5.12.2010

ޙަޟާރަތް ބިނާކުރުމުގައި އަންހެނުންގެ ދައުރު

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
"އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަކީ އަންހެނާއަކީ މުޖްތަމަޢުގައި ބަސްކިޔޭ ޤަދަރުވެރި އިޙްތިރާމްލިބިގެންވާ އިންސާނަކަށް ހެދުމެވެ. އޭނާ އޭނާގެ ވެރިރަސްކަލާނގެ މަގުން އެއްކިބާކޮށް ޣަރީޒާތަކުގެ ޝިކާރައަކަށް ހެދުމެއްނޫނެވެ. ސްޓޭޖްތަކަށް އަރުވައި ޢިއްފަތާއި އަބުރުވެރިކަމުގެ ތަރަހައިން އޭނާ ބޭރުކޮށް އުފަލާއި އަރާމްގެ ވަސީލަތަކަށް ހެދުމެއްވެސް ނޫނެވެ. ވިޔަފާރިވެރިންގެ މުދާވިއްކަން އިޝްތިހާރުކުރެވޭ ވަސީލަތަކަށް ހެދުމެއްވެސް ނޫނެވެ. މިވާހަކަތައް ދައްކާމީހުންނަކީ ފަހަރުގައި ނާތާހުޒީބު ހައްދުފަހަނައަޅާފައިވާ އަދުގެ ދުނިޔޭގެ ތަހުޒީބާއި ބީރައްޓެހިބައެއްކަމުގައި ބައެއް މީހުން ސިފަކޮށްފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ ހިތިއެއްޗެއްކަމުގައި ދަންނާށެވެ"

بسم الله الرحمن الرحيم

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين ومن تبعهم بإحسان إلى يوم الدين، وبعد:
މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ އެކަލާނގެ އަށް އަޅުވެތިވުމަށެވެ. އެކަލާނގެ ކީރިތި ޤުރްއާނުގައި އަންގަވާފައިވެއެވެ. ( وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلاَّ لِيَعْبُدُونِ) الذاريات: 56 މާނައީ: "އަދި ތިމަން ރަސްކަލާނގެ އަށް އަޅުކަންކުރުމަށް މެނުވީ ޖިންނީންނާއި އިންސީން ނުހައްދަވަމުއެވެ."

އާދެ! އަޅުކަންކުރުމަށް އުފައްދަވާފައިވާކަން އެނގެވުމުގެ މަފްހޫމަކީ ހަމައެކަނި އަޅުކަމުގެ ގޮތުގައި ފާހަނގަކުރެވޭ ބައެއް ކަންކަންކޮށްލުމެއްނޫނެވެ. އަޅުކަމުގެ މުރާދަކީ ﷲ އާއި އެހެންތަކެއްޗާއި އެއްފަދަ ނުކުރުމާއި، ދުނިޔެއާރާސްތުކުރުމެވެ. ވީމާ މިކަންކަން ބިންމަތީގައި ޤާއިމުކުރުމަށްޓަކައި ލެއްވިގެންވާ ޚަލީފާއިންނަކީ އިންސާނާނުންނެވެ. ބިންމަތީގައި އެ ޙަޤީޤަތް ޤާއިމުކުރުމަކީ އިންސާނިއްޔަތުގެ މަސްއޫލިއްޔަތެވެ. އިންސާނުންނަކީ އަންހެނުންނާއި ފިރިހެނުންނެވެ.

ދުނިޔެ އާރަސްތުކުރުމާއި ޙަޟާރަތް ބިނާކުރުމުގައި އަންހެނުންގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެކަމަށް ދެކެވޭ ވާހަކަތަކަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާއި މުޅިން ތަޢާރަޟްވާ ވާހަކަތަކެކެވެ. ޙަޤީޤަތަކަށް އެނބުރި ދާއިރު އަންހެނާއަށް ދިރިހުރުމުގެ ޙައްޤާއި އަނިޔާވެރިކަމުން މިނިވަންވެގަތުމުގެ ފުރްޞަތު ހޯދައިދީ، އޭނާ އަކީ މަތިވެރި އިންސާނެއްކަމުގައި ހަދައިދިނީ އިސްލާމްދީންކަން އެނގިފާޅުވެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ދަންމަރުގެ އަލިކަން ދުނިޔެއަށް ފާޅުވެގެންދިޔައީ ދުނިޔޭގެ ބޮޑެތި ހަޟާރްތަކުގައި އަންހެނާއަށް ނިކަމެތިކޮށް ހިތާފައިވާ ޖަހާލަތުގެ އަނދިރި ދުވަސްވަރެއްގައި ކަން ތާރީޚު ހެކިދެއެވެ. ޚާއްޞަކޮށް ޢަރަބިކަރައިގައި އަންހެނުންނަށް އަނިޔާވެރިވުން އޮތީ އިންތިހާ އަށް ފެތުރިފައެވެ. އެމީހުން ގަނެވިއްކާހަދައެވެ. ދިރިތިއްބާ ވަޅުލަމުން ދެއެވެ. އަންހެން ދަރިޔަކު ލިބުމަކީ ހިތާމައެއްކަމުގައި ދެކެމުންދިޔައެވެ. ދިރިތިއްބާ ވަޅުލަމުންދިޔަ އަންހެން ދަރީންގެ ކުށަކީ ކޮބައިކަމާމެދު ﷲ ސުވާލު އިޢުލާންކުރެއްވިއެވެ. ( وَإِذَا الْمَوْءُودَةُ سُئِلَتْ (٨) بِأَيِّ ذَنْبٍ قُتِلَتْ (٩) التكوير: 9-8 މާނައީ: "އަދި ދިރިތިއްބާ ވަޅުލެވުނު އަންހެން ދަރީންނާ ސުވާލު ކުރެވޭ ހިނދެވެ. އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުންހެއްޔެވެ؟"

އަދި ވެސް ﷲ ވަޙީކުރައްވާފައިވެއެވެ. ( وَإِذَا بُشِّرَ أَحَدُهُمْ بِالأنْثَى ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ (٥٨)يَتَوَارَى مِنَ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلا سَاءَ مَا يَحْكُمُونَ ) (٥٩) النحل: ٥٨ – ٥٩ މާނައީ: " އަދި އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރުދެވިއްޖެ ނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެއެވެ. އޭނާ އަށް އެކަމުގައި ހިތާމަ ލިބިގެންވާ ޙާލުގައެވެ. އެމީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަން މަތީގައި އޭނާ އެކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެއަށް އެކުއްޖާ ކޮށްޕާލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންގެ ނިންމުން ހާދަހާވާ ނުބައިވެގެންވެއެވެ."

މިއީ ދުނިޔޭގައި ކަންހިނގަމުންދިޔަ އުޞޫލެވެ. އަންހެނުންގެ ޙައްޤުތައް ކީއްކުރަންތޯއެވެ؟ އަންހެނުންގެ ނަސްލުވެސް ނައްތާލަން މަސައްކަތްކުރީއެވެ. ބައެއް ޙަޟާރަތްތަކުގައި އަންހެނާ ދިރިހުއްޓާ އަލިފާނަށް ލައި އަންދަމުން ދިޔައެވެ. އޭނާ ބޭނުންކުރަމުން ދިޔައީ ޖިންސީ ޣަރީޒާ ފުއްދާ ވަސީލަތެއްގެ ގޮތުގައެވެ. މިގޮތުގައި އިންސާނިއްޔަތުވަނިކޮށް މަތިވެރި ﷲ އިޢުލާންކުރައްވަނީ އެންމެހައި އިންސާނުންނަކީ އިންސާނީ ވަންތަކަމުގައި ހަމަހަމަ ބައެއްކަމަށެވެ. ( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (١٣) ( الحجرات:13 ) މާނައީ : [ އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ. އަދި ތިމަން ﷲ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ﷲ ގެ ޙަޟްރަތުގައި އެންމެ މާތްކަންބޮޑީ އެންމެ ތަޤުވާވެރިމީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ. ]

އަދި ހެޔޮ ޢަމަލުގެ މައިދާނުގައްޔާއި ޝަރީޢަތުގެ ކަނޑައަޅުއްވާފައިވާ ޢުޤޫބާތުގެ ކުރިމަތީގައި ވެސް އަންހެނުންނާއި ފިރިހެނުންގެ ދަރަޖައަކީ އެއްދަރަޖައެއްކަމެވެ. މި ޙަޤީޤަތްތައް ކަށަވަރުކުރައްވަމުން ﷲ ވަޙީކުރައްވާފައިވަނީ މިފަދަ އިންނެވެ.( إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا (٣٥) الأحزاب: ٣٥ މާނައީ: " ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުންނާއި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނާއި ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުންނާއި ކެއްތެރި ފިރިހެނުންނާއި ކެއްތެރި އަންހެނުންނާއި ބިރުވެތިވާ ފިރިހެންނުނާއި ބިރުވެތިވާ އަންހެނުންނާއި ޞަދަޤާތްދޭ ފިރިހެންނުންނާއި ޞަދަޤާތްދޭ އަންހެނުންނާއި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ ފިރިހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ އަންހެނުންނާއި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި ޛިކުރުކުރާ އަންހެނުންނާއި އެ އެންމެނަށްޓަކައި ﷲ ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ."

އަދިވެސް ﷲ ވަހީކުރައްވާފައިވެއެވެ. ( مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ (٩٧) النحل: ٩٧ މާނައީ: " މުއުމިނަކު ކަމުގައިވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު ޢަމަލެއްކޮށްފި މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ޢަމަލުކޮށް އުޅުނު އެންމެހެޔޮ ގޮތުގައި ދަރުމައިން އެއުރެންނަށް ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

ޢުޤޫބާތުގައި ހަމަހަމަކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. ( الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ (٢) النور: ٢ މާނައީ" ޒިނޭކުރާ ފިރިހެނާއާއި ޒިނޭކުރާ އަންހެނާއާއި ދެމީހުން ކުރެ ކޮންމެ މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި ﷲ އަށާއި އާޚީރަތް ދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީ ނަމަ ﷲގެ ދީނުގައި އެދެމީހުންނާ މެދު ވާ ޙުކުމް ގައި އެދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާށެވެ!"

އަދި ޢާއިލީ ގުޅުމުގައި އަންހެނާ އަށް ހައްޤުތަކެއް ދެއްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.( يَا أَيُّهَا الَّذِينَ آمَنُوا لا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهًا وَلا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (١٩) النساء:19 މާނައީ: )އޭ އީމާންވީ މީހުންނެވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށްގަތުމަކީ، ތިޔަބައިމީހުންނަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި ފާޅުވެގެންހުރި، ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ކޮށްފިކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެތެރެއިން ބައެއްވިޔަސް އަތުލައިގަތުމަށްޓަކައި، އެކަނބަލުންނަށް ދަތި ނުކުރާށެވެ! އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާއި ނުރުހުންތެރިވެއްޖެނަމަ ދަންނާށެވެ! ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުންވެދާ އެއްޗަކީ އެއެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފައިވާއެއްޗެކެވެ.(

އަދި ޢިއްފަތްތެރި އަބުރުވެރި އަންހެނުންގެ އަބުރު ޙިމާޔަތްކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَئِكَ هُمُ الْفَاسِقُونَ (٤)إِلا الَّذِينَ تَابُوا مِنْ بَعْدِ ذَلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (٥) النور: ٤،٥ މާނައީ: " ޢިއްފަތްތެރި އަބުރުވެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން އެކަމުގެ މައްޗަށް ހަތަރު ހެކިން ނުގެނައިނަމަ ފަހެ އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދުޖަހާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ ހަމަ ފާސިޤުންނެވެ. އެއަށް ފަހު ތައުބާވެ ޢަމަލުތައް އިޞްލާޙު ކޮށްފި މީހުން މެނުވީއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. ( إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ (٢٣) النور: ٢٣ މާނައީ: " ޢިއްފަތްތެރި، އަދި ފާފަކުރުމުގެ ޚިޔާލެއްވެސް ނެތް މުއުމިން އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢްނަތް ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޒާބު ހުއްޓެވެ."

އިސްވެދިޔަ އާޔަތްތަކުން އެނިގެންދަނީ އިސްލާމްދީނުގެ ޢަދުލުވެރިކަމެވެ. މަތިވެރިކަމެވެ. އިންޞާފުވެރިކަމެވެ. ކުލުނުވެރިކަމާއި އޯގާތެރިކަން ވާޞިލުވެފައިވާ ދަރަޖެއެވެ. އާދެ! ބައެއް ޙާލަތްތަކުގައި އަންހެނާ ފިޠުރީގޮތުން އުފުލަންޖެހިފައިވާ ތަކްލީފުތަކުގެ ސަބަބުން އޭނާގެ ދަރަޖަ މާތް ﷲ ވަނީ މަތިވެރިކުރައްވާފައެވެ. އެއްދުވަހަކު ކީރިތި ރަސޫލާގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނަ އެންމެ ހެޔޮކޮށްހިތުމަށް ޙައްޤުކަންބޮޑީ ފަހެ ކާކުތޯއެވެ؟" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." ދެންވިއެވެ. "ދެން ކާކުތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." ދެންނެވިއެވެ. "ދެންކާކުތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." ދެންނެވިއެވެ. "ދެންކާކުތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ތިބާގެ ބައްޕައެވެ." މިޙަދީޘްއިން އެނގެނީ މަންމަ އުފުލާފައިވާ ތަކުލީފާއި ބުރައިގެ ސަބަބުން މަންމަގެ ދަރަޖަ ތިންގުނަ އިތުރުވެގެންވާ ކަމެވެ.

ހަމައެއާއެކު ދަރިއެއްގެ ޙާލަތުގައްޔާއި، އުޚުތެއްގެ ޙާލަތުގައި އެނާއަށް އަޅާލައި ރަނގަޅު ތަރުބިޔަތެއްދީފި ނަމަ އޭގެ ސަބަބުން ސުވަރުގެއަށް ވަނުމުގެ ނަޞީބު ދެއްވާފައިވާކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ.

އަދި އަންބެއްގެ ޙާލަތުގައި ވާނަމަ އޭނާ އަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވެއެވެ. އަދި ކީރިތި ރަސޫލާ ޙަދީޘްފުޅުކުރައްވާފައިވެއެވެ. (خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي ) رواه الترمذي މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ އެމީހާގެ އަނބިދަރީންނަށް އޯގާތެރި މީހާއެވެ. ތިޔަބައިމީހުންގެ ކުރެ އަނބިދަރީންނަށް އެންމެ ހެޔޮ މީހަކީ ތިމަން ކަލޭގެފާނެވެ. "

މުސްލިމު އަޚުންނޭވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނާއި ފިރިހެނުން ސިފަކުރައްވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން އިސްލާމީ ދައުލަތާއި މުސްލިމުންގެ ފަޚުރުވެރި ޙަޟާރަތް ބިނާކުރުމުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ވެސް ބައިވެރިވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގައި އަންހެނުންނަށް ދަތި އުނދަގޫ ކަންތައްތައް ޙައްލުކުރުމަށް އަޞްޙާބު ބޭކަނބަލުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަންނަވައެވެ. އަދި އެކަނބަލުންގެ ޝަޚުޞިއްޔަތުތައް ބިނާކުރުމަށްޓަކައި ޢިލްމީ މަޖިލިސްތަކަށް ޙާޟިރުވެއުޅުއްވިއެވެ. އަދި އެކަނބަލުންގެ އެދުމުގެ މަތީން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަކި ޚާއްޞަ ދުވަހެއް އެކަނބަލުންނަށްޓަކައި ކަނޑަޅުއްވައި އެދުވަހުގައި އެކަނބަލުންނަށް ތަޢުލީމު ދެއްވާފައިވެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާލާއިރު އެދުވަސްވަރުގައި އަންހެނުންގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުން އުޅެފައިވާ ކަން އެނގެއެވެ. ޚާއްޞަކޮށް ނިކަމެތީންނަށް އަޅާލާ، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ހައްދަވާ އަންހެން ބޭކަނބަލުން އުޅުއްވާފައިވެއެވެ. އޭގެ ތެރޭގައި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟޔަﷲ ޢަންހާ ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އެދުވަސްވަރު ހިތާމައިގެ ވަގުތުތަކުގައި ތަޢުޒިޔާ ވިދާޅުވުމަށާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމަށް އެކަނބަލުން ނިކުންނަވާކަމުގައި ވެއެވެ.

އަދި ހެޔޮލަފާ ޞާލިޙު މުޖުތަމަޢެއް ބިނާކުރުމުގައި ދެޖިންސުގެ މީހުން އަދާކޮށްފައިވަނީ އުޚުއްވަތްތެރި ދައުރެކެވެ. އެއި މިއާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. ( وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ (٧١) التوبة : 71 މާނައީ: '' މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމު ކުރެއެވެ. ޒަކާތްދެއެވެ. އަދި ﷲ އާ އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙްމަތް ލައްވާ ހުއްޓެވެ. ހަމަކަށަވަރުން ﷲއީ ޢިއްޒަތްތެރި ވަންތަ ޙަކީމު ވަންތަ ރަސްކަލާނގެ އެވެ."

އާދެ! ޤައުމަށް ދިމާވި ބޮޑެތި ކާރިޘާތަކާއި ހަނގުރާމައިގެ ވަގުތުގައިވެސް އަންހެނުން ވަރަށް ފުރިހަމަ ދައުރެއް އަދާކޮށްފައިވެއެވެ. މިގޮތުން ލަޝްކަރުތަކުގައި ބައިވެރިވުމާއި، ހަނގުރާމައިގެ ވަގުތުގައި ލަޝްކަރުގެ އަހުލުވެރިންނަށް ފެން އުފުލުމާއި، ޒަޚަމްވެގެން ގެންނަ މީހުންނަށް ފަރުވާކުރުމާއި، މިފަދަ އެތައްކަމެއް ޞަޙާބީ ބޭކަނބަލުން ވަނީ ކުރައްވާފައިވެއެވެ. އަދި އެކަނބަލުން ދިރިއުޅުމަށްޓަކައި ބުރަ މަސައްކަތްކުރައްވާފައިއެވެ، މިގޮތުން ދަނޑުވެރިކަމާއި ނަޢަމް ޞޫފީގެ މަސައްކަތްކުރައްވާފައިވެއެވެ.

އާދެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ސިޔާސީ މައިދާނުން ވެސް އަންހެނުންގެ އަޑު އިވިފައިވެއެވެ. ޤުރައިޝުންގެ ފަރާތުން މުސްލިމުންނަށް ކުރިމަތިވެގެންދިޔަ އަނިޔާވެރި ޢުދުވާންތަކުން މުސްލިމުން ސަލާމަތްކުރުމަށްޓަކައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް އަންހެންބޭކަނބަލުން ވެސް ކުރައްވާފައިވެއެވެ. ޤުރައިޝުންގެ ޙިޞާރުގައި މުސްލިމުން ތިބި ދުވަސްވަރުގައި އުންމުލްމުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ ގެ މުދަލުން އެކަމަނާ މުސްލިމުންނަށް ޚަރަދުކުރައްވާފައިވެއެވެ. ޤުރައިޝުންގެ އަނިޔާއިން ސަލާމަތްވުމަށްޓަކައި ޙަބަޝްކަރަޔަށް ފުރަތަމަ ހިޖުރަކުރި މީހުންގެ ތެރޭގައި ވެސް އަންހެނުން ހިމެނެއެވެ. މަޝްހޫރު ބައިޢަތުލްޢަޤަބާގައި އަންހެންބޭކަނބަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ބައިޢަތު ހިއްޕަވާފައިވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެންމެ ފުރަތަމަ އިސްލާމްވީ ވެސް އަންހެން ބޭކަނބަލެކެވެ. އެއީ ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އެންމެ ފުރަތަމަ ދުޝްމަނުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ ޝަހީދުވެވަޑައިގަތީ ވެސް އަންހެން ބޭކަނބަލެކެވެ. އެއީ ސުމައްޔާ ރަޟިޔަﷲ ޢަންހާ އެވެ. ޙުދައިބިއްޔާގެ ޞުލްޙައިގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މަޝްވަރާ ދެއްވުމުގައި އުންމުލްމުއުމިނީން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ އަދާކުރައްވާފައިވަނީ މަތިވެރި ދައުރެކެވެ. މިއެންމެހައި ކަންކަމުން ދޭހަވަނީ އިސްލާމީ ޙަޟާރަތް ބިނާކުރުމުގައި އަންހެނުންނާއި ފިރިހެނުން އެއްސަފެއްގައި މަސައްކަތްކޮށްފައިވާކަމެވެ.

ވީއިރު، ޙަޟާރަތްބިނާކުރުމުގައި އަންހެނުންނަށް އެއްވެސް ދައުރެއްނެތްކަމަށާއި، އެމީހުންނަށް ތަޢުލީމު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫންކަމަށާއި، އެމީހުން ތިބެންޖެހޭނީ ހަމައެކަނި ގޭގައި ކަމަށް ބުނެ އަޑުއުފުލުމަކީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ހަމަތަކާއި މުޅިން ތަޢާރުޟްވާ، އަދި ސަލާމަތް ބުއްދި ޤަބޫލު ނުކުރާ ވާހަކަތަކެކެވެ. އިސްލާމްދީނުގެ އުޞޫލުތަކުގެ ތަރަހައިގެ ތެރޭގައި އިސްލާމީ އަދަބު އަޚްލާޤުގެ ތެރޭގައި މުޖްތަމަޢުގެ އެންމެހައި ކަންކަމުގައި އަންހެނުން ބައިވެރިވުމަކީ ދީނުގެ ނުޞޫޞްތަކުން ދޭހަކޮށްދޭ ކަށަވަރު ޙަޤީޤަތެކެވެ. ފިޠުރީ ސަބަބުތަކަކަށްޓަކައި ދެޖިންސުގެ މީހުންގެ މަސްއޫލިއްޔަތުގެ ތެރެއިން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް މާތް ﷲ ވަނީ މާތްކުރައްވައި އެކަމުގައި އިންޞާފު ޤާއިމުކުރައްވާފައެވެ. ޝަރީޢަތުގެ ނުޞޫޞްތައް ދިރާސާކުރުމުން މިކަން އެނގިފާޅުވެދާނެއެވެ.

އާދެ! އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި އަޑުއުފުލާ އެންމެހާ ފަރާތްތަކަށް، އިސްލާމްދީނައި އިސްލާމީ ތާރީޚު މުރާޖިޢާކުރުމަށް އަޅުގަނޑު ގޮވާލަމެވެ. އަންހެނާއަށް އިސްލާމްދީން ވަނީ މަތިވެރި ޙައްޤުތަކެއް ހޯދައި ދީފައެވެ. އޭނާއާއި މެދު އިންޞާފުވެރިވެފައިވާ މިންވަރު އެހިނދު އެނގި ބަޔާންވެގެންދާނެއެވެ.

އިސްލާމްދީނުގައި އަންހެނާއަށް ދެއްވާފައިވާ މަތިވެރި ޙައްޤުތަކެއް އެހެން އެއްވެސް ޙަޟާރަތެއްގައި، އެހެން އެއްވެސް ފަލްސަފާއެއްގައި އަންހެނާ އަށް ހޯދާދީފައިނެތެވެ. ހަނގުރާމައިގެ ވަގުތުގައި ވެސް އަންހެނުން ނުމެރުމަށް އިސްލާމްދީން ގޮވާލާފައިވެއެވެ. ނަމަވެސް ދުނިޔޭގެ ހަތަރު އުދަރެހަށް ނަޒަރު ހިންގާލުމުން މިފެންނަނީ މުޅިން އެހެން މަންޒަރެވެ. މުސްކުޅި އަންހެނުންނާއި، މާބަނޑު މީހުންނާއި، އަންހެން ދަރީން ޣައްޒާގައި ޙިޞާރުކުރެވިފައިވާތަނެވެ. ކާނެއެއްޗެއް، ބޯނެ އެއްޗެއް ފަރުވާކޮށްލާނެ ބޭސް ނުލިބި ލޯމަތީގައި މަރުވެގެން އެދަނީއެވެ. ހަމަ އެފަދަ ނިކަމެތި އަންހެނުންގެ މައްޗަށް މުސްލިމުންގެ ފަޚުރުވެރި ބަޣްދާދުގެ މަތީން ނުރައްކާތެރި ހަތިޔާރާއި އަލިފާނުގެ ވާރޭ ވެއްސާތަނެވެ. އަފްޣާނިސްތާނުގެ ފަރުބަދަތަކުގެ ހޮހަޅަތަކުގެ ނާމާންކަމުގެ ޝިކާރައަކަށް އަންހެނުން ވެފައިވާ މަންޒަރެވެ. އަދި ޞޯމާލިޔާގައި އެފަދަ މީހުންގެ ޢިއްފަތާއި އަބުރު ނަގާލެވިފައިވާ ޞޫރައެވެ. މިކަންކަމަކީ މިއީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކާ މުޅީން ޚިލާފަށް އަންހެނުންނާ ދެކޮޅަށް ހިނގަމުން ގެންދާ ވަރުގަދަ ޖަރީމާތަކެވެ. މިކަންކަމުން ދުނިޔެ އަށް ރައްކާތެރިކަން ހޯދައި ދިނުމަކީ އިންޞާފާއި އިންސާނީ ޙައްޤުތަކަށް ލޯބިކުރާ ކޮންމެ ފަރުދެއްގެ މަތިވެރި ވާޖިބެކެވެ. ކޮންމެ ދައުލަތެއްގެ މަސްއޫލިއްޔަތެކެވެ.

އާދެ! އަނިޔާވެރިވުމަކީ ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ. އަނިޔާއަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އެއްޗެއްނޫނެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވެސް އަންހެނުންނާމެދު އަނިޔާވެރިވެއެވެ. ވަކިގޮތަކަށް ހެދުން އެޅުމުން މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ނޭދެވޭ ބަސްތައްބުނުމާއި، ނޫސްމަޖައްލާތަކުގައި ބަދުނާމުކުރުމާއި، ގުރޫޕްތައްވެގެން އަންހެންކުދީންގެ ޢިއްފަތް ފޭރުމާއި ބްލެކްމޭލްކުރުމާއި، މިފަދަ ކަންކަން ބައެއް ފަހަރު ތަކުރާރުވަމުންދާ ކަން ފާހަނގަކުރެވެއެވެ. އަދި އަންހެނުންނަށް ވަޒީފާ ދިނުމުގައި ހަމަހަމަކަން ނުގެންގުޅުމާއި، ވަޒީފާ ދޭ ބައެއް މުއައްސަސާތަކުން އެންމެ ކުޑަމިނުން ބުރުގާ ވެސް ހުއްދަނުކުރާ ކަމީ މިފަދަ އިސްލާމީ ދައުލަތެއްގައި އޮންނަންޖެހޭ ތަފާތުކުރުމެއްކަމުގައި ޤަބޫލުނުކުރެވެއެވެ. މިފަދަ ކަންކަން ގެންގުޅޭ ނަމަ އިޖްތިމާޢީ ޙަޔާތުން ބައެއް އަންހެނުން އެއްކިބާވެގެން ދިއުމަކީ ވެދާނޭކަމެކެވެ. ނަތީޖާއަކަށް ވެގެންދާނީ މުޖްތަމަޢުން ހަމަހަމަކަމާއި އިންޞާފުވެރިކަން ގެއްލިދިއުމެވެ. ޙައްދުފަހަނައެޅުމާއި ނޭދެވޭ ވިސްނުމާއި ފިކުރިއްޔާތުގެ ޠޫފާންގެ ތެރެއަށް ޤައުމު ޣަރަޤުވެގެން ދިއުމެވެ.

އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަކީ އަންހެނާއަކީ މުޖްތަމަޢުގައި ބަސްކިޔޭ ޤަދަރުވެރި އިޙްތިރާމްލިބިގެންވާ އިންސާނަކަށް ހެދުމެވެ. އޭނާ އޭނާގެ ވެރިރަސްކަލާނގެ މަގުން އެއްކިބާކޮށް ޣަރީޒާތަކުގެ ޝިކާރައަކަށް ހެދުމެއްނޫނެވެ. ސްޓޭޖްތަކަށް އަރުވައި ޢިއްފަތާއި އަބުރުވެރިކަމުގެ ތަރަހައިން އޭނާ ބޭރުކޮށް އުފަލާއި އަރާމްގެ ވަސީލަތަކަށް ހެދުމެއްވެސް ނޫނެވެ. ވިޔަފާރިވެރިންގެ މުދާވިއްކަން އިޝްތިހާރުކުރެވޭ ވަސީލަތަކަށް ހެދުމެއްވެސް ނޫނެވެ. މިވާހަކަތައް ދައްކާމީހުންނަކީ ފަހަރުގައި ނާތާހުޒީބު ހައްދުފަހަނައަޅާފައިވާ އަދުގެ ދުނިޔޭގެ ތަހުޒީބާއި ބީރައްޓެހިބައެއްކަމުގައި ބައެއް މީހުން ސިފަކޮށްފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ ހިތިއެއްޗެއްކަމުގައި ދަންނާށެވެ!

އިސްލާމްދީނުގެ އުޞޫލުތަކުގެ އަލީގައި އަޅުގަނޑުމެން މަސައްކަތްކޮށްފި ނަމަ، ދެޖިންސުގެ މީހުންގެ ފުރިހަމަ ދައުރެއް އޮތް، ހެޔޮލަފާ ޞާލިޙު މުޖުތަމަޢެއް ބިނާކުރެވިދާނޭ ކަމީ ޔަޤީން ކަމެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތާއި ތައުފީޤު ދެއްވާށި- އާމީން

وصلى الله على نبينا محمد وعلى آله وأصحابه أجمعين ومن تبعهم بإحسان إلى يوم الدين. وسلم تسليما كثيراً.

وآخر دعوانا أن الحمد لله رب العالمين
--------------------------------------------
ނޫރުލްއިސްލާމް އިން ނަގާފައިވާ ލިޔުމެއް

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. މިލިޔުން ނާމަގު.ކޮމް ގައި ޝާއިއު ކުރުމުން އެއްވެސް މައްސަލައެއް އެބްއޮތްހެއްޔެ!
    www.naamagu.com
    ޖަވާބެއް ފޮނުއްވާ
    info@naamagu.com

    ReplyDelete