Showing posts with label ރޯދަ. Show all posts
Showing posts with label ރޯދަ. Show all posts

7.20.2012

ރޯދަމަހާއި އުޚްތުން

އަލްއުޚްތު އުއްމު ޙަނީން
ﷲގެ އިސްމުފުޅުން ފަށަމެވެ. ހުރިހާ ނިޢުމަތްތަކެއްގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލާވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރަމެވެ. އާދެ! އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. އަޅުގަނޑުމެން މުސްލިމުންގެ މާތް މަސް ކަމުގައިވާ ރަމަޟާން މަސް އައިސް ޖެހިއްޖެއެވެ. މި މާތް މަހަށް ތައްޔާރުތޯއެވެ؟ މި މަތިވެރި މަހުގައި ﷲ ތަޢާލާ އެންގެވި ގޮތަށް އުޅެވޭތޯ ބަލަމާ ހިނގާށެވެ.

މައިންބަފައިންނަށް ކަމޭހިތައި ފިރިމީހާ އާއި ކުދިންނަށް ހެޔޮކޮށް ހިތޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ރެއާ ދުވާލު ބަދިގޭގަ ކެއްކުމުގައި ވަގުތު ހޭދަކުރުމަށް ފަހު ވަރުބަލިވެގެން މުޅި ދުވަހު ނިދަންއޮތުމަށް ވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރެވޭތޯ ބަލަމާ ހިނގާށެވެ. ކޮންމެ ޢަމަލެއް ވެސް ﷲ އަށް ޓަކައި ކުރާށެވެ. އޭރުން އެކަމުގެ ހެޔޮ ޖަޒާ އެކަލާނގެ އަހަރެމެންނަށް ދެންވާނެއެވެ. ރޯދަ ވީއްލުމަށްފަހު ވީހާވެސް ގިނައިން މީރު ކާއެއްޗެހި ކަމުން ހަށިގަނޑު ލޮޑު ކޮށްލުމަކީ ރޯދައިގެ މާތް މަޤްޞަދު ގެއްލޭ ކަމެކެވެ. އެފަދަ ބައެއް މީހުން ރޯދައަށް ތިބޭ ވަގުތުގައިވެސް ގިނަ ފަހަރަށް ބަނޑުހައި ހޫނުކަން އިހްސާސެއް ނުކުރާނެއެވެ. އަޅުގަނޑުމެން ރޯދައަށް ތިބޭ އިރު ބަނޑުހައި ހޫނު ކަމުގެ އިހްސާސް ލިބިގަންނަން އެބަޖެހެއެވެ. އަދި އެކަމަށް ކެތްތެރިވާންއެބަޖެހެވެ. ދުނިޔޭގައި ނުކައި ނުބޮއި މުޅި އުމުރު ހޭދަކުރަނީ ކިތައް މީހުންނާއި ކުޑަކުދިންތޯއެވެ؟ އެފަދަ ހާލުގަ ޖެހިފަ ތިބޭ މީހުންގެ މަތިން ހަނދާން ކުރުވާ ފަދަ މި މާތް ޢަމަލު އަޅުގަނޑުމެން މުސްލިމުން ކޮންމެ އަހަރަކު އަދާކުރަމެވެ. ނަމަވެސް މިކަން ތަޖުރިބާކުރުމަށްފަހުގަވެސް މިކަން އިހްސާސްވެ ފަޤީރުންނަށް އެހީގެ އަތެއް ދިއްކޮށްލަނީ މަދު ބަޔެކެވެ.

ރޯދަ މަހަކީ ހެޔޮ ޢަމަލްތައް ކޮށް އުޅޭ އަޅުތަކުން ނަރަކައިން ސަލާމަތް ކުރުވާ މަހެކެވެ. ހުރިހާ އަޅުކަމެއްގެ ޘަވާބާއި ދަރުމަ އެތައް ގުނަޔަކަށް އިތުރު ވެގެންދާފަދަ މި މަތިވެރި މަހުގައި ގިނަގިނައިން ހެޔޮޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރާށެވެ. މިގޮތުން ފަސް ނަމާދު ކުރުމާއި ސުންނަތް ނަމާދުތައް ކުރުން، ގިނަގިނައިން ޤުރްއާން ކިޔެވުން، ދީނީ ޢިލްމު އުނގެނުން، ޞަދަޤާތްކުރުން ފަދަ ކަންތައްތައް ކުރުމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދޭށެވެ. އަދި ރޯދަވީއްލާނެ އެއްޗެހި މީހުންނަށްދީ ހަދާށެވެ. އެއީ އެއިން ރޯދަވީއްލާ މީހާގެ ޘަވާބު އެމީހާއަށް ލިބޭފަދައިން ތިމާ އަށްވެސް އެމީހާ އެހިފި ރޯދައިގެ ޘަވާބުލިބިގަތުމަށެވެ. ތަޙައްޖުދު ނަމާދުކުރުމާއި އިޢްތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ.

އަންހެނުން މިސްކިތަށް ދިޔުމަކީވެސް މަނާކަމެއް ނޫނެވެ. މިގޮތުން ތަރާވީސް ނަމާދު ޖަމާޢަތުގައި ކުރަންދާ އުޚްތުން ސަމާލުވާންޖެހޭ ކަންކަން އެބަހުއްޓެވެ. އަޅުގަނޑުމެން މިސްކިތަށް ދާންވާނީ އަޅުގަނޑުމެންނަށް އެންމެ ރައްކާތެރި ވެގެންވާ ރިވެތި ގޮތުގައެވެ.
މިގޮތުން މިސްކިތަށް ދިއުމުގެ ކުރިން ވިސްނާލަންޖެހޭ ބައެއް ކަންކަން ހިމަނާލާނަމެވެ.
• ފިރިމީހާގެ ހުއްދަޔާއެކު ދިޔުން.
• އިސްލާމީ ފުރިހަމަ ޖިލްބާބުން ނިވާވެގެން ދިޔުން.
• ސެންޓާއި އަތަރުލައިގެން މަގުމަތިން ނުދިޔުން.
• ފިޔަޔާއި ލޮނުމެދު ކަހަލަ އެއްޗެއް ކައިފައި ވާނަމަ ދަތްއުނގުޅުން.
• މަހްރަމަކާ އެއްކޮށް ދިޔުން.
• ގެއިން ނިކުންނަމުން ކިޔާ ދުޢާ ކިޔުން.
• ބެލުން ތިރިކުރުން.
• މަގުމަތިން ދާ ހިލޭ ފިރިހެނުންނަށް އިވޭވަރަށް ހީސަމާސާ ކޮށް ތުއި އަޑުން ވާހަކަދައްކާ ނުހެދުން.
• މިސްކިތަށް ވަނުމުގެ ކުރިންނާއި ނިކުންނަމުން ދުޢާ ކިޔުން.
• މިސްކިތަށް ވަންނަމުން ކަނާތްފައި އިސްކުރުން އަދި ނިކުންނަމުން ވާތްފައި އިސްކުރުން.
• ކުޑަ ތުއްތު ކުދިން މިސްކިތަށް ނުގެންގޮސް ވޭތޯ ބެލުން.
• ޙައިޟު ނުވަތަ ނިފާސް ވެރިއެއްނަމަ މިސްކިތަށް ނުދިޔުން.

އިންސާނުންނަކީ ކުށް ކުރެވޭ ބައެކެވެ. ރޯދަ މަހުގައި ފާފަތައް ކުރުން ހުއްޓައިލައި ފާފަ ފުއްސެވުމަށް އެދި ގިނަގިނައިން އިސްތިޢުފާރުކުރުންމަތީ ދެމިހުންނާށެވެ. އަދި ގިނަގިނައިން ތައުބާވެށެވެ. އިންޝާ ﷲ މިމަހުގައި އަހަރެމެންގެ ވެރި ރައްބު އަހަރެމެންގެ ފާފަތައް ފުއްސަވައި ތައުބާ ޤަބޫލުކުރައްވާނެއެވެ. މިގޮތުން ކެއްކުމާއި ގޭގެ އެހެނިހެން ކަންކަމުގައި މަޝްޢޫލު ވެގެން އުޅޭ އިރުވެސް ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރު ކުރުން މަތީ ދެމިހުންނާށެވެ. އަދި ޤުރްއާން އަޑުއަހައި ދީނީ ދަރުސްތައް ޖަހައި އީމާންތެރިކަން ވަރުގަދަ ކުރެވޭނެ ކަންކަން ކުރުމަށް މަސައްކަތްކުރާށެވެ.

ލޮބުވެތި އުޚްތުންނޭވެ. އަޅުގަނޑުމެންގެ ދަރިންވެސް ރޯދަހިފުމަށް އާދަކުރުވަން އެބަޖެހެއެވެ. އެކުދިން ބާލިޢު ނުވަނީސް މިކަންތައް ކުރުވަން ފަށާށެވެ. އެކުދިން ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން އެކުދިންނަށާއި އަޅުގަނޑުމެންނަށްވެސް ޘަވާބުލިބޭނެއެވެ. ބައެއް ޢިލްމު ވެރިން ދެކޭ ގޮތުގައި 10 އަހަރުގެ ކުޑަކުދިންނަށް ރޯދަ ހިފޭވަރު ވާނަމަ އެކުދިން ލައްވާ ރޯދަހިފުވަން ވާނެއެވެ. އަޞްޙާބު ބޭކަލުން ވަނީ އެބޭކަލުންގެ ދަރިން ރޯދަ ހިފަން އާދަކުރުވުމުގެ މާތް މަޤްޞަދުގައި މިކަން މިގޮތަށް ކުރައްވާފައެވެ. މިގޮތުން އެކުދިންނަށް ހިތްވަރުދީ އިނާމުތައް ދީ ހެދިދާނެއެވެ. އަދި އެކުދިންނަށް ރޯދައިގެ މާތްކަމާއި ފައިދާތައް ބުނެދޭށެވެ. ނަމަވެސް ބަލިކަށި ކުދިން ލައްވާ ގަދަކަމުން ރޯދަ ހިފުވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ އެއީ އެކުދިންނަށް އަދި ވާޖިބު ކަމެއްނޫނެވެ.

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة" (رواه البخاري ومسلم) (މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."ހާރުކެއުން ލަސްކޮށްލުންވެސް ސުންނަތްވެގެންވެއެވެ. އަދިރޯދަވެރިޔާ ރޯދަ ވީއްލާއިރު ކިޔާނެ ދުޢާ އެއްވެސް ވެއެވެ. އެއީ
"ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوْقُ, وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ". "ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތްﷲ ގެ އިރާދަފުޅުން އަޖުރު ޘާބިތުވެއްޖެއެވެ".

މިރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް، ތިމާގެ ނަފްޞު ޠާހިރުކޮށްލުމަށް، ހެޔޮކަމަށް ރުޖޫޢަވުމަށް، ޙަޔާތުގެ އައު ޞަފްޙާއެއް އެއްލުމަށް މަސައްކަތްކުރާ ވަޤުތަކަށް ހަދަމާތޯއެވެ. ޔަޤީނުން އެނގޭ ކަމަކީ މިރޯދަމަހެއް ތިބާއަށް ދެނެއް ނުލިބޭނެކަމެވެ. ޢުމުރުގެ ބާކީ އޮތް ދުވަސްތަކުން އެއްރޯދަމަސް އުނިވަނީއެވެ. ކަންދިމާވާގޮތުން ތިބާއާ ބައްދަލުވާ އެންމެ ފަހު ރޯދަމަހަކީ މިރޯދަމަސް ކަމުގައިވެސް ވެދާނެއެވެ. ތެދުވާށެވެ. ހެޔޮކަންތަކުގައި މަޝްޣޫލު ވާށެވެ.

އިތުރަށް ވިދާޅުވޭ...

8.17.2011

ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ ރަމަޟާން މަސް ލިބިގަންނާނީ ކިހިނެތް؟

އަލްއުޚްތު އަފްޒާލް
ދަރުމަ އާއި މަޣްފިރަތުގެ މިމައްސަރުގައި، ނަމާދުކުުމާއި ޤުރުއާން ކިޔެވުން، އަދި ރޯދަހިފުމަށް ނުކުޅެދިގެންވާ ޙާލު މުސްލިމު އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ޙައިޟާއި ނިފާސްގެ މުއްދަތު ތަޙައްމަލްކުރަންޖެހެއެވެ. މިގޮތުން އެހެން މުސްލިމް އަޚުންނާއި އުޚްތުން ތަރާވީޙް ނަމާދުކުރުމާއި އިޢްތިކާފާއި ޤުރުއާންކިޔެވުމުގައި ވަޤުތުތައް ގުނަމުންދާ މަންޒަރު ބެލުމަކީ މިފަދަ ޙާލަތެއްގައި އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ވެގެން ނުދާނެއެވެ. ނަމަވެސް އަންހެނާ ތަޙައްމަލްކުރަން ޖެހޭ މިފަދަ ދުވަސްތަކަކީ، ހަމައެކަނި ﷲސުބަޙާނަހޫ ވަތަޢާގެ ޤުދުރަތްތެރިކަމުގެ ތެރެއިން، އެކަލާނގެ އަންހެނާގެ ރައްކާތެރިކަމާއި ޢާފިޔަތަށްޓަކައި ލައްވަވާފައިވާ ދުވަސްތަކެއްކަމާއި މެދަކު ޝައްކެއްނެތެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި އިންސާނިއްޔަތަށް އަންގަވައިދެއްވާފައިވަނީ، އެކަލާނގެ އިންސާނާ ހައްދަވާފައިވަނީ އެންމެ ރިވެތި ޞޫރައިގައި ކަމުގައެވެ.(ސޫރަތުއް ތީން:4)
ޢާއިޝާ ރަޟިއަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. " ޙައްޖުގެ އަޅުކަން އަދާކުރައްވަނިކޮށް ތިމަންކަމަނާގެ ޙައިޟާއި ކުރިމަތިލަންވަން ޖެހިވަޑައިގަތެވެ. އެހިނދު ތިމަންކަމަނާ ކީރިތިކުރަށްވަން ފެއްޓެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަމަނާއަށް ވިދާޅުވިއެވެ. "ކަމަނާ އަށް ކިހިނެއްވީތޯއެވެ؟ ކަމަނާގެ ޙައިޟު ފެށުނީތޯއެވެ؟" ތިމަންކަމަނާ ދެންނެވީމެވެ. "އާދޭހެވެ." އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ." މިއީ ކީރިތިﷲ އާދަމްގެފާނުގެ އަންހެން ދަރިންނަށް ކުރައްވާފައިވާ ތަޤްދީރެވެ."(އަލް ޙާކިމް)

އެންމެ ފުރިހަމަ ތަބީޢަތުގައި އިންސާނާ ހެއްދެވި ޚާލިޤުވަންތަ އިލާހު ފިޔަވާ، އޭނާއަށް އެންމެ މޮޅު އިތުރުވެގެންވީ ގޮތް ދެެނެވޮޑިގެންވާނޭ އެހެން ފަރާތެއް ނުވާނެކަމީ ޝައްކެއްހުރިކަމެއް ނޫނެއެވެ. އެހެންކަމުން އެތައް ޙިކުމަތްތަކަކަށްޓަކައި އެކަލާނގެ އަންހެނުންގެ ފިތުރަތުގައި ލައްވާފައިވާ މިފަދަ ސިފަތަކާއި މެދު ހިތްހަމަނުޖެހުމުގެ ބަދަލުގައި، ޤަޟާ ޤަދަރަށް އީމާންވުމާއި އެކު އެކަލާނގެ އާއި ކުއްތަންވުމުގެ ކުޅަދާނަކަން ލިބިގެންވީ އެންމެ ފުރިހަމަ މިންވަރަކަށް ކުއްތައްވުމަށް ސަމާލުވާންޖެހެއެވެ.

އުންމުލް މުއުމިނީން މައިމޫނާ ރަޟިއަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. " ތިމަންކަމަނާގެ ޙައިޟުގެ މުއްދަތުގެ ތެރޭގައި ނަމާދެއް ނުކުރައްވަމެވެ. ނަމަވެސް މަސްޖިދުއް ނަބަވީގެ ކައިރީގައި ކުނަލެއް އަޅުއްވައިގެން އޭގެމަތީގައި އިންވަމުއެވެ."(ބުޚާރީ)

ޙައިޟާއި ނިފާސްގެ ދުވަސްވަރުގައި ﷲތަޢާލާ އާއި ކުއްތަންވުމުގައި މުސްލިމު އުޚްތުންނަން ތަބާވެވިދާނޭ ބައެއް އުސޫލުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

• ބަންގީގެ ވަޤުތުގައި، މުއައްޛިންގެ އަޑުދަށުން ބަންގީގެ ކަލިމަތަށް ތަކުރާރުކުރާށެވެ!

• ބަންގި ގޮވާ ނިމުމުން ބަންގީގެ ދުޢާ ކިޔާށެވެ!

• ބަންގީގެ ފަހުގައި، ޤަމަތްދިނުމާއި ދެމެދުގައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އެވަޤުތުގައި ކުރެވޭ ދުޢާ އިޖާބަކުރައްވާކަމުގައި ވާރިދުވެގެންވެއެވެ.

• ހެނދުނު ނިދާ ހޭލުމާއި އެކު، ހެނދުނުގެ ވަޤުތުގައި ކިއުމަށް ވާރިދުވެގެންވާ ދުޢާތައް ކިއުމަކީ ކޮންމެ ދުވަހެއްގެ އާދައެއްކަމުގައި ހަދާށެވެ!

• ހަވީރުގެ ވަޤުތުގައި ކިއުމަށް މޮޅު އިތުރުވެގެންވާ ދުޢާތައް އިރުއޮއްސުމުގެ ކުރިން ކިއުމަށް ސަމާލުކަންދޭށެވެ!

• ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤް އަދި ސޫރަތުއް ނާސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު 3ފަހަރު ކިޔާލާށެވެ!

• ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިއުމުގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑި އިރު ހޭދަކުރާށެވެ!

• ދީނީ ދަރުސެއް އަޑުއެހުމަށްޓަކައި، ނުވަތަ ދީނީ ފޮތެއް ކިޔާލުމަށްޓަކައި ދުވާލުގެ ކޮންމެވެސް އެއް ވަޤުތެއް ޚާއްޞަކުރާށެވެ!

• ﷲގެ ނަންފުޅުތައް(އަސްމާއުލް ޙުސްނާ) ގިނަގިނައިން ކިޔާށެވެ!

• ﷲއަށް ޛިކްރުކުރުމުގައި އަބަދު ވެސް ދޫ ތެތްކަންމަތީގައި ބަހައްޓާށެވެ!

• ތަނަވަސްކަން ތަންދިން މިންވަރަކުން ރޯދަވީއްލުމަށް މެހެމާނުންނަށް ދަޢުވަތުދޭށެވެ!

• ތަރާވީޙު ނަމާދުގެ ވަޤުތުގައި ކީރިތި ޤުރުއާން އަޑުއެހުމުގައި ހޭދަކުރާށެވެ! މާތްﷲ އިރާދަކުރެއްވިއްޔާ ތަރާވީޙުގައި ބައިވެރިވީ މީހަކާއި އެއްވަރަށް އަޖްރުދެއްވާނެއެވެ.

• ނިދަން އޮށޯތުމަށްފަހު ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤި އަދި ސޫރަތުއް ނާސް ކިޔެވުމަށްފަހު، ދެއަތްތިލަ ޖޯޑުކޮށްލާ ދެއަތްތިލައަށް ފުމެލާށެވެ! އަދި ބޮލާއި މޫނުން ފެށިގެން މުޅި ހަށިގަނޑުގައި ތިން ފަހަރު އަތް އުނގުޅާލާށެވެ.(ބުޚާރީ)

• ނިދުމުގެ ކުރިން އާޔަތުލް ކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުމަށްފަހު ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔާށެވެ.(ބުޚާރީ)

• ރޭގަނޑުގެ އެންމެ ފަހު ދަމުގައި ތެދުވެ އެކަހެރިވެ އިސްތިޣްފާރުކޮށް، ޙާޖާތްތައް ފުއްދަވައިދެއްވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާދަންނަވާށެވެ! އެވަގުތަކީ އަޑުއައްސަވާ އިލާހު އަޅުތަކުންގެ ދުޢާތައް އިޖާބަކުރައްވާ، ފާފަފުއްސަވާ، ބޭނުންތައް ފުއްދަވާނޭކަމަށް ވަޢުދުވެވޮޑިގެންވާ ވަޤުތެވެ. (އަލް ބުޚާރީ އަދި މުސްލިމް)

• އިންޓަރނެޓާއި އެނޫން ވެސް ވަޞީލަތްތައް ބޭނުންކޮށްގެން އިސްލާމްދީނުގެ ދަޢުވަތު ފެތުރުމުގައި މިދުވަސްތައް މަޝްޣޫލުކުރާށެވެ!

• ގާތްތިމާގެ މީހުންނާއި، އަވައްޓެރިންނާއި، ރަޙްމަތްތެރިންނާއި ބަލިމީހުންނަށް ޒިޔާރަތްކޮށް ސަލާމްކުރުމާއި ހެޔޮދުޢާކުރުމާއި އެހީތެރިވުން ގިނަކުރާށެވެ!

• ޞަދަޤާތްކުރުން ގިނަކުރާށެވެ!

މިރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފްސުތަކަށްވާ ޠާހިރުކަމެއްކަމުގައި ލައްވާށިއެވެ! އަދި އަޅުގަނޑުމެންގެ ފާފަތަކުންވާ ރައްކާތެރިކަމެއްކަމުގައި ލަހައްޓަވާށިއެވެ! އަޅުގަނޑުމެންގެ ހިތްތަކާއި ﷲސުބަޙާނަހޫ ވަތަޢާލާ އާއި ދެމެދުގައިވާ ގުޅުން ދުނިޔޭގައިވާ ހުރިހާއެއްޗަކަށްވުރެ ބާރުގަދަކުރައްވުމާއި އެކު، އެކަލާނގެ ޙަޟުރަތަށް މިކުރާ ދަތުރުގައި ސީދާ މަގުގައި ޡާބިތުކުރައްވާށިއެވެ! އާމީން!


އިތުރަށް ވިދާޅުވޭ...