10.24.2011

އަހަރެންގެ ޙަޔާތް

އަލްއުޚްތު ނިއުމާ ހާރޫން
އަހަރެންނަކީ ރާއްޖެތެރޭގެ ކުޑަ ރަށަކަށް އުފަން އަންހެން ކުއްޖެކެވެ. މަންމައާއި ބައްޕައަށް ލިބިފައިވާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ﷲގެ ރަޙުމަތްފުޅުން އަހަރެންނަށް ތެދުމަގަކީ ކޮބައިކަން އެނގުނެވެ. އަހަރެންގެ އުމުރުން 11 އަހަރުގައި ބުރުގާ އެޅީމެވެ.އަދި އެއަށް ފަހު އުމުރުން 14 އަހަރުގައި އިސްލާމީ ޖިލްބާބުން ނިވާވެ ބޮޑު ބުރުގާ އެޅީމެވެ.

ލަވަޔާއި މިއުޒިކަކީ ހަރާމް އެއްޗެއްކަން އެނގުމުން އެތަކެތި އަޑުއެހުމުން ދުރުހެލިވީމެވެ. ލަވަޔާއި މިޔުޒިކަށް އަހަރެން ނަފުރަތުކުރަމެވެ. އަދި ފިލްމު ބެލުމަށާއި ނިވާކަން ކުޑަ ހެދުން ލުމަށްވެސް ނަފުރަތު ކުރަމެވެ. ޤުރުއާން ކިޔެވުމާއި، ނަމާދުކުރުމާއި ދަރުސްތަށް އަޑު އެހުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ.

އަހަރެން ސްކޫލަށް ޔުނިފޯމް ލައިގެން ދާއިރު އެހެން ކުދިންނާ ތަފާތު ވާނެއެވެ. ބުރުގާ އާއި ޔުނިފޯމްވެސް ބޮޑުވާނެއެވެ. އަހަރެންގެ ކުލާހުގައި އުޅޭ ފިރިހެން ކުދިން އަހަންނަށް ވަރަށް އިޙްތިރާމް ކުރެއެވެ. ކުލާހުގައި އުޅޭ އެހެން އަހެން ކުދިންގެ ގަޔަށް އަތްލާ ފޮށެ އުޅުނަސް ، އަހަރެންނަށް އެއްވެސްކަހަލަ ގޯނާއެއް ކުރިމައްޗެއް ނުވެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. 2007 ވަނަ އަހަރު ސްކޫލުން ކިޔަވާ ނިމުނެވެ. ސްކޫލުން ކިޔަވާ ނިމުނާއެކު އަހަރެން މޫނުބުރުގާ އަޅައިފީމެވެ. ގޭގެ އެއްވެސް މީހެއް މަޖުބޫރު ކޮށްގެނެއްނޫނެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ ދައްތައާއި ތިން ފަހަރިންވެސް ތިބެނީ މޫނު ބުރުގާ އަޅާފައެވެ. އެމީހުންވެސް މޫނުބުރުގާ އަޅާފައިވަނީ އެކަކުވެސް މަޖުބޫރުކޮށްގެނެއްނޫނެވެ. އަމިއްލައަށް ފެނިގެން އަޅާހިތުންނެވެ. މޫނުބުރުގާ އެޅުމުން އަހަރެންނަށް ވަރަށް އުފާވެރި އިހުސާސް ތަކެއް ކުރެވުނެވެ. މަގުމަތީ ގިނަވެގެން އުޅޭ ފިރިހެން ކުދިންވެސް އަހަރެން މަގުން އަންނަތަން ފެނުމުން އެއްފަރާތްވެ އަހަންނަށް ދާނެ ޖާގަ ދައްކައެވެ.ރަށުގެ ގިނަ މީހުންގެ ދުލުން އިވެނީ ތައުރީފުގެ ބަސްތަކެވެ. ރަށު މީހުންގެ އިޚްތިރާމާއި ލޯބި އަހަން ނަށް ވަނީ ލިބިފައެވެ. އަހަރެންނާ އަހަރެންގެ ދައްތަ ނޫނީ ރަނގަޅު އަންހެން ކުއްޖަކު ރަށުގައި ނޫޅޭ ކަމަށް ރަށު މީހުން ބުނެއެވެ.

އިމްތިހާނުގެ ނަތީޖާ ލިބުމުން ވަޒީފާއަކަށް އެދި ސިޓީ ލީމެވެ. ސިޓީލީ ވަޒީފާ ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. އެއީ އޭރު އުމުރުން 18 އަހަރު ނުވާތީ އާއި މޫނުބުރުގާ އަޅާފަ ތިބޭމީހުންނަށް ސަރުކާރުގެ އިދާރާތަކުން ވަޒީފާ ނުލިބޭނެކަން އެނގިފައިވާތީއެވެ. ނަމަވެސް ﷲ އަށް ޙަމަދުހުއްޓެވެ. ހީކުރިގޮތާ ޚިލާފަށް ވަޒީފާ ލިބުނީ އަހަންނަށެވެ. އަހަރެންނަށް ލިބުނީ ރަށު ހެލްތް ޕޯސްޓްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމެވެ. މިތާ އުޅެނީ މުޅިންވެސް އަންހެން މުވައްޒަފުންނެވެ. 31 ޖުލައި 2008 ގައި ވަޒީފާއަށް ނުކުންނަން ފެށީމެވެ. ވަޒީފާގައި އެއް އަހަރުވަންދެން އުޅުނުއިރު ، ވަޒީފާއަށް ގޮސްފައިވަނީ މޫނުބުރުގާ އަޅައިގެންކަން ފަޚުރުވެރިކަމާއެކު ބުނެލަމެވެ. ސަރުކާރުގެ މިކަހަލަ ވަޒީފާއެއް މޫނުބުރުގާ އެޅި އެހެން މީހަކަށް ލިބުނު ކަމެއް އަހަރެންނަށް އެނގިފައެއް ނުވެއެވެ.

ބައެއް މީހުން ހީކުރާ ގޮތުގައި މޫނުބުރުގާ އެޅި މީހުންނަކީ އެއްވެސް އުފަލެއް ލިބިގެން ވާ ބައެއް ނޫނެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީ އެކެވެ. އިސްލާމްދީން ކަނޑައަޅާފައިވާ ހުދޫދުން ބޭރުނުވެ އަހަރެން އުފާކޮށް މަޖާކުރަމެވެ. ގޭގޯތިތެރޭގައި އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނާއެކު ކުޅެ ހަދަމެވެ. އަދި އާއިލާ މެންބަރުންނާއެކު މޫދަށް ދަމެވެ. އަދި ރޭގަނޑު އާއިލާ މެންބަރުންނާއެކު މަސްބާނަންވެސް ދަމެވެ. މީގެ އިތުރުން ހަވީރުގަޑީ ރަޙުމަތްތެރިންނާއެކު ހިނގާލަން ދިޔުންފަދަ ކަންކަން ކުރަމެވެ. މަޖާކުރެވެނީ ހަމައެކަނި ލަވަޔާއި މިއުޒިކް އަޑުއަހައިގެނެއް ނޫނެވެ.

އަހަރެންނަށް ރަނގަޅު މަގު ފެނުމުގެ ކުރިންވެސް އަދި ފަހުންވެސް މީހަކާ ރައްޓެއްސެއް ނުވަމެވެ. ފިރިހެން ކުދިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ އަހަރެން އެއް އިރެއްގައިވެސް ކުރާހިތްވާ ކަމެއްނޫނެވެ. އަދި އެއްއިރެއްގައި ކޮށްފައިވާ ކަމެއްވެސް ނޫނެވެ. އަހަރެންގެ އުމުރުން 18 އަހަރުގައި ކައިވެނި ކުރީމެވެ. އަހަރެންގެ ބޭބެ ހޯދައިދިން ކުއްޖަކާއެވެ. އެކުއްޖާއާއި އަހަރެން ކައިވެނި ކުރީ އެއްވެސް މީހަކު މަޖުބޫރުކޮށްގެނެއް ނޫނެވެ. ހިތުން ރުހުމުންނެވެ. ﷲ އަށް ޙަމްދު ކުރަމެވެ. އަހަންނަށް ލިބުނީ ދީނަށް ލޯބިކުރާ ޞާލިހް ފިރިއެކެވެ. އެކަމުން އަހަރެންގެ ހިތަށް ވަރަށް އުފާވެރިކަން ލިބުނެވެ. ކައިވެނިކުރިތާ އަހަރެއް ނުވަނީސް ލޯބި ލޯބި ކުޑަ އަންހެންކުއްޖެއްލިބިއްޖެއެވެ. ދަރިފުޅު ލިބުމާއެކު އަހަރެންގެ އުފާވެރިކަން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ . އަދި ﷲ އަހަރެންނަށް ދަރިއަކު މިންވަރު ކޮށްދެއްވުމުން އެކަލާންގެއަށް ހާސް ފަށުން ޝުކުރު ދެންނެވީ މެވެ. މިހާރު އަހަރެން އަހަރެންގެ ފިރިމީހާއާއި ލޯބިވާ ދަރިފުޅާއެކު މިއުޅެނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ.

އަހަރެން އަބަދުވެސް މި މަސައްކަތް ކުރަމުންދަނީ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ހުރެވޭ ތޯއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅުން އެދެނީ ނަރަކައިގެ ޢަޒާބުން ސަލާމަތްވެ ، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުމެވެ. އަހަރެންނަށް އެއްރެއަކު ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެނިފައިވަނީ އަހަރެން ސުވަރުގޭގައި ވާ ބޮޑު ގަހެއްގެ ހިޔަލުގައި އަރާމާއި އުފަލުގައި އިންތަނެވެ. އަހަރެން މި މަސައްކަތް ކުރަނީ އަހަރެންނަށް ފެނުނު ހުވަފެން ޙަގީގަތަކަށް ހެދުމަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާޙު، އިބަ ﷲ އަށް ކިޔަމަންވެގެންވާ ޙާލުގައި މެނުވީ މިއަޅާގެ ފުރާނަ ނުހިއްޕަވާންދޭވެ.! އާމީން!

_______

ނޯޓް: މިއީ ޙަގީގީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

6 comments:

  1. assalam alaikum..this is an interesting article...maasha allah...may allah bless us nd forgive our sins ...may he make our life easy nd firm us on the right path...jazakillah khairan.

    ReplyDelete
  2. aameen.... vvvv iburaitheri
    maani

    ReplyDelete
  3. Masha Allah..thiya ukhtha ah saabithukan dhevvaashi..aameen

    ReplyDelete
  4. masha allah thibaa asha ahurennanves thigoy minvaru kohdhevvadheve

    ReplyDelete
  5. May Allah bless u

    ReplyDelete