Showing posts with label އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ. Show all posts
Showing posts with label އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ. Show all posts

5.21.2011

ޝަރުޠުކުރި ކައިވެނި

އަލްއުޚްތު ބިންތު ޢަބްދުﷲ ޢަބްދުލްޣަނީ
ކައިވެނިކުރަން ބޭނުންވެފައިވާ ވަރަށް ރީތި އަންހެނަކު ވިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ވަރަށް ހެޔޮލަފާ ތަޤްވާވެރި ފިރިއެއްކަމުން، ކޮންމެދުވަހަކު ހަތިމެއްކުރާ، މުޅި އަހަރު ދުވަހު ރޯދަ ހިފާ އަދި ކޮންމެ ރެއަކު ހޭލާހުރެ ﷲއަށް އަޅުކަންކުރާ މީހަކާ އޭނާ ކައިވެނިކުރާނޭ ކަމަށް ބުންޏެވެ.

އެއީ ރީތި އަންހެނެއްކަމުން ވަރަށް ގިނަ ފިރިހެނުން އޭނާގެ ކައިވެންޏަށް އެދިއެދި ތިއްބެވެ. ނަމަވެސް އޭނާ ކަނޑައަޅާފައިވާ ކަންކަން ނުކުރެވޭނެތީ އެމީހުން ހަމަހިމޭނުން ތިއްބައި، ފިރިހެނަކު ކުރިއަށްޖެހި އޭނާއަށް އެކަން ކުރެވޭނޭކަމަށް ބުންޏެވެ. އެހެންކަމުން އިމާމްމީހާ އެދެމީހުންގެ ކައިވެނިކޮށްދިނެވެ. ކައިވެނީގެ ފުރަތަމަރޭ ފާއިތުވެގެންގޮސް އަނެއްރެއަށް އެޅި އިރުވެސް އަނބިމީހާއަކަށް އޭނާގެ ފިރިމީހާ ޤުރުޢާން ކިޔަވާތީވެސް، ރޯދަ ހިފާތީވެސް އަދި ރޭގަނޑު ހޭލާހުރެ ﷲ އަށް އަޅުކަންކުރާތީވެސް ނުފެނެއެވެ. މިކަންކަން ބަދަލުވޭތޯ ދެތިން ހަފްތާއަކު މަޑުކޮށްލުމަށް އަނބިމީހާ ނިންމިއެވެ. ނަމަވެސް އޭނާގެ ފިރިމީހާގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުމުން ކޯޓަށް މައްސަލަ ހުށަހަޅާ ވަރިވުމަށް އެދުނެވެ.

އެދެމީހުން ޤާޟީގެ އަރިހަށް ހާޟިރުކުރެވުމުން ޤާޟީ އެއްސެވިއެވެ. "ކައިވެނީގެ ޝަރުތުތަކަކީ ކޮބާހެއްޔެވެ؟" ފިރިހެންމީހާ ޖަވާބުދިނެވެ. "އެއީ އަހަރެން ކޮންމެ ދުވަހަކު ޚަތިމެއް ކުރުމަށާއި، މުޅި އަހަރުދުވަހު ރޯދަ ހިފުމާށާއި ކޮންމެ ރެއަކު ހޭލާހުރެ ﷲއަށް އަޅުކަންކުރުމެވެ." ޤާޟީ އެއްސެވިއެވެ. "ކަލޭ އެކަންކަން ފުރިހަމަކުރަން ހެއްޔެވެ؟" އޭނާ ބުންޏެވެ. "އާއެކެވެ." ޤާޟީ ވިދާޅުވިއެވެ. "ކަލޭ ތިހަދަނީ ދޮގެވެ. ކަލޭ އެއްވެސް ކަމެއް ނުކުރާކަމުގައި ކަލޭގެ އަނބިމީހާ އެބަބުނެއެވެ. އޭނާ ވަރިވުމަށް އެ އެދެނީވެސް އެހެންވެގެންނެވެ."
ނަމަވެސް ފިރިހެންމީހާ އޭނާ އެކަންކަން ކުރާކަމުގައި ތަކުރާރުކޮށް ބުނަމުންދިޔައެވެ. އެހެންކަމުން ޤާޟީ އެއްސެވިއެވެ. "ކަލޭ ކޮންމެ ދުވަހަކު ޚަތިމެއް ކުރަން ހެއްޔެވެ؟" ފިރިހެންމީހާ ޖަވާބުގައި ބުންޏެވެ. "އާއެކެވެ." ގާޟީ ހައިރާންވެވަޑައިގެންފައިވާފަދަ ރާގެއްގައި އެއްސެވިއެވެ. "ކިހިނެއް ހެއްޔެވެ؟ ކަލޭ އެކަންކަން ކުރަނީ ކިހިނެއް ހެއްޔެވެ؟" ފިރިހެންމީހާ ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ. "އަހަރެން ކޮންމެ ދުވަހަކު ސޫރަތުލް އިޚްލާސް ތިން ފަހަރު ކިޔަވަމެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާގޮތުން ސޫރަތުން އިޚްލާޞްއަކީ ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައެވެ. (އެހެންކަމުން ތިންފަހަރު ކިޔެވުމުން ކީރިތި ޤުރުއާން އެއްކޮށް ކިޔެވުނީއެވެ)"

ޤާޟީ ވަރަށް ހައިރާންވެ ލެއްވިއެވެ. އަދި އެއްސެވިއެވެ. "މުޅި އަހަރު ދުވަހު ރޯދަ ހިފަނީ ކިހިނެއް ހެއްޔެވެ؟" އޭނާ ޖަވަބުގައި ބުންޏެވެ. "އަހަރެން ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފަމެވެ. އަދި ޝައްވާލު މަހުގެ ހަރޯދަ ހިފަމެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާ ގޮތުން ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފުމައްފަހު ޝައްވާލު މަހުގެ ހަރޯދަ ހިފައިފިމީހާ މުޅި އަހަރުދުވަހު ރޯދަހިފި ފަދައެވެ."

ޤާޟީ ވަރަށް ހަމަހިމޭންވެ އިންނެވިއެވެ. އަދި އޭނާ އެބުނާ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެކޭ ބުނެވޭކަށް ނެތް ކަންވެސް ޤާޟީއަށް އެނގިލައްވައެވެ. އެހެންކަމުން އެންމެ ފަހުން ޤާޟީ އެއްސެވިއެވެ. " ކަލޭ މުޅިރޭ ހޭލާހުރެ ﷲއަށް އަޅުކަންކުރަނީ ކިހިނެއް ހެއްޔެވެ؟" މިސުވާލުގެ ޖަވާބު ނުދެވޭނެ ކަމަށް ޤާޟީ ހީފުޅު ކުރެއްވިއެވެ. ނަމަވެސް ފިރިހެންމީހާ ކުރިއަށްވުރެވެސް ހަމަޖެހިލުމާއެކު ޖަވާބު ދިނެވެ. "އަހަރެން ކޮންމެ ދުވަހެއްގެ އިޝާ ނަމާދާއި ފަތިސް ނަމާދު ކުރަނީ ޖަމާޢަތުގައެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާގޮތުން ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭ ﷲއަށް އަޅުކަންކުރުމުގައި ހޭލާހުރިފަދައެވެ."

ޤާޟީ ޙައިރާންވެގެން އެމީހާޔާދިމާއަށް ބައްލަވަން އިންނެވިއެވެ. އަދި އެންމެ ފަހުގެ ހުކުމް އިއްވަމުން ވިދާޅުވިއެވެ. "ދާށެވެ. ދާށެވެ. ތިޔަކައިވެނީގައި އެއްވެސް މައްސަލައެއް ނެތެވެ."

އިތުރަށް ވިދާޅުވޭ...

3.03.2010

ﷲ އަށް ހުރިހާ ބާރެއް ލިބިވޮޑިގެންވާ ކަމަށް ދެކޮޅުހެދި ޒުވާނާ

އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ
ރަށެއްގައި އުޅުނު ޒުވާނަކު، ﷲ އަށް ހުރިހާ ބާރެއް ލިބިވޮޑިގެންވާ ކަމަށް ޤަބޫލު ކުރުމާ ދެކޮޅު ހަދައެވެ. މިޒުވާނާ ދަޢުވާ ކުރާ ގޮތުގައި އޭނާ ކާން ބޭނުން ނުވާ ވަގުތެއްގައި އޭނާ ކެއުމަށް އިރާދަކުރެއްވުމުގެ ބާރެއް ﷲ އަށް ލިބިވޮޑިގެނެއް ނުވެއެވެ. އޭނާގެ މިބަހަށް ހެކި ދެއްކުމައްޓަކައި، މިޒުވާނާ ނިންމީ ބަނޑުހައި ހޫނުކަން މަތީގައި އެއްވެސް އެއްޗެއް ނުކައި އެއް ދުވަސް ވަންދެން ހުރުމަށެވެ. އަދި އޭނާ ނުކާން ހުއްޓާ ﷲ އިރާދަ ކުރެއްވުމުން އޭނާއަށް ކާން މަޖުބޫރު ވޭތޯ ބެލުމަށެވެ.
ޒުވާނާގެ މަންމައަށް މިކަން އެނގުމުން، މީނާގެ މި މޮޔަ ޚިޔާލު ދޫކޮށްލާތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޒުވާނާ އޭނާގެ މަންމަ ކުރިހާ ކަމަކާއި ބުނިހާ ބަސްތަކަކަށް ދިނީ ބީރު ކަންފަތެކެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޒުވާނާ އޭނާގެ މަންމަ ދެކެ ރުޅިއައިސްގެން ނިންމީ ގަހަކަށް އަރާ އެންމެނާ ވަކިވެ އިނދެ އޭނާގެ އެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ. ޒުވާނާޔާ މެދު ރަހުމްކުރާ ޙާލު އޭނާގެ މަންމަ ކާއެއްޗެހި ގެނެސް އެގަސްދޮށުގައި ބެހެއްޓިއެވެ. އެއީ އޭނާއަށް ވިސްނި، އެގޮތް ދޫކޮށް ކެއުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ކެއުމަށްޓަކައެވެ.
ރޭގަނޑުގެ އަނދިރިކަން ވެރިވި ހިނދު، ޒުވާނާ އަރާއޮތް ގަސްކައިރިންލާފައި ދިޔަ ވަގުންގެ ގުރޫޕަކަށް ގަސްދޮށުގައި މީރު ކެއުމެއް ބަހައްޓާފައި ހުއްޓާ ފެނިއްޖެއެވެ. އަދި ޙައިރާންކަމާއެކު އެކަކު އަނެކަކަށް ބަލައިލިއެވެ. އެމީހުން ހީކުރީ، އެއީ ކޮންމެވެސް މީހަކު މީރު ކެއުމަކުން އެމީހުންނަށް ވިހަ ލުމުގެ މަޤުޞަދުގައި ކޮށްފައިހުރި މަކަރުވެރި ރޭވުމެއްކަމުގައެވެ. ދެން އެމީހުން ވަށައި ހޯދައި ބަލަންފެށިއެވެ. މީހަކު ފެނޭތޯއެވެ. މިހެން ހޯދަމުން ދަނިކޮށް އެއްކަލަ ޒުވާނާ ގަހުގެ ކުރީގައި އޮއްވާ ފެނިއްޖެއެވެ.
ވަގުންތައް ޒުވާނާ ތިރިއަށް ބޭލުއްވިއެވެ. އަދި ގަހުގެ ކައިރީ ބަހައްޓާފައިހުރި އެކެއުމަކީ ވިހަލާފައި ހުރި ކެއުމެއްތޯ ބެލުމަށްޓަކައި އެކެއުން ކެއުމަށް އޭނާއަށް އަމުރުކުރިއެވެ. ނަމަވެސް އެޒުވާނާ އަދިވެސް ހުރީ ﷲ އާއި މެދު އޭނާ ޖަހަމުން އެދާ ގޮންޖެހުމުގެ މަތީގައި ކަމަށް ވުމާއިއެކު ކެއުމަށް އިންކާރުކުރިއެވެ. މިކަމުގެ ސަބަބުން ވަގުންތައް އޭނާޔާ މެދު ނުބައި ހީއެއް ކުރިއެވެ. އަދި އޭނާގެ ގައިގާ ތަޅަންފެށިއެވެ. އެންމެފަހުން ޒުވާނާއަށް ކެތްނުވެގެން، އޭނާ ޖަހަމުން އެދާ ގޮންޖެހުން ދޫކޮށްލައި ކާން ފެށިއެވެ. މިތަންފެނުމުން ވަގުންތަކަށް ޔަޤީންވީ އެކެއުމަށް ވިހަނުލާ ކަމެވެ. އަދި ޒުވާނާ ދޫކޮށްލުމަށްފަހު އެމީހުން ހިނގައްޖެއެވެ.
އެންމެފަހުން ޒުވާނާ އޭނަގެ ކުށް ޤަބޫލު ކުރިއެވެ. "އާއެކެވެ! ﷲ އަށް ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވެއެވެ.

އިތުރަށް ވިދާޅުވޭ...

2.28.2010

ކަލޭމެން އަހަރެންނަށް ތިޔަ މަގުދެއްކީ ކަލޭމެންނަށްވެސް ނޭނގޭފަދަ މަގަކަށެވެ.

ތަރުޖަމާ: އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ
ތިރީގައި މިވާ ވާހަކައަކީ ޢަބްދުލް ވާޙިދު ބިން ޒައިދު ރިވާކުރައްވާފައިވާ ވާހަކައެކެވެ:
"އެއްދުވަހެއްގައި އަހަރެމެން ކަނޑު އުޅަނދެއްގައި ވީމެވެ. ކުއްލިޔަކަށް ޖެހެމުން ދިޔަ ވައިބާރުވެއްޖެއެވެ.އަދި އަހަރެމެންނަށް މަޖުބޫރުވީ އެގަދަ ކަނޑު ދޫކޮށް ރަށެއްގެ ޙިމާޔަތް ހޯދުމަށެވެ. އެރަށުގައި އަހަރެމެން ނޫން އެހެން މީހަކު އުޅޭތަން ފެނުމުން އަހަރެމެން އަޖައިބުވިއެވެ. އަހަރެމެންގެ ކުރިމަތީގައި އަވަދި ނެތި ބުދަކަށް އަޅުކަން ކުރުމުގައި ފިރިހެނެއް ހުއްޓެވެ. އަހަރެމެން އެމީހާއަށް ތަޢާރަފުވީމެވެ. އަދި ބުނީމެވެ. "އަހަރެމެންގެ ބޯޓުގައި ކަލޭ ތިޔަކުރާފަދަ ކަމެއްކުރާމީހަކު ނެތެވެ."

އެމީހާ އެހިއެވެ. "އެހެންވިއްޔާ ދެން ކަލޭމެން އަޅުކަން ކުރަނީ ކާކަށް ހެއްޔެވެ؟"
އަހަރެމެން ބުނީމެވެ. "އަހަރެމެން އަޅުކަން ކުރަނީ ﷲ އަށެވެ."
" ﷲ އަކީ ކާކު ހެއްޔެވެ؟" އޭނާ އެހިއެވެ.
އަހަރެމެން ބުނީމެވެ. " އެކަލާނގެއީ އެކަލާންގެ ޢަރުޝިކޮޅު އުޑުގައިވާ އަދި އުޑުތަކާއި ދުނިޔެއާއި، އެދެމެދުގައި ވާހާ ތަކެއްޗެއް މިލްކުވެވޮޑިގެންވާ ރަސްކަލާންގެއެވެ"
" ކަލޭމެންނަށް އެކަން އެނގުނީ ކިހިނެތް ހެއްޔެވެ؟" އެމީހާ އެހިއެވެ.
" ސާފު ހެއްކާއި ދަލީލާއި އެކު އެކަލާންގެ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. އަދި އަހަރެމެންނަށް އެކަން އަންގައި ދިނީ ރަސޫލާއެވެ!"
" ދެން ކަލޭމެންގެ ރަސޫލާއަށްވީ ކިހިނެއް ހެއްޔެވެ؟"
"އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަކުރައްވާ ނިންމެވުމުން، ﷲ އެކަލޭގެފާނު މަރު ގެންނެވީއެވެ." އަހަރެމެން ޖަވާބު ދިނީމެވެ.
" އެކަމުގެ އެއްވެސް ނިޝާނެއް އެކަލޭގެފާނު ކަލޭމެންގެ ތެރެއަށް ދޫކުރައްވާފައި ނުވޭ ހެއްޔެވެ؟" އެމީހާ އެހިއެވެ.
"އެކަލޭގެފާނު އަހަރެމެންގެ ތެރެއަށް ކީރިތި ޤުރުޢާން ދޫކުރެއްވިއެވެ!" އަހަރެމެން ބުނީމެވެ.
"އަހަރެންނަށް އެދައްކަ ބަލާށެވެ!" އެމީހާ އެދުނެވެ.
އަހަރެމެން ޤުރުޢާނުގެ ކޮޕީއެއް ދެއްކުމުން އޭނާ ބުންޏެވެ. "އަހަރެންނަކަށް ތިކިޔާކަށް ނޭންގެއެވެ!" ، އެހެންކަމުން އޭގެން ބައެއް އަހަރެމެން އޭނާއަށް ކިޔައިދިނީމެވެ.
ދެން އޭނާ ރޯންފެށިއެވެ. އަދި ބުންޏެވެ. "އެފަރާތެއްގެ ބަސްފުޅު މިފޮތުގައިވާ ފަރާތަށް އަހަރެމެން އުރެދިގެން ނުވާނެއެވެ!"
އެމީހާ ހަމައެކަނި އިސްލާމްދީން ޤަބޫލުކުރީކީ ނޫނެވެ. އޭނާ އިސްލާމްދީނުގެ އަސާސުތައް އުނގެނި، އޭނާ އުނގެނުނު ކަންކަމަށް ޢަމަލު ކުރަން ފެށީއެވެ.
ވައިމަޑުވެ މޫސުން ރަނގަޅުވެ އަހަރެމެން ފުރަން ތައްޔާރުވުމުން އަހަރެމެންގެ ބޯޓުގެ ދަތުރުވެރިއަކަށް ވެވިދާނެތޯ އަހަރެމެން ކުރެން އޭނާ އެދުނެވެ. އަދި ހަމަޔަޤީނުންވެސް އެނާ އަހަރެމެންނާއެކު އައުމަށް އަހަރެމެން އެއްބަސްވީމެވެ. އަދި އޭނާ އަހަރެމެންނާއެކު އައުންވީ ރަނގަޅު ކަމަކަށެވެ. އެއީ އޭގެ ސަބަބުން އޭނާއަށް ޤުރުޢާނު އެތައް އާޔަތެއް ހިތުދަސްކޮށްދިނުމުގެ ފުރުޞަތު އަަރެމެންނަށް ލިބުމެވެ. ދަތުރުގެ ފުރަތަމަ ދުވަހުގެ ރޭގަނޑު އަހަރެމެން ހުރިހާ ފަޅުވެރިން ނިދުމައްޓަކައި ތައްޔާރުވަމުން ދިޔައީމެވެ. އެވަގުތު އަހަރެމެންގެ އާދަތުރުވެރިޔާ ބުންޏެވެ. "އޭ މީސްތަކުންނޭވެ! އެފަރާތަކަށް އަހަރެންނަށް ކަލޭމެން ތިޔަ މަގުދެއްކި ރަސްކަލާނގެ އަވަހާރަފުޅު ލައްޕަވާ ހެއްޔެވެ؟"
އަހަރެމެން ބުނީމެވެ. "އެކަލާނގެއީ ދާއިމަށް ދެމިވޮޑިގެންވާ، އަހަރެމެންނަށް ރިޒުޤު ދެއްވާ އަދި އެކަލާންގެ ހެއްދެވިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ އިލާހެވެ. އެކަލާނގެއަށް އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއް ނުވެއެވެ!"
އޭނާ އަހަރުމެންނާއި ދިމާއަށް ބަލާލުމައްފަހު ބުންޏެވެ. " އޭނާގެ ވެރިސާހިބުގެ ހާޒިރުގައި އަޅަކު ނިދުމަކީ ހަމަކަށަވަރުންވެސް ނުބައި އާދައެކެވެ!" އެއަށްފަހު އޭނާ ތެދުވިއެވެ. އަދި ނަމާދުކުރަންފެށިއެވެ. އޭނާގެ ރުއިމުގެ އަޑު ހެނދުނު ވަންދެން ދެމިހުއްޓެވެ.
ޢަބާދާންއޭ (ކުރީގައި އީރަނުގައިވާ ތަނެއް) ކިޔާ ތަނަކަށް އަހަރެމެން ފޯރުމާއިއެކު އަހަރެން އަހަރެންގެ އެކުވެރީންނަށް ބުނީމެވެ. "މި މީހާއަކީ މިތަނަށް ބީރައްޓެއްސެކެވެ. އަދި އޭގެ އިތުރުން އޭނާ އަކީ އަލަށް އިސްލާމްވި މުސްލިމެކެވެ. އެހެންކަމުން އަހަރެމެން އެންމެން އެކުގައި އޭނާއަށް އެހީވުމުގެ ގޮތުން ފައިސާކޮޅެއް އެއްކޮށްލަން ވާނެއެވެ!" އެކަމަކު އަހަރެމެން އޭނާއަށް ފައިސާ ދޭންއުޅުނު ހިނދު އޭނާ ބުންޏެވެ. "މީ ކޯންޗެއް ހެއްޔެވެ؟"
އަހަރެމެން ބުނީމެވެ. "ކަލޭ ޚަރަދު ކުރާނެ ފައިސާއެވެ!"
އޭނާ ބުންޏެވެ. " ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ. ކަލޭމެން އަހަރެންނަށް ތިޔަ މަގުދެއްކީ ކަލޭމެންގެ އަމިއްލަ ނަފުސައްވެސް ނޭންގޭފަދަ މަގަކަށެވެ. ކަނޑު މެދުގައިވި ވީރާނާވެފައިވާ ސަހަރާއެއްގައި އެކަލާނގެ ފިޔަވާ އެހެން ފަރާތަކަށް އަހަރެން އަޅުކަން ކުރަމުން ދިޔައިރުވެސް އަހަރެންނަށް ދަތިކަމެއް އެކަލާނގެ މިންވަރު ނުކުރައްވައެވެ. އެހެންކަމަށްވީ އިރު މިއަދު އަހަރެން އެކަލާނގެއަށް މެނުވީ އަޅުކަން ނުކުރާއިރު، ނުފުއްދުންތެރި މީހަކަށް އަހަރެން ވުމަށް އެކަލާނގެ މިންވަރު ކުރައްވާނެ ހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެއީ ހައްދަވާ ރިޒުޤު ދެއްވާ އިލާހެވެ." އެއަށްފަހު އޭނާ އަހަރެމެން ދޫކޮށް އޭނާގެ މަގުގައި އޭނާ ކުރިޔަށް ދިޔައީއެވެ.
އޭނާ އުޅޭތަނެއް ނޭންގި ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު، އޭނާ އުޅެނީ މިވެނި އެވެނި ތަނެއްގައި ކަމާއި އުޅެނީ ވަރަށް ބޮޑަށް ބަލިވެކަމުގެ ޚަބަރު އަހަރެމެންނަށް ލިބުނެވެ. އެތަނަށް އަހަރެމެންނަށް ދެވުނުއިރު ފެނުނީ އޭނާ މަރުގެ ތުންފަތް މަތީގައި ވަނިކޮށެވެ. އޭނާއަށް ސަލާމު ކޮއްލުމަށްފަހު އަހަރެން ބުނީމެވެ. "ކަލޭ އެއްވެސް ކަމެއް ބޭނުން ހެއްޔެވެ؟"
އޭނާ ބުންޏެވެ. "އެފަރާތެއް އެނގިގެން ނުވާ ޙާލުގައި އަހަރެން ވަނިކޮށް ކަލޭމެން އެރަށަށް ގެންދެވި އިލާހު އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ދެއްވައެވެ."
ދެން އަހަރެން އޭނާގެ މަގަތުގައި އިށީންނީމެވެ. އޭނާއަށް ހިތްވަރުދީ ކުޑައިރުކޮޅަކު އޭނާގެ ގާތުގައި މަޑުކޮށްލުމުގެ މަޤުޞަދުގައެވެ. ނަމަވެސް އަހަންނަށް ވަރަށް އަވަހަށް ނިދިއްޖެއެވެ. އަދި ނިދީގައި އަހަރެންނަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި ޢަބާދާނުގެ ގަބުރުސްތާނުން، އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ރީތި އަންހެން ކުއްޖެއް ދުށީމެވެ. އެކުއްޖާ ބުނަމުންދެއެވެ. "އޭނާގެ ފަސްދާނުލުން އަވަސްކުރާށެވެ. މާޔޫސްކަމުގައި އޭނާއަށް އަހަރެން އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ." ކުއްލި ސިހުމަކާއެކު އަހަރެންނަށް ހޭލެވުނެވެ. އޭރު އޭނާ ހަމަ މަރުވީއެވެ. އަހަރެން އޭނާ ހިނަވާ ކަފުން ކުރީމެވެ. ފަސްދާނުލުމުގެ ކަންތައް ނިމުމަށްފަހު، އެރޭ އަނެއްކާވެސް އަހަރެންނަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި އަހަރެންނަށް އޭނާ ފެނުނީ ސަމައްތަރު ހެޔޮ ރީތި ފިރިހެނެއްގެ ގޮތުގައި ވަނިކޮށެވެ. އަދި ހަމަ އެއްކަލަ އަންހެން ކުއްޖާ އެނދުގައި އިށީންދެ އިންދައެވެ. އެއަންހެން ކުއްޖާގެ ފަހަތުގައި އިށީންދެ އިނދެގެން އޭނާ އަންނަނިވި އާޔަތް ތަކުރާރުކޮށް ކިޔަމުން ގެންދެއެވެ.
سَلَا مٌ عَلَيْكُمْ بِمَا صَبَرْ تُمْ فَنِعْمَ عُقْبَى الدَّارِ
މާނައީ: "ތިޔަބައިމީހުން ކެތްތެރިވި ކަމައްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅު ކަމާއެވެ." (އައް ރަޢްދު:24)
(އަލް މާޢިދު އަދި މަޖާލިސް: 40-42)

އިތުރަށް ވިދާޅުވޭ...

2.25.2010

ވަގުތު ފާއިތުވުމުގެ ކުރިން ﷲގެ ހަޟްރަތަށް ރުޖޫޢަވާށެވެ.

އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ
އޭ ލޮބުވެތި އުޚްތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟ ވިހިއަހަރު ހެއްޔެވެ؟ ސާޅީސް އަހަރުހެއްޔެވެ؟ ނުވަތަ ފަސްދޮޅަސް އަހަރުހެއްޔެވެ؟ ތިބާ މާދަމާވެސް ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެބައޮތް ހެއްޔެވެ؟ ހަމަ މިވަގުތުވެސް ތިބާގެ ގާތަށް މަރު އައިސްދާނޭކަން ދަންނާށެވެ. މަރުއައުމުން ނުދިޔުމަށް ތިބާއަށް އެއްވެސް ގަދަކަމެއް ދެއްކިދާނެ ހެއްޔެވެ؟

މަރަށްފަހު ދެން އޮތީ ކައްވަޅެވެ. އޭގެ ބަނޑުތެރެއަށް ތިބާ ދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ތިބާގެ ޙަޤީޤީ ތަންމައްޗެވެ. އެތަނުގައި ވާނީ ނާމާން ކަމާއި ބިރުވެރިކަމެވެ. އޮންނަންޖެހޭނީ އަލިކަމެއްނެތި ކަނު އަނދިރީގައެވެ. އެކަނިވެރިކަމާއި ފޫހިކަމުގައެވެ. އެކީ އުޅުނު ލޯބިވާއެންމެން ތިބާ އެކަނިކޮއްލާފައި ދާނެއެވެ. ކައްވަޅުގައި ތިބާގެ އެކުވެރިންކަމުގައި ވާނީ ފުޅަތަކެވެ. އެތަކެތި ތިބާގެ ޗާލު މޫނާއި އަސަރުގަދަ ދެލޮލާއި ރީތި ކޯތާފަތާއި އަދި ތި ލޫޅާފަތި ހަށިގަނޑު ކައި ހުސްކޮށްލާނެއެވެ. ސެންޓާއި އަތަރުގެ ސަބަބުން މީރުވަސް ދުވި ތިޔަ ހަށިގަނޑުން ދުވާނީ ކުނި ވަހެވެ.
އޭ އުޚްތާއެވެ! އަދި ކައްވަޅުގެ ވޭނީ ޢަޒާބު މާގަދަފަދަ ވެގެންވެއެވެ. ތިބާގެ ދަށުގައި އަލިފާން ރޯކުރެވޭނެއެވެ. ކައްވަޅު ތިބާއާއެކު ފިއްތާލެވޭނެއެވެ. އަދި ބިރުވެރި ބިޔަ ނާގަ ހަރުފަތައް ތިބާގެ މައްޗަށް ފާކުރެވޭނެއެވެ. އަދިވެސް އެތަކެއް ވޭނީ ޢަޒާބުތަކެވެ.
އެއައްފަހު ދެން އޮތީ އެންމެ ގަދަފަދަ ވެގެންވާ ވޭނީ އަޒާބެވެ. ވޭނުން ފުރިގެންވާ ނަރަކައިގެ ޢަޒާބެވެ. އެތާންގެ ބިމާއި ފާރުތަކާއި ހެދުމާއި ތަންމަތި އަލިފާނުންވާ ނަރަކައެވެ. މިދުނިޔޭގެ އަލިފާނުގައި އެންމެ ހިނދު ކޮޅަކައްވެސް ކެތް ކުރެވޭނެ ހެއްޔެވެ؟ އަދި އެނަރަކައިގެ އަލިފާނަކީ ދުނިޔޭގެ އަލިފާނުގެ އެތައް ގުނަ ހޫނު އަލިފާނެކެވެ. ލޮބުވެތި އުޚްތާއެވެ! ވިސްނާ ފިކުރު ކޮށްލަބަލާށެވެ. އަދި އެނަރަކައިގެ ކެއުމަކަށް ވާނީ ނުބައިވެގެންވީ ޒައްގޫމެވެ. ބުއިމަކަށް އެދިއްޖެނަމަ ދެނީ ހޫނުކަން އިންތިހާއަށް ގޮސްފައިވާ ފެނާއި ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ދޮހާއި ފާދިޔައެވެ. އެތާންގައި ކަރުހިއްކުން ފިލުމެއް ބަޑުހައިކަން ފިލުމެއް ނުވެއެވެ. އުފަލެއް އަރާމެއް ހިތްހަމަ ޖެހުމެއް ނުވެއެވެ.
އޭ އުޚްތާއެވެ! ދުނިޔެމަތީގައި ތިމާގެ ހަވާނަފުސައް އަޅުވެތިވެގެން އުޅޭ ކޮންމެ މީހެއްގެ އާޚިރަތުގެ ދާއިމީ ގޮވައްޗަކީ މިބަޔާންކުރެވުނު ނުބައިވެގެންވާ ގޮވައްޗެވެ. އެތަނުގައި މަރެއްވެސް ނުވާނެއެވެ. އަދި ނުވެސް ދިރޭނެއެވެ. އުޚްތާއެވެ! ތިބާއެތަނުގައި ވާމަންޒަރު ތަޞައްވަރު ކޮއްލައްވަ ބައްލަވާށެވެ. ދެން އެއައްފަހު އަމިއްލަ ނަފުސާ ސުވާލު ކޮއްލައްވަ ބައްލަވާށެވެ. "އަހަރެންނަށް ނަރަކައިގެ އެދާއިމީ ގޮވަތީގައި ކެތްކުރެވޭނެ ހެއްޔެވެ؟"
އޭ އުޚުތާއެވެ! މަތިވެރި ﷲ ގެ ރުހުން ލިބިގެން މެނުވީ އާޚިރަތުގެ ގޮވަތީގައި ކާމިޔާބެއް ނުލިބޭނެއެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން މަތިވެރި ﷲގެ ހަޟުރަތައް ތައުބާވެ ރުޖޫޢަވާށެވެ. އަދި ތިބާގެ ދިރިއުޅުމުގެ މަޤުޞަދަކީ ﷲގެ ރުއްސެވުން ހޯދުންކަމުގައި ހަދާށެވެ. މިފަނާވަނިވި ދުނިޔޭގައި ތިބާއަކީ ދަތުރުވެރިއެއް ނުވަތަ ބީރައްޓެއްސެއް ކަމުގައި ވާށެވެ. އޭރުން ހަމަކަށަވަރުންވެސް ތިބާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިވާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ: ޔާ ﷲ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ ނަރަކައިގެ ޢަޒާބުން އަޅަމެން މިންޖު ކޮއްދެއްވާފާނދޭވެ! އާމީން.

އިތުރަށް ވިދާޅުވޭ...

2.22.2010

"ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ."

ތަރުޖަމާ: އަލްއުޚްތު ބިންތު ޢަބްދުﷲ އަބްދުލް ޣަނީ
ދީނާރުގެ މަންމަ އަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. އޭނާގެ މަންމަ ތަކުރާރުކޮށް އޭނާގެ ނުބައި އުޅުމަށާއި ފާފަތަކަށް ތައުބާވުމަށް ނަސޭހަތްތެރި ވެއެވެ. ނަމަވެސް އޭނާގެ މަންމަގެ ބަސްތަކުން އެކަށީގެންވާ ރަނގަޅު އަސަރުތަކެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.
އެއްދުވަހަކު ދީނާރު ގަބުރުސްތާނެއްގެ ކައިރިން ދަމުން ބިންމަތީގައި އޮތް އިންސާނެއްގެ ކަށިކޮޅެއް ނެގިއެވެ. އަދި އެކަށިކޮޅު އޭނާގެ އަތުތެރޭގައި ކުދިކުދިވެގެންގޮސް ހިރަފުހަށްވީ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ޚައިރާންވިއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ފުން އަސަރެއް ކުރިއެވެ. އޭނާގެ މާޒީވި ދުވަސްތަކާއި ކުރެވިފައިވާ ފާފަތަކާއިމެދު އޭނާއަށް ވިސްނެން ފެށުނެވެ. އަދި ބޭއިޚްތިޔާރުގައި އޭނާއަށް ބުނެވުނެވެ. " ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ ނިމިގެންގޮސް މި ފިސް ވެފައިވާ ކަށިކޮޅުފަދައިންވެ، ހަށިގަނޑު ހިރަފުހަށްވާނެއެވެ."

ދެން މާޒީވެ ދިޔަތަނުގައި އޭނާއަށްކުރެވުނު ހުރިހާ ފާފަތަކެއް އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. އަދި ތައުބާވުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ދެން އޭނާގެ މޫނު އުޑާ ދިމާއަށް އުފުލާލުމަށްފަހު ބުންޏެވެ. "މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާ މިއަދު އިބަރަސްކަލާންގެ ހަޟްރަތަށް ރުޖޫޢަ ވެއްޖައީމެވެ. މި އަޅާގެ ތައުބާ ގަބޫލު ކުރައްވާ މިއަޅާއަށް ހެޔޮރަހުމަތް ލަައްވަވާފާންދޭވެ!"
މުޅިން ބަދަލު ވެފައިވާ ހިތަކާއި ވިސްނުމަކާއިގެން ދީނާރު އޭނާގެ މަންމަގެ ގާތަށް ދިޔައެވެ. އަދި ބުންޏެވެ. "މަންމާއެވެ! ސާހިބުމީހާޔަށް ފިލަގެން އުޅޭ އަޅެއް ހައްޔަރު ކުރެވިގެން ސާހިބުމީހާގެ ގާތަށް ގެނައުމުން އެއަޅާ ދޭތެރޭ ސާހިބުމީހާ ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟"
ދީނާރުގެ މަންމަ ޖަވާބުގައި ބުންޏެވެ. "އޭނާއަށް އަދަބު ދިނުމުގެ ގޮތުން ސާހިބުމީހާ އޭނާ ލުމަށް ދޭނީ ހަފުސް ވެފައިވާ (ބާވެ ހަޑިވެފައިވާ) އަންނައުނެވެ. އަދި ކެއުމަށް ދޭނީ ވަރަށް ފެންވަރު ދަށް ކާނާއެވެ. އަދި ސާހިބުމީހާ އޭނާ ދެވަނަފަހަރަށް ފިލިޔަ ނުދިނުމަށްޓަކައި އޭނާގެ ދެފަޔާއި އަތް ބަނދެ ހައްޔަރު ކުރާނެއެވެ."
ދީނާރު އޭނާގެ މަންމަގެ ޖަވާބުގެ އަޑުއިވުމުން ބުންޏެވެ."އެހެންވިއްޔާ އަހަރެން ބޭނުމީ ބާވެ ހަފުސްވެފައިވާ ހެދުމެކެވެ. އަދި ވަރަށް ފެންވަރު ދަށް ހިމަ ގޮދަނެވެ. އަދި ދެ ހިލިހިލާ ގަނޑެވެ. މަންމާއެވެ! ފިލައިގެން އުޅުނު އަޅަކާމެދު ކަންތައް ކުރާނޭ ފަދައިން އަހަންނާއިމެދު ކަންތައް ކުރާށެވެ. އޭރުން ފަހަރެއްގައި އަހަރެންގެ އިހުސާންތެރިކަމާއި ވަފާތެރިކަންފެނި އަހަރެންގެ ވެރިރަސްކަލާންގެ އަހަރެންގެ މައްޗަށް ހެޔޮ ރަޙުމަތްލައްވަފާނެއެވެ." ދީނާރުގެ މަންމައަށް ދީނާރަށް ކޮށްފައިވާ ފުންއަސަރާއި އޭނާގެ ވަރުގަދަ އަޒުމު ފެނުމުން އޭނާ އެބުނިގޮތަށް ކަންތަށް ކޮށްދިނެވެ.
އޭގެފަހުން ކޮންމެ ރެޔަކު އިރާކޮޅު، ދީނާރު ހުއްޓުމެއް ނެތި ބާރަށް ރޮއެވެ. އަދި އޭނާ، އޭނާގެ އަމިއްލަ ނަފުސަށް ތަކުރާރުކޮށް ބުނަމުން ދެއެވެ. "ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ. ނަރަކައިގައި ދެމި ހުރުމުގެ ބާރު ކަލޭގެ ގައިގައި އެބަހުރި ހެއްޔެވެ؟ މަތިވެރި ރަސްކަލާންގެ ކޯފާ ކަލޭގެ މައްޗަށް ހައްޤުވުމަށް މަގުފަހިވާފަދަ ދިރިއުޅުމެއް އުޅުނުކަމަށްޓަކައި ކަލޭ ހާދަ ލަދުކުޑައެވެ." އަދި އެހެންގޮސް ހެނދުނުވާއިރުވެސް އޭނާގެ އެހާލަތަކަށް ބަދަލެއްނާދެއެވެ.
ދީނާރުގެ ހަށިގަނޑުދަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވެ ހިކިއަނަރޫފަ ވަމުންނެވެ. ދީނާރުގެ މަންމައަށް މިމަންޒަރުތައް ބަލަން ހުންނަން ކެތް ނުކުރެވިގެން އޭނާއަށް ބުންޏެވެ. "ދަރިފުޅާއެވެ! ކަލޭގެ އަމިއްލަ ނަފުސަށްވެސް ރައްކާތެރިވާށެވެ."
ޖަވާބުގައި ދީނާރު ބުންޏެވެ. "މަންމާއެވެ! ކުޑަ ވަގުތު ކޮޅަކަށް އަހަރެން މިގޮތުގައި ދެމިހުރިޔަ ދޭށެވެ. އޭރުން ފަހަރެއްގައި ފަހުން އަހަރެންނަށް ވަރަށް ދިގުމުއްދަތެއްގެ ހިތްހަމަޖެހުމާއި އަރާމެއް ލިބިދާނެއެވެ. މާދަމާ އަހަރެން އަހަރެންގެ ވެރިރަސްކަލާންގެ ހަޟްރަތުގައި ވަރަށް ގިނައިރު މަޑުކުރަން ޖެހޭނެއެވެ. އަދި އެކަލާންގެ އަހަރެންނަށް އަމުރުކުރައްވާނީ ރީތީގެ ހިޔަލުގައިވާ ތަނަށް ނުވަތަ ހިތަށްވެސް ނާރާފަދަ ނުބައި އަދި ބިރުވެރި ކަންތައްތަކުން ފުރިފައިވާތަނަށް ދިއުމަށް ކަމެއް އަހަރެންނަކަށް ނޭންގެއެވެ."
ދީނާރުގެ މަންމަ އަނެއްކާވެސް ބުންޏެވެ. "ދަރިފުޅާއެވެ! ކުޑަކުޑަ ވަގުތު ކޮޅަކަށްނަމަވެސް އަރާމުކޮށްލާށެވެ."
ޖަވާބުގައި ދީނާރު ބުންޏެވެ. "މަންމާއެވެ! އަހަރެން ހޯދަން ބޭނުންވެގެން މިއުޅެނީކީ ވަގުތީ އުފަލާއި އަރާމާއި ހިތްހަމަޖެހުމެއް ނޫނެވެ. އަހަރެންނަށް މަންމައާއި އެހެންމީހުން ސުވަރުގެއަށް އަދި އަހަރެން ނަރަކަވަންތަ ވެރިންނާއެކު ނަރަކައަށް ދާތަން ފެންނަފަދައެވެ." ދެން ދީނާރުގެ މަންމަ އޭނާ ދޫކޮށްލާފައި އެތަނުން ހިނގައްޖެއެވެ. އަދި ދީނާރު ކުރިއެކޭ އެއްފަދައިން ރުއިމާއި ނަމާދުކުރުމާއި ޤުރުޢާން ކިޔެވުމަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ.
އެއްރެޔަކު ޤުރުޢާން ކިޔަވަމުން ކިޔަވަމުން ގޮސް ތިރީގައިއެވާ އާޔަތް އޭނާ ކިޔެވިއެވެ.
فَوَ رَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ عَمَّاكَانُوا يَعْمَلُونَ
މާނައީ: "ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާންގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާންގެ އެއުރެން އެންމެނާ ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް އުޅުނު ޢަމަލުތަކާ މެދުގައެވެ" (އަލްހިޖްރު:91-92)

އަދި އެއަށްފަހު، އެއާޔަތުގެ މާނައާއި މެދު ފުންކޮށް ވިސްނައި އެއާޔަތް އޭނާ ތަކުރާރުކުރަން ފެށިއެވެ. ދެން އޭނާ ވަރަށް ބާރަށް އަޑުން އަޑުނަގާ ރޯންފެށިއެވެ. އަދި އޭގެ އިރުކޮޅަކުން އޭނާ ހޭނެތިގެން ވެއްޓިއްޖެއެވެ. އޭނާގެ މަންމަ ދުވެފައި އައިސް އޭނާ ނަގައި ހޭއަރާތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފުށުން ހޭއެރި ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އޭނާގެ މަންމަ ހީކުރީ އޭނާ މަރުވީކަމުގައިއެވެ. އަދި ފުންހިތާމަޔާއެކު އޭނާގެ ދަރިފުޅުގެ މޫނަށް ބަލައިލުމަށްފަހު އޭނާ ބުންޏެވެ. "އޭ އަހަރެންގެ ލޯބިވާއެވެ! އޭ އަހަރެންގެ ހިތުގެ ހިތްހަމަޖެހުމާއެވެ! އަހަރެމެން ދެން ބައްދަލުވާނީ ކޮންތަނަކުން ހެއްޔެވެ؟"
ހަޤީޤަތުގައި ދީނަރު އަދި މަރެއް ނުވެއެވެ. އަދި އޭނާގެ މަންމަގެ އެ އަސަރުން ފުރިފައިވާ ބަސްތަށް އަޑު އިވުމުން، ބަލިކަށި އަޑަކުން އޭނާ ބުންޏެވެ. "މަގޭ މަންމާއެވެ! ހަމަކަށަވަރުންވެސް އަންނާނޭކަން ޔަގީންވެގެންވާ އެޤިޔާމަތް ދުވަހު މަންމައަށް އަހަރެން ނުފެނިއްޖެނަމަ ނަރަކައިގެ ކަންތައްތައް ބަލަހައްޓާ މަލާއިކަތާ، މާލިކުގެ އަރިހުން އަހަރެންގެ ވާހަކަ އަހާށެވެ." ދެން އޭނާގެ ކަރުބުޑުން އަޑެއް އިވުމަށްފަހު އޭނާ މަރުވެއްޖެއެވެ.
ދީނާރުގެ މަންމަ އޭނާގެ މަރުވެފައިވާ އެދަރިފުޅުގެ ހަށިގަނޑު ހިނަވާ ކަފުން ކުރުމަށްފަހު ޖަނާޒާގެ ކަންތައްތައް ހަމަޖެއްސިއެވެ. އަދި އެއަށްފަހު ބޭރަށް ނުކުމެ އިއުލާން ކުރަމުން ބުންޏެވެ. " އޭ މީސްތަކުންނޭވެ! ނަރަކަޔަށް ބިރުން މަރުވެގެން ދިޔަ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމަށްޓަކައި އަންނާށެވެ." މި އޢުލާނުގެ އަޑުއިވުމުން ހުރިހާ ދިމާލަކުން މީސްތަކުން އަންނަން ފެށިއެވެ. ބުނެވޭގޮތުގައި އެދުވަސްވަރު އެންމެ ގިނައިން މީހުން އެއްވެ އަދި އެހާގިނައިން ކަރުނަ އެޅި ދުވަހެއް އެދުވަސް ނޫނީ ނާދެއެވެ.
ދީނާރުގެ ޖަނާޒާ ބޭއްވުނު ދުވަހުގެރޭ، އޭނާގެ ރަޙްމަތްތެރިޔަކަށް ހުވަފެނުގައި އޭނާ ފެނުނެވެ. ފެހިކުލައިގެ ފަށުވި ފޭރާމެއްގައި ވަނިކޮށެވެ. އަދި އޭނާ އަންނަނިވި އާޔަތް ފަޚުރުވެރިކަމާއި އުފަލާއިއެކު ކިޔަވަމުން ސުވަރުގޭގައި ހިނގަމުން ދަނިކޮށެވެ.
فَوَ رَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ عَمَّاكَانُوا يَعْمَلُونَ
މާނައީ: "ފަހެ ކަލޭގެފާނުގެ ވެރިރަސްކަލާންގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާންގެ އެއުރެން އެންމެނާ ސުވާލު ކުރައްވާ ހުށީމެވެ. އެއުރެން ކޮށް އުޅުނު ޢަމަލުތަކާ މެދުގައެވެ" (އަލްހިޖްރު:91-92)
އަދި ދީނާރުގެ އެކުވެރިޔާއަށް ފެނުނު ހުވަފެނުގައި ދީނާރު ބުނެއެވެ."އެންމެ ޢިއްޒަތްތެރި އަދި އެންމެ މަތިވެރިވެ ވޮޑިގެންވާ ރަސްކަލާންގެ ގަންދީ ބުނަމެވެ! އެކަލާނގެ ހެޔޮރަޙުމަތްފުޅުން އަހަރެންގެ ކުށްފާފަތަށް ފުއްސަވާދެއްވައިފިއެވެ. މިއަޅާގެ ވެރިރަސްކަލާކޮ! މިއަޅާގެ މަންމައަށް މިޙަބަރު ފޯރުކޮށް ދެއްވަވާފާނދޭވެ."

އިތުރަށް ވިދާޅުވޭ...