12.26.2011

ތިބާއަށް އުނިވަނީ ކޮން ނިޢުމަތެއް ހެއްޔެވެ؟

އަލްއުޚްތު އުންމު ޒިވާ
އެއީ މީގެ މަހެއްހާ ދުވަސް ކުރިއެވެ. އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެނި ޙަފްލާއަކަށް ދިޔައީމެވެ. ކާއެއްޗެހި އަޅައިގެން އައިސް މޭޒެއް ކައިރީގައި ވަރަށް ހަމަޖެހިލައިގެން ކާން އިށީނދެއްޖައީމެވެ. އަދި ޝައުޤުވެރިކަމާއެކު ކާއެއްޗެއްސަށް އިންސާފުކުރަން ފަށައިފީމެވެ. ކެއުމުގެ ފޯރި ގަދަވި ހިސާބުން ކުއްލިއަކަށް އެއްލުނު ކަޅިއަކުން ލޮލުގައި އަޅައިގަތީ، އެ ޙަފްލާ އޮތް ހޯލަށް ވަދެގެން އައި ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވަދެގެން ގޮސް އިށީންނަންދެން އޭނާއާ ދިމާއަށް އަހަރެންނަށް ބަލަން އިނދެވުނެވެ.

އެ ކުއްޖާއާ ދިމާއަށް އަހަރެންނަށް ބެލުނީ އެ ކުއްޖާ އާދަޔާ ޚިލާފަށް ރީތިވީމައެއް ނޫނެވެ. އާދަޔާ ޚިލާފަށް ހުތުރުވީމައެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. އާދަޔާ ޚިލާފު ސިފަޔަކަށް ހުރީމައެއް ވެސް ނުމެ ނޫންމެއެވެ. އޭނާއާ ދިމާއަށް ބެލުނީ ﷲ ގެ ކުޅަދުންވަންތަކަން ހިތަށް ވަތްލެއް ބޮޑުކަމުންނެވެ. އެ ކުއްޖާއަކީ ކޮރެއް ޖަހަމުން ހިނގޭ ކުއްޖެކެވެ. އެ ކޮރުގެ ސަބަބުން އޭނާއަށް ހިނގެނީ ވަރަށް ލަސްލަހުންނެވެ. އެހެން ނަމަވެސް ހުރީ މުސްލިމް ފިރިހެނެއް ހުންނަން ޖެހޭނެ އެންމެ ފުރިހަމަ ގޮތަށް ތުނބުޅި ބަހައްޓާ ފައިކުރި ކުރުކޮށްފައެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ލޮލަށް ބޭއިޚްތިޔާރުގައި ކަރުނަ ޖަމާވިއެވެ. އެއީ ހިތާމައާއި ހިތްދަތިކަމާ އުފާވެރިކަން އެކުލެވިގެންވީ ކަރުނައެވެ. އެ ޙާލުގައި ވެސް ﷲ އޭނާއަށް ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރާ ވަރު އޭނާގެ ބޭރުފުށުން ފާޅުވާން ހުރީތީ އައި ކަރުނައެކެވެ.

ދެ ލޮލުގައި ހުރި ކަރުނަ މަޑުމަޑުން ފޮހެލުމަށްފަހު އަނެއްކާވެސް ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުރީ، އަހަރެންނަށް ބޮޑުދައިތަ ކިޔާ ހަމަ އެ އުމުރުފުރައިގެ ކުއްޖެކެވެ. އޭނާ ހުރީ އެންމެ ޒަމާނީ ގޮތަށް ހެދުން އަޅާފައެވެ. އެއިރު ވެސް އޭނާ ހުރީ ﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތުން މަޙުރޫމުވެފައެވެ. މީހާގެ ފައި ބިމުގައި ރަނގަޅަށް ހަރުވެސް ނުލައެވެ. އަނެއްކާ ވެސް ލޮލުން ބޭ އިޚްތިޔާރުގައި އޮހިގަތީ ކަރުނައެވެ. މިފަހަރު މި އޮހެނީ ހަމަ ޔަޤީނުން ވެސް ހިތާމަވެރި ކަމުގެ ކަރުނައެވެ. އޭނާއަށްޓަކައި ހިތުގައި އުފެދުނު ހަމްދަރުދީއަކުން އައި ކަރުނައެވެ.

ތިބާއަށް ﷲ ނުދެއްވަނީ ކޮން ނިޢުމަތެއް ހެއްޔެވެ. ކާން ދެއްވިއެވެ. ބޯން ދެއްވިއެވެ. އަންނައުނު ދެއްވިއެވެ. ބޯހިޔާވަހިކަން ދެއްވިއެވެ. މި ހުރިހާ ނިޢުމަތްތަކެއް އިންސާނާއަށް ދެއްވުމުން ވެސް އެ އިންސާނާ އޭނާ ހެއްދެވި ފަރާތަށް ހަރާންކޯރު އެ ވަނީ ފަހެ ކިހިނެއް ވެގެން ހެއްޔެވެ؟
ކީރިތި ޤުރުއާނުގެ މި އާޔަތަށް ނަޒަރު ހިންގާލާށެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (التكاثر 8) "ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢުމަތްތަކާމެދު ކަނޑައެޅިގެން ތިޔަބައިމީހުންނާ ސުވާލުވެވޭނެއެވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment