12.09.2010

ކައިވެނި ބާއްޖަވެރިވުމަށް އެދޭނަމަ

އަލްއަޚް މުޙައްމަދު
ކައިވެނި ބާއްޖަވެރިވެ ދެމަފިރިއެއްގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ބޭނުންވާ އެންމެ މުހިއްމު އެއްކަމަކީ އެދެމެދުގެ ގުޅުން އިޚްލާސްތެރިވުމެވެ. އިޚްލާސްތެރި ގުޅުމަކީ ކޮބައިތޯއެވެ؟ އިޚްލާސްތެރި ގުޅުމަކީ ދެމަފިރިންގެ ދެމެދު އޮންނަ ގާތްކަމެވެ. އިޚްލާސްތެރި ގުޅުމެއްގައި ދެމަފިރިންގެ މުޢާމަލާތްތައް ހުންނާނީ އޮމާންކޮށެވެ. އަދި އެކަކުއަނެކަކު އުފާވާނެ އެންމެހާ ކަންތައް ކުރުމަށް ލޯބިކުރާނެއެވެ. އެއާއެކު އެކަކުއެނެކަކު ދެރަވެދާނެ ނުވަތަ ހިތްހަމަނުޖެހިދާނެ ކަންތައްތަކުން ދުރުވާނެއެވެ. ދެމަފިރިއަކަށް މިމަރުހަލާއަށް އާދެވޭނެ ހަމައެކަނި ގޮތަކީ އެކަކުއަނެކެއްގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތައް ދަނެ، ފުއްދައިދީގެންނެވެ.

ދެމަފިރިންގެ ގުޅުން ހަމަހަމަ ލޯތްބާއި، އިޙްތިރާމާއި އަދި ރަޙްމަތުގެ ތެރޭގައި ދެމެހެއްޓުމަށްޓަކައި ފިރިމީހާ އާއި އަބިމީހާ، ދެމީހުންގެ ހައްޤުތަކާއި، ޒިންމާތަކާއި، ސިފަތައް އިސްލާމްދީން ވަނީ ވަރަށް ތަފްސީލްކޮށް އިރުޞާދުކުރައްވާ ކަޑައަޅުއްވާފައެވެ. ތިރީގައި މިބަޔާންކުރަނީ ކައިވެނީގެ އިޚްލާސްތެރި ގުޅުން ރައްކާތެރިކޮށް ދެމެހެއްޓުމަށް މަގުދައްކާނެ އެންމެ މުހިއްމު އިސްލާމީ ސިފަތަކެވެ.

1. އީމާންކަން: ދެމަފިރިންގެ އީމާންތެރިކަމަކީ އެގުޅުން ބަދަހިކޮށްދޭ އެންމެ މުހިއްމު ސިފައެވެ. އިސްލާމް ދީނަކީ ދިރިއުޅުމުގެ އުސޫލުކަމަށް ވުމާއިއެކު އެއީ ކޮންމެ މުސްލިމެއްގެ ދިރިއުޅުމުގެ އަސާސްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހެއެވެ. ރަގަޅު އީމާންތެރިކަމެއްގައިވާ ދެމަފިރިން އެކަކުއަނެކާއި ރިވެތި އަޚްލާޤާއި މަޑުމައިތިރިކަމާއިއެކު މުޢާމަލާތުކުރާނެއެވެ.
ނަމާދުންނާއި، ޤްރުއާން ކިޔެވުމުންނާއި، އަދި ދެމަފިރިން އެކުގައި ދީނީ ޢިލްމު އުނގެނި ދަސްކުރުމުން އީމާންތެރިކަން ވަރުގަދަކުރުމަށް މަސައްކަތްކުރާ ދެމަފިރިއެއްގެ ގުޅުން ގާތްވާނެއެވެ. އެދެމަފިރިން ﷲ ޙަޟުރަތާއި ލޯބިކޮށް އެކަލާނގެ ޙަޟުރަތުން ރަޙުމަތަށް އެދެނީ އެކަކުއަނެކަކަށް ލޯބިވެ އެކަކުއަނެކަކު ގާތުން ރަހުމަތްތެރިކަން ލިބިގެންނެވެ. ދެމަފިރިން ﷲ އަށްޓަކައި ހިފާފައިވާ އަހުދަކީ ނުވަތަ އެކަލާނގެއަށް އޮންނަ ޔަގީންކަމަކީ އާއިލާގެ ރޫހާނީ ގުޅުން ވަރުގަދަކޮށްދިނުމަށާއި އަދި ﷲ އާއި އެކަލާނގެ ދީނަށް ނަސްރުދިނުމަށްވާ އެންމެ ފުރިހަމަ މެދުވެރިއެވެ.

2. މާފުކުރުން: ރަސޫލާ ޞައްލާﷲ ޢަލައިހިވަސައްލަމަ އެކަލޭނގެފާނުގެ އަސްހާބުބޭކަލުންނަށް ޙަދީޘްކުރެއްވި: "ތިޔަބައިމީހުނަށް ﷲ މާފުކުރެއްވުމަށް ތިޔަބައިމީހުން އެދެމުހެއްޔެވެ." އެހިނދު އެބޭކަލުން އާދޭހޭ ވިދާޅުވުމުން ރަސޫލާ ޞައްލާﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެހެންނަމަ ތިޔަބައިމީހުން އެކަކު އަނެކަކަށް މާފުކުރާށެވެ."
އުފާވެރި ކައިވެއްޏެއްގެ އެންމެ މުހިއްމު އެއްސިފަޔަކީ ދެމަފިރިން އެކަކު އެނެކަކަށް މާފުކުރުމެވެ. ކުއްވެރިނުކޮށް، އެކަކު ފަރާތުން އެނެކާއަށް ހިތާމައެއް ލިބުމުން އެކަމެއް މާޒީގެ ތެރެއަށް ދޫކޮށްލުމަކީ މާފުކުރުމެވެ. އެކަކު އަނެކަކަށް މާފުކުރެވޭނީ މާފަށް އެދުމަކީ ނިކަމެތިކަމެއްކަމުގައި ނުދެކި އެކަމަށް ބޮޑާކަންދޫކޮށްލައި އަދި މާފުދިނުމަށް ހަރުކަށިނުވެ ހިތްތިރި މީހެއްކަމުގައި ވެގެންނެވެ.
3. އެކުވެރިކަން: އެދެމެދުގައި ރަހްމަތްތެރިކަންވާ ގުޅުމަކީ ވަށައިގެންވާ ނުފޫޒުތަކުން އެހެން ގުޅުންތަކަށްވުރެ ބޮޑަށް ރައްކާތެރިކަން ލިބިގެންވާ ގުޅުމެކެވެ. އެކަކު އަނެކަކަށް މާތްކޮށް ހިތުމާއި، ޤަދަރާއި، އިތުބާރާއި، ބަލައިގަތުމާއި އަދި އެކަކު އަނެކަކަށް އަޅާލުމުގެ މައްޗަށް ބިނާވެފައިވާ ރަހްމަތްތެރިކަމަކީ ބަދަހި ގުޅުމެއްގެ މާތް ސިފައެކެވެ.

4. ޙައްޤުތައް ރައްކާތެރިކުރުން: ރަސޫލާ ޞައްލާﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. އަހަރެމެން ﷲ ތަޢާލާއަށް ރުޖޫޢަވެ ތައުބާވާ ހުރިހާ ފާފައެއް އެކަލާނގެ ފުއްސަވައެވެ. އެހެންނަމަވެސް އެއީ އެހެންމީހުންގެ ޙައްޤުތައް ފިޔަވައެވެ. އެއީ އެމީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ މީހާ ފުރަތަމަ މާފުނުކުރާހާ ހިނދެއްގައެވެ. ދެމަފިރިން އެކަކު އަނެކެއްގެ އިހްސާސްތަކާއި ކުޅެ ދެރަނުކުރުމަށް ވަރަށް ރައްކާތެރިވާންޖެހެއެވެ. އަދި ގަސްތަކާއި ނުލައި ކަމެއްކުރެވުނު ކަމުގައި ވީނަމަވެސް، އެކަކު އަނެކަކަށް ލަސްނުކޮށް މާފުކުރަންވާނެއެވެ. އެހެނީ އެކަކަށްވެސް ލޯބިވާ މީހަކު މިދުނިޔެ ދޫކުރާނެ ވަގުތަކީ އެގިގެންވާ ވަގުތެއް ކަމުގައި ނުވުމުން، އަހަރެމެން އަތުގައި އެވަގުތު އޮއްވާ މާފުކުރުމަކީ އެންމެ ހެޔޮ ގޮތްކަމުގައި ނުވޭތޯއެވެ؟

5. އިޙްލާޞްތެރިކަން: ކައިވެނީގެ ގުޅުމަކީ ދެމަފިރިން އެމީހުންގެ ސިކުޑީގައިވާ ކަންކަން ތެދުވެރިކަމާއިއެކު ކިޔައިދީ ބަދަލުކުރުމަށް އެންމެ ރައްކާތެރިކަން އިހްސާސްކުރަންޖެހޭ ގުޅުމެވެ. އެދެމެދުގެ މުޢާމަލާތްތަކުގައި އިޙްލާސްތެރިކަން ނެތިއްޖެނަމަ އެދެމެދުގައި އޮންނަންޖެހޭ ގުޅުމަކީ ގާތްގުޅުމެއް ކަމުގައިވުން ދުރުވާނެއެވެ. އަދި ދެމަފިރިން އެކަކުއަނެކެއްގެ ނަފްސުގެ ކަންތައްތައް ފުންކޮށް ދެނެގަތުން ދަތިވާނެއެވެ.

6. ތައުރީފުކުރުން: ބައިވެރިޔާގެ ހިތް އަތުލުމަށް އެންމެ އަގުހެޔޮ އަދި އެންމެ އުފާކުރުވާނެ އެއްކަމަކީ ތައުރީފްކުރުމާއި ބައިވެރިޔާގެ ރަގަޅު ސިފަތައް ނުވަތަ އާދަތައް ފާހަގަކުރުމެވެ. ކޮންމެ މީހަކު ވެސް އެމީހަކު ކުރާ ރަގަޅު ކަންތައްތައް ބަލައިގަނެ ފާހަގަކުރުމަށް އެދޭނެއެވެ. މިއީ އިންސާނީ ޠަބީއަތެވެ.

ތިމާގެ ނަފްސު ތިބާގެ ބައިވެރިޔާ ގާތުން އޭނާއަށް ނުކުޅެދޭ ކަމަކަށް ނުވަތަ އޭނާ ކިބާގައިނުވާ ކަމަކަށް އެދޭނަމަ ތިބާ ﷲ މަތިން ހަދުމަކޮށް ﷲ ފިޔަވައި ފުރިހަމަ ފަރާތެއްނުވާކަން ދެނެގަންނާށެވެ. ހަމަކަށަވަރުން އިންސާނާއީ ނުކުޅެދުންތެރި މަޚުލޫގެކެވެ. ﷲ ފިޔަވައި ފުރިހަމަވެގެންވާ އެއްވެސް ފަރާތެއް ނުވެއެވެ.

..................................
=ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެއް=

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment