Showing posts with label އަލްއުޚްތު ނިއުމާ ހާރޫން. Show all posts
Showing posts with label އަލްއުޚްތު ނިއުމާ ހާރޫން. Show all posts

10.24.2011

އަހަރެންގެ ޙަޔާތް

އަލްއުޚްތު ނިއުމާ ހާރޫން
އަހަރެންނަކީ ރާއްޖެތެރޭގެ ކުޑަ ރަށަކަށް އުފަން އަންހެން ކުއްޖެކެވެ. މަންމައާއި ބައްޕައަށް ލިބިފައިވާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ﷲގެ ރަޙުމަތްފުޅުން އަހަރެންނަށް ތެދުމަގަކީ ކޮބައިކަން އެނގުނެވެ. އަހަރެންގެ އުމުރުން 11 އަހަރުގައި ބުރުގާ އެޅީމެވެ.އަދި އެއަށް ފަހު އުމުރުން 14 އަހަރުގައި އިސްލާމީ ޖިލްބާބުން ނިވާވެ ބޮޑު ބުރުގާ އެޅީމެވެ.

ލަވަޔާއި މިއުޒިކަކީ ހަރާމް އެއްޗެއްކަން އެނގުމުން އެތަކެތި އަޑުއެހުމުން ދުރުހެލިވީމެވެ. ލަވަޔާއި މިޔުޒިކަށް އަހަރެން ނަފުރަތުކުރަމެވެ. އަދި ފިލްމު ބެލުމަށާއި ނިވާކަން ކުޑަ ހެދުން ލުމަށްވެސް ނަފުރަތު ކުރަމެވެ. ޤުރުއާން ކިޔެވުމާއި، ނަމާދުކުރުމާއި ދަރުސްތަށް އަޑު އެހުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ.

އަހަރެން ސްކޫލަށް ޔުނިފޯމް ލައިގެން ދާއިރު އެހެން ކުދިންނާ ތަފާތު ވާނެއެވެ. ބުރުގާ އާއި ޔުނިފޯމްވެސް ބޮޑުވާނެއެވެ. އަހަރެންގެ ކުލާހުގައި އުޅޭ ފިރިހެން ކުދިން އަހަންނަށް ވަރަށް އިޙްތިރާމް ކުރެއެވެ. ކުލާހުގައި އުޅޭ އެހެން އަހެން ކުދިންގެ ގަޔަށް އަތްލާ ފޮށެ އުޅުނަސް ، އަހަރެންނަށް އެއްވެސްކަހަލަ ގޯނާއެއް ކުރިމައްޗެއް ނުވެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. 2007 ވަނަ އަހަރު ސްކޫލުން ކިޔަވާ ނިމުނެވެ. ސްކޫލުން ކިޔަވާ ނިމުނާއެކު އަހަރެން މޫނުބުރުގާ އަޅައިފީމެވެ. ގޭގެ އެއްވެސް މީހެއް މަޖުބޫރު ކޮށްގެނެއްނޫނެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ ދައްތައާއި ތިން ފަހަރިންވެސް ތިބެނީ މޫނު ބުރުގާ އަޅާފައެވެ. އެމީހުންވެސް މޫނުބުރުގާ އަޅާފައިވަނީ އެކަކުވެސް މަޖުބޫރުކޮށްގެނެއްނޫނެވެ. އަމިއްލައަށް ފެނިގެން އަޅާހިތުންނެވެ. މޫނުބުރުގާ އެޅުމުން އަހަރެންނަށް ވަރަށް އުފާވެރި އިހުސާސް ތަކެއް ކުރެވުނެވެ. މަގުމަތީ ގިނަވެގެން އުޅޭ ފިރިހެން ކުދިންވެސް އަހަރެން މަގުން އަންނަތަން ފެނުމުން އެއްފަރާތްވެ އަހަންނަށް ދާނެ ޖާގަ ދައްކައެވެ.ރަށުގެ ގިނަ މީހުންގެ ދުލުން އިވެނީ ތައުރީފުގެ ބަސްތަކެވެ. ރަށު މީހުންގެ އިޚްތިރާމާއި ލޯބި އަހަން ނަށް ވަނީ ލިބިފައެވެ. އަހަރެންނާ އަހަރެންގެ ދައްތަ ނޫނީ ރަނގަޅު އަންހެން ކުއްޖަކު ރަށުގައި ނޫޅޭ ކަމަށް ރަށު މީހުން ބުނެއެވެ.

އިމްތިހާނުގެ ނަތީޖާ ލިބުމުން ވަޒީފާއަކަށް އެދި ސިޓީ ލީމެވެ. ސިޓީލީ ވަޒީފާ ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. އެއީ އޭރު އުމުރުން 18 އަހަރު ނުވާތީ އާއި މޫނުބުރުގާ އަޅާފަ ތިބޭމީހުންނަށް ސަރުކާރުގެ އިދާރާތަކުން ވަޒީފާ ނުލިބޭނެކަން އެނގިފައިވާތީއެވެ. ނަމަވެސް ﷲ އަށް ޙަމަދުހުއްޓެވެ. ހީކުރިގޮތާ ޚިލާފަށް ވަޒީފާ ލިބުނީ އަހަންނަށެވެ. އަހަރެންނަށް ލިބުނީ ރަށު ހެލްތް ޕޯސްޓްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމެވެ. މިތާ އުޅެނީ މުޅިންވެސް އަންހެން މުވައްޒަފުންނެވެ. 31 ޖުލައި 2008 ގައި ވަޒީފާއަށް ނުކުންނަން ފެށީމެވެ. ވަޒީފާގައި އެއް އަހަރުވަންދެން އުޅުނުއިރު ، ވަޒީފާއަށް ގޮސްފައިވަނީ މޫނުބުރުގާ އަޅައިގެންކަން ފަޚުރުވެރިކަމާއެކު ބުނެލަމެވެ. ސަރުކާރުގެ މިކަހަލަ ވަޒީފާއެއް މޫނުބުރުގާ އެޅި އެހެން މީހަކަށް ލިބުނު ކަމެއް އަހަރެންނަށް އެނގިފައެއް ނުވެއެވެ.

ބައެއް މީހުން ހީކުރާ ގޮތުގައި މޫނުބުރުގާ އެޅި މީހުންނަކީ އެއްވެސް އުފަލެއް ލިބިގެން ވާ ބައެއް ނޫނެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީ އެކެވެ. އިސްލާމްދީން ކަނޑައަޅާފައިވާ ހުދޫދުން ބޭރުނުވެ އަހަރެން އުފާކޮށް މަޖާކުރަމެވެ. ގޭގޯތިތެރޭގައި އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނާއެކު ކުޅެ ހަދަމެވެ. އަދި އާއިލާ މެންބަރުންނާއެކު މޫދަށް ދަމެވެ. އަދި ރޭގަނޑު އާއިލާ މެންބަރުންނާއެކު މަސްބާނަންވެސް ދަމެވެ. މީގެ އިތުރުން ހަވީރުގަޑީ ރަޙުމަތްތެރިންނާއެކު ހިނގާލަން ދިޔުންފަދަ ކަންކަން ކުރަމެވެ. މަޖާކުރެވެނީ ހަމައެކަނި ލަވަޔާއި މިއުޒިކް އަޑުއަހައިގެނެއް ނޫނެވެ.

އަހަރެންނަށް ރަނގަޅު މަގު ފެނުމުގެ ކުރިންވެސް އަދި ފަހުންވެސް މީހަކާ ރައްޓެއްސެއް ނުވަމެވެ. ފިރިހެން ކުދިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ އަހަރެން އެއް އިރެއްގައިވެސް ކުރާހިތްވާ ކަމެއްނޫނެވެ. އަދި އެއްއިރެއްގައި ކޮށްފައިވާ ކަމެއްވެސް ނޫނެވެ. އަހަރެންގެ އުމުރުން 18 އަހަރުގައި ކައިވެނި ކުރީމެވެ. އަހަރެންގެ ބޭބެ ހޯދައިދިން ކުއްޖަކާއެވެ. އެކުއްޖާއާއި އަހަރެން ކައިވެނި ކުރީ އެއްވެސް މީހަކު މަޖުބޫރުކޮށްގެނެއް ނޫނެވެ. ހިތުން ރުހުމުންނެވެ. ﷲ އަށް ޙަމްދު ކުރަމެވެ. އަހަންނަށް ލިބުނީ ދީނަށް ލޯބިކުރާ ޞާލިހް ފިރިއެކެވެ. އެކަމުން އަހަރެންގެ ހިތަށް ވަރަށް އުފާވެރިކަން ލިބުނެވެ. ކައިވެނިކުރިތާ އަހަރެއް ނުވަނީސް ލޯބި ލޯބި ކުޑަ އަންހެންކުއްޖެއްލިބިއްޖެއެވެ. ދަރިފުޅު ލިބުމާއެކު އަހަރެންގެ އުފާވެރިކަން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ . އަދި ﷲ އަހަރެންނަށް ދަރިއަކު މިންވަރު ކޮށްދެއްވުމުން އެކަލާންގެއަށް ހާސް ފަށުން ޝުކުރު ދެންނެވީ މެވެ. މިހާރު އަހަރެން އަހަރެންގެ ފިރިމީހާއާއި ލޯބިވާ ދަރިފުޅާއެކު މިއުޅެނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ.

އަހަރެން އަބަދުވެސް މި މަސައްކަތް ކުރަމުންދަނީ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ހުރެވޭ ތޯއެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅުން އެދެނީ ނަރަކައިގެ ޢަޒާބުން ސަލާމަތްވެ ، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުމެވެ. އަހަރެންނަށް އެއްރެއަކު ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެނިފައިވަނީ އަހަރެން ސުވަރުގޭގައި ވާ ބޮޑު ގަހެއްގެ ހިޔަލުގައި އަރާމާއި އުފަލުގައި އިންތަނެވެ. އަހަރެން މި މަސައްކަތް ކުރަނީ އަހަރެންނަށް ފެނުނު ހުވަފެން ޙަގީގަތަކަށް ހެދުމަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާޙު، އިބަ ﷲ އަށް ކިޔަމަންވެގެންވާ ޙާލުގައި މެނުވީ މިއަޅާގެ ފުރާނަ ނުހިއްޕަވާންދޭވެ.! އާމީން!

_______

ނޯޓް: މިއީ ޙަގީގީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އިތުރަށް ވިދާޅުވޭ...

9.25.2011

ދިވެހި މުޖުތަމަޢުގެ މައިންގެ ޙާލަތު

އަލްއުޚްތު ނިއުމާ ހާރޫން
އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ ބައެކެވެ. ނަމަވެސް މިކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯއެވެ!އަޅުގަނޑަކީވެސް ތިބާފަދަ އަންހެނަކީމެވެ. މި މުޖުތަމަޢުގެ ގިނަ އަންހެނުންގެ މިޒާޖާއި ސުލޫކު ހުންނަގޮތުން އަޅުގަނޑު ހައިރާން ވެއްޖެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. އަޅުގަނޑު މި ލިޔުމުގައި ފާހަގަ ކޮށްލާނީ މި މުޖުތަމަޢުގެ ހުރިހާ އަންހެނުން އުޅޭ ގޮތުގެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ޢަދަދެއްގެ އަންހެން ވެރިން އުޅޭ ގޮތުގެ ވާހަކައެވެ.

އޭއުޚްތުންނޭވެ! ތިބާ އަށް އެނގޭ ހެއްޔެވެ؟ މި ކުޑަ ކުޑަ ދިވެހި މުޖުތަމަޢުގެ ޙާލަތު މިއަދު މި އޮތް ގޮތުން،އަޅުގަނޑުމެންގެ ދަރިން އުޅޭ ވިޔާނުދާ އުޅުމުން ތިބާ ތިބާގެ މަސްޢޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ނުކުރާކަން ހާމަވެގެން ދެއެވެ.މިއަދު ތިބާ ތިބާގެ މަސްޢޫލިއްޔަތު ހަނދާން ނެތިއްޖެ ފަދައެވެ. އަންހެނާގެ ވަޒީފާއަކީ ގޭތެރޭގެ ކަންތަށްތަކާއި ، ފިރިމީހާއާއި،ދަރިންގެ ކަންތައްތަށް ބެލެހެއްޓުމެވެ.

ނަމަވެސް،މިކަން މިހެން އޮށްވާ، އެކި އެކި ތަފާތު ތަންތަނުގެ ވަޒީފާއަށް ގޮސް ބޭރުތެރެއަށް ގިނަވެ ގަންނަނީ ކީއްވެގެން ހެއްޔެވެ؟ ލާ ހެދުމަކުން ޢައުރަ ނިވާ ނުވާ ހާލު ބޭރަށް ނުކުންނައިރު މާ ފަހުރުވެރި ވަނީ ހެއްޔެވެ؟މަގުމަތިންދާ ހުރިހާ ފިރިހެން ވެރިން ތިބާ އާއި ދިމާއަށް ކަޅިޖަހާނުލާ ބަލަމުން ދާއިރު ލަދުވެތި ކަމުގެ ޒައްރެއްގެ މިންވަރުވެސް އިހުސާސް ނުވަނީ ހެއްޔެވެ؟ ތިބާގެ ވަނާތަކަކީ މަގުމަތީގައި ނީލަންކިޔޭފަދަ ދަށުދަރަޖައިގެ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ! ތިބާގެ ވަނާތަކަކީ އިތާ މުތަށްވުރެ އަގުބޮޑު އެއްޗެކެވެ. އަގުބޮޑެތި އެއްޗެހި ބަހައްޓަން ޖެހޭނީ މީހުންނަށް އަތްނުލެވޭ ގޮތަށް ނުވަތަ ނުބެލޭ ގޮތަށް ފޮރުވާފައި ކަން ތިބާ އަށް އެނގޭ ނޫންހެއްޔެވެ؟އެހެންކަމުން ބޭރަށްދާއިރު ތިމާގެ އައުރަ ނިވާ ވާފަދަ ދޫ ހެދުމެއް ލުމަށް އާދަ ކުރާށެވެ.

ތިބާ ތިބާގެ ލޯބިވާ ދަރިފުޅު ކާފަރު ފަރަންޖީންނާ ބަލަން ޙަވާލު ކޮށްފައި ވަޒީފާއަށް ދާން ހިތްވަރު ލިބުނީ ކިހިނަކުން ހެއްޔެވެ؟ ތިބާ އެދަރިފުޅުގެ މުސްތަޤުބަލާ ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނަނީ ހެއްޔެވެ.؟ އެދަރިފުޅު ކާފަރު ފަރަންޖީންނާ ބަލަން ޙަވާލުކުރުމުން އެކުދިންގެ އަޤީދާ އަށް ކުރާނެ ނޭދެވޭ އަސަރު ތިބާ އަށް ނޭނގެނީ ހެއްޔެވެ؟ ބޭރުތެރަށް ނުކުމެގެން ތިޔަ އުޅެނީ ތިބާ ކުރާނެ ކަމެއް ގޭގައި ނެތީމާ ހެއްޔެވެ؟ ނޫނެކެވެ!ތިބާ ގޭގައި އުފުލަންޖެހޭ އެތަކެއް މަސްޢޫލިއްޔަތު ތަކެއް ވެއެވެ.ދަރިފުޅަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްދިނުމަށް މަސައްކަތް ކޮށް ގޭގެ ހުރިހާ ކަންތައްތަށް އިންތިޒާމު ކުރުމަކީ ކުޑަ ކަމެއް ނޫނެވެ.

ދެން، ވަޒީފާއަށް ނުގޮސް ގޭގައި ތިބޭ އަންހެން ވެރިންނާމެދު ވިސްނާލަމާބަހީއެވެ!ތިބާގެ ފިރިމީހާ ދުވާލުދާ ހަތަރުދަމު ފައިސާ ހޯދަން ބުރަމަސައްކަތް ކޮށް، ތިބާ ވަޒީފާއަކަށް ނުފޮނުވާ ތިބާ ގޭގައި ބެހެއްޓީ ތިބާގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާނެ ކަމުގެ ފޮނި އުއްމީދާއި އެކުގައި ނޫން ހެއްޔެވެ؟ ނަމަވަސް ތިބާ ތިބާގެ ފިރިމީހާގެ ފޮނި އުންމީދުގައި ކޮޅުފައިން ޖަހާ ޚިޔާނާތްތެރި ވެއްޖެވެ. ތިބާއަކީ ހާދަހާވާ ރަޙުމް ކުޑަ މީހެކެވެ.

ގޭތެރޭގެ މަސައްކަތްތަށް ކުރަން ފަސޭހަޔަކަށް ދަރިފުޅަށް ކާޓޫނު އަޅުވާދީފައި ޓީވީއާއި ދަރިފުޅު ބަލަން ހަވާލު ކުރީމާ ނިމުނީއެވެ.ޓޮމް އެންޑް ޖެރީ،ބެންޓެން ފަދަ ނަންކިޔަން ނޭނގޭހައި ވިޔާނުދާ ކާޓޫނު ބަލައިގެން އެއިން ފެންނަ ގޮތަށް ކުއްޖާ ކަރާޓީ ތަޅަން ފެށީމަ، ރުޅިއަންނަނީ ދަރިފުޅު ދެކެއެވެ.ރުޅި އައިސްގެން ދަރިފުޅަށް އަނިޔާ ކުރާއިރު އެއީ ތިބާގެ ކުށް ކަމުގައި އިޙުސާސް ނުވަނީ ހެއްޔެވެ؟ ދަރިފުޅަށް ފާޑު ފާޑުގެ ލޯބީގެ ލަވަތަށް ދައްކައި ލަވަޔާއި މިއުޒިކާ ދޭތެރޭ ދަރިފުޅުގެ ހިތުގައި ލޯބި ޖައްސާއިރު ތިބާއަށް އެއީ ޙަރާމް ކަމެއްކަން އެނގިފައި ނުވަނީ ހެއްޔެވެ.؟ އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ލަވަޔާއި މިއުޒިކަކީ ޙަރާމް ތަކެތިކަން ތިބާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެކަމަކު ތިބާގެ ޢަމަލުތަށް ހަތް އުޑުގެ މަތިން ގަދަ ކީރިތި ވަންތަ الله ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވާކަން ތިބާ ހަނދުމަނެތުނީއެވެ. ދެން އޮންނާނީ ޑްރާމާ ބެލުމުގެ ގަޑިތަކެވެ. ޓީވީ އިން ދައްކާ ފާޑު ފާޑުގެ ޑްރާމާ ބަލަން ސޮނިވެއްޓިފައި އިންނައިރު ނަމާދު ވަގުތު ފާއިތުވެދާއިރުދެސް ތިބާއަށް ރެޔަކާނުލައެވެ. ދަރިފުޅަށް ތިޔަ ދައްކައި ދެނީ ކޮންފަދަ ނުބައި ނަމޫނާ އެއް ހެއްޔެވެ؟

ހިތާމަހުއްޓެވެ! މި ލޮބުވެތި ވަޠަންގެ މައިންގެ ޙާލަތައިމެދު އަޅުގަނޑު ހިތާމަ ކުރަމެވެ.ކަރުނައަޅައި ރޮމެވެ.ސަބަބެއް ނެތިއެއް ނޫނެވެ.ދަރިން ތަރުބިއްޔަތު ކުރުމުގެ މައިދާނުގައި ތިބާ ވަނީ ފެއިލް ވެފައެވެ. ދަރިން ނަށް އިސްލާމީ ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ތިބާ ވަނީ ނުކުޅެދިފައެވެ.ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ތިބާ ތަޢުބާވުމަށް އަޅުގަނޑު ނަޞޭހަތްތެރިވަމެވެ. ތިބާއަށް ހެޔޮއެދޭ މުސްލިމް އުޚްތެއްގެ ހައިޞިއްޔަތުންނެވެ. ވަގުތު ފާއިތު ނުވަނީސް ތަޢުބާ ވުމަށް އަވަސްވެ ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން الله ސުބުޙާނަހޫ ވަތަޢާލާއީ ތަޢުބާވާ އަޅުންގެ ފާފަތަށް ފުއްސަވާ ދެއްވާ ތަޢުބާވާ އަޅުންދެކެ ލޯބިވެ ވޮޑި ގަންނަވާ ދީލަތިވަންތަ އިލާހެވެ. މިއަދުން ފެށިގެން ތިބާގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް މަސައްކަތް ފަށާށެވެ. އަދި ތިބާގެ ލޯބި ވެތި ދަރިންނަށް އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ޢަޒުމް ކަނޑައަޅާށެވެ. އަދި މި ޢަޒުމްގެ މަތީގައި ހިތްވަރާއެކު ތިބާ ސާބިތުވެ ހުންނާށެވެ. މިކަމުގެ ސަބަބުން މާދަމާ ތިބާ އުފާކުރާނެއެވެ.ތިބާ މަރުވުމަށްފަހު އެދަރިފުޅު ކުރާ ހެޔޮ ދުޢާގެ ސަބަބުން ތިބާގެ ހެޔޮ ޢަމަލުގެ ފަތް ބަރުވެ ތިބާ ސުވަރުގެއަށް ވައްދަވަން الله ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރަށްވާ ދުވަހު ތިބާ އުފަލެއް ނުވާނެ ހެއްޔެވެ؟ ޝައްކެއްނެތެވެ. އެދުވަހުން ތިބާ އުފާ ކުރާނެކަން ޔަގީނެވެ. الله ސުބުޙާނަހޫ ވަތަޢާލާ މި މުޖުތަމަޢުގެ އަންހެން ބޭކަނބަލުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އަދި އެކަނބަލުންނީ ހެޔޮބަސް އަޑުއަހާ ހެޔޮ ބަހާ އެއްގޮތަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށި އެވެ! އާމީން!

އިތުރަށް ވިދާޅުވޭ...

9.20.2011

ޞާލިޙް އަންބެއްގެ މާތްކަމާއި މަތިވެރިކަން

އަލްއުޚްތު ނިއުމާ ހާރޫން
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ ) رواه مسلم - 1467 -
ޢަބްދު ﷲ ބިން ޢަމްރު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ﷲގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

"ދުނިޔޭގެ ހުރިހާ ތަކެއްޗަކީ އިންސާނާގެ ބޭނުމަށްޓަކާ ﷲ ލައްވަވާފައިވާ ތަކެއްޗެވެ. އަދި އެހުރިހާ ތަކެތީގެ ތެރެއިން އެންމެ ހެޔޮ އެއްޗަކީ ޞާލިޙު އަންބެކެވެ."
عن سعد بن أبي وقاص رضي الله عنه أن النبي صلى الله عليه وسلم قال : ( أَرْبَعٌ مِنَ السَّعَادَةِ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الوَاسِعُ ، وَالْجَارُ الصَّالِحُ ، وَالْمَرْكَبُ الْهَنِيء . وَأَرْبَعٌ مِنَ الشَّقَاءِ : الْمَرْأَةُ السُّوءُ ، وَالْجَارُ السُّوءُ ، وَالْمَرْكَبُ السُّوءُ ، وَالْمَسْكَنُ الضَيِّقُ ) والحديث صححه الألباني في صحيح الجامع برقم -887-

ސަޢުދު ބިން އަބީވައްޤާޞް ރަޟިޔަ ﷲޢަންހު ވިދާޅުވިއެވެ. ﷲގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަތަރު ކަމެއް ބާއްޖަވެރި ކަމުގެ ތެރެއިން ވެއެވެ. ޞާލިޙު އަންބެކެވެ. ތަނަވަސް ވެގެންވާ ގެދޮރެވެ. ހެޔޮލަފާ އަވައްޓެރިއެކެވެ. އަދި ހިތް ހަމަ ޖެހޭ ސަވާރީއެކެވެ. އަދި ހަތަރު އެއްޗެއް އަބާއްޖަވެރިކަމުގެ ތެރެއިން ވެއެވެ. ނުބައި އަތްބެކެވެ. ނުބައި އަވަށްޓެރިއެކެވެ. އުނދަގޫ ސަވާރީއެކެވެ. އަދި ތަންދަތި، އުނދަގޫ ގެދޮރެވެ."

ޘައުބާން ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ."ރަނާއި ރިއްސާއި ބެހޭގޮތުން ވަޙީބާވާލެއްވުނު ހިނދު (ތައުބާސޫރަތުގެ 34 ވަނަ އާޔަތް) އެބައިމީހުން ބުންޏެވެ. ’އަހަރުމެން ހޯދަންވީ ދެން ކޮންކަހަލަ މުދަލެއް ހެއްޔެވެ؟’ އެހިނދު ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ’އަހަރެން ތިކަން ކަލޭމެންނަށް ބަލައިދޭނަމެވެ. މިހެން ވިދާޅުވެފައި އެކަލޭގެފާނުގެ ޖަމަލުމައްޗަށް ސަވާރުވެ ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް ވަޑައިގަތެވެ. އަދި ތިމަން ކަލޭގެފާނުވެސް ޢުމަރުގެފާނުގެ ފަހަތްޕުޅުން ވަޑައިގަތީމެވެ. ދެން ޢުމަރުގެފާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވިދާޅުވިއެވެ. ’އޭﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އަޅުގަނޑުމެން ހޯދަންވީ ކޮންކަހަލަ މުދަލެއްތޯއެވެ.’ދެން ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ’ތިޔަބައިމީހުން ޝުކުރުވެރި ހިތެއް ހޯދާށެވެ. ﷲގެ އިސްމުފުޅު ޛިކުރުކުރާދުލެއް ހޯދާށެވެ. އަދި މުއުމިނު އަތްބެއް ހޯދާށެވެ. އެއަތްބަކީ ތިޔަބައިމީހުންނަށް އާޚިރަތް ކާމިޔާބު ކުރުމުގައި އެހީތެރި ވެދެވޭފަދަ މީހެކެވެ."(ތިރްމިޛީ 3094، އިބްނު މާޖާ 1856، އަޙްމަދު 5/282)

ޞާލިޙު އަންބަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ފަދައިން ފެށުނީއްސުރެ ޞާލިޙު މީހަކަށް ވާން ޖެހެއެވެ.
عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال : ( تُنكَحُ المرأةُ لأربَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَجَمَالِهَا ، وَلِدِينِهَا ، فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ ) رواه البخاري (4802) ومسلم (1466)
އަބޫހުރައިރާ ރަޟިޔަﷲޢަންހު ރިވާކުރެއްވި ފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަންހެނާއާއި ކައިވެނި ކުރެވެނީ ހަތަރު ސަބަބަކަށް ޓަކައެވެ. އޭނާގެ ފައިސާވެރިކަމާއި ނަސަބުވެރިކަމާއި ރީތިކަމާއި ދީންވެރިކަމަށްޓަކައެވެ.ފަހެ ދީންވެރި އަންހެނާއާއި ކައިވެނި ކުރުމުންކާމިޔާބު ލިބިގަންނާށެވެ."

އަލްޙާފިޘް އިބުނު ޙަޖަރު އިސްވެ ދެންނެވުނު ޙަދީޘާއިމެދު ވިދާޅުވިއެވެ. "އޭގެ މާނައަކީ މީހަކަށް ކަމުދާ ސިފައަކަށް ދީނީ ހަމައަކުން ބަލާނަމަ އެއީ ރިވެތި ސުލޫކެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ޚާއްޞަކޮށް ތިމާގެ ޙަޔާތާއިގުޅިގެންދާ ކަންކަމުގައި ބެލުމުގެ މުހިންމުކަން އަންގައިދީފައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ދިރިއުޅުމަށް ދީންވެރި އަންހެނަކު އިޚުތިޔާރު ކުރުމަށް އަމުރު ކުރައްވާފައިވަނީ އެސަބަބަށްޓަކައެވެ. އެހެނީ ތިމާގެ މުޅި ޙަޔާތުގެ މަޤުޞަދަކީ ދީންވެރި އަދި ހެޔޮލަފާ ދިރިއުޅުމެއް މިދުނިޔޭގައި ހޭދަ ކުރުންކަމުގައި ވާތީއެވެ."

އިތުރަށް ވިދާޅުވޭ...

9.13.2011

ފިރިމީހާގެ ރުހުން ހޯދުމުގައި ކާމިޔާބުވުމަށް ބޭނުންވާ ނުގުތާތައް

އަލްއުޚްތު ނިއުމާ ހާރޫން
* ރުހުމާއި ނުރުހުމުގައި އަބަދުވެސް ހިނިތުން މޫނަކާއެކު ފިރިމީހާއާ ބައްދަލުކުރުން

* ފިރިމީހާގެ ކުރިމަތީގައި ބާރުއަޑުން، އޭނާގެ ހިތުގައި ޖެހޭ ގޮތަށް ވާހަކަ ނުދެއްކުން

* ކިތަންމެބޮޑު ނުރުހުމެއްގައިވެސް ކުނި މޫނު ނުދެއްކުން

* ފިރިމީހާ ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ވަގުތެއްގައިވެސް އޭނާ ހިތް އުފާވާ ގޮތަށް އިސްތިގުބާލުކުރުން

* ތިމާގެ ޒާތީ ބޭނުންތަކުގައި ގިނަގިނައިން ކިޔާ ނުހެދުން

* ގެއަށް ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމުގައިވެސް، ފިރިމީހާގެ މޫޑް ބަލައިގެން، އެކަމެއް އޭނާ ހިތް އުފާވާ ގޮތަށް ހުށަހެޅުން

* ފިރިމީހާގެ ހިމޭންކަމަކީ ތިމާކަން ދަނެ އަބަދުވެސް އޭނާ ހިތްހަމަޖައްސައި ދިނުމަށް އިސްކަންދިނުން

* ފިރިމީހަ ގެއިން ބޭރަށް ދާންވުމުން އިންތިޒާމުތަށް ފުތިހަމަކޮށް އުފަލާއެކު ވަދާޢުކުރުން

* ކެއިން ބުއިމުގައި ފިރިމީހާގެ ހިތްއެދޭގޮތާއިމެދު ޚިޔާލު ބަހައްޓައި އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން

* ފިރިމީހާގެ އިޒުނައާއި ނުލާ ގެއިން ބޭރަށް އެއްވެސް ތަނަކަށް ނުދިޔުން.އަދި އަމުދުން އެކަހެރީން އެއްވެސް ޙާލެއްގައި ބޭރަށްނުދިޔުން

* ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ ،ތިމާގެވެސް މައިންބަފައިން ކަމުގައްޔާއި އަދި ގާތްތިމާގެ މީހުން ކަމުގައި ދެކި އެމީހުންނާ މެދު ފިރިމީހާގެ އެދުމާ އެއްގޮތަށް މުއާމަލާތުކުރުން

* ގޭގެ ކަންތައްތައް އިންތިޒާމުކުރުމުގައި ފިރިމީހާގެ ރުހުމާއި އެދުމާ އެއްގޮތަށް ކަންތަށް ކުރުން

* ފިރިމީހާގެ އަބުރަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ބަހުން ނުވަތަ ޢަމަލުން ވިޔަސް ނުކުރުން

* މެހެމާނުންނަށް ކަމޭހިތުމުގައި ފިރިމީހާގެރުހުމަށް ބަލައިގެން ކަންތައްތައް ކުރުން

* ތިމާގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ވެއްޖެކަން އެނގުމާއެކު ފިރިމީހާ ކިބައިން މާފަށް އެދުން.އަދި އޭނާ ރުއްސުމަށް ފަރުވާތެރިވުން

* ތިމާ ހިތްހަމަ ނުޖެހޭ ކަމެއް ތިމާގެ ކިބައިން ވެއްޖެނަމަ،އެކަން ފިރިމީހާއަށް އެންގުމުގައި ދަނޑިވަޅު ބަލައިގެން އޭނާގެ ހިތުގައި ނުޖެހޭ ގޮތަށް އެކަން އެންގުން

* ފިރިމީހާ ހިތާމަވެރިވެ ނުވަތަ މޮޅިވެރިވެ އުޅޭތަން ފެނުމުން އޭނާގެ ހިތްހަމަޖައްސައިދިނުމަށް ވެވެން އޮތްހާ މަސައްކަތެއް ކުރުން

* ބައްޔެއް ވެއްޖެނަމަ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ ބައްޔަށް ފަރުވާ ދިނުމުގައި ސަމާލުވުން.

އިސްވެ ބަޔާންވެދިޔަ ނުގުތާ ތަކާމެދު ޚިޔާލު ބަހައްޓައިގެން ދިރިއުޅުން ވޭތުކުރާ އަންހެނެއްގެ ދެ ޙަޔާތް ބާއްޖަވެރިވާނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.އަންހެނަކަށް ސުވަރުގެއިން ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޙޫރުލްޢީނުންނާއެކު ސުވަރުގޭގައި ފިރިއެއްގެ އުފަލާއި އަރާމުކަމުގައިވުންކަން ހަނދާންކޮށް، މި ޙަޔާތުގެ ދުވަސްތަށް ފިރިމީހާގެ ރުހުން ހޯދުމުގެ މަސައްކަތުގައި ހޭދަކުރުމީ އަންހެނެއްގެ ޙަޔާތުގެ އެންމެ މޮޅު ކާމިޔާބީއެވެ. އަދި މި ރޮނގުން ކުރިޔަށް ދިޔުމީ އަންހެނުންގެ ތަރައްގީވެސް މެއެވެ

الله ޞުބުޙާނަހޫ ވަތަޢާލާ އެންމެހާ މުސްލިމް އުޚްތުންނަށް ދެ ޙަޔާތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ! އާމީން!

މަޢުލޫމާތުނެގިފައިވާ ފޮތް :ތުޙުފަތުއްޠާލިބާތި
____________________________
ދިއިސްލާމް އިން ނަގާފައިވާ ލިޔުމެއް

އިތުރަށް ވިދާޅުވޭ...