Showing posts with label އަލްއުޚްތު ޢާއިޝަތު ޝަޒްނާ. Show all posts
Showing posts with label އަލްއުޚްތު ޢާއިޝަތު ޝަޒްނާ. Show all posts

11.27.2011

ދަރިންދެކެ "ކަނު"ލޯބި ނުވާށެވެ

އަލްއުޚްތު ޢާއިޝަތު ޝަޒްނާ
އަޅުގަނޑު ޤަބޫލު ކުރާހިތްވަނީ ދަރިންދެކެ "ކަނު"ލޯބި ވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ބައެއް މައިން ބަފައިންނަށް ނޭގި ކުރެވޭކަމެއްކަމަށެވެ. ކަނު ލޯބި ވުމަކީ ކޮބައިކަމާ އެކަމުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރު އެނގޭނަމަ އެއްވެސް މަންމައަކާ ބައްޕައެއް އެލޯބި ވާކަށް ބޭނުމެއް ނުވާނެއެވެ. މިލިޔުމުގައި އަޅުގަނޑު އެންމެ ފުރަތަމަ ބަލައިލާނީ "ކަނު ލޯބި"އަކީ ކޮބައިކަމެވެ.

ކަނު ލޯތްބަކީ ކޮބާ؟
ކަނު ލޯތްބަކީ ކުއްޖަކު ރޮއެފާނެތީ ނުވަތަ ހިތްހަމަ ނުޖެހިދާނެތީ އެކުއްޖާ ބޭނުން ވާހުރިހާކަމެއް ކޮށްދިނުމެވެ. ތުއްތުކުއްޖަކު ނުރޮއެ ބޮޑުކުރެވިފަ އެބަހުރިބާއެވެ. ހަމަގައިމުވެސް އެއްވެސް ކުއްޖަކު ނުރޮއެ ބޮޑުނުވާނެއެވެ. އެންމެ ފުރަތަމަ ދަރިފުޅު އުފަންވާ އިރަށް ޑޮކްޓަރުންވެސް ބަލަނީ ދަރިފުޅު ރޮއެތޯ ނުވަތަ ރޮއްވާލެވޭތޯއެވެ. އެހެންވިއްޔާ ރޮއެފާނެތީ ހާސްވާކަށް ނުޖެހެއެވެ. އަދި ބުނިހާކަމެއް ކޮށްދޭކަށެއްވެސް ނުޖެހެއެވެ.

އަޅުގަނޑަށް އެއްދުވަހަކު ފެނުނު މަންޒަރެއް ތިޔަބޭފުޅުންނާ ހިއްސާކޮށްލާނަމެވެ. ދެއަހަރުގެ ކުއްޖެއް ބޭނުންވެގެން އުޅުނީ ޓީ.ވީ ރިމޯޓުން ސޯފާގެ އަތްގަނޑުގައި ތަޅަންށެވެ. އެތާހުރި މީހަކު އެކަން މަނާ ކުރުމުން އެކުއްޖާގެ މަންމަ އެކަން މަނާނުކުރުމަށް ބުންޏެވެ. އޭތި އަތުލައިފިއްޔާ ރޯނެތީއެވެ. އެކަމަކު ދަންނަވަންތޯއެވެ. އެއްވަނަ ދުވަހު އަތުލީމައި ރޮއެފާނެއެވެ. ދެވަނަ ދުވަހު ނުރޯނެއެވެ. ތިންވަނަ ދުވަހު އެގޮތަށް ހަދާކަށް ނޫޅޭނެއެވެ. އަޅެމިކަން ތަޖުރިބާކޮށްލަބަލާށެވެ.

ކަނު ލޯބިވެވެނީ ހަމައެކަނި ކުއްޖާ ތުއްތު އުމުރުގާހެއްޔެވެ؟
ނޫނެކެވެ. ތުއްތު އުމުރުން ފެށިގެން ގޮސް ބޮޑުވެ ފުރާފުރިހަމަވެ ކައިވެނިކޮށް ދަރިން ލިބޭއިރުވެސް މިކަން މިހެންވެއެވެ. ތުއްތު އިރު ކުރަނީ ކުދި ކުދި ކަންތަކެވެ. ބޮޑުވީމަ ކުރަނީ ބޮޑެތިކަންތަކެވެ. ސްކޫލަށްދާ އުމުރަށް އެޅުނީމަ ކްލާހުގައި އެއްކޮށް އުޅޭކުއްޖަކު މާރީތި ދަބަހެއް ގެންގުޅޭތީ އޭގެދަބަހެއް ހޯދަންވެއްޖެއެވެ. ކިތަންމެ އަގުބޮޑަސް، ކިތަންމެ ހުތުރު މަންޒަރު ހުއްޓަސް، ކިތަންމެ މަދު ފޮތްކޮޅެއް އެޅުނަސް އެކުއްޖާ ބޭނުންވީތީ އެދަބަސް ހޯދައިދެވޭތަން އެބައާދެއެވެ. ދެވަނަ ފަހަރު ރަނގަޅުދަބަހެއް ހޯދަން އެގޭނެއެވެ.

ފުރާވަރު އުމުރުފުރާގައި އަޅުގަނޑަށް ވަރަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ މަޝްހޫރު މީހުން ނަކަލު ކުރަން ކުދިން މަސައްކަތް ކުރާކަމެވެ. މިކަހަލަ ކަންކަމުގައިވެސް ދީނާ ޚިލާފު، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހިވައްސައްލަމްގެ ސުންނަތަށް ފުށުއަރާކަމެއް ވާނަމަ އެކަމަކަށް ތަރުހީބުދީ އެކުއްޖާ ދެރަވެދާނެތީ އެކަންކަން ކޮއްދޭކަށެއް ނުޖެހޭނެއެވެ. މީގެ ބަދަލުގައި އެކަންތައްތައް މަނާކޮށް ދީނުގައި އެކަންއޮތް ގޮތް އެކުއްޖާއަށް ކިޔައިދޭށެވެ. ނޭގޭނަމަ އެގޭމީހެއްގެ އެހީ ހޯދާށެވެ.

ކަނު ލޯބި ދީގެން ގެންގުޅެވިއްޖެނަމަ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން އެކަމާ ދެރަވެ ރޯންޖެހެއެވެ. މިހެން މިދަންނަވަނީ އެކުއްޖާއަށް ދެވިފައިހުންނާނީ ރަނގަޅުނޫން ތަރުބިއްޔަތެއް ވީމައެވެ. ރިވެތި އަޚްލާޤެއް ނޭގޭނެއެވެ. މީހުންގެ ތެރޭގައި އުޅޭކަށެއްނޭގޭނެއެވެ. މިއުމުރަށްއަޅާއިރު އެކުއްޖާ ބޭނުން ކަމެއްނުވުމުން މައިންބަފައިން ކުރިމަތީ އެކުއްޖާ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ.

ދެންބަލާލަން ބޭނުންވަނީ ކަނު ލޯބިން މުޖުތަމަޢުތެރޭގައި ކުދިން ކުރިމަތިލާންޖެހޭ ކަންތައްތަކަށެވެ.
ތަނެއް ކެނޑިދާނެއަތީ ތޫނުއެއްޗެއް ނުދޭނެއެވެ. ފިހިދާނެތީ އުދުނަކާ ކައިރިއެއް ނުކުރުވާނެއެވެ. ނުކިޔެވިދާނެތީ ގޭތެރޭގެ އެއްވެސް ކަމެއް ނުކުރުވާނެއެވެ. މީ ހައްތަހާވެސް ކުށްހީއެވެ. އެކުއްޖެއްގެ އުމުރަކާ ގުޅޭ މަސައްކަތް އެކުއްޖަކު ލައްވާ ކުރުވަންވާނެއެވެ. ހަދަންވީގޮތް ކިޔައިދެވޭވަރުގެ މީހަކާ އެކީ ތޫނުއެއްޗެހީގަވެސް އަތްލާންވީއެވެ. އުދުނާވެސް ކައިރިވާން ވީއެވެ. ކަންތައްތައް ދަސްވާނީ ކަންތައްތައް ކުރުމުންނެވެ. ކުއްޖާއަށް ގޭތެރޭގައި ކުރަންޖެހޭ ކަންތައްތައް ވަކިތަރުތީބަކުން ކުރަން ދަސްކޮށް ދޭށެވެ. ތާވަލެއް ހަދައިގެންވެސް މިކަން ކުރެވިދަނެއެވެ. އޭރުން އެކުއްޖާއަށް ގޭތެރޭގައި މަސައްކަތް ކުރިކަމުގައިވިޔަސް ކިޔެވުމަކަށް ބުރުލެއް ނަރާނެއެވެ.

ސްކޫލުގައި ކިޔަވައިދޭ މުދައްރިސުން ކުދިން ކިޔަމަންކުރަން ބެލެނިވެރިޔާއާ ވާހަކަ ދެއްކީމަ ކުދިން ކުރިމަތީ އެ މުދައްރިސަކާ މުޚާޠަބުކޮށް ވަރަށް ހުތުރުކޮށް ވާހަކަ ދައްކާ ބެލެނިވެރިންވެސް އުޅެއެވެ. ކުދިންދެކެ މިވެވެނީ ކަނުލޯތްބެވެ. މުދައްރިސުންނަކީވެސް އިންސާނުން ކަމުން ގޯސްކޮށް ކަންކަން ކުރެވިދާނެއެވެ. އެކަން މުދައްރިސާ ބެލެނިވެރިން އެކަނިތިބެ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެއެވެ.

ކިޔެވުމުގެ މަރުހަލާ ނިންމާފައި ވަޒީފާ ތަކަށް މިކަހަލަ ކުދިން ދާކަށް ބޭނުމެއްނުވެއެވެ. އާއިލައިން މިކުދިން ބޭނުންވާ ހުރިހާ ކަމެއް ބޭނުންވާ ކޮންމެ އެއްޗެއް ލިބޭތީއެވެ. ނޫނީ މަންމަ ބުނީތީ ފަރަށްދާ އުސޫލުން ވަޒީފާއެއް އަދާކޮށްފާނެއެވެ. މަންމަ ފޮނުވާތީ ވަޒީފާއަށް ދެއެވެ. އެކަމަކު ކުރަން ހަވާލުކުރާ މަސައްކަތްތަކެއް ނުނިންމައެވެ. ގަޑިޖެހިގެން ވަޒީފާއަށް ދިޔުން ގިނަވާނެއެވެ. ވަޒީފާ ދޭފަރާތަށް ބޮލެއްގިނަވެ ފައިސާތަކެއް ގެއްލުން ނޫންކަމެއްނުވާނެއެވެ. ދެން އެންމެ ކައިރިވާނީ އެވަޒީފާއިން ކުއްޖާ ވަކިކުރުމެވެ. ކުރާނެ ކަމެއްނެތި މަގުމައްޗަށް ގިނަވެގެން އުޅެން ޖެހުމުން ގޯސްރައްޓެހިންނާ ދިމާވެ އެގޮތަށް އެކުއްޖާ ހޭނެންފަށައެވެ. މަސްތުވާ ތަކެއްޗާ މާރާމާރީއާ ވައްކަން ކުރުމާ ފޭރުމާ މިކަހަލަ ކިތަންމެ ކަންތައްތަކެއް ކުރަން ފަށައެވެ. މިހިސާބުން ވެސް އަދި ނުނިމެއެވެ. ކުދިން އެ ކުއްތައް ކުރުމުން އަދަބު ދޭންފެށީމަ ދެން ގޯސްވަނީ ހުކުމް ކުރާމީހާ އާއި އަދަބުދޭ ފަރާތެވެ. ދެން ކުއްޖާ ސަލާމަތްކުރަން ތަންތަނަށް ހިނގާ ސިޓީލައި ނޫނީ އެމީހަކު އިސްތިއުފާއަށް ގޮވަންފެށެނީއެވެ. ކުދިން ރަނގަޅުވާނީ އެކުދިންނަށް އެކުރެވުނީ ކުށެއްކަން އިހުސާސްވެސް ކުރެވިގެންނެވެ.

އިންސާނަކަށް ވީތީ އެނގެންޖެހޭ އެންމެ އާދައިގެ ކަންތައްތައް (ކައްކާ، ދޮވެ، އިސްތިރި ކުރަން) ނޭނގޭ ކިތައް ބޭފުޅުން އެބައުޅުއްވާތޯއެވެ. އަމިއްލަ ދިރިއުޅުމެއް ފަށާއިރު މިކަންކަން ނޭގުން މީވަރަށް ދެރަކަމެކެވެ. ފިރިމީހައާ ރައްޓެހިންގެ ކުރިމަތީ އަގުވެއްޓޭކަމެކެވެ. އަންހެންކުއްޖެއް ނަމަ ފިރިމީހާ ޢާއިލާ ކުރިމަތީ ލަދުގަންނަން ޖެހިދެއެވެ. މިކަހަލަ ކުދިން ޒަވާޖީ ހަޔާތެއްފަށާ، ކުދީން ލިބުނީމައި އެކުދިން ތަރުބިއްޔަތު ކުރާކަށް ނޭގެއެވެ. ދެން މިޖެހެނީ ބޭރު ކަރަޔަކުން މީހަކު ހޯދާށެވެ. މިގޮތަށް ގެނެވޭ މީހުންނަކީ ގިނަފަހަރަށް އިސްލާމްދީން އެއްގޮތަކަށްވެސް ނުދަންނަ މީހުންނެވެ. މިހެން ވުމުން މުޖުތަމަޢުގެ ހަރުދަނާކަން ގެއްލި މުޖުތަމައު ހަލާކުވެގެން ދެއެވެ.

ނިންމާލަމުން އަޅުގަނޑު ދަންނަވަލާން އޮތީ މައިންބަފައިން މުރާލިވެ ހީވާގި ވާށެވެ. އަދި އެކުދިންވެސް އެކަހަލަ ކުދިންގެ ގޮތުގާ ތަރުބިއްޔަތު ކުރާށެވެ. ކުދިން ތަރުބިއްޔަތު ކުރަން ވާނީ މައިންބަފައިން ނެތް ތަނެއްގައިވެސް އެކުދިން އެކަނި އުޅުވޭ ގޮތަށެވެ. އެހެން ނޫނީ މައިންބަފައިން ނެތް ދުވަހެއް އެކުދިންނަށް ފެނިއްޖެ ހިދެއްގައި އުޅޭނީ ކިހިނެއް ހެއްޔެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ރިވެތި ތަރުބިއްޔަތުން ކުދިން ތަރުބިއްޔަތު ކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރައްވާށި އެވެ. ބެލެނިވެރިންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން.

އިތުރަށް ވިދާޅުވޭ...

11.19.2011

ދިވެހި މުޖުތަމަޢުގައި ރަނގަޅުކޮށްލަންޖެހޭ ބައެއް ކަންތައްތައް

އަލްއުޚްތު ޢާއިޝަތު ޝަޒްނާ
މި ދިވެހި މުޖުތަމަޢުގައި އަންހެނުން ޚާއްޞަކޮށް މައިންގެ އިހުމާލު ވަރަށްބޮޑެވެ. މިހެން މިދެންނެވީ ފިރިހެނުން (ބައްޕައިން) ގެ އިހުމާލް ވަކި ކުޑަވެގެންނެއްނޫނެވެ. އަންހެނުންނަކީ ގިނައިން ކުދިންގެ ކައިރީ އުޅޭބަޔަކަށްވެފައި ކުދިންގެ ތަރުބިއްޔަތުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ އަންހެނުން ކަމަށްވާތީއެވެ. މިހާރަށް ބަލާއިރު ކުށްކުރާ ޒުވާނުންނާއި ކުޑަކުދިން ވަރަށްވެސް ގިނައެވެ. މިގޮތުން ކުއްޖާގެ އެންމެ ތުއްތު އުމުރަށް ބަލާލަމާހިގާށެވެ.

މާލެއަށް ބަލާއިރު ކޭބަލް ޓީ.ވީ ނެތް ގެއެއް ނެތް އެޕާރޓްމަންޓެއް ނެތް ކޮޓަރިއެއް ނުހުންނާނޭ ބުންޏަސް ރަނގަޅުވާނެއެވެ. ގިނައިން ބެލޭނީ ޑްރާމާ ސީރީސްތަކެވެ. ނޫނީ ހިންދީ ފިލްމެކެވެ. ނޫނީ ޕާޓީ ކޯޅުމުގެ މަންޒަރުތަކެވެ. ކުއްޖާ އެންމެ ތުއްތު އިރު ބުއްބޯން އޮންނައިރުވެސް މިމަންޒަރުތައް ފެންނަމުންދެއެވެ. މިއުމުރުގެ ވާހަކަ ހުއްޓާލާފަ ދެއަހަރާ ހައަހަރާ ދެމެދަށް ބަލާލާށެވެ. މިކުދިން ސްކޫލަށްގޮސް މިބުނާ ޑްރާމާތަކާ، ފިލްމުތަކާ ޕާޓީކޯޅުމުގެ ބަހުރުވަ ބޭނުން ކުރެއެވެ. ފިލްމު ތަކުގައި ވާގޮތް ކިޔާލަދެނީ ހިތުދަސްކުރަން ދިން ފިލާވަޅެއް ކިޔާލާ އުސޫލުންނެވެ. ކުލަތަކަށްވެސް އާ ނަންތަކެއް އެކުދިން ގެންގުޅެއެވެ.

ދެންއޮތީ ލިޔަން ކިޔަން ދަސްވެ ވާހަކަތައް ކިޔާ އުމުރެވެ. މި އުމުރުގައި އަބަދުވެސް ކިޔާނީ "ލޯބީގެ" ކޮންމެސްވާހަކައެކެވެ. މީގައި ލޯބިހޯދަން ދަންޖެހިދާނެއެވެ. ނޫނީ އަމިއްލަ ހަށިގަނޑަށް އަނިޔާއެއްކޮއްލަފާނެއެވެ. މައިންބަފައިންނަށް ފިލައިގެން ހިގައިދާނެއެވެ. މިކަހަލަ ވާހަކަ ތަކުން އެކުދިންނަށް ކިހާނުބައި އަސަރެއްކުރާކަން އެގެނީ ތީގެ ތެރޭން ކިތައް ބޭފުޅުންނަށްތޯއެވެ؟ މިކަންތައްތަކުގެ އަސަރު ދިވެހި މުޖުތަމަޢުން މިހާރު ވަރަށް ރަނގަޅަށްވެސް ފެންނަމުންދެއެވެ.

ކައިވެންޏަކާ ހިސާބައްދާއިރު ދިރިއުޅުމާދޭތެރޭ ވިސްނަނީ މަދުމީހެކެވެ. ހަމައެކަނި "ލޯބި" ހިފައިގެން ގަޒީ ކައިރިއަށްގޮސް ކައިވެނި ކުރަނީއެވެ. މި ލޯބި ދެމިއޮންނަނީ މަދު ދުވަސްކޮޅަކަށެވެ. އަނެއްކާ އެހެން ލޯތްބެއް އެހެން މީހަކުދެކެ ވެވި ކައިވެނި ރޫޅޭތަންފެނެއެވެ. ނޫނީ މައްސަލަތަކެއް ޖެހެން ފަށައެވެ. މިހިސާބަށް އަންނައިރު ގިނަފަހަރަށް ކުދިން ތިބޭނެއެވެ. އެކުދިން ތިބޭނީ ދެކޮޅަށްދަމާ ދަމާ ގޮށްވަޅު ކެނޑިފައެވެ. ކުދިންނާ ދޭތެރޭ ވިސްނަނީ މަދުމީހެކެވެ.

މިކަންތައްތަކަށް އަޅުގަނޑުގެ ސިކުޑިއަށް ފެންނަ ހައްލު ލިޔެލާނަމެވެ.
1. އިސްލާމް ދީނުގެ ރިވެތި އުސޫލުން ކުދިން ތަރުބިއްޔަތުކުރުން. (އެކުދިންގެ ހިތުގައި ގުރުއާނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބި ޖެއްސުން)
2. ކުދިންނާއެކު ކުދިންގެ އުމުރާނުގުޅޭ ޗެނަލްތައް ނުބެލުން.
3. އިސްލާމްދީނުގެ ވާހަކަ ތަކާއި ނަބިއްޔުންނާއި ރަސޫލުންގެ ވާހަކަ ކިޔައިދިނުން.
4. ކައިވެނިކުރުމަށް ދީންވެރި ސާލިހު މީހެއްހޯދައިދިނުން.

ނިންމާލުމުގެ ކުރިން މަންމައިންބަފައިންނަށް ބުނެލަން އޮތީ ވާރޭ ވެހޭއިރު އެވާރެއިން ސަލާމަތްވާ ކޮންމެސް ހިޔާވަހިކަމެއް ބޭނުންވާފަދައިން ކުދީންނަށް މައިންބަފައިންގެ ހިޔާވަހިކަން ބޭނުންވެއެވެ. އެހެން ނޫނީ އެއްވެސް ހުރަހެއްނެތި ކޮންމެ ކަމެއްވެސް އަންނާނީ އެކުދިންނާ ހަމައަށެވެ. އެކުދިންނަށް އަލިފާނެއް ފެނެއްނޭގޭއިރު މިކަންކަމާ ކުރިމަތި ލާނީކިހިނެއްހެއްޔެވެ؟

އިތުރަށް ވިދާޅުވޭ...