އަލްއަޚް މުޞްތަފާ
މިދަންނަވާލަނީ އަލަށް އިސްލާމްވި މީހަކާއި އޭނާގެ މަންމައާބެހޭ އަސަރުގަދަ ވާހަކައެކެވެ. އުމުރުން 18 އަހަރު ވަންދެން މީނާ އުޅުނީ އޭނާގެ މަންމަ ގާތުގައެވެ. އޭރަކު އޭނާ އަދި އިސްލާމެއްނުވެއެވެ. ދެން އޭނާ އެގެއިން ނުކުމެގެން މުޅީން އަމިއްލައަށް އުޅެން އެހެން ތަނަކަށް ދިޔައެވެ.
މިގޮތަށް އުޅުމުގެ ތެރޭގައި ބައެއް މުސްލިމުންނާ އޭނާއަށް ރައްޓެހިވެވިއްޖެއެވެ. އަދި އެމީހުންނަކީ އޭނާ ވަރަށް ގާތް ބަޔަކަށްވެސް ވެއްޖެއެވެ. އެންމެފަހުން އިސްލާމްދީނުގެ ފުރިހަމަކަން އޭނާއަށް އެނގި، އޭނާ ވެސް އިސްލާމްދީން ޚިޔާރު ކޮށްފިއެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އިސްލާމްދީނާ ބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ މަސައްކަތް ކުރެއެވެ. މިގޮތަށް މަސައްކަތް ކުރަމުންދިޔަ ދިއުމުގެ ތެރޭގައި އެއް ދުވަހަކު އޭނާއަށް އިސްލާމްދީނުގައި މައިންބަފައިންނަށް ކަމޭހިތުމުގެ ފައިދާ އޮޅުންފިލައިފިއެވެ. އަދި މިކަމުން ލިބޭ ދަރުމަ އާއި ޘަވާބު ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. ކިޔަމަންތެރިކަމުގެ ލޮލަކުން މައިންބަފައިންނަށް ބެލުމަކީވެސް ވަރަށްބޮޑު ޘަވާބެއް ލިބޭ ކަމެއްކަން އޭނާ އަށް އެނގިއްޖެއެވެ. މި މަޢުލޫމާތު ލިބުމުން އޭނާ މަންމަގެ ގާތަށް ދިއުމަށް ނިންމައިފިއެވެ. އޭރު އޭނާ، މަންމަގެ ކައިރިއަށް ޒިޔާރަތް ނުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާ މަންމަގެ ގެޔަށް ދިއުމުގެ މަގުމަތީގައި މާބޮނޑި އަކާއި މޭވާކޮޅެއް ގަތެވެ. އެހާ ގިނަ ދުވަސްކޮށްފައި ދަރިފުޅު ފެނުމުން މަންމަ ވަރަށް އުފާވިއެވެ. މިދުވަހަށްފަހު ދޭތެރެ ދޭތެރެއިން މި ދަރިފުޅު މަންމަ ކައިރިއަށް ޒިޔާރަތް ކުރެއެވެ. އަދި މިއިން ކޮންމެ ފަހަރަކު ވަރަށް ގިނަ ވަގުތު އެގޭގައި މަޑުކުރެއެވެ. މިގޮތަށް ޒިޔާރަތްކުރާ ފަހަރު ތަކުގައި އޭނާ، މަންމަގެ މޫނަށް ބަލަން އިނދެއެވެ. އަދި އޭނާގެ ލޮލުން ކަރުނަތައް އޮހިގެން ދެއެވެ.
މިކަންތައްތައް މިހެން ވާކަން ފާހަގަ ކުރެވިގެން އެއްދުވަހަކު މަންމަ އޭނާގެ ދަރިފުޅުގެ ގާތުގައި، ކުއްލިއަކަށް މިހާ ގިނައިން އަންނަން މިފެށީ ކީއްވެގެން ކަމާއި، މަންމައާ ދިމާލަށް ބަލަން އިނދެގެން ރޮނީ ކީއްވެތޯ ސުވާލު ކޮށްފިއެވެ. އޭނާ، މަންމަ ކައިރީ އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި މަންމައެއްގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަން ބުނެދިނެވެ. އަދި މަންމައާ ދިމާލަށް ބެލުމަކީވެސް ޘަވާބު ލިބޭނޭ ކަމެއް ކަމުގައި ބުންޏެވެ. މަންމައާ ދިމާލަށް ބަލަން އިންނައިރު ރޮވެނީ މަންމައަކީ މުސްލިމަކު ކަމުގައި ނުވާތީ އާއި މިގޮތުގައި ހުރެ މަންމަ މަރުވެއްޖެނަމަ ލިބޭނެ ޢަޛާބުގެ ބޮޑުކަން ހިތަށް އަރާތީ ކަމުގައި ބުންޏެވެ. އެހިނދު މަންމައަށް އިސްލާމްދީނުގެ ރިވެތިކަން ފާހަގަކުރެވިއްޖެއެވެ. އަދި އޭނާ އިސްލާމްވިއެވެ.
-----------------------------
=ދަރުމަ މަޖައްލާގެ 2004 ޖެނުއަރީ އިން ނަގާފައި=
އިތުރަށް ވިދާޅުވޭ...














