Showing posts with label އަލްއުޚްތު މުސްލިމާ. Show all posts
Showing posts with label އަލްއުޚްތު މުސްލިމާ. Show all posts

11.09.2011

ބެލުން ތިރި ކުރުން

އަލްއުޚްތު މުސްލިމާ
ހިތާމައާއެކު ދަންނަވަންޖެހެނީ ދަތުރުތަކުގައިދާ ބައެއް މީހުން އެމީހުން އެދާ ޤައުމެއްގައި އޭނާއަކީ ބީރައްޓެއްސެއް ކަމުގައިވާނަމަ އޭނާ ބޭނުން ދިމާއަކަށް ބަލަންފަށައެވެ. މީގެތެރޭގައި ފާޙިޝް މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކާއި، ހިލޭ އަންހެނުންނާއި، ޙަރާމް ތަންތަނާއި، މުންކަރާތްތައް ހިމެނެއެވެ. އެފަދަ މީހަކަށް އެންމެ މުހިއްމު ކަމަކީ އެކަކަށްވެސް އޭނާގެ ބެލުން ތިރިނުކުރާކަން ނޭނގުމެވެ. އަދި އެކަކަށްވެސް އޭނާ ބަލާތަންތަން ނުފެނުމެވެ.

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى (ޢަލަޤް :14) މާނައީ: ﷲ ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ!

އޭނާ ޓީވީ އެއް ކުރިމަތީ އިށީދެއްޖެނަމަ އޭނާގެ ބެލުން ހުރިހާ ފާޙިޝް މުންކަރާތްތަކާއި ދިމާލަށް ހިނގައިދެއެވެ. އަދި ހުރިހާ ޙަރާމް އެއްޗަކަށް އެއްވެސް އެއްޗެއް ހިތައް އެރުމެއްނެތި ބަލައެވެ. ހަމައެކަނި އޭނާގެ ދެލޮލަށާއި އޭނާގެ އަމިއްލަ ނަފްސަށް އަރާމު ލިބިގަނެއެވެ.

قُلْ لِلْمُؤْمِنِينَ (އައްނޫރް: 30) ނިކަން މިއާޔަތުގައިވާ އުސްލޫބަށް ބަލާލަބަލާށެވެ. ﷲ ޖައްލަވަޢަލާ ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަށް ވަޙީ ކުރައްވަނީ މުއުމިނުންނަށް ޚަބަރު ދެއްވުމަށެވެ.

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ
( މާނައީ: ކަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ.)
ސަބަބަކީ ބެލުން ތިރިނުކުރާނަމަ، އަދި ލޯ ރައްކާތެރިނުކުރާނަމަ ފަރުޖު ރައްކާތެރި ނުކުރެވޭނެއެވެ.

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ( މާނައީ: ކަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ފަރުޖު ރައްކާތެރިކުރާށެވެ.)

ހުރިހާ ކަންތައްތަކެއް ފެށެނީ ނަޒަރުންނެވެ.

ކުރީ ޒަމާނުގައި ބަންގި ގޮވާ މީހެއްގެ(މުއައްޒިން) ވަޒީފާގައި ހުރި ފިރިހެނެއްގެ ވާހަކަ އަޑުއަހާށެވެ. ކުރީ ޒަމާނުގައިނަމަ ބަންގި ގޮވަނީ މިސްކިތުގެ އުސްތަނަކަށް އަރައެވެ. އޭރު އެމީހުން އަތުގައި ސްޕީކަރު އަދި މައިކްރޮފޯން ކަހަލައެއްޗެއް ނުހުރެއެވެ. އެހެންކަމުން މީނާ ކޮންމެފަހަރަކު މިސްކިތުގެ މައްޗަށް އަރާއިރު އެތަނުން ގެއެއްގައި ހުންނަ އަންހެންކުއްޖަކާއި ދިމާއަށް ބަލައެވެ. އަދި އެ އަންހެން ކުއްޖާއަށް ބެލުމުން އޭނާގެ ދެލޮލަށް އަރާމު ލިބިގަނެއެވެ. އަދި އެންމެފަހުން އޭނާގެ ހިތް އެއަންހެންކުއްޖާއާއި އެކުވެއްޖެއެވެ. އޭނާއަކީ މުއައްޒިނަކަށް ވީހިނދުވެސްމެއެވެ. އެހެންނަމަވެސް އޭނާ އޭނާގެ ބެލުން ތިރި ނުކުރެއެވެ.

އެއްދުވަހަކު މި ފިރިހެންމީހާ ތިރިއަށް ފޭބުމަށްފަހު އެއްކަލަ ގޭގެ ދޮރުގައި ޓަކި ޖަހައިފިއެވެ. ޓަކި ޖެހުމުން އެއަންހެން ކުއްޖާ ނިކުތެވެ. އޭނާ އެކުއްޖާއާއި ކައިވެނި ކުރަން ބޭނުން ވާހަކަ ބުންޏެވެ. އަދި ލޯބިވާ ވާހަކަ ބުންޏެވެ. މިހެން ބުނުމުން އެއަންހެން ކުއްޖާ އެކަން ނުވާނެ ކަމުގައި ބުންޏެވެ. ފިރިހެންމީހާ އެއީ ކީއްވެތޯ ސުވާލު ކުރިއެވެ. ސަބަކަކަށް އެއަންހެންކުއްޖާ ބުނީ އޭނާއަކީ މުސްލިމެއް ނޫންކަމުގައެވެ. އަދި އެއީ ނަސްރާނީއެއްކަމުގައި ބުންޏެވެ. އެފިރިހެންމީހާ އެއީ މައްސަލައެއް ނޫންކަމުގައި ބުންޏެވެ. އެއަންހެންކުއްޖާ ނޫނެކޭ ބުންޏެވެ. އަދި ނަސާރާ ދީނަށް ވަނުމަށް ބުނެ، އޭނާގެ ބައްޕަ އެނޫން ގޮތަކަށް ކައިވެންޏާއި ނުރުހޭނެ ކަމުގައި ބުންޏެވެ. އޭނާ އެގޮތަށް އެއްބަސްވެ ނަސްރާނީ ދީނަށް ވަދެ މުރުތައްދުވިއެވެ. އަދި އޭނާ އެގެއަށް އެއަންހެންކުއްޖާއާއި ކައިވެނި ކުރުމަށް ވަނެވެ. އަދި ވަނުމަށް ފަހު ރާ ބުޔެވެ. އަދި ޙަރާމް ތަކެތިން ކެއެވެ.

އެއަށްފަހު އެއްދުވަހަކު އޭނާ އެގޭގެ ފުރާޅު މައްޗައް މަސްތުވެފައިވާ ޙާލު އެރިއެވެ. އެހެންކަމުން އޭނާ އެންމެ މަތިން ވެއްޓި، އޭނާގެ ނަފްސު މިދުނިޔެއިން ވަކިވެގެން ދިޔައެވެ. ނިމިދިޔައީ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދީން ނޫން އެހެން ދީނެއްގައެވެ.

މިކަންތައް ފުރަތަމަ ފެށުނީ ކޮންކަމަކުންހެއްޔެވެ؟ ލޮލުގެ ނަޒަރަކުންނެވެ.
قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ (މާނައީ: ަލޭގެފާނު މުއުމިނުންނަށް ބުނާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ފަރުޖު ރައްކާތެރިކުރާށެވެ. އެއީ އެބައިމީހުންނަށް އެންމެ ޠާހިރުވެގެންވާ ގޮތެވެ.)

ބައެއް މީހުން އިންޓަނެޓަށް ވަދެ އެމީހުންގެ ބެލުންތައް އެކި ދިމަދިމާއަށް ގެންދެއެވެ. ޙަރާމް ކުރެވިގެންވާ ފޮޓޯތަކަށް ބަލާ ހަދައެވެ. އަދި އޮރިޔާން ފޮޓޯތަކަށް ބަލައެވެ. އެންމެ މުހިއްމު ކަމަކީ އެކަކުވެސް (އޭނާގެ ޢަމަލުތައް) ބަލަން ނެތުމެވެ. އަދި އެކަކަށްވެސް ނުފެނުމެވެ.

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى (ޢަލަޤް :14) މާނައީ: ﷲ ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ!
ބައެއްމީހުން ބާޒާރުތަކަށް ގޮސް ކަނާތަށާއި ވާތަށް ހިނގަމުން އެކި ތަންތަނަށް އަދި އެކި އެއްޗެއްސަށް އަދި ފޮޓޯއަށް ބަލައެވެ. އަދި އެކި ފެންނަ އެކި މަންޒަރުތަކަށް ބަލައި އެއިން އުފާ ޙާސިލުކުރެއެވެ.

އޭ ލޮބުވެތި އަޚާއެވެ. ލޮލުގެ ބެލުންތަކަކީ މާދަމާ ﷲގެ ހަޟުރަތުގައި ސުވާލުކުރެވޭނެ ކަމެކެވެ. ޤިޔާމަތް ދުވަހުގައި ތިބާ ވާހަކަދައްކައި އެއަށް ހެކި ދޭނެއެވެ.
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا (އަލް އިސްރާ 36) (މާނައީ: ތިޔަބައިމީހުންނަށް ނޭނގޭ ބަސްތައް ނުބުނާށެވެ. ހަމަކަށަވަރުން އިވުމާއި، ބެލުމާއި، އަދި ހިތާއި މިއިން ކޮންމެ އެއްޗަކާއި މެދު ތިޔަބައިމީހުންނާއި ސުވާލުކުރެވޭ ހުއްޓެވެ.)

ތިބާ އެކަނިވާ ހިނދު އަދި ތިބާގެ ނަފްސު ތިބާއަށް ނުބައިކަންތަކަށް ދައުވަތުދޭހިނދު ވެރިރަސްކަލާނގެ ދެކެދެނެވޮޑިގަތުމާއި މެދު ލަދުވެތިވާށެވެ. ލަދުވެތިވާށެވެ. އަދި އެކަކަށްވެސް ނުފެންނާނޭ ނުބުނާށެވެ. އަދި ﷲގެ ނަޘަރާއި މެދު ލަދުވެތިވާށެވެ. އަދި ނަފްސަށް ބުނާށެވެ. އަނދިރިކަން އުފެއްދެވި އިލާހު (މަގޭ ޢަމަލު) ދެކެ ދެނެވޮޑިގެންވެއެވެ.

السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا (މާނައީ: ހަމަކަށަވަރުން އިވުމާއި، ބެލުމާއި، އަދި ހިތާއި މިއިން ކޮންމެ އެއްޗަކާއި މެދު ތިޔަބައިމީހުންނާއި ސުވާލުކުރެވޭ ހުއްޓެވެ.)
އާނއެކެވެ! ތިބާގެ ބެލުމާމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭ ހުއްޓެވެ.

މިއީ އައްޝައިޚް ނަބީލް އަލް-ޢައުޟީ ގެ ދަރުސް އެއް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

http://www.youtube.com/watch?v=fILbazA5t64&feature=related


އިތުރަށް ވިދާޅުވޭ...

11.01.2011

ތިބާގެ ފާފަކުރާ އަޚާއާ ގުޅުން ކަނޑާލުން

އަލްއުޚްތު މުސްލިމާ
ތިބާގެ އަޚާއާއި ގުޅުން ކަނޑާލުން ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ދީނަށްޓަކައި ގުޅުން ކަނޑާލުމާއި ދުނިޔެއަށްޓަކައި ގުޅުން ކަނޑާލުމެވެ. ތިބާ ތިބާގެ އަޚާއަށް ނަޞޭޙަތްދީ، ﷲގެ މަތިން ހަނދުމަކޮށްދީ ހެދުމުންވެސް އޭނާ ނަމާދު ނުކުރާނަމަ، އަދި ނުބައި ބަސްބުނެ، އަދި ފާޙިޝް އަމަލުތައް ނޫނީ ފާފަތަކަށް އަރައިގަނެ އަދި ތިބާގެ ނަޞޭޙަތް ޤަބޫލުނުކުރުމުން ތިބާ ﷲއަށްޓަކައި އޭނާ އާއި ގުޅުން ކަނޑާލައިފިނަމަ އޭގެ ސަބަބުން ތިބާއަށް ޡަވާބު ލިބޭނެއެވެ. މީގެ ޝަރުޠަކީ ތިބާ އޭނާއާއި ގުޅުން ކަނޑާލަނީ ﷲ އަށްޓަކައި ކަމުގައިވުމެވެ. އަދި ދުނިޔަވީ ކަމަކަށްޓަކައި ނޫނީ ތިބާގެ އަމިއްލަ ކަމަކަށް ކަމުގައި ވެގެންނުވާނެއެވެ.

ހަމައެއާއެކު ތިބާ އޭނާ އާއި ގުޅުން ކަނޑާލަނީ ދުނިޔަވީ އެދުމަކަށް ކަމުގައިވާނަމަ، މި ބާވަތުގެ ގުޅުން ކަނޑާލުން ޙަރާމެވެ. މިއާއި ބެހޭ ގޮތުން ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡް ކުރައްވާފައިވެއެވެ.

"لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ، يَلْتَقِيَانِ فَيُعْرِضُ هَذَا وَيُعْرِضُ هَذَا وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلاَمِ" (رواه البخاري ومسلم)

މާނައީ : "އެއް މުސްލިމަކު އަނެއް މުސްލިމަކާއި 3 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ގުޅުން ކަނޑާލުން ހުއްދައެއް ނޫނެވެ. އަދި އެދެމީހުން ބައްދަލުވެއްޖެނަމަ އެކަކު އަނެކަކަށް މޫނު އަބުރާލައެވެ. އޭގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ އެންމެ ފުރަތަމަ ސަލާމް ގޮވާ މީހާއެވެ."

މިގޮތަށް ގުޅުން ކަނޑާލުން (ދުނިޔަވީ ބޭނުމަކަށްޓަކައި)، މިއީ ޙަރާމް ކުރެވިގެންވާ ގޮތުގައި ގުޅުންކަނޑާލުމެވެ. ހަމައެއާއެކު ދީނަށްޓަކައި ގުޅުންކަނޑާލުން (ޝަރުޠުތަކާއި އެކު، އެއީ ނަޞޭޙަތްދީ އެތައްފަހަރެއްގެ މަތީން ހަނދުމަކޮށްދިނުމުންވެސް ތިބާގެ ނަޞޭޙަތް ޤަބޫލު ނުކުރާނަމަ އަދި ނުބައި ކަންތައް ކުރުމުގައި ކުރިއަށްދާނަމަ އަދި ތިބާ އޭނާގެ ސަބަބުން ނުބައި ކަންކަމަށް އަރައިގަނެވޭނެ ކަމުގެ ބިރު ހީވާނަމަ އޭނާ އާއި ގުޅުން ކަނޑާލުމަކުން ތިބާގެ މައްޗަށް ކުށެއް ނޯންނާނެއެވެ.
_________________________________________
މިއީ އައްޝައިޚް މުޙައްމަދު ޙައްސާން ދެއްވާފައިވާ ދަރުސް އެއް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
http://www.youtube.com/watch?v=JZ4aNnpGdRY&feature=channel_page


އިތުރަށް ވިދާޅުވޭ...

9.22.2011

ބެލުން ތިރި ކުރި މީހެއް

އަލްއުޚްތު މުސްލިމާ
އެއްދުވަހެއްގައި ޞާލިޙު މީހަކު އޭނާގެ ދަރިވަރަކާއި އެކީ ގެއަކަށް ގޮސް ކެއެވެ. އަދި ކައިނިމުމަށްފަހު އެ ދަރިވަރު އުސްތާޛާއެކު ނިކުމެއްޖެއެވެ. އަދި އެދަރިވަރު ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. ފިރިހެނުންގެ އަތް ދޮވުމަށްޓަކައި އަންހެނުން ފެން އަޅާ ދިނުމީ ރީތި ގޮތެއް ނޫނެވެ. އެމީހުން ކައި ނިމުމުން ގޮސް އަތް ދޮވުނިމަ ވީ ނޫން ހެއްޔެވެ." އަންހެނުން ފިރިހެނުންގެ އަތް ދޮންނަން ފެން އެޅުން އެދަރިވަރަށް ޢައިބަކަށްވިއެވެ. އެހިނދު އުސްތާޛު ބުންޏެވެ. " އަހަރެން މިގެއިން ކާތާ 10 އަހަރަށް ވުރެ ގިނަވެއްޖެއެވެ. އެހެންނަމަވެސް އެފެން އަޅަނީ އަންހެނެއްކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެއެވެ."

މީހަކު އޭނާގެ ބެލުން ތިރިކޮށްފިނަމަ 3 ކަމަކުން ރައްކާތެރިކަންލިބިދެއެވެ. އެއީ ޙަރާމް ތަންތަނަށް ބެލުމުން ތިބާގެ ލޯ ސަލާމަތްވެއެވެ. އަދި އޭނާގެ ދުލުގައި ﷲ ޙިކުމަތްތެރިކަން ލައްވައެވެ. އަދި ޤިޔާމަތް ދުވަހުން އޭނާގެ މައްޗައް އެއްވެސް މީހެއްގެ ދަރަންޏެއް ނޯންނާނެއެވެ. ސަބަބަކީ ތިބާ ކޮންމެ ފަހަރަކު މުސްލިމެއްގެ ޙުރުމަތްތެރިވެގެންވާ ތަނަކަށް ބަލައިފިނަމަ، ތިބާގެ ހެޔޮ ޢަމަލުތަކުން ބައެއް ނަގާލެވޭނެއެވެ. އަދި އެ ހަމަހަމަކޮށް ބަހާލެވޭނެއެވެ.

ޙާތިމް އަކީ މެދުކެނޑުމެއްނެތި 30 އަހަރަށްވުރެ ގިނަދުވަސް ވަންދެން ޝަޤީޤުލް ބަލްޚީގެ އަރިހުގައި ދީން ކިޔެވުމަށް ހޭދަކުރެއްވި ބޭކަލެކެވެ. 30 އަހަރު ފާއިތުވިފަހުން އެއްދުވަހަކު އެގެއަށް މީހަކު އައެވެ. އައުމުން ޝަޤީޤުގެ އަނބިކަބަލުން ދޮރު ހުޅުވިއެވެ. އަދި އެނބުރި ދިއުމުން ގެއަށް އައީ ކާކުތޯ އެއްސެވެ. އަނބިކަނބަލުން ޖަވާބު ދެއްވީ އެއީ ތިބާގެ ލޯފަން އެކުވެރިޔާ ކަމަށެވެ. އެހިނދު ޝަޤީޤު ވިދާޅުވީ އެބޭފުޅާގެ އެއްވެސް ލޯފަން ރަޙުމަތްތެރިއެއް ނުހުންނާނެ ކަމަށެވެ. އެއަށްފަހު ބޭރަށް ނިކުތުމުން ފެނިވަޑައިގަތީ ޙާތިމެވެ. އަދި ޙާތިމަށް ދެންނެވިއެވެ. އަހަރެންގެ އަނބިމީހާ ހީކުރީ ތިޔައީ ލޯފަން މީހެއް ކަމަށެވެ.

30 އަހަރު ވަންދެން އޭނާގެ ރަޙުމަތްތެރިޔާގެ ގެއަށް ޒިޔާރަތްކޮށް އުޅުނު އިރުގައި އޭނާގެ ރަޙުމަތްތެރިޔާގެ އަންހެނުން ހީކުރީ އެއީ ލޯފަން މީހެއް ކަމުގައެވެ.

އިސްލާމްދީނުގައިވާ ޤަޟިއްޔާއަކީ "ފަރުވާ އަށް ވުރެ ރައްކާތެރިވުން މޮޅެވެ." އެހެންކަމުން ތިބާ ގެއެއްގެ ދޮރުގައި ޓަކި ޖެހުމަށްފަހު ދޮރަށް ފުރަގަސްދީގެން ހުންނާށެވެ. އަދި އެގޭގެ ކަނާތް ފަރާތުގައި ހުރެ ސަލާމް ގޮވާށެވެ. އަދި އެއީ ކާކުތޯ އެހިއްޖެނަމަ ނަން ބުނާށެވެ.

ނަބީ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅުގެ ދޮރުކޮޅުގައި މީހަކު ޓަކި ދިނެވެ. އެހިނދު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ކާކު؟" ޖަވާބު ދެވުނެވެ. "އަހަރެން." އެހިނދު ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އަހަރެން، އަހަރެން." އެކަލޭގެފާނު އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވިހެން ދޭހަވާ ކަހަލަ ގޮތަކަށެވެ.
"އަހަރެން" އެގޮތަށް ބުނީ އިބްލީހެވެ. އޭނާ ބުނީ : (أَنَا خَيْرٌ مِنْهُ) މާނައީ: އޭނާ (އެބަހީ އިބްލީސް) ބުންޏެވެ. އަހަރެން އޭނާ (އާދަމްގެފާނު) އަށްވުރެ ހެޔޮވެގެންވެއެވެ."

އެހެންވީމާ ނަން ބުނާށެވެ. އެވެނި މީހެއްގެ ދަރި އެވެނި މީހެކެވެ. އަދި ދޮރު ހުޅުވާފައި އެތެރެއަށް ވަނުމަށް ދަޢުވަތު ދިނުމުން މަޑުމަޑުން (އަވަސް އަރައި ނުގަނެ) ދާށެވެ. އަދި ދެވަނަ ފަހަރަށް ވަންނަން ބުނުމުން ވަދެ މަޑުކުރާށެވެ. އަދި ގޭގެ ވެރިމީހާ ތިބާއަށް އިށީންނާނެ ތަނެއް ދެއްކުމުގެ ކުރިން ނީށީންނާށެވެ. މިއީ އަދަބުތަކުގެ ތެރެއިންވާ ކަންކަމެވެ.

އިތުރަށް ވިދާޅުވޭ...

5.16.2011

އޭ އުޚްތެވެ. ރައްކާތެރިވާށެވެ

އަލްއުޚްތު މުސްލިމާ
އޭ އުޚްތެވެ. ރައްކާތެރިވާށެވެ. އަދި ވަރަށް ބޮޑުކޮށް ރައްކާތެރިވާށެވެ.

ތިބާއަށް ދެވޭ "އަނބިމީހާ" ގެ ލަޤަބު ނަގާލާ އަދި އެ "ޢާޝިގާ" ނޫނީ "ރަޙުމަތްތެރިޔާ" އަކަށް ހަދާ ތަމައްދުނުން ރައްކާތެރިވާށެވެ.

ތިބާއަށް ދެވޭ "ބިކުރުވެރިޔާ" ގެ ލަޤަބު ނަގާލާ އަދި އެ "މުޖައްރިބާ" އަކަށް ހަދާ ތަމައްދުނުން ރައްކާތެރިވާށެވެ.

ކޮންމެ ގަޑިއެއްގައި އަންހެނަކާއިއެކު ފިރިހެނުން ހޭދަ ކުރާ ލޯބީގެ ބާރުމިން ގެނެސްދޭ ތަމައްދުނުން ރައްކާތެރިވާށެވެ.

އަންހެނުންގެ މިނިވަންކަމަށް ގޮވާލާ ތަމައްދުނުން ރައްކާތެރިވާށެވެ. އެއަށް ދެވޭނެ އެހެން ނަމަކީ އަންހެނުން ހަލާކުކޮށްލުމެވެ.

އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމޭ ކިޔައިގެން ހުޅަނގުން އޮޅުވާލާ އޮޅުވާލުމަށް ރައްކާތެރިވާށެވެ.

އޭ އުޚުތެވެ. އަހަރެންގެ ފަރާތުން މިޖުމުލަ އަޑުއަހާށެވެ. " އެއްވެސް އިއްޒަތްތެރި އަންހެނަކަށް އެންމެ ފިރިހެނެއް މެނުވީ ނުވެއެވެ. ހުރިހާ ފިރިހެނުން އެއީ އޭނާއަށް ހުރި މުޞީބާތެކެވެ. އެންމެ ފިރިހެނެއް މެނުވީއެވެ. އަދި ހުރިހާ ފިރިހެނުންނަކީ ފިތުނައެކެވެ. ރައްކާތެރިވާށެވެ. ހުރިހާ ފިރިހެނުންނަކީ މުޞީބާތެކެވެ. އެންމެ ފިރިހެނެއް ފިޔަވައެވެ. އެއީ އޭނާގެ ފިރިމީހާއެވެ. އަދި އަންހެނުން ފިރިހެނުންނާއި މަސްހުނިވެއްޖެނަމަ އެދުންތައް ވެސް މަސްހުނިވުމަކީ ޠަބީއަތެވެ.

އެހެންކަމުން ތިބާ ރައްކާތެރިވާށެވެ. އަދި ވަރަށް ބޮޑަށް ރައްކާތެރިވާށެވެ.

އިތުރަށް ވިދާޅުވޭ...