1.28.2011

ދަރީންގެ މެދުގައި ހަމަހަމަކުރުން

އަލްއަޚް ޝަފީޢު ޢަބްދުﷲ
ދުނިޔޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ، ވެރިކަން ކުރާ ރަށަކީ މާލެއެވެ. އެހެންކަމުން، މި މާލޭގައި ޢައިލާތައް އުޅެނީ ކުޑަ ކުޑަ ކޮޓަރިތަކާއި އެޕާރޓްމެންޓްތަކުގައެވެ. ދެތިން ހަތަރު ޢައިލާ އެއްތަނެއްގައި ނުވަތަ އެއް ގެއެއްގައި އުޅުމަކީ އާދައިގެ ކަމެކެވެ.

ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެންޖެހުމުގެ ސަބަބުން، ތަފާތު ގިނަ ގުނަ މައްސަލަތަކެއް ފެން މަތިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަރީންގެ މެދުގައި ތަފާތު ކުރުމެވެ. ނޭނގި ނަމަވެސް އެއް ދަރިއަކަށް އިސްކަންދެވުމެވެ. މިއީ ހަޤީޤަތުގައި ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ، އެއް ބެއެއްގެ ހިތް އަނެއް ބެއެއްގެ މައްޗަށް ކިނލަބުވެގެންދާ ކަމެކެވެ. ނަމަވެސް، ޢާއިލީ ގުޅުމަށް ބަލާފައި އެކަން ފާޅު ނުކޮށްފާނެއެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރި ކޮށްފާނެއެވެ. މަންމަ ނުވަތަ ބައްޕަ އޭނާއަށް މާ ބޮޑު އިސްކަމެއް ދެނީ، އަހުރެން ގޯސްވީމަ ވިސްނި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، އަމިއްލަ ނަފްސަށާއި، މައިންބަފައިންނަށާއި، ބެއިންނަށް، ހިތުގައި ނަފްރަތުގެ ހުޅު ރޯވެ ދާނެއެވެ.
ދަރީންދެކެ ލޯބިވުމުގައި ތަފާތު ތަކެއް ހުރެދާނެއެވެ. މިއީ މައްސަލައެއް ނޫނެވެ. ލޯބި އެއީ ޠަބީޢީ ކަމެކެވެ. ނަމަވެސް، މައްސަލައަކަށްވާނީ، އެ ލޯބީގެ ސަބަބުން، މައިންބަފައިން، ދަރީންގެ މެދުގައިި، މުޢާމަލާތް ކުރުމުގައި، ތަފާތު ތަކެއް ގެން ގުޅެން ފެށުމުންނެވެ. މިއީ އިސްލާމް ދީން ކަނޑައެޅިގެން މަނާ ކުރާ ކަމެކެވެ. ތިމަންނަ، އެއް ކުއްޖަކު ދެކެ މާ ބޮޑަށް ލޯބިވާކަން، އެހެން ކުދިންނަށް އިޙްސާސްވިޔަ ދީގެން ނުވާނެއެވެ. މުޢާމަލާތް ކުރުމުގައި ހަމަ ހަމަ ކުރަން ވާނެއެވެ. އެހެން ނޫނީ، ކުދިން އެކަކު އަނެކަކު ދެކެ ނަފްރަތު އުފެދި، މައިންބަފައިންނަށް ކުރާ އިޙްތިރާމް ގެއްލިގެން ހިނގައިދާނެއެވެ. އެހެނީ، އާދަމު عليه السلام އާއި ޔަޢުޤޫބު عليه السلام ގެ ވާހަކަ މާތް ﷲ ކީރިތި ޤުރުއާނުގައި ވަރަށް ތަފްޞީލުކޮށް ގެނެސްދީފައި ވެއެވެ. އުއްމަތަށް ޢިބްރަތެއްގެ ގޮތުންނެވެ. އެއީ ދެ ނަބީންނެވެ. އެމީހުން މުޢާމަލާތް ކުުރުމުގައި ކިހާ ހަމަ ހަމަ ކުރާނެތޯއެވެ. ނަމަވެސް، އެކުދީންވެސް ޝައިޠާނީ ވަސްވާހުގެ ޖެހުނެވެ. ބެއިންގެ މެދުގައި، ލޭ އޮހޮރުމާއި ހަމައަށް ކަންތައް ދިޔައެވެ. އެހެންކަމުން، އަހުރެމެން، ކުދީންގެ މެދުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

މަންމަގެ ރަން ދަރިން ނުވަތަ މާމަގެ ރަން ދަރިން ތަކެއް ތިބުމުގެ ސަބަބުން، ހިތްހަމަ ނުޖެހުމާއި، ޢާއިލީ ގުޅުމަށް ބުރޫ އެރުމަކީ ވަރަށް ގާތުގައި ވާ ކަމެކެވެ. ގިނަ ފަހަރަށް މި ކަހަލަ ރަން ދަރީންނަށް ވިސްނިފައި އޮންނަނީ، މަންމަގެ ނުވަތަ ބައްޕަގެ މައްޗަށް ތިމަންގެ ހައްޤު، މާ ބޮޑުވާނެ ކަމަށެވެ. ހައްޤަކީ އިސްލާމް ދީނުގައި ކޮންމެ ދަރިއަކަށްވެސް އެއް ވަރަކަށް ދީފައިވާ އެއްޗެކެވެ. ތަފާތުވާ ތަންކޮޅަކީ، ޢުމުރުގެ ތަފާތާ ހެދި އަންނަ އެއްޗެކެވެ. މިސާލަކަށް، 15 އަހަރުގެ ދަރިފުޅަށް ގަނެދޭ ބޫޓުގެ އަގު، 2 އަހަރުގެ ދަރިފުޅަށް ގަނެދޭ ބޫޓުގެ އަގަށްވުރެ މާ ބޮޑުތަންވެސް، އަގު ބޮޑު ވެދާނެއެވެ. މިއީ އެކަން އޮންނަން ޖެހޭ ގޮތެވެ. ނަމަވެސް، ދެ ކުދިންގެ ފެންވަރުން، ބޫޓު ދިނުމަކީ ވާޖިބެކެވެ. ދެ ކުދިންގެވެސް ހައްޤެކެވެ. އެކަކަށް ދީފައި އަނެކަކަށް ނުދީ ހުރެގެން ނުވާނެއެވެ.

އެހެންކަމުން، ދަރިންނަކީ ޢަމާނާތެކެވެ. އެމީހުންގެ މެދުގައި ހަމަ ހަމަ ކުރާށެވެ. ނޭދެވޭ އެތައް ކަމަކުން ސަލާމަތް ވާނެއެވެ. ޢާއިލީ ހަމަޖެހުން ދެމިގެން ދާނެއެވެ. ހުރިހާ ކުދިންގެ ހިތުގައި ތިބާއަށް އޮންނަ ލޯތްބާއި އިހްތިރާމަށް ބަދަލެއް ނައިސް ދެމި އޮންނާނެއެވެ. އަދި ކުދީންގެ މެދުގައި އޮންނަ ހިތް ނުތަނަވަސްކަން ފިލައި ހިނގައިދާނެއެވެ. ހުރިހާ ކުދިންނަކީވެސް، ތިބާގެ ގާތުގައި، މުހިންމު ކުދިންކަމުގައި، އެކުދިންނަށް ޤަބޫލުކުރެވޭނެއެވެ. ހައްޤުގެ ގޮތުން އެންމެ ހަމަ ހަމަ ކަމަށް އިޙްސާސްކުރެވޭނެއެވެ.

ދަރީން ވެސް، މައިންބަފައިންގެ ހައްޤުތައް އަދާކުރަންޖެހޭނެއެވެ. އެމީހުންގެ ފަރާތުން ފެންނަ ތަފާތު ކުރުމަކީ، އެއްގޮތަކަށްވެސް، ތިމަންގެ މައްޗަށްވާ ހައްޤު ނަފީވެގެންދާނޭ ކަމެއް ނޫނެވެ. އެއީ ތިމަންނަށް، ބަނޑު އަޅާ ވިހައި، އޯގާތެރިކަމާ އެކު ބަލައި ބޮޑު ކުރި މީހުން ކަން ދަންނާށެވެ. އެހެންކަމުން، ތިމަންނަށް އަދާކުރަންޖެހޭ ހައްޤު މާ ބޮޑު ކަންވެސް ދަންނާށެވެ. އެމީހުންގެ ހެޔޮކަން މާ ބޮޑެވެ. އެހެންކަމުން، ފެންނަ އުނި ކަންތައް ހަނދާން ނައްތާލާށެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment