5.16.2012

އޭ އައުރަ ނިވާ ނުކޮށް ތިބި އުޚްތުންނޭވެ

އަލްއުޚްތު އުއްމު ޒިވާ
އެއް ދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގެކެވެ. އަހަރެން އެ މަގުން ހިނގަމުން ދިޔައީ ސްކޫލްދޮށަށް ދިއުމުގެ ބޭނުމުގައެވެ. ހިނގަމުން ވަކި ހިސާބަކަށް ދެވުނު ތަނާ، މީހުން އަހަރެންނާ ދިމާއަށް އާދަޔާ ޚިލާފަށް ބަލާކަން އިޙްސާސްކުރެވެން ފަށައިފިއެވެ. ކޮންމެ މީހެއްގެ ވެސް ނަޒަރު ހުއްޓެނީ ވަރަށް ޝައުޤުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އަހަރެންނަށް ވަރަށް އުނދަގޫ ވާން ފަށައިފިއެވެ. ލަދުން ގޮސް ހަދާނެ ގޮތް ނޭނގުނެވެ. އަމިއްލައަށް ލެވިފައި ހުރި ހެދުމަށް ބެލެން ފަށައިފިއެވެ. ނަމަވެސް ތަފާތެއް ނުފެނެއެވެ. އާދައިގެ މަތީން ވެސް އަހަރެން ލާ ކަޅު ހެދުމެވެ. އެއާއެކު އަޅާ ބޮޑު ބުރުގާއެވެ. އޭގައި އެއްވެސް ތަފާތެއް ނެތެވެ. ފެންނަ ފެނުމަށް ހެދުމުގެ ކުރިމަތީގައި އެއްވެސް ތަފާތެއް ނެތުމުން ފުރަގަހަށް އެނބުރި ކުޑަކޮށް ބަލައިލައިފީމެވެ. ބަލައިލުމާއެކު މީހުން ބަލާ ސަބަބު އެނގި ހާމަވެއްޖެއެވެ.

އަހަރެންގެ ފުރަގަހުގައި ހުރީ ހެދުން ލައިގެން އޮރިޔާމުން ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ހެދުން ކުރު ކަމުން ފޮރުވޭ ތަނެއް ނެތެވެ. ބާރުކަމުން ހާމަނުވާ އެއްވެސް ވަނާއެއް ނެތެވެ. ކަރުވަޅު އިންތިހާއަށް ބޮޑުކޮށް ފެންނަން ހުއްޓެވެ. ހެދުމުގެ އަތް ނުވެސް ނެތީއެވެ. މޫނުގައި އެތައް ތަނެއް ތޮރުފާފައި ހުއްޓެވެ. އެ އަންހެން ކުއްޖާ ފެނުމުން ލަދުން ހަލާކުނުވީ ކިރިޔާއެވެ. އަހަރެން އަވަސް އަވަހަށް އޭނާގެ ފަހަތަށް ޖެހިލައިފީމެވެ. އަދި އޭނާ ކުރިއަރާ ދަންދެން މަޑުކޮށްލައިފީމެވެ.

އެއީ ހަމަ އަހަރެމެންގެ ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައިވާ އަންހެން ދަރިއެކެވެ. ކޮންމެވެސް މީހެއްގެ ކޮއްކޮއެކެވެ. ނޫން ނަމަ ކޮންމެވެސް މީހެއްގެ އަންބެކެވެ. ނުވަތަ މަންމައެކެވެ. އެ އަންހެންކުއްޖާގެ ޒިންމާ އުފުލަންޖެހޭ ބަޔަކު ތިބޭނެއެވެ. މިފަދަ އަންހެނުންގެ ސަބަބުން ކިތައް އަންހެނުންނަށް ލަދުގަންނަން ޖެހޭނެ ހެއްޔެވެ؟

އޭ އުޚުތުންނޭވެ! ދުނިޔެމަތީގައި ތިޔަކަނބަލުންގެ ރީތިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނީލަން ކިއިދާނެއެވެ. އަދި ކުޑަކުޑަ އުފަލަކަށްޓަކައި ﷲ ތިބާއަށް ދެއްވި ޢިއްފަތްތެރިކަން ވެއްޔާ މޮޑެމުން ދަނީ މާދަމާ އެއީ ނާންނާނެ ދުވަހަކީ ހެއްޔެވެ؟ އައުރަ ނިވާ ނުކުރާ އަންހެނުންނަށް ހުރި ވޭންދެވި ޢަޛާބުގެ ވާހަކަ އަޑު ނާހަމުހެއްޔެވެ؟ ނުވަތަ އިވުނަސް އަޅާނުލަނީ ހެއްޔެވެ؟ މިއަދު ވަރިހަމަކޮށްފައި ތިޔަހެން އުޅެވިދާނެއެވެ. އެހެން ނަމަވެސް މާދަމާ ދާން އޮތް ދާއިމީ ގޮވަތީގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެމަތީގެ ހޫނަށް ވުރެ އެ ދުވަހުގެ ހޫނުކަން ގަދަވާނެކަން ނޭނގެނީ ހެއްޔެވެ؟

އޭ އުޚުތުންނޭވެ! ﷲ އަށް ބިރުވެތިވާށެވެ. ﷲ އެންގެވި ގޮތުގައި އައުރަ ނިވާކޮށްގެން އުޅުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ. ﷲ ގެ ކޯފާއަކީ ކޮންމެ ފަހަރަކު ވަގުތުން ވަގުތަށް އަންނާނެ އެއްޗެއް ނޫނެވެ. އަހަރެމެންގެ މި ފާފަތަކަށް ވަގުތުން ﷲ ކޯފާ ނުލައްވާ ކަމަށްޓަކައި އެ ކަލާނގެއަށް ހާސްފަށުން ޝުކުރު ކުރައްވާށެވެ.

ތިބާގެ މަރު އަންނާނެ ވަގުތެއް ނޭނގެއެވެ. މިއަދު މަރުވިޔަސް ތިބާއަށް ހުރީ ކޮން ގޮތެއް ކަމެއް އެނގޭ ހެއްޔެވެ؟ ފަހުން އައުރަ ނިވާ ކުރަން ހިތުގައި ނުބާއްވާ އަވަހަށް އައުރަ ނިވާކުރައްވާށެވެ. ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާށެވެ. ޢިއްފަތްތެރި ލަދުވެތި އަންހެނެއް ކަމުގައި ވެލައްވާށެވެ. ތިޔަ އުނގުން ބިނާކުރާ ޖީލަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤު ލިބިގެން ބިނާކުރެވޭ ޖީލެއް ކަމުގައި ހައްދަވާށެވެ.

އޭ ލޮބުވެތި އަޚުންނޭވެ. ތިޔަބައިމީހުންގެ ދަރީންނާއި އަނބީންނާއި ކޮއްކޮއިންނާއި ދައްތައިންނާއި މައިންނާއި މައިދައިތައިން ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާށެވެ. މާދަމާ ތިޔައިން ކޮންމެ މީހަކީ ވެސް ސުވާލުވެވިގެންވާނެ މީހުންނެވެ. އެ މީހަކާ ޙަވާލުވެވިގެންވާ މަސްޢޫލިއްޔަތާ މެދުގައެވެ.

ފޭސްބުކްގައި ޝެއަރ ކުރައްވާ

No comments:

Post a Comment