Showing posts with label އަލްއުޚްތު ބިންތު ޢަލީ. Show all posts
Showing posts with label އަލްއުޚްތު ބިންތު ޢަލީ. Show all posts

12.16.2011

''ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ''

އަލްއުޚްތު ބިންތު ޢަލީ
އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އިސްލާމީ ދިވެހި މުޖްތަމަޢަކީ ފަސާދަ މަދު، ޞާލިޙް ރަނގަޅު މުޖަތަމަޢަކަށް ހެދުމަށްޓަކައި ނަސޭހަތްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަސޭހަތްދިނުމުގެ ހަޤީޤަތަކީ ހެޔޮކަންތައް ތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމެވެ.

މުސްލިމު އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާތަނެއް ކަމުގައި މުސްލިމުން އެއްބަސްވެއެވެ. އަދި އެއީ މުޅި އުއްމަތުގެ އިޖުމާޢެއްވެސް މެއެވެ.

މުސްލިމު އަންހެނުންނަށް އެބައިމީހުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުނުކުރުމަށް އަމުރު ކުރެއްވިފައިވާ އެއް އާޔަތަކީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތެވެ.
މާތް ﷲ ވަހީކުރައްވާފައި ވެއެވެ.
{{وَلا يُبْدِينَ زِينَتَهُنَّ إِلا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ}} النور/31.
މާނައި: "އަދި އެކަނބަލުންގެ ފިރިންނަށް ނުވަތަ ބައްޕަމެނަށް ނުވަތަ ފިރިންގެ ބައްޕަމެނަށް ނުވަތަ ދަރިންނަށް ނުވަތަ ފިރިންގެ ދަރިންނަށް ނުވަތަ (ކައިވެނި ހެޔޮ ނުވާ) އަޚުންނަށް ނުވަތަ (އެފަދަ) އަޚުންގެ ދަރިންނަށް ނުވަތަ (އެފަދަ) އުޚްތުންގެ ދަރިންނަށް ނުވަތަ އެކަނަބަލުންގެ ތެރެއިންވާ އަންހެނުންނަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާށެވެ!"

ވިސްނާލުން ހުރި ތަންކޮޅަކީ ބައެއް އުޙްތުން ވަރަށް ފުރިހަމައަށް ޙިޖާބުވެފައި ވީ ނަމަވެސް ޢައުރަ ނިވާކުރަން ޖެހޭ މީހުންގެ ކުރިމަތީގައި ޢައުރަ ނިވާ ނުކުރާ ކަމެވެ. ޙަޤީޤަތުގައި މިކަމުން ޙިޖާބުވުމުގެ މަޤްސަދު ހާސިލެއް ނުވެއެވެ. ޙިޖާބުވާން ޖެހޭނީ ހަމަ އެކަނި ބޭރަށް ނިކުންނަ އިރަކުއެއްނޫނެވެ. ގޭގައި ވީ ކަމުގައިވިޔަސް ކޮންމެ ތަނެއްގައި ވީ ކަމުގައިވީނަމަވެސް ޢައުރަ ނިވާކުރަންޖެހޭ މީހުންގެކުރިމަތީގައި ނިވާވާންޖެހޭނެއެވެ.

ޙާއްސަގޮތެއްގައި ޅިޔަނުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރެވޭތަން އާދެއެވެ. ''އެއްބަނޑު އެއްބަފާ ބޭބެ'' އެއްގެ ދަރަޖަ ދީ ''ގާތް'' މީހެއްގެ ގޮތުގައި ދެކެވެއެވެ. ގޭތެރޭގައި ޓީޝާޓާއި ސޯޓުފަދަ ކުރު ހެދުން އެބައިމީހުންގެ ކުރިމަތީގައި ލައިގެން ސައިކަލު ފަހަތުގައި ''ތަތް'' ވެފައި އޮންނައިރު ލަދެއް، ހެއްދެވި ފަރާތަށް ބިރެއް ނުގަންނަނީ ބާވައެވެ.

ލޮބުވެތި އުޙްތުންނޭވެ! މިއީ ވިސްނަންވެފައިވާ ވަރަށް މުހިއްމު ކަމެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831) ''
މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ '' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟'' ޙަދީޘްކުރެއްވިއެވެ'' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ''

އަންހެނުންގެ ފިތުނައަކީ އެންމެ ބޮޑު ފިތުނައަށް ވީ ހިނދު ތިމާގެ އަބުރު ރައްކާތެރި ކުރެވެންވޮތް އަށްޑަނައަކީ ތިމާގެ އައުރަ ނިވާކުރުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

އިތުރަށް ވިދާޅުވޭ...

11.04.2011

އަންހެން ދަރީންގެ ބައްޕަ

އަލްއުޚްތު ބިންތު ޢަލީ
މާތް ﷲ ހަމައެކަނި އަންހެން ދަރީން ދެއްވާފައި މީހަކު ވިއެވެ. އޭނާގެ ހަ އަންހެން ދަރީން ތިބެއެވެ. ހަތްވަނަ ކުއްޖަކަށް އޭނާގެ އަނބިމީހާ ބަލިވެ އިނެވެ. އޭނާ ފިިރިހެން ދަރިއެއް ބޭނުން ވެފައިވާލެއް ބޮޑު ކަމުން ހިތަށް އެރިއެވެ. މިފަހަރު ފިރިހެން ކުއްޖެއް ނުލިބިއްޖެނަމަ އަނބިމީހާ ވަރިކުރާނަމެވެ. ދެން އެރޭ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ޤިޔާމަތް ވެގެން އުޅޭ ފަދައަކުން ފެނުނެވެ. ނަމަވެސް އޭނާ ގޮވައިގެން ނަރަކައިގެ ކޮންމެ ދޮރަކާއި ދިމާލަށް ދެވޭއިރު އެދޮރު ބައްދައިގެން އޭނާގެ އަންހެން ދަރިއަކު ހުރެއެވެ. އެގޮތަށް ނަރަކައިގެ ހަދޮރާއި ހަމައަށް ގެންދެވުނެވެ. ކޮންމެ ދޮރެއް ކައިރީގައިވެސް އެދޮރު ބެއްދުމަށްއޭނާގެ އަންހެންް ދަރިއަކު ހުރެއެވެ. ދެން އޭނާ އަށް ހޭލެވިއްޖެއެވެ.
(ނަރަކަ އަކީ ހަތް ދޮރު ވާތަނެެއް ކަމުގައި ކީރިތި ޤުރްއާނުގައި ސާބިތު ވެފައިވެއެވެ.) އެހެންކަމުން އޭނާ އަށް ކުރެވުނު ގަޞްތުގެ ނުބައިކަން ވިސްނި، ތައުބާވިއެވެ. އަދި ހަތްވަނައަށްވެސް އަންހެން ކުއްޖަކު ދެއްވުމަށް ދުޢާ ކުރިއެވެ.

އިތުރަށް ވިދާޅުވޭ...

9.23.2011

ކޮންމެ މުސްލިމް އުޙްތެއްގެ ޙައްޤެއް

އަލްއުޚްތު ބިންތު ޢަލީ
މުޖްތަމައެއްގައި އަންހެނުންނަކީ އެމުޖްތަމައެއްގެ ޝަރަފާއި ޢިއްޒަތެވެ. މަޖްދާއި ކަރާމާތެވެ. އެކަނބަލުންގެ ކާމިޔާބީއަކީ މުޅި މުޖްތަމައުގެ ކާމިޔާބީއެވެ. އެކަނބަލުންގެ ކުރިއެރުމަކީ މުޖްތަމަޢުގެ ކުރިއެރުމެވެ. އެކަނބަލުންގެ ބުރުސޫރައާއި ހަށިގަނޑުގެ ބައްޓަން އިޝްތިހާރުކޮށް ފިރިހެނުންގެ ތެރޭގައި ނީލަން ކިޔުމަކީ ފަހަރެއްގައިވެސް ކުރިއެރުން ކަމުގައި ދެކިގެން ނުވާނެއެވެ. އެއީ އެކަނބަލުންގެ ކަރާމާތް ވެއްޔާއި މޮޑެލުމެވެ. ޢިއްޒަތާއި ކުޅުމެވެ.

މުސްލިމް އަންހެނުން މުޅި ހަށިގަނޑު ނިވާކޮށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއެކުގައި ތިބުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވާފައިވެއެވެ. އަދި މިއަދު ﷲގެ ރަހުމަތުން އަޅުގަނޑުމެންގެ ގައުމުގައި ވަރަށް ގިނަ އުޙުތުން އިސްލާމީ މިންގަނޑާ އެއްގޮތަށް ފޭރާން އަޅުއްވަމުން ގެންދަވާކަން އުފަލާއެކު ފާހަގަކުރަމެވެ. ނަމަވެސް ހިތާމައަކީ މިފަދަ އުޚްތުން މުޖްތަމައުން ބާކީ ކުރެވިފައިވުމެވެ. ކީއްވެގެން ކަމަށްތޯއެވެ؟ އިސްލާމީ ޖިލްބާބުން ޙިޖާބުވެފައި ވީކަމަށްޓަކައެވެ.

މިއަދުގެ މުޖްތަމަޢުގައި މިފަދަ އުޙްތަކަށް ކިޔެވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އިސްލާމީ ގިއުގަނޑުގެ ތެރޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ހައިރާންވާންޖެހޭ ތަންކޮޅަކީ ނިވާކަންކުޑަ ހެދުން ލާ މީހުންނަށް މިފަދަ ފުރުޞަތުތައްހުޅުވާލެވިފައިވުމެވެ. މީހަކު ލާ ހެދުމެއްގެ ސަބަބުން އެމީހާ ޙައްޤުތަކަކުން މަޙްރޫމްކުރުމަކީ ކިހާ ބޮޑު ބޭ އިންސާފެއްތޯއެވެ؟

ސަރުކާރުގެ އިދާރާތަކުގައްޔާއި މުއައްސަސާތަކުގައި އަދި އެއްވެސް އޮފީހެއްގައި މިކަމަށް ހުރަސްއެޅިފައި އޮވެގެން ނުވާނެއެވެ. ޚާއްސަ ގޮތެއްގައި އެޑިއުކޭޝަން މިނިސްޓްރީންނާއި ދީނީ މުއައްސަސާތަކުން މިކަމާއިމެދު ވިސްނާ ވަޑައިގަތުމަކީ މުހިއްމު ކަމެކެވެ.

މުސްލިމުންނަށް އެބައިމީހުންގެ ދީނަށް އުޅުމުގެ ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ކަމާބެހޭ ފަރާތުން ދެއްވުމަކީ އެބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެކެވެ.

ދީނުގެ މިފަދަ ބޮޑެތި ޙުކުމްތަކަށް ޢަމަލުކުރުމުގެ މަގު ބަންދުކޮށްފައި އޮތުމަކީ ބަންދުކުރާ ބަޔަކަށް ނުވަތަ އެދޮރު ބަންދުކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެދުނިޔޭގައި ލަޢުނަތްލައްވާނެ ކަމެކެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި އެކަލާނގެ މަގަށް ތަބަޢަވުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އާމީން.

އިތުރަށް ވިދާޅުވޭ...