Showing posts with label އަލްއަޚް މުޙައްމަދު ޢަބްދުއްޞަމަދު. Show all posts
Showing posts with label އަލްއަޚް މުޙައްމަދު ޢަބްދުއްޞަމަދު. Show all posts

3.13.2010

އިޖްތިމާޢި ކަންކަމުގައި ކަނބަލުންގެ ބައިވެރިވުން

އަލްއަޚް މުޙައްމަދު ޢަބްދުއްޞަމަދު
އިސްލާމް ދީން އައުމުގެ ކުރިން އަންހެނުންނަށް މުޖުތަމަޢުގައި އެއްވެސް ދައުރެއް ނެތެވެ. އެ ކަނބަލުންނާ މެދު ދެކެމުން އައީ ވަރަށް ދަށް ބައެއްގެ ގޮތުގައެވެ. ޢަމަލުކުރެވެމުން އައީ ވަރަށް އަނިޔާވެރިކޮށެވެ. މިކަން މިހެން އޮއްވައި މުޅި ދުނިޔޭގެ އިޖުތިމާޢި އޮނިގަނޑު އެކަށައަޅައި ބިނާކުރީ އިސްލާމްދީނެވެ. އަންހެނުންނަށް އެކަނބަލުންގެ ހައްގުތަކާއި ފުރުޞަތުތައް ހޯއްދަވާދެއްވީ އިސްލާމް ދީނެވެ. މުދާ ހޯދާ ލިބިގަތުމުގެ ޙައްޤެވެ. ވާރުތަމުދާ ލިބުމުގެ ހައްގެވެ. އުނގެނުމުގެ ހައްގެވެ. ވަރިވުމުގެ ހައްގެވެ.

އިންސާނީ ނަސްލު ދެމިގެން އަންނަނީ އަންހެނަކާއި ފިރިހެނެއްގެ ފުށުންނެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން ހެއްދެވީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ދުނިޔެ އާރާސްތުކޮށް ބިނާކުރުމަށެވެ. މާތްﷲ އަށް އަޅުވެތިވުމުގެ ތެރެއިން ދުނިޔެ އާރާސްތު ކުރުމަށްޓަކައި ، އިންސާނާ ބިމުގައި ޚަލީފާއަކަށް ވާންޖެހެއެވެ. ޚަލީފާކަން އަދާކުރަން ޖެހެއެވެ. މިކަން ކުރެވޭނީ ހުރިހާ އިންސާނުން ހިއްސާވެގެންނެވެ. އެންމެން ބައިވެރިވެގެންނެވެ. މިއީ ވަކި ޖިންސަކަށް އޮތްކަމެއް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. އެހެންކަމުން، އިންސާނީ ހަޟާރަތު ބިނާކުރުމަށްޓަކައި އިޖުތިމާޢީ ހަޔާތުގައި އަންހެނުން ބައިވެރިވާން ޖެހެއެވެ.

އަންހެނުން އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމަކަށް މުޖުތަމަޢު ހުރަހެއް ނާޅައެވެ. އިލްމު އުނގެނުމާއި ވަޒީފާ އަދާކުރުމާއި މުޖުތަމަޢުގެ މަގާމުތައް އަދާކުރުމުގެ ފުރުޞަތުތައްވަނީ ލިބިދީފައެވެ. އިޖުތިމާޢީ މަޖިލިސްތަކާއި ، އެކަކު އަނެއްކަކަށް ހެޔޮފޯރުވާ އަޅާލުމަށް އަފުރާދުންނާއި ޖަމާޢަތްތަކުގައި ބައިވެރިވެ އުޅެވެ އެވެ. ހެޔޮކަންތައްތައް ތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް ނަހީކުރުމަށް ބައިވެރި ވެއެވެ. މާތްﷲ ގެ މަގުގައި ޖިހާދުކުރުމަށް ހަނގުރާމަ ތަކުގައި ބައިވެރިވެ އުޅެވެއެވެ. މިހެން ގޮސް ވަކިދާއިރާއެއް ނެތެވެ.

ރާއްޖޭގެ ތާރީޚްގައިވެސް އަންހެނުންނަށް ވަނީ އެކަނބަލުންގެ ހިއްސާ އެކަނބަލުންނަށް ދީފައެވެ. ރަށުތެރެ ސާފުކުރުމާއި އޮޑިދޯނިފަހަރުއެހެލުމާއި މަސްކައްކާ ހިއްކުމާއި ބޮނބިތެޅުމާއި ރޯނުވެށުމާއި ފަންގި ވިނުމާއި ރާކެއްކުން ފަދަ ދިރިއުޅުން ފަސޭހަ ކުރުމުގެ ވަޒީފާތައް އެކަބަލުން ވަނީ އަދާކޮށްފައެވެ. އަދި ރަށުގައި ކުރެވޭ ތަފާތު އިޖުތިމާއި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެއެވެ. މަސައްކަތް ކުރާ ފިރިހެނުންނަށް ސަޔާއި ކެއުން ފޯރުކޮށް ދިނުމުގައެވެ. ސިޔާސީ ހަރަކާތްތަކާއި މަގާމުތައް ވަނީ ފުރާފައެވެ.

މިހުރިހާ ކަމެއްގައި ބައިވެރިވެ އުޅުމުގެ ފުރުޞަތުތައް މިހެން ހުރިއިރު ފަރުވާކުޑަވެ ފިކުރުނުކުރެވޭ ކަމެއް އޮބައޮތެވެ. މިދެންނެވި ކަންތައްތަކުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާ ހިނދު އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާކުރެވޭނެ ގޮތަކަށް އަމަލުތައް ނުބެހެއްޓޭ ކަމެވެ. އަންހެނުންނާއި ފިރިހެނުންގެ އައުރަކަމަށް ބެލެވޭ ހިސާބު ނިވާކުރުމާއި އަޅާހެނދުމުގައި ވަކިޝަރުޠުތަކެއް ހުންނަންޖެހޭ ހިނދު މިކަމަށް އަޅާނުލެވޭ ކަމެވެ. ބެލުންތައް ތިރިކުރުން ފަދަ ރީތި އަދަބުތައް ނެތް ކަމެވެ.

ގާނޫނީ ގޮތުންނާއި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުންނަކީ ހަމަހަމަ ބަޔެކެވެ. ނަމަވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަކީ ވަރަށް ނާޒުކު ބަޔެކެވެ. އެކަން އެގޮތަށް ހަމަޖެހިފައިވަނީ އިންސާނީ ހަޟާރަތު ދެމިގެން ދިއުމުގެ ބެލެންސް ހިފެއްޓުމަށެވެ.

އަންހެނުން ކޮންސްޓްރަކްޝަން މަސައްކަތާއި އަލިފާން ނިއްވުމުގެ މަސައްކަތާއި މަހަށްގޮސް އޮޑިމަތީ ދޮށި އެޅުގެ މަސައްކަތް ކުރަން ފަށާފި ނަމަ މިދެންނެވި އިޖުމާޢީ ހަމަހަމަ ކަމުގެ ބެލެންސް ކަޑާނެއެވެ. ނަތީޖާއަކަށް ވާނީ މުޖުތަމަޢުގައި ހަމަނުޖެހުމާއި ފަސާދަ އިތުރުވުމުވެ. އާއިލާތައް ރޫޅި އިޖުތިމާޢީ ފޭރާން ބަލިކަށިވުމެވެ. އިންސާނާ ބިމުގައި އަދާކުރަންޖެހޭ ޚަލިފާ ކުރުމުގެ ވާޖިބު ފުރުހަމަ ނުކުރެވުމެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިކަންވަނީ އާއްމު ވެފައެވެ. މިދެންނެވި ފަދަ މަސައްކަތްތަކަށް އަންހެނުން ނިކުމުގެ ހަމަހަމަ ވުމުން އެފަދަ ގައުމުތަކުގައިވަނީ އިންސާނިއްޔަތުކަން ގެއްލިފައެވެ. އެފަދަ ގައުމުތަކުގެ އަންހެނުންގެ މުޅިހަޔާތަކީ ވަޒީފާއެވެ. މީހުންނާ އިނުމެއް ކައިވެނިކުރުމެއް ނެތެވެ. ދަރިން ހޯދުމެއް ދަރިން ތަރުބިއްޔަތުކުރުމެއް ނެތެވެ. ދަރިން ހޯދަން ބޭނުންވިޔަސް ހޯދަނީ އެހެން އަންހެނެއްގެ ބަނޑުންނެވެ. މިފަދަ އަންހެނުންނަށް ކިޔަނީ surrogate mother އެވެ. ސެރޮގޭޓް މަދަރ އަކީ ދަރިމައިވެފައިވާ އެހެން އަންހެނެއްގެ ބިސް ރަހިމުގައި ބޮޑުކުރާ މަންމަ އެވެ. ވިސްނާލާށެވެ. މިއީ ފިރިހެނުންނާއި އަންހެނުން ހަމަހަމަ ވުމެއް ނޫނެވެ. ގުދުރަތީ އޮނިގަނޑުން ބޭރުވެ ، އިލާހީ ހަމަތަކާއި ފޮށިގަތުމެވެ.

އަންހެނުން އެކަނބަލުން ގޭތެރޭގައި އަދާކުރަންޖެހޭ ދަރިންތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު ، އިޖުތިމާޢި މަސައްކަތްތަކުގައި ބައިވެރިވުން މަނާކުރެވޭނެ ޖާގައެއްނެތެވެ. ނަމަވެސް އިޖުތިމާޢީ މަސައްކަތްކުރަންވާނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން އެފަދަ ވެއްޓެއްގައެވެ. އަންހެނުން ވަޒީފާ އަދާކުރުމުގެ ސަބަބުން އާއިލާތައް ރޫޅިގެން ނުވާނެ އެވެ. ބަދުއަޚްލާޤީ އަމަލުތަކަށް މަގުފަހިވެގެން ނުވާނެ އެވެ. ޖިންސީ އެދުންވެރިކަން ހިލިގެން ނުވާނެ އެވެ. އަންހެނުންނަށް މުޖްތަމަޢުގައި ލިބިފައިވާ މިމަގާމު ގެނެދިނީ އިސްލާ ދީނެވެ. އިސްލާމް ދީނަކީ އެންމެހައި އިންސާނުން އުޅެންވީ ގޮތެވެ.

އިތުރަށް ވިދާޅުވޭ...

2.26.2010

އަނބި މީހާގެ އުފާވެރިކަން- ގޭތެރޭގެ ހަމަޖެހުން

އަލްއަޚް މުޙައްމަދު ޢަބްދުއްޞަމަދު
ގޭގެ އޮޅިއަކީ އަނބިމީހާއޭ ބުނާއަޑު އަހަން ހެއްޔެވެ؟ ތިމާގެ އަނބި މީހާ ހިތްހަމަޖެހިފައި ހުރުމަކީ ދިރިއުޅުމަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެކެވެ. ގޭތެރޭގެ ހަމަޖެހުމާއި ޞުލްޙަ މަސްލަޙަތު ދެމިއޮތުމުގެ އަސްލެވެ. ތިމާގެ ޞިއްޙަތާއި ދިރިއުޅުމުގެ ސުލްޙަ މަސްލަޙަތު ބެލެންސް ކޮށްދޭ ކަމެކެވެ. ދަރިންގެ ތަރުބިއްޔަތާއި ތިމާގެ ސުލޫކު ތަރުބިއްޔަތުކޮށްދޭ ކަމެކެވެ. އެހެންކަމުން، ދިރިއުޅުމުގެ މި ހަޔާތުގައި އަނބިމީހާ އާއި އަޅާލައި އޭނާގެ އުފާވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.

އެހެން ކަމުން މިބަލައިލަނީ ފިރިއެއްގެ ހައިސިއްޔަތުން ތިމާގެ އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެކެވެ. މިކަންތައްތައް ތަޖުރިބާކޮށްލުން ރަގަޅުވާނެ އެވެ. ޞުލްހަވެރިކަމާއި އުފާވެރިކަމާއި ހަމަޖެހުން ދިރިއުޅުމަށް ގެނައުމަށެވެ.

1- އަންހެނުންނަށް ހިނިތުން ވެލާށެވެ. ހީލާއިރު އޭނާގެ ލޮލަށް ބަލާށެވެ. އެއްވެސް އެއްޗެއް ބުނާނެކަމެއްނެތެވެ. ހަމަ ބަލައިލާށެވެ. މިކަން ކުރާނީ އަނބިމީހާ ކަލޭއަށް ރަގަޅަށް ބަލާއިރު އެވެ. މިއީ ކަލޭގެ އަންހެނުންނަށް ތަޢުރީފް ކުރާކަމުގެ އިޝާރާތެކެވެ.

2- އެއްގޮތަކަށްވެސް އަންހެނުންނަށް އަޑުލައި ނުހަދާށެވެ. މަޑުމައިތިރި އޯގާތެރި އުފާވެރި އަޑަކުން ބަސްބުނާށެވެ. އަންހެނުންގެ ކަންފަތް ދޮށުގައި ހަޅޭލައި ހެދުމަކީ އަންހެނުން ރުޅި އަންނާނެ ކަމެކެވެ. ހަޅޭލައި ނެހެދިއަސް އަނބިމީހާ އަށް އަޑުއިވޭނެ އެވެ. ކަލޭ ހިތްހަމަ ނުޖެހޭ ކަމެއް އަންހެނުން ފަރާތުން ފެނުނަސް ބާރަށް ބަސްބުނެ ހަޅޭލައި ނުހަދާށެވެ.

3- އަނބިމީހާ ދައްކާވާހަކަ ފަރުވާތެރިކަމާއެކު އަޑުއަހާށެވެ. އެވާހަކައަކީ ތިމާ ފޫހިވާ އަޑުއަހަން ބޭނުން ނުވާ ނުވަތަ އެވާހަކާގެ ސަބަބުން ކުރަން އިން މަސައްކަތަކަށް ހުރަސްއެޅޭ ވާހަކައެއް ނަމަވެސް އެވާހަކަ ހިތްވަރާއެކު އަޑު އަހާށެވެ. ކަލޭ ގާތުގައި ބުނަންވެފައިވާ ވަރަށް މުހިންމު ވާހަކައެއް އޮތީ އެވެ. އޭނާގެ އެވާހަކަ ތަކަށް އިޙްތިރާމްކޮށް އަޅާލާށެވެ.

4- އަނބިމީހާ ކޮށްދޭން ބުނާ އެއްވެސް ކަމެއް ފަސްނުކުރާށެވެ. ޚާއްޞަކޮށް ގޭތެރޭގެ މަސައްކަތްތަކެވެ. ގޯތިތެރޭގައި ބާނެއް ޖެހުން، ބަދިގޭގައި އެއްޗެއް ހަރުކުރުން، ފާޚާނާގެ ފްލޭޝް ރަގަޅުކޮށްލުން ފަދަ ކަންކަމެވެ. މިފަދަ ކަންތައްތައް ތަކަކީ އެކަމުގެ ސަބަބުން ކަލެއަށްވެސް ފައިދާކުރާނެ ކަންކަމެވެ. ވީމާ މިފަދަ ކަންކަން ވީ އެންމެ އަވަހަކަށް ކުރުމަށް ޕްލޭން ކުރާށެވެ.

5- އަނބީހާއަށް ތައުރީފް ކުރާށެވެ. މާނައެއްނެތް ހަޖޫ ޖެހުމަކުން ތަޢުރީފް ނުކުރާށެވެ. އިޙްލާޞްތެރިކަމާއެކު މިކަން ކުރާށެވެ. ބާޒާރަށް ގޮސްފިނަމަ، އޭނައަށް ގަތީ ކޮންއެއްޗެއް ތޯ އަހާށެވެ. ބާޒާރުން ގެނައި ތަކެއްޗާ ދޭތެރޭ ހިތްހަމަ ޖެހޭކަން ބަޔާންކުރާށެވެ. ހެދުން އަޅާފައި ހުންނަގޮތް ކަމުދާކަން ހާމަކުރާށެވެ.

6- އެއްގޮތަކަށްވެސް އަނިޔާވެރި ނުވާށެވެ. އެއްގޮތަކަށްވެސް އަންހެނުން ގޯސްނުކުރާށެވެ.

7- އެއްގޮތަކަށްވެސް ބޭކާރު ޚަރަދު ނުކުރާށެވެ. ރައްޓެހިންނާއި އެކު މާގިނައިން ކޮފީ އަށާއި ރެސްޓޯރަންޓް ތަކަށް ނުދާށެވެ. އޭގެ ބަދަލުގައި ރައްޓެހިން ގޮވައިގެން ފަސޭހަ ވަގުތެއްގައި ގެއަށް އަންނާށެވެ.

8- އަލަމާރިން ހެދުން އަމިއްލައަށް ނަގައި ހެދުން ކޮނޑުގައި އަޅުވާށެވެ. އަންހެނުންނަށް މިކަން ނުޖައްސާށެވެ. ކާތަށި ކޮންމެވެސް ވަރަށްކަށް އަމިއްލައަށް ދޮވުމުގެ އާދައެއް ގެންގުޅޭ ށެވެ.

9- ދަތް އުނގުޅާށެވެ. ، އަގައިން ނުބައި ވަސްދުވާނަމަ އަނގަދޮންނަ ފުޅިއަކުން އަގަދޮންނާށެވެ. ޚާއްޞަކޮށް އަންހެނުންނަށް ދޮން ދޭއިރު އެވެ. އޭރުން އެކަނބަލުންގެ އުފާވެރިކަން އިތުރުކޮށްދީ އެކަމަށް ދަހިވެތިވާނެ އެވެ.

10- އެއްދާން ކުރުމުގެ ކުރިން ރަގަޅަށް ފެންވަރާށެވެ. އެކަބަލުން ހިތްހަމަ ޖެހެނީ ކޮންގޮތެއްތޯ އަހާށެވެ. އެއްދާން ކުރާއިރު އަދަބާ ޚިލާފުކޮށް ނޫޅޭށެވެ.


11- ގޭތެރެ ނުވަތަ ބަދިގޭގައި އުފެދޭ ކުނި އުކާލަދޭށެވެ. ރޭގަނޑު އުކާލާށެވެ. ދެމަފިރިން އެކުގައި ދެވޭތޯ ބަލާށެވެ.

12- އަންހެނުން ސައިކަލް ނުވަތަ ކާރު ގެންގުޅޭ ނަމަ އެމަރާމާތުކޮށްދީ ތެޔޮ ބަދަލުކޮށްދީ ހަދާށެވެ.

13- އެކުގައި ޓީވީ ބަލާނަމަ، ބަލަންވީ ޗެނެލްއެއް ކަނޑައެޅުމަށް އަހަންހެނުން ގާތު އަހާށެވެ. އޭނާ ބަލަން ބޭނުން ޕްރޮގްރާމެއް ބަލާށެވެ. އެއަށް ޝައުޤުވެރިވާށެވެ.

14- ކަލޭއަށް ބޭނުންވާ ގަމީހާއި ބޫޓް ކަނޑައެޅުމަށް އަންހެނުންނަށް އިޚްތިޔާރު ދޭށެވެ. ކަލޭ ހުންނަންވީ ގޮތް އެނގޭނީ އޭނާ އަށެވެ.

15- ރުޅި ކޮންޓްރޯލް ކުރާށެވެ. ކަމަކާ ރުޅި އަންނަ ނަމަ އެކަމެއް ނުދެކޭށެވެ. އަވަހަށް ނިކުންނާށެވެ. ހަމައަކަށް އެޅުމުން ގެއަށްއައިސް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކައި ރުޅިއާދެވުނީތީ މަޢާފަށް އެދޭށެވެ.

16- ގިނައި އަންހެނުން ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. އިހުލާސްތެރިކަމާއި އޯގާތެރިކަމާއެކު ބުނާށެވެ.

17- އަންހެނުން ކަމަކާއި ކަންބޮޑުވާނަމަ ނުވަތަ ހާސްވާނަމަ، އެކަން ހައްލުކުރުމުގައި އަންހެނުންނަށް އެހީތެރިވެދޭ ށެވެ. ކަލޭއަށް އަށް ދިމާވާ ހިތާމަޔާއި ހާސްކަން ލުއިކޮށްދިނުމުގައި އެންމެ ގާތުން އެހީވާނީ އަންހެނުންކަން އަބަދުވެސް ހަދާން ކުރާށެވެ.

18- އޭނާގެ ފަހަތުގައި ވިޔާނުދާ ކަންތައް ނުކުރާށެވެ. އެކަބަލުންގެ އިހްސާސްތަކަށް ތަދުނުކުރާށެވެ. ބޭވަފާތެރި ނުވާށެވެ.

19- އެކަބަލުންނަކީ ކަލޭ ގެ ހަޔާތުގެ ބައިވެރިޔާކަން އަބަދުވެސް ހަދާން ކުރާށެވެ. އަންހެނުންނަކީ ކަލޭ ގެ އަޅެއްގެ ގޮތުގައި ނުދެކޭށެވެ. އޭނާގެ ޚިޔާލާއި މަޝްވަރާ ގަބޫލުކުރާށެވެ. ވާހަކަތައް ދެނެގަންނާށެވެ.

20- ދިރިއުޅުމުގެ އުފާވެރި ވާހަކަތައް ދައްކާށެވެ. ދިރިއުޅުމުގެ މަސައްކަތުން ޗުއްޓީއެއް ނަގައި ޢާއިލާއެކު ވަގުތުކޮޅެއް ހޭދާކުރާށެވެ. އެހެން ރަށަކަށް ނުވަތަ އެހެން ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދާށެވެ.

އިތުރަށް ވިދާޅުވޭ...