Showing posts with label މައިން ބަފައިން. Show all posts
Showing posts with label މައިން ބަފައިން. Show all posts

11.07.2012

އިސްލާމް މަންމައެއްގެ ވާޖިބު

އަލްއަޚް ޢުމަރު ޢީސާ

މަންމައެއްގެ ޝަރަފުވެރިކަން، ލިބިލައްވާއިރަށް ތިޔައިން ކޮންމެ ބޭކަބަލަކުމެވާނީ އެބޭކަބަލަކުގައި ހުރިއްޔާ ހުރި ނުބައި، ހުތުރު ޚަޞީލަތްތަކުން ދުރުހެލިވެ އެއްކިބާތަށް އަރުއްވާށެވެ.

އިތުރަށް ވިދާޅުވޭ...

7.08.2012

އޭރުން މުޖްތަމަޢުގެ އަނެއް 1/2 ގެއްލިގެންދާނެއެވެ

އަލް އަޚް މުޙައްމަދު ޝަމްޢޫން
ހުޅަނގުގެ އަހުލުވެރިންނާއި، އެމީހުންގެ ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުންދާ މީހުން، އަންހެނުންގެ ޙަޤީޤީ މަޤާމުން އެމީހުން ބޭރުކޮށް، ފިރިހެނުންނާއެކު ވަޒީފާއަށް ނެރެން ގޮވަމުންދެއެވެ. ފަހެ ހަމަކަށަވަރުން އެމީހުން އެގޮވަނީ ފިތުނައަށެވެ. އަދި އަންހެނުންގެ ކަރާމާތާއި ޢިއްޒަތް ނަގާލައި، އަބާއްޖަވެރިންގެ ތެރޭގައި އެކަނބަލުން ހިމެނުމަށެވެ. އެހެންކަމުން ޤަލަމާއި ދުލުން އެމީހުން ގޮވަމުންދާ، އެ ޖާހިލިއްޔަ ގޮވެލިތައް ހުއްޓުވަންޖެހެއެވެ. ހުޅަނގުގެ ޤައުމުތަކާއި، އެމީހުންގެ މަގުން ހިނގަމުންދާ އެހެން ޤައުމުތަކުގައި، އަންހެނުންނަށް ކުރިމަތިވަމުންދާ ހިތާމަވެރި ހިތްދަތި ކަންތަކުން އަހަރެމެން ޢިބްރަތް ޙާޞިލުކުރަންޖެހެއެވެ. ބާއްޖަވެރިއަކީ އޭނާގެ ވަށައިގެން ހިނގަމުންދާ ކަންތަކުން ޢިބްރަތް ޙާޞިލުކުރާ މީހާއެވެ.

އަންހެނުން ވަޒީފާއަށް ނުނެރެފިނަމަ، ‘މުޖުތަމަޢުގެ ދެބައިކުޅައެއްބައި ވަނީ މަސައްކަތެއް ނުކޮށޭ’ ބުނުން ފިޔަވައި، އިތުރު އެއްވެސް ޙުއްޖަތެއް އެމީހުންނަކަށް ނުވެއެވެ. މިހެން ބުނެ އެމީހުން ބޭނުންވަނީ އަންހެނުންނަކީވެސް، ފިރިހެނުންނާއި އެއްސަފެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް ހަދާށެވެ. އަދި ފިރިހެނުންނާއި މަސްހުނިވެ އުޅޭ ބަޔަކަށް ހަދާށެވެ. އަންހެނުންތައް އެކަނބަލުންގެ ގެތަކުގައި ކުރަމުންދާ އަގުހުރި މަސައްކަތް އެމީހުންވަނީ ހަނދާންނެތިފައެވެ. ނުވަތަ ހަނދާން ނައްތައިލާފައެވެ. ފަހެ އަންހެނުން، ގެތަކުގައި އެކުރާ އަގުހުރި މަސައްކަތަކީ، މުޖުތަމަޢަށް ކޮށްދެވޭ ބޮޑުވެގެންވާ ޚިދުމަތެކެވެ. އެއީ އެކަނބަލުން ޚަލްޤުކުރެވިފައިވާ ފިޠުރަތާއި އެންމެ އެކަށޭނެ މަސައްކަތެވެ. އަދި އެކަނބަލުން ނޫން އެހެންބަޔަކަށް ނުކުރެވޭނޭ މަސައްކަތެކެވެ.

ބުރަމަސައްކަތް ކުރުމަށްފަހު ގެއަށް އަންނަވަގުތު އޯގާތެރިކަމާއި ލޯތްބާއެކު ވާހަކަދައްކައި، ފިރީން ހިތްހަމަޖައްސައިދޭ އަނބީންނަކީ އެކަނބަލުންނެވެ. ބަނޑުގައި ދަރީންތައް އުފުލައި، ވިހެއުމުގެ އެންމެހާ ވޭންތަކަށް ކެތްކޮށް، ގާތުންކިރުދީ، މުޖުތަމަޢު ހެޔޮގޮތުގައި ބިނާކުރާނޭ ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ ބުރަމަސްއޫލިއްޔަތު އުފުލަނީ އެކަނބަލުންނެވެ. ގޭގެ އެންމެހާ ކަންތައް ބަލަހައްޓަނީ އެކަނބަލުންނެވެ. ފިރިހެނުންނާއި އެއްސަފަކަށް ވަޒީފާއަށް އެކަނބަލުން ނެރެފިނަމަ މިމަސައްކަތްކުރާނީ ކާކުތޯއެވެ؟ އޭރުން މިމަސައްކަތްތައް ހުއްޓުމަކަށް އަންނާނޭކަން ކަށަވަރެވެ. އެހިނދުން މުޖްތަމަޢުގެ އަނެއް 1/2 ގެއްލިގެންދާނެއެވެ. (އެބަހީ: ވަޒީފާ އަދާކުރުމަށްޓަކައި، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ފިރިހެނުންތަކެއް އޭރުން ނުތިބޭނެއެވެ.) ދެންފަހެ ‘ދެބައިކުޅަ އެއްބައި މަސައްކަތެއް ނުކުރެއޭ’ ބުނެ، މި 1/2(އަންހެނުން) ނެރުމުން ވާނީ ކޮންފައިދާއެއްތޯއެވެ؟ މުޅި މުޖްތަމަޢު ހަލާކުވެ ނިކަމެތިވެގެންދިއުން ފިޔަވައި އިތުރުކަމެއް ނުވާނެކަން ޔަޤީނެވެ.

އެހެންކަމުން، އަންހެނުން ވަޒީފާއަށް ނެރުމަށް ގޮވާލާ މީހުންނަށް އަހަރެމެން ބުނާނީ، ޣާފިލުކަމުގެ ނިދިން ހޭލާށެވެ. ހެޔޮވިސްނޭ ބަޔަކަށް ވާށެވެ. ﷲގެ ނިޢުމަތަށް ކާފަރުވެ، އަމިއްލަ ޤައުމު ހަލާކުގެގޮވައްޗަކަށް ހަދާ ބަޔަކަށް ނުވާށެވެ. ބިނާކުރުވާ، ހެޔޮޢަމަލުތަކަށް ގޮވާލާ ބަޔަކަށްވާށެވެ. އަދި ނިކަމެތިކޮށް ހަލާކުކޮށްލާ ނުބައިޢަމަލުތަކަށް، ގޮވާ ބަޔަކަށް ނުވާށެވެ.

އޭ މުސްލިމް އަންހެނާއެވެ! ތިބާގެ ދީނުގައި ގަދަޔަށް ހިފައްޓާށެވެ. އިސްލާމްދީން ތިބާއަށް ހޯދައިދީފައިވާ، ކަރާމަތާއި ޢިއްޒަތް ނަގާލަން މަސައްކަތްކުރަމުންދާމީހުންގެ ކެހިވެރި މަޅިތަކުގައި ނުޖެހޭށެވެ. ފަހެ އިސްލާމްދީން ނޫން އެހެން ދީނެއް އިޚްތިޔާރުކޮށްފި މީހަކީ ހުރިހާ ޢިއްޒަތަކުން މަޙުރޫމްވެ، ދެދުނިޔޭގައިވެސް ގެއްލެނިވެގެންދާނޭ މީހެކެވެ.

_________________________________________

ނޯޓް: މިއީ ޝެއިޚް ޞާލިޙް އަލްފައުޒާން ‘އަލްމުލައްޚަޞުލް ފިޤުހީ’ ގައި، އަންހެނުން މިސްކިތައް ދިއުމުގެ ޙުކުމް ނަންގަތް ބާބުގައި ލިޔުއްވާފައިވާ ބަސްކޮޅެއްގެ ތަރުޖަމާއެވެ.

މިލިޔުން ނަގާފައި ވަނީ ދިލަސަލަފިއްޔާ.ނެޓް އިން. http://dhisalafiyyah.net/?p=4070

އިތުރަށް ވިދާޅުވޭ...

2.16.2012

އިސްލާމްދީނުގައި މަންމައަށް ދެވޭ މަތިވެރި މަޤާމު

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު
އެއްދުވަހަކު މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ.
يَا رَسُولَ اللَّهِ ! أَيُّ النَّاسِ أَحَقُّ مِنِّي بِحُسْنِ الصُّحْبَةِ ؟ قَالَ : " أُمُّكَ " . قَالَ : ثُمَّ مَنْ ؟ قَالَ : " ثُمَّ أُمُّكَ " قَالَ : ثُمَّ مَنْ ؟ قَالَ : " ثُمَّ أُمُّكَ " . قَالَ : ثُمَّ مَنْ ؟ قَالَ : " ثُمَّ أَبَاكَ " . (رواه مسلم)
މާނައީ: "އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. "ދެންކާކުހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެންވެސް ތިބާގެ މަންމައެވެ." އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. "ދެންކާކުގެމައްޗަށް ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެންވެސް ތިބާގެ މަންމައެވެ." ސުވާލު ތަކުރާރު ކުރުމުން ޙަދީޘްކުރެއްވިއެވެ. "ތިބާގެ ބައްޕައެވެ."

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"انْطَلَقَ ثَلاثَةُ رَهْطٍ مِمَّنْ كَانَ قَبْلَكُمْ حَتَّى أَوَوْا الْمَبِيتَ إِلَى غَارٍ فَدَخَلُوهُ فَانْحَدَرَتْ صَخْرَةٌ مِنْ الْجَبَلِ فَسَدَّتْ عَلَيْهِمْ الْغَارَ فَقَالُوا إِنَّهُ لا يُنْجِيكُمْ مِنْ هَذِهِ الصَّخْرَةِ إِلا أَنْ تَدْعُوا اللَّهَ بِصَالِحِ أَعْمَالِكُمْ ، فَقَالَ رَجُلٌ مِنْهُمْ اللَّهُمَّ كَانَ لِي أَبَوَانِ شَيْخَانِ كَبِيرَانِ وَكُنْتُ لا أَغْبِقُ - شُرْب الْعَشِيّ - قَبْلَهُمَا أَهْلا وَلا مَالا فَنَأَى بِي فِي طَلَبِ شَيْءٍ يَوْمًا فَلَمْ أُرِحْ عَلَيْهِمَا حَتَّى نَامَا فَحَلَبْتُ لَهُمَا غَبُوقَهُمَا فَوَجَدْتُهُمَا نَائِمَيْنِ وَكَرِهْتُ أَنْ أَغْبِقَ قَبْلَهُمَا أَهْلا أَوْ مَالا فَلَبِثْتُ وَالْقَدَحُ عَلَى يَدَيَّ أَنْتَظِرُ اسْتِيقَاظَهُمَا ُ [َ فَكَرِهْتُ أَنْ أُوقِظَهُمَا وَالصِّبْيَةُ يَتَضَاغَوْنَ - الصِّيَاح بِبُكَاء بسبب الجوع - عِنْدَ رِجْلَيَّ فَلَمْ يَزَلْ ذَلِكَ دَأْبِي وَدَأْبَهُمَا حَتَّى طَلَعَ الْفَجْرُ ] حَتَّى بَرَقَ الْفَجْر فَاسْتَيْقَظَا فَشَرِبَا غَبُوقَهُمَا اللَّهُمَّ إِنْ كُنْتُ فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَفَرِّجْ عَنَّا مَا نَحْنُ فِيهِ مِنْ هَذِهِ الصَّخْرَةِ فَانْفَرَجَتْ شَيْئًا لا يَسْتَطِيعُونَ الْخُرُوج .
وَقَالَ الآخَرُ اللَّهُمَّ كَانَتْ لِي بِنْتُ عَمٍّ كَانَتْ أَحَبَّ النَّاسِ إِلَيَّ [ كُنْتُ أُحِبُّ امْرَأَةً مِنْ بَنَاتِ عَمِّي كَأَشَدِّ مَا يُحِبُّ الرَّجُلُ النِّسَاءَ ] فَأَرَدْتُهَا عَنْ نَفْسِهَا فَامْتَنَعَتْ مِنِّي حَتَّى أَلَمَّتْ بِهَا سَنَةٌ مِنْ السِّنِينَ فَجَاءَتْنِي فَأَعْطَيْتُهَا عِشْرِينَ وَمِائَةَ دِينَارٍ عَلَى أَنْ تُخَلِّيَ بَيْنِي وَبَيْنَ نَفْسِهَا فَفَعَلَتْ حَتَّى إِذَا قَدَرْتُ عَلَيْهَا (وَفِي رِوَايَةٍ: فَلَمَّا قَعَدْتُ بَيْنَ رِجْلَيْهَا) قَالَتْ لا أُحِلُّ لَكَ أَنْ تَفُضَّ الْخَاتَمَ إِلا بِحَقِّهِ [قَالَتْ اتَّقِ اللَّهَ وَلا تَفُضَّ الْخَاتَمَ إِلا بِحَقِّهِ ] فَتَحَرَّجْتُ مِنْ الْوُقُوعِ عَلَيْهَا فَانْصَرَفْتُ عَنْهَا [ فَقُمْتُ وَتَرَكْتُهَا] وَهِيَ أَحَبُّ النَّاسِ إِلَيَّ وَتَرَكْتُ الذَّهَبَ الَّذِي أَعْطَيْتُهَا اللَّهُمَّ إِنْ كُنْتُ فَعَلْتُ ابْتِغَاءَ وَجْهِكَ فَافْرُجْ عَنَّا مَا نَحْنُ فِيهِ فَانْفَرَجَتْ الصَّخْرَةُ غَيْرَ أَنَّهُمْ لَا يَسْتَطِيعُونَ الْخُرُوجَ مِنْهَا
وَقَالَ الثَّالِثُ اللَّهُمَّ إِنِّي اسْتَأْجَرْتُ أُجَرَاءَ فَأَعْطَيْتُهُمْ أَجْرَهُمْ ( أَيْ : ثَمَنه) غَيْرَ رَجُلٍ وَاحِدٍ تَرَكَ الَّذِي لَهُ وَذَهَبَ فَثَمَّرْتُ أَجْرَهُ حَتَّى كَثُرَتْ مِنْهُ الأَمْوَالُ فَجَاءَنِي بَعْدَ حِينٍ فَقَالَ يَا عَبْدَ اللَّهِ أَدِّ إِلَيَّ أَجْرِي فَقُلْتُ لَهُ كُلُّ مَا تَرَى مِنْ أَجْرِكَ مِنْ الإِبِلِ وَالْبَقَرِ وَالْغَنَمِ وَالرَّقِيقِ فَقَالَ يَا عَبْدَ اللَّهِ لا تَسْتَهْزِئُ بِي فَقُلْتُ إِنِّي لا أَسْتَهْزِئُ بِكَ فَأَخَذَهُ كُلَّهُ فَاسْتَاقَهُ فَلَمْ يَتْرُكْ مِنْهُ شَيْئًا اللَّهُمَّ فَإِنْ كُنْتُ فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ عَنَّا مَا نَحْنُ فِيهِ فَانْفَرَجَتْ الصَّخْرَةُ فَخَرَجُوا يَمْشُونَ . (رواه البخاري في الأدب ومسلم في الذكر واللفظ من رياض الصالحين)
ތިޔަބައިމީހުންގެ ކުރީގައި އުޅުނު ތިންމީހަކު ދަތުރުކުރަމުން ދިޔައެވެ. ދެން އެމީހުން ރޭގަނޑު ވޭތިކުރުމަށްޓަކައި ހޮހޮޅައަކަށްވަނެވެ. ދެންފަހެ ފަރުބަދައިގެ މަތިން ވެއްޓުނު ހިލައެއްގެ ސަބަބުން ހޮހޮޅައިގެ ދޮރު ބަންދުވެއްޖެއެވެ. އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކޮންމެ މީހަކުވެސް އެމީހަކު ކޮށްފައިވާ ޞާލިޙްޢަމަލުތައް މެދުވެރިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވައިގެން މެނުވީ މިކަމުން އަހަރެމެން ނަޖާއެއް ނުވާނެއެވެ. އެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. "އޭ ﷲ ! އަހަރެންގެ މަންމައާއި ބައްޕަ މުސްކުޅިވެފައިވާ ދެމީހުން ކަމުގައިވިއެވެ. އަހަރެން ދުވަހަކުވެސް އަހަރެންގެ އަހުލުންނަށް އެއްވެސް އެއްޗެއް ބުއިމަށް އެދެމީހުންނަށް ދިނުމަށްފަހުގައި މެނުވީ ނުދެމެވެ. އެއްދުވަހަކު އަހަރެންގެ ނަޢަމްސޫފިތައް ހުއިހެއްޕުމުގެ ތެރޭގައި އެއްޗެއް ހޯދަންވެގެން ވަރަށް ދުރަށް ދާންޖެހުނެވެ. އަހަރެން އެނބުރި އާދެވުނުއިރު މައިންބަފައިން ވަނީ ނިދާފައެވެ. މައިންބަފައިންނަށް ރޭގަނޑުގެ ބުއިމުގެ ގޮތުގައި ދިނުމަށްޓަކައި ކަންބަޅިން ކިރުފެލީމެވެ. އެހިނދު އެމީހުންނަށްވުރެ ކުރިން އަހަރެންގެ އަހުލުން އެކިރު ބުއިމަށް ހިތްހަމައެއްނުޖެހުނެވެ. އެމީހުންގެ ގާތުގައި އެމީހުން ހޭލާނެ ވަގުތަކަށް އިންތިޒާރުކުރުމުގައި ކިރުއަޅާފައިވާ ކަދާ ހިފައިގެން ހުރީމެވެ. އެދެމީހުންނަށް ހޭލައްވާލުމަށް ހިތްހަމައެއްނުޖެހުނެވެ. އަހަރެންގެ ދަރީންތައް ބަނޑުހައިވެގެން އަހަރެންގެ ފައިބުޑުގައި ރޮމުން ދިޔައެވެ. ފަތިސްވަންދެނެވެ. އެންމެފަހުން އެދެމީހުން ހޭލައިފިއެވެ. އެއަށްފަހު އަހަރެން އެދެމީހުންނަށް އެކިރުގެ ކަންވާރުން ބުއެވެ. އޭ ﷲ! އަހަރެންނަށް މިކަން ކުރެވިފައިވަނީ އިބަ އިލާހުގެ ވަޖުހުފުޅު އަދައިގެން ކަމުގައި ވާނަމަ އަހަރެމެންނަށް ޖެހިފައިވާ މިވާ ހާލުން ސަލާމަތް ކުރައްވާންދޭވެ!" އެޔަށްފަހު އެހިލަ ކުޑަކޮށް ފެޔަށް ޖެހިލިއެވެ. ނަމަވެސް މީހަކަށް ނުކުމެވޭ ވަރެއް ނުވިއެވެ.
އަނެކަކު ބުންޏެވެ. އޭ ﷲ އެވެ. ތިމަންނާގެ ބޮޑުބޭގެ އަންހެން ކުއްޖަކު ހުރެއެވެ. އެ ކުއްޖާވީ މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ލޯބިވާމީހާކަމުގައެވެ. (ފިރިހެނުން އަންހެނުންދެކެ ލޯބިވާ އެންމެ ބޮޑަށް އަހަރެން އޭނާދެކެ ލޯބިވީމެވެ) އަހަރެން އޭނާގެ ނަފްސުން ޖާގައަކަށް ޤަޞްދުކުރީމެވެ. އަދި އޭނާ އަހަރެންގެ ކިބައިން މަނާވިއެވެ. އެހެންގޮސް އެއްއަހަރަކު އޭނާ ތަދުމަޑުކަމުގައި ޖެހިގެން އަހަރެންގެ ގާތަށް އަތުވައްޖެއެވެ. އަހަރެން އޭނާއަށް ސަތޭކަ ވިހި ދީނާރު ދިނީމެވެ. އެއީ އަހަރެންނާ އޭނާގެ ނަފްސާ ދެމެދު ހުރަސް ނޭޅުމުގެ މައްޗަށެވެ. އަދި އޭނާ އެއްބަސްވެއްޖެއެވެ. އަދި އަހަރެން އޭނާގެ މައްޗަށް މުޅިން ބާރުގަދަވިފަހުން، އެހެން ރިވާޔަތެއްގައި ވަނީ: (އަހަރެން އޭނާގެ ދެފައިދޭތެރޭގައި އިށީނުމުން އޭނާ ބުންޏެވެ.) ﷲއަށް ބިރުވެތިވާށެވެ. އޭގެ ހައްގުއަދާނުކޮށް ސިއްކަ ނުކަނޑާށެވެ. ފަހެ އަހަރެން އޭނާގެ ކިބައިން ދުރަށް ދިޔައީމެވެ. އެކަމަކު އެއީ އަހަރެން އެންމެ ލޯބިވާ އިންސާނާއެވެ. އަދި މިއަޅާ އޭނާއަށް ދިން ރަންތައްވެސް ދިނީއެވެ. އޭ ﷲ! މިއަޅާ މިކަންތައް ކުރީ އިބައިލާހުގެ ވަޖުހަފުޅުއަދައިގެން ކަމުގައިވާނަމަ އަހަރެމެން ޖެހިފައިމިވާ ޙާލުން ސަލާމަތްކުރައްވާންދޭވެ! ފަހެ ހިލަ ތަންކޮޅެއް ދުރުވެއްޖެއެވެ. އެކަމަކު ނުކުމެވޭވަރެއް ނުވެއެވެ.
ތިންވަނަ މީހާބުންޏެވެ. އޭ ﷲ! އަހަރެން ކުއްޔަށް މަސައްކަތު މީހުންތަކެއް ގެނައީމެވެ. އަދި އެކަކުފިޔަވައި އެންމެންގެ މުސާރަ އެމީހުންނަށް ދިނީމެވެ. އޭނާގެ މުސާރަ ބަހައްޓައިފައި އޭނާ ދިޔައީއެވެ. މިއަޅާ އޭނާގެ މުސާރަ އިތުރުކުރީމެވެ. އެދިޔަގޮތަށްގޮސް އޭނާގެ މުދާތައް ގިނަވެއްޖެއެވެ. އެތައްޒަމާނެއްފަހުން އަހަރެންގެ ގާތަށް އަތުވައްޖެއެވެ. އަދިބުންޏެވެ. އޭ ﷲގެ އަޅާއެވެ. އަހަރެންގެ މުސާރަ ދޭށެވެ. އަހަރެން ބުނީމެވެ. ތިބާއަށް ތިޔަ ފެންނަންމިހިރަ ޖަމަލާއި ގެރިޔާއި ބަކައްޓާއި އަޅުންނަކީ ތިބާގެ މުސާރައެވެ.(އުޖޫރައެވެ) އޭނާބުންޏެވެ. ސަމާސާނުކުރާށެވެ. އަހަރެން ބުނީމެވެ. އަހަރެން ސަމާސާއެއް ނުކުރަމެވެ. ފަހެ އޭނާ އެހުރިހާ އެއްޗިހި ހިފައިގެން ހިގައްޖެއެވެ. އެއިން އެއްވެސް އެއްޗެއް ދޫނުކުރެއެވެ. އޭ ﷲ! މިއަޅާ މިކަންކުރީ އިބަﷲ ގެ ވަޖުހަފުޅު އަދައިގެން ކަމުގައިވާނަމަ އަހަރެމެންނަށް ޖެހިފައިވާ ޙާލުން ސަލާމަތް ކުރައްވާންދޭވެ! ފަހެ ހިލަ އެއްކައިރި ވެއްޖެއެވެ. ދެން އެބައިމީހުން ނުކުމެގެން ހިނގައިފައި ގޮއްސިއެވެ."

މިފަދަ ވާހަކަތައް ރަސޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ކިޔާދެއްވުމުގެ ޙިކުމަތަކީ އިސްލާމްދީނުގައި މައިންބަފައިންނަށް ދޭ ދަރަޖަ ބަޔާންކޮށްދީ އެފަދަ އަމަލުތަކަށް މީހުންނަށް ހިތްވަރު ދިނުމެވެ. މިކަމުން މަންމަ އަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމު ކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. މަތީގައި އެވާ ހަދީޘްގައި ބަޔާން ކުރެވިފައި އެވަނީ މި މައުޟޫއާއި ގުޅޭ ތަންކޮޅެވެ.
ކީރިތި ޤުރުއާނުގައިވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައިވަނީ މުޅި އިންސާނިއްޔަތަށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ" (لقمان 14) މާނައީ: "އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަން އުފުލާ ޙާލުގައެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުތެރޭގައެވެ. ތިމަން އިލާހަށާއި އަދި ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ. އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."

އިތުރަށް ވިދާޅުވޭ...

11.04.2011

އަންހެން ދަރީންގެ ބައްޕަ

އަލްއުޚްތު ބިންތު ޢަލީ
މާތް ﷲ ހަމައެކަނި އަންހެން ދަރީން ދެއްވާފައި މީހަކު ވިއެވެ. އޭނާގެ ހަ އަންހެން ދަރީން ތިބެއެވެ. ހަތްވަނަ ކުއްޖަކަށް އޭނާގެ އަނބިމީހާ ބަލިވެ އިނެވެ. އޭނާ ފިިރިހެން ދަރިއެއް ބޭނުން ވެފައިވާލެއް ބޮޑު ކަމުން ހިތަށް އެރިއެވެ. މިފަހަރު ފިރިހެން ކުއްޖެއް ނުލިބިއްޖެނަމަ އަނބިމީހާ ވަރިކުރާނަމެވެ. ދެން އެރޭ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ޤިޔާމަތް ވެގެން އުޅޭ ފަދައަކުން ފެނުނެވެ. ނަމަވެސް އޭނާ ގޮވައިގެން ނަރަކައިގެ ކޮންމެ ދޮރަކާއި ދިމާލަށް ދެވޭއިރު އެދޮރު ބައްދައިގެން އޭނާގެ އަންހެން ދަރިއަކު ހުރެއެވެ. އެގޮތަށް ނަރަކައިގެ ހަދޮރާއި ހަމައަށް ގެންދެވުނެވެ. ކޮންމެ ދޮރެއް ކައިރީގައިވެސް އެދޮރު ބެއްދުމަށްއޭނާގެ އަންހެންް ދަރިއަކު ހުރެއެވެ. ދެން އޭނާ އަށް ހޭލެވިއްޖެއެވެ.
(ނަރަކަ އަކީ ހަތް ދޮރު ވާތަނެެއް ކަމުގައި ކީރިތި ޤުރްއާނުގައި ސާބިތު ވެފައިވެއެވެ.) އެހެންކަމުން އޭނާ އަށް ކުރެވުނު ގަޞްތުގެ ނުބައިކަން ވިސްނި، ތައުބާވިއެވެ. އަދި ހަތްވަނައަށްވެސް އަންހެން ކުއްޖަކު ދެއްވުމަށް ދުޢާ ކުރިއެވެ.

އިތުރަށް ވިދާޅުވޭ...

9.25.2011

ދިވެހި މުޖުތަމަޢުގެ މައިންގެ ޙާލަތު

އަލްއުޚްތު ނިއުމާ ހާރޫން
އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ ބައެކެވެ. ނަމަވެސް މިކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯއެވެ!އަޅުގަނޑަކީވެސް ތިބާފަދަ އަންހެނަކީމެވެ. މި މުޖުތަމަޢުގެ ގިނަ އަންހެނުންގެ މިޒާޖާއި ސުލޫކު ހުންނަގޮތުން އަޅުގަނޑު ހައިރާން ވެއްޖެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. އަޅުގަނޑު މި ލިޔުމުގައި ފާހަގަ ކޮށްލާނީ މި މުޖުތަމަޢުގެ ހުރިހާ އަންހެނުން އުޅޭ ގޮތުގެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ޢަދަދެއްގެ އަންހެން ވެރިން އުޅޭ ގޮތުގެ ވާހަކައެވެ.

އޭއުޚްތުންނޭވެ! ތިބާ އަށް އެނގޭ ހެއްޔެވެ؟ މި ކުޑަ ކުޑަ ދިވެހި މުޖުތަމަޢުގެ ޙާލަތު މިއަދު މި އޮތް ގޮތުން،އަޅުގަނޑުމެންގެ ދަރިން އުޅޭ ވިޔާނުދާ އުޅުމުން ތިބާ ތިބާގެ މަސްޢޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ނުކުރާކަން ހާމަވެގެން ދެއެވެ.މިއަދު ތިބާ ތިބާގެ މަސްޢޫލިއްޔަތު ހަނދާން ނެތިއްޖެ ފަދައެވެ. އަންހެނާގެ ވަޒީފާއަކީ ގޭތެރޭގެ ކަންތަށްތަކާއި ، ފިރިމީހާއާއި،ދަރިންގެ ކަންތައްތަށް ބެލެހެއްޓުމެވެ.

ނަމަވެސް،މިކަން މިހެން އޮށްވާ، އެކި އެކި ތަފާތު ތަންތަނުގެ ވަޒީފާއަށް ގޮސް ބޭރުތެރެއަށް ގިނަވެ ގަންނަނީ ކީއްވެގެން ހެއްޔެވެ؟ ލާ ހެދުމަކުން ޢައުރަ ނިވާ ނުވާ ހާލު ބޭރަށް ނުކުންނައިރު މާ ފަހުރުވެރި ވަނީ ހެއްޔެވެ؟މަގުމަތިންދާ ހުރިހާ ފިރިހެން ވެރިން ތިބާ އާއި ދިމާއަށް ކަޅިޖަހާނުލާ ބަލަމުން ދާއިރު ލަދުވެތި ކަމުގެ ޒައްރެއްގެ މިންވަރުވެސް އިހުސާސް ނުވަނީ ހެއްޔެވެ؟ ތިބާގެ ވަނާތަކަކީ މަގުމަތީގައި ނީލަންކިޔޭފަދަ ދަށުދަރަޖައިގެ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ! ތިބާގެ ވަނާތަކަކީ އިތާ މުތަށްވުރެ އަގުބޮޑު އެއްޗެކެވެ. އަގުބޮޑެތި އެއްޗެހި ބަހައްޓަން ޖެހޭނީ މީހުންނަށް އަތްނުލެވޭ ގޮތަށް ނުވަތަ ނުބެލޭ ގޮތަށް ފޮރުވާފައި ކަން ތިބާ އަށް އެނގޭ ނޫންހެއްޔެވެ؟އެހެންކަމުން ބޭރަށްދާއިރު ތިމާގެ އައުރަ ނިވާ ވާފަދަ ދޫ ހެދުމެއް ލުމަށް އާދަ ކުރާށެވެ.

ތިބާ ތިބާގެ ލޯބިވާ ދަރިފުޅު ކާފަރު ފަރަންޖީންނާ ބަލަން ޙަވާލު ކޮށްފައި ވަޒީފާއަށް ދާން ހިތްވަރު ލިބުނީ ކިހިނަކުން ހެއްޔެވެ؟ ތިބާ އެދަރިފުޅުގެ މުސްތަޤުބަލާ ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނަނީ ހެއްޔެވެ.؟ އެދަރިފުޅު ކާފަރު ފަރަންޖީންނާ ބަލަން ޙަވާލުކުރުމުން އެކުދިންގެ އަޤީދާ އަށް ކުރާނެ ނޭދެވޭ އަސަރު ތިބާ އަށް ނޭނގެނީ ހެއްޔެވެ؟ ބޭރުތެރަށް ނުކުމެގެން ތިޔަ އުޅެނީ ތިބާ ކުރާނެ ކަމެއް ގޭގައި ނެތީމާ ހެއްޔެވެ؟ ނޫނެކެވެ!ތިބާ ގޭގައި އުފުލަންޖެހޭ އެތަކެއް މަސްޢޫލިއްޔަތު ތަކެއް ވެއެވެ.ދަރިފުޅަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްދިނުމަށް މަސައްކަތް ކޮށް ގޭގެ ހުރިހާ ކަންތައްތަށް އިންތިޒާމު ކުރުމަކީ ކުޑަ ކަމެއް ނޫނެވެ.

ދެން، ވަޒީފާއަށް ނުގޮސް ގޭގައި ތިބޭ އަންހެން ވެރިންނާމެދު ވިސްނާލަމާބަހީއެވެ!ތިބާގެ ފިރިމީހާ ދުވާލުދާ ހަތަރުދަމު ފައިސާ ހޯދަން ބުރަމަސައްކަތް ކޮށް، ތިބާ ވަޒީފާއަކަށް ނުފޮނުވާ ތިބާ ގޭގައި ބެހެއްޓީ ތިބާގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާނެ ކަމުގެ ފޮނި އުއްމީދާއި އެކުގައި ނޫން ހެއްޔެވެ؟ ނަމަވަސް ތިބާ ތިބާގެ ފިރިމީހާގެ ފޮނި އުންމީދުގައި ކޮޅުފައިން ޖަހާ ޚިޔާނާތްތެރި ވެއްޖެވެ. ތިބާއަކީ ހާދަހާވާ ރަޙުމް ކުޑަ މީހެކެވެ.

ގޭތެރޭގެ މަސައްކަތްތަށް ކުރަން ފަސޭހަޔަކަށް ދަރިފުޅަށް ކާޓޫނު އަޅުވާދީފައި ޓީވީއާއި ދަރިފުޅު ބަލަން ހަވާލު ކުރީމާ ނިމުނީއެވެ.ޓޮމް އެންޑް ޖެރީ،ބެންޓެން ފަދަ ނަންކިޔަން ނޭނގޭހައި ވިޔާނުދާ ކާޓޫނު ބަލައިގެން އެއިން ފެންނަ ގޮތަށް ކުއްޖާ ކަރާޓީ ތަޅަން ފެށީމަ، ރުޅިއަންނަނީ ދަރިފުޅު ދެކެއެވެ.ރުޅި އައިސްގެން ދަރިފުޅަށް އަނިޔާ ކުރާއިރު އެއީ ތިބާގެ ކުށް ކަމުގައި އިޙުސާސް ނުވަނީ ހެއްޔެވެ؟ ދަރިފުޅަށް ފާޑު ފާޑުގެ ލޯބީގެ ލަވަތަށް ދައްކައި ލަވަޔާއި މިއުޒިކާ ދޭތެރޭ ދަރިފުޅުގެ ހިތުގައި ލޯބި ޖައްސާއިރު ތިބާއަށް އެއީ ޙަރާމް ކަމެއްކަން އެނގިފައި ނުވަނީ ހެއްޔެވެ.؟ އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ލަވަޔާއި މިއުޒިކަކީ ޙަރާމް ތަކެތިކަން ތިބާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެކަމަކު ތިބާގެ ޢަމަލުތަށް ހަތް އުޑުގެ މަތިން ގަދަ ކީރިތި ވަންތަ الله ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވާކަން ތިބާ ހަނދުމަނެތުނީއެވެ. ދެން އޮންނާނީ ޑްރާމާ ބެލުމުގެ ގަޑިތަކެވެ. ޓީވީ އިން ދައްކާ ފާޑު ފާޑުގެ ޑްރާމާ ބަލަން ސޮނިވެއްޓިފައި އިންނައިރު ނަމާދު ވަގުތު ފާއިތުވެދާއިރުދެސް ތިބާއަށް ރެޔަކާނުލައެވެ. ދަރިފުޅަށް ތިޔަ ދައްކައި ދެނީ ކޮންފަދަ ނުބައި ނަމޫނާ އެއް ހެއްޔެވެ؟

ހިތާމަހުއްޓެވެ! މި ލޮބުވެތި ވަޠަންގެ މައިންގެ ޙާލަތައިމެދު އަޅުގަނޑު ހިތާމަ ކުރަމެވެ.ކަރުނައަޅައި ރޮމެވެ.ސަބަބެއް ނެތިއެއް ނޫނެވެ.ދަރިން ތަރުބިއްޔަތު ކުރުމުގެ މައިދާނުގައި ތިބާ ވަނީ ފެއިލް ވެފައެވެ. ދަރިން ނަށް އިސްލާމީ ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ތިބާ ވަނީ ނުކުޅެދިފައެވެ.ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ތިބާ ތަޢުބާވުމަށް އަޅުގަނޑު ނަޞޭހަތްތެރިވަމެވެ. ތިބާއަށް ހެޔޮއެދޭ މުސްލިމް އުޚްތެއްގެ ހައިޞިއްޔަތުންނެވެ. ވަގުތު ފާއިތު ނުވަނީސް ތަޢުބާ ވުމަށް އަވަސްވެ ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން الله ސުބުޙާނަހޫ ވަތަޢާލާއީ ތަޢުބާވާ އަޅުންގެ ފާފަތަށް ފުއްސަވާ ދެއްވާ ތަޢުބާވާ އަޅުންދެކެ ލޯބިވެ ވޮޑި ގަންނަވާ ދީލަތިވަންތަ އިލާހެވެ. މިއަދުން ފެށިގެން ތިބާގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް މަސައްކަތް ފަށާށެވެ. އަދި ތިބާގެ ލޯބި ވެތި ދަރިންނަށް އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ޢަޒުމް ކަނޑައަޅާށެވެ. އަދި މި ޢަޒުމްގެ މަތީގައި ހިތްވަރާއެކު ތިބާ ސާބިތުވެ ހުންނާށެވެ. މިކަމުގެ ސަބަބުން މާދަމާ ތިބާ އުފާކުރާނެއެވެ.ތިބާ މަރުވުމަށްފަހު އެދަރިފުޅު ކުރާ ހެޔޮ ދުޢާގެ ސަބަބުން ތިބާގެ ހެޔޮ ޢަމަލުގެ ފަތް ބަރުވެ ތިބާ ސުވަރުގެއަށް ވައްދަވަން الله ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރަށްވާ ދުވަހު ތިބާ އުފަލެއް ނުވާނެ ހެއްޔެވެ؟ ޝައްކެއްނެތެވެ. އެދުވަހުން ތިބާ އުފާ ކުރާނެކަން ޔަގީނެވެ. الله ސުބުޙާނަހޫ ވަތަޢާލާ މި މުޖުތަމަޢުގެ އަންހެން ބޭކަނބަލުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އަދި އެކަނބަލުންނީ ހެޔޮބަސް އަޑުއަހާ ހެޔޮ ބަހާ އެއްގޮތަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށި އެވެ! އާމީން!

އިތުރަށް ވިދާޅުވޭ...

6.30.2011

އިސްލާމްދީނުގައި މައިންބަފައިންގެ ދައުރު

އައްޝައިޚް ޢުޘްމާން ޢަބްދުﷲ
ކީރިތި ﷲ އާދަމްގެފާނު ހެއްދެވިއެވެ. އެކަލޭގެފާނުގެ ކިބައިން އެކަލޭގެފާނުގެ ބައިވެރިޔާ ޙައްވާގެފާނު ހެއްދެވިއެވެ. އަދި އެދެކަނބަލުންގެ ކިބައިން އިންސާނީ ދަރިފަސްކޮޅު އުފެއްދެވިއެވެ. އާދެ! އިންސާނީ ނަސްލުގެ އުފެދުމާ އިތުރުވުން ދެޖިންސުގެ ގުޅުމުން ލެއްވިއެވެ. އަދި އެގުޅުން ހެޔޮގޮތުގައި ދެމިއޮތުމަށްޓަކައި ކައިވެނީގެ މަގު ޝަރުޢު ކުރެއްވިއެވެ. ދުނިޔެ ތަޢްމީރުކޮށް އުފާވެރި ދިރިއުޅުމަކަށްފަހު އިލާހީ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. އިލާހީ އެންގެވުންތަކަށް ކިޔަމަންތެރިވުމުން އުޚްރަވީ ބާއްޖަވެރިކަން ޙާޞިލް ކުރުމަށެވެ.

އިންސާނުންގެ ދެޖިންސުގެ މެދުގައި ލައްވާފައިވާ ގުޅުން ސިފަކުރައްވާ ކީރިތި ޤުރުއާނުގެ އެއް އާޔަތެއްގައި ވަޙީކުރެއްވިއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (سورة الروم ٢١)
މާނައީ: ''ހަމަ ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.''

ކައިވެނީގެ މަޤްޞަދު
ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގައްޔާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންނާއި ޢާއިލާގެ ދަޥްރު ވަރަށް ބޮޑެވެ. ރަނގަޅު ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް އުފެދިގެނެއް ނާންނާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި ކައިވެނީގެ ކުރިން މިކަމަށް ބެލެވި ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރުކުރުމަށް އިރުޝާދު ދެއެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންތައްތަކެއްވަނީ ބަޔާންކޮށްފައެވެ. އިޚްތިޔާރު ކުރާ ބައިވެރިޔާގެ ބުރުސޫރައަށް ހަމައެކަނި ނުބެލުމަށް އިރުޝާދު ދެއެވެ.

އަލްބުޚާރީއާއި މުސްލިމްއާއި މިނޫން ބޭކަލުންވެސް އަބޫ ހުރައިރާގެފާނުގެ ކިބައިން ރިވާކުރެއްވި ހަދީޘެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ''ހަތަރު ކަމަކަށްޓަކައި ތިބާ އަންހެނަކާ ކައިވެނިކުރަމުއެވެ. އެކަނބުލޭގެ މުދާވެރިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ޙަސަބަށްޓަކައެވެ. އަދި އެކަނބުލޭގެ ރީތިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރިޔަކު އިޚްތިޔާރުކުރުމުން ތިބާ ކާމިޔާބު ޙާޞިލްކުރާށެވެ! ތިބާއަށް ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ.''

ޝައްކެއްނެތެވެ. ދީންވެރި މަންމައެއްގެ ތަރުބިއްޔަތުގައި އަދި ދީންވެރި ޢާއިލާއެއްގައި ބޮޑުވާ ކުއްޖާވާނީ ނުބައި އާދަތަކުން އެއްކިބާ ވެގެންނެވެ. ރަނގަޅު އާދަތަކާއި ސިފަތަކުން ގަހަނާއެޅި ޒީނަތްތެރިވެގެންވާ ހަރުދަނާ މީހަކަށެވެ. މައިންބަފައިންގެ ލޮލަށް ލިބޭ ފިނިކަމެއް ކަމުގައެވެ. ޢާއިލާ އަށާއި ޤަޥްމަށް ފައިދާހުރި ދަރިއަކަށެވެ.

މައިންބަފައިންގެ ލޯބި
މައިންބަފައިންގެ ހިތުގައި ދަރިންގެ މައްޗަށް ކީރިތި ﷲ ލޯބި ޖެއްސެވިއެވެ. އެލޯތްބަކީ ގަލަމަކުން ދުލަކުން ބަޔާންކުރެވޭނެ ލޯތްބެއްނޫނެވެ. މައިންބަފައިންގެ ހުރިހާވެސް އުފަލަކީ، ހިތްހަމަޖެހުމަކީ ހަރުދަނާ ޚުލްޤު ހެޔޮ ތަޢުލީމު ލިބިފައިވާ، މައިންބަފައިންގެ ހައްޤު އަދާކުރާ ބައެއްގެ މައިންބަފައިން ކަމުގައިވުމެވެ. ޝައްކެއްނެތެވެ. މައިންބަފައިން ދަރިންނަށްޓަކައި އަތްވާއި ވާރޭގައި ރެއާއިދުވާލު ބުރަ މަސައްކަތް ކުރެއެވެ. އެކުދީންނަށް ބޭނުންވާ މާއްދީ ބޭނުންތައް ފުރިހަމަކޮށް ދިނުމަށެވެ. އެކުދިންގެ މުސްތަޤްބަލް އުޖާލާ މުސްތަޤްބަލަކަށް ހެދުމަށެވެ. އެކުދިންނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށެވެ. އެކުދީންނާއި އެކުގައި އުޅޭ އެހެން ކުދިންނަށް ލިބިފައިވާ ހުރިހައި ފަސޭހަތަކެއް އެކުދިންނަށް ހޯދައި ދިނުމަށެވެ. އެކުދިންގެ ބޭނުންތައް ގެއިން ތަނަވަސްނުވެގެން ބޭރަށް ނިކުމެގެން ނުދިއުމަށެވެ. މައިންބަފައިން ދަރިންނާއި މެދުގައި ކަންތައްކުރާ ގޮތަކަށް ދަރިން މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރެއެވެ.
ކުޑަކުދިންނަކީ އެކުދިން އުޅޭ މާޙައުލުގައި އުޅޭ އެންމެންގެ ލޯބި ލިބިގެންވާނޭ ބައެކެވެ. ކުޑަކުދިންނަށް އޯގާވެރިވެ ރަޙުމް ނުކުރާ މީހުންނަކީ ރަޙްމާއި އޯގާވެރިކަން ނެތިވެ ގޮސްފައިވާ ބައެކެވެ. ދަރިންނަށް އޯގާވެރިވެ ލޯބިކޮށް ނުއުޅޭ މައިންބަފައިން މަދުން ނަމަވެސް ފެންނަމުންދެއެވެ. އެފަދަ މައިންނާ ބަފައިންނަކީ އެމީހުންގެ ހިތުން ރަޙްމާއި އޯގާވެރިކަން ނިގުޅައިގަނެވިފައިވާ މީހުން ކަމުގައި ބެލެވެއެވެ. ކުޑަކުދިންނަށް އޯގާވެރިވުމާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި މުސްކުޅިންނަށް އަޅާލުމަކީ ޤުދުރަތުން އިންސާނުންގެ ކިބައިގައި ލައްވާފައިވާ ކަމެކެވެ. އެހެނަސް ބައެއްމީހުންގެ ކިބައިން މި ސިފަ ފެންނަމުން ދާލެއް ވަރަށް ކުޑަކަމުގައި ދަންނަވަން ޖެހެއެވެ.

ކުޑަކުދިންގެ ތަރުބިއްޔަތު
ދަރިންގެ ތަރުބިއްޔަތަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ދީނީ އަދި އަޚްލާޤީ މަސްޢޫލިއްޔަތެކެވެ. އަދި ވާޖިބެކެވެ. އެއްވެސް ހާލެއްގައި އަދި އެއްވެސް ސިފައެއްގައި ޚާއްސަކޮށް މައިންބަފައިން އާންމުކޮށް މުޖްތަމަޢަށް އެކަމުން އެއްކިބާ ނުވެވޭނެއެވެ. ޝައްކެއްނެތެއެވެ. ކުއްޖާ އުފަންވަނީ ފިޠްރަތުގެ ސާފުގޮތުގައެވެ. މިއީ ތަރުބިއްޔަތާއި އަޚްލާޤުގެ ޢިލްމުވެރިންގެ ގާތުގައި ތަސްލީމު ކުރެވިގެންވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ކުއްޖާ ދުނިޔެއަށް އުފަންވަނީ ތަވްޙީދުގެ އަޤީދާގެ އެބަހީ: ﷲ އެއްކައުވަންތަކަމަށް އީމާންވުމުގެ މަތީގައެވެ. ސާފުޠާހިރުކަންމަތީގައެވެ. ހޭލުންތެރި މަންމައެއްގެ ތަރުބިއްޔަތުގައި އޭނާ ތަރުބިއްޔަތު ކުރެވިއްޖެނަމައެވެ. އަދި ރަނގަޅު ޞާލިޙް، ﷲ އެއްކައުވަންތަ ކަމަށް އީމާންވާ ބައެއްގެ ތެރޭގައި ބޮޑުވަމުންދާނަމައެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަން އަންގަވަމުން ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ''ކޮންމެ ކުއްޖަކުވެސް އުފަންވާނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. އެކުއްޖާ ޔަހޫދީ ކުރަނީ ނުވަތަ ނަޞްރާނީ ކުރަނީ އެކުދިންގެ މައިންބަފައިންނެވެ.'' އާދެ! އިތުރު އެކަލޭގެފާނުގެ މި ބަސްފުޅުން އެނގޭ ގޮތުގައި ކުއްޖާ ފިޠްރަތުގެ ސާފު ގޮތުން އެބަހީ ﷲ އެއްކައުވަންތަކަމަށް އީމާންވުމުން އެއްކިބާ ކުރަނީ މައިންބަފައިންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ހަމަ އެފަދައިން އެކުއްޖަކު ފިޠްރަތުގެ ސާފު ގޮތުގައި ޤާއިމުވެ ދެމިހުންނަނީވެސް މައިންބަފައިންގެ ސަބަބުންނެވެ. އިސްލާމްދީން ލާޒިމްކުރަނީ ޅަފަތުއްސުރެ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަށެވެ. ކުއްޖާގެ ޢުމުރާ ގުޅޭގޮތުން ދީނީ ވާޖިބުތައް އުގަންނައިދީ ވިސްނައިދީ ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވާ ހާނުވަމުން ގެންދިއުމަށެވެ. މުލްޙިދުންނާއި ޣައިރު މުސްލިމުންގެ އަތް މައްޗަށް ދޫކޮށް ނުލުމެވެ. ޅަފަތުއްސުރެ ތަރުބިއްޔަތުގައި އަހައްމިއްޔަތުކަން ދޭންޖެހޭ ދީނީ ކަންކަމަށް އިސްކަން ދިނުމެވެ.

ކަންކަމާމެދު ވިސްނައި ފިކުރުކޮށް އުޅޭ ޢުމުރަށް ދިއުމުން ޙަރާމާއި ޙަލާލުގެ ޙުކުމްތަށް އޭނާއަށް އަންގައިދިނުން:
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އިބްނު ޖަރީރު ރިވާކުރެއްވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ''ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް ޢަމަލުކުރާށެވެ. އަދި ﷲއަށް އުރެދުމަށް ބިރުވެތިވާށެވެ. އަދި އެކަލާނގެ އަމުރުތައް އަދާ ކުރުމަށާއި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުވެ އެއްކިބާވުމަށް ތިޔަބައިމީހުންގެ ދަރިންނަށް އަމުރުކުރާށެވެ. ފަހެ ތިޔަބައިމީހުންނަށާއި އެމީހުންނަށް ނަރަކައިންވާ ރައްކާތެރިކަމެކެވެ.

މިކަމުގައި ފޮރުވިގެންވާ ސިއްރުތައް:
ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ﷲގެ އަމުރުތަކަށް ކުއްޖާގެ ލޯ ހުޅުވެމުން ދިޔުމަށްޓަކައެވެ. އަދި އެ އަމުރުތައް އަދާ ކުރުވުމަށްޓަކައެވެ. އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތަކުން ދުރުވެގަތުމަށެވެ. އަދި އެކަންކަމަށް ތަރުބިއްޔަތު ދިނުމަށެވެ. އަދި އެކުއްޖާއަށް ކަންކަން ވިސްނައިގަތުމުގެ ފިކުރު ލިބެމުންދާން ފެށީއްސުރެ ޙަރާމާއި ޙަލާލުގެ ޙުކުމްތައް ރަނގަޅަށް ދެނެގަތުމަށެވެ. އަދި ޅަފަތުއްސުރެ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި ގުޅެމުން ދިއުމަށެވެ. ފަހެ ހަމަކަށަވަރުން އޭނާއަށް ޝަރީޢަތެއްގެ ގޮތުންނާއި މަގެއްގެ ގޮތުން އިސްލާމްދީން ފިޔަވައި އެހެން ދީނެއް އެނގިފައި ނުވުމަށެވެ.

ކުއްޖާ ޢުމުރުން 7 އަހަރުވުމުން އަޅުކަންކުރުމަށް އަމުރުކުރުން
ޢަމްރޫ ބުނުލް އާޞް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އަބޫ ދާއޫދާއި ޙާކިމް ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ.
مُرُوا أَوْلادَكُمْ بِالصَّلاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ
މާނައީ:''ތިޔަބައިމީހުންގެ ދަރިންނަށް އެކުދިންގެ ޢުމުރުން 7 އަހަރުވުމުން ނަމާދަށް އެކުދިންނަށް އަމުރުކުރާށެވެ. އަދި އެކުދިންގެ ޢުމުރުން 10 އަހަރުވުމުން ނަމާދު ނުކުރަނީނަމަ އެކަމުގެ މައްޗައް އެކުދިންނަށް އަދަބުދޭށެވެ. އަދި އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ.'' އެބަހީ: ދެކުދިން އެއް ތަންމައްޗެއްގައި ނުނިންދަވާށެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މި އިރުޝާދު ގެ މައްޗަށް ޤިޔާސްކޮށް ރޯދަހިފުމަށް އާދަކޮށް ހޭނުވުމުގެ ގޮތުން ބައެއް ދުވަހު ރޯދައަށް ބެހެއްޓުން އެދެވިގެންވިއެވެ. އެކުއްޖާއަށް އެކަމުގެ ޤާބިލުކަން ލިބިގެންވާނަމައެވެ. އަދި ހަމަ މިފަދައިން ބައްޕަ އަކީ ތަނަވަސްކަން ލިބިގެންވާ މީހަކު ކަމުގައިވެފައި ކުދިން ގޮވައިގެން ޙައްޖަށް ދިއުމަށް އެޅޭ ހުރަހެއް ނެތްނަމަ ޅަފަތުގައި އެކަމަށްވެސް ހާނުވައި އާދަކުރުމުގެ ގޮތުން ގޮވައިގެން ދިއުމަށް ދީނުގެ ޢިލްމުވެރިން ހިތްވަރުދެއެވެ.

މިކަމުގައި ވަންހަނާވެގެންވާ ފައިދާ:
ޅަފަތުންސުރެ މިފަދަ އަޅުކަމުގެ ޙުކުމްތައް ކުއްޖާއަށް އުގެނިގަތުމެވެ. އަދި އެކަން އަދާ ކުރުމުގެ ޤާބިލުކަން ލިބިގަތުމެވެ. އަދި ކީރިތި ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުންމަތީ ތަރުބިއްޔަތު ލިބެމުންދިއުމެވެ. އެކިޔަމަންތެރިކަން އަދާކުރުން މަތީ ޤާއިމްވެ ދެމިހުރުމެވެ. އަދި އެކަލާނގެ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމާއި އެކަލާނގެ ޙަޟްރަތަށް ކަންކަމަށް އެދި ދެންނެވުމާއި އެފަރާތަށް ޔަޤީންކަން އުފެއްދުމެވެ. އަދި އެކަލާނގެއަށް އިޢުތިމާދުކޮށް ތަޥައްކަލް ކުރުމެވެ. އަދި އެކަލާނގެ ޙަޟްރަތަށް ކަންކަމަށް އެދި ދެންނެވުމެވެ. އަދި އެއަޅުކަމުން ރޫޙު ޠާހިރު ކުރުމެވެ. އަދި ތިމާގެ ޞިއްޙަތު ރައްކާތެރިކޮށް ހަށިގަނޑަށް ހީވާގިކަމާއި މުރާލިކަން ލިއްބައިދިނުމެވެ. އަޚްލާޤު ތަހްޒީބުކޮށް ޒީނަތްތެރި ކުރުމެވެ. ބަހާއި ޢަމަލު އިޞްލާޙުކޮށް އުނި ސިފަތަކުން ދުރުވުމެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށާއި، އަހުލުބައިތުންނަށާއި ކީރިތި ޤުރުއާން ތިލާވަތުކުރުމަށް ލޯބި ޖައްސައި އެކަމަށް ތަރުބިއްޔަތު ކުރުން:
ޢަލީ ރަޟިޔަﷲ ޢަންހު ގެ ކިބައިން އައްޠަބްރާނީ ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. ''ތިންކަމެއްގެ މައްޗައް ތިޔަބައިމީހުންގެ ދަރިންނަށް އަދަބު ދަސްކޮށްދޭށެވެ. ތިޔބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމަށެވެ. އެކަލޭގެފާނުގެ އަހުލުބައިތުންނަށް ލޯބި ކުރުމަށެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. ފަހެ ހަމަކަށަވަރުން ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ވާމީހާވާނީ ﷲގެ ޢަރުޝީގެ ހިޔަލުގައެވެ. އެ ޢަރުޝީގެ ހިޔާވަހިކަން މެނުވީ އެހެން ހިޔާވެހިކަމެއްނުވާ ދުވަހުގައެވެ. އެކަލާނގެ ނަބީންނާއި އެކަލާނގެ އަޞްފިޔާއުންނާއި އެކުގައެވެ.''

ކީރިތި ޤުރުއާން ދަރިންނަށް އުގަންނައިދިނުން ވާޖިބުވެގެން ވުމާމެދުގައްޔާއި އަދި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަ އާއި އިސްލާމީ އަބްޠާލުންގެ ވާހަކަ ކިޔައިދިނުމާއި މެދުގައި އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން ތިޔަބައިމީހުންނަށް ކުރުގޮތަކަށް ގެނެސްދެމެވެ. ސަޢުދު ބުނި އަބީ ވައްޤާސް ރަޟިޔަﷲ ޢަންހު ވިދާޅުވެއެވެ. ''ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަތައް ތިމަންގެ ދަރިންނަށް ކީރިތި ޤުރުއާންގެ ސޫރަތްތައް ދަސްކޮށްދޭ ފަދައިން އެކުދިންނަށް އުގަންނައި ދެމެވެ.''

އަލް އިމާމުލް ޣަޒާލީ އެކަލޭގެފާނު ލިޔުއްވެވި އަލްޙިއްޔާއޭ ކިޔުނު ފޮތުގައި ވަޞިއްޔަތް ކުރެއްވިއެވެ. ''ކީރިތި ޤުރުއާން ކުޑަކުދިންނަށް އުގަންނައިދީ އެޤުރުއާނުގެ ތަޢުލީމުދީ އުގަންނައިދޭށެވެ. އަދި ހެޔޮލަފާ ޞާލިހުންގެ ވާހަކަވެސް މެއެވެ. އަދި އެޤުރުއާނުގައިވާ ބައެއް ދީނީ ޙުކުމްތައް ވެސްމެއެވެ.''

އިބްނު ޚަލްދޫންގެ މުޤައްދިމާގައި ކުޑަކުދިންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދީ އެޤުރުއާނުގެ ޢިލްމު އުގަންނައި ދިނުމުގެ އަހައްމިއްޔަތުގެ މައްޗަށް އިޝާރާތް ކުރައްވައި މިގޮތަށް ވިދާޅުވެފައިވެއެވެ. ''ކީރިތި ޤުރުއާނުގެ ތަޢުލީމަކީ އިސްލާމީ ހުރިހައި ޤަވްމުތަކެއްގައި ތަޢުލީމުގެ ހުރިހާ މަރުޙަލާތަކެއްގެ ބިންގާކަމުގައި ވާންވާނޭ ކަމުގައި ބަޔާންކުރެއްވިއެވެ. އެއީ ދީނުގެ ޢަޤީދާ ހަރުދަނާވެ އީމާންކަން ރާސިޚްވެ ސާބިތުކޮށްދޭ ދީނުގެ ޝިޢާރުތަކުގެ ތެރެއިން އެންމެ އިސް އެންމެ މުޤައްދަސް ޝިޢާރުކަމުގައިވާތީއެވެ.''

އިބްނު ސީނާގެ އައްސިޔާސަތު މިފޮތުގައި ކުޑަކުދިންނަށް ދީނުގެ ޢިލްމު އުގަންނައިދިނުން ތަޢުލީމުގެ ފެށުން ކަމުގައި ހެދުމަށް ނަސޭޙަތްތެރި ވެވަޑައިގެންފައި ވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. ''އެކަމުން އީމާންކަން ރާސިޚްވެއެވެ. އަދި އުނގެނުމަށް ކުއްޖާގެ ހަށިގަނޑާއި ބުއްދި ތައްޔާރުވެއެވެ. އެކަމުގެ ޤާބިލުކަން ކުއްޖާއަށް ލިއްބައިދެއެވެ.''

މުސްލިމުންގެ އަސްލާފުން އެބައިމީހުންގެ ދަރިން މުރައްބީއަކާއި ހަވާލުކުރާއިރު އޭނާގެ ކިބައިން ފުރަތަމަ އެދޭކަމަކީ އެކުއްޖާއަށް ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައި ދިނުމެވެ. އަދި އެކުދިންނަށް އެ ޤުރުއާން ކިޔަވައި ދިނުމެވެ. އަދި އެކުދިންނަށް އެ ޤުރުއާން ދަސްކޮށްދިނުމެވެ. އެކަމުން އެކުދިންގެ ދޫހޭނި އެކުދިންގެ ރޫޙުތައް މަތިވެރިވެއެވެ. އަދި އެކުދިންގެ ހިތްތަކުގައި ﷲއަށް ބިރުވެތކަން އުފައްދައެވެ. އަދި ލޮލުން ކަރުނަ އޮހޮރުވައެވެ. އެކުދިންގެ ހިތްތަކުގައި ﷲއަށާއި އާޙިރަތް ދުވަހަށް އީމާންވުން އިތުރުވެ ޔަޤީންކަން ރާސިޚްވެއެވެ.

މުރައްބީންނަށް އެކަށީގެންވަނީ މި ބަޔާންވެދިޔަ އަދަބުތަކާއި އެއްގޮތް ވާގޮތުގެމަތީން ކުދިންގެ ތަޢުލީމުގެ ބިންގާ އަޅައިދީ ތަޢުލީމުގެ ހަރުފަތްތައް ގިރާކުރުވަމުން ގެންދިއުމުގައި އެހީތެރިވެދިމުނެވެ. އެކުދިން ދިނާއި ދުރުވުމުން ރައްކާތެރިކުރުމެވެ. އެކުދިންގެ އިސްލާމީ ޢަޤީދާ ވަރުގަދަ ކުރެމެވެ. ޝައްކެއްނެތެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. ހޭލުންތެރި ޞާލިހު ތަޤްވާވެރި ޢާއިލާއެއްގެ ތެރޭގައި އެފަދަ މާޙަޥްލެއްގައި ބޮޑުވަމުން އަންނަ ކުއްޖާ ބޮޑުވަމުން އަންނާނީ އެ ފިޠްރަތުގެ ސާފު ކަންމަތީގައެވެ. އާދެ! މި ފިޠްރަތަށް ކީރިތި ޤުރުއާނުގައި އޝާރާތްކުރައްވައި ވަޙީކުރައްވާފައިވެއެވެ.
فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لَا تَبْدِيلَ لِخَلْقِ اللَّهِ (سورة الروم ٣٠)
މީސްތަކުން އެ ފިޠްރަތެއްގެ މަތީގައި ކީރިތި ﷲ ހެއްދެވި ފިޠްރަތެއްގެ މަތީގައި ކީރިތި ﷲ ހެއްދެވި ފިޠްރަތު (ދަންނައެވެ.) ﷲގެ ހެއްދެވުމަށް ބަދަލެއްނުވެއެވެ. ''ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ.
'' كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ '' ( رواه البخاري عن ‏ ‏أبي هريرة ‏ ‏رضي الله عنه)
މާނައަކީ: ''ކޮންމެ ކުއްޖަކު އުފަންވަނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. ފަހެ އޭނާ ޔަހޫދީ ނުވަތަ ނަޞާރާ ނުވަތަ މަޖޫސީ ކުރަނީ އޭނާގެ މައިންބަފައިންނެވެ.''

ޝައްކެތްނެތެވެ. ދަރިންނަކީ މައިންބަފައިނާ ހަވާލުވެގެންވާ ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް ރައްކާތެރިވުމަކީ ހެޔޮ ރަނގަޅު ގޮތުގައި އޭނާ ތަރުބިއްޔަތު ކުރުމެވެ. އޭނާގެ ހިތަކީ ސާފުޠާހިރު ވެގެންވާ އަގުބޮޑު ޖަޥްހަރެކެވެ. މައިންބަފައިން އެދޭގޮތަކަށް އޭނާ ތަރުބިއްޔަތު ވެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޭނާ އަށް ފަހިވަމުންދާގޮތުގައި މައިންބަފައިންނަށް އޭނާ ތަރުބިއްޔަތު ކުރެވޭނެއެވެ. ނުބައި ކަންކަމުން އެއްކިބާވެގެންވާ މާތް ރީތި އަދަބުތަކުން ގަހަނާ ވެގެންވާ ކުއްޖަކަށް ހެދޭނެއެވެ. އެހެންކަމުން މައިންބަފައިން މިކަންކަމަށް ހިޔާލު ނުކޮށް ދޫކޮށްލައިފިނަމަ ނުރަނގަޅު އާދަތައް ހިފެވި ނުބައިކަންކަމުގެ ފަރާތައް ލެނބި ހެޔޮނުބައި ވަކިކޮށް ނުގަނެވޭނޭ ވަލުޖަނަވާރަކަށް ވުރެ ދަށު ދަރަޖައަށްވެސް ހިނގައިދާނެއެވެ.

ޅަފަތުގެ ތަރުބިއްޔަތު ޣައިރު މުސްލިމުންގެ އަތްމައްޗަށް ދޫކޮށްލެވިއްޖެއްޔާ ކުއްޖާ ބޮޑުވާނީ އެބަޔަކުގެ ގޮތުގައެވެ. އެހެންކަމުން ''ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އިސްވެދިޔަ ޙަދީޘްގައި އެކަމުގެ ޒިންމާ މައިންބަފައިންގެ ކޮނޑުގައި އެޅުއްވިއެވެ. އާދެ! އެފަދަ ހާލުގައި ކުއްޖާ ބޮޑުވާނީ މުލްޙިދެއްގެ ގޮތުގައެވެ، ނުވަތަ އެމީހުންގެ ޢަޤީދާއަށާއި އާދަކާދަތަކަށް ލެނބިގެންވާގޮތުގައެވެ. އިސްލާމްދީނަށް ނަފުރަތްތެރިވާ މީހެއްގެ ގޮތުގައެވެ.

އިތުރަށް ވިދާޅުވޭ...

5.30.2011

ޝުކުރުގެ ވެރި ދެމީހުންނަށް ކަމޭހިތުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ﷲ އެންގެވި ގޮތަށް އުޅޭ މުޖްތަމަޢެއްގައި މައިންބަފައިންނާ ދޭތެރޭ ކަންތައް ކޮށްގެންނުވާނެހާ އިހާނެތިކޮށް ބައެއް މީހުން ދިވެހިރާއްޖޭގައި، އެމީހުން ދުނިޔެއަށް އުފަންވުމުގެ ސަބަބުކަމުގައި ބެލެވޭ މައިންބަފައިންނާ ދޭތެރޭ، ކަންތައްކުރެއެވެ.

ބައެއްފަހަރަށް މައިންބަފައިން ގެއިން ނެރެލާ، މައިންބަފައިންނަށް ޚަރަދުނުކޮށް، އެމީހުން ބަލިވީމާ ބޭސްފަރުވާ ނުކޮށް، އެމީހުން އެންމެ އެހީއަށް ބޭނުންވާ ދުވަހު، އެއްވެސް ލޭގެ ގުޅުމެއް ނެތް ބައެއްގެ ކައިރިއަށް ނުވަތަ މުސްކުޅިން ބަލަހައްޓާ ޚާނާއަކަށް ނުވަތަ ގުރައިދޫ މަރުކަޒަށް ފޮނުވާލައެވެ.

މިއީ ވަރަށް ދެރަކަމަކެވެ. ތިބާ ހެއްދެވި ފަރާތުގެ ޙައްޤު އަދާކުރުމަށްފަހު ދެން އަދާކުރަން ޖެހޭނީ މައިންބަފައިންގެ ޙައްޤެވެ. މައިންބަފައިންގެ ޙައްޤަކީ މައިންބަފައިން ކާފިރުވުމަކުން، ފާޖިރުވުމަކުން އަދި ފާސިޤުވުމަކުން ކެނޑިގެންދާ ޙައްޤެއް ނޫނެވެ. ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި އެމީހުންނަށް ފުރިހަމައަށް ކިޔަމަންވާން ޖެހޭނެއެވެ.

މައިންބަފައިން ތިބާއަށްޓަކައި އުފުލި ބުރައާއި ވޭން އިޙްސާސްކުރެވޭނީ ތިބާވެސް ދަރީންތަކެއް ގޮވައިގެން އުޅެން ޖެހުމުންނެވެ. އެ އިޙްސާސްތައް ކުރެވުމުންވެސް މަޢާފަށް އެދި އެމީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާކަށް ނުވޭތޯއެވެ؟

އިތުރަށް ވިދާޅުވޭ...

5.18.2010

އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު

އަލްއަޚް މުޙައްމަދު ޝަމްޢޫނު
"ސުބުޙާނަﷲ... ކޮންފަދަ މިޘާލެއްތޯއެވެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން، މައިންބަފައިންގެ ހިތުގައި ނުޖައްސާދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. اللَّهُ الْمُسْتَعَانُ . ދެތިންސަތޭކަ ރުފިޔާ މައިންބަފައިންނަށް ދެވުނީމާ، އެދެމީހުންގެ ޙައްޤު އަދާކުރެވިއްޖެޔޭ އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ހީވާކަހަލައެވެ"

الْحَمْدُ لِلَّهِ الَّذِيْ أَمَرَنَا بِبِرِّ الْأُمَّهَاتِ، وَجَعَلَنَا مِنْ خَيْرِ أُمَّةٍ أُخْرِجَتْ لِلنَّاسِ، وَصَلَّى اللَّهُ وَسَلَّمَ عَلَى مَنْ خَتَمَ اللَّهُ بِهِ الرِّسَالَاتِ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الْحِسَابِ، أَمَّا بَعْد:-
އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!" އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ 'ފަހުން އެބަދަމެވެ' ނުވަތަ 'އިރުކޮޅަކުން އެބަދަމެވެ' މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ ކަންތައް ކުރެއްވީ އެހެންނެއްނޫނެވެ. އެކަލޭގެފާނު އަވަސްވެލެއްވީ މަންމަގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމަށެވެ. ކީއްވެތޯއެވެ؟ މަންމައަކީ ކިހާވަރެއްގެ ފަރާތެއްކަން އެކަލޭގެފާނަށް އެނގިލައްވާތީއެވެ. ދީނުގައި މަންމައަށް ދެވިފައިވާ ޤަދަރު އެނގިލައްވާތީއެވެ.

އާދެ! اللهގެ ފޮތަށާއި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ގޮތަށް(އެކަލޭގެފާނުގެ ސުންނަތަށް) ބަލައިފި މީހަކަށް، އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު އެނގޭނެއެވެ. اللهތަޢާލާ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންނުކުރުމަށް އަމުރުކުރެއްވުމަށްފަހު، ދެން އަމުރުކުރެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا * وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (الإسراء 24,23) "އެއިލާހަށް މެނުވީ އަޅުކަންނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް 'އުފް' ވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިއަސް ނުބުނާށެވެ.) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތްބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! * އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެފިޔަ ތިބާ އެ ދެމީހުންނަށް ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރިފަދައިން އެ ދެމީހުންނަށް ރަޙުމަތްލައްވައިފާނދޭވެ!" އަދި އެހެން އާޔަތެއްގައި އެއިލާހަށް ޝުކުރުއަދާކުރުމަށް އެންގެވުމަށްފަހު، ދެން އަންގަވަނީ މައިންބަފައިންނަށް ޝުކުރުއަދާކުރުމަށެވެ. وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14) "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން އިލާހު އަމުރުކުރެއްވީމެވެ. އެނާގެ މައިމީހާ ބަލިނިކަމެތިކަމުގެ މައްޗަށް، ބަލިނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންއިލާހު އަމުރުކުރެއްވީމެވެ.) ތިމަންއިލާހަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫޢަވުންވަނީ ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ."

އެއްދުވަހަކު ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ސުވާލު ކުރެއްވިއެވެ. أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ تَعَالَى؟ "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟" ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الصَّلَاةُ عَلَى وَقْتِهَا "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ثُمَّ أَيُّ؟ "ދެން ކޮންކަމެއްތޯއެވެ؟" ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. بِرُّ الْوَالِدَيْنِ "މައިންބަފައިންނަށް ކަމޭހިތައި ކިޔަމަންތެރިވުމެވެ." އަނެއްކާވެސް، 'ދެން ކޮންކަމެއްތޯ؟' ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ސުވާލު ކުރެއްވުމުން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الْجِهَادُ فِيْ سَبِيْلِ اللَّهِ "ﷲގެ މަގުގައި ޖިހާދު ކުރުމެވެ." މިޙަދީޘުންވެސް، މައިންބަފައިންނަށް އިސްލާމްދީނުގައި ދެވިފައިވާ ޤަދަރު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް އިސްކަންދެވިފައި މިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. (متفق عليه)

ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. أَقْبَلَ رَجُلٌ إِلَى نَبِيِّ اللَّهِ فَقَالَ: أُبَايِعُكَ عَلَى الْهِجْرَةِ وَالْجِهَادِ. أَبْتَغِيْ الْأَجْرَ مِنَ اللَّهِ تَعَالَى "މީހަކު ﷲގެ ނަބިއްޔާގެ އަރިހަށް އައިސް ދެންނެވިއެވެ. ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދި، އެއިލާހުގެ މަގުގައި ޖިހާދުކުރުމަށާއި ހިޖުރަކުރުމަށް އަހުރެން ކަލޭގެފާނަށް ބައިއަތުހިފަމެވެ." އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَهَلْ لَكَ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟ "ތިބާގެ މަންމާއާއި ބައްޕައާއި ދެމީހުންކުރެ އެކަކުވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟" އޭނާ ބުންޏެވެ. نَعَمْ بَلْ كِلَاهُمَا "އާދޭހެވެ. މަންމައާއި ބައްޕަވެސް ދުނިޔޭގައި އެބަތިއްބެވެ." ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވިއެވެ. فَتَبْتَغِيْ الْأَجْرَ مِنَ اللَّهِ؟ "ތިބާ ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ބޭނުންހެއްޔެވެ؟" ދެން އޭނާ 'އާދޭހެވެ.' ބުނުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا "ތިބާގެ މަންމައާއި ބައްޕަގެ އަރިހަށްގޮސް އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ." އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. فَفِيْهِمَا فَجَاهِدْ "އެދެމީހުންނަށް ހެޔޮކޮށް ހިތުމުގައި ޖިހާދުކުރާށެވެ." (متفق عليه)

އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މިކަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނާއި ސުވާލުކުރެވުނެވެ. ކަލޭގެފާނު، މަންމައަށް ވަރަށް ކަމޭއްހިއްތަވައެވެ. ނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ކެއިންބައްލަވާތަނެއް ނުފެނެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅެއް، އަޅުގަނޑަށް މަންމައަށްވުރެ ކުރިން ނެގި މަންމަގެ ހިތުގައި ޖެއްސިދާނެކަމަށް އަޅުގަނޑު ބިރުގަނެއެވެ." ސުބުޙާނަﷲ... ކޮންފަދަ މިޘާލެއްތޯއެވެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން، މައިންބަފައިންގެ ހިތުގައި ނުޖައްސާދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. اللَّهُ الْمُسْتَعَانُ

ދެތިންސަތޭކަ ރުފިޔާ މައިންބަފައިންނަށް ދެވުނީމާ، އެދެމީހުންގެ ޙައްޤު އަދާކުރެވިއްޖެޔޭ އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ހީވާކަހަލައެވެ. އެއްފަހަރަކު ޔަމަނުގެ އަހުލުވެރިއަކު، އޭނާގެ ބުރަކަށިމަތީ މަންމަ އުފުއްލައިގެން ޙައްޖަށްދިޔައެވެ. އަދި ބުރަކަށިމަތީ އުފުއްލައިގެން މަންމަގެ ޠަވާފުކުރުވިއެވެ. އެއަށްފަހު އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާއަށް މިވާހަކަތަށް ބަޔާންކޮށް، އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ. 'އަޅުގަނޑަށް މަންމަގެޙައްޤު އަދާކުރެވިއްޖެތޯއެވެ؟' އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ޖަވާބުގައި ވިދާޅުވިއެވެ. لَا وَلَا بِزَفْرَةٍ وَاحِدَةٍ "ނޫނެކެވެ. އަދި ތިބާއަށް، މަންމަ އުފުލި ވޭންތަކުގެތެރެއިން އެންމެވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ." ﷲ އަކްބަރް... މަންމައަށް އިސްލާމްދީނުގައި ދެވިފައިވާ ދަރަޖައެއްގެ މަތިވެރިކަމާއެވެ!

އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މީހަކު ސުވާލުކުރިއެވެ. مَنْ أَحَقُّ بِحُسْنِ صَحَابَتِيْ؟ "އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަންވީ (ޢާއިލާގެމީހުންގެ ތެރެއިން) ކާކަށްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أُمُّكَ "ތިބާގެ މަންމައަށެވެ." އޭނާ މިގޮތަށް ތިންފަހަރު ސުވާލުކުރުމުންވެސް އެކަލޭގެފާނު ދެއްވީ މިޖަވާބެވެ. ހަތަރުވަނަފަހަރު އޭނާ ثُمَّ مَنْ؟ "ދެން ކާކަށްތޯއެވެ؟" ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أَبُوْكَ "ތިބާގެ ބައްޕައަށެވެ." (متفق عليه)

އުވައިސުލް ޤަރްނީ ރަޙިމަހުﷲއަށް މުޚަޟްރަމުބޭކަލުންގެ ތެރެއިން ލިބިލެއްވިދަރަޖަ ލިބިލެއްވީވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރުވެސް އުޅުއްވި ބޭކަލެކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ބައްދަލުކުރައްވަވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށް ޚިދުމަތްކުރެއްވުމުގެގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. الله އަކްބަރް... އެކަލޭގެފާނު، ޞަޙާބީއަކަށްވެލެއްވުމުގެ މާތްޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲތަޢާލާ އެކަލޭގެފާނު މާތްކުރައްވަވައި، އެކަލޭގެފާނު ދުޢާއެއްކުރައްވައިފިނަމަ، އެދުޢާއެއް ވަގުތުން އިޖާބަކުރައްވައެވެ.

ﷲތަޢާލާ އަޅުގަނޑުމެންނަށްވެސް ތެދުމަގުދައްކަވައި، މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރިދަރަޖަތައްލިބޭ، ޞާލިޙުއަޅުންގެ ތެރެއިން އަޅުގަނޑުމެންވެސް ލައްވަވާށިއެވެ. އާމީން...

އިތުރަށް ވިދާޅުވޭ...

4.30.2010

މަންމަގެ މަޤާމް

އަލްއަޚް މުޞްތަފާ
މިދަންނަވާލަނީ އަލަށް އިސްލާމްވި މީހަކާއި އޭނާގެ މަންމައާބެހޭ އަސަރުގަދަ ވާހަކައެކެވެ. އުމުރުން 18 އަހަރު ވަންދެން މީނާ އުޅުނީ އޭނާގެ މަންމަ ގާތުގައެވެ. އޭރަކު އޭނާ އަދި އިސްލާމެއްނުވެއެވެ. ދެން އޭނާ އެގެއިން ނުކުމެގެން މުޅީން އަމިއްލައަށް އުޅެން އެހެން ތަނަކަށް ދިޔައެވެ.

މިގޮތަށް އުޅުމުގެ ތެރޭގައި ބައެއް މުސްލިމުންނާ އޭނާއަށް ރައްޓެހިވެވިއްޖެއެވެ. އަދި އެމީހުންނަކީ އޭނާ ވަރަށް ގާތް ބަޔަކަށްވެސް ވެއްޖެއެވެ. އެންމެފަހުން އިސްލާމްދީނުގެ ފުރިހަމަކަން އޭނާއަށް އެނގި، އޭނާ ވެސް އިސްލާމްދީން ޚިޔާރު ކޮށްފިއެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އިސްލާމްދީނާ ބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ މަސައްކަތް ކުރެއެވެ. މިގޮތަށް މަސައްކަތް ކުރަމުންދިޔަ ދިއުމުގެ ތެރޭގައި އެއް ދުވަހަކު އޭނާއަށް އިސްލާމްދީނުގައި މައިންބަފައިންނަށް ކަމޭހިތުމުގެ ފައިދާ އޮޅުންފިލައިފިއެވެ. އަދި މިކަމުން ލިބޭ ދަރުމަ އާއި ޘަވާބު ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. ކިޔަމަންތެރިކަމުގެ ލޮލަކުން މައިންބަފައިންނަށް ބެލުމަކީވެސް ވަރަށްބޮޑު ޘަވާބެއް ލިބޭ ކަމެއްކަން އޭނާ އަށް އެނގިއްޖެއެވެ. މި މަޢުލޫމާތު ލިބުމުން އޭނާ މަންމަގެ ގާތަށް ދިއުމަށް ނިންމައިފިއެވެ. އޭރު އޭނާ، މަންމަގެ ކައިރިއަށް ޒިޔާރަތް ނުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާ މަންމަގެ ގެޔަށް ދިއުމުގެ މަގުމަތީގައި މާބޮނޑި އަކާއި މޭވާކޮޅެއް ގަތެވެ. އެހާ ގިނަ ދުވަސްކޮށްފައި ދަރިފުޅު ފެނުމުން މަންމަ ވަރަށް އުފާވިއެވެ. މިދުވަހަށްފަހު ދޭތެރެ ދޭތެރެއިން މި ދަރިފުޅު މަންމަ ކައިރިއަށް ޒިޔާރަތް ކުރެއެވެ. އަދި މިއިން ކޮންމެ ފަހަރަކު ވަރަށް ގިނަ ވަގުތު އެގޭގައި މަޑުކުރެއެވެ. މިގޮތަށް ޒިޔާރަތްކުރާ ފަހަރު ތަކުގައި އޭނާ، މަންމަގެ މޫނަށް ބަލަން އިނދެއެވެ. އަދި އޭނާގެ ލޮލުން ކަރުނަތައް އޮހިގެން ދެއެވެ.

މިކަންތައްތައް މިހެން ވާކަން ފާހަގަ ކުރެވިގެން އެއްދުވަހަކު މަންމަ އޭނާގެ ދަރިފުޅުގެ ގާތުގައި، ކުއްލިއަކަށް މިހާ ގިނައިން އަންނަން މިފެށީ ކީއްވެގެން ކަމާއި، މަންމައާ ދިމާލަށް ބަލަން އިނދެގެން ރޮނީ ކީއްވެތޯ ސުވާލު ކޮށްފިއެވެ. އޭނާ، މަންމަ ކައިރީ އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި މަންމައެއްގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަން ބުނެދިނެވެ. އަދި މަންމައާ ދިމާލަށް ބެލުމަކީވެސް ޘަވާބު ލިބޭނޭ ކަމެއް ކަމުގައި ބުންޏެވެ. މަންމައާ ދިމާލަށް ބަލަން އިންނައިރު ރޮވެނީ މަންމައަކީ މުސްލިމަކު ކަމުގައި ނުވާތީ އާއި މިގޮތުގައި ހުރެ މަންމަ މަރުވެއްޖެނަމަ ލިބޭނެ ޢަޛާބުގެ ބޮޑުކަން ހިތަށް އަރާތީ ކަމުގައި ބުންޏެވެ. އެހިނދު މަންމައަށް އިސްލާމްދީނުގެ ރިވެތިކަން ފާހަގަކުރެވިއްޖެއެވެ. އަދި އޭނާ އިސްލާމްވިއެވެ.
-----------------------------
=ދަރުމަ މަޖައްލާގެ 2004 ޖެނުއަރީ އިން ނަގާފައި=

އިތުރަށް ވިދާޅުވޭ...

3.19.2010

މަންމަ އާއި ބައްޕައަށް ކުރާނެ ރަނގަޅު ދުޢާއެއް:

އައްޝައިޚް މުޙައްމަދު މޫސާ
اَلْحَمْد لِلهِ رَبّ الْعاَلَمِيْن اللهُمَّ صَلِّ عَلَى مُحَمَّدً وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن

اللهُمَّ ياَ حَنَّانُ ياَمَنَّانُ ياَواسِعَ الْغُفْرَان. اِغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِيْنَ يَوْمَ يَقُومُ الْحِسَابُ. ياَرَحْمَنُ ياَرَحِيْمُ اِرْحَمْ وَالِدَيَّ كَمَا رَبَّيَانِي صَغِيراً." رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيِّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَا لِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ" اللهُمَّ أطِلْ عُمْرَوالِدَىَّ فِى طَا عَتِكَ وَمَعْرِفَتِكَ وَامْلأ قَلْبَهُمَا مِنَ الْيَقِيْن وَهُوِّنْ عَلَيْهِمَا سَكَرَات الْمَوْتِ وَاخْتِمْ لَهُمَا بِا لْحُسْنَى وَارْزُقْهُمَا بِمُرَافَقَة النَّبِىِّ سَيِّدِنَا مُحَمَّد صلى الله عَلَيْهِ وَسَلَمَّ فِى أَعْلَى جَنَّةِ الْخُلْدِ وَنَعِّمْنِى بِكَمَالِ لَذَّةِ النَّظَرِ اِلَى وَجْهِكَ الْكَرِيْم. اللهُمَّ نَقِّهِمَا مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ. اللهُمَّ اَدْخِلْهُمَا الْجَنَّةَوَاَعِذْهُمَا مِنْ عَذَابِ الْقَبْرِوَمِنْ عَذَابِ الْبَرْزَخِ وَمِنْ عَذَابِ الَّنارِ اللهُمَّ اَجْزِهِمَا عَنِ الْإِحْسَانِ اِحْسَانًا وَعَنِ الْإسَاءَةِ عَفْوًاوَغُفْرانًا. اللهُمَّ اجْعَلِ الْقُرْآنَ الْعَظِيْمَ رَبِيْعَ قُلُوْبِهِمَا وَشِفَاءَ صُدُوْرِهِمَا وَنُوْر أَبْصَارِهِمَا اللهُمَّ اجْعَلْهُمَا مِنْ حَرَسِ الدِّيْنِ، وَمِنَ الذَّاكِرِيْنَ الله كَثِيْرًا، وَالْطُفْ بِهِمَا يَا كَرِيْم. رَبَّنَا آتِنَا فِى الدُّنْيَا حَسَنّةً وَفِى الآخِرَةِ حَسَنَةًوَقِنَا عَذَابَ النَّارِ، وَأَدْخِلْنَاالْجَنَّةَ مَعَ الْأَبْرَارِيَا عَزِيْزُ يَا غَفَّارُ، وَصَلَّى الله عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْنْ. وَالْحَمْد للهِ رَبِّ الْعاَلَمِيْن

ޢާލަމްތަކުގެ ވެރި ﷲ އަށް ޙަމްދާއި ޝުކުރުކުރަމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މުޙައްމަދު ނަބިއްޔާއަށާ އެމާތް ނަބިއްޔާގެ އެންމެހާ އާލުންނާ އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ނުހަނު އޯގާވަންތަ ގިނަ ގުނަ ނިޢުމަތްތައްދެއްވަވާ ފާފަ ފުއްސެވުމުގައި ތަނަވަސްވެ ވޮޑިގެންވާ ރަސްކަލާކޮ! ޙިސާބު ބެއްލެވޭ ދުވަހު މިއަޅާއަށާ މިއަޅާގެ މައިންބަފައިންނަށާ އެންމެހާ މުއުމިނުންނަށް ފާފަފުއްސަވާނދޭވެ! ރަޙުމާނުވަންތަ ރަޙީމްވަންތަ ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު މިއަޅާ ބަލައި ބޮޑުކުރިފަދައިން މިއަޅާގެ މަންމައަށާއި ބައްޕައަށް ރަޙުމަތްލައްވާނދޭވެ! "އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށާއި މިއަޅާގެ މައިންބަފައިންނަށް ދެއްވި ނިޢުމަތަށް ޝުކުރުވެރި ވުމަށާއި އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ހެޔޮޢަމަލުކުރުމަށް މިއަޅާއާ އެހީތެރިވެ ވޮޑިގަންނަވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު އިޞްލާޙު ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟުރަތަށް ތައުބާ ވެއްޖައީމެވެ. އަދި މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ." ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިވެ އިބަރަސްކަލާނގެ ޙަޟްރަތު މަޢުރިފާކޮށް ދެނެގަތުމުގައި އެދެމީހުންގެ ޢުމުރު ދިގުކުރައްވާނދޭވެ!އަދި އިބަރަސްކަލާނގެ ޙަޟުރަތާމެދު އޮންނަ ޔަޤީންކަމުން އެދެމީހުންގެ ހިތް ފުރާލައްވާނދޭވެ! އަދި އެދެމީހުންގެ މައްޗަށް މަރުގެ ސަކަރާތްތައް ލުއިކުރައްވާނދޭވެ! އަދި ރަނގަޅު ނިމުމެއް އެދެމީހުންނަށް ދެއްވާނދޭވެ! އަދި ދާއިމީ ސުވަރުގޭގައި މާތް މުޙައްމަދު ނަބިއްޔާގެ އަރިހުގައި ތިބުމުގެ ތައުފީޤު އެދެމީހުންނަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ވަޖުހަފުޅު ދުށުމުގެ ހެޔޮނަޞީބު އެދެމީހުންނަށް ދެއްވާނދޭވެ! ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! ހުދު ހެދުމަކުން ހަޑިތަކާ ނަޖިސްތައް ފިލުވާލެވޭފަދައިން ކުށްފާފަތަކުން އެދެމީހުން ޠާހިރުކޮށްދެއްވާނދޭވެ! ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! އެދެމީހުން ސުވަރުގެ ވައްދަވާނދޭވެ! އަދި ޤަބުރުގެ ޢަޛާބުންނާ ކަށްވަޅުގެ ޢަޛާބުންނާ ނަރަކާގެ ޢަޛާބުން އެދެމީހުން ސަލާމަތް ކޮށްދެއްވާނދޭވެ! ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! އިޙުސާންތެރިކަމުގެ ޖަޒާ އިޙްސާން ތެރިކަމުން އެދެމީހުންނަށް ދެއްވާނދޭވެ! އަދި ނުބައި ކަމުގެ ޖަޒާ ޢަފޫ ކުރެއްވުމާ ފާފަ ފުއްސެވުމުން ދެއްވާނދޭވެ! ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! ކީރިތި ޤުރުއާނަކީ އެދެމީހުންގެ ހިތްތަކުގެ ރަބީޢު ކަމުގައި ލައްވާނދޭވެ! ހިތްތަކުގެ ޝިފާކަމުގައި އަދި ލޯ ތަކުގެ ނޫރުކަމުގައި ލައްވާނދޭވެ! ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ދީން ރައްކާތެރިކުރާ މީހުންގެ ތެރެއިން އެދެމީހުން ލައްވާނދޭވެ! އަދި ގިނަ ގިނައިން އިބަރަސްކަލާނގެ ރަސްކަނފުޅު ހަނދުމަކުރާ މީހުންގެ ތެރެއިން އެދެމީހުން ލައްވާނދޭވެ! އޭ ދީލަތިވަންތަﷲ! އެދެމީހުންނަށް އޯގާތެރިވެ ވޮޑިގަންނަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ދުނިޔޭގައިވެސް ހެޔޮކަން އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ! އޭ ޢަޒީޒުވަންތަ ގިނަގިނައިން ފާފަ ފުއްސަވާ ﷲ! ޠަޤުވާވެރިންނާއެކު އަޅަމެން ސުވަރުގެ ވައްދަވާނދޭވެ! އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ! ޢާލްތަކުގެވެރި ﷲއަށް ޙަމްދާއި ތަޢުރީފް ހުއްޓެވެ.
2008 އޮކްޓޫބަރު ގެ ދަރުމައިން ނަގާފައި

އިތުރަށް ވިދާޅުވޭ...