7.23.2010

ޙައިޟުގެ ދުވަސްވަރު އަންހެނުންނާ އެއްދާންކުރުން

އަލްއަޚް އިބްރާހިމް ވަޙީދު ޢަލީ
ޙައިޟުގެ ދުވަސްވަރުގައި އެއްދާންކުރުމަކީ އެކަމުން އަންހެންމީހާއަށް ބޮޑުގެއްލުމެއް ލިބޭނެކަމެއްކަން މިޒަމާނުގެ ޑޮކްޓަރީ ޢިލްމުންވެސް ޘާބިތުވެއެވެ. އެހެނީ އެއްދާންކުރުމުން ފިރިހެނާގެ ނުޠުފާ، ޙައިޟުގެ ލެއާ އެކުވެ، ރަޙިމުގެ ދޮރުކައިރީގައްޔާއި ޚުދު ރަޙިމުގެ ތެރޭގައިވެސް ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ވުމާއެކު ޙައިޟުގެ ދުވަސްވަރުގައި އެއްދާންކުރުމުން ދުރުހެލިވުމަށް ޑޮކްޓަރުންވެސް ނަޞީޙަތްތެރިވެއެވެ. މީގެ އެތައްސަތޭކަ އަހަރެއްގެ ކުރީން އިސްލާމްދީންވަނީ، އެއީ ގެއްލުންހުރި ޙަރާމްކަމެއްކަމުގައި ބަޔާންކުރައްވައި، އެކަމުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ.
(ބަޤަރާ ސޫރަތުގެ ދެ އާޔަތެއްގެ ތަފްސީރު)

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (222) نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لأَِنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلاَقُوهُ وَبَشِّرِ الْمُؤْمِنِينَ (البقرة 223)

ލަފްޒުތަކުގެ މާނަ
الْمَحِيضِ : މިއީ ޙައިޟުގެ މާނާގައި ބޭނުންކުރެވޭ މަޞްދަރު މީމީއެކެވެ. (މީމުގެ މަޞްދަރެކެވެ) އެއީ ޢައީޝުގެ މާނާގައި މަޢީޝް ބޭނުންކުރެވޭ ގޮތަށެވެ. ޢަރަބިބަހުގެ ޅެންވެރިއެއް ކަމުގައިވާ ރުއުބާ ވިދާޅުވިއެވެ.
إليك أشكو شدة المعيش – ومرّ أعوام نتفن ريشي (تفسير الطبري (دار إحياء التراث) 2/456, تفسير القرطبي 3/79)
މިބައިތުގައި މަޢީޝް ބޭނުންކުރެވިފައިވަނީ "عيش" (ދިރިއުޅުން) މިމާނާގައެވެ. މިބައިތުގެ މާނައަކީ: ދިރިއުޅުމުގެ ދަތިޙާލުގެ ޝަކުވާ އަހުރެން ކުރަނީ ތިބާގެ ގާތުގައެވެ. އަދި ހަމަކަށަވަރުން އަހަރެންގެ ފަތްތައް ނޮޅިގެންދިޔަ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ.
ޢަރަބިބަހުގައި މަޙީޟު މިލަފްޒު ތަނަށާއި ޒަމާނަށްވެސް ބޭނުންކުރެއެވެ. އަދި ޙައިޟުގެ މާނާގައި ބޭނުންކުރެވެނީ މަޖާޒީ ގޮތުންކަމަށް އަލްއިމާމުލް ޤުރުޠުބީ އިޝާރާތްކުރައްވާފައިވެއެވެ.
ޙައިޟުގެ އަސްލުގެ މާނައަކީ އޮހޮރިގެންދިޔުމެވެ. "حاض السيل وفاض" މިބަހުގެ މާނައަކީ "ސައިލު އޮހޮރިގެން އަދި ފެތުރިގެން ހިނގައްޖެއެވެ." (2)
أَذًى: މާނައަކީ: ހަޑިމުޑުދާރު ތަކެއްޗެވެ. އަދި ނުރުހެވޭ ކޮންމެ އެއްޗަކަށް ޢަރަބި ބަހުގައި މިލަފުޒު ބޭނުން ކުރެވެއެވެ. އެއީ އަންނަނިވި އާޔަތުގައިވެސް ވާފަދައިންނެވެ. "لاَ تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالأَذَى" (البقرة 264) މާނައަކީ: "ކަލަގޮވުމުވާއި ނުރުހެވޭ ބަސްތަކުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާށެވެ."
އަލްއިމާމު ޠަބަރީ ވިދާޅުވިއެވެ. أَذًى އަކީ އެއެއްޗެއްގައިވާ ނުރުހެވޭ ކަމެއްގެ ސަބަބުން ގެއްލުމެއް ލިބިދޭ ކޮންމެ އެއްޗެކެވެ. މިތަނުގައި ޙައިޟަށް أَذًى އޭ ކިޔުނީ އޭގެ ނުބައިވަހާއި ހަޑިމުޑުދާރު ކަމާއި ނަޖިސްކަމުގެ ސަބަބުންނެވެ. (تفسير الطبري 2/457)
فَاعْتَزِلُوا: الإعتزال ގެ މާނައަކީ އެއްޗަކުން އެއްފަރާތްވެ ދުރުވެ އެއްޗަކުން، ރައްކައުތެރިވުމެވެ. ކީރިތި ޤުރުއާނުގައި ވެއެވެ. "وَأَعْتَزِلُكُمْ وَمَا تَدْعُونَ مِنْ دُونِ اللَّهِ" (مريم 48) މާނައަކީ: މާތްﷲ ފިޔަވައި ތިޔަބައިމީހުން ކަންކަމަށް އެދޭ ތަކެތީންނާއި (އަޅުކަންކުރާ ތަކެތީން) އަދި ތިޔަބައިމީހުންގެ ކިބައިން އަހުރެން އެއްކިބާވެ، އެއްފަރާތްވަމެވެ.
އަންހެނުންނާއި އިޢުތިޒާލުވުމުގެ މުރާދަކީ: އެކަނބަލުންނާ ޖިމާޢުވުމުން އެކަހެރި ވުމެވެ. ބީހުމާއި އެކުގައި އިށީނދެ އެކުގައި އުޅުން ދޫކޮށްލުމެއް ނޫނެވެ.
يَطْهُرْنَ: އޭގެ މުރާދަކީ އެކަނބަލުންގެ ކިބައިން ޙައިޟުގެ ލޭ ކެނޑި ޠާހިރުވުމެވެ.
تَطَهَّرْنَ: އޭގެ މުރާދަކީ ހިނގައިގަތުމެވެ.
حَرْثٌ: حَرْث އަކީ އޮއްޓަރު ބިމަށް އުކައި ދަނޑުވެރިކަމަށް ބިން ތައްޔާރުކުރުމެވެ. އަދި ދަނޑުގޮވާންކުރެވޭ ތަނަށްވެސް (ދަނޑަށްވެސް) حَرْثއޭ ކިޔެއެވެ.
الجوهرى ވިދާޅުވިއެވެ. حَرْثއަކީ ދަނޑުވެރިކަން ކުރުމެވެ. حَارِثْއަކީ ދަނޑުވެރިކަން ކުރާ މީހާއެވެ. މި އާޔަތުގައި (حَرْث) ގެ މުރާދަކީ ދަނޑެވެ. ދަރިފުޅު ހެދިބޮޑުވާ ތަނެވެ. މި އާޔަތުގައި مضاف ވަނީ حذف ވެފައެވެ. އެއީ "موضع حَرْثكم" އެވެ. މާނައަކީ ތިޔަބައިމީހުންގެ ދަނޑުހައްދާ ތަނެވެ. ނުވަތަ މިތަނުގައި حَرْث ބޭނުންކުރެވިފައި އެވަނީ ތަޝްބީހުގެ އުޞްލޫބުންނެވެ. ފަހެ، އަންހެނާގެ ފަރުޖަކީ ބިމެއްފަދަ ތަނެކެވެ. ނުޠުފާއަކީ އޮށެއްފަދަ އެއްޗެކެވެ. އުފަންވާ ކުއްޖާއަކީ ގަހެއްފަދަ އެއްޗެކެވެ. ވުމާއެކު حَرْث (ދަނޑުވެރިކަން) މިތަނުގައި ބޭނުންކުރެވިފައި އެވަނީ مُحْتَرِثُ (ދަނޑު) ގެ މާނާގައެވެ. އެއީ މުބާލަޣާގެ އުޞްލޫބުން އެއްޗެއްގެ ނަން އެތަނަކަށް ކިޔޭ ގޮތަށެވެ. (الصحاح للجوهري (مادة حرت) انظر روائع البيان 1/273, وانظر فتح القدير للشوكاني (دار الكتاب العربي) 2/220)
أَنَّى شِئْتُمْ: ޔައުނީ ތިޔަބައިމީހުން އެދޭ ގޮތަކަށެވެ. ނުވަތަ ތިޔަބައިމީހުން ބޭނުންވާ ގޮތަކަށެވެ. ކުރިމަތިން ވިޔަސް ފުރަގަހުން ވިޔަސް ކޮޅަށް ހުރެގެންވިޔަސް އޮށޯވެ އޮވެގެންވިޔަސް މެއެވެ. އެހެނެއްކަމަކު ކޮންމެ ފަރާތަކުންވެސް އަންނަންވާނީ ދަނޑު ހައްދާތަނަށެވެ.
އިބްނު ޢައްބާސް ވިދާޅުވިކަމަށް އަލްއިމާމު ޠަބަރީ ވިދާޅުވިއެވެ. (فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ) އެބަހީ: ޙައިޟުގެ ދުވަސްވަރުގަޔާއި އަދި ފުރަގަސްފަރާތް ބޭނުންނުކުރާނަމަ، އެކަނބުލޭގެ ގާތަށް ބޭނުންގޮތަކަށް އަންނާށެވެ. (تفسير الطبري 2/469)
وَقَدِّمُوا لأَِنْفُسِكُمْ : ހެޔޮކަންތައްތަކާއި ޞާލިޙް ޢަމަލުތައް ކުރުމުގައި ތިޔަބައިމީހުންގެ ނަފްސުތަކަށް އިސްކަންދޭށެވެ. އެއީ އާޚިރަތުގައި ތިޔަބައިމީހުންގެ ހެޔޮ ޢަމަލުތައް ގިނަވެ އިތުރުވުމަށްޓަކައެވެ.
وَاتَّقُوا اللَّهَ : ތިޔަބައިމީހުން ﷲ ގެ ޢަޛާބަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާށެވެ. އަދި އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވާށެވެ.
وَبَشِّرِ الْمُؤْمِنِينَ : ސުވަރުގޭގެ މަތިވެރި ދަރަޖައާއި ކާމިޔާބާއި ޘަވާބުގެ އުފާވެރިކަމުގެ ޚަބަރު މުއުމިނުންނަށް ދޭށެވެ.

އިޖުމާލީ މާނަ:
އޭ މުޙައްމަދުގެފާނެވެ. ޙައިޟުގެ ދުވަސްވަރުގައި އަންހެނުންނާ އެއްދާންކުރުމަކީ ޙަލާލުކަމެއްތޯ ނުވަތަ ޙަރާމްކަމެއްތޯ ކަލޭގެފާނާ އެބައިމީހުން ސުވާލުކުރާނެތެވެ. ކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވާށެވެ. ޙައިޟުގެ ލެއަކީ ހަޑިމުޑުދާރު ލެއެކެވެ. ޙައިޟުގެ ދުވަސްވަރުގެ އެކަނބަލުންނާ އެއްދާންކުރުމަކީ، އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ އެކަނބަލުންނަށާއި ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި އެކަނބަލުންނާ އެއްދާންކުރުމުން އެކަހެރިވާށެވެ. އަދި ޙައިޟުގެލޭ ކެނޑި ޠާހިރުވަންދެން އެކަނބަލުންނާ (އެއްދާންކުރުމުގެ ގޮތުން) ގާތްވެސްނުވާށެވެ. ފަހެ، އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތީން، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ޙަލާލުކުރެއްވި ތަނަށް ތިޔަބައިމީހުން އަންނާށެވެ. އެތަނަކީ ކުރިމަތިފަރާތެވެ. ދަރީން ލިބި ނަސްލު ދެމިގެންދާ ތަނެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ޙަރާމްކުރެއްވި ތަނަށް އެބަހީ ފުރަގަސްފަރާތަށް ނާންނާށެވެ. ހަޑިމުޑުދާރު ކަންތައްތަކުންނާއި ފާޙިޟްޢަމަލުތަކުން އެއްކިބާވެ، ތައުބާވާ މީހުންދެކެ، މާތް ﷲ ލޯބިވެވޮޑިގެންވާކަން ކަށަވަރެވެ.
މާތް ﷲ ފިރިހެނުންނަށް ހުއްދަކުރައްވާފައިވާ ތަންނޫން އެހެން ތަނަކަށް އައުން ނަހީކުރައްވާ އެކަން ތާކީދު ކުރެއްވުމުގެ ގޮތުން ވަޙީކުރައްވާފައިވެއެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބީންނަކީ، ތިޔަބައިމީހުންގެ ދަނޑުތަކެވެ. ނަސްލުގެ ގޮވާން ހައްދާތަނެވެ. އެކަނބަލުންގާތަށް ތިޔަބައިމީހުން ހިތްއެދޭ ވައްތަރަށް އަންނާށެވެ! އެހެންކަމަކު، ބޭނުންކުރަންވާނީ ދަރިފަސްކޮޅު ލިބޭތަނެވެ. އަދި ޞާލިޙް ހެޔޮ ޢަމަލުތައް ކުރުމުގައި ތިޔަބައިމީހުންގެ ނަފްސުތައް އިސްކުރާށެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތަކުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި ޤިޔާމަތްދުވަހު ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަން ހަނދުމަކުރާށެވެ! އެދުވަހުގައި އިޙްސާންތެރިވީ މީހުންނަށް އިޙްސާންތެރިކަމުގެ ހެޔޮބަދަލާއި، ނުބައިކޮށް ކަންތައްކޮށްފައިވާ ފާފަވެރިންނަށް އެކަމުގެ ޖަޒާ ހަމައަށް ދެއްވާނެއެވެ. އަދި ސުވަރުގޭގައި ހުރިހާ މާތްކަމާއި ނިޢުމަތާއި މަތިވެރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު މުއުމިނުންނަށް ދެއްވާށެވެ.

ސަބަބުއްނުޒޫލް:
1 – އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ ތެރެއިން އަންހެނަކު ޙައިޟުވެއްޖެނަމަ، އެމީހުން އެކަނބަލުންނާއެކު ކައިބޮއި ނުހަދައެވެ. އަދި ގޭގައި އެކަނބަލުންނާއެކު އެއްތަންވެ އުޅޭކަމުގައިވެސް ނުވެއެވެ. ދެން އެކަމާ ބެހޭގޮތުން އަޞްޙާބު ބޭކަލުން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ނަބިއްޔާއާ ސުވާލު ދެންނެވުމުން މާތް ﷲ ވަޙީ ބާވައިލެއްވިއެވެ. އެއީ (وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ) މިއާޔަތް ނިމެންދެނެވެ. ދެން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން އެއްދާންކުރުން ފިޔަވައި ހުރިހާ ކަމެއްކުރާށެވެ." ދެން މިކަން ޔަހޫދީންނަށް އެނގުމުން އެމީހުން ބުންޏެވެ. އަހުރެމެންގެ (ދީނުގެ) ކަންތައްތަކުގެ ތެރެއިން އެކަމަކާ ތަފާތުކޮށް ނުލައްވާ އެއްވެސްކަމެއް މިކަލޭގެފާނު ދޫކޮށެއްނުލައްވައެވެ. ދެން ޢައްބާދު ބުނު ބަޝަރްއާއި އުސައިދު ބުނު ޙުޟައިރު ދެބޭކަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އެ ދެބޭކަލުން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ޔަހޫދީން މިވެނި އެވެނި ގޮތަށް އެބަ ވާހަކަދައްކައެވެ. ފަހެ (ޙައިޟުގެ ދުވަސްވަރުގައި) އެކަނބަލުންނާ އަހަރުމެން އެއްދާން ނުކުރަންވީތޯއެވެ؟ އެހިނދު ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ މޫނުފުޅުގެ ކުލަ ތަޣައްޔަރުވެގެން ދިޔައެވެ. އެދެބޭކަލުންނަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޯފާވެވަޑައިގެންނެވި ކަމުގައި އަހަރެމެން ހީކުރީމެވެ. ދެން އެދެބޭކަލުން ނުކުމެވަޑައިގެންނެވި ތަނާހެން، ސަލާމާއި ޞަލަވާތްލެއްވި ކީރިތި ނަބިއްޔާގެ އަރިއަހަށް ހަދިޔާގެ ގޮތުގައި ކިރު ގެނެވުނެވެ. ދެން ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ދެބޭކަލުން ހޯއްދަވަން ފޮނުއްވައިގެން އެދެބޭކަލުން ގެންނަވައި އެދެބޭކަލުންނަށް ކިރު ހިއްޕަވަން ދެއްވުމުން، އެދެބޭކަލުން ދެކެ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކޯފާވެވަޑައި ނުގަންނަވާކަމުގައި އެދެބޭކަލުންނަށް އެނގިވަޑައިގެންނެވިއެވެ. (صحيح مسلم (بشرح النووي) كتاب الحيض 3/203 وانظر أسباب النزول للواحدي ص 34)
2 – އިބްނުލް މުންކަދިރުގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރުގެފާނު ވިދާޅުވަނިކޮށް އެކަލޭގެފާނު އެއްސެވިއެވެ. ފިރިމީހާ އަނބިމީހާގެ ފުރަގަހުން އައިސް ކުރިމަތިފަރާތާ ޖިމާޢުވެގެން ލިބޭކުއްޖާވާނީ އަވަރު ކުއްޖެއްކަމުގައި ޔަހޫދީން ބުނާކަމުގައި ވެއެވެ. ދެން މާތް ﷲ މި އާޔަތް ބާވައިލެއްވިއެވެ. (نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ) (صحيح مسلم كتاب النكاح 10/247)

ދެވަނަ ފަޞްލު: ދެއާޔަތުން ނެގޭ ޙުކުމްތައް
ޙައިޟުގެ ދުވަސްވަރުގައި އަންހެނާއާ އެކަހެރިވުން ވާޖިބުވާނީ ކޮންކަމަކުންތޯ؟
ޙައިޟުގެ ދުވަސްވަރުގައި އަންހެނާއާ އެކަހެރިވުން ވާޖިބުވާނީ ކޮންކަމަކުންތޯ އާމެދު ޢިލްމުވެރިން އިޚްތިލާފް ވެއެވެ.
1- އަންހެނާގެ މުޅި ހަށިގަނޑެވެ. މިއީ އިބްނު ޢައްބާސް އާއި ޢުބައިދަތުއްސަލްމާނީގެ ކިބައިން ރިވާ ވެގެންވާގޮތެވެ.
2- އަންހެނާގެ ފޫޅާއި ކަކުލާ ދެމެދެވެ. މިއީ އަބޫ ޙަނީފާ އާއި މާލިކްގެ މަޛްހަބެވެ.
3- ގެއްލުމެއް ލިބިދާނެތަނެވެ. އެބަހީ : އަންހެނާގެ ފަރުޖެވެ. މިއީ ޝާފިޢީ މަޛްހަބުގައި އިންނަ ގޮތެވެ.

މަޛްހަބްތަކުގެ ދަލީލްތައް
1- ފުރަތަމަ މަޛްހަބްގެ ދަލީލް
ފުރަތަމަ މަޛްހަބްގެ ދަލީލަކީ ޙައިޟުގެ ދުވަސްވަރުގައި އަންހެނާއާ ދުރުވުމަށް މާތް ﷲ އަމުރުކުރައްވާފައިވާއިރު، ވަކި ކަމެއް ޚާއްޞަ ކުރައްވާފައެއް ނުވެއެވެ. ވުމާއެކު އަންހެނާގެ މުޅި ހަށިގަނޑާ ދުރުވުން ވާޖިބެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ "فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ" ފަހެ ޙައިޟުގެ ދުވަސްވަރުގައި އަންހެނުންނާ ތިޔަބައި މީހުން ދުރުވާށެވެ." މިއީ މިއާޔަތުގައި ޢާއްމުކޮށް އަންގަވާފައިވާ ޙުކުމެވެ.
އަލްއިމާމުލް ޤުރްޠުބީ ވިދާޅުވިއެވެ. މިއީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތާއި ޚިލާފް ޝާއްޛު ބަހެކެވެ. އަދި އެއީ މިއާޔަތުން ޢާއްމުކޮށް ދޭހަވާ މާނަކަމުގައި ވިޔަސް ސުންނަތުން ޘާބިތުވާ ގޮތާ ޚިލާފް ގޮތެކެވެ. (تفسير القرطبي (دار الكتاب العربي) 3/48)
2- ދެވަނަ މަޛްހަބްގެ ދަލީލު:
އަބޫޙަނީފާ އާއި މާލިކުގެފާނު އަންނަނިވި ޙަދީޘް ދަލީލެއް ކަމުގައި ނަންގަވައެވެ. ޢާއިޝާގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އަކަމަނާ ވިދާޅުވިއެވެ. "ޖުނުބުވެރި ޙާލުގައި ތިމަންކަމަނާއާއި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްކަންވާރުން ހިނައިވަޑައިގަންނަވަމެވެ. އަދި އިތުރު އެކަލޭގެފާނު އަމުރު ކުރެއްވުމުން ތިމަންކަމަނާ އިޒާރު އަނދެވަޑައިގަންނަވަމެވެ. ދެން އެކަލޭގެފާނު ތިމަންކަމަނާއާ ގައިގޯޅިވެ ވަޑައިގެން ލޯބިކުރައްވަތެވެ. އެއީ ތިމަންކަމަނާގެ ޙައިޟުގެ ދުވަސްވަރުގައެވެ." (صحيح البخاري (مع الفتح) دار السلام 1/523)
އަދި މައިމޫނާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު އަނބިއަނބި ކަނބަލުންގެ ޙައިޟުގެ ދުވަސްވަރުގައި އެކަނބަލުންނާ އެކަލޭގެފާނު ގައިގޯޅިވެވަޑައިގެން ލޯބިކުރައްވާ ކަމުގައި ވެއެވެ. (صحيح مسلم (بشرح النووي) 4/196)
3- ތިންވަނަ މަޛްހަބްގެ ދަލީލު:
ޝާފިޢީ މަޛްހަބްގެ ދަލީލަކީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަންނަނިވި ޙަދީޘްފުޅެވެ. "ތިޔަބައިމީހުން ޖިމާޢުވުން ފިޔަވައި އެހެން ހުރިހާ ކަމެއް ކުރާށެވެ!" ((صحيح مسلم (بشرح النووي) 3/203)
މި ޙަދީޘަކީ ސަބަބުއްނުޒޫލްގައި ބަޔާންވެދިޔަ ޙަދީޘެވެ.
ޝާފިޢީ މަޛްހަބްގެ އަނެއްދަލީލަކީ މަސްރޫޤްގެ ކިބައިން ވާރިދުވެފައިވާ ރިވާޔަތެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަންހެންމީހާގެ ޙައިޟު ދުވަސްވަރުގައި ފިރިމީހާއަށް ހުއްދައީ ކޮންކަމެއްތޯ ޢާއިޝަތުގެފާނާ ސުވާލުކުރެއްވީމެވެ. އެކަމަނާ ވިދާޅުވިއެވެ. "ޖިމާޢުވުން ފިޔަވައި ދެންހުރިހާ ކަމެކެވެ." (تفسير الطبري 2/458)

ރާޖިޙް ގޮތް:
އިސްވެ ބަޔާންކުރެވުނު ދަލީލުތަކަށް ބަލާއިރު އެންމެ ޞައްޙަކަމަށް ބެލެވެނީ ދެވަނަ މަޛްހަބެވެ. އަބޫ ޙަނީފާއާއި މާލިކުގެ މަޛްހަބެވެ. އަދި އެއީ އިބްނު ޖަރީރުއްޠަބަރީވެސް އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. ޠަބަރީ ވިދާޅުވިއެވެ. އިސްވެބަޔާންކުރެވުނު ޤައުލު(ބަސް) ތަކުގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ޤައުލަކީ ޙައިޟުގެ ދުވަސްވަރުގައި އަނބިމީހާގެ އިޒާރުގެ މަތިން ފިރިމީހާއަށް ހުއްދަކަމަށް ބުނާ ޤައުލެވެ. (تفسير الطبري 2/461) ވަﷲ އަޢްލަމް.

ޙައިޟުގެ ދުވަސްވަރުގައި އަންހެނާއާ އެއްދާންކޮށްފި ނަމަ އޭގެ ކައްފާރާއަކީ ކޮބާ؟
ޙައިޟުގެ ދުވަސްވަރުގައި އަންހެނާއާ އެއްދާންކުރުމަކީ ޙަރާމްކަމެއްކަމަށް، ޢިލްމުވެރިން އިޖްމާޢުވެއެވެ. އެހެނެއްކަމަކު، ޙައިޟުގެ ދުވަސްވަރުގައި އެއްދާންކޮށްފި މީހެއްގެ މައްޗަށް ވާޖިބުވަނީ ކޮންކަމެއްތޯ ނުވަތަ އޭގެ ކައްފާރާއަކީ ކޮބައިތޯއާމެދު ޢިލްމުވެރިން އިޚްތިލާފްވެއެވެ.
1 – ޖުމްހޫރު ޢިލްމުވެރިން (އިމާމު މާލިކްއާއި އިމާމް ޝާފިޢީ އާއި އިމާމު އަބޫ ޙަނީފާ) ވިދާޅުވާ ގޮތުގައި: އެފަދަކަމެއް ކޮށްފިމީހަކު މާތްﷲ އަށް އިސްތިޣްފާރުކޮށް ތައުބާވާނީއެވެ. ތައުބާވެ އިސްތިޣްފާރުކުރުން ފިޔަވައި އިތުރު އެހެންކަމެއް އޭނާގެ މައްޗަށް ވާޖިބެއްނޫނެވެ. އެހެނީ އެކަމަކީ އެހެން ފާފަތައް ފަދަ ފާފައެކެވެ. ވުމާއެކު ތައުބާވެ އިސްތިޣްފާރު ކުރަންޖެހޭނެއެވެ.
2 – އިމާމު އަޙްމަދު ވިދާޅުވާގޮތުގައި އެފަދަ ޢަމަލެއްކޮށްފިމީހަކު، ދީނާރަކުން ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައިން ޞަދަޤާތްކުރާނީއެވެ. އޭގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ޙައިޟުގެ ދުވަސްވަރުގައި އަންހެންމީހާއާ އެއްދާންކުރާ ފިރިހެނާއާ ބެހޭގޮތުން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ނަބިއްޔާގެ އަރިހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. "يَتَصَدَّقُ بِدِيْنَارٍ أَو بِنِصْفِ دِيْنَارٍ" މާނައަކީ، "ދީނާރަކުން ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައިން ޞަދަޤާތްކުރާނީއެވެ. "(سنن أبي داود – بيت الأفكار ص 53, رقم264 صححه الألباني)"
3 – ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޙައިޟުގެލޭ އަންނަ ދުވަސްވަރު އެއްދާންކޮށްފި މީހެއްގެ މައްޗަށް ވަނީ އެއްދީނާރުން ޞަދަޤާތްކުރުމެވެ. ޙައިޟުގެލޭ ކެނޑުމަށްފަހު އެއްދާންކޮށްފިނަމަ، އެމީހެއްގެ މައްޗަށްވަނީ ދީނާރެއްގެ ދެބައިކުޅަ އެއްބައި ޞަދަޤާތްކުރުމެވެ.
އަލްއިމާމުލް ޤުރުޠުބީ ވިދާޅުވިއެވެ. ތައުބާވެ އިސްތިޣްފާރުކުރުން ފިޔަވައި ކައްފާރާއެއް ވާޖިބުނުވާކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ޙުއްޖަތެއްގެ ގޮތުގައި ވިދާޅުވަނީ އިބްނު ޢައްބާސްގެ ޙަދީޘާއި އެމާނައިގައިވާ ޙަދީޘްތައް ދަލީލެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެހެނީ އަޞްލަކީ ޒިންމާއިން ބަރީއަވެފައިވުން ކަމުގައި ވާތީއެވެ. (تفسير القرطبي (دار الكتاب) 3/85)

ރާޖިޙު ގޮތް:
މި މަސްއަލާގައި ރާޖިޢުގޮތެއްކަމުގައި ބުރަވެވެނީ ދެވަނަ މަޛްހަބަށެވެ. އެހެނީ ޞަދަޤާތް ކުރުމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘަކީ ޞަޙީޙް ޙަދީޘެއްކަމަށް އަލްބާނީ ކަނޑައަޅުއްވާފައިވާތީއެވެ. އަދި އެއީ (إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ)(هود114) މިއާޔަތުންވެސް އިރުޝާދު ލިބޭގޮތެވެ.

ޙައިޟުގެ މުއްދަތަކީ ކޮބައި؟ އަދި އޭގެ ގިނަމިނާއި މަދުމިނަކީ ކޮބައި؟
ޙައިޟުގެ މުއްދަތާއި އޭގެ މަދުމިނާއި ގިނަމިނަކީ ކޮބައިކަމާބެހޭ ގޮތުން ފިޤްހު ޢިލްމުވެރިން އިޚްތިލާފްވެއެވެ.
1- އިމާމް އަބޫ ޙަނީފާއާއި އިމާމު އައްޘައުރީ ވިދާޅުވާގޮތުގައި: ޙައިޟުގެ އެންމެ މަދުމިނަކީ 3 ދުވަހެވެ. ގިނަމިނަކީ 10 ދުވަހެވެ.
2- އިމާމް ޝާފިޢީ އާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި: ޙައިޟުގެ އެންމެ މަދުމިނަކީ ރެޔަކާއި ދުވާލެވެ. ގިނަމިނަކީ 15ދުވަހެވެ.
3- އިމާމު މާލިކު (ގެ އަރިހުން މަޝްހޫރުވެފައިވާ ގޮތުގައި ވިދާޅުވިއެވެ. ޙައިޟުގެ މަދުމިނާއި ގިނަމިނުގައި، ވަކި މުއްދަތެއް ނެތެވެ. ބަލަން ޖެހޭނީ އަންހެނުންނަށް އާދަކޮށް ދިމާވާ ގޮތަށެވެ.
1- ފުރަތަމަ މަޛްހަބުގެ ދަލީލް
ފުރަތަމަ މަޛްހަބުގެ ދަލީލަކީ: އަންނަނިވި ހަދީޘެވެ. އެޙަދީޘްގައިވަނީ "أقل الخيض ثلاثة أيام وأكثره عشرة أيام"(މިޙަދީޘް ރިވާކުރެއްވީ الطبراني އާއި الدارقطني އެވެ. މި ޙަދީޘް ރިވާވެގެންވާ ހުރިހާ މަގެއްވެސް ޟަޢީފުކަމަށް نصب الراية(1/191) ގައި ވެއެވެ. أنظر حاشية الفقه الإسلامي و أدلته, د. وهبه الزحيلي, دار الفكر 1/460) މާނައަކީ: ޙައިޟުގެ އެންމެ މަދުމިނަކީ ތިންދުވަހެވެ. އަދި އެންމެ ގިނަމިނަކީ ދިހަ ދުވަހެވެ.
2- ދެވަނަ މަޛްހަބްގެ ދަލީލް:
ދެވަނަ މަޛްހަބުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. "تمكث أحداهن شطر عمرها لا تصلي" މާނައަކީ: "އެކަނބަލުންގެ ތެރެއިން މީހަކު އޭނާގެ ޢުމުރުގެ ޝަޠުރު އެބަހީ: ދެބައިކުޅަ އެއްބައި ނަމާދު ނުކުރެވޭ ޙާލަތުގައި އިންނަންޖެހެއެވެ." ޢަރަބިބަހުގައި ޝަޠުރު ބޭނުންކުރަނީ ދެބައިކުޅަ އެއްބަޔަށެވެ. ވިމާ، މިކަމުން ދަލާލަތުކޮށްދެނީ ޙައިޟުގެ މުއްދަތުގެ ދިގުމިން ފަނަރަދުވަސް ވެދާނެކަމެވެ.(تفسير الرازي (دار الفكر) 3/80 وانظر تفسير القرطبي 3/81)
އަންހެނުންނާ އެއްދާންކުރުން ހުއްދަވާނީ ކޮންއިރަކުން
ޢިލްމުވެރިން އިއްތިފާޤުވާގޮތުގައި ޙައިޟުގެ ދުވަސްވަރު ނިމި ޠާހިރުވެއްޖައުމަށް ދާންދެން، އަންހެނުންނާ ގާތްވުމަކީ އެއްދާންކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެކަމަކު ޙައިޟުން ޠާހިރުވުމަކީ ކޮބައިކަމާމެދު ޢިލްމުވެރިން އިޚްތިލާފްވެއެވެ.
1 – އިމާމު އަބޫޙަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި: ޙައިޟުން ތާހިރުވުމަކީ ޙައިޟުގެ ލޭކެނޑުމެވެ. ޙައިޟުގެ ލޭ ކެނޑުމުން، ހިނައިގަތުމުގެ ކުރިންވެސް ފިރިމީހާއަށް އަނބިމީހާއާ އެއްދާންކުރުން ހުއްދަވާނެއެވެ. ހިނައިގަތުމުގެ ކުރިންވެސް ފިރިމީހާއަށް އަނބިމީހާއާ އެއްދާންކުރުން ހުއްދަވާނެއެވެ. ހިނައިގަތުމުގެ ކުރިން އެއްދާންކުރުން ހުއްދަވާނީ ޙައިޟުގެ އެންމެ ދިގު މުއްދަތުކަމުގައިވާ ދިހަ ދުވަހަށްފަހު ލޭ ކެނޑުމުންނެވެ. އެކަމަކު ދިހަ ދުވަހުގެ ކުރިން ލޭ ކެނޑިއްޖެނަމަ ހިނައިގަތުމަށްފަހުގައި ނޫނީ ނުވަތަ ނަމާދު ވަގުތެއް އައުމަށްފަހުގައި ނޫނީ އެއްދާންކުރުން ހުއްދައެއް ނުވާނެއެވެ.
2 – ޖުމްހޫރި ޢިލްމުވެރިން (އިމާމު މާލިކާއި އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު) ދެކެވަޑައިގަންނަވާ ގޮތުގައި އެއްދާންކުރުން ހުއްދަވާ ޠާހިރުވުމަކީ ޖުނުބުން ހިނައިގަންނަފަދައިން ހިނައި ޠާހިރުވުމެވެ. ޙައިޟުގެ ލޭ ކެނޑި ހިނައި ޠާހިރުވެއްޖައުމަށް ދަންދެން އެއްދާންކުރުން ހުއްދައެއް ނުވާނެއެވެ.
3 – އިމާމު ޠާއޫސް އާއި އިމާމު މުޖާހިދު ދެކެވަޑައިގަންނަވާގޮތުގައި: ޙައިޟުގެ ލޭ ކެނޑުމަށްފަހު، ކުރިމަތިފަރާތް ދޮވެ ނަމާދަށް ވުޟޫކުރާގޮތަށް ވުޟޫކުރުމުން އެއްދާންކުރުން ހުއްދަވާނެއެވެ. (أحكام القرآن لابن العربي 1/228)

މިމައްސަލާގައި އިޚްތިލާފްވުމުގެ ސަބަބަކީ "وَلاَ تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ" މިއާޔަތުގައި "يَطْهُرْنَ" ތަޝްދީދުއާނުލާ ބޭނުންކުރައްވާ، ދެވަނައަށް "تَطَهَّرْنَ" ތަޝްދީދުއާއެކު ބޭނުންކުރައްވާފައި އޮތުމެވެ.
ޢަރަބިބަހުގައި "طَهْرُ" މިކަލިމަ ބޭނުންކުރެވެނީ އިންސާނާގެ މަސައްކަތަކާ ނުލައި ޠާހިރުވުމަށެވެ. އެއީ ޙައިޟުގެ ލޭ ކެނޑުމެވެ. އަދި "تَطَهَّرْ" މިކަލިމަ ބޭނުންކުރެވެނީ އިންސާނާގެ މަސައްކަތާއެކު ޠާހިރުވުމަށެވެ. އެއީ ފެންވަރާ ޠާހިރުވުމަށެވެ.
އިމާމު އަބޫ ޙަނީފާ ދެކެވަޑައިގަންނަވަނީ: އިސްވެ ބަޔާންކުރެވުނު އާޔަތުގައި "يَطْهُرْنَ" އާއި "تَطَهَّرْنَ" މި ދެ ލަފްޒުވެސް ބޭނުންކުރެވިފައިވަނީ ޙައިޟުގެ ލޭ ކެނޑުމަށް ކަމަށެވެ. ފަހެ، ތަޝްދީދުއާއެކު އޮތް ލަފްޒު "تَطَهَّرْنَ" ބޭނުންކުރެވިފައިވަނީ ތަޝްދީދާނުލައި އޮތް ލަފްޒު "يَطْهُرْنَ" ގެ މާނާގައިކަމަށެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި އިސްވެ ބަޔާންކުރެވުނު އާޔަތުގައި ތަޝްދީދާނުލައި އޮތް ލަފްޒު "يَطْهُرْنَ" ބޭނުންކުރެވިފައިވަނީ ތަޝްދީދާއެކު އޮތް ލަފްޒު "تَطَهَّرْنَ" ގެ މާނާގައެވެ. އަދި ޤާރީ ޢިލްމުވެރިންގެ ތެރެއިން، ހަމްޒާއާއި އަލްކިސާއީ މި އާޔަތުގެ ދެތަނުގައި يطهّرن ތަޝްދީދާއެކު، ވިދާޅުވެފައިވާ ޤިރާއަތުން ދަލީލު ނަންގަވައެވެ.
އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި: މިއާޔަތުގައި އެއްދާންކުރުން ހުއްދަވުމަށް މާތްﷲ ދެ ޝަރުޠުކުރައްވާފައިވެއެވެ.
ފުރަތަމަ ޝަރުޠަކީ: ޙައިޟުގެ ލޭ ކެނޑުމެވެ. "حَتَّى يَطْهُرْنَ" ލޭ ކެނޑިއްޖެއުމަށް ދާންދެނެވެ.
ދެވަނަ ޝަރުޠަކީ: ހިނައި ޠާހިރުވުމެވެ. "فَإِذَا تَطَهَّرْنَ" "ފަހެ، ހިނައިޠާހިރު ވެއްޖެނަމަ" އެވެ.
ރާޖިޙު ގޮތް
މިމައްސަލާގައި ރާޖިޙުގޮތަކީ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތެވެ.
އެހެނީ މިއާޔަތުގައި ފަހުބައި އިތުރު ސަބަބެއް ބަޔާންކުރައްވާފައިވާތީވެސް މެއެވެ. އެއީ "إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ" މާނައަކީ: "ހަމަކަށަވަރުން މާތް ﷲ ތައުބާވާ މީހުންނާއި ގިނަގިނައިން ޠާހިރުވާ މީހުންދެކެ ލޯބިވެވޮޑިގެންވެއެވެ." މި ޢިބާރާތުގެ ޡާހިރީމާނައިންވެސް ދަލާލަތުކޮށްދެނީ ޠާހިރުވުމުގެ މުރާދަކީ ޙިއްސީގޮތުން ޠާހިރުވުންކަމެވެ. އެއީ ހިނައިޠާހިރުވުމެވެ.
ތަފްސީރު ޢިލްމުވެރިންގެ ތެރެއިން އިމާމު އައްޠަބަރީއާއި އަލްޢައްލާމާ އިބްނުލްޢަރަބީއާއި އިމާމު އައްޝައުކާނީ، ރާޖިޙުކުރައްވާފައިވަނީވެސް މިގޮތެވެ.(تفسير الطبري 2/468, فتح القدير 2/220, أحكام القرآن لابن العربي 1/229)
ޙައިޟުވެރިޔާގެ މައްޗަށް ޙަރާމްވަނީ ކޮންކޮން ކަންތައްތަކެއް؟
ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ޙައިޟުވެރިޔާގެ މައްޗަށް ނަމާދުކުރުމާއި، ރޯދަހިފުމާއި، ޠަވާފުކުރުމާއި، މިސްކިތަށްވަނުމާއި، މުޞްޙަފުގައި ބީހުމާއި ޤުރުއާން ކިޔެވުމާ މިކަންކަން ޙަރާމްވެގެންވެއެވެ.
މާލިކީ މަޛްހަބްގައި ކީރިތި ޤުރުއާން ހިތުދަސްކުރާ މީހާ، ޙައިޟުގެ ލޭ ކެނޑުމަށްފަހު ހިނައިގަތުމުގެ ކުރިން ހިތުން ކިޔުން ހުއްދަކުރައްވާފައިވެއެވެ، (الفقه الإسلامي وأدلته 1/469)
ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުނާއި، ކިޔަވާކުދިން އިމްތިޙާންތަކުގައި ކީރިތި ޤުރުއާން ކިޔެވުމާއި ލިޔުން ބައެއް ޢިލްމުވެރިން ހުއްދަކުރައްވާފައިވެއެވެ.
ނިންމުން
ﷲ ސުބުޙާނަހު ވަތަޢާލާ ފިރިހެނުންގެ ނަސްލު ދެމިގެން ދިޔުމަށްޓަކައި ލައްވާފައިވަނީ އަންހެނުންނެވެ. އަދި ޙައިޟުގެ ޙާލަތާއި، ރޯދައާއި އިޢްތިކާފާއި، އިޙްރާމްއާ މިފަދަ އަޅުކަމުގެ ޙާލަތުތައް ފިޔަވައި، ހުރިހާ ވަޤުތެއްގައިވެސް އަނބިމީހާއާ އެއްދާންކުރުން މާތް ﷲ ވަނީ ހުއްދަކުރައްވާފައެވެ.
ޙައިޟުއަކީ ދަރިމައިވުމުގެ ބިސް ރަޙިމުގެ ތެރެއިން ބޭރަށް ފޮނުވާލާ ދުވަސްވަރެވެ. ގިނަފަހަރަށް ޙައިޟުގެ ލޭ އަންނަ ދުވަސްވަރުގައި ތަދާއި އުނދަގޫތައް އިޙްސާސްކުރަންޖެހެއެވެ. އެއްދާންކުރުމަކީ ދެފަރާތަށް އޭގެ ލައްޒަތު ޙާޞިލްކުރުމުގެ ބޭނުމުގައި ކުރެވޭ ކަމަކަށް ވީ ހިނދު، އަނބިމީހާ ޙައިޟުގެ ދުވަސްވަރުގައި އިންނާނީ ނަފްސާނީ ގޮތުން އެއްދާންކުރުން އެކަށީގެންވާ ޙާލަތެއްގައެއްނޫނެވެ.
އަދި އެހެނިހެން ލޭތަކާ ތަފާތުގޮތެއްގައި ޙައިޟުގެ ލެއަކީ ނުބައިވަހެއް ހުންނަ އޮލަ ކަޅުރަތްކުލައިގެ ފާސިދު ލެއެކެވެ. އެލެއަކީ އެބެލުމަށް ނަފްސު ނޭދޭ، އިންސާނީ ޠަބީޢަތު ނަފްރަތުކުރާ ލެއެކެވެ. އަނބިމީހާ މިޙާލަތުގައި ވަނިކޮށް އެއްދާންކުރުމަކީ، އަންހެންމީހާއަށާއި ފިރިހެންމީހާއަށްވެސް ބޮޑު ގެއްލުމެއް ލިބިދާނެކަމެކެވެ. ވުމާއެކު ކީރިތި ޤުރުއާނުގައި އެކަން ބަޔާންކުރައްވާފައިވަނީ ވަރަށް ބަލާޣާތްތެރި ޢިބާރާތަކުންނެވެ. ވަޙީކުރައްވަނީ: قُلْ هُوَ أَذًى އެއީ ގެއްލުންހުރި އެއްޗެކެވެ.
ޙައިޟުގެ ދުވަސްވަރުގައި އެއްދާންކުރުމަކީ އެކަމުން އަންހެންމީހާއަށް ބޮޑުގެއްލުމެއް ލިބޭނެކަމެއްކަން މިޒަމާނުގެ ޑޮކްޓަރީ ޢިލްމުންވެސް ޘާބިތުވެއެވެ. އެހެނީ އެއްދާންކުރުމުން ފިރިހެނާގެ ނުޠުފާ، ޙައިޟުގެ ލެއާ އެކުވެ، ރަޙިމުގެ ދޮރުކައިރީގައްޔާއި ޚުދު ރަޙިމުގެ ތެރޭގައިވެސް ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ވުމާއެކު ޙައިޟުގެ ދުވަސްވަރުގައި އެއްދާންކުރުމުން ދުރުހެލިވުމަށް ޑޮކްޓަރުންވެސް ނަޞީޙަތްތެރިވެއެވެ. މީގެ އެތައްސަތޭކަ އަހަރެއްގެ ކުރީން އިސްލާމްދީންވަނީ، އެއީ ގެއްލުންހުރި ޙަރާމްކަމެއްކަމުގައި ބަޔާންކުރައްވައި، އެކަމުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ.
........................................................................
ދަރުމަ މަޖައްލާގެ މާޗް 2009 އަދި އޭޕްރީލް 2009 ގެ ޢަދަދުން ނަގާފައި:

ފޭސްބުކްގައި ޝެއަރ ކުރައްވާ

1 comment:

  1. އައްސަލާމް ޢަލައިކުމް. ވަރަށް އިންފޮރމޭޓިވް އާރޓިކަލްއެއް. ނޭނގޭ ވަރަށް ގިނަ އެއްޗެހި އެނގިއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ މޯލްޑިވިއަން ޕާރލްސް

    ReplyDelete