Showing posts with label އަލްއުޚްތު އުންމު ޒިވާ. Show all posts
Showing posts with label އަލްއުޚްތު އުންމު ޒިވާ. Show all posts

5.27.2012

ދެން ކާކުބާ؟

އަލްއުޚްތު އުއްމު ޒިވާ
ހެނދުނުގެ ވަގުތެކެވެ. ކުޑަކޮށް ނިދި ޖެހިލާފައި އޮއްވާ އައީ ފޯނެކެވެ. ދިން ޚަބަރުން ދެ ލޯ މަރައިލެވުނެވެ. އޭގެ ދެތިން ހަތަރު ދުވަސް ފަހެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. އައީ ފޯނުކޯލެކެވެ. ލިބުނު ޚަބަރުން ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އާދެ! އެ ޚަބަރަކީ ތޯއެވެ. އެ ޚަބަރަކީ އިންސާނެއްގެ ދުނިޔޭގެ ދިރިއުޅުމަށް އަލްވަދާޢު ކިޔާ، ނިމުމެއް ނެތް ޙަޔާތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ފުރަތަމަ މަރުޙަލާ ފެށި ވާހަކައެވެ. އެއްވެސް އިންސާނަކު އެ ކަމަކުން އެއްކިބާ ނުވެވޭ މަރާ ބަޔަކު ކުރިމަތިލީ ވާހަކައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤު ބަސްފުޅުގައި ވާ ފަދައިން، ކޮންމެ އިންސާނަކު ވެސް މަރުގެ ރަހަ ދެކެން ޖެހޭނެއެވެ. ދުނިޔެއަށް އުފަންވި ކޮންމެ އިންސާނަކު ވެސް މި މަރާ ބައްދަލުކުރަން ޖެހެއެވެ. އެމީހަކީ ކިތަންމެ ނިކަމެތި ފަޤީރަކަސް، މުޅި ދުނިޔެ އަގުކޮށް ގަނެލެވޭ ވަރުގެ މުއްސަންޖަކަސް މި މަރާ ކުރިމަތިލާން ޖެހެއެވެ. ދުނިޔެއަށް އުފަންވި އެންމެ މާތް އިންސާނުން ކަމުގައި ވިޔަސް، ދުނިޔެ ނުދެކޭ ފަދަ ޖައްބާރު ނުލަފާ މީހުން ވެސް ހަމަ މި މަރާ ބައްދަލުކުރަން ޖެހިފައިވެއެވެ.

އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވާފައި މި ތިބެނީ އިމްތިޙާނެއްގެ ގޮތުންނެވެ. ﷲ އަށް އީމާންވާ އަޅުންނާ ޙަރާމްކޯރުވާ މީހުން ބެއްލެވުމަށްޓަކައެވެ. މި ދުނިޔޭގެ ޙަޔާތް ނިންމުމަށް ފަހު އެނބުރި ދާން އޮތީ ކޮންމެ އިންސާނެއްގެ ވެސް ދާއިމީ ގޮވައްޗަށެވެ. އެ ތަނަކީ ބާއްޖަވެރި ތަނެއް ކަމުގައި ހަދަން ބޭނުންނަމަ، އަޅުގަނޑުމެން ދުނިޔޭގެ ދުވަސްތައް ވޭތުކުރަން ޖެހޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށެވެ. އެ ނޫން ގޮތަކަށް ޢަމަލުކޮށްފި އިންސާނާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

މިއަދު ދުނިޔޭގައި ކިތަންމެ އަގުބޮޑު ހެދުން ލައި، ކިތަންމެ އަގުބޮޑު ސެންޓު ޖަހައިގެން، ކިތަންމެ މީރުކޮށް ކައިގެން އަރާމާ އުފަލުގައި އުޅޭ މީހަކަސް، ލާނެ ހެދުމެއް ނެތް، ބޯހިޔާވަހިކަމެއް ނެތް، ކާނެ އެއްޗެއް ނުލިބޭ މީހަކަސް މަރުވީމަ ދާނީ ފަސްގަނޑު ދަށަށެވެ. ހުދު ކުލައިގެ ފޮތިގަނޑަކުން ނިވާކޮށް، އެ މީހެއްގެ އިސްކޮޅާ އެއްވަރުގެ ސަންދޯކަކަށް ލާނެއެވެ. މިއަދު ބޮޑާކަމާއެކު ދުނިޔޭގައި އުޅޭނެ ގޮތަކަށް އުޅެވިދާނެއެވެ. މާދަމާ ތިބާއަށް އޮތީ ކޮން ގޮތެއްކަން އެނގޭހެއްޔެވެ؟ ކައްވަޅުގައި ކުރެވޭނެ 3 ސުވާލާ މެދު ތިބާއަށް ތައްޔާރުކުރެވުނީ ކޮން ޖަވާބެއް ހެއްޔެވެ؟

މަރަށް ތައްޔާރު ނުވެ ތިއްބާ މަރާ ބައްދަލުކުރަން ޖެހެނީ ކިތަށް ކިތަށް މީހުންނަށް ހެއްޔެވެ؟ ދަނޑުމަތީގައި ވަރުގަދަޔަށް ކުޅެކުޅެ ހުރި މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ގޭގައި ނިދަން އޮންނަ މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ނަމާދަށް ހުއްޓާ މަރުވެދެއެވެ. ޣާފިލްކަމުގައި ނުބައި ޢަމަލެއްގެ ތެރޭގައި އުޅެނިކޮށް މަރުވެދެއެވެ. މަރަކީ އެއްވެސް އިންސާނަކަށް އެއިން ސަލާމަތް ވެވޭނެ އެއްޗެއް ނޫނެވެ. ވަޤުތު ޖެހުމުން ކަނޑުގައި އޮތަސް ދަނޑުގައި އޮތަސް މަރު އައިސް ތިމާއާ ބައްދަލުކުރާނެއެވެ.

މަރުވުމުގެ ކުރިން ތިމާއަށް ކިޔޭ އެންމެ ފަހުގެ ބަހަކީ ޝަހާދަތުގެ ދެ ކަލިމަ ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލުތަކުން ތިބާގެ ޙަޔާތް ފުރާލާށެވެ. އެފަދަ މަރަކުން މަރުގަންނަވާ އިންސާނާއަށް އުފާވެރިކަން ހުއްޓެވެ. އެ މީހާއަށް ސުވަރުގެ ނޫން އެހެން ތަނެއް ނެތެވެ. މީ ﷲ ގެ ވަޢުދު ބަސްފުޅެވެ. މި ބަސްފުޅު ދޮގެއް ނުވާނެއެވެ.

އޭ އިންސާނާއެވެ. މަރަކީ މި ދުނިޔޭގެ މަޖަލާ އުފަލާ، ތިބާ ވަކިކޮށްލާ އެއްޗެކެވެ. އާޚިރަތާ ތިބާ ކައިރި ކުރުވާ އެއްޗެކެވެ. ތިބާގެ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެ ދުވަހަށް ތައްޔާރުވާށެވެ. މިއަދު ކުރި ޢަމަލަކުން މެނުވީ މާދަމާ ފައިދާއެއް ނުކުރާނެއެވެ. ތިބާ މިއަދު ދީފައިވާ ޞަދަޤާތަކުން މެނުވީ އެ ދުވަހަކުން ފައިދާއެއް ނުކުރާނެއެވެ. ތިބާއަށް ހެޔޮ ދުޢާ ކުރާނެ ޞާލިޙު ދަރިއެއްގެ ހެޔޮ ދުޢާއިން މެނުވީ ސަލާމަތެއް ނެތެވެ. ތިބާގެ ހެޔޮ ޢަމަލުތަކުން މެނުވީ ނަޖާތެއް ނެތެވެ.


އިތުރަށް ވިދާޅުވޭ...

5.16.2012

އޭ އައުރަ ނިވާ ނުކޮށް ތިބި އުޚްތުންނޭވެ

އަލްއުޚްތު އުއްމު ޒިވާ
އެއް ދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގެކެވެ. އަހަރެން އެ މަގުން ހިނގަމުން ދިޔައީ ސްކޫލްދޮށަށް ދިއުމުގެ ބޭނުމުގައެވެ. ހިނގަމުން ވަކި ހިސާބަކަށް ދެވުނު ތަނާ، މީހުން އަހަރެންނާ ދިމާއަށް އާދަޔާ ޚިލާފަށް ބަލާކަން އިޙްސާސްކުރެވެން ފަށައިފިއެވެ. ކޮންމެ މީހެއްގެ ވެސް ނަޒަރު ހުއްޓެނީ ވަރަށް ޝައުޤުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އަހަރެންނަށް ވަރަށް އުނދަގޫ ވާން ފަށައިފިއެވެ. ލަދުން ގޮސް ހަދާނެ ގޮތް ނޭނގުނެވެ. އަމިއްލައަށް ލެވިފައި ހުރި ހެދުމަށް ބެލެން ފަށައިފިއެވެ. ނަމަވެސް ތަފާތެއް ނުފެނެއެވެ. އާދައިގެ މަތީން ވެސް އަހަރެން ލާ ކަޅު ހެދުމެވެ. އެއާއެކު އަޅާ ބޮޑު ބުރުގާއެވެ. އޭގައި އެއްވެސް ތަފާތެއް ނެތެވެ. ފެންނަ ފެނުމަށް ހެދުމުގެ ކުރިމަތީގައި އެއްވެސް ތަފާތެއް ނެތުމުން ފުރަގަހަށް އެނބުރި ކުޑަކޮށް ބަލައިލައިފީމެވެ. ބަލައިލުމާއެކު މީހުން ބަލާ ސަބަބު އެނގި ހާމަވެއްޖެއެވެ.

އަހަރެންގެ ފުރަގަހުގައި ހުރީ ހެދުން ލައިގެން އޮރިޔާމުން ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ހެދުން ކުރު ކަމުން ފޮރުވޭ ތަނެއް ނެތެވެ. ބާރުކަމުން ހާމަނުވާ އެއްވެސް ވަނާއެއް ނެތެވެ. ކަރުވަޅު އިންތިހާއަށް ބޮޑުކޮށް ފެންނަން ހުއްޓެވެ. ހެދުމުގެ އަތް ނުވެސް ނެތީއެވެ. މޫނުގައި އެތައް ތަނެއް ތޮރުފާފައި ހުއްޓެވެ. އެ އަންހެން ކުއްޖާ ފެނުމުން ލަދުން ހަލާކުނުވީ ކިރިޔާއެވެ. އަހަރެން އަވަސް އަވަހަށް އޭނާގެ ފަހަތަށް ޖެހިލައިފީމެވެ. އަދި އޭނާ ކުރިއަރާ ދަންދެން މަޑުކޮށްލައިފީމެވެ.

އެއީ ހަމަ އަހަރެމެންގެ ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައިވާ އަންހެން ދަރިއެކެވެ. ކޮންމެވެސް މީހެއްގެ ކޮއްކޮއެކެވެ. ނޫން ނަމަ ކޮންމެވެސް މީހެއްގެ އަންބެކެވެ. ނުވަތަ މަންމައެކެވެ. އެ އަންހެންކުއްޖާގެ ޒިންމާ އުފުލަންޖެހޭ ބަޔަކު ތިބޭނެއެވެ. މިފަދަ އަންހެނުންގެ ސަބަބުން ކިތައް އަންހެނުންނަށް ލަދުގަންނަން ޖެހޭނެ ހެއްޔެވެ؟

އޭ އުޚުތުންނޭވެ! ދުނިޔެމަތީގައި ތިޔަކަނބަލުންގެ ރީތިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނީލަން ކިއިދާނެއެވެ. އަދި ކުޑަކުޑަ އުފަލަކަށްޓަކައި ﷲ ތިބާއަށް ދެއްވި ޢިއްފަތްތެރިކަން ވެއްޔާ މޮޑެމުން ދަނީ މާދަމާ އެއީ ނާންނާނެ ދުވަހަކީ ހެއްޔެވެ؟ އައުރަ ނިވާ ނުކުރާ އަންހެނުންނަށް ހުރި ވޭންދެވި ޢަޛާބުގެ ވާހަކަ އަޑު ނާހަމުހެއްޔެވެ؟ ނުވަތަ އިވުނަސް އަޅާނުލަނީ ހެއްޔެވެ؟ މިއަދު ވަރިހަމަކޮށްފައި ތިޔަހެން އުޅެވިދާނެއެވެ. އެހެން ނަމަވެސް މާދަމާ ދާން އޮތް ދާއިމީ ގޮވަތީގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެމަތީގެ ހޫނަށް ވުރެ އެ ދުވަހުގެ ހޫނުކަން ގަދަވާނެކަން ނޭނގެނީ ހެއްޔެވެ؟

އޭ އުޚުތުންނޭވެ! ﷲ އަށް ބިރުވެތިވާށެވެ. ﷲ އެންގެވި ގޮތުގައި އައުރަ ނިވާކޮށްގެން އުޅުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ. ﷲ ގެ ކޯފާއަކީ ކޮންމެ ފަހަރަކު ވަގުތުން ވަގުތަށް އަންނާނެ އެއްޗެއް ނޫނެވެ. އަހަރެމެންގެ މި ފާފަތަކަށް ވަގުތުން ﷲ ކޯފާ ނުލައްވާ ކަމަށްޓަކައި އެ ކަލާނގެއަށް ހާސްފަށުން ޝުކުރު ކުރައްވާށެވެ.

ތިބާގެ މަރު އަންނާނެ ވަގުތެއް ނޭނގެއެވެ. މިއަދު މަރުވިޔަސް ތިބާއަށް ހުރީ ކޮން ގޮތެއް ކަމެއް އެނގޭ ހެއްޔެވެ؟ ފަހުން އައުރަ ނިވާ ކުރަން ހިތުގައި ނުބާއްވާ އަވަހަށް އައުރަ ނިވާކުރައްވާށެވެ. ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާށެވެ. ޢިއްފަތްތެރި ލަދުވެތި އަންހެނެއް ކަމުގައި ވެލައްވާށެވެ. ތިޔަ އުނގުން ބިނާކުރާ ޖީލަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤު ލިބިގެން ބިނާކުރެވޭ ޖީލެއް ކަމުގައި ހައްދަވާށެވެ.

އޭ ލޮބުވެތި އަޚުންނޭވެ. ތިޔަބައިމީހުންގެ ދަރީންނާއި އަނބީންނާއި ކޮއްކޮއިންނާއި ދައްތައިންނާއި މައިންނާއި މައިދައިތައިން ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާށެވެ. މާދަމާ ތިޔައިން ކޮންމެ މީހަކީ ވެސް ސުވާލުވެވިގެންވާނެ މީހުންނެވެ. އެ މީހަކާ ޙަވާލުވެވިގެންވާ މަސްޢޫލިއްޔަތާ މެދުގައެވެ.

އިތުރަށް ވިދާޅުވޭ...

2.05.2012

އަނބިންނަށް ހެޔޮކޮށްހިތުން

އަލްއުޚްތު އުއްމު ޒިވާ
މާތްﷲ ފިރިހެނުންނަށް އަންގަވަނީ އެބައިމީހުންގެ އަނބީންނަށް އެބައިމީހުންނަށް ވީ އެންމެ މަތީ ދަރަޖައަކަށް ހެޔޮކޮށް ހިތުމަށެވެ.
އަދި ވަޙީކުރެއްވިއެވެ."وَعَاشِرُوهُنَّ بِالْمَعْرُوفِ" (النساء 19) "އަދި އެކަނބަލުންނާއެކު ހެޔޮގޮތުގައި އުޅޭށެވެ.

ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي"( رواه الترمذي (3895) وابن ماجه (1977) وصححه الألباني في صحيح الترمذي ). މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ".

ރަޙުމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ގޮތުގައި، އަނބިމީހާއާ މެދު ކަންކުރާ ގޮތުން ފިރީންގެ ރަނގަޅު އަޚުލާޤު ފެނިގެންދެއެވެ. އަދި އެކަމުން އެމީހާގެ އީމާންކަން ވެސް ރަމްޒުކޮށްދެއެވެ. މުސްލިމު ފިރިހެނަކު އޭނާގެ އަނބިމީހާއަށް ހެޔޮކޮށް ހިތާނީ ކިހިނެއްބާ؟ އޭނާ އަނބިމީހާއަށް ހިނިތުންވުމާއެކު ބަލާށެވެ. އަނބިމީހާ ނަފްސާނީ ގޮތުން ދެރަ ނުކުރާށެވެ. އޭނާއަށް ގެއްލުން ވެދާނެ ކޮންމެ ކަމަކުން އޭނާ ދުރުކުރާށެވެ. އޭނާއަށް އޯގާތެރިކޮށް ހިތާށެވެ. އަދި އޭނާއާ މެދު ކެތްތެރިވާށެވެ.

ހެޔޮކޮށް ހިތުމުގެ ތެރޭގައި ރަނގަޅަށް މުޢާމަލާތް ކުރުން ހިމެނެއެވެ. ފިރިމީހާ ވާން ޖެހޭނީ އަނބިމީހާ ދައްކާ ވާހަކަތައް ކަނުލާ އަޑުއަހާ މީހަކަށެވެ. ވަރަށް ގިނަ ފަހަރު ފިރީން އެބައިމީހުންގެ މަސައްކަތުގެ މާހައުލާއި އެހެނިހެން ކަންކަމުން ދިމާވާ ނުތަނަވަސްކަން އަނބިމީހާއަށް "ބާލާ" ފަހަރު ވެސް އާދެއެވެ. މީގެ ބަދަލުގައި އަނބީންނަށް ގޭތެރޭގެ މަސައްކަތުގައާއި ދަރީން ބެލުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން އޮޅުންފިލުވުމަށް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި އަނބީން ކަމަކާ ހިތްހަމަނުޖެހިފައި ހުންނަ ވަގުތުގައާއި ދެރަވެފައި ހުންނަ ވަގުތުގައާއި ވަރުބަލިވެފައި ހުންނަ ވަގުތުތަކުގައި މުހިންމު ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. މަޝްވަރާ ކުރުމާއި، ޚިޔާލު ބަދަލުކުރުމާއި، މަޢާފުކުރުމާއި، އިތުބާރުކުރުމާއި ގޮތް ދޫކުރުމަކީ ކައިވެންޏެއްގެ ޙަޤީޤީ ކާމިޔާބީއާ ގުޅިފައިވާ ކަންކަމެވެ.

އަނބީންނަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި އޭނާއަށް ހިތްވަރުދިނުން ހިމެނެއެވެ. އެންމެ ބޮޑު އުފާވެރިކަމެއް އޮންނާނީ ތެދުވެރި ހިތަކައިގެން ޙަޤީޤީ މައްސަލައަކީ ކޮބައިކަން ދެނެގަންނަ މީހާއާއި އަނބިމީހާ އެންމެ އުފާވާ އަދި ބޭނުންވާ ކަންކަން ދެނެގަންނަ މީހާއެވެ. އެހެންކަމުން އަނބިމީހާ ނުތަނަވަސްވަނީ ކިހިނެއްވެގެން ކަމާއި އޭނާ އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިކަމާ ދޭތެރޭ ފިރިމީހާ އޭނާގެ އަމިއްލަ ނަފްސާ އަބަދުވެސް ސުވާލުކުރަން ވާނެއެވެ. އަނބިމީހާއަށް ތަޢުރީފުކުރި ވަރަކަށް އަނބިމީހާ ފިރިމީހާއަށް ލެނބެމުންދާލެއް ބޮޑުވާނެއެވެ. އެ ގޮތުން ބޭނުންކުރެވިދާނެ ހިތްހެޔޮ ބަސްތަކުގެ ތެރޭގައި، "ތިއީ ވަރަށް ކަމުދާ ޚިޔާލެއް"، "ތި ހެދުމުގައި ހުންނަ އިރު ވަރަށް ރީތި"، "ތި އަޑު ވަރަށް އަހާހިތްވޭ" ފަދަ ބަސްތައް ހިމެނެއެވެ.

އިންސާނުންނަކީ އުނި ސިފަތައް ހުންނާނެ ބައެކެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވައްސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ" - رواه مسلم (1469) "އީމާންވެގެންވާ ފިރިހެނަކު އީމާންވެގެންވާ އަންހެނަކާ ދޭތެރޭ ރުޅިވެރިކަން ބާއްވައިގެން ނުވާނެއެވެ. އޭނާ އާ ދޭތެރޭ ހިތްހަމަ ނުޖެހޭ ސިފައެއް ހުރި ކަމުގައި ވިޔަސް އޭނާ ގައިގައި ހުރި އެހެން ހިތްހަމަޖެހޭ ސިފަތަކަށް ބަލާށެވެ."
ތިމާގެ އަނބިމީހާގެ ގައިގައި ހުރި ސިފައެއްގެ ސަބަބުން އޭނާއާ ނަފްރަތު ނުކުރާށެވެ. އޭގެ ބަދަލުގައި އަނބިމީހާއަށް ފުރުޞަތު ދީފި ނަމަ ފިރިމީހާ ހިތްއެދޭ ކަހަލަ ސިފަތަކެއް އަނބިމީހާގެ ކިބައިން ފެނިދާނެއެވެ. އަނބިމީހާގެ ގައިގައި ހުރި ހިތްއެދޭ ސިފަތައް ދެނެގަތުމަށްޓަކައި އަނބިމީހާގެ ގައިގައި ހުރި ރަނގަޅު ސިފަތަކުގެ ތެރެއިން ހައެއްކަ ކަންތައް ނޯޓުކޮށްލާށެވެ. މިގޮތަށް ނޯޓުކުރާއިރު ކޮންމެ ކަމަކީ ވެސް ވަކިވަކި ކަންތައްތަކެއްގެ ގޮތުގައި ނޯޓުކުރާށެވެ. އެ ގޮތުން އެ ލިސްޓުގައި ތަޤުވާވެރި، އޯގާތެރި، ހިތްހެޔޮ، އުފެއްދުންތެރި، ތެދުވެރި، މަސައްކަތްތެރި، ހިތްވަރުގަދަ، ވަފާތެރި، އުފާވެރި ފަދަ ކަންކަން ހިމެނުން ރަނގަޅެވެ. އަދި މި ލިސްޓު ހެދުމުގައި އަވަސް އަރުވާލުމުގެ ބަދަލުގައި ވަޤުތުގެ ބޭނުން ހިފައިގެން ރަނގަޅު ތެދު މަޢުލޫމާތު ހިމެނޭ ލިސްޓެއް ތައްޔާރުކުރުން ވަރަށް މުހިއްމެވެ. އަދި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހޭ ވަގުތުތަކުގައި މި ލިސްޓުގައި ވާ ކަންކަމަށް ބަލައިލުން މުހިއްމެވެ. މި ކަމުގެ ސަބަބުން ތިމާގެ އަނބިމީހާގެ ގައިގައި ހުރި ރަނގަޅު ސިފަތައް މަތިން ހަނދާންވެ ގިނަގިނައިން ތަޢުރީފުކުރުމަށް އާދަވެދާނެއެވެ.

އެއްދުވަހަކު ޞަޙާބީއަކު (މުޢާވިޔާ ބިން ޙައިދަތު އަލްޤުޝައިރީ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވިއެވެ. يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : "أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ أَوْ اكْتَسَبْتَ وَلَا تَضْرِبْ الْوَجْهَ وَلَا تُقَبِّحْ وَلَا تَهْجُرْ إِلَّا فِي الْبَيْتِ" قَالَ أَبُو دَاوُد : وَلَا تُقَبِّحْ : أَنْ تَقُولَ قَبَّحَكِ اللَّهُ . (رواه أبو داود ( 2142 ) وصححه الألباني في " صحيح أبي داود " .) " އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ ތެރެއިން މީހެއްގެ އަނބިމީހާގެ މައްޗަށްވާ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިބާ ކައިގެންހުރިކަމުގައިވަނީ ނަމަ އަނބިމީހާއަށް ކާން ދޭށެވެ. ތިބާ ހެދުންލާނަމަ އޭނާ ވެސް ހެދުން ލައްވާށެވެ. (ހެދުން ދޭށެވެ) އަދި އޭނާގެ މޫނުގައި ނުޖަހާށެވެ. އަދި އޭނާއާ ދިމާއަށް قَبَّحَكِ اللَّهُ ނުބުނާށެވެ. އަދި އަނބިމީހާ ގޭގައި ހުންނައިރު މެނުވީ އެކަހެރިކޮށްނުލާށެވެ."

ކައިވެނީގެ މައްސަލަތަކަކީ ވާހަކަދައްކައިގެން ޙައްލު ނުކުރެވިއްޖެ ނަމަ ރުޅިވެރިކަމާ ނަފުރަތަށް މަގުފަހިކުރާ ކަމެކެވެ. ރުޅިއަކީ އެންމެ މައިތިރިކުރަން އުނދަގޫ އިޙްސާސްކަމުގައި ވީ ނަމަވެސް، އެ ކަމުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ، ތިމާއަށް ދެރައެއް ދިން ފަރާތަށް މަޢާފްކުރަން ދަސްކުރުމެވެ. ދެމަފިރިންގެ ދޭތެރޭގައި މައްސަލައެއް ދިމާވާ ވަގުތު އަނބިމީހާއާ ވާހަކަދެއްކުން ހުއްޓާ ނުލާށެވެ. އަދި އޭނާ ދެރަކޮށް ހިތުގައި ނުޖައްސާށެވެ. އޭގެ ބަދަލުގައި އެ މައްސަލަ ހައްލުވެދާނެ ކަމުގެ އުންމީދު ގައި މަސައްކަތްކުރާށެވެ. ޙާލަތު ބަދަލުވުމުން ކުރީގެ ޙާލަތަށް ރުޖޫޢަވާށެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އަނބިމީހާއާ އިހާނެތި ބަހުން މުޚާޠަބްކުރުމާއި އޭނާއަށް އެއްވެސް ގޯނާއެއްކޮށް ގެއްލުމެއް ދިނުން ފިރިމީހާއަށް ހުއްދަވެގެން ނުވެއެވެ.

އިތުރަށް ވިދާޅުވޭ...

12.26.2011

ތިބާއަށް އުނިވަނީ ކޮން ނިޢުމަތެއް ހެއްޔެވެ؟

އަލްއުޚްތު އުންމު ޒިވާ
އެއީ މީގެ މަހެއްހާ ދުވަސް ކުރިއެވެ. އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެނި ޙަފްލާއަކަށް ދިޔައީމެވެ. ކާއެއްޗެހި އަޅައިގެން އައިސް މޭޒެއް ކައިރީގައި ވަރަށް ހަމަޖެހިލައިގެން ކާން އިށީނދެއްޖައީމެވެ. އަދި ޝައުޤުވެރިކަމާއެކު ކާއެއްޗެއްސަށް އިންސާފުކުރަން ފަށައިފީމެވެ. ކެއުމުގެ ފޯރި ގަދަވި ހިސާބުން ކުއްލިއަކަށް އެއްލުނު ކަޅިއަކުން ލޮލުގައި އަޅައިގަތީ، އެ ޙަފްލާ އޮތް ހޯލަށް ވަދެގެން އައި ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވަދެގެން ގޮސް އިށީންނަންދެން އޭނާއާ ދިމާއަށް އަހަރެންނަށް ބަލަން އިނދެވުނެވެ.

އެ ކުއްޖާއާ ދިމާއަށް އަހަރެންނަށް ބެލުނީ އެ ކުއްޖާ އާދަޔާ ޚިލާފަށް ރީތިވީމައެއް ނޫނެވެ. އާދަޔާ ޚިލާފަށް ހުތުރުވީމައެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. އާދަޔާ ޚިލާފު ސިފަޔަކަށް ހުރީމައެއް ވެސް ނުމެ ނޫންމެއެވެ. އޭނާއާ ދިމާއަށް ބެލުނީ ﷲ ގެ ކުޅަދުންވަންތަކަން ހިތަށް ވަތްލެއް ބޮޑުކަމުންނެވެ. އެ ކުއްޖާއަކީ ކޮރެއް ޖަހަމުން ހިނގޭ ކުއްޖެކެވެ. އެ ކޮރުގެ ސަބަބުން އޭނާއަށް ހިނގެނީ ވަރަށް ލަސްލަހުންނެވެ. އެހެން ނަމަވެސް ހުރީ މުސްލިމް ފިރިހެނެއް ހުންނަން ޖެހޭނެ އެންމެ ފުރިހަމަ ގޮތަށް ތުނބުޅި ބަހައްޓާ ފައިކުރި ކުރުކޮށްފައެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ލޮލަށް ބޭއިޚްތިޔާރުގައި ކަރުނަ ޖަމާވިއެވެ. އެއީ ހިތާމައާއި ހިތްދަތިކަމާ އުފާވެރިކަން އެކުލެވިގެންވީ ކަރުނައެވެ. އެ ޙާލުގައި ވެސް ﷲ އޭނާއަށް ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރާ ވަރު އޭނާގެ ބޭރުފުށުން ފާޅުވާން ހުރީތީ އައި ކަރުނައެކެވެ.

ދެ ލޮލުގައި ހުރި ކަރުނަ މަޑުމަޑުން ފޮހެލުމަށްފަހު އަނެއްކާވެސް ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުރީ، އަހަރެންނަށް ބޮޑުދައިތަ ކިޔާ ހަމަ އެ އުމުރުފުރައިގެ ކުއްޖެކެވެ. އޭނާ ހުރީ އެންމެ ޒަމާނީ ގޮތަށް ހެދުން އަޅާފައެވެ. އެއިރު ވެސް އޭނާ ހުރީ ﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތުން މަޙުރޫމުވެފައެވެ. މީހާގެ ފައި ބިމުގައި ރަނގަޅަށް ހަރުވެސް ނުލައެވެ. އަނެއްކާ ވެސް ލޮލުން ބޭ އިޚްތިޔާރުގައި އޮހިގަތީ ކަރުނައެވެ. މިފަހަރު މި އޮހެނީ ހަމަ ޔަޤީނުން ވެސް ހިތާމަވެރި ކަމުގެ ކަރުނައެވެ. އޭނާއަށްޓަކައި ހިތުގައި އުފެދުނު ހަމްދަރުދީއަކުން އައި ކަރުނައެވެ.

ތިބާއަށް ﷲ ނުދެއްވަނީ ކޮން ނިޢުމަތެއް ހެއްޔެވެ. ކާން ދެއްވިއެވެ. ބޯން ދެއްވިއެވެ. އަންނައުނު ދެއްވިއެވެ. ބޯހިޔާވަހިކަން ދެއްވިއެވެ. މި ހުރިހާ ނިޢުމަތްތަކެއް އިންސާނާއަށް ދެއްވުމުން ވެސް އެ އިންސާނާ އޭނާ ހެއްދެވި ފަރާތަށް ހަރާންކޯރު އެ ވަނީ ފަހެ ކިހިނެއް ވެގެން ހެއްޔެވެ؟
ކީރިތި ޤުރުއާނުގެ މި އާޔަތަށް ނަޒަރު ހިންގާލާށެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (التكاثر 8) "ދެން އަދި އެދުވަހުން ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނުހައި ނިޢުމަތްތަކާމެދު ކަނޑައެޅިގެން ތިޔަބައިމީހުންނާ ސުވާލުވެވޭނެއެވެ."

އިތުރަށް ވިދާޅުވޭ...

11.28.2011

ތަފާތެއް ފާހަގަކުރެވޭ ހެއްޔެވެ؟

އަލްއުޚްތު އުންމު ޒިވާ
ގްރޭޑް 3 ގައި ކިޔަވާ ދެ ދަރިވަރަކާ އެއް ސުވާލުތަކެއް ކުރުމުން އެ ދެކުދިން ދިން ޖަވާބު ތިރީގައި މި ވަނީއެވެ.

ސުވާލު: އެންމެ ލޯބިވަނީ ކާކު ދެކެ؟
ޖަވާބު:
1: މަންމަ ދެކެ
2: މާތްﷲ ދެކެ

ސުވާލު: އެންމެ ކިޔާ ހިތްވަނީ ކޮން ފޮތެއް؟
ޖަވާބު:
1: ހެރީ ޕޮޓަރ
2: ކީރިތި ޤުރުއާން

ސުވާލު: އެންމެ މަޤުބޫލު ޝަޚުޞިއްޔަތަކީ ކޮބާ؟
ޖަވާބު:
1: މައިކަލް ޖެކްޝަން
2: މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމް

ސުވާލު: އެންމެ ދާން ބޭނުންވަނީ ކޮންތާކަށް؟
ޖަވާބު:
1: ޕެރިސްއަށް
2: ސުވަރުގެއަށް

ސުވާލު: އެންމެ އުފާވާ ކަމަކީ ކޮބާ؟
ޖަވާބު:
1: ކޮންމެ އަހަރެއްގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް މަންމަމެން ފާހަގަކޮށްދޭތީ
2: ރަނގަޅު މަންމައަކާއި ބައްޕައެއް ލިބިފައިވާތީ

މަތީގައިވާ ސުވާލުތަކަށް ދެ ދަރިވަރުން ދީފައިވާ ޖަވާބުތަކަށް ބަލާއިރު ތިޔަ ބޭފުޅުންނަށް އެއްވެސް ތަފާތެއް ފާހަގަކުރެވޭ ހެއްޔެވެ؟ ދެ ދަރީން ތަރުބިއްޔަތު ކުރި މައިންބަފައިންގެ ކިބައިގައި ތަފާތެއް ވާކަން ދެނެގަނެވޭ ހެއްޔެވެ؟ ދެ ދަރީންނަށް ލިބިފައިވާ ތަރުބިއްޔަތުގައި ތަފާތުތަކެއް ވާކަން ދެނެގަނެވޭ ހެއްޔެވެ؟ އާނ އެކެވެ. ބުއްދި ސަލާމަތުން ހުރެ ކިޔައިފި ކޮންމެ މީހަކަށް ދޭހަވާނެއެވެ. އަހައިފި ކޮންމެ މީހަކަށް އެނގޭނެއެވެ.

ތަފާތަކީ ތަރުބިއްޔަތު ދިން ފަރާތުގައިވާ އީމާންތެރިކަމުގެ ތަފާތެވެ. ތަފާތަކީ ދަރީންނަށް ދެވިފައިވާ ތަރުބިއްޔަތުގެ ތަފާތެވެ. އެއް ކުއްޖަކަށް ތަރުބިއްޔަތު ދީފައިވަނީ ލާދީނީ ފިކުރުތަކުން ފުރިފައިވާ މަޔަކާއި ބަފައެއް ކަމެވެ. އަނެއް ކުއްޖަކަށް ތަރުބިއްޔަތު ދީފައިވަނީ އިސްލާމް ދީނުގެ ރިވެތި އަޚުލާޤުގެ މަތީގައިވާ މަޔަކާއި ބަފައެއް ކަމެވެ.

އޭ ލޮބުވެތި އުޚުތުންނެވެ. އޭ ލޮބުވެތި މައިންނޭވެ. އޭ ލޮބުވެތި ބަފައިންނޭވެ. ތިޔައިން ކޮންމެ މަޔަކީ ވެސް އަދި ބަފަޔަކީ ވެސް މާދަމާ ސުވާލުވެވިގެންވާނޭ ބައެކެވެ. ތިބާއަށް ލިބިފައިވާ އަމާނާތާ މެދުގައެވެ. ހަމަ ޔަޤީނުން ވެސް އެ ދަރީންނަކީ ތިބާގެ އާޚިރަތުގެ ގޮވަތި ބާއްޖަވެރިވުމާ ނުވުމާ ގުޅިފައިވާ އަގުހުރި އަމާނާތެކެވެ. އެ ދަރީންނަށް ދެވޭ ތަރުބިއްޔަތެއްގެ ސަބަބުން ތިބާ މި ދުނިޔެއިން ދިއުމަށް ފަހު ވެސް ހިތާމަ ނުވަތަ އުފާ ކުރަން ޖެހެއެވެ. އެހެނީ ތިބާ މަރުވުމަށްފަހު ތިބާއާ އެކުގައި ވާނެ ތިން އެއްޗެއްގެ ތެރޭގައި ތިބާއަށް ލިބިފައިވާ ޞާލިޙު ދަރީންގެ ހެޔޮ ދުޢާ ހިމެނެއެވެ. މާތްﷲ މި ދިވެހި ދީބުގެ މައިންނާއި ބަފައިންނަށް ތެދުމަގު ދައްކަވާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ ތައުފީޤު ދެއްވާނދޭވެ!

އިތުރަށް ވިދާޅުވޭ...

11.17.2011

ދިރިއުޅުން ބަދަލުކޮށްލި ރޭޑިޔޯ.......

އަލްއުޚްތު އުންމު ޒިވާ
އެއީ މީގެ 2 އަހަރު ކުރިއެވެ. އަހަރެންނަކީ ސިޔާސީ ކަންކަމަށް ފޯރި ހުންނަ މީހަކީމެވެ. އޮފީހުގައި އިންނަ އިރު ވެސް އިންނަނީ އަބަދުވެސް ރޭޑިޔޯ އިން ނަމަވެސް ކޮންމެ ވެސް ސިޔާސީ ޕްރޮގްރާމެއް އަޑު އަހާށެވެ. ހިތަށް ހިތްހަމަޖެހުން ލިބެނީ ސިޔާސީ މީހަކު ދައްކާ ކޮންމެވެސް މޮޅު ވާހަކައެއް އަޑުއަހާލުމުންނެވެ. އެންމެ ފޯރިއާއެކު އަޑުއަހަނީ ރައްޔިތުންގެ މަޖިލިސްގެ ވާހަކަތަކެވެ. ދީނުގެ ތަނބު ކަމުގައިވާ ނަމާދުކުރުމާއި އެހެން ވެސް އަޅުކަންތަކަށް ވުރެ އިސްކަން ދެވެނީ އެފަދަ ކަންކަމަށެވެ. އެފަދަ ސިޔާސީ ޕްރޮގްރާމެއް ނާންނަ ގަޑިތަކުގައި މުޅި ސެކްޝަނުގެ ހުރިހާ އެންމެންނަށް އަޑު އިވޭ ވަރަށް ލަވަ ޖެހުމަކީ އެންމެ ކުރާހިތްވާ އަނެއް ކަމެވެ. އެންމެ ރީތި ލަވަތަކުގެ ކަލެކްޝަނަށް ލަވަ އެއްކުރުމަކީ އަމުދުން މާ ކުރާ ހިތްވާ ކަމެކެވެ.

މި ގޮތުން އޮފީހުގައި އިންނަ ވަގުތުތަކުގައި ރައްޔިތުންގެ މަޖިލީހުގެ އަޑު އަހަން ޖެހެނީ ރޭޑިއޯއިން ކަމަށް ވާތީ، "ރޭޑިއޯ އެޓޯލް" ހެނދުނު ހެނދުނާ އަޅުވަމެވެ. އަދި ހަމަ އެހެންމެ މަޖިލިސް އަންނަ ގަޑި ޖެހެން ވާއިރަށް ސައި ބޮއެ ތައްޔާރުވަމެވެ. ކޮންމެއަކަސް މި ގޮތަށް ކަންތައް ހިނގަމުންދެއެވެ. މަޖިލީސް ފޮނުވާ އިރު އަންނަ ބްރޭކް ގަޑީގައި ވެސް ރޭޑިޔޯ ނިއްވާ ނުލަމެވެ. އެހެނީ މަޖިލިސް ފެށެން ވާއިރަށް ހަނދާން ނެތިގެން ވެސް ނުޖެއްސިދާނެތީއެވެ. މި ގޮތުން ބްރޭކް ގަޑީގައި ފާޑު ފާޑުގެ ދީނީ ސްޕޮޓްކޮޅާއި މަދަހަ ފަދަ ތަކެތި އާދެއެވެ.

މި އެއްޗެއްސަކީ އަޑުއަހަން އެހާ ބޭނުންވާ ޒާތުގެ އެއްޗެހި ނޫން ކަމުގައި ވިޔަސް، މަޖިލިސް އަޑުއެހުމަށް ހުންނަ ޝައުޤެއްގެ ބޮޑު ކަމުން އަޑުއަހަން މަޖުބޫރުވީއެވެ. އެންމެ ކުރީކޮޅު އަޑުއަހަން ފޫހިވި ނަމަވެސް މަޑުމަޑުން އެ ތަކެތި އަޑުއަހާ ހިތްވާން ފެށިއެވެ. ސްޕޮޓްކޮޅުތަކުގެ ތެރޭގައި ތަފާތު އެކި އެކި މައުޟޫޢުތަކާ ގުޅޭ ގޮތުން ޢިލްމުވެރިން ދެއްވާ ފަތުވާގެ އަޑު އިވެއެވެ. އެ ގޮތުން ނަމާދާއި، ރިބާއާއި، އައުރައާއި، މިއުޒިކާއި މިހެން ގޮސް ދީނުގެ އެތައް އެތައް މައުޟޫޢުތަކާ ގުޅޭ ގޮތުން މަޢުލޫމާތު އާދެއެވެ.

މަޑުމަޑުން އެ އިވޭ މަޢުލޫމާތުގެ ސަބަބުން ހިތަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ނަމާދު ނުކުރާ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ވާހަކައާއި ނަމާދަކީ ކޮންމެ މުސްލިމަކު ކޮންމެ ޙާލެއްގައި ވެސް ކުރަން ޖެހޭ އެއްޗެއް ކަމާއި މިއުޒިކް އަޑު އެހުމުގެ ޙުކުމް ފަދަ ވާހަކަތައް އިވެން ފެށުމުން އަމިއްލަ ހިތުގައިވާ އީމާންތެރިކަމާ މެދު ޝައްކު އުފެދެން ފަށައިފިއެވެ. އަމިއްލައަށް އުޅެވޭ ގޮތާ ދޭތެރޭ ވިސްނެން ފަށައިފިއެވެ. ދުނިޔެއަށް ފޮނުއްވި މަޤްޞަދާ ދޭތެރޭ ފިކުރު ކުރެވެން ފަށައިފިއެވެ. މަޖާކުރުމާއި ސަކަރާތް ޖެހުމުގައި ބޭކާރު ވަގުތުތަކެއް ހޭދަކުރެވޭކަން އިހްސާސްވާން ފަށައިފިއެވެ. އަންހެނާގެ އަންހެންވަންތަ ކަމުގެ އިމުން ބޭރުގައި އުޅެވޭކަމުގެ ލަދުވެތިކަން އިޙްސާސްވާން ފަށައިފިއެވެ. ތިމާގެ އައުރަ ނިވާ ނުކޮށް ހިލޭ ފިރިހެނުންނަށް ރީތިކަން ނީލަން ކިޔެނީކަން އެނގި ހިތާމަކުރެވެން ފަށައިފިއެވެ.

މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، 2009 ވަނަ އަހަރުގެ ރަމަޟާން މަސް ބައްދަލުވެއްޖެއެވެ. ހިތުގައި ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިފީމެވެ. އެންމެ ނަމާދެއް ވެސް އޭގެ ފަހުގައި ދޫކޮށްނުލާ ވަގުތު ޖެހުމާއެކު އަވަހަށް ކުރުމުގެ އިޚްލާޞްތެރި ޢަޒުމެވެ. ﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު އެކަން އެ ސާބިތުކަމާއެކު ގޮތުގައި މިއަދާ ހަމައަށް ވެސް ކުރެވެމުން އެބަ ދެއެވެ. މިހާރު ނަމާދު އޭގެ ވަގުތުގައި ނުކުރެވިދާނެ ކަމުގެ ބިރު ހިތުގައި އަބަދު ވެސް އޮވެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން ލަސްނުކޮށް ކޮންމެ ކަމެއްގައި ހުރި ނަމަވެސް އަވަހަށް ކުރުމަކީ އުފަލެއް ކަމުގައި ވެސް ދެކެވިއްޖެއެވެ. ހުރިހާ ވެސް ހިތްހަމަޖެހުމަކާއި އުފަލެއް ލިބެނީ ﷲ ހަނދުމަ ކުރުމުން އެކަނިކަން ޔަޤީންވެއްޖެއެވެ. ފަރުޟު ނަމާދުގެ އިތުރަށް ސުންނަން ނަމާދުތައް ވެސް ކުރުމަކީ އަދި ވަކީން އުފާ ލިބޭ ކަމެއް ކަމުގައި ވެއްޖެއެވެ.

މި ގޮތުގައި ކުރިއަށް ދިޔަ ވަރަކަށް، ރޭޑިޔޯ އެޓޯލް އަޑުއެހުމަކީ ހަމައެކަނި މަޖިލިސް އަޑުއަހަން ގެންގުޅޭ ޗެނަލެއްގެ ބަދަލުގައި ގޭގައާއި އޮފީހުގައި ވެސް ޢާންމުކޮށް އަޑުއަހާ ޗެނަލަކަށް ވެއްޖެއެވެ. އެގޮތުން އަންހެނަކަށް ވީތީ ނިވާކުރަންޖެހޭ ބައިތަކެއް ހުންނަކަމުގެ ވާހަކަތައް އަޑު އިވި އިވި އެ ކަމަށް ވެސް ޙައްލެއް ގެނައުމާ ދޭތެރޭ ވިސްނަން ފަށައިފީމެވެ. އެއިރު އަހަންނަކީ ބުރުގާ އަޅައިގެން އުޅުނު މީހެއް ކަމަކު، އެ ބުރުގާއަކީ ބޮލުގައި ތަތްކޮށްފައި އޮންނަ އެއްޗެއްކެވެ. އަދި ލާ އުޅުނު ހެދުންތަކަކީ ގައިގައި ދަވާދު ލާހެން ލާފައި ހުންނަ ހެދުންތަކެކެވެ.

2009 ވަނަ އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހާއެކު އަހަރެން ލާ ހެދުންތައް ވެސް ބަދަލުކޮށްފީމެވެ. ﷲ އެންގެވި ގޮތަށް އައުރަ ނިވާކުރުމުގެ މަތިވެރި މަޤްޞަދުގައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ކުރަން ޖެހެނީ ﷲ އަށް ޓަކައި ކަން ވިސްނިފައިވާ ޙާލު، އެ ކަން ވެސް ﷲ އަށް ޓަކައި ކޮށްފީމެވެ. ކުރީން ހެދުން ލާހިތްވަނީ ހެދުން ބާރުވެފައި ކުރުވީ ވަރަކުންނެވެ. އެހެން ނަމަވެސް މިއަދު ހެދުން ބާރުވެއްޖެ ނަމަ ލާން ވެސް ނުކެރޭނެއެވެ. އަދި ހެދުން ލެވޭނެ އެންމެ ދިގުކޮށް ލުމަކީ އެންމެ ފުރިހަމަ ހެދުން ހުންނަންޖެހޭ ގޮތްކަން އެނގެއެވެ. ޖަރީކޮށްފައި ހުންނަ ފިރިހެނުންގެ އަޅައިގަންނަ ފަދަ ހެދުން އަމުދުން ލާކަށް ނުކެރެއެވެ.

ލާ ހެދުންތައް ބަދަލުވީ އެކަންޏެއް ނޫނެވެ. އަޑުއަހަމުން ދިޔަ ލަވަތަކާއި މިއުޒިކްތައް އަޑުއެހުން މުޅީންހެން ހުއްޓާލައިފީމެވެ. ޑްރާމާތަކާއި ފިލްމުތައް ބެލުން ހުއްޓާލައިފީމެވެ. އަދި ހަމަ އެހެންމެ ދީނީ އެކިއެކި ވޯރކްޝޮޕްތަކުގައި ބައިވެރިވާން ފަށައިފީމެވެ. މި ހުރިހާ ބަދަލުތަކެއް އަހަރެންނަށް އައި އިރު ވެސް، އަހަރެންގެ ފިރިމީހާއަކީ ދީނަށް ލޯބިކުރާ މީހެއް ކަމުގައި ނުވެއެވެ. ދީނުގައި އަންގަވައިފައިވާ ކަންކަމާ ދޭތެރޭ އެހާމެ ފަރުވާ ކުޑައެވެ. އޭނާއަށް ތެދުމަގު ދައްކަވާތޯ އަބަދާ އަބަދު ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމެވެ. އަދި ގޭގައި ދަރުސް އަޑު އެހުމާއި، އޭނާއަށް އިވޭ ވަރަށް ރޭޑިޔޯ އެޓޯލް ޖަހާފައި ބެހެއްޓުން ފަދަ ކަންކަން ކުރަން ފަށައިފީމެވެ.

ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާނުލާ ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ ފިރިމީހާއަށް ހިދާޔަތް ދެއްކެވުމެވެ. 2010 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ނަމާދެއް ބަރާބަރަށް ކުރަން ފަށައިފިއެވެ. ބޭރުފުށުން ވެސް އޭނާއަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރާ މީހެއްކަން ފެންނަން ފަށައިފިއެވެ. ތުނބުޅި ބަހައްޓާ ފައިކުރި ކުރުކޮށްފިއެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ސުންނަތް ރޯދަ ހިފަން ފަށައިފިއެވެ. ދެ މީހުންގެ 9 އަހަރު ވީ ޒަވާޖީ ޙަޔާތް ދުވަހަކު ވެސް އުފާވެރިނުވާހާ މިންވަރަށް އުފާވެރިވެއްޖެއެވެ.

ދެ މީހުންނަށް ލިބިފައިވާ ދެ ދަރީން ތަރުބިއްޔަތު ކުރުމުގައި ދެ މީހުންގެ ޙިއްޞާ ވެސް އެއްވަރަކަށް އޮވެއެވެ. އިއްޔެއާއި މިއަދުގެ ތަފާތު މި ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. އެ ދުވަހުގެ ހިތްހަމަނުޖެހުމާއި މިއަދުގެ ހިތްހަމަޖެހުމުގެ ފަރަގު މި ދަނީ ތަޖުރިބާ ކުރަމުންނެވެ. ﷲ ގެ މަތިން ހަނދުމަކޮށް އެކަލާނގެ އެންގެވި ގޮތުގައި އުޅުމުން ލިބޭ ހިތްހަމަޖެހުމަކީ، އެހެން އެއްވެސް ކަމަކުން ލިބޭނެ އެއްޗެއް ނޫންކަން މިއަދު ކަށަވަރުވެއްޖެއެވެ. އީމާންކަމުގެ ފޮނި ރަހަ ލިބިއްޖެ ކޮންމެ މީހަކީ ކިހާ ބޮޑު ނިޢުމަތެއްގެ ވެރިއެއްކަން އެނގި ހާމަވެއްޖެއެވެ.

އޭ އެންމެހާ އަޚުންނާއި އުޚުޔުންނޭވެ. މި ދުނިޔޭގެ ވަގުތީ އުފަލާ އަރާމުގައި ޣަރަޤުވެގެން ނުދާށެވެ. މަރުވުމަށްފަހު އޮތް ޙަޔާތަކީ ދިރިއުޅުމުގެ ދާއިމީ ގޮވައްޗެވެ. އެ ގޮވަތީގެ އުފާވެރިމަކާއި ބިރުވެރިކަން ބިނާވުން އޮތީ މި ދުނިޔޭގައި ތިމާ ކުރާ ޢަމަލުތަކުގެ މައްޗަށް ބިނާވެގެންނެވެ. މިއަދު ދުނިޔޭގައި ﷲ އެންގެވި ގޮތަށް އުޅޭ އަޅުންނަށް މާދަމާ އޮތީ ސުވަރުގެއެވެ. މިއަދު ދުނިޔޭގައި ﷲ އެންގެވި ގޮތާ ޚިލާފަށް އުޅޭ މީހުންނަށް މާދަމާ އޮތީ ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ. މި ދެ މަގުން އެއް މަގު ޚިޔާރުކުރުމަކީ އަހަރެންނާއި ތިބާގެ އަތްމަތީގައިވާ ކަމެކެވެ. މާތްﷲ މި އަޅާއާއި އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ނަރަކައިގެ ވޭންދެނިވި ޢަޛާބުން މިންޖުކުރައްވާށި. ރޭޑިޔޯ އެޓޯލްގެ ފަރާތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އާމީން.

ނިމުނީ...

ނޯޓް: މިއީ ޙަޤީޤީ ވާހަކައެއް.

އިތުރަށް ވިދާޅުވޭ...