7.10.2010

ކުޑަކުދިންނާއި ނުރައްޓެހި ދުނިޔެއެއް: ޢާއިލާ އާއި އަޚުލާޤިއްޔަތާއި ދެކޮޅަށް ކުރާ ހަނގުރާމަ...

ޑރ މަޢުރޫފް ޙުސައިން
"ބައިނަލްއަޤްވާމީ މުޖްތަމަޢުން އެމުޖުތަމަޢުގެ އެޖެންޑާ އާއިގެން ކުރިޔަށްދަނީ ޙީލަތުގެ ބޭނުންކޮށްގެންނެވެ. ހުތުރުކަންތަކަށް ރީތިނަންތައް ދީގެންނެވެ. ޒަޔަނިސްޓުންނާއި އެމެރިކާގެ ބާރުގެދަށުގައިވާ އެމުޖުތަމަޢު އެތަނުގެ އެޖެންޑާއާއިގެން ވަދެ ޤައުމުތަކުގެ ސިޔާދަތުވަނީ ނައްތާލައިފައެވެ. ބޯވައިގެ ފައިތައް ފަދައިން ޙަރަކާތްތެރިވާ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގުނަވަންތައް ކަމުގައިވާ އެހީދޭ ޖަމާޢަތްތަކުން ޤައުމުތައްވަނީ އަޅުވެތި ކޮށްފައެވެ."

ޢާއިލާ އާއި އަޚްލާޤިއްޔަތާއި ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ބައެއްގެ ގޮތުން 11 މެއި 2002 ގައި ބައިނަލް އަޤްވާމީ މުޖްތަމަޢުން ޤަރާރެއް ފާސް ކުރިއެވެ. ޢާއިލާ އާއި، އަންހެނުންނާއި އަދި އަޚުލާޤިއްޔަތާއި ދެކޮޅު މި ޤަރާރަށް ދީފައިވާ ނަމަކީ "ކުޑަކުދިންނާއި ރައްޓެހި ދުނިޔެއެއް އުފެއްދުން" މިއެވެ. މިލަފްޒުތަކުގެ ތެރޭގައި "ނު" މިއަކުރު ހިމަނައިލުމުން މިޤަރާރަށް ދޭން އެންމެ އެކަށީގެންވާ ނަން ލިބުނީއެވެ. އާދެ! ކުޑަކުދިންނާއި ނުރައްޓެހި ދުނިޔެއެއް އުފެއްދުމެވެ. ޙަޤީޤަތުގައި މިފަދަ ދުނިޔެއެއް އުފެއްދުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަމުން އަންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. ނަމަވެސް މިމަޝްރޫޢުގައި ފޯރި ހިފާފައި ވަނީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައެވެ. އެންމެފަހުން މި އެކަށައެޅި ޕްލޭންގައި އަންނަނިވި ނުގުތާތަށް ފާހަގަ ކޮށްލެވެއެވެ.

(1) "ޢާއިލާ" އޭ މި ކިޔޭ ގުޅުމުގެ ބިންގާ މުގުރައިލުން:
މިޤަރާރުގައި އެތައްފަހަރަކު ތަކުރާރު ކޮށްފައިވާ ގޮތުން "ތަފާތު މުޖުތަމަޢު ތަކުގައި ޢާއިލާ އޭ ކިޔެނީ އެކިއެކި ވައްތަރުގެ ގުޅުމަށްކަން ހަނދާން ކުރަން ޖެހެއެވެ." މި އިޝާރާތްކުރާ އެއްޗެއްގެ މިސާލަކީ ޔޫރަޕުގެ ބައެއް ޤައުމުތަކުގައި އެއްޖިންސްގެ ދެމީހުން "ކައިވެނި ކުރުން" (!) ހުއްދައެވެ. މިގޮތުން "އިނދެގެން" އުޅޭ ދެއަންހެނުންނަކީ ނުވަތަ ދެފިރިހެނުންނަކީ ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ "ޢާއިލާ" އެކެވެ!

(2) މައިންބަފައިންގެ ކިޔަމަނުން ދަރީން ނެރުން:
މިކަން ޙާސިލް ކުރަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކުދީންނަށް އަލަށް ދިން "ޙައްޤު" ތައް ކުދަކުދިންނަށް ހަނދާން ކޮށްދީގެންނެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން އެބުނަނީއެވެ. "ފުރާވަރުގެ ކުދިންނާއި، އެނޫން ކުޑަކުދިންނަށް އެކުދިންގެ ޚިޔާލުތައް ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ." ތަރުޖަމާ: މައިންބަފައިން ނުވަތަ އެދުރުންނާއި ދިމާލަށް ހިތަށްއެރި އެއްޗެއް ބުނެލުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ.

(3) މައިންބަފައިންގެ ރޯލާއި ކުޑަކުދިން
އައު ޤަރާރުގައިވާ އަންނަނިވި ޢިބާރާތްތަކާއިމެދު ވިސްނަވާ ލައްވާށެވެ. "ފުރާވަރުގެ ކުދިންނަށް އެކުދިންގެ ޖިންސީ ކަންތައްތަކާއި އެކަންތަކުން ނިކުންނަ ސިއްޙީ މައްސަލަތަކާއި ބެހޭ މަޢުލޫމާތާއި ކައުންސިލިންގް އާއީ އެހެނިހެން ޚިދުމަތްތައް ސްކޫލްގައާއި ސްކޫލުން ބޭރުގައި ލިބެން ހުންނަން ޖެހޭނެއެވެ. އެއީ ކުޑަކުދިންގެ ޖިންސީ ކަންތައްތަކާއި ބެހޭ ނިންމުންތައް އެކުދިން އަމިއްލައަށް ނިންމުމުގެ ކުޅަދާނަކަން ހޯދައި ދިނުމަށްޓަކައެވެ." ބައިނަލްޢަޤްވާމީ މުޖުތަމަޢުގެ ޤަވާޢިދުގައި މިބުނާގޮތުން ނިންމުންތައް ނިންމާނީ ކުދިން އަމިއްލައަށެވެ. މައިންބަފައިންގެ ރޯލަކީ އެނިންމުންތަކަށް މަގުފަހިކޮށްދިނުމެވެ.

އަދިވެސް ވިދާޅުވެލައްވާށެވެ! "ފުރާވަރުގެ އަންހެންކުދިންނަށް އެކުދިން ބޭނުންވެއްޖެ ހިނދެއްގައި ދަރިމައިވުމާއި ބެހޭ ޞިއްޙީ ޚިދުމަތާއި (ތަރުޖަމާ: އެބޯޝަން ނުވަތަ ދަރިވައްޓާލުން) އެހެނިހެން ޞިއްޙީ ޚިދުމަތްތައް ޔުނިވަރސިޓީ ތަކުގައި ލިބެން ހުންނަން ޖެހޭނެއެވެ." އިތުރުތަފްޞީލެއް ބޭނުންފުޅުތޯއެވެ؟

(4) ދީނުގެ ދައުރު ނައްތާލުން
ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތަރުބިއްޔަތުގައި ދީނަށް އެއްވެސް ރޯލެއް ނުވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ބޭނުންވަނީ އެތަނުގެ "ޝަރީޢަތަށް" ދުނިޔެ ބޯލެނބުމަށެވެ.

(5) އަންހެނުންނާއި ފިރިހެނުންގެ ކިބައިގައިވާ ޠަބީޢީ ތަފާތުތައް ނައްތާލައި "ހަމަހަމަ" ކުރުން
ބައިނަލްއަޤްވާމީ މުޖުތަމަޢުން ލޯބިކުރަނީ "އެއްޖިންސެއްގެ" ދުނިޔެއަކަށެވެ.

(6) އަޚުލާޤިއްޔަތުން ސަލާމަތްވެފައިވާ ބައިވެސް ނައްތާލުމާއި، ޖިންސީ "ތަޢުލީމު" ކުރިއަރުވައި، ބަދުއަޚުލާޤީ ޢަމަލުތަކަށް މަގުފަހިކޮށް ދިނުމާއި އެބޯޝަން ޢާންމުކުރުން. އާދެ ކޮންޑަމްގެ ޙަޟާރަތެއް ބިނާކުރުމެވެ.
ޙަޤީޤަތުގައިވެސް މިއީ ޝައިޠާނީ ރޭވުންތަކެކެވެ. ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން "އަންހެނުންނާއި"، "ފަޤީރުކަމާއި"، "އާބާދީ އާއި"، "ތަރައްޤީ އާއި"، "ޞިއްޙަތާއި" މިފަދަ އެތައް ކަންތަކަކާއި މެދު ފާސްކޮށްފައިވާ ޤަރާރުތަކުގެ ދެފޮޅުވަތް ދޭތެރޭގައިވަނީ ވަރުގަދަ އެޖެންޑާއެކެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ހަމަބުއްދީގެ އަހުލުވެރިން ކޮބައިތޯއެވެ؟ އެމީހުންތިބީ ނިދާފައިތޯއެވެ؟ ދުނިޔޭގެ މުސްލިމުން ކޮބައިތޯއެވެ؟ ޝައްކެއްނެތް ގޮތުގައި މިއަދުގެ ދުނިޔޭގައި ފެތުރިފައިމިވާ ޖަހާލަތާއި، އަނިޔާއާއި ބަދުއަޚުލާޤިއްޔަތުން އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމުގެ ބުރަ މަސްއޫލިއްޔަތު ބޮލުގައި އަޅަން ޖެހިފައިވާ ބަޔަކީ މުސްލިމުންނެވެ. ނަމަވެސް އެމީހުންގެ ހިލަމެއްވެސް ނެތެވެ.

ބައިނަލްއަޤްވާމީ މުޖްތަމަޢުން އެމުޖުތަމަޢުގެ އެޖެންޑާ އާއިގެން ކުރިޔަށްދަނީ ޙީލަތުގެ ބޭނުންކޮށްގެންނެވެ. ހުތުރުކަންތަކަށް ރީތިނަންތައް ދީގެންނެވެ. ޒަޔަނިސްޓުންނާއި އެމެރިކާގެ ބާރުގެދަށުގައިވާ އެމުޖުތަމަޢު އެތަނުގެ އެޖެންޑާއާއިގެން ވަދެ ޤައުމުތަކުގެ ސިޔާދަތުވަނީ ނައްތާލައިފައެވެ. ބޯވައިގެ ފައިތައް ފަދައިން ޙަރަކާތްތެރިވާ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގުނަވަންތައް ކަމުގައިވާ އެހީދޭ ޖަމާޢަތްތަކުން ޤައުމުތައްވަނީ އަޅުވެތި ކޮށްފައެވެ. އެހީދެނީ ވަކިކަންތަކެއް ޝަރުޠުކޮށްފައެވެ. މިހިސާބުން ފުއްދާލީކީ ނޫނެވެ. މައިންބަފައިންނާއި ދަރީންގެ ދެމެދަށްވެސް ވަންނަނީއެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުގެ "ޙައްޤު" ތަކުގެ މަޝްރޫޢުގެ ޙަޤީޤަތާއިމެދު މުސްލިމުން ހޭއަރަން ވެއްޖެއެވެ. އިސްލާމީ ލިޔުންތެރިންނާއި، ދީނީ ޢިލްމުވެރިންނާއި، ވެރިންނާއި އަދި އާންމުންވެސް މިކަންތަކާއިމެދު ވިސްނާން ވެއްޖެއެވެ. އެހެނީ އަޅުގަނޑުމެންގެ ކުރިމަތީގައިވަނީ ދެއިޚްތިޔާރެކެވެ. އެހެންނާ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ "ޝަރީޢަތެވެ." ނުވަތަ އިސްލާމީ ޝަރީޢަތެވެ. ﷲ ގެ މަގެވެ. ނުވަތަ ޝައިޠާނާގެ މަގެވެ.

މި މަޒުމޫނު ބިނާކުރެވިފައި ވަނީ އިސްލާމީ މުފައްކިރެއް ކަމުގައިވާ ޚާލިދު ބޭގް ލިޔުއްވާފައިވާ މަޒުމޫނެއްގެ މައްޗަށެވެ.

.................................................................

= މި މަޒްމޫންނަގާފައިވަނީ ދަރުމަ މަޖައްލާގެ ޖުލައި 2004 ޢަދަދުންނެވެ =

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment: