2.22.2010

"ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ."

ތަރުޖަމާ: އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ
ދީނާރުގެ މަންމަ އަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. އޭނާގެ މަންމަ ތަކުރާރުކޮށް އޭނާގެ ނުބައި އުޅުމަށާއި ފާފަތަކަށް ތައުބާވުމަށް ނަސޭހަތްތެރި ވެއެވެ. ނަމަވެސް އޭނާގެ މަންމަގެ ބަސްތަކުން އެކަށީގެންވާ ރަނގަޅު އަސަރުތަކެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.
އެއްދުވަހަކު ދީނާރު ގަބުރުސްތާނެއްގެ ކައިރިން ދަމުން ބިންމަތީގައި އޮތް އިންސާނެއްގެ ކަށިކޮޅެއް ނެގިއެވެ. އަދި އެކަށިކޮޅު އޭނާގެ އަތުތެރޭގައި ކުދިކުދިވެގެންގޮސް ހިރަފުހަށްވީ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ޚައިރާންވިއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ފުން އަސަރެއް ކުރިއެވެ. އޭނާގެ މާޒީވި ދުވަސްތަކާއި ކުރެވިފައިވާ ފާފަތަކާއިމެދު އޭނާއަށް ވިސްނެން ފެށުނެވެ. އަދި ބޭއިޚްތިޔާރުގައި އޭނާއަށް ބުނެވުނެވެ. " ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ ނިމިގެންގޮސް މި ފިސް ވެފައިވާ ކަށިކޮޅުފަދައިންވެ، ހަށިގަނޑު ހިރަފުހަށްވާނެއެވެ."

ދެން މާޒީވެ ދިޔަތަނުގައި އޭނާއަށްކުރެވުނު ހުރިހާ ފާފަތަކެއް އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. އަދި ތައުބާވުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ދެން އޭނާގެ މޫނު އުޑާ ދިމާއަށް އުފުލާލުމަށްފަހު ބުންޏެވެ. "މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާ މިއަދު އިބަރަސްކަލާންގެ ހަޟްރަތަށް ރުޖޫޢަ ވެއްޖައީމެވެ. މި އަޅާގެ ތައުބާ ގަބޫލު ކުރައްވާ މިއަޅާއަށް ހެޔޮރަހުމަތް ލަައްވަވާފާންދޭވެ!"
މުޅިން ބަދަލު ވެފައިވާ ހިތަކާއި ވިސްނުމަކާއިގެން ދީނާރު އޭނާގެ މަންމަގެ ގާތަށް ދިޔައެވެ. އަދި ބުންޏެވެ. "މަންމާއެވެ! ސާހިބުމީހާޔަށް ފިލަގެން އުޅޭ އަޅެއް ހައްޔަރު ކުރެވިގެން ސާހިބުމީހާގެ ގާތަށް ގެނައުމުން އެއަޅާ ދޭތެރޭ ސާހިބުމީހާ ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟"
ދީނާރުގެ މަންމަ ޖަވާބުގައި ބުންޏެވެ. "އޭނާއަށް އަދަބު ދިނުމުގެ ގޮތުން ސާހިބުމީހާ އޭނާ ލުމަށް ދޭނީ ހަފުސް ވެފައިވާ (ބާވެ ހަޑިވެފައިވާ) އަންނައުނެވެ. އަދި ކެއުމަށް ދޭނީ ވަރަށް ފެންވަރު ދަށް ކާނާއެވެ. އަދި ސާހިބުމީހާ އޭނާ ދެވަނަފަހަރަށް ފިލިޔަ ނުދިނުމަށްޓަކައި އޭނާގެ ދެފަޔާއި އަތް ބަނދެ ހައްޔަރު ކުރާނެއެވެ."
ދީނާރު އޭނާގެ މަންމަގެ ޖަވާބުގެ އަޑުއިވުމުން ބުންޏެވެ."އެހެންވިއްޔާ އަހަރެން ބޭނުމީ ބާވެ ހަފުސްވެފައިވާ ހެދުމެކެވެ. އަދި ވަރަށް ފެންވަރު ދަށް ހިމަ ގޮދަނެވެ. އަދި ދެ ހިލިހިލާ ގަނޑެވެ. މަންމާއެވެ! ފިލައިގެން އުޅުނު އަޅަކާމެދު ކަންތައް ކުރާނޭ ފަދައިން އަހަންނާއިމެދު ކަންތައް ކުރާށެވެ. އޭރުން ފަހަރެއްގައި އަހަރެންގެ އިހުސާންތެރިކަމާއި ވަފާތެރިކަންފެނި އަހަރެންގެ ވެރިރަސްކަލާންގެ އަހަރެންގެ މައްޗަށް ހެޔޮ ރަޙުމަތްލައްވަފާނެއެވެ." ދީނާރުގެ މަންމައަށް ދީނާރަށް ކޮށްފައިވާ ފުންއަސަރާއި އޭނާގެ ވަރުގަދަ އަޒުމު ފެނުމުން އޭނާ އެބުނިގޮތަށް ކަންތަށް ކޮށްދިނެވެ.
އޭގެފަހުން ކޮންމެ ރެޔަކު އިރާކޮޅު، ދީނާރު ހުއްޓުމެއް ނެތި ބާރަށް ރޮއެވެ. އަދި އޭނާ، އޭނާގެ އަމިއްލަ ނަފުސަށް ތަކުރާރުކޮށް ބުނަމުން ދެއެވެ. "ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ. ނަރަކައިގައި ދެމި ހުރުމުގެ ބާރު ކަލޭގެ ގައިގައި އެބަހުރި ހެއްޔެވެ؟ މަތިވެރި ރަސްކަލާންގެ ކޯފާ ކަލޭގެ މައްޗަށް ހައްޤުވުމަށް މަގުފަހިވާފަދަ ދިރިއުޅުމެއް އުޅުނުކަމަށްޓަކައި ކަލޭ ހާދަ ލަދުކުޑައެވެ." އަދި އެހެންގޮސް ހެނދުނުވާއިރުވެސް އޭނާގެ އެހާލަތަކަށް ބަދަލެއްނާދެއެވެ.
ދީނާރުގެ ހަށިގަނޑުދަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވެ ހިކިއަނަރޫފަ ވަމުންނެވެ. ދީނާރުގެ މަންމައަށް މިމަންޒަރުތައް ބަލަން ހުންނަން ކެތް ނުކުރެވިގެން އޭނާއަށް ބުންޏެވެ. "ދަރިފުޅާއެވެ! ކަލޭގެ އަމިއްލަ ނަފުސަށްވެސް ރައްކާތެރިވާށެވެ."
ޖަވާބުގައި ދީނާރު ބުންޏެވެ. "މަންމާއެވެ! ކުޑަ ވަގުތު ކޮޅަކަށް އަހަރެން މިގޮތުގައި ދެމިހުރިޔަ ދޭށެވެ. އޭރުން ފަހަރެއްގައި ފަހުން އަހަރެންނަށް ވަރަށް ދިގުމުއްދަތެއްގެ ހިތްހަމަޖެހުމާއި އަރާމެއް ލިބިދާނެއެވެ. މާދަމާ އަހަރެން އަހަރެންގެ ވެރިރަސްކަލާންގެ ހަޟްރަތުގައި ވަރަށް ގިނައިރު މަޑުކުރަން ޖެހޭނެއެވެ. އަދި އެކަލާންގެ އަހަރެންނަށް އަމުރުކުރައްވާނީ ރީތީގެ ހިޔަލުގައިވާ ތަނަށް ނުވަތަ ހިތަށްވެސް ނާރާފަދަ ނުބައި އަދި ބިރުވެރި ކަންތައްތަކުން ފުރިފައިވާތަނަށް ދިއުމަށް ކަމެއް އަހަރެންނަކަށް ނޭންގެއެވެ."
ދީނާރުގެ މަންމަ އަނެއްކާވެސް ބުންޏެވެ. "ދަރިފުޅާއެވެ! ކުޑަކުޑަ ވަގުތު ކޮޅަކަށްނަމަވެސް އަރާމުކޮށްލާށެވެ."
ޖަވާބުގައި ދީނާރު ބުންޏެވެ. "މަންމާއެވެ! އަހަރެން ހޯދަން ބޭނުންވެގެން މިއުޅެނީކީ ވަގުތީ އުފަލާއި އަރާމާއި ހިތްހަމަޖެހުމެއް ނޫނެވެ. އަހަރެންނަށް މަންމައާއި އެހެންމީހުން ސުވަރުގެއަށް އަދި އަހަރެން ނަރަކަވަންތަ ވެރިންނާއެކު ނަރަކައަށް ދާތަން ފެންނަފަދައެވެ." ދެން ދީނާރުގެ މަންމަ އޭނާ ދޫކޮށްލާފައި އެތަނުން ހިނގައްޖެއެވެ. އަދި ދީނާރު ކުރިއެކޭ އެއްފަދައިން ރުއިމާއި ނަމާދުކުރުމާއި ޤުރުޢާން ކިޔެވުމަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ.
އެއްރެޔަކު ޤުރުޢާން ކިޔަވަމުން ކިޔަވަމުން ގޮސް ތިރީގައިއެވާ އާޔަތް އޭނާ ކިޔެވިއެވެ.
فَوَ رَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ عَمَّاكَانُوا يَعْمَلُونَ
މާނައީ: "ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާންގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާންގެ އެއުރެން އެންމެނާ ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް އުޅުނު ޢަމަލުތަކާ މެދުގައެވެ" (އަލްހިޖްރު:91-92)

އަދި އެއަށްފަހު، އެއާޔަތުގެ މާނައާއި މެދު ފުންކޮށް ވިސްނައި އެއާޔަތް އޭނާ ތަކުރާރުކުރަން ފެށިއެވެ. ދެން އޭނާ ވަރަށް ބާރަށް އަޑުން އަޑުނަގާ ރޯންފެށިއެވެ. އަދި އޭގެ އިރުކޮޅަކުން އޭނާ ހޭނެތިގެން ވެއްޓިއްޖެއެވެ. އޭނާގެ މަންމަ ދުވެފައި އައިސް އޭނާ ނަގައި ހޭއަރާތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފުށުން ހޭއެރި ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އޭނާގެ މަންމަ ހީކުރީ އޭނާ މަރުވީކަމުގައިއެވެ. އަދި ފުންހިތާމަޔާއެކު އޭނާގެ ދަރިފުޅުގެ މޫނަށް ބަލައިލުމަށްފަހު އޭނާ ބުންޏެވެ. "އޭ އަހަރެންގެ ލޯބިވާއެވެ! އޭ އަހަރެންގެ ހިތުގެ ހިތްހަމަޖެހުމާއެވެ! އަހަރެމެން ދެން ބައްދަލުވާނީ ކޮންތަނަކުން ހެއްޔެވެ؟"
ހަޤީޤަތުގައި ދީނަރު އަދި މަރެއް ނުވެއެވެ. އަދި އޭނާގެ މަންމަގެ އެ އަސަރުން ފުރިފައިވާ ބަސްތަށް އަޑު އިވުމުން، ބަލިކަށި އަޑަކުން އޭނާ ބުންޏެވެ. "މަގޭ މަންމާއެވެ! ހަމަކަށަވަރުންވެސް އަންނާނޭކަން ޔަގީންވެގެންވާ އެޤިޔާމަތް ދުވަހު މަންމައަށް އަހަރެން ނުފެނިއްޖެނަމަ ނަރަކައިގެ ކަންތައްތައް ބަލަހައްޓާ މަލާއިކަތާ، މާލިކުގެ އަރިހުން އަހަރެންގެ ވާހަކަ އަހާށެވެ." ދެން އޭނާގެ ކަރުބުޑުން އަޑެއް އިވުމަށްފަހު އޭނާ މަރުވެއްޖެއެވެ.
ދީނާރުގެ މަންމަ އޭނާގެ މަރުވެފައިވާ އެދަރިފުޅުގެ ހަށިގަނޑު ހިނަވާ ކަފުން ކުރުމަށްފަހު ޖަނާޒާގެ ކަންތައްތައް ހަމަޖެއްސިއެވެ. އަދި އެއަށްފަހު ބޭރަށް ނުކުމެ އިއުލާން ކުރަމުން ބުންޏެވެ. " އޭ މީސްތަކުންނޭވެ! ނަރަކަޔަށް ބިރުން މަރުވެގެން ދިޔަ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމަށްޓަކައި އަންނާށެވެ." މި އޢުލާނުގެ އަޑުއިވުމުން ހުރިހާ ދިމާލަކުން މީސްތަކުން އަންނަން ފެށިއެވެ. ބުނެވޭގޮތުގައި އެދުވަސްވަރު އެންމެ ގިނައިން މީހުން އެއްވެ އަދި އެހާގިނައިން ކަރުނަ އެޅި ދުވަހެއް އެދުވަސް ނޫނީ ނާދެއެވެ.
ދީނާރުގެ ޖަނާޒާ ބޭއްވުނު ދުވަހުގެރޭ، އޭނާގެ ރަޙްމަތްތެރިޔަކަށް ހުވަފެނުގައި އޭނާ ފެނުނެވެ. ފެހިކުލައިގެ ފަށުވި ފޭރާމެއްގައި ވަނިކޮށެވެ. އަދި އޭނާ އަންނަނިވި އާޔަތް ފަޚުރުވެރިކަމާއި އުފަލާއިއެކު ކިޔަވަމުން ސުވަރުގޭގައި ހިނގަމުން ދަނިކޮށެވެ.
فَوَ رَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ عَمَّاكَانُوا يَعْمَلُونَ
މާނައީ: "ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާންގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާންގެ އެއުރެން އެންމެނާ ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް އުޅުނު ޢަމަލުތަކާ މެދުގައެވެ" (އަލްހިޖްރު:91-92)
އަދި ދީނާރުގެ އެކުވެރިޔާއަށް ފެނުނު ހުވަފެނުގައި ދީނާރު ބުނެއެވެ."އެންމެ ޢިއްޒަތްތެރި އަދި އެންމެ މަތިވެރިވެ ވޮޑިގެންވާ ރަސްކަލާންގެ ގަންދީ ބުނަމެވެ! އެކަލާނގެ ހެޔޮރަޙުމަތްފުޅުން އަހަރެންގެ ކުށްފާފަތަށް ފުއްސަވާދެއްވައިފިއެވެ. މިއަޅާގެ ވެރިރަސްކަލާކޮ! މިއަޅާގެ މަންމައަށް މިޙަބަރު ފޯރުކޮށް ދެއްވަވާފާނދޭވެ."

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment