިކާޙުގެ މާނައަކީ ކައިވެނީގެގޮތުން ކުރެވޭ ޢަޤުދެވެ.

އިސްލާމްދީނުގައި ކައިވެނީގެ އަޞްލަކީ ސުންނަތްކަމެކެވެ. ނަމަވެސް ކައިވެންޏަކީ ޙާލަތުނިޔާކުރާގޮތެއްގެ މަތީން ބައެއް ފަހަރަށް ވާޖިބުވެ، އަނެއްބައި ފަހަރަށް މުބާޙުކަމަކަށްވެ، އަނެއްބައިފަހަރަށް މަކްރޫޙަކަމަކަށްވެ، އަދި އަނެއްބައިފަހަރަށް ޙަރާމްވެސްވާ ކަމެކެވެ.

މިގޮތުން ކައިވެނި ދޫކޮށްލައިފިނަމަ ނުބައިކަމަކަށް އަރައިގަނެވިދާނެކަމުގެ ބިރުހީވާނަމަ، އެފަދަމީހެއްގެ މައްޗަށް ކައިވެނިކުރުން ވާޖިބުވާނެއެވެ. ހަމައެފަދައިން ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ޝަހްވަތެއްނެތި އަދި ކައިވެނިކުރުމަށް ބޭނުންޖެހުމަކާއިނުލައި ކައިވެނިކުރުން މުބާޙް (އެބަހީ ހުއްދަ) ވާނެއެވެ. އަދި މިފަދަ ސަބަބަކާހުރެ ކައިވެނިކުރުން މަކްރޫޙަވެސް ވެދާނެއެވެ. މުސްލިމުންނާ ހަނގުރާމަކުރަމުންދާ ކާފަރުންގެ ބިމެއްގައިވާ މުސްލިމަކު، ޟަރޫރަތަކާނުލައި ކައިވެނިކުރުންފަދަ ސަބަބަކާހުރެ ކައިވެނިކުރުން ޙަރާމް ވާނެއެވެ.

އިސްލާމްދީނުގައި ކައިވެނި
މިގޮތުން ހެޔޮގޮތުގައި މީސްތަކުންގެ ދަރިފަސްކޮޅު އިތުރުކުރެވޭނެ މަގުކަމުގައިވާ ކައިވެނީގެ މަގަށް އިސްލާމްދީން ވަނީ އެންމެ ފުރިހަމަގޮތުގައި މަގުދައްކަވާ ދެއްވާފައެވެ. މިދީނުގެ މަތިވެރި ދެދުސްތޫރަކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިވެތިވެގެންވާ ސުންނަތުގައި ވަނީ މިކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((فَانكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلاثَ وَرُبَاعَ)) النساء: ٣ މާނައީ: “އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ)) النور: ٣٢ މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ.”

ހަމައެފަދައިން ކައިވެނިކުރުމަކީ ރަސޫލުބޭކަލުންގެ ސުންނަތެއްކަން ބަޔާންކުރައްވާ ވަޙީކުރައްވަފައިވެއެވެ. ((وَلَقَدْ أَرْسَلْنَا رُسُلاً مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجاً وَذُرِّيَّةً)) الرعد: ٣٨ މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ.” މިފަދަ އެތައް އާޔަތަކުން ކައިވެނިކުރުމުގެ މުހިއްމުކަމަށް ދަލީލުކުރެއެވެ.

ހަމައެފަދައިން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ފުޅުކުރައްވާފައިވެއެވެ. “يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ” މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ.” (ބުޚާރީ 5065، މުސްލިމް 1400)
މިފަދަ އެހެނިހެން ޙަދީޘް، ކައިވެނިކުރުމުގެ މަތިވެރިކަމާއި، ކައިވެނިކުރުމަށް ހިތްވަރު ދެއްވުމާބެހޭގޮތުން ވާރިދުވެފައިވެއެވެ.

ރަނގަޅު ކައިވެންޏަކާ ގުޅިފައިވާ މަޞްލަޙަތުތައް
އިސްލާމްދީނުގައި ދައްކަވާދެއްވާފައިވާ މަތިވެރިގޮތަށް ކުރެވޭ ކައިވެންޏަކީ، އެކަމުގެ ސަބަބުން ފަރުދީގޮތުންނާއި އިޖުތިމާޢީގޮތުން ތަފާތު ފައިދާތަކެއް މުޖުތަމައައް ލިބިގެންދާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އޭގެތެރޭގައި:

1. ކައިވެންޏަކީ ދަރިފަސްކޮޅު ދެމިހުރުމުގެ އަޞްލެވެ. ކައިވެންޏަކީ ދަރިފަސްކޮޅު އިތުރުވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ސަބަބެކެވެ. ކައިވެނީގެ ސަބަބުން ދަރިފަސްކޮޅު އިތުރުވެ، މީސްތަކުންގެ ޢަދަދު ގިނަވެދެއެވެ. އުފާވެރި، ބާއްޖަވެރިކައިވެންޏަކީ މުސްލިމުންގެ ޢަދަދު ގިނަވެ، މުޖުތަމައަށް ފައިދާކޮށްދޭނެ ޖީލެއް ފެތުރިގެންދާނެ ކަމެކެވެ.

2. ކައިވެންޏަކީ ފަރުޖުތަކަށްވާ ރައްކާތެރިކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ހައްދަވާފައިވަނީ ޝަހްވަތްތަކެއް ލައްވާފައެވެ. ހަމައެހެންމެ އިންސާނާއަކީ ކެތްތެރިކަން ކުޑަ، ހަނދާންނެތުން ބޮޑު، ބަލި ނިކަމެތިމީހެކެވެ. ސަބަބެއްގެގޮތުން އިންސާނާގެ ހިތްއަބަދުވެސް ގޮވަމުންދަނީ އޭނާގެ ޝަހްވަތްތަކާ ދިމާލަށެވެ. ނަތީޖާއެއްގެގޮތުން އެފަދަ ޝަހްވަތްތަކަށް ވަރަށް ފަސޭހަކަމާއެކު އިންސާނާ ހުށަހެޅިދެއެވެ. މިގޮތުން މިޝަހްވާނީ އެދުންތައް މައިތިރިކޮށްދޭނެ މަގެއް ވަނީ އަޅުގަނޑުމެނަށް ދައްކަވާ ދެއްވާފައެވެ. އެއީ ކައިވެނީގެ މަގެވެ. ހެޔޮގޮތުގައި ކުރެވޭ ކައިވެންޏަކީ އެކަމުގެ ސަބަބުން މީހާގެ ޝަހްވަތްތެރިކަން މައިތިރިކޮށްދޭނޭކަމެކެވެ. ހަމައެހެންމެ މީސްތަކުންގެ މުޖުތަމަޢުތައް ފާސިދުވެ ހަލާކުވެދާފަދަ ޙަރާމް އަޑުތަކުންނާއި ބެލުންތަކުން މީހާ ސަލާމަތްކޮށްދޭނެ މަގެކެވެ.

3. ކައިވެންޏަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަޅާލުމާއި، ސަލާމަތްތެރިކަމާއި، ޚަރަދުބަރަދު ލިބުމުގެ މަގެވެ.ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންހެންނުން ބެލެހެއްޓުމުގެ ޒިންމާއާއި އެކަނބަލުންނަށް ޚަރަދުބަރަދު ދިނުމުގެ ޒިންމާ ފިރިހެނުންނާ ޙަވާލުކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. ((الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ)) النساء: ٣٤ މާނައީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.”

4. ކައިވެންޏަކީ ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމުގެ މަގެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً)) الروم: ٢١ މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا)) الأعراف: ١٨٩ މާނައީ: “އެއިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެ ނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.”

5. ކައިވެންޏަކީ މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކާދެމެދު އިޞްލާޙްކޮށް، މުޖުތަމަޢުގައި އުޚުއްވަތްތެރިކަން ޤާއިމުކޮށްދޭ ކަމެކެވެ. އަޅުގަނޑުމެން މުޖުތަމަޢުއަށް ނަޒަރު ހިންގާލައިފިނަމަ، ޢަދަވާތްތެރިކަން އޮތް ދެ އާއިލާއެއްގެ ދެމެދުގައި ޞުލްޙަވެރިވެ، ކުރިން އެހާބޮޑު ގާތްކަމެއްނެތް އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާވެގެން ދެއެވެ.

6. ހަމައެފަދައިން ކައިވެންޏަކީ އިންސާނީ މުޖުތަމަޢުތައް ނުބައި ފާހިޝް ޢަމަލުތަކުން ރައްކާތެރިކުރާކަމެކެވެ. އަދި ނަސަބުތައް ރައްކާތެރިވުމުގެ މަގެކެވެ. ހަމައެހެންމެ ޖަނަވާރުންނާ އިންސާނުންނާ ތަފާތުކޮށްދޭ ތަފާތުކޮށްދިނުމެކެވެ. މިއީ ޖަނަވާރުތަކުގެ މައްޗަށް އިންސާނުން މަތިވެރިވާކަށް ދަލީލުކޮށްދޭ ވަރުގަދަ ދަލީލެކެވެ.

އިސްލާމީ ނަޒަރަކުން ކައިވެނި
ކުރީގެ ބައިތަކުގައި ބަޔާންވެގެންވާނޭފަދައިން، ކައިވެންޏަކީ އިސްލާމްދީން އެކަމަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މިގޮތުން ދުނިޔެވީ ޙަޔާތުގައި މީސްތަކުންނަށް އެންމެ މުހިއްމުވާނެ އެއްކަމަކީ އެބައިމީހުންގެ ދަރިފަސްކޮޅު ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭނެ މަގެއް ފެނުމެވެ. އެހެން ދީންތަކާ ޚިލާފަށް އިސްލާމްދީނުގައި ވަނީ މިކަމަށް ވަރަށްވެސް މުހިއްމު ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ. ދުނިޔެވީ ޙަޔާތް ބާއްޖަވެރިކުރެވޭނެ ގޮތަކީ ކޮބައިކަން ބަޔާންކޮށް ދެއްވާފައެވެ. އެގޮތުން އަޅުގަނޑުމެންގެ ކައިވެނީގެ ޙަޔާތަކީ އުފާވެރި ބާއްޖަވެރި ޙަޔާތަކަށް ހެދުމަށްޓަކައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ކައިވެންޏަށް ދައްކަވާދެއްވާފައިވާ ރިވެތި މަގަކީ ކޮބައިކަން އެނގުމަކީ މުހިއްމުކަމެކެވެ.

ހ. އަންބަކު ނުވަތަ ފިރިޔަކު ޚިޔާރުކުރުން:
އާއިލާއެއްގައި ދެމަފިރިންކުރެ އަނބިމީހާއަކީ ޚާއްޞަގޮތެއްގައި ވަކި ޚާއްޞަ ޒިންމާތަކެއް އެކަނބަލުންނާ ޙަވާލުކުރައްވާފައިވާ ބައެކެވެ. ގޭތެރޭގެ ކަންތައްތައް އިޞްލާޙް ކުރުމާއި، ދަރިން ތަރުބިއްޔަތުކުރުންފަދަ ބުރަ މަސްޢޫލިއްޔަތްތަކުގެ އެންމެ އިސްމަޤާމު އަދާކުރާނެ މީހަކީ އަނބިމީހާއެވެ. ކަންމިހެން ހުރިއިރު، އަނބިމީހާއަކީ މިކަމަށް ޤާބިލު، މިފަދަ ކަންކަމުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނެގޭނެ މީހަކަށް ވާންޖެހޭނެއެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައހިވަސައްލަމައަކީ، ހެޔޮކަމެއްވާނަމަ އެކަލޭގެފާނުގެ އުއްމަތަށް އެކަން ބަޔާންކޮށް ދެއްވާފައިވާ ބޭކަލެކެވެ. އަދި ނުބައިކަމެއްވާނަމަ އެކަމުންދުރުވެ އެއްކިބާވުމަށް، އެކަލޭގެފާނުގެ އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ވަނީ އަންބެއް ޚިޔާރުކުރުމުގައި ބަލާނެ ކަންތައްތަކަކަށް މަގު ދައްކަވާ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. “تُنْكَحُ الْمَرْأَةُ لأِرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ، تَرِبَتْ يَدَاكَ” މާނައީ: “ހަތަރުކަމަކަށްޓަކައި އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (އެބަހީ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.)” (ބުޚާރީ 5090، މުސްލިމް 1466)

މިޙަދީޘުން ދަލީލުލިބޭގޮތުގައި އަންބެއް ޚިޔާރުކުރުމުގައި ބަލަންޖެހޭ އެންމެ މުހިއްމުކަމަކީ އެކަނބުލޭގެ ދީން ވެރިކަމަށެވެ. ހަމައެއާއެކު ޚިޔާރުކުރާ އަންހެންމީހާއަކީ، އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިންހަމަޖެހުން ގެނެސްދޭނެ ފަދަ މީހެއްތޯ ބަލަންޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް ފުޅުތަކުގައި ވާފަދައިން، އުފާވެރިކަން ގެނެސްދޭނެ ކަންތަކުގެ ތެރެއިން އެއްކަމަކީ، އެއަންހެންމީހާއަށް ބަލާލައިފިނަމަ ހިތްހަމަޖެހޭ، އެނާއާ ދުރުގައިވާ ހިނދު، އެކަނބުލޭގެ ނަފްސާއި މުދަލާމެދު އެކަނބުލޭގެއަށް ޔަޤީންކަން އޮންނަ ޞާލިޙު އަންބެކެވެ. ހަމައެފަދައިން އަންހެންމީހާގެ އަޚްލާޤަށާއި، އެކަނބުލޭގެއަކީ ދަރިން ލިބޭ އަންހެނެއްތޯއާއި، އެކަނބުލޭގެ ރީތިކަމަށާއި، ޙަސަބަށާއިނަސަބަށް ރިޢާޔަތްކުރުންފަދަ ކަންކަމަކީ އެކަލޭގެފާނު އަޅުގަނޑުމެނަށް ދެއްވާފައިވާ މުހިއްމު ނަޞޭޙަތްތެކެވެ.

ހަމައެފަދައިން ފިރިމީހާއަކީ އަނބިމީހާއާއި އެދެމީހުންނަށް ލިބޭ ދަރިންނަށް އަޅާލުމާއި، އެބައިމީހުން ސަލާމަތްތެރިކާމާއެކު ބެލެހެއްޓުމުގެ އިސްމަޤާމު އަދާކުރާ މީހާއެވެ. ކަންމިހެންހުރި އިރު، ކައިވެނިކުރާ ފިރިހެންމީހާއަކީ މިފަދަ ކަންކަމަށް ޤާބިލު، ކަމަށް އެކަށީގެންވާ މީހެއްތޯ ބެލުމަކީ އަންހެންމީހާއަށާއި އެއަންހެންމީހާގެ ވަލީވެރިޔާއަށް ވަރަށްވެސް މުހިއްމުކަމެކެވެ. މިގޮތުން އަންހެންމީހެކޭ އެއްފަދައިން ފިރިމީހެއް ޚިޔާރުކުރުމުގައި މަތީގައި ބަޔާންވެދިޔަ ޞިފަތަކަށް ރިޢާޔަތްކުރުމަކީ މުހިއްމުކަމެކެވެ.

ށ. އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް:
އިސްލާމްދީނުގައި ކައިވެނިކުރުމުގެ ވަރަށް މަތިވެރި އުޞޫލުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން، ކައިވެނީގެ ރުކުންތަކަކާއި، ޝަރުޠުތަކެއްވަނީ ލައްވަވާފައެވެ. މިއިންކަމެއް އުނިވެއްޖެނަމަ ކައިވެނި ބާޠިލުވާހުއްޓެވެ. މިގޮތުން ކައިވެނީގެ ރުކުންތައް ތިނެކެވެ. ފުރަތަމައީ: ކައިވެނިކުރާ ދެމީހުންނަކީ، ކައިވެނީގެ ޞައްޙަކަމަށް ހުރަސްއެޅޭފަދަ އެންމެހާކަމަކުން ސަލާމަތްވެފައިވާ ދެމީހުންނަށް ވުމެވެ. މިދެމީހުންނަކީ، އެކަކުއަނެކަކާ ކައިވެނިކުރުން ޙަރާމް ދެމީހުންނަށްވެގެން ނުވާނެއެވެ. ދެވަނައީ: އީޖާބެވެ. އީޖާބަކީ ވަލީވެރިޔާ ނުވަތަ އެމަޤާމުގައިވާ މީހާ، ކައިވެނިކުރާ ފިރިމީހާއަށް “ތިމަން މިވެނި އަންހެނަކު ތިބާއާ ކައިވެނިކޮށް ދީފެމެވެ.” މިފަދަ ސާފު ބަހަކުން ވަލީދިނުމެވެ. ތިންވަނައީ: ޤަބޫލެވެ. އެއީ، ކައިވެނިކުރާ ފިރިހެންމީހާ “ތިމަން މިކައިވެނި ޤަބޫލުކޮށްފީމޭ” މިފަދަ ސާފު ޢިބާރާތަކުން ކައިވެނި ޤަބޫލުކުރުމެވެ.
ހަމައެހެންމެ، ކައިވެނީގެ ހަތަރު ޝަރުޠެއްވެއެވެ. ފުރަތަމައީ: ކައިވެނި ކުރާ ދެމީހުންނަކީ ކޮންބައެއްކަން ސާފުކޮށް އެނގުމެވެ. ދެވަނައީ: ކައިވެނިކުރާ ދެމީހުންވެސް އެކަކު އަނެކަކާމެދު ރުހުމެވެ. އެއިގެ ތެރެއިން އެކަކު ދެކޮޅު ހެދިނަމަވެސް ކައިވެނި ޞައްޙަނުވާނެއެވެ. ތިންވަނައީ: ކައިވެނީގެ ވަލީއެވެ. ހަތަރުވަނައީ: ކައިވެނީގެ ދެހެކިންނެވެ.

އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ކައިވެނީގެ ރަން ދިނުމަކީ ވާޖިބެކެވެ. ރަން ކިޔުމުގައި މެދުމިންގަނޑެއް ޚިޔާރުކުރުމަކީ އިސްލާމްދީން މަގުދައްކާގޮތެވެ.
އަޅުގަނޑުމެން މިމަތިވެރި އުޞޫލުތަކަށް ވިސްނާލައިފިކަމުގައިވާނަމަ އަޅުގަނޑުމެނަށް އެނގިގެންދާނީ އިސްލާމްދީނުގެ ފުރިހަމަކަމެވެ. އަދި އިސްލާމްދީނަކީ ފަރުދީގޮތުންނާއި އިޖްތިމާޢީގޮތުން މަޞްލަޙަތަށް ރިޢާޔަތްކުރާ ދީނެއްކަމެވެ. މިރުކުންތަކާއި ޝަރުޠުތަކާއެކު ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ.

ނ. ކައިވެނީގެ ވަލީމާ:
ކައިވެނީގެ ވަލީމާ (ނުވަތަ ކައިވެނީގެ ހަފްލާ) އަކީ، ކައިވެނި ކުރެވުނުކަމުގެ އުފަލުގައި އެއްވެ އުޅޭ އެއްވުމެކެވެ. މިކަމުގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި ކައިވެނި އިޢުލާނުކުރުމަކީ އެންމެ މުހިއްމު އެއްމަޤްޞަދެވެ.

ކައިވެނީގެ ވަލީމާ ބޭއްވުމަކީ ސުންނަތްކަމެއް ކަމާމެދު ޢިލްމުވެރިން އިއްތިފާޤްވެ ވަޑައިގަންނަވައެވެ. މިގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، ޒައިނަބުގެފާނާއި ޞަފިއްޔަތުގެފާނާއި މައިމޫނާ ބިންތިލް ޙާރިޘް އާ ކައިވެނި ބައްލަވައިގެންނެވުމަށްފަހު ވަލީމާ ބޭއްވެވިއެވެ. ހަމައެހެންމެ، ކައިވެނީގެ ވަލީމާ ބޭއްވުމަށާއި، ކައިވެނި އިޢްލާން ކުރުމަށް އެކަލޭގެފާނު އަޅުގަނޑުމެނަށް އިރުޝާދު ދެއްވެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. “أَوْلِمْ وَلَوْ بِشَاةٍ” މާނައީ: “ބަކަރިއަކުން ނަމަވެސް ވަލީމާ ދޭށެވެ.” (ބުޚާރީ 2048، މުސްލިމް 1427) އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. “اعْلِنُوا النِّكَاحَ” މާނައީ: “ކައިވެނި އިޢްލާން ކުރާށެވެ.” (އަޙްމަދު، އިބްނު ޙިއްބާން. އާދާބު އައްޒިފާފް ޞ.183)

ކައިވެނީގެ ވަލީމާ، އިސްލާމްދީނާ ޚިލާފުކަންތައްތަކުން އެއްކިބާ ކުރުމަކީ ވާޖިބުކަމެކެވެ. މިގޮތުން ދެޖިންސުގެ މީހުން މަސްހުނިވުމާއި، މިއުޒިކު ކުޅުމާއި، ކާފަރުންގެ ކައިވެނީގެ އިޙްތިފާލުތައް ބާއްވާފަދައިން ބޭއްވުން ފަދަ ކަންކަމަކީ އިސްލާމްދީނާ ޚިލާފު ކަންތައްތަކެވެ. ހަމައެހެންމެ، ކާބޯތަކެއްޗާއި، އެހެންވެސް ތަކެތިން އިސްރާފުކުރުމަކީ ދީން ވަރަށް ބޮޑަށް މަނާކުރާ ކަންކަމެވެ.

ދެމަފިރިން، އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން…..
ބާއްޖަވެރި ކައިވެންޏެއްގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކީ އެކައިވެނިކުރާ ދެމީހުންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ކައިވެނީގެ ގުޅުން ގުޅުމާއެކު، ކައިވެނި ކުރާ ދެމީހުންގެ ފަރާތުން އެއްފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. އެއިގެތެރެއިން ކޮންމެ ބައިވެރިޔަކީ އަނެއް ބައިވެރިޔާގެ ފާރާތުން ވަރަށް ގިނަގުނަ މަސްޢޫލިއްޔަތުތަކަކާ ޙަވާލުވާންޖެހޭނެ ބައިވެރިޔެކެވެ. ކައިވެނި އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، އެއްފަރާތުން އަނެއްފަރާތައް ދޭންޖެހޭ މުހިއްމު ޙައްޤުތަކަކީ ކޮބައިކަން ދެނެގަނެ، އެޙައްޤުތަކަށް ރައްކާތެރިވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.

މިގޮތުން ބަލާއިރު، ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިއްމު ޙައްޤުތަކުގެ ތެރޭގައި އަނބިމީހާއަށް ހެޔޮކޮށް ހިތުންވެއެވެ. އަނބިމީހާއަކީ އެއްވެސް ޙާލެއްގައި އަޅެއްގެ މަޤާމުގައިވާ މީހެއްނޫނެވެ. އެކަނބުލޭގެއަށް އެކަށީގެންނުވާވަރަށް މަސައްކަތްތައް ޖެއްސުމާއި، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަނިޔާކުރުންފަދަ ކަންކަމަކީ އިސްލާމްދީން ނަހީ ކުރާކަންކަމެވެ. ހަމައެފަދައިން އަނބިމީހާ ސަލާމަތްތެރިކަމާއެކު ގެންގުޅުމާއި، އެކަނބުލޭގެއަށް މާލީގޮތުން ދޭންޖެހޭ އެހީތައް ދިނުމާއި، އަނބިމީހާއާ މުޢާމަލާތުކުރާއިރު އިޙްތިރާމާއި އޯގާތެރިވެރިކަމާއެކު މުޢާމަލާތުކުރުމާއި، އެކަނބުލޭގެއަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ އުޅުމަކީ ފިރިމީހާގެ މައްޗަށްވާ ޙައްޤެކެވެ. އަދި އެކަނބުލޭގެ ޙައްޤުގައި، އެކަނބުލޭގެ އާއިލާ މީހުންނަށް އިޙްތިރާމްކުރުމަކީވެސް އަނބިމީހާއަށް ހެޔޮކޮށް ހިތުމުގެ ތެރެއިންވާ ކަމެކެވެ. އަޅުގަނޑުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން އެންމެ ހެޔޮމީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮމީހެކެވެ.

ހަމައެފަދައިން އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. މިގޮތުން ﷲ އަށް އުރެދުމެއްނުވާ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވުމާއި، ފިރިމީހާއާ ކުރާ މުޢާމަލާތުތަކުގައި ރިވެތިކޮށް މުޢާމަލާތުކުރުމާއި، ފިރިމީހާ އުފާކޮށްދެނިވި ކަންތައްތައްކުރުމުގައި ޤާއިމުވެހުރުމާއި، އޭނަގެ ގޮވާލުންތަކަށް އިޖާބަދިނުމާއި، އޭނަގެ މުދަލަށާއި ދަރިންނަށް ރައްކާތެރިވުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން މުހިއްމު ކަންކަމެވެ. ހަމައެއާއެކު، ފިރިމީހާ ޙާޟިރުވެނެތް ޙާލަތްތަކުގައިވެސް އޭނާ ހިތްނުރުހޭ މީހުން ގެއަށް ނުވެއްދުމާއި، މިފަދަ ޙާލަތްތަކުގައިވެސް މުދަލާއި ދަރިންނަށް ރައްކާތެރިވުމާއި، އޭނާގެ އާއިލާމީހުންނަށް އިޙްތިރާމުކުރުމަކީ ފިރިމީހާއަށް ހެޔޮކޮށް ހިތުމުގެ ތެރެއިންވާ ކަންކަމެވެ.

ދެމަފިރިން، އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތައް ދަނެ، އެޙައްޤުތަކަށް އަދާކުރުމުގައި ދެފަރާތުންވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކައިވެނި ބާއްޖަވެރިވާނެކަމެއްކަމާމެދަކު ޝައްކެއްނެތެވެ.

ކައިވެނީގެ ނަމުގައި އިސްލާމްދީނާ ޚިލާފަށް ގުޅޭ ބައެއް ގުޅުންތައް
އަޅުގަނޑުމެންނަކީ ދެދުނިޔެ ބާއްޖަވެރިންގެ ގޮތުގައި ވުމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިސްލާމްދީނުގެ މަތިވެރި ސީދާވެގެންވާ ތެދުމަގު ދައްކަވާ ދެއްވާފައެވެ. އެމަގުން ހިގައިފިމީހަކީ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު ލިބޭނޭ މީހެކެވެ. ހަމައެހެންމެ، މިމަގަށް ފުރަގަސްދީ ބޮޑާވެގަންނަ ކޮންމެ މީހަކީ ދެދުނިޔޭގައިވެސް އަބާއްޖަވެރިންނެވެ.

ތަރައްޤީއާއި ތަމައްދުނުގެ ރޮނގުން މަތީ ދަރަޖަތަކެއް ކަޑައްތުކުރަމުންދާ މިޒަމާނުގައި، ތަހްޒީބުވެފައިވާކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކަށް ނަޒަރު ހިންގާލައިފިކަމުގައިވާނަމަ ފެންނާނީ، އެފަދަ މުޖުތަމަޢުތަކުގައި ތަފާތު އެތައް ރެނދުތަކެއްލާފައިވަތަނެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މުޖުތަމަޢުތަކުގެ އަޞްލުކަމުގައިވާ އާއިލާތައް ވަނީ ފަސާދަވެފައެވެ. އާއިލާއެއްގެ މައިގަނޑުކަމުގައިވާ ކައިވެނިތައް ވަނީ ޚަރާބުވެފައެވެ. މިކަމުގެ އެންމެބޮޑު ސަބަބަކީ އެފަދަ މުޖުތަމަޢުތަކުގައިވާ ކައިވެނިކުރުމުގެ ވައްޓަފާޅިތަކެވެ.

އިންސާނާ ހައްދަވައި، އޭނާގެ އެންމެހާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންނަށް އެންމެ އެކަށީގެންވާ، އެންމެ ފުރިހަމަ ކައިވެނީގެ ނިޒާމު އެބައިމީހުންނަށް ބަޔާންކޮށް ދެއްވާފައެވެ. މިފުރިހަމަ ނިޒާމުން އެއްކިބާވެފައިވާ ކޮންމެ ކައިވެންޏަކީ އެކައިވެންޏެއްގެ ސަބަބުން ތަފާތު އެތައް ނޭދެވޭ އަސަރުތަކެއް ދީނަށާއި، މުޖުތަމަޢުއަށާއި، ފަރުދުންނަށް ކުރާނޭކަމެކެވެ.

މިގޮތުން، އިސްލާމްދީނުގެ ފުރިހަމަ ކައިވެނީގެ ނިޒާމާ ޚިލާފަށް، ކުރެވޭ ކައިވެނިތައް އެނގުމަކީ މުހިއްމުކަމެކެވެ.

1. ދާއިމީގޮތުންނާއި ވަގުތީގޮތުން ކައިވެނި ޙަރާމް މީހުންނާ ކުރެވޭ ކައިވެނި.
2. ހަތަރު އަންބަށްވުރެ ގިނައިން އެއްވަގުތެއްގައި ކައިވެނިކުރުން.
3. އެއްފަހަރާ އެއްބަނޑު އެއްބަފާ ދެއަންހެނުންނާ ކައިވެނިކުރުން.
4. އަންހެނަކު އެއްފިރިހެނަކަށްވުރެ ގިނަ މީހުނާ އެއްވަގުތެއްގައި ކައިވެނިކުރުން.
5. ޒިނޭކުރާ މީހަކާ ތައުބާވުމުގެ ކުރިން ކައިވެނިކުރުން.
6. އަހުލުކިތާބީން (އެބަހީ ޔަހޫދީންނާއި ނަޞާރާއިންނާ) ފިޔަވާ އެހެން ދީންތަކުގެ އަންހެނުންނާ ކައިވެނި ކުރުން.
7. މުސްލިމް އަންހެނަކު ކާފަރު ފިރިހެނަކާ ކައިވެނިކުރުން. (އަހުލުކިތާބީންގެ ތެރެއިންވާ ފިރިހެނެއްނަމަވެސް މިކަމުގައި ފަރަޤެއް ނެތެވެ.)
8. ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަނދެގެން ހުރެ ކުރެވޭ ކައިވެނި.
9. އެހެންމީހަކަށް ބަލިވެއިން އަންހެނަކު ވިހެއުމުގެ ކުރިން ކައިވެނިކުރުން.
10. އެހެންމީހެއްގެ ޢިއްދާގައި އިން އަންހެނަކާ ކައިވެނިކުރުން.
11. ފަށްކެނޑުމަށްޓަކައި ކައިވެނިކުރުން. ފަށްކަނޑައިދޭމީހާއަށާއި ފަށްކަނޑައިދެވޭ މީހާއަށް ﷲ ވަނީ ލަޢުނަތް ލައްވަވާފައެވެ.
12. ބަރަކާތް ހޯދުމުގެ ނަމުގައި ކުރެވޭ ކައިވެނި. މިފަދަ ކައިވެނިތަކަކީ މަގުފުރެދިފައިވާ ބައެއް ފިރުޤާތަކުގެ މީހުން ކޮށްއުޅޭ ކައިވެންޏެކެވެ. މިބައިމީހުން ވަލީވެރިންކަމަށް ބުނާ މީސްމީހުންނާ ކައިވެނިކޮށް ނުވަތަ ކައިވެނިކޮށްދީ އުޅެއެވެ. މިބައިމީހުންގެ ނިޔަތަކީ އެބުނާ ވަލީވެރިންގެ ކިބައިން ބަރަކާތް ހޯދުމެވެ.
13. މުތުޢާ ކައިވެނި. މިއީ ޖާހިލިއްޔަ ޒަމާނުގައި އަދި މިޒަމާނުގައިވެސް މަގުފުރެދިފައިވާ ބައެއް ފިރުޤާތަކުގެ މީހުން ވަގުތީގޮތުން ކޮށްއުޅޭ ކައިވެންޏެކެވެ. ކައިވެނި ކުރާ ވަގުތު މުއްދަތު ކަނޑައެޅިފައިވާނެއެވެ. އެމުއްދަތު ހަމަވުމުން ކައިވެނި ރޫޅޭނެއެވެ.
14. ޝިޣާރު ކައިވެނި. މިއީ ދެމީހަކު އެދެމީހުންގެ ދެދަރިން، އެދެމީހުން އެކަކު އަނެކަކާ ކައިވެނީގެ ރަނެއްނެތި ކުރެވޭ ކައިވެންޏެކެވެ.
15. އެއްޖިންސުގެ މީހުން ކައިވެނީގެ ނަމުގައި ގުޅުން.
މަތީގައި ބަޔާންވެދިޔަ ވައްތަރުތަކުގެ ކައިވެނިތަކަކީ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފު ބައެއް ކައިވެނިތަކެވެ.

ނިންމުން
ބަޔާންވެދިޔަ ބައިތަކުގައި ބަޔާންކުރެވިފައިވާނޭ ފަދައިން، ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކަމެވެ. އަދި އެއީ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމާއި، ފާޙިޝް އެތައް މުންކަރާތްތަކަކުން މުޖުތަމަޢު ސަލާމަތްކޮށްދޭ ކަމެކެވެ. ކައިވެނީގެ މިއެންމެހާ ލަނޑުދަނޑިތައް ގުޅިލާމެހިފައިވަނީ އެކައިވެނިތަކުގެ ބާއްޖަވެރިކަމާއެވެ. ކައިވެނިތައް ފަސާދަވެއްޖެކަމުގައިވާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއައް ކުރާނެއެވެ.

ކައިވެނީގެ އެންމެހާ ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށްޓަކައި، މިކަމަށް ކަނޑައެޅިފައިވާ މުހިއްމު އުޞޫލުތަކެއް ބޭނުންވާނެކަން ކަށަވަރެވެ. މިގޮތުން، އިންސާނުންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދިނުމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވާލެއްވި އިސްލާމްދީނުގައި މިފުރިހަމަ އުޞޫލުތައް ބަޔާންކޮށް ދެއްވާފައިވެއެވެ. މިއުޞޫލުތަކަކީ އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގައި އެކުލެވިފައިނުވާ މުހިއްމު އުޞޫލުތަކެއްކަން މިކަމާމެދު ވިސްނާފިކުރުކުރާ މީހަކަށް އެނގިގެންދާނެއެވެ. ވުމާއެކު، މިމަތިވެރި އުޞޫލުތަކަށް ބޯލެނބުމަކީ އަޅުގަނޑުމެންގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެކެވެ. (ނިމުނީ)

މަރުޖިޢުތައް
1. މުލައްޚަޞުލް ފިޤްހީ : ޞާލިޙު ބުން ފަވްޒާން
2. އައްޝަރަޙުލް މުމްތިޢު: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން
3. ދިވެހި ބަސްފޮތް 2006
4. ދަ ކުއެސްޓް ފޯރ ލަވް އެންޑް މާރސީ: މުޙައްމަދު މުޞްޠަފާ އަލްޖިބާލީ
5. ދަ ފުރެޖައިލް ވެސެލްސް: މުޙައްމަދު މުޞްޠަފާ އަލްޖިބާލީ

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:


  1. މުސްލިމުންނާ ހަނގުރާމަކުރަމުންދާ ކާފަރުންގެ ބިމެއްގައިވާ މުސްލިމަކު، ޟަރޫރަތަކާނުލައި ކައިވެނިކުރުންފަދަ ސަބަބަކާހުރެ ކައިވެނިކުރުން ޙަރާމް ވާނެއެވެ.
    mi jumlaigai bunaa ehcheh nuvisnunu.

    ReplyDelete