7.16.2010

މައިވަންތަކަމާއި ވިސްނުންތޫނުކަން

އަލްއަޚް ޢަލީ ސަޢީދު
މައިންވަންތަކަމަކީ އަންހެނުންގެ ވިސްނުން ތޫނުކުރާ ކަމެކެވެ. ބަލިވެއިންނަ ދުވަސްވަރުން ފެށިގެން ގާތުން ކިރުދިނުމުގެ މުއްދަތުގައި މައިމީހާގެ ވިސްނުންތޫނުވެ ބުއްދި އިސްވާން މެދުވެރިވާ ސަބަބަކީ އެކަމުގެ ތެރޭގައި ހަށިގަނޑުގެ ހޯމޯން ތަކަށް އަންނަ ބަދަލެކެވެ. ޠަބީޢީ މި ބަދަލުގެ ސަބަބުން ބުއްދި ގަދަކޮށް އުގެނުން އިތުރުކޮށްދޭ މާއްދާއެއް މައިމީހާގެ ހަށިގަނޑުގައި ނިސްބަތުން އިތުރުވާލެއް މާގިނަކަމުގައި، ވިސްނުން ތޫނުވެ ކޮށިވުމާ ގުޅޭ ދިރާސާތައް ކުރުމުގައި ނަންހިގާފައިވާ ލޮސްއެންޖަލިސްގެ ޖަމްޢިއްޔާއަކުން ހާމަކޮށްފައިވެއެވެ.

އިންޓަރނެޓްގައި ޝާއިޢު ކޮށްފައިވާ މިނަތީޖާ އެބައިމީހުން ހާމަކޮށްފައިވަނީ، މިކަމާ ގުޅިގެން ޙައިވާނުންނާ އިންސާނުންގެ ނަފްސިއްޔާތު ދެނެގަތުމަށް ކުޅަ ތަޖުރިބާ ތަކަކަށް ފަހުގައެވެ.
އަންހެނުންނާއި އަންހެން ޖިންސުގެ މަޚްލޫޤުންނަކީ ހަށިގަނޑުގައިވާ ހޯމޯންތަކަށް ބަދަލު އައުމުގައި ފިރިހެން ޖިންސަށްވުރެ ސަބަބުތައް ގިނަ ބައެކެވެ. މައްސަރުކަންތަކާއި (ގައިދަލާއިނުން) ބަލިވެ އިނުމުގެ ޙަޤީޤަތާއި، ތަކުރާރުކޮށް ކުރިމަތިލާން ޖެހުމުގެ ނަތީޖާއަކަށް ވަނީ އަންހެނުންގެ ސިކުނޑި ތަރައްޤީވެ ވިސްނުން ތޫނުވުމުގެ މާއްދާ ދުވަހުން ދުވަހަށް އިތުރު ވުމެވެ. އަދި މި މާއްދާ ހަށިގަނޑުގައި ރައްކާކޮށް އެއިން ތަޞައްރަފް (ބޭނުން ހިފުމުގެ) ކުރުމުގެ ކުޅަދާނަކަން މުޅި އުމުރަށް އެބައިމީހުންނަށް ލިބިދިނުމެވެ. މިހުނަރަކީ ދަރިމައިވުން އިތުރުވީވަރަކަށް އަށަގަތުންވެސް އިތުރު ހުނަރެއް ކަމަށް މި ދިރާސާ ހާމަކުރެއެވެ.
ދަރިމައިވުމުގެ ޙަޔާތް ނުފަށައި ތިބޭ އަންހެނުންގައި ޢާއްމުކޮށް ހަރުލާފައިވާ ސިފަތަކުގެ ތެރެއިން ކަންކަމާ ހާސްވެ ތެޅިފޮޅިގަތުމާއި، ތުއިގޮތް ދެއްކުން ބަލިވެއިންނަ ދުވަހުން ފެށިގެން ދެރަކޮށްލައި އެފަދަ ޝުޢޫރުތަކުގެ ރައްދު ޢަމަލެއްގެ ގޮތުން ވިސްނުންތެރިކަމާއެކު އެ ދިމާވާ ކަމަކާއި މުޤާބަލާ ކުރުމާއި، ހަރުދަނާ ޝަޚްޞިއްޔަތަކާ އެކު އިސްތިޤްބާލު ކުރުމަށް އަންހެނުންގެ ނަފްސު ތައްޔާރުވާކަމަށް ޢިލްމުވެރިން ހާމަކުރައްވައެވެ. އަދި ކުދިކުދި ކަންތަކާ ރުޅިމޫނު ދެއްކުމުގެ އާދަ އަންހެނާ ބަލިވެއިންނަ ދުވަހުން ފެށިގެން މުޅިންހެން ކެނޑިގެން ދާކަމަށް ތަޖުރިބާ ކުރެވިފައި ވެއެވެ. ސަބަބަކީ ބަލިވެއިނުމާ ގުޅޭ ބަދަލުތަކުން ސިކުޑިއަށް ޒިންމާދާރު މަޚްލޫޤެއްގެ އިޙުސާސް ވެރިކުރުވާތީއެވެ. އަދި ހަމައެހެން ފުރާނައެއް ސަލާމަތުން ގަރުބަ ގަތުމުގެ ސިއްރާއި އަންހެންވަންތަކަން ގުޅި ލާމެހިފައިވާތީއެވެ.
އެއީ ޤަބޫލު ކުރެވޭ ވާހަކައެކެވެ. ޙަޔާތެއް ރައްކާތެރި ކޮށް ސަލާމަތް ކުރުމަކީ މިއަދުވެސް އިންސާނުންގެ އެންމެ އިސް މައުޟޫޢުއެވެ. ޞިއްޙީ ގޮތުން ފޯރުވައިދެވޭ ދުޅަހެޔޮކަމަށް ބެލިޔަސް، އިޖްތިމާޢީ ގޮތުން ދެވޭ އަމާން ކަމަށް ބެލިޔަސް ނުވަތަ އަތުވެދާނޭ ނުރައްކަލަކުން ދިފާޢު ކުރުމަށް ބެލިޔަސް ތަރައްޤީ އިންސަނުންގެ ވިސްނުން އެންމެ ފުރަތަމަވެސް ހުއްޓޭނީ ރައްކާތެރި ކުރުމަށް ކުރަންޖެހޭ ތަދުބީރުތަކުގެ މައްޗަށެވެ.
ޙަޔާތެއްގެ ރައްކާތެރިކަން ފެށެނީ ގަރުބަގަންނަ މަރުޙަލާއިންނެވެ. އެ މަރުޙަލާ ބަލިވެއިނުމާއި ކިރު ދިނުމުގެ ދުވަސްތައް ކަޑައްތުކުރުމަށް ފަހު ނޫނީ ނުމެނިމޭމެއެވެ. މާބަނޑުން ފެށިގެން ކިރު ތުނބުން ވީއްލެންދެން އިންސާނީ ޙަޔާތެއްގެ ސައްތައިން އޮނަސައްތަ ޙިއްސާކޮށް ބަރޯސާ ވަނީ މައިމީހާއަށެވެ. އެފަދަ ޒިންމާދާރު އަންހެނެއްގެ ވިސްނުން ހާސްހާސް މަޚްލޫޤުންނާއި ނުބައްދަލު ވާން ޖެހޭނެ ކަމަށް ބުއްދި ޤަބޫލު ކުރެއެވެ.

........................................................

= މިލޔުން ނަގާފައިވަނީ ދަރުމަ މަޖައްލާގެ 2002 ނޮވެމްބަރ މަހުގެ ޢަދަދުން =

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment