Showing posts with label އަލްއަޚް އަޙްމަދު އާސިމް. Show all posts
Showing posts with label އަލްއަޚް އަޙްމަދު އާސިމް. Show all posts

12.18.2011

ދިވެހިންގެ ގާތުގައި ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތެވެ

އަލްއަޚް އަހްމަދު ޢާޞިމް
"ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤަޢުމެއް" މިއީ އަޅުގަނޑުމެންގެ ވަރަށް އަތްމަތީ ބަހެކެވެ. އެހެންނަމަވެސް ދިވެހިރާއްޖެ ސައްތައިންސައްތަ އިސްލާމީ ޤަޢުމަކަށްވެގެން ވީ ކޮންކަމެއްހެއްޔެވެ؟ ސައްތައިން ސައްތަ މުސްލިމުގައުމެކޭ ބުނާތީ ބައެއްފަހަރަށް އަޅުގަނޑު ލަދުގަނެއެވެ. އެހެނީ އިވެމުންދާ އަޑުތަކުންނާއި ފެންނަމުންދާ މަންޒަރުތަކުން އިސްލާމުންގެ ގޮތް ދިވެހިންގެ ކިބައިގައި ހުންނަ މިންވަރު ދަށްކަމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ދިވެހިންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ތަރުބިއްޔަތާ ދުރުވީމައެވެ. ހަޤީގަތުގައިވެސް ދިވެހިންގެ ގާތުގައި ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތު ކަމުގައި ހަދަމާ ހިނގާށެވެ.

ތަރުބިއްޔާ މިބަހުގައި 3 މާނައެއް އެކުލެވޭކަމަށް ތަރުބަވީ ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ބައެއް މާނަތައް މިތަނުގައި ބަޔާންކޮށްލާނަމެވެ. އެއީ އިތުރުވުން ނުވަތަ ބޮޑުވުން އަދި ތަރައްޤީވުން ނުވަތަ ކުރިއެރުން މީގެ އިތުރުން އިސްލާހު ކުރުން ހިމެނެއެވެ. އިސްލާމީ ތަރުބިއްޔާއަކީ ރޫހާނީގޮތުންނާއި ނަފްސާނީ ގޮތުންނާއި ބުއްދީގެ ގޮތުންނާއި ޞިއްހީ ގޮތުން ގުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ވަކިގޮތަކަށް ހާނާބައްޓަންކޮށް ފުރިހަމަ ޝަހުޞިއްޔަތެއް ބިނާކުރުމެވެ. އިސްވެ ދެންނެވުނު ކަންކަމަށް ވިސްނާލުމުން އެނގިގެން ދަނީ ކުއްޖަކު އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި އިސްލާމްދީނުގެ ފުރަތަމަ ދެމަސްދަރަށް ރުޖޫއަވާން ޖެހޭނެކަމެވެ.

ކުއްޖާއަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމަށްޓަކައި އެންމެ ފުރަތަމަ ކާވެނީގެ ކުރިން ވިސްނަންޖެހެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކައިވެނި ކުރުމަށް ދީންވެރި އަންހެނުން އިހްތިޔާރު ކުރުމަށް އިރުޝާދު ދެއްވާފައެވެ. ދެން ދަރިން ހޯދުމަށް ދެމަފިރިން އެއްދާންކުރާއިރު، ކިޔަންޖެހޭ ދުޢާ ކިޔުން ފާހަގަކުރެވެއެވެ. މިފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އިހްމާލުވާ ކަންކަމެވެ. ރަނގަޅު ދަރިފަސްކޮޅެއް ދެއްވުން އެދި އަބަދާ އަބަދު ދުއާކުރަން ޖެހޭއިރު މިކަން މިގޮތަށް ކުރޭބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

ދެން ކުއްޖާ އުފަންވުމާ ގުޅިގެން 7 ދުވަސްވުމުން އަޤީގާ ކަތިލުމާއި ރަނގަޅު ރީތިނަމެއް ކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރިންނަށް ނަންކިޔާއިރު ބައްޕަގެ ނަން ހިމެނުމަކީ ވަރަށް މުހިންމުކަމެކެވެ.

ދެން އޮތީ ކުއްޖާތަރުބިއްޔަތު ކުރުމުގެ އެންމެ މުހިންމު މަރުހަލާއެވެ. ޅަފަތުގެ ދުވަސްވަރު ކުއްޖާގެ ފުރަތަމަ މަދަރުސާއަކަށްވާނީ އެކުއްޖާގެ މަންމައެވެ. މިދުވަސްވަރު ކުއްޖާއަށް ދަސްކޮށްދިން އަޚްލާޤެއްގެ ބޭނުން ކުއްޖާގެ ހަޔާތުގެ ދެން ކުރިއަށް އޮތްދުވަސްތަކުގައި ހިފާނެއެވެ. ކުއްޖާ ދީނަށް ލޯބިއްޖެއްސުމަށްޓަކައި ގުރުއާން ކިޔަވާދިނުމާއި އެކުދިންނާ ގުޅޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގެ ވާހަކަތައް ކިޔާދެވިދާނެއެވެ. އަދި މަންމަ ނުވަތަ ބައްޕައާއެކު ނަމާދަށް އެރުވިދާނެއެވެ. ނުވަތަ ގެންދެވިދާނެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ނަމާދުކުރައްވާ އިރު އެކަލޭގެފާނުގެ މާފަ ދަރިކަލުން ގެންދަވާކަން ރަސޫލާގެ އެކިއެކި ހަދީޘްތަކުން ސާބިތުވެއެވެ. އެހެންނަމަވެސް ހިތާމައަކީ، ބައެއް މަންމައިން ހާއްޞަކޮށް ބައްޕައިން ދަރިން ނަމާދަށް ގެންދިއުމަކީ އުނދަގުލެއް ކަމުގައ ދެކި އެކުދިން ނަމާދަށް އަހުލުވެރި ނުކުރުވާކަމެވެ.

ހަމައެހެންމެ ބައެއް ބެލެނިވެރިން ދަރިންގެ ގާތުގައި ރަނގަޅަށް އުޅުމަށް ނުވަތަ އަޅުކަމެއް ކުރަންދާން ބުނާއިރު، އެފަރާތްތަކުން ފެނިގެންދަނީ މުޅިން އެހެން ކަންތައްތަކެވެ. މިއީ ވަރަށް ދެރަކަމެކެވެ.

ދެން އޮތީ ދަރިންނަށް ތަޢުލީމު ދިނުމަށް މަދަރުސާއަށް ފޮނުވާ މަރުހަލާއެވެ. މިމަރުހަލާގައި ތަރުބިއްޔަތު ކުރުމުގެ މައިގަނޑު ޒިންމާއެއް އުފުލާނީ ކިޔަވައިދޭ މުދައްރިސުންނާއި މައިންބަފައިންނެވެ. ތަރުބިއްޔަތުދޭން ތިބޭ މުދައްރިސުންނަށް ތަޢުލީމާއި ތަރުބިއްޔަތާއި ހުރިގުޅުން އެނގެންޖެހެއެވެ. އެހެނީ ބައެއް މުދައްރިސުންނަށް ތަރުބިއްޔަތު ކުރުމުގެ މައްސޫލިޔަތު އުފުލަންޖެހޭނީ ހަމައެކަނި އިސްލާމް މުދައްރިސުން ކަމުގައި ދެކެއެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ކިޔަވާދޭ ކޮންމެ މާއްދާއެއް އިސްލާމީ އުސޫލުތަކަށް ފައްތަން ޖެހެއެވެ. މިސާލަކަށް ބައޮލަޖީއާއި ފިޒިކްސް އަދި ކެމިސްޓްރީ ކިޔަވައިދޭއިރު ގުރުއާނުގައި އެމާއްދާތަކާއި ގުޅޭގޮތުން އައިސްފާ ކަންތައްތަކަށް އަލިއަޅުވާލުން މުހިންމެވެ. ހަމައެހެންމެ އެކޮނަމިކްސްކަހަލަ މާއްދާތައް ކިޔަވާދޭއިރު އިސްލާމްދީނުގައި އިޤްތިޞާދީ ނިޒާމް ހަމަޖެހިފައިވާ ގޮތް ހާމަކޮށްދިނުމަކީ މުހިންމުކަމެވެ.

އެހެންނަމަވެސް ހިތާމައަކީ މިއާހިލާފަށް ދަރިން ނުވަތަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އެހެން ބައެއްގެ ގޮތްތައް ބޭނުންކުރުމެވެ. އިސްލާމީ އުސޫލުތައް ދޫކޮށްލުމެވެ. އަޅުގަނޑުގެ އިލްތިމާސަކީ ސައްތައިން ސައްތަ މުސްލިމްގައުމަކަށް ހެދުމަށްޓަކައި ދިވެހިންގެ ގާތުގައި ތަރުބިއްޔަތަކީ އިސްލާމީ ތަރުބިއްޔަތު ކަމަށް ހެދުމެވެ.

އިތުރަށް ވިދާޅުވޭ...

10.03.2011

އިސްލާމީ ހަޟާރާތުގެ ކުރިން އޮތް އެހެން ހަޟާރަތްތަކުގައި އަންހެނުންނާ މެދު މުޢާމާލާތު ކުރެވިފައިވަނީ ވަރަށް އިހާނެތިކޮށް

އަލްއަޚް އަޙްމަދު އާސިމް
ޤަދީމީ ޒަމާނުގައި އަންހެނުނަށް ކިރިޔާ ވެސް ކޮންމެވެސް ވަރެއްގެ ޙައްޤުތަކެއް ލިބިދިން ހަމަ އެކަނި ޙަޟާރަތަކީ ޤަދީމީ މިޞްރުގެ ޙަޟާރަތެވެ. އެމީހުންގެ ތެރޭގައި އަންހެނާއަށް މުދާ މިލްކުކުރެވުނެވެ. ފިރިމީހާ ގެ ޣައިރު ޙާޟިރުގައި ޢާއިލާގެ ޛިއްމާ ވެސް އުފުއްލިއެވެ. އެހެންނަމަވެސް، އެ ޙަޟާރަތުގައި ވެސް، އަންހެނާއާ މެދު ދެކެވިފައި ވަނީ އެކަނބަލުންނަކީ، ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލާތެއްކަމުގައެވެ.

ޗައިނާގެ ޙަޟާރާތުގައި އަންހެނުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. އަނބިމީހާއަކީ ފިރިމީހާގެ ގެއަށް ލައިގެންފައިވާ ސުންޕާއެއް ކަމުގައި ދެކެމެވެ. ފިރިމީހާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގެއިން ބޭރުކޮށްލަނީއެވެ. އަދި ފިރިމީހާ މަރުވެއްޖެނަމަ، ހުވަފަތް އަނބިމީހާ އުޅެން ޖެހެނީ ފިރިމީހާގެ ގޭގައި ޤައިދުވެ، އެގޭގެ ނޯކަރެއްކަމުގައެވެ.

ގްރީކް ހަޟާރަތުގައިވެސް އަންހެނުންނަކީ އަގެއްހުރި ބައެއް ނޫނެވެ. އެހެންކަމުން އަނބިމީހާ އިންނާނީ ފިރިމީހާގެ ގޭގެ ނޯކަރެއްގެ ގޮތުގައި ބަންދުވެފައެވެ. އަދި އަންހެނުންނަކީ ތަސައްރަފު ފުދޭ ބައެއް ކަމަކަށް ނުދެކެއެވެ. އެހެންކަމުން އެއްވެސް ހައްގެއް އެމީހުންނަކަށް ލިބިފައެއް ނެތެވެ. އަދި އެމީހުންނަކީ ޝައިތާނާގެ ހަޑިމުޑުދާރު ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު އެއްޗެއް ކަމުގައި ދެކެއެވެ. އަދި ބޮޑެތި މުސީބާތްތައް ކުރިމަތިވާހިނދު އިލާހުންނަށް ކުރެވޭ ޤުރުބާނެއް ކަމުގައި އަންހެނުން ފިދާކުރެއެވެ.

ޤަދީމީ އިންޑިއާގައި އަންހެނުންނަކީ ނަޖިހެއްކަމުގައި ބެލެވުނެވެ. ފިރިމީހާ މަރުވެއްޖެނަމަ އޭނާގެ ގަބުރާއެކު އަނބިމީހާވެސް އަންދާލަ އެވެ. ފިރިމީހާއަކީ އަނބިމީހާގެ ސާހިބުމީހާއެވެ. ހިތްހަމަ ނުޖެހިއްޖެނަމަ ތަޅާ އަނިޔާކޮށް އެއްޗެހި ކިޔާހަދައެވެ.

ރޫމީންގެ ނަޒަރުގައި އަންހެނުންނަކީ ފިރިހެނުން މަގުފުރެއްދުމަށް ބޭނުންކުރެވޭ ހަތިޔާރެކެވެ. އަންހެނުންނަކީ ގަނެވިއްކޭ މުދަލެވެ. ފިރިމީހާއަކީ އަނބިމީހާގެ ވެރިމީހާއެވެ. އަދި ފިރިމީހާ ބޭނުން އަދަދަކަށް މީހުންނާ އިނުމުގެ އިހްތިޔާރުލިބިގެންވެއެވެ.

ފާރިސީންގެ ހަޟާރާތުގައި އަންހެނުންނަކީ ދަށްބައެކެވެ. އެއީ މުޖުތަމަޢުގައި ފަސާދަފެތުރުމުގެ މައިގަނޑު ސަބަބެވެ. އެކަނބަލުންނަށް ތަފާތު އެތައް އަނިޔާތަކަކާއި ބޭއިންސާފެއް ކުރިމަތިވިއެވެ. ފިރިމީހާއަށް އަނބިމީހާ ޤަތުލުކުރުމަށްވެސް ޙުކުމް ކުރެވެއެވެ. ބޭނުންއަދަދަކަށް ކައިވެނި ކުރުމުގެ އިހްތިޔާރު ފިރިމީހާއަށް ލިބިދެއެވެ.

ޔަހޫދީން ގާތުގައި އާދަމްގެފާނު މަގުފުރައްދައި ސުވަރުގެއިން ނެރެވުމުގެ ޒިއްމާއެޅެނީ ޙައްވާގެފަނުގެ އިސްތަށިފުޅުގައެވެ. އަދި މިފާފަ އޮންނަނީ އަންހެން ޖިންސަށް ނިސްބަތްކުރެވިއެވެ. އަންހެނުންނަކީ ޙައިޟުގެ ދުވަސްވަރު ނަޖިހެކެވެ. އަދި އެކަބަލުން ބީހިއްޖެ ކޮންމެ އެއްޗެއް އެދުވަސްވަރުގައިނަމަ ނަޖިސްވެއެވެ. އަދި އަންހެނުން ވިއްކާ އެކަނބަލުން ވާރުތަމުދަލުން ވަކިކުރުމުގެ ޙައްޤު ފިރިހެނުންނަށް ލިބިދެއެވެ.

ނަޞާރާއިންގެ ގާތުގައި އަންހެނުންނަކީ ޝައިޠާނާގެ ވަޞީލަތެކެވެ. ބުއްދިއެއްވާ ބައެއް ނޫނެވެ. އެއީ ނަޖިހެކެވެ. މިކަންތައްތަކުގެ ނަތީޖާއަކީ އެކަނބަލުންނާ ކައިވެނި ކުރުމުގައި ހަބަރުދާރުވުމެވެ.

ޖާހިލިއްޔަ ޒަމާނުގައި އަރަބީންގެ ގާތުގައި އެމީހުންނަކީ ފިރިހެނުންގެ މިލިކިއްޔާތުގައި ހިމެނޭ މުދަލެކެވެ. ބައްޕަ ދޫކުރި ހުރިހާ އަންހެނުންނެއް ދޮށީ ފިރިހެން ދަރިފުޅަށް ވާރުތަވެއެވެ. ޙައިޟުދުވަސްވަރު އެކަނބަލުން ހުރިހާއެއްޗަކާ ދުރުހެލިކުރުވައެވެ. އެއީ އެދުވަސްވަރު ނަޖިހެކެވެ. ފިރިމީހާ މަރުވެއްޖެނަމަ ގޭތެރޭގައި އެކަހެރި ތަނެއްގައި އެއްއަހަރު ދުވަހު ހިތާމަފާޅު ކުރަންޖެހެއެވެ. އެދުވަސްވަރު ޒީނަތްތެރިވުމެއް ނުވެއެވެ. ލާންޖެހެނީ ބާ ފޭރާމެވެ. އަންހެނުންނަށް އެދުވަސްވަރު ލިއްބައިދިން އެންމެ ބޮޑު އިހާނާތަކީ ކަސްބީ މަސައްކަތާއި މުޠުޢާ ކައިވެންޏާއި، މިފަދަ ފާޙިޝްބޭނުންތަކުގައި އެކަނބަލުންގެ ބޭނުން ހިފުމެވެ.

އިސްލާމްދީން އައުމުގެކުރިން އަންހެނުންނަކީ އެއްވެސް އަގެއްހުރިބައެއް ނޫނެވެ. މިކަމަށް އިޝާރާތްކޮށް އުމަރުގެފާނު ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް އެއްޗެއްކަމުގައި އަހަރެމެން ނުދެކެމެވެ.” މިފަދައިން ކަންތައްވިކަމުގައިވިޔަސް އިސްލާމްދީން އައުމަށްފަހު އަންހެނުންގެ މަޤާމު މަތިވެރިވިއެވެ. އަޅާލިއެވެ. މިގޮތުގެމަތިން ތަފާތުއިނާޔަތްތަކެއް އަންހެނުންނަށް ދިނެވެ. އެކަންތައްތަކަކީ:
1. ޖާހިލިއްޔަ ޒަމާނުގައި އޮތް ތަފާތު ކައިވެނިތައް ބާޠިލްކުރުން
2. އެބައިމީހުންގެ ޙައްޤުމަޤާމް އެބައިމީހުންނަށް ދިނުން
3. މުދަލުންވާރުތަވުމުގެ ޙައްޤު ލިބުން
4. ދިރިތިއްބައި ވަޅުލުމުގެ ޢާދަ ނައްތައިލުން
5. ޢިލްމު އުނގެނުމުގެ ޙައްޤު ހޯދައިދިނުން
6. އާމްދަނީ ހޯދަން މަސައްކަތްކުރުމާއި، ޚަރަދުބަލަހައްޓާނޭ މީހަކު ނެތްޙާލަތެއްގއި އަމިއްލަ ނަފްސާއި ދަރިންގެ ޚަރަދުބެލެހެއްޓުމުގެ ހުއްދަދިނުން
7. ކައިވެނި ސައްޙަވުމުގައި ، އަންހެނާގެރުހުން އެއީ ޝަރުޠެއްކަމަށް ކަނޑައެޅުން
8. އަންހެން އަދި ފިރިހެން އެއްޖިންސް އަނެއްޖިންސުގެ މައްޗަށް މޮޅުނުކުރުން. މިއެވެ.

ބަޔާންވެދިޔަ ކަންތައްތަކުން އިސްލާމްދީނަކީ އަންހެނުންނަށް އިސްކަންދޭ ދީނެއްކަން ހާމަވެއެވެ.

އިތުރަށް ވިދާޅުވޭ...