Showing posts with label އަލްއުޚްތު ޚަދީޖާ ރީނާ. Show all posts
Showing posts with label އަލްއުޚްތު ޚަދީޖާ ރީނާ. Show all posts

4.17.2010

ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަ ޖެހުމަކީ ކޮބައިތޯ؟

އަލްއުޚްތު ޚަދީޖާ ރީނާ
ޝައްކެއްނެތްގޮތުގައި ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންވާ މުއުމިނަކަށް ޙަޤީޤީ ހިތްހަމަޖެހުމެއް ލިއްބައިދޭނީ އެމީހަކު ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. ﷲ އެންގެވިގޮތަށް ޢަމަލުތަށް ބިނާކުރުމުންނެވެ. ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލޯބިކުރުމުންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މާތްފޮތް އާދެ! ކީރިތި ޤުރުއާންގައި ވަޙީ ކުރައްވާފައިވާ ވެއެވެ.
"أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ"
މިއާޔަތުގެ މާނައީ "ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (13:28)


އެހެންގޮތަކަށް ދަންނަވަނީނަމަ ﷲ ތަޢާލާގެ މިމާތް ފޮތާ ދުރުހެލިވެ އެއާމެދު ޣާފިލްވެފައިވާ މީހަކަށް ﷲތަޢާލާ މިދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް މުސީބާތްތައް ޖައްސަވާނެއެވެ. ދުނިޔަވީޙަޔާތުގައި އެފަދަމީހާގެ ހިތްހަމަޖެހުމާ ހަމަހިމޭންކަން ގެއްލި އޭނާގެ ދިރިއުޅުން ދަތި އުނދަގޫ ވެގެން ހިނގައިދާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
"وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى"
މާނައީ "އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ." (20:124)


އެހެންކަމުން ޙަޤީޤީ ހިތްހަމަޖެހުމާ އުފާވެރިކަމަކީ ދުނިޔަވީ މުއްސަނދިކަމަކުން ނުވަތަ މަޝްހޫރު ކަމަކުން ލިބޭނޭ ކަމެއް ނޫންކަން ވަރަށް ރަނގަޅަށް ދޭހަވެގެން ދެއެވެ. އެހެންނޫންނަމަ ދުނިޔޭގައި މުއްސަނދިކަމުގެ ނިޢުމަތުގައި ދިރިއުޅޭ އެންމެން އުޅޭނީ އަބަދުވެސް އުފަލާއި ހިތްހަމަޖެހުމުގައެވެ. އަދި ކުރިމަތިވާ އިމްތިޙާންތަކަށް ކެތްނުކުރެވިގެން އެފަދަ އެކަކުވެސް އަމިއްލައަށް މަރުވުމުގެ ބޮޑުފާފައަށް އަރައިނުގަތީހެވެ. އެއާ ޚިލާފަށް ﷲއަށް ޙައްޤުގޮތުގައި އީމާންވެގެންހުރި ފުރިހަމަ މުވައްޙިދަކަށް މިފަދަމުސީބާތްތައް ވެގެންދާނީ އެމީހެއްގެ އީމާންތެރިކަން އިތުރުވެ ﷲ ތަޢާލާއަށް އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަންކަމަށެވެ. އެހެނީ ﷲ ކޮންމެކަމެއްވެސް މެދުވެރިކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ރަނގަޅަށްކަމަށް އޭނާ ޤަބޫލުކުރާނެއެވެ. އަދި އޭނާއަށްޓަކައި އާޚިރަތުގައި ﷲ ތަޢާލާގެ ފަރާތުންވާ ނިޢުމަތްތަކެއް ވާކަން ހަނދުމަކުރާނެއެވެ. އެހިނދު ﷲތަޢާލާ އޭނާގެ ހިތް އުފާވެރިކަމުން ފުރާލައްވާނެއެވެ.

އާޚިރަތަށްޓަކައި މިދުނިޔަވީ ޙަޔާތުގެ ހެއްލުންތެރިކަމުން ދުރުހެލިވެފައިވާ މީހާއަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ކެހިވެރިކަމުގެ ވަޤުތީ އުފަލެއްދޭ އެއްޗެއްކަމުގައިމެނުވީ ދުނިޔޭގެދިރިއުޅުން ނުވެއެވެ.

އިތުރަށް ވިދާޅުވޭ...

4.08.2010

އިމްތިޙާންގެ ވަޤުތުގައި ކެތްތެރިވުން -ޢިބްރަތުން ފުރިގެންވާ ފުރިހަމަ މިސާލެއް-

އަލްއުޚްތު ޚަދީޖާ ރީނާ
ﷲ ތަޢާލާގެ އީމާންތެރި އަޅެއްގެ ވާހަކައެވެ. ﷲ ގެ ރަޙްމަތުން އެއަޚާއަށް ތިން ފިރިހެންދަރިން ދެއްވިއެވެ. އެއްދުވަހަކު އެއަޚާގެ ރަޙްމަތްތެރިންތަކެއް އެއަޚާއަށް ޒިޔާރަތް ކުރިއެވެ. ރަޙްމަތްތެރިންނަށް ކެއުންތައްޔާރު ކުރުމަށްޓަކައި އެއަޚާ ކަންބަޅިއެއް ކަތިލިއެވެ. އެވަގުތު އެއަޚާގެ އަންހެނުން އެދެމަފިރިންގެ އެންމެ ކުޑަދަރިފުޅު ފެންވަރުވަން އުޅެމުން ދެއެވެ.

ދޮށީ ދެބޭން އެވަގުތު ކަންބަޅި ކަތިލިތަނާ ކައިރީގައި ކުޅެން އުޅުނެވެ. ކަންބަޅިކަތިލާ މަންޒަރު ބަލަންތިބި ދެކުދީންކުރެ އެއްކުއްޖެއް ކަންބަޅި ކަތިލި ވަޅިނަގައި އަނެއްކުއްޖާގެ ކަރުގައިއަޅާލިއެވެ. އަދި މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ނުވިސްނޭ މި މައުސޫމް ކުއްޖާ އޭނާގެ މަންމަ އަށް މިކަމުގެޚަބަރު ދިނުމަށް ދިޔައެވެ. ކުށްލިއަކަށް ލިބުނު މިހިތާމަވެރި ޚަބަރުންނާއި އައިސްފައިވާ ރުޅީގެ ސަބަބުން އެ އުޚްތާ ބޭއިޚްތިޔާރުގައި އޭނާގެ އަތުގައިއޮތް ތުއްތު ދަރިފުޅު ފެންވަރުވަން ގެންގުޅުނު ފެންއެތީގެތެރެއަށް ދޫކޮށްލުމަށްފަހު އެކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ބާރެއް ލިބިގެންނުވާ މިތުއްތުކުއްޖާ ފެންއެތީގެތެރޭގައި އުނދަގޫވެ ތެޅިފޮޅިގަތުމަށްފަހު، އެންމެފަހުން ޙަރަކާތްހުއްޓިއްޖެއެވެ.

ކުއްޖާ އެކުއްޖާގެ މަންމަ ރުޅިއައިސްފައިވާ މަންޒަރު ފެނުމުން ބިރުން ފިލަން ދުއްވައިގަތެވެ. މަންމަ އަށް ފިލަން ދުވެފައި މަގުމައްޗަށްނިކުތް މިކުޑަކުއްޖާ ދުއްވާފައި އައި ކާރެއްގެ ދަށުވެ އޭނާގެ އެހެން އަޚުންނެކޭ އެއްފަދައިން މިދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. ﷲ ގެ ޤަޟާޤަދަރަށް ރުހިގެންހުރި މި އަޚާ އޭނާގެ އަންހެނުންނަށް މިދެކުދިންގެ ޚަބަރުން ޚަބަރު ދިނުމާއެކު އެބޮޑު ހިތާމަ ތަހަންމަލް ނުކުރެވިގެން އެއުޚްތާ ވެސް މަރުވެގެން ބިންމަށްޗަށް ވެއްޓުނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިމްތިޙާންތަކުން ވަށާލެވިފައިވާ މި އީމާންތެރިޔާގެ ދުލުން އެވަގުތުނިކުތީ ކޮންފަދަ ކަލިމަތަކެއްކަން ތިޔަ އަޚުންނާއި އުޚުތުންނަށް އެނގިލައްވައިތޯއެވެ؟ ޝައްކެއްނެތެވެ. އެއީ ޙައްޤުތެދު ކަލިމަތަކެކެވެ. އެއަޚާ ބުނަމުންދެއެވެ. (إنا لله وإنا إليه راجعون) ހަމަކަށަވަރުން އަހަރެމެން މިލްކުވެގެންވަނީ ﷲ އަށެވެ. އަދި އަހަރެމެން އެނބުރި ދިޔުންވަނީ އެއިލާހުގެ ޙަޟްރަތަށެވެ." އެއަޚާގެ ހިތުގައި ﷲ އަށްޓަކައި ވާ ހަރުދަނާ އީމާންތެރި ކަމެއްގެ ސަބަބުން މިބޮޑު ތަކްލީފް ގެ ވަގުތުގައިވެސް އޭނާ ﷲ އަށް ޙަމްދުކުރިއެވެ. އެހެނީ ފެންނަފެނުމުގައި މިކަމަކީ ކިތަންމެ ބޮޑުކަމެއްކަމުގައި ހީވިނަމަވެސް، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ދެނެވޮޑިގެންވަނީ ﷲ ކަމަށް އެއަޚާ ފުރިހަމައަށް އީމާން ވެއެވެ. އަދި ﷲ ތަޢާލާ އެކަލާންގެ އެއްވެސް އަޅަކަށް ނޫފުލޭވަރުގެ ބުރައެއް ނުޖައްސަވައެވެ.

އިތުރަށް ވިދާޅުވޭ...

1.17.2010

އޭ އުޚްތާއެވެ! ތިބާ ﷲއަށް ބިރުވެތިވާށެވެ! އަދި، ޖާހިލިއްޔަ ޒަމާނުގެ އަންހެނުން ފަދައިން ނުވާށެވެ!

އަލްއުޚްތު ޚަދީޖާ ރީނާ
ޝައްކެއްނެތެވެ. ﷲ ޞުބްޙާނަހޫވަތަޢާލާ އަކީ އެންމެ ރިވެތި ފަރާތެވެ. އަދި އެކަލާނގެ ރީތިކަމަށް ލޯބިކުރައްވައެވެ. އަދި އެކަލާނގެ ބާވާލެއްވި މިމާތް ދީނުގައި ރިތި އެންމެހައި ކަމަކާއި، އެއްޗެއް ހުއްދަކުރައްވާ ހުތުރު ކަންތައްތަކާއި ފާސިދުވެގެންވާ ޢަމަލުތައް މަނާކުރައްވައެވެ.
އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި އަނހްނުން އުޅެމުންދިޔައީ އެއްވެސް ކަހަލަ ހަމައެއް ލަމައެއް ނެތިއެވެ. އެބައިމީހުންގެ ޒީނަތްތެރިކަން އެންމެންގެ ތެރޭ ފާޅުކުރަމުން ލަދުވެތިކަމެއްނެތި ފާޙިޝް ޢަމަލުތަކަށް މަގުފަހިކުރަމުންނެވެ. މިއަދު ގިނަ މުޖުތަމަޢުތަކުގައި އަންހެނުން އުޅެމުންގެންދާ ގޮތާއި ޖާހިލިއްޔަ ޒަމާނުގެ އަންހެނުންގެ އުޅުމާއި ތަފާތެއް ނެތޭ ބުނެވިދާނެއެވެ. އެމީހުނެގެ މޭމަތި ހާމަކޮށް ފިރިހެނުންގެ ތެރެއަށް ނިކުމެ ފަރި ދައްކަމުންނެވެ. ފިތުނަވެރި ގުނަވަންތައް ފައުޅުކުރަމުން، ފިރިހެނުން ލެންބުމަށް ބޮލުގެ އިސްތަށިގަނޑު ގޮތްގޮތަށް ހަދާގެން ނިކުމެ އުޅެއެވެ. ބުރުގާއެއް އަޅާނަމަ އެބުރުގާ ފަހަތަށް އެއްލާ މޭމަތި ހާމަކޮށްގެންނެވެ. ހިތާމައަކީ އަޅުގަނޑުމެންގެ މި ސައްތައިންސައްތަ މުސްލިމްކަަމަށް ދަޢުވާކުރާ ކުޑަކުޑަ ޤައުމުގައިވެސް އުޚްތުން އެކަނބަލުންގެ ޢިއްފަތް އަމިއްލައަށް މުޅި ބާޒާރުގައްޔާއި މަގުތަކުގައި ނީލަންކިޔަމުންދާކަމެވެ. މިގޮތުން ﷲ ތަޢާލާގެ ލަޢުނަތާއި އެކަލާނގެ ކޯފާއަށް އަޅުގަނޑުމެންގެ އުޚްތުން އެކަނބަލުންގެ ނަފްސުތައް ހުށަހަޅަމުންދެއެވެ. އެކަނބަލުންގެ މި ހުތުރުކަން ބޮޑު ޢަމަލުގެ ސަބަބުން މަގުއޮޅި ހަލާކުގެ ތެރެއަށް ވަންނަމުންދާ އަޅުގަނޑުމެންގެ އަޚުންގެ ޢަދަދުވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ.

އިސްލާމްދީން އައުމަށްފަހު އެދީން ވަނީ އަންހެނުންނަށް ޚާއްޞަ ޤަދަރަކާއި މަތިވެރިކަމެއްދީފައެވެ. އިސްލާމްދީނުގައި އަންހެނުންނަކީ ވަރަށް އަގުހުރި ބަޔެކެވެ. ކޮންމެ އަގުހުރި އެއްޗަކީވެސް ނުހަނު ރައްކާތެރިކަމާއެކު ފޮރުވައިގެން ގެންގުޅެންޖެހޭ އެއްޗެކެވެ. ސަބަބަކީ އެފަދަ ތަކެތި ބީވެގެން ދިޔުމުގެ ބިރުވެރިކަންވާތީއެވެ. އަޅުގަނޑުމެން އަންހެނުންނަކީ ﷲ ތަޢާލާ އެބަޔަކަށް އޯގާތެރިވެ ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވާ އަދި ރަންމުތްތަކަކަށްވުރެ އަގުހުރި ބަޔެކެވެ. ވީއިރު ފަރުދާވެ ނިވާވުން އެންމެ ޙައްޤުކަންބޮޑީ އަޅުގަނޑުމެން ނޫންތޯއެވެ؟ ޢާލަމްތަކުގެ ވެރި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން އަޅުގަނޑުމެންނަށް މިފަދަ މަތިވެރި ދަރަޖައެއް ލިބިފައިވީއިރު ޚުދު އަޅުގަނޑުމެން އަމިއްލަ ނަފްސުގެ ޤަދަރު މިހާ ކުޑަކޮށްލަނީ ކީއްވެތޯއެވެ؟ މިހާ ދަށު ދަރަޖައަކަށް އަމިއްލަ ނަފުސު ވައްޓާލުމުގެ ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އުޚްތުން މިކެހިވެރިކަމުގެ ވަގުތީ އުފާދޭ ދުނިޔޭގެ ދަޅަތަކުގެ ޝިކާރައަކަށްވުމެވެ. އެހެންކަމުން މިކަމުގެ ޙައްލުވަނީ އަޅުގަނޑުމެން ﷲ އަށް ބިރުވެތިވެ ތަޤްވާވެރިވެގެންނެވެ. ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ޢަމުރުކުރެއްވި އެންމެހާކަމެއްގައި ހިފާ މަނާކުރެއްވެވި އެންމެހާ ކަމަކުން އެއްކިބާވެގެންނެވެ.
އަބޫ ހުރައިރާ ރިވާކުރައްވާފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ.
"صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا"
މާނައީ "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކު ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. އެއީ، ގެރީގެ ނިގޫ ފަދަ ޗާބޫކުތަކުން މީހުންގެ ގައިގައި (ނުޙައްޤުން) ތަޅާބަޔަކާއި، ހެދުން ލައިގެން އޮރިޔާމުން (ޢައުރަ ނިވާނުވާ ހެދުން ލައިގެން) ތިބޭ އަންހެނުންތަކެކެވެ. އެކަނބަލުންނަކީ ތެދުމަގާއި ޢިއްފަތްތެރިކަމުގެ ސީދާމަގުން ލެނބިފައިވާ، އަދި އެހެންމީހުން ކަތިމަގަށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ ބޯ ހީވާނީ (ބުރަކަށީގެ ދެތަނަކުން އުސްވެފައިވާ) ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް ސުވަރުގެއަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުލިބޭ ހުއްޓެވެ. އެތާނގެ ވަހަކީ އެވެނި މިވެނި ރާސްތާއަކަށް ވާ އެއްޗަކަށް ވީއިރުވެސް މެއެވެ."
(ޞަހީޙް މުސްލިމްގެ "ކިތާބުއްލިބާސް ވައްޒީނައް")
ސުބްޙާނަﷲ! ލޮބުވެތި އުޚްތުންނޭވެ! މިއީ އަޅުގަނޑުމެންނަށްވާ ބިރުވެރިކަމުގެ އިންޒާރެއް ނޫންތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅަކީ ހަމަ ޔަޤީނުންވެސް ހައްޤު ތެދު ބަސްފުޅެކެވެ. އެއީ ﷲގެ ވަޙީއެވެ. އެކަލޭގެފާނު ހަވާނަފްސަށް ބަސްވިދާޅުނުވެއެވެ. ވީއިރު، އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް ރައްބުލް ކާއިނާތަށް ރުޖޫޢަވާންވީ ވަގުތު އަދިވެސް ނާދޭތޯއެވެ؟ އިސްލާމީ ޙިޖާބުން ފަރުދާވެ ޢިއްފަތްތެރި ބަޔަކުކަމުގައި ވަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ސަބަބުން މުޖުތަމަޢު ފަސާދަވެ ޙަލާކުގެ ތެރެއަށް ދިޔުމުން ސަލާމަތްކުރަމާ ހިނގާށެވެ. މި ވަގުތީ ކެހިވެރި ދުނިޔޭގެ ދަޅަތަކުން ސަލާމަތްވެ، ﷲއަށް ޙައްޤުގޮތުގައި ތަޤްވާވެރިވާ ބަޔަކުކަމުގައި ވަމާ ހިނގާށެވެ. ﷲގެ ކޯފާއިން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ މިއީއެވެ.
ﷲ ތިޔަ އުޚްތުންނާ އަޅުގަނޑަށް ފާފަ ފުއްސަވާ ހެޔޮ ރަޙްމަތް ލައްވާށިއެވެ! އާމީން!

އިތުރަށް ވިދާޅުވޭ...