5.16.2010

އަންހެނުންނަކީ އިންސާނުންބާ؟

އަލްއަޚް ނަޞްރުﷲ ޖަމީލް
އަންހެނުންނަކީ އިންސާނުންތޯ ކުރެވޭ ސުވާލަކީ މީގެ އެތަކެއް ޤަރުނެއް ކުރިންވެސް ކުރެވެމުން އަންނަ ސުވާލެކެވެ. މިގޮތުން ސަތާރަވަނަ ޤަރުނުގެ މެދުތެރޭގައި ލިޔެވިފައިވާ ލިޔުންތަކުން އެނގޭގޮތުގައި އޭރުގެ ނަސާރާ ބައެއް ފާދިރީން ގަބޫލުކުރާ ގޮތުގައި އަންހެނުންގެ ރޫޙެއްނުވެއެވެ. އެހެންކަމުން، އެއީ އިންސާނުންގެ ގިންތީގައިވާ ބައެއް ނޫނެވެ. ފަހުގެ ތާރީޚަށް ބަލާލާއިރު، މީލާދީން 2000 ވަނަ އަހަރުގައި ފާދިރީއެއް އަދި ސައިންސް ވެރިއެއްކަމުގައިވާ ޑރ. ފްރެޑް ނެއިމަން ކުރި ދިރާސާއަކުން އޭނާއަށްވެސް ޤަބޫލުކުރެވުނީ އަންހެނުންނަކީ އިންސާނުންގެ ތެރޭގައި ނުހިމެނޭ ބައެއްކަމެވެ.

މިގޮތުން އޭނާ ބައިބްލް އިން ދަލީލު ދައްކަމުން ބުނެފައިވަނީ އަންހެނުންނަނީ ފިރިހެނުންގެ ބައިވެރިއަކަށް، އަދި ފިރިހެނުންނަށް އެހީތެރިވުމަށް އުފައްދާފައިވާ ބަޔެކެވެ. އެހެންކަމުން، ކޮންމެ ޙާލަތެއްގައިވެސް އަންހެނުން ތިބެންޖެހޭނީ ފިރިހެނުންގެ ދަށުގައެވެ. ފިރިހެނުން ބުނާކަމެއް ކުރުމުގައެވެ. އިތުރަށް އޭނާ ބަޔާންކޮށްފައިވާ ގޮތުގައި، މަރުވުމަށް ފަހު ފިރިހެނުން ސުވަރުގެ ދިޔުމުން، ސުވަރުގޭގައި އެކުވެރިއަކަށް، އަދި އެހީތެރިއަކަށް ﷲ ވޮޑިގެންވާނެއެވެ. އެހެންކަމުން، އެ ދުވަހު އަންހެނުންގެ ބޭނުމެއް ނެތުމުން، އަންހެނުން ފަދަ ފުރިހަމަ ނޫން ބަޔަކަށް ސުވަރުގެއިން ޖާގައެއްވެސް ނުލިބޭނެއެވެ.

މިއީ ލާދީނީ ފަލްސަފާއެއް ނަމަވެސް ހައްދު ފަހަނައަޅައިފައިވާ މުސްލިމުންވެސް އަންހެނުންނަކީ އިންސާނުން ބާއޭ ހީވާފަދަ ގޮތަކަށް މިއަދު އަމަލުތައް ބަހައްޓަމުން ގެންދެއެވެ. ބަސްތައް ބައްޓަންކުރަމުން ގެންދެއެވެ. ދީން ހިމާޔަތްކުރުމުގެ ނަމުގައި ދީނުގެ ރިވެތި އުސޫލުތަކަށް ބަލާލުމެއް ނެތި ވާހަކަދައްކަމުން އެބަދެއެވެ. އަޅުގަނޑަށް ފެނުނު މިފަދަ ދީނީ ލިޔުމެއްގެ އެއް ޖުމްލަ އަޅުގަނޑު ނަކަލުކޮށްލާނަމެވެ. އޭގައި ބުނެފައިވަނީ، "ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް އަންހެނުންނަކީ ފިރިހެނުންގެ އެދުން ފުއްދުމަށް ބޭނުންކުރާ އާލާތެކެވެ" މި ފަދައިންނެވެ.

އަޅުގަނޑަށް މި ޖުމްލައިން އަޅައިގަތީ ދެކަމެކެވެ. ފުރަތަމަ ކަމަކީ އަންހެނުންނަކީ "އާލާތެއް" ކަމަށް ސިފަކޮށްފައިވުމެވެ. އަންހެނުންނަކީ އެދުންތަކެއް، އިހްސާސެއް، ނުވަތަ ރޫޙެއް ވާބައެއް ނޫންބާއެވެ. ދެވަނަކަމަކީ، ފިރިހެނުންގެ އެދުން ފުއްދުމުގައި އަންހެނުން އާލަތެއްކަމަށްވާނަމަ އަންހެނުންގެ އެދުން ފުއްދުމުގައި ފިރިހެނުން އާލާތަކަށް ނުވާނެބާއެވެ. އެއީ ހަމައެކަނި ފިރިހެނުންގެ ޙައްޤެއްބާއެވެ.

އަންހެނުންނަކީ އިންސާނުންތޯ ބޭނުން ކޮށްފައި ނަގާ ހޫރާލަން ހުރި އާލާތްތަކެއްތޯ ބަލާލުމަށްޓަކައި އިސްލާމްދީން އައުމުގެ ކުރީގެ ދުވަސްތަކަށް ބަލާލަން ޖެހެއެވެ. އޭރު އަންހެނުން ދިޔައީ މުދަލެއްގެ ގޮތުގައި ބާޒާރުތަކުގައި ވިއްކެމުންނެވެ. އަންހެނުން ބޭނުންކުރެވުމުން ދިޔައީ ހަމައެކަނި އެންމެ ބޭނުމަކަށެވެ. އެއަށް ފަހު ދޫކޮށްލަނީ އެވެ. ނުވަތަ މަރާލަނީއެވެ. އެ މީހުންނަށް ތަރިކަމުދަލުން އެއްވެސް މިންވަރެއް ނުލިބެއެވެ. ކަން މިހެން އޮތުމުން، އަންހެން ކުއްޖަކު ލިބިއްޖެނަމަ ބަދުނަސީބުން ސަލާމަތްވުމައްޓަކައި، އެ ކުދިން ދިރިތިއްބާ ވަޅުލުންވެސް އޮތީ އާއްމުކަމަށް އޭރު ވެފައެވެ.

ނަމަވެސް އިސްލާމްދީން އެ ހުރިހާކަމެއް މަނާކުރިއެވެ. ބަދުނަސީބުން ސަލާމަތްވުމުގެ ނަމުގައި ވަޅުލުމަކީ ނުބައިކަން ބޮޑު އަމެލެއްކަމުގައި އެންގެވިއެވެ (ނަޙްލު 59). އަދި އެމީހުން ދިރިހުއްޓާ ވަޅުލެވުނީ އެ މީހުންގެ ކޮން ކުށަކުންތޯ ސުވާލުކުރެވޭނޭކަމަށް މާތް ﷲ އެންގެވިއެވެ (ތަކްވީރް 8-9). އަދި އަންހެނުންނަށް ތަރިކަމުދަލުން ބައެއްދީ، އަންހެނުން ބެލުމަކީ ފިރިހެނުންގެ ވާޖިބެއްކަމުގައި ލެއްވިއެވެ. އިންސާނުން އުފެދިފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ކިބައިންކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު (ނިސާ 1)، އަންހެނުންނަކީ ފިރިހެނުންގެ ބައެއްކަމުގައި، އަދި ފިރިހެނުންނަކީ އަންހެނުންގެ ބައެއްކަމުގައި ރަސޫލާ އެންގެވިއެވެ. މުއްމިނަކު ކަމުގައިވެގެން ހުރެ ހެޔޮ ޢަމަލުކުރާނަމަ، އަންހެނެއް ފިރިހެނެއް ތަފާތުކުރުމެއްނެތި ސުވަރުގެއަށް ވައްދަވާނޭކަމުގައިވެސް މާތް ﷲ ވަނީ އަންގަވާފައެވެ(ނިސާ 124).

އެދުން ފުއްދުމަކީ ހަމައެކަނި ފިރިމީހާގެ ހައްޤެއްތޯއާއި އެ ވާޖިބު އެޅިފައިވަނީ ހަމައެކަނި އަނބިމީހާގެ ބޮލުގައިތޯ ބަލާލާއިރު، ކީރިތި ޤުރުއާން ސިފަކުރަނީ އަނބިމީހާއަކީ ފިރިމީހާއަށްވާ ފޭރާމެއްކަމުގައެވެ. އަދި ފިރިމީހާއަކީ ހަމަ އެ ބީދައިން އަނބިމީހާއަށްވާ ފޭރާމެއްކަމުގައެވެ (ބަޤަރާ 187). އިލްމުވެރިން މިއާޔަތުގެ މާނަކުރައްވަމުން ވިދާޅުވަނީ މި އާޔަތުގައި "ފޭރާމެއް" ކަމަށް ސިފަކުރައްވާފައިވުމުން ވަރަށް ގިނަ ކަންތައްތަކެއް ހާމަވެގެންދާކަމުގައެވެ. މިގޮތުން ދެ މީހުންގެ ގާތްކަމާއި، ދެ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތަކަށް ޖަވާބު ދިނުމުގައި ދެމީހުންގެ ހަމަހަމަކަމާއި، އެކަކު އަނެކެއްގެ އައިބުތައް ފޮރުވައިދީ، ޒީނާތްތެރިކޮށްދޭންޖެހޭނޭކަމެވެ. މީގެ އިތުރުން، އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ (ނިސާ 19).

އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބު ރަސޫލާގެ ސުންނަތުންވެސް ވަރަށް ސާފުކޮށް ލިބެން އެބަ އޮތެވެ. ޢަބްދުﷲ ބުން ޢަމްރު ބުނުލްޢާޞް ދުވާލުގައި ރޯދައަށް ހުންނަވައި، ރޭގަނޑަގައި ދަމުނަމާދަށް ހުންނަވާކަން ރަސޫލާއަށް އެނގިވަޑައިގަތުމުން، ހަށިގަނޑަށް ހައްޤުތަކެއްވާކަމަށާއި، ލޮލަށް ހައްޤުތަކެއް ވާކަމަށާ އަދި އަނބިމީހާގެ މައްޗަށް ހައްޤުތަކެއް ވާކަމުގައި ރަސޫލާ ހަދީސްކުރެއްވިއެވެ. އެހެންކަމުން، އަނބިމީހާގެ އެދުން ފުއްދައި ނުދެވި، އާމްދަނީއެއް ހޯދުމަށް މަސައްކަތް ނުކުރެވިދާހާ ބަލިކަށިވާނެ ފަދަގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް ރަސޫލާ އެންގެވިއެވެ (ފަތުޙުލްބާރީ). މީގެ އިތުރުން، ޝޭޚުލް އިސްލާމް އިބުނު ތައިމިއްޔާ ވިދާޅުވެފައިވާ ގޮތުގައި އަނބިމީހާ ބޭނުންވަރަކަށް އޭނާގެ އެދުން ފުއްދައިދިނުމަކީ ފިރިމީހާގެ ވާޖިބެކެވެ.

މިފަދަ ދަލީލުތައް ހުރުމާއެކު، އަންހެނުންނަކީ ރޫހެއް ނެތް، އިހްސާސެއް ނެތް، ވަކި މަޤްޞަދެއް ހާސިލުކުރަން ގެންގުޅޭ އާލާތްތަކެއްގެ ގޮތުގައި ސިފަކުރުމަކީ އިސްލާމީ އުސޫލެއްނޫންކަން އެބަ އެނގެއެވެ. އަންހެނުންނަކީ އިންސާނުންކަމާމެދު ސުވާލު އުފެދޭފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ބުއްދީގެ އަހުލުވެރިއެއްނަމަ ކުރާނޭކަމެއް ނޫންކަން އެބަ އެނގެއެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. ވަރަށް މުހިއްމު ލިޔުމެކެވެ. އެހެންނަމަވެސް ހިތާމައަކީ މިފަދަ ޙަޤީޤަތްތައް ހާމަވެގެންދާއިރު ވެސް އިސްލާމްދީނާއި މެދު ދެކޭގޮތް ރަގަޅުމަގަށް އެޅިގެން ނުދާކަމެވެ. މާތް ﷲ ދިވެހިންނަށް އިސްލާމް ދީނުގެ ޙަޤީޤަތް ހާމަކޮށްދެއްވާ އަދި ތާއަބަދަށް އެ ދީންމަތީގައި ލެހެއްޓެވުމުގެ ހެޔޮ ތައުފީޤް ދެއްވާށިއެވެ. އާމީން

    ReplyDelete