Showing posts with label އަލްއަޚް އާސް ޢަބްދުﷲ. Show all posts
Showing posts with label އަލްއަޚް އާސް ޢަބްދުﷲ. Show all posts

7.03.2011

ފުރާވަރު

އަލްއަޚް އާސް ޢަބްދުﷲ
ފުރާވަރު އުމުރަކީ ކުދިންގެ އުޅުމަށް އިންޤިލާބެއް ގެނުވާ އުނދަގޫ ދުވަސްވަރެކެވެ. ވުމާއެކު ބެލެނިވެރިން އެމީހުންގެ ދަރިންނަށް ފުރާވަރު އުމުރުގައި ޚާއްޞަ ސަމާލުކަމެއް ދިނުން މުހިއްމެވެ. މި އުމުރުގައި ކުދީންގެ އުޅުމަށް ޙާއްޞަ ސަމާލުކަމެއް ނުދެވިއްޖެނަމަ، ކުއްޖާގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އައިސް ގޯޅި އެޅުން އޮންނާނީ ދާދި ގާތުގައެވެ.

ފުރާވަރު އުމުރުގެ ކުދިން، ބެލެނިވެރިންނާއި، ދަރިފުޅާއިދެމެދު، ބަދަހި އިތުބާރު ހިފޭ ގުޅުމެއް ޤާއިމް ކުރެވިފައިވާނަމަ ފުރާވަރު އުމުރުގައި ކުއްޖާ މަގުގެއްލިގެން ދިއުން ދުރެވެ. އަދި ބެލެނިވެރިންނާއި ދަރިންނާއި ދެމެދު މި ދެންނެވި ފަދަ ގުޅުމެއް ޤާއިމްކުރެވިފައިވާނަމަ ފުރާވަރު އުމުރުގައި ކުދީންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ބޮޑު ބާރަކަށް މިކަން ވެގެންވެދާނެއެވެ.

މި އުމުރުގެ ގިނަ ކުދިންނަށް އިޙްސާސްކުރެވޭ ގޮތުގައި ފުރާވަރު އުމުރުގައި އެކުދީންނަށް ކުރިމަތިވާ ގިނަކަންތައްތައް ބެލެނިވެރިންނަށް ވަޒަންނުކުރެވެއެވެ. މީގެ ސަބަބުން ބެލެނިވެރިންނާއި ދަރީންނާއި ދެމެދު އޮންނަންވާ ގުޅުމަށް ބުރޫއަރައެވެ. ވުމާއިއެކު މި އުމުރުގައި ކުދިންގެ އިޙްސާސްތައް ދެނެގަނެ އެކުދީންނާއި ބަދަހި ގުޅުމެއް ބޭވުން މުހިއްމެވެ.
ހަމައެކަނި ބެލެނިވެރިއަކަށް ނުވާށެވެ. ރަޙުމަތްތެރިއަކަށް ވެސް ވާށެވެ:

ފުރާވަރު ކުދިންނާއި މުޢާމަލާތް ކުރާއިރު ބެލެނިވެރިންނަކީ ކުދިންގެ ރަޙްމަތްތެރިއެއް ކަމަށް އިޙްސާސްވާ ގޮތަށް މުޢާމަލާތް ކުރުން މުހިއްމެވެ. ކުއްޖާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ ހިތްވަރު ދިނުން މުހިއްމެވެ. މީގެ އިތުރުން ކުއްޖާގެ ޝަޙްޞިއްޔަތު ބިނާކުރުމުގައި އެހީތެރިވެދެއެވެ. ފުރާވަރު އުމުރުގެ ކުދިންނާއި މުޢާމަލާތު ކުރާއިރު ބޮޑެތި މީހުންނާ މުޢާމަލާތު ކުރާގޮތަށް މުޢާމަލާތު ކުރުން މުހިއްމެވެ. މީގެ މާނައަކީ ޢާއިލާގެ އެކި ޙަރަކާތް ތަކުގައި ދަރިފުޅު ބައިވެރިކުރުމާއި ކަންކަމުގައި ދަރިފުޅުގެ ޙިޔާލާއި މަޝްވަރާ ހޯދުމެވެ.

ދަރިންގެ އަޑު އަހާށެވެ:
މީގެ މާނައަކީ ހަމައެކަނި އަޑު އެހުމެއް ނޫނެވެ. އަޑު އަހާ ދެނެގަތުމެވެ. ދަރިންގެ ވާހަކަ އަޑުއަހާ، ދެނެގަނެ، ވިސްނުމުން ކުއްޖާގެ ފިކުރުތަކާއި އަމާޒުތައް ދެނެގަނެވި، މިކަންކަމާއި އެހީތެރިވުމަށް ފަސޭހަވެގެންދާނެއެވެ. އަދި ދަރީންގެ ވާހަކަ އަޑުއެހުމުގެ ސަބަބުން ބެލެނިވެރިންނާއި ދަރީންނާއި ދެމެދު ވާގުޅުން ބަދަހިވެ އިތުބާރު އުފެދި ކުދިންނަށް ދިމާވާ ކަންކަމުގައި ގޮތް ނޭނގޭ މީހުންގެ ފަރާތުން މަޝްވަރާ ހޯދުމުގެ ބަދަލުގައި ބެލެނިވެރިންނާ މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިނިވަންކަމަކީ ޙަޤީޤީ ގޮންޖެހުމެކެވެ:
ތިބާއާއި ތިބާގެ ދަރިފުޅާއި ދެމެދު އާދައިގެ ހަމަޖެހޭ ގުޅުމެއް ބިނާކުރާށެވެ. ދަރިފުޅުގެ އަޑު އަހާށެވެ. ދަރިފުޅުގެ ޚިޔާލު ފާޅުކުރުމަށް ޖާގަ ދޭށޭވެ. އެ ޚިޔާލަށް އިޙްތިރާމް ކުރާށެވެ. ނަމަވެސް ފަހުބަސް ބުނަންވާނީ ތިބާއެވެ. ކުއްޖާއަށް އިޙްތިރާމް ކުރިވަރަކަށް ކުއްޖާ ތިބާޔަށް އިޙްތިރާމް ކުރާނެއެވެ. ތިބާގެ ޚިޔާލާއި އެއްގޮތް ނުވި ނަމަވެސް ދަރިފުޅުގެ ޚިޔާލަށް ފުރްޞަތު ދޭށޭވެ. ނަމަ ނަމަ ދަރިފުޅު ވިސްނާގޮތަށް، އެނާގެ ތަބީޢަތަށް ނުވަތަ އޭނާގެ މިޒާޖަށް ފާޑު ނުކިޔާށެވެ. މީގެ ސަބަބުން ބެލެނިވެރިއާއާއި ފުރާވަރު އުމުރު ކުއްޖާއާއި ދެމެދު އުފެދިގެން ނުވާނޭ ފަދާ ދުރުކަމެއް އުފެދިދާނެއެވެ.

ރަނގަޅު މިޘާލު ދައްކާށެވެ:
ފުރާވަރު އުމުރުގެ ކުދިން އަބަދުވެސް އެހެން މީހަކު ކޮޕީ ކުރުން ގާތެވެ. ވުމާއެކު ބެލެނިވެރިން ވާންވާނީ ކުދިންނަށް ވަރަށް ރަނގަޅު ނަމޫނާއަކަށެވެ. ސަބަބަކީ ކުއްޖާގެ މިޒާޖާއި އުޅުން ބައްޓަން ވުމުގައި ބެލެނިވެރިން ދައްކާ ނަމޫނާ، މުހިއްމު ދައުރެއް އަދާކުރާތީއެވެ. އަދި ދަރީންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ ސިޔަރަތު އުނގަންނައިދީ ކިޔައިދިނުން މުހިއްމެވެ. އެހެނީ ދަރިފުޅު ރެސްލިން ތަޅާ މިހެއްގެ ޕްރޮފައިލް ހޯދާ އޭނާއަށް ސަޕޯޓް ކުރާނަމަ ކުއްޖާއަށް ކޮޕީ ކުރެވެން އުޅޭނީ އޭނާގެ ގޮތެވެ.

ރަނގަޅު ރަޙުމަތްތެރިއެއް ހޯދާދޭށެވެ:
ފުރާވަރު އުމުރުގެ ކުދިން ބައެއް ޙާލަތްތަކުގައި އެކުދިންގެ ރަޙްމަތްތެރިން، ދައްކާ ވާހަކަ، ބެލެނިވެރިން ދައްކާ ވާހަކައަށް ވުރެ ފަސޭހައިން ޤަބޫލުކުރެވެއެވެ. ވުމާއެކު ކުއްޖާއަށް ރަނގަޅު ރަޙްމަތްތެރިއެއް ހޯދައިދީ މިފަދަ ރަޙްމަތްތެރިންނާއިއެކު އުޅުމަށް ބާރު އަޅާށެވެ.

ހެޔޮލަފާ ކަންކަމުގައި މަޝްޣޫލު ކުރުވާށެވެ:
ފުރާވަރު އުމުރުގެ ކުއްޖާގެ ދިރިއުޅުން، ރަނގަޅު ހެޔޮލަފާ ކަންކަން ކުރުމުން ފުރިފައިވާނަމަ ނުރަނގަޅު ކަންތައްތަކާއި މަޝްޣޫލުވެގެން އުޅުމަށް ވަގުތެއް ނޯންނާނެއެވެ. މިޘާލެއްގެ ގޮތުން ކުއްޖާއަށް ލިބޭ ހުސްވަގުތު ތަކުގައި ކޮންމެވެސް ރަނގަޅު ފޮތެއް ކިއުމަށް ބާރުއެޅިދާނެއެވެ. އަދި ޢާއިލާގެ ކަންތަކުގައި ފުރާވަރު އުމުރުގެ ކުދީންގެ ބައިވެރިވުން އިތުރުކޮށް އޭނާގެ ޚިޔާލާއި މަޝްވަރާ ހޯދާށެވެ.

ފުރާވަރު އުމުރަކީ އެއްގޮތަކުން ބަލާއިރު ދަރިފުޅުގެ ދިރިއުޅުން ވަކިގޮތަކަށް ބައްޓަންވެގެންދާ އުމުރެކެވެ. މި އުމުރުގައި ކުއްޖާއަށް ރަނގަޅު މިސާލު ދައްކާ، ކުއްޖާއަށް ދިމާވާ ކަންތަކުގައި ބެލެނިވެރިން ކުއްޖާއާއި އެކު ހިއްސާކޮށް މަޝްވަރާއާއި ލަފާދީ ހެޔޮ ތަރުބިއްޔަތު ދެވިއްޖެނަމަ ދަރިން ބޮޑެތިވެގެން މަގު އޮޅިގެން ދިއުން ނުހަނު ދުރެވެ. މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން ފެންނަމުން މިދަނީ ފުރާވަރުގެ އުމުރުގައި ދަރިންނާއި މެދު އިހުމާލުވުމުގެ ހިތި ނަތީޖާއެވެ.
..........
މަޞްދަރު: ދަރުމަ މަޖައްލާ

އިތުރަށް ވިދާޅުވޭ...

1.22.2011

ދަރިން ތަރުބިއްޔަތުކުރުމުގައި ފަރުވާކުޑަ ނުކުރައްވާ

އަލްއަޚް އާސް ޢަބްދުﷲ
ފާޠިމަތު، އޭނާގެ 4 އަހަރުގެ ދަރިފުޅު ޢަލީ ކުޅެނިކޮށް ވެއްޓި ބޯފަޅައިގެންދިޔަ ވާހަކަ ހެމުން ކިޔައިދިނެވެ. އޭނާ ހިނިއައީ އެވާހަކަ މަޖާވީމައެއް ނޫނެވެ. ޢަލީގެ ބޯފަޅައިގެންގޮސް ރޯންހުއްޓާ އޭނާގެ ދެއަހަރުގެ ކޮއްކޮ އަޙްމަދު، އޭނާއަށް ފެންތައްޓަކާއި ވާހަކަފޮތެއް ގެންގޮސްދިނުމުންނެވެ.

"އަހަރެން ހައިރާންވީ އެހާ ކުޑަކުއްޖަކު އެފަދައިން ޚިޔާލުކޮށް އެފަދަ ރަނގަޅުކަމެއް ކުރީމަ" ފާޠިމަތު ކިޔައިދިނެވެ. "އޭނާ، ޢަލީ އަށް ހަމްދަރްދީވެ އެހީވުމުގެ ގޮތުން އެކުރީ ވަރަށް ރަނގަޅު ކަމެއް."

މައިން އެމީހުންގެ ދަރިންނާމެދު ހާހުން ހުވަފެންތައް ދެކެއެވެ. ނަމަވެސް ހުރިހާ މައިންގެވެސް އެންމެބޮޑު އެދުމަކީ އެމީހުންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. ހެވާއި ނުބައި އެނގޭ، އަޚްލާޤާއި ސުލޫކުހެޔޮ ދަރިއަކަށްވުމެވެ. ވުމާއެކު ރަނގަޅު ތަރުބިއްޔަތެއްގެ މުހިއްމުކަން ބޮޑެވެ. "ދަރިފުޅަކީ އަޚްލާޤު ރަނގަޅު ކުއްޖަކަށްވާން ބޭނުންނަމަ ތިމާއަކީވެސް އަޚްލާޤު ރަނގަޅު މީހަކަށްވުން މުހިއްމު" ސައިކޮލޮޖިސްޓް ޑޭވިޑް އެލްކިންޑް ބުންޏެވެ.

އަދުގެ ބަދަލުވަމުންދާ ދުނިޔޭގައި ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުން ވެފައިވަނީ އުނދަގޫ މައްސަލައަކަށެވެ. ރަނގަޅު ނަމޫނާއެއް ދައްކާލާނެ މީހަކު ޢަމުދުންނެތި ކުށްތައް ޢާއްމުވެފައި ވުމާއެކުވެސް މެއެވެ. ނަމަވެސް މިއީ މިކަމުގެ މުހިއްމުކަން ކުޑަވާންވީ ސަބަބެއް ނޫނެވެ. ރަނގަޅު އަޚްލާޤަކާއި ތަރުބިއްޔަތަކީ އެއްދުވަހުން ދަސްވާނޭ ކަންކަމެއް ނޫނެވެ. މިކަންކަމަށް ވަގުތު ނަގާނެއެވެ.

ކުޑައިރުއްސުރެ ދަރިންނަށް ރަނގަޅު އަޚްލާޤެއް ދަސްކޮށްދިނުމުގެ ބޭނުންތެރިކަމާމެދު ގިނަ މައިންބަފައިން އަންނަނީ ހޭލުންތެރިވަމުންނެވެ. ޑރ. ބާރބަރ ހޮވާރޑް ވިދާޅުވާގޮތުގައި ޢުމުރުން 1 އަހަރާއި 2 އަހަރާއި ދެމެދުގައި، ކުދިން ރަނގަޅު އާދަތައް ދެނެގަނެއެވެ. ނަމަވެސް މިފަދައިން ޢަމަލުކުރަނީ ބޮޑު މީހަކު ކައިރީގައި ހުންނަނަމައެވެ.

ނަމަވެސް 2 އަހަރަށްފަހު، ބޮޑުމީހަކު ނެތްނަމަ، ރަނގަޅު އާދަތަކާ ކުދިން ދޯހަޅިވެއެވެ. ކުޑަކުދިންނާބެހޭ މާހިރުން އެއްބަސްވާގޮތުގައި ފުރިހަމަ އަޚްލާޤެއްގައި ދަރިން ތަރުބިއްޔަތުކުރުމަށް، ރަނގަޅާއި ނުބައި ވަކިކޮށްދީ އެހެންމީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރަން ދަސްކޮށްދިނުމަކީ ބޭނުންތެރިކަމެކެވެ. އެހެންގޮތަކަށް ބުނާނަމަ، ހިތާއި ސިކުނޑިވެސް މިވެނިކަމަކީ ނުބައިކަމެއްކަން ޤަބޫލުކުރަންވާނެއެވެ. ވިސްނަންޖެހޭ ކަމަކީ ރަނގަޅު އަޚްލާޤަކީ މުލައްދަނޑީގެ ބާރުން ހޯދައިދެވޭނެ އެއްޗެއް ނޫންކަމެވެ. ނަމަވެސް ކުއްޖާ، ފުރިހަމައަށް ތަރުބިއްޔަތުކުރުމަށް މައިންބަފައިންނަށް ތަފާތު އެތައްގޮތަކުން އެހީވެވިދާނެއެވެ.

ދަރިންނަށް މިސާލަކަށް ވާށެވެ.
ތެދުވެރިކަމާއި މަސްއޫލިއްޔަތު އުފުލުންފަދަ ރަނގަޅު އާދަތަކުގެ ތެރެއިން އެންމެ މުހިއްމީ ކޮންކަންކަމެއް ހެއްޔެވެ؟ އަދި ދަރިންގެ ކިބައިން ފެންނަން އެންމެ ބޭނުންވާ ސިފަތަކާމެދު ސަމާލުވެލައްވާށެވެ. "މައިންބަފައިން މުޖުތަމަޢަށް ޚިދްމަތްކުރުމުގައި ކުރިއަށް ދާނަމަ ދަރީންގެ ކިބައގައިވެސް މިއާދަ އަށަގަންނާ ނެވެ." އަދިވެސް، ކުޑަކުދިންނާބެހޭ މާހިރެއްކަމަށްވާ ޖޯސެފް ހަގާން ވިދާޅުވާގޮތުގައި މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ، ދަރިންގެ ކިބައިގައި ވެސް މިއާދަ އަށަގަތުން ވަރަށް ގާތެވެ.

ރަނގަޅު ޢަމަލުތަކަށް ތަޢްރީފު ކުރާށެވެ.
ކުޑަކުދީންގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ކޯރީ ސްކިޑްމޯ ބުނާގޮތުގައި ކުޑަކުދިން ކުރާ ރަނގަޅު ކަންތައް ފާހަގަކޮށް އެކަންކަމަށް ތަޢުރީފު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. "ކުޑަ ކުއްޖާގެ ކޮޓަރި ހަޑިކަމުގެ ވާހަކައިން އަބަދު އޭނާއާއި ދިމާއަށް ހަޅޭއްލެވުމުގެ ބަދަލުގައި އޭނާގެ ރަނގަޅު އާދަތައް ފާހަގަކުރުމާއެކު، ނުރަނގަޅު ކަންތައް އިޞްލާޙު ކުރުމަށް ހިތްވަރުދެވިދާނެއެވެ."

ކުދީންނަށް އެއްޗެއް ބުނެދެވޭކަހަލަ ހާލަތްތަކުގެ ބޭނުން ހިފާށެވެ.
ބަގީޗާ ބަލަހައްޓާ މީހެއްގެ ކުދިންގެ ޢުމުރުން ތިނަހަތަރު އަހަރުގައި، ފިހާރައެއްގެ ކުރިމަތިން އެކުދިންނަށް 10 ޑޮލަރު ފެނުނެވެ. ބަގީޗާ ބަލަހައްޓާ މީހާ އެކުދިންނަށް ފައިސާގެ މުހިއްމުކަމާއި ތެދުވެރިވުމުގެ މާތްކަން ބުނެދިނުމުން އެކުދިން އަމިއްލައަށް އެފައިސާ ގެންގޮސް ފިހާރައިގެ ސޭޓާއި ޙަވާލު ކުރިއެވެ. ހަމަ މިފަދައިން ކުދިންނަށް ކަންކަން ބެނެދިނުމުގައި ޙަޤީޤީ ތެދު ވާހަކަ ބޭނުން ކުރެވިދާނެއެވެ.

ކުދިން ބަލަނީ ކޮންއެއްޗެއްތޯ ބަލާށެވެ.
ކުޑަކުދިންނާމެދު ދޭންވާ އަޅާލުން ކުޑަކުރެވިއްޖެނަމަ އެކުދިން މަގުއޮޅިގެންދިއުން އޮންނާނީ ވަރަށް ގާތުގައެވެ. މިހާރުގެ ގިނަ މައިންބަފައިންނަށް ޤަބޫލު ކުރެވިފައި އޮންނަގޮތުގައި ދަރިން ގެއިން ބޭރުގައި ނޫޅޭނަމަ އެންމެ ރަނގަޅެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ސެޓެލައިޓް ޑިޝް އާއި އިންޓަރނެޓްގެ މިޒަމާނުގައި ގޭގެ ކޮޓަރީގައި ތިބެގެންވެސް ކޮންމެ އެއްޗެއް ބަލާލުމުގެ ފުރުޞަތު އޮތްކަމެވެ. ވުމާއެކު ގޭތެރޭގައި ތިބޭއިރުވެސް ކުދިންގެ ޢަމަލުތައް ގާތުން ބެލުމުގެ މުހިއްމުކަން ބޮޑެވެ. އެހެނީ ތުއްތު ކުއްޖާއަށް، ގޭގެ ސިޓިންގރޫމުގައި ހުންނަ ޓީވީން ފެންނަ ތަޅާފޮޅުމުގެ މަންޒަރުތަކާއި އެހެނިހެންވެސް އެފަދަ މަންޒަރުތަކުގެ ސަބަބުން އެކުދިންގެ ޅަ ސިކުނޑިތައް ތަޣައްޔަރުވެ، އަޚްލާޤީގޮތުން ދަށްފެންވަރެއްގެ ބަޔަކަށް ވެގެންދިއުން އޮންނަނީ ނުހަނު ގާތުގައެވެ.

ދަރިންގެ މަޝްވަރާއާއި ޚިޔާލުވެސް ހޯދާށެވެ.
ކުދިންނަށް ދެވިދާނެ އިންޞާފުވެރި އަދަބަކާއި ބެހޭގޮތުން ބެލެނިވެރިންނަށް ކުދިންނާ މަޝްވަރާ ކުރެވިދާނެއެވެ. (މިސާލަކަށް ޓީވީ ނުބެލުން) އޭރުން ކުދިންނަށް އަމިއްލަނަފްސުގެ އަގު ވަޒަންކުރަން ދަސްވާނެކަމަށް ޕްރޮފެސަރ މާރވިން ބަރކޮވިޓްޒް ވިދާޅުވެއެވެ. ހަމަމިއާއެކު ބައެއްކަހަމަ ނިންމުން ނިންމުމުގައި ކުދިންގެ ބަހަށް ބެލިދާނެއެވެ. (މިސާލަކަށް މެންދުރަށް ކައްކާނީ ކޮންއެއްޗެއްތޯ؟) މިކަންކަމުގެ ސަބަބުން މުސްތަޤްބަލްގައި ނިންމުންތައް ނިންމާ، މަސްއޫލިއްޔަތު ނެގުމުގައި ކުދިންނަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރަން ދަސްކޮށްދޭށެވެ.
ކުއްޖަކު އޭނާގެ ކޮއްކޮގެ ގައިގައި ޖަހައިފިނަމަ، އެކުއްޖާއާއި ދިމާއަށް ހުތުރުބަހުރުވައިން އަޑުލުމުގެ ބަދަލުގައި، ކޮއްކޮއަށް ވާނެ ތަދާއި އެކަމާމެދު ކޮއްކޮ ދެކޭނެގޮތް އެކުއްޖާއަށް ބުނެދެވިދާނެއެވެ. އަދި ކުއްޖަކު އެހެންކުއްޖެއްގެ ކުޅޭއެއްޗެއް ހޯދަން އުޅެގެންފިނަމަ އެކުއްޖާއަށް ވިސްނައިދޭންވީ އޭނާގެ އެންމެ ކަމުދާ ކުޅޭއެތި އެހެންކުއްޖަކު ގެންގޮސްފިނަމަ އޭނާ ދެރަވާނެވަރެވެ. މިގޮތުން ކުދިން ނުރަނގަޅު އާދަތަކާއި ދުރު ކުރެވިދާނެއެވެ.
ޙަޤީޤީ ރަނގަޅު ތަރުބިއްޔަތަކީ ކޮންމެ އިރެއްގައިވެސް ކޮންމެ ތަނެއްގައިވެސް އެކުއްޖާއަކީ އަޚްލާޤު ރަނގަޅު ކުއްޖެއްކަމުގައި ވުމެވެ. މަންމައާއި ބައްޕަ ކައިރީގައި ނެތަސްމެއެވެ.
......................................
މިލިޔުން ނަގާފައިވަނީ ދަރުމަ އޮގަސްޓް 2003

އިތުރަށް ވިދާޅުވޭ...