Showing posts with label ސުވާލާއި ޖަވާބު. Show all posts
Showing posts with label ސުވާލާއި ޖަވާބު. Show all posts

10.06.2011

އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެ؟

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والعاقبة للمتقين. ولاعدوان إلا على الظالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. و بعد

ﷲގެ ދީން ބިންމަތިން ފޮހެލައި، އެދީނުގެ ހުޅުކޮޅު ނިއްވާލުމަށް، ހުރިހާ ޒަމާނެއްގައިވެސް ޣައިރުމުސްލިމުން، އެމީހުންނަށް ކުރެވުނުހައި މަސައްކަތެއް ކުރަމުންދެއެވެ. މިގޮތުން އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ ބައެއްކަންތަކުން އިންސާނުންނަށް ގެއްލުންލިބޭކަމަށް ޘާބިތުކޮށްދޭން އެމީހުން މަސައްކަތްކުރެއެވެ. އަދި އެމީހުންގެ މިމަޅީގައިޖެހި، އެ ޕުރޮޕެގެންޑާ ފެތުރުމުގައި ބައެއް މުސްލިމުންވެސް ބައިވެރިވެއެވެ.

ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭކަމަށް ބުނެވޭ، މިދިވެހިރާއްޖޭގައިވެސް އެފަދަ ޕްރޮޕެގެންޑާތައް ފެތުރެމުންދާތަން ފެންނަކަމީ އެކަމުގެ ދިރިހުރި ހެއްކެކެވެ. އަންހެންކުދިން ޚިތާނުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެކަމެއް ނޫންކަމަށާއި، އެއީ އެކުދިންނަށް ވަރަށްބޮޑެތި ގެއްލުންތަކެއް ހުރިކަމެއްކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކަކީވެސް އެފަދަ ޕުރޮޕެގެންޑާއެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ އިސްލާމްދީނުގައި ޚިތާނުކުރަން އަންގަވާފައިވާގޮތަށް ޚިތާނުކޮށްފިނަމަ، އެއްވެސް ގެއްލުމެއްނުވާނެކަމަށާއި، އޭގެބަދަލުގައި އެކުދީންނަށްވާނީ ފައިދާކަމުގައި އިތުބާރުހުރި މުސްލިމު ޑޮކްޓަރުން ބަޔާންކޮށްފައިވެއެވެ. އަދި އެކުދީންނަށް ގެއްލުންވަނީ ‘ފިރުޢައުނީ ޚިތާނު’ގެ ނަމުން މަޝްހޫރުވެފައިވާ ގޮތަށް ޚިތާނުކުރުމުން ކަމަށްވެސް އެބޭފުޅުން ބަޔާންކުރައްވާފައިވެއެވެ.

ޑޮކްޓަރުންގެ މިވާހަކަތައް ނޭގުނަސް، ﷲ ގެ ދީނުގައި ޝަރުޢުވެފައިވާ އެއްވެސް ކަމަކުން، އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ނުލިބޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އެހެނީ މިދީނަކީ އިންސާނުން ޚަލްޤުކުރެއްވި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ދީނެވެ. އިންސާނުންނަށް ފައިދާހުރިކަންތަކާއި ގެއްލުންހުރި ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.

ނަމަވެސް ހިތާމައާއެކު ބުނެލަން ޖެހެނީ، މުޖުތަމަޢުގައި މަރުޖިޢަކަށް ބެލެވޭ ބައެއް ބޭފުޅުންގެ ފަރާތުންވެސް، އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއް ނޫންކަމަށާއި، އެކަމާމެދު އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ޟަޢީފު ޙަދީޘްތަކެއްކަމަށް ބުނެވި، އެކަމުގެ މަޝްރޫޢިއްޔަތުކަމާމެދުވެސް ބައެއް މީހުން މިހާރު ޝައްކުކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ޙަޤީޤަތް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ބަޔާން ކޮށްދިނުމުގެ ގޮތުން، ބައެއް ޞައްޙަ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.

1-عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ (رواه مسلم) ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރއްވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.” މި ޙަދީޘުގައި ދެމަފިރިންގެ ލަދުވެތިގުނަވަނަށްވެސް ޚިތާނޭ ޙަދީޘްކުރައްވާފައި އޮތުމުން، އަންހެންމީހާ ޚިތާނުކުރުމަކީވެސް މަޝްރޫޢުކަމެއްކަން އެނގިގެންދެއެވެ.

2-عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ (صححه الألباني في صحيح أبي داود) އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. “(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. اخْفِضِيْ وَ لَا تُنْهِكِيْ فَإِنَّهُ أَنْضَرُ لِلْوَجْهِ وَ أَحْظَى عِنْدَ الزَّوْجِ (صححه الألباني) “(އަންހެންކުދިން) ޚިތާނުކުރާށެވެ! އަދި (ޚިތާނުކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. އެއީ އެއަންހެންމީހާގެ މޫނު ރީތިވުން އެންމެ ގާތްގޮތެވެ. އަދި ފިރިމީހާ ކައިރީގައި އެންމެ އަރާމު ގޮތެވެ.”

3-عَنْ أُمِّ عَلْقَمَةَ أَنَّ بَنَاتِ أَخِيْ عَائِشَةَ خُتِنَّ (أخرجه البخاري في الأدب المفرد) އުއްމު ޢަލަޤަމާ ރަޙިމަހަﷲގެ ކިބައިން ރިވާވެގެންވެއެވެ. “އާއިޝާ ރަޟިޔަﷲ ޢަންހާގެ އަޚުގެ އަންހެން ކުދިން ޚިތާނުކުރެވުނެވެ.”

4-އިބްނު ރަޖަބް ރަޙިމަހުﷲ ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. وَخِتَانُ الْمَرْأَةِ مَشْرُوْعٌ بِغَيْرِ خِلَافٍ ”އަންހެނުން ޚިތާނުކުރުމަކީ (ދީނުގައި) މަޝްރޫޢުކަމެކެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.”

5-އިމާމުލް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި بَابُ إِذَا الْتَقَى الخِتَانَانِ (ދެ ޚިތާނު ޖެހޭހިނދު) މިހެން ވިދާޅުވެ ބާބު ބަންނަވާފައިވެއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ މި ބާބު ޝަރަޙަ ކުރައްވަމުން ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. ” ދެ ޚިތާނުގެ މުރާދަކީ ފިރިހެން މީހާގެ ޚިތާނާއި(ލަދުވެތި ގުނަވަނާއި) އަންހެން މީހާގެ ޚިތާނެވެ.(ލަދުވެތި ގުނަވަނެވެ).” މި ބާބުގައި އިމާމުލް ބުޚާރީ ރަޙިމަހުﷲ ގެންނަވާފައިވަނީ، ޖިމާޢުވެއްޖެނަމަ، ހިނައިގަތުން ވާޖިބުވާނެކަން ބަޔާންވެފައިވާ ޙަދީޘްތަކެވެ.

6-ފިޠުރަތުގެ ކަންތައް ބަޔާންކުރެވިފައިވާ ޙަދީޘް ޝަރަޙަކުރައްވަމުން، އައްނަވަވީ ރަޙިމަހުﷲ ޞަޙީހްމުސްލިމްގެ ޝަރަޙަ އަލްމިންހާޖްގައި ވިދާޅުވެފައިވެއެވެ. “ފަހެ ޚިތާނުކުރުމަކީ، އިމާމް ޝާފިޢީ ރަޙިމަހުﷲ އާއި ބައެއް ޢިލްމުވެރިންގެ އަރިހުގައި ވާޖިބުކަމެކެވެ. އަދި އިމާމް މާލިކް ރަޙިމަހުﷲ އާއި ގިނަ ޢިލްމުވެރިންގެ އަރިހުގައި ސުންނަތް ކަމެކެވެ. ޝާފިޢީ ރަޙިމަހުﷲގެ އަރިހުގައި، އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބުކަމެކެވެ.”

7-ޝާފިޢީ މަޛްހަބުގެ ފިޤުހުފޮތެއްކަމުގައިވާ ‘މިންހާޖުއް ޠާލިބީންގައި’ އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ ވާޖިބެކެވެ.”

8-ޝާފިޢީ މަޛްހަބުގެ އެހެން ފިޤުހުފޮތެއްކަމުގައިވާ ‘އަލްބަޔާނުގައި’ އަލްޢިމްރާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމަކީ (އަހަރެމެންގެ މަޛުހަބުގައި) ވާޖިބެކެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް، އެއީ ސުންނަތެއްކަމަށް އަބޫޙަނީފާ ވިދާޅުވެއެވެ.”

9-ޝާފިޢީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހުފޮތް ކަމުގައިވާ ‘އަލްމަޖުމޫޢުގައި’ އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގައި ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީވެސް ވާޖިބެކެވެ.” އަދި މިއީ ސަލަފުންގެ ގިނަ ބޭކަލުންތަކެއްގެ ބަހެވެ. އަދި ޚިތާނުކުރުން ވާޖިބެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ތެރެއިން އިމާމް އަޙުމަދުވެސް ހިމެނެއެވެ. އަދި އިމާމް މާލިކާއި އިމާމް އަބޫހަނީފާ ވިދާޅުވަނީ ފިރިހެނުންނާއި އަންހެނުންގެ ޙައްޤުގައިވެސް އެއީ ސުންނަތެއް ކަމުގައެވެ. އަދި ރާފިޢީ އެއީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ވަޖުހެއްކަމަށް ވިދާޅުވެއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްވުމަކީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ތިންވަނަ ވަޖުހުކަމުގައި ރާފިޢީ ބަޔާންކުރައްވައެވެ. ނަމަވެސް، މި ދެ ވަޖުހަކީވެސް ޝާޛް(އެކަހެރި، ޤަބޫލުނުކުރެވޭ) ދެ ވަޖުހެވެ. އަދި އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ޞައްޙަ ވަޖުހަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ވާޖިބުވުމެވެ. މިއީ ޝާފިޢީ ރަޙިމަހުﷲގެވެސް ރައުޔެވެ. އަދި ޖުމުހޫރުންވެސް ވިދާޅުވާގޮތެވެ.”

10-މާލިކީ މަޛްހަބުގެ ފޮތެއް ކަމުގައިވާ ‘އަލް އިސްތިޛްކާރުގައި’ އިބްނު ޢަބްދިލް ބައްރި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އާޠާއު ވިދާޅުވެއެވެ. ޚިތާނު ނުކުރަނީސް މީހެއްގެ އިސްލާމްކަން ފުރިހަމަ ނުވާހުއްޓެވެ. މާލިކާއި، ޝާފިޢީއާއި، އަބޫޙަނީފާ ދެއްކިލައްވަނީ ބޮޑުމީހެއްވިޔަސް، އިސްލާމްވުމަށްފަހު ޚިތާނުކުރަން ޖެހޭނެކަމަށެވެ. އަދި އަންހެނުންނަށް އެއީ އެދެވިގެންވާ ސުންނަތެއްކަމުގައި އެބޭކަލުން ދެކިލައްވައެވެ. އަދި އިމާމް މާލިކު ވިދާޅުވާކަމުގައި އިބްނުލްޤާސިމް ވިދާޅުވިއެވެ. ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީ ފިޠުރަތުގެ ތެރެއިންވާ ކަމެކެވެ.”

11-ޙަންބަލީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހު ފޮތްކަމުގައިވާ ‘އަލްމުޣުނީގައި’ އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ފިރިހެނުންނަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އަންހެނުންނަށްޓަކައި އެއީ މާތްކަމެކެވެ. އެކަނބަލުންނަށް ވާޖިބުވެގެންވާކަމެއް ނޫނެވެ. މިއީ ގިނަ ޢިލްމުވެރިންތަކެއްގެ ބަހެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ އަންހެނުންނަށްވެސް ޝަރުޢުވެގެންވާ ކަމެކެވެ. އަބޫ ޢަބްދިﷲ (އިމާމު ޢަޙުމަދު) ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް إِذَا الْتَقَى الْخِتَانَانِ وَجَبَ الْغُسْلُ (ދެޚިތާނު ޖެހިއްޖެނަމަ (ޖިމާޢުވެއްޖެނަމަ) ހިނައިގަތުން ވާޖިބުވެއްޖެއެވެ.)އިން، އަންހެން ބޭކަނބަލުންވެސް ޚިތާނުކުރައްވާކަން އެނގެއެވެ.”

12-ޙަނަފީ މަޛްހަބުގެ ފޮތެއްކަމުގައިވާ ‘ތުޙުފަތުލްމުލޫކުގައި’ ޒައިނުއްދީން އައްރާޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ފިރިހެނުންނަށް ސުންނަތެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ.”

13-’އައްޝަރުޙުލް މުމްތިޢުގައި’ ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މުއައްލިފު (އަލްޙަޖާވީ)ގެ ބަސްފުޅުން ދޭހަވަނީ، ޚިތާނުކުރުމަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބެއްކަމެވެ. (ޙަންބަލީ) މަޒްހަބުގެ ރައުޔަކީ މިއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްކަމުގައިވެސް ބުނެވެއެވެ. މިއީ މުވައްފަޤު އިބްނުޤުދާމާ ރަޙިމަހުﷲގެ ރައުޔެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް ސުންނަތެއްކަމުގައިވެސް ބުނެވެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އަދި ފިރިހެނުންނަށް ވާޖިބެއްކަމަށާއި އަންހެނުންނަށް ސުންނަތެއްކަމަށް ބުނެވޭ ރައުޔު އެއީ ޙައްޤާއި އެންމެ ގާތް ރައުޔެވެ.”

14-’ނައިލުލް އައުޠާރުގައި’ ޝައުކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ވާޖިބެއްކަމަށް ޘާބިތުވާ އެއްވެސް ޞައްޙަ ދަލީލެއް ނެތެވެ. (ދަލީލުން) ޔަޤީންވާކަމަކީ އެއީ ސުންނަތެއްކަމެވެ.”

15-އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ‘މަޖުމޫޢަތުލް ފަތާވާގައި’ ވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަކަމެއް ތޯއެވެ. (ޖަވާބުގައި) ވިދާޅުވިއެވެ. އެންމެހައި ޙަމްދެއްވަނީ ﷲ ތަޢާލާއަށެވެ. އާނއެކެވެ. އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަ ކަމެކެވެ.”

16-ސަޢޫދީ ޢަރަބިއްޔާގެ ފަތަވާކޮމިޓީގެ ފަތަވާފޮތުގައިވެއެވެ. “ޚިތާނުކުރުމަކީ ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ޝަރުޢުވެފައިވާކަމެކެވެ. ނަމަވެސް ފިރިހެނުންނަށް އެއީ ވާޖިބެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ.” އަދިވެސް އަންހެނުން ޚިތާނުކުރުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލުކުރެވުމުން ބަޔާންކޮށްފައިވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ މަޝްރޫޢުކަމެކެވެ. އަދި އެއީ އެކަނބަލުންގެ ޙައްޤުގައި މާތްކަމެކެވެ.”

ޚުލާޞާ
މަތީގައި ބަޔާންވެފައިވާ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން،އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުވެފައިވާ ކަމެއްކަމާއި، އެއީ ދީނީކަމެއްކަމާއި، އެކަމަށް ދަލާލަތުކުރާ ޞައްޙަ ޙަދީޘްތައްވެސް ވާރިދުވެފައިވާކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. އަދި ހަމައެއާއެކު، ހަތަރު މަޛުހަބުގެ ޢިލްމުވެރިންވެސް އެކަމުގެ މަޝްރޫޢިއްޔަތާމެދު އެއްބަސްވެލައްވާކަމާއި، އެބޭފުޅުން ވާހަކަދައްކަވާފައިވާނީ، އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯކަމާމެދުކަން އަޅުގަނޑުމެންނަށް ބަޔާންވެގެން ހިނގައްޖެއެވެ. އަދި އިސްލާމްދީނުގައި އަމުރުވެފައިވަނީ ޚިތާނުކުރާއިރު، މާބޮޑަށް ނުކެޑުމަށްކަންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން އިސްލާމްދީނުގައި އައިސްފައިވާގޮތާއި ޚިލާފަށް ބަޔަކު ޢަމަލުކުރުމުގެ ސަބަބުން، އޭގެއިން ނިކުންނަ ނޭދެވޭ ނަތީޖާއަށް ބަލައި، އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމެއް އެއީ ނެތްކަމަކަށް ނެހެދޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އަދި ހަމައެއާއެކު، ބަޔަކު ހޯދާފައިވާ ހޯދުމަކަށް ބިނާކޮށްވެސް، އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމެއް، އެއީ ނެތްކަމަކަށް ނެހެދޭނެކަންވެސް ދަންނަން ޖެހެއެވެ. އެހެނީ އެމީހުންނަށް ހޯދުނު ހޯދުން އެއީ އެންމެރަނގަޅުގޮތް ނޫންކަން ޘާބިތުވުމަކީވެސް ދުރުކަމެއްނޫނެވެ.

ގެއްލުންހުރި އެއްވެސްކަމަކަށް، ﷲއާއި އެއިލާހުގެ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުގަނޑުމެންނަށް އަމުރުނުކުރައްވާނެއެވެ.
____________________________________
މިއީ ދިސަލަފިއްޔާ ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ...

8.06.2011

ރޯދައިގެ އަންހެނުންގެ ސުވާލުތައް

އިސްމާޢީލް ނާޖީ
1- ރޯދަ ޤަޟާކުރުން ޖެހިގެން އަންނަ ރަމަޟާންމަހަށް ވުރެ ފަސްކުރުމުގެ ޙުކުމަކީ ކޮބައި ؟
ޖަވާބު: އައްޝައިޚް އިބްނު ބާޒް
ދަތުރުގެ ސަބަބުން ނުވަތަ ބަލިވުން އަދި އެނުންވެސް ޝަރުޢީ ސަބަބަކާއި ހެދި ރޯދައެއް ދޫކޮށްލާ މީހާ، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ހިފައި ހަމަ ކުރަންޖެހޭނެއެވެ. ޖެހިގެން އަންނަ ރަމަޟާން މަސް އަންނަ އިރުވެސް އުޒުރަކާއި ނުލައި ރޯދަ ޤަޟާ ނުކުރުން އެއީ ފާފަވެރިވާނެ ކަމެކެވެ. އަދި އެމީހަކު އެ ރޯދަ ޤަޟާ ކުރުމާއެކު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭން ޖެހޭނެއެވެ.
މިއީ ޞަޙާބީންތަކެއް ފަތުވާ ދެއްވާފައިވާ ގޮތެވެ. (ކާން ދޭން ޖެހޭކަން) . ރަމަޟާން މަސް އައުމުގެ ކުރިން ޤަޟާކޮށްފި ނަމަ، ކާން ދޭކަށް ނުޖެހޭނެއެވެ.

ނޯޓް: މި މައްސަލާގައި ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައި އޮންނަނީ އުޒުރަކާއި ނުލައި ލަސް ކުރިއަސް ޖެހޭނީ ހަމައެކަނި ޤަޟާ ކުރަން ކަމަށެވެ. ކާން ދޭން ނުޖެހޭނެ ކަމަށެވެ.

2- އަންހެނުން ޖުނުބު، ނުވަތަ ޙައިޟު ނިފާސްކަމުގެ ހިނައިގަތުން، ފަޖުރު ލުމުގެ ފަހަށް ލަސް ކުރެވިދާނެހެއްޔެވެ؟
ޖަވާބު : އިބްނު ބާޒް
ފަޖުރުލުމުގެ ކުރިން އަންހެނާ ޠުހުރުވެއްޖެކަން އެނގިއްޖެނަމަ، ރޯދަ ހިފުން ވާޖިބުވާނެއެވެ. އަދި ހިނައިގަތުން ފަޖުރުގެ ފަހަށް ލަސްކުރުމުގައި މައްސަލައެއް ނެތެވެ. އެކަމަކު އިރު އެރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެއެވެ. އެއީ ފަތިސް ނަމާދު ފާއިތުވެދިޔަ ނުދިނުމަށްޓަކައެވެ.

3- މާބަނޑު މީހާއާއި ކިރުމައި މީހާ، ރޯދަ ދޫކޮށްފިނަމަ ހަދަން ޖެހޭނީ ކިހިނެއްހެއްޔެވެ؟ އަދި ހަނޑުލުން ދޭން ޖެހޭނީ ކިހާ މިންވަރެއް ހެއްޔެވެ؟
ޖަވާބު: އިބްނު ޢުޘައިމީން
މާބަނޑު މީހާއާއި ކިރުމައި މީހާ، އުޒުރަކާއި ނުލައި، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދައެއް ނޫނެވެ. އުޒުރަކާއި ހެދި ރޯދަ ދޫކޮށްފިއްޔާ އެ ދެ މީހުން ޖެހޭނީ ރޯދަ ޤަޟާ ކުރާށެވެ. ބަލި މީހާއާއި ބެހޭ ގޮތުން ބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ

މާނައަކީ ''ފަހެ ތިޔަބައި މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ ތެރޭގައި ވާ މީހާ، އެހެން ދުވަސްތަކަކުން އެ ޢަދަދު ފުރިހަމަ ކުރުން ހުއްޓެވެ.''

މާބަނޑު މީހާއާއި ކިރުމައި މީހާ އަކީ ބަލި މީހާއާއި އެއް މަޤާމެއްގައި ވާ ބައެކެވެ. އެ ދެމީހުން ރޯދަ ދޫކުރުމުގެ އުޒުރަކީ ދަރިފުޅަށް ގެއްލުންވެދާނެ ކަމުގެ ބިރުނަމަ، ޤަޟާ ކުރުމުގެ އިތުރުން ކާން ދޭން ޖެހެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ދޫކުރީ ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރުން ކަމަށް ވިޔަސް އަދި މައިމީހާއަށް ބިރުން ކަމަށް ވިޔަސް ޤަޟާ ކުރުން ފިޔަވައި އެހެން ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެހެނީ ކާން ދޭން ޖެހޭ ކަމަށް އަންގާފައިވާ ދަލީލެއް ޤުރުއާނުން އަދި ސުންނަތުންވެސް އެނގެން ނެތެވެ. ޙަނަފީ މަޛްހަބުގައި ބުނަނީ މިފަދައިންނެވެ. އަދި ރާޖިޙް ރައުޔަކީވެސް މިއީއެވެ.

4- ބައެއް އަންހެނުން ރަމަޟާން މަހު، ޙައިޟުވިޔަ ނުދިނުމަށް ބޭސް ބޭނުން ކުރެއެވެ. މިކަމުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ހިފައި ފަހުން ޤަޟާ ކުރަންޖެހޭ ރޯދައެއް ނުބޭއްވުމެވެ. އަދި ތަރާވީސް ކުރުމާއި އަޅުކަން އިތުރު ކުރުމެވެ. ވީމާ މިކަން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު: އިބްނު ޢުޘައިމީން
ތި މައްސަލާގައި އަހަރެންނަށް ފެންނަ ގޮތަކީ، އަންހެނުން ބޭސް ބޭނުން ނުކޮށް، ﷲ ސުބްޙާނަހޫ ވަތަޢާލާ އާދަމުގެ އަންހެން ދަރިންނަށް މިންވަރު ކުރެއްވި، މައްސަރު ކަންތައް އޭގެ ޠަބީޢަތަށް ދޫކޮށްލުމެވެ. ބޭސް ބޭނުން ކޮށްގެން ޙައިޟުވުން ހުއްޓުވައިފިނަމަ ހަށިގަނޑަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.

ވީމާ އަހަރެން ދެކެނީ ބޭސް ބޭނުން ނުކުރެމެވެ. ޙައިޟު ފެއްޓުނީމާ ނަމާދާއި ރޯދަ ހިފުން ހުއްޓާފައި، ޠުހުރުވީމާ ނަމާދާއި ރޯދަ ހިފަން ފައްޓާނީއެވެ. އަދި ފަހުން ނުހިފި އޮތް ރޯދަ ޤަޟާ ކުރާނީއެވެ. ޙައިޟުގެ ސަބަބުން ދޫކުރާ ނަމާދު ޤަޟާ ކުރާކަށް ނުޖެހެއެވެ.

ނޯޓު:(ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި ގެއްލުން ނުވާކަން އެގެންޏާ، ބޭސް ބޭނުން ކުރުން އެއީ ހުއްދަ ކަމެކެވެ. ބޭނުން ކުރަން ފެންނަ މީހަކު ބޭނުން ކުރަންވީއެވެ. ބޭނުން ނޫންނަމަ ނުކުރަންވީއެވެ.)


5- އަހަރެންނަކީ ޢުމުރުން 25 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަދި ރޯދަ ހިފަން މައިންބަފައިން ދިން ނަސޭހަތާއެކުވެސް، ޢުމުރުން 21 އަހަރު ވަންދެން ދުވަހަކުވެސް އަހަރެން ރޯދައެއް ނުހިފަމެވެ. ވީމާ އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަދި ބުނަމެވެ. އަހަރެންނަށް ﷲ ހިދާޔަތް ދެއްވައި، މިހާރު ބަރާބަރަށް ރޯދަ ހިފަމެވެ. އަދި ފާއިތުވެ ދިޔަ ތަނަށް ވަރަށް ހިތާމަވެސް ކުރަމެވެ.
ޖަވާބު : އިބްނު ބާޒް
ކުރަންޖެހޭ ކަމަކީ، ތައުބާވުމެވެ. ތައުބާގެ ޝަރުޠުތަކަކީ ފާފަކުރުން ހުއްޓުން، ކުރެވުނު ފާފައަށް ހިތާމަކޮށް ދެރަވުން، ފާފަ ނުކުރަން ޢަޒުމު ކަނޑައެޅުމާއި އަދި އިޚްލާޞްތެރިކަމެވެ. (އިންސާނެއްގެ ޙައްޤުގައި ކުރެވުނު ކުށެއްނަމަ މީގެ އިތުރުން ޙައްޤު ކަނޑުވާފައި ޙައްޤު ރައްދު ކުރަން ޖެހޭނެއެވެ.)
ތައުބާވުމަށް ފަހު، ގިނަގިނައިން ސުންނަތް ރޯދަ އާއި ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުން ގިނަ ކުރާށެވެ. އަޅުތަކުން ވާ ތައުބާ ﷲ ޤަބޫލު ކުރައްވައެވެ.

6- އަހަރެންގެ ޙައިޟުގެ މުއްދަތަކީ އާދަވެގެން، ހަތް ދުވަހާއި އަށް ދުވަހެވެ. ބައެއްފަހަރު ހަތްވަނަ ދުވަހު އަހަރެންނަށް ލޭ ވެސް އަދި ޠުހުރުގެ ޢަލާމާތެއް ވެސް ނުފެނިދެއެވެ. އެހެންވީމާ ނަމާދު ކުރުމާއި ރޯދަ ހިފުމުގައި އޮތް ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު : އިބްނު ބާޒް
ޤައްޞަތުލް ބައިޟާއު (*) ފެންނަންދެން އަވަސްވެ ނުގަންނާށެވެ. ލޭ ހުއްޓުމަކީ ކޮންމެހެން ޙައިޟު ހުއްޓުމުގެ ޢަލާމާތެއް ނޫނެވެ. ޙައިޟުވުން ހުއްޓުނު ކަމަށް ބެލޭނީ ޤައްޞަތުލް ބައިޟާއު ، އާއްމުކޮށް ފެންނަ މީހަކަށް އެ ފެނުމުންނެވެ. އަދި ވަކި މުއްދަތަކަށް އާދަވެގެން ޙައިޟުވާ މީހަކު އެ މުއްދަތު ނިމުމުންނެވެ.

7- ވިހެއުމަށް ފަހު ނިފާސްވެރިއާގެ ކުރިމަތީފަރާތުން ފައިބާ ރީދޫކުލައަށް ދާ ދިޔައިގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު : އިބްނު ބާޒް
ވިހެއުމަށްފަހު ސާޅީސް ދުވަސް ވުމާއި ދެމެދު ފައިބާފާނެ، ސީދާ ލޭ، ނުވަތަ ޞުފްރާ، ނުވަތަ ކުދްރާގެ ޙުކުމަކީ ހަމަ ނިފާސްގެ ޙުކުމެވެ.

8- ޖުނުބުވެރި ހާލަތުގައި ނުވަތަ ޙައިޟުވެފައި ހުއްޓާ، ތަފްސީރު ފޮތް ފަދަ ދީނީ ފޮތްތައް ކިޔެވުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު : އިބްނު ބާޒް
ދީނީ ފޮތްތައް ކިޔެވުން ހުއްދަވާނެއެވެ. ޙައިޟުވެރިއާ އަށް މަނާ ކަމަކީ ޤުރުއާނުގައި ބީހުމެވެ. ކިޔެވުން ހުއްދައެވެ. ޖުނުބުވެރިއާ ޤުރުއާންނުގައި ބީހުމާއި ކިޔެވުންވެސް މަނައެވެ.



9- ޙައިޟުގެ ދުވަސްވަރު ނޫން ދުވަސްވަރު ފައިބާ ލޭގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަހަރެން އާދަވެގެން ޙައިޟުވަނީ ހަތް ދުވަހެވެ. ނަމަވެސް ބައެއްފަހަރު އެއަށްވުރެ ގިނަ ދުވަސްވަންދެން ލޭ ފައިބައެވެ.

10- ވިހެއުމުގެ (ނިފާސް ލޭ ފޭބުމުގެ) ފަސް ދުވަސް ކުރިން، މާބަނޑު މީހެއްގެ ކުރިމަތި ފަރާތުން، ލޭ އަންނަނިކޮށް ފެނިއްޖެއެވެ. ވީމާ އެ ވާނީ ޙައިޟުގެ ލެޔަށް ހެއްޔެވެ؟ ނުވަތަ ނިފާސްކަމުގެ ލެޔަށް ހެއްޔެވެ؟ މިހެން ދިމާވީ ރަމަޟާން މަހެއްގައެވެ.
ޖަވާބު: ސަޢޫދީ ދާއިމާ ފަތުވާ ކޮމިޓީ
ތި ބުނެވުނު ގޮތަށް ވިހެއުމުގެ ފަސް ދުވަސް ކުރިން، ލޭ ފައިބައިފައި އޭނާއަށް ވިހެއުމުގެ އަލާމަތްތައް ކަމުގައިވާ ތަދުގަނޑާއި ކޮއްޕުން ނުފެންނަ ކަމަށް ވަންޏާ އެއީ، ޙައިޟުގެ ލެޔެއްވެސް ނޫނެވެ. އަދި ނިފާސްގެ ލެޔެއްވެސް ނޫނެވެ. އެއަށް ކިޔާނީ ''ދައްމު ފަސާދް'' އެވެ. މި ފޭބުމަކުން އަޅުކަންތައް ދޫކުރާކަށް ނުޖެހެއެވެ.

ތި ބުނި ލޭ ފޭބުމާއެކު، ވިހެއުމުގެ ޢަލާމާތްތައް ފެންނަ ކަމަށްވަންޏާ އެ ވާނީ ނިފާސްގެ ލެޔަށެވެ. އެހެން ކަމަށް ވަނީނަމަ ނަމާދު ކުރުމާއި ރޯދަ ހިފުން ހުއްޓާލަން ޖެހޭނެއެވެ. އަދި ފަހުން ރޯދަ ޤަޟާކުރާށެވެ.

11- ޙައިޟުވެރިއާ ރޯދަ ހިފުން ހުއްދަވާނެހެއްޔެވެ؟
ޖަވާބު: ޙައިޟުވެރިއާ ރޯދަ ހިފަން ނުޖެހެއެވެ. އަދި ހިފުމަކީ ޙަރާމް ކަމެކެވެ.

12- ރޯދައަށް ހުއްޓާ އެ ދުވަހު މެންދުރު ނުވަތަ ޢަޞުރު ވަގުތު ޙައިޟުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ރޯދަ ފުރިހަމަ ކުރާނީ ހެއްޔެވެ؟ އަދި ރޯދަ ކަމު ދާނެހެއްޔެވެ؟
ޖަވާބު :ރޯދަ ހިފައިގެން ހުއްޓާ ޙައިޟުވެއްޖެނަމަ، އޭނާ ރޯދަ ދޫކޮށްލަން ޖެހޭނެއެވެ. އަދި އެ ރޯދަ ފާސިދުވުމުން އަލުން ޤަޟާކުރަން ޖެހޭނެއެވެ.

13- ޖުނުބުވެރިކަމުން ނުވަތަ ޙައިޟުން ހިނައިނުގަނެ ރޯދަ ހިފުން ހުއްދަހެއްޔެވެ؟ އަދި ހިނައި ގަންނަން ޖެހޭ އެންމެ ފަހު ވަގުތަކީ ކޮބައިހެއްޔެވެ؟
ޖަވާބު: ޖުނުބުވެރިކަމުން ނުވަތަ ޙައިޟުން ހިނައިނުގަނެ ރޯދަ ހިފުމަކީ މަނާކަމެއް ނޫނެވެ. ހިނައި ގަތުމާއި ޙައިޟުން ޠުހުރުވުން އެއީ މުޅިން ދެ ކަމެކެވެ. ލޭ ފޭބުން ހުއްޓުމުން، ޙައިޟުވެރިއާ ރޯދަ ހިފަން ވާޖިބުވާނެއެވެ. އިރު އެރުމުގެ ކުރިން ނަމާދު ކުރެވޭނެހާ ވަގުތު އޮތްވާ ހިނައިގަންނަން ޖެހޭނެއެވެ.

14- އަހަރެން ނަމާދުކުރަން ވެގެން، ވުޟޫކޮށްގެން ހުއްޓާ ދަރިފުޅު ގަޔަށް ހީސް ލައިފިއްޔާ ވުޟޫ ގެއްލޭނެހެއްޔެވެ؟
ޖަވާބު :ގައިގައި ނަޖިހެއް ޖެހުމަކީ ވުޟޫ ގެއްލޭކަމެއް ނޫނެވެ. ހީހުން ވުޟޫ ގެއްލެނީ ހީސް ލުމުންނެވެ. ކުޑަ ދަރިފުޅު ތި ގޮތަށް ހީސް ލައިފިއްޔާ ޖެހޭނީ އެ ޖެހުނު ތަނެއް ދޮވެލާށެވެ.

15- ވުޟޫ ކޮށްގެން ހުއްޓާ އަހަރެންގެ ފިރިމީހާ އަހަރެންނަށް ދޮން ދީފިއްޔާ ވުޟޫ ގެއްލޭނެ ހެއްޔެވެ؟
ޖަވާބު : ވޫޟޫކޮށްގެން ހުރެ ދެމަފިރިން ދޮން ދިނުމުން ވުޟޫ ގެއްލޭތޯ ނޫންތޯ އެއީ ޢިލްމުވެރިން ޚިލާފު ވެފައިވާ މައްސަލައެކެވެ. އެއްބަޔަކު ބުނީ ދޮން ދިނުމުން އެއްގޮތަކަށްވެސް ވުޟޫ ނުގެއްލޭނެކަމަށެވެ. އަނެއް ބަޔަކު ބުނީ ވުޟޫ ގެއްލޭނެ ކަމަށެވެ. އިޚްތިލާފު ވާންޖެހުނީ أَوْ لاَمَسْتُمُ النِّسَاء

މި އާޔަތުގެ މާނަ ކުރާ ގޮތުންނެވެ. އާޔަތުގެ މާނަ އޭގެ ބޭރުފުށު މާނައިން މާނަ ކުރެއްވި ބޭފުޅުން ވިދާޅުވީ، އަންހެނެއްގެ ގައިގައި ޖެހިއްޖެނަމަ (އަނބިމީހާއަސް، ހިލޭމީހަކަސް) ވުޟޫ ގެއްލޭނެ ކަމަށެވެ. އާޔަތުގެ މާނައަކީ ޖިމާޢުވުން ކަމަށް މާނަ ނެންގެވި ބޭފުޅުން ވިދާޅުވީ، ބީހުމުން ވުޟޫ ނުގެއްލޭނެ ކަމަށެވެ. ވުޟޫ ގެއްލެނީ ޖިމާޢުވުމުން ކަމަށެވެ.

ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ރާޖިޙް ރައުޔަކީ، އަންހެނުން ގައިގައި ޖެހުނަސް ވުޟޫ ނު ގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ތިރްމިޛީ، އިބްނު މާޖާ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައިވަނީ: رُويَ عَنْ عَائشَة رَضيَ الله عَنهَا قَالَتْ إنَّ النَبي صَلَّى الله عَليْه وَسَلَّم قَبَّل بَعْضَ نسَائه ثُم صَلَّى وَلَمْ يَتَوَضَأ

މާނައަކީ: ''ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންނަށް ބޮސް ދެއްވިއެވެ. އަދި އެއަށްފަހު ވުޟޫ ނުކުރައްވާ ނަމާދަށް ވަޑައިގަތެވެ.''

މަޛްހަބުތަކަށް ބަލާއިރު، ޙަނަފީ މަޛްހަބު ބުނަނީ ވުޟު ނުގެއްލޭނެކަމަށެވެ. ޝާފިޢީންނާއި ޙަންބަލީންގެ އެއް ރައުޔުގައި ބުނަނީ ވުޟޫ ގެއްލޭނެކަމަށެވެ. އަދި އޭގައި އަތްލާ މީހާއާއި އަތް ލެވޭ މީހާގެ ތަފާތެއްވެސް ނެތް ކަމަށެވެ. ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔަކީ، ޝަހުވަތާއި އެކު ދޮން ދިފިނަމަ ވުޟޫ ގެއްލޭނެ، ޝަހުވެތެއް ނެތިނަމަ ވުޟޫ ނުގެއްލޭނެ ކަމަށެވެ.

ކުރިންވެސް ބުނިފަދައިން ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ރާޖިޙް ރައުޔަކީ، އަންހެނުން ގައިގައި ޖެހުނަސް ވުޟޫ ނު ގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ވީމާ ދޮން ދިނަސް ވުޟޫ ނުގެއްލޭނެއެވެ. އެއީ ކޮންމެ ނިޔަތެއްގައިވިޔަސް ވަރިހަމައެވެ. ނަމަވެސް މަނި ، މަޛްޔު ފައިބައިފިނަމަ ވުޟޫ ގެއްލޭނެއެވެ.

މަތީގައިވަނީ ފިރިހެނުންނަށް ނިސްބަތް ކުރެވިފައިވާ ވާހަކައެކެވެ. ނަމަވެސް އަންހެނުންނަށް އޮތީ ހަމަ މިޙުކުމެވެ.

16- ޙައިޟުވެރިއާ ލައިލަތުލް ޤަދްރި ވިލޭރޭގެ އަޅުކަންތައް ކޮށް އެ ރޭގެ ފައިދާ ލިބިގަންނާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު :ޙައިޟުވެރިއާ އަށް މަނައީ އެ ރޭގައި ނަމާދު ކުރުމެވެ. ވީމާ ޒިކްރު ކުރުމާއި ދުޢާކުރުން ތައުބާވުމާއި ޙަމްދު ކުރުން، ޤުރުއާން އަޑު އެހުން ނުވަތަ، އަތް ނުލައި ޤުރުއާން ކިޔެވުން އެއީ އޭނާއަށް ކުރެވިދާނެ ކަންތަކެވެ. ގިނަ ޢިލްމުވެރިން ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދަކުރެއެވެ. އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ، ޤުރުއާނާއި ސުންނަތުން ޞައްޙަ ގޮތެއްގައި، ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާކުރާ ނައްޞެއް އައިސްފައި ނުވާކަމަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި މިފަދަ މުހިއްމު މައްސަލައެއްގައި، އެއީ ޙަރާމް ކަމެއްނަމަ އެކަން ބަޔާން ކޮށްދެއްވީސް ކަމަށެވެ. (ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ބާޒް ވެސް ހުއްދަ ކުރައްވާ) ނަމަވެސް ޤުރުއާނުގައި ބީހުން ޙައިޟުވެރިއާއަށް ހުއްދައެއް ނުވާނެއެވެ. އެއީ ޙައިޟުވެރިއާ އަކީ ޠަހާރަތުގެ މަތީގައި ހުންނަ މީހަކަށް ނުވާތީއެވެ.

17- ރަމަޟާން މަހު ރޯދަ ނުހިފާ، ނަމާދު ނުކުރާ ފިރިމީހާއާމެދު އަނބިމީހާ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟
ޖަވާބު :ރޯދަ ނުހިފާ ނަމާދު ނުކުރާ މީހާއަކީ ޝައްކެއްވެސް ނެތް ގޮތުގައި ފާފަވެރިއެކެވެ. ﷲ ގެ އަމުރަށް ނުކިޔަމަންތެރިވާ މީހެކެވެ. އެ ފަދަ ފިރިއަކަށް ނަސޭޙަތް ދީ، ތެދުމަގު ދެއްކޭތޯ ވާހަކަ ދެއްކުން އެއީ އަނބިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އޭނާ އަނބި މީހާގެ ބަސް ނާހާނަމަ، އޭނާ ކައިރީ ބަސް ވިކޭ މީހެއް ލައްވާވެސް އެކަން ކުރެވިދާނެއެވެ.

އެއް ގޮތަކަށްވެސް ނަމާދު ނުކުރާ ރޯދަ ނުހިފާ ފިރިއެއްގެ ދަށުގައި ހުރުމާއި ނުހުރުން އެއީ އަނބިމީހާގެ އިޚްތިޔާރުގައި އޮންނާނެ ކަމެކެވެ. އެފަދަ މީހެއްގެ ދަށުގައި ހުރުމުން ޢާއިލާގެ ބަރަކާތް ކެނޑި ދަރިންނަށް ނުބައި އަސަރު ކޮށްފާނެނަމަ، ވަރިވެގެން އެހެން ދިރިއުޅުމެއް ފެއްޓުންވެސް ބައެއް ފަހަރު ރަނގަޅު ވެދާނެއެވެ.

18- ބައެއް މީހުން ދެކެނީ ރަމަޟާން މަހަކީ ހުސް އަޅުކަމުގެ މައްސަރު ކަމަށެވެ. ވީމާ މި މަހުގައި ދެމަފިރިކަމުގެ ގުޅުން ހިންގުން ހުއްދައެއް ނުވާނެއެވެ. މިއީ ރަނގަޅު ވާހަކައެއްހެއްޔެވެ؟
ޖަވާބު :ޝައްކެއްވެސް ނެތް ގޮތުގައި ރަމަޟާން މަހަކީ އަޅުކަން އިތުރުކޮށް އިޞްލާޙުވާންޖެހޭ މައްސަރެކެވެ. ނަމަވެސް ދެމަފިރިކަމުގެ ގުޅުން ހިންގުމަކީ ރަމަޟަން މަހުގައި މަނާކަމެއް ނޫނެވެ. ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި މާތް ﷲ ބަޔާން ކުރައްވާފައިވަނީ، ރަމަޟާންމަހުގެ ރޭނގަޑުގެ ވަގުތުގައި އަނބިންގެ ކިބައިން އަރާމު ލިބިގަތުން ހުއްދަކަމަށެވެ. ވީމާ އެ ކަމަކީ ރޯދަ މަހުގެ އަދަބާއި ޚިލާފު ކަމެއް ނޫނެވެ.

19- އަންހެނުން ތަރާވީޙް ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއް؟
ޖަވާބު :އަންހެނުންނާއި ފިރިހެނުންވެސް ތަރާވީޙް ނަމާދު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

20 - ސާޅީސް ދުވަސްވުމުގެ ކުރިން ނިފާސްކަމުގެ ލޭ ކެނޑިއްޖެއްޔާ، ރަމަޟާން މަހުގެ ރޯދަ ހިފުން ވާޖިބުވާނެތަ ؟
ޖަވާބު : އިބްނު ޢުޘައިމީން
އާއެކެވެ. ސާޅީސް ދުވަސް ހަމަވުމުގެ ކުރިންވިޔަސް، އޭނާގެ މައްޗަށް ރޯދަ ހިފުމާއި ނަމާދު ކުރުން ވާޖުބުވާނެއެވެ. އަދި ޖިމާޢުވުންވެސް ހުއްދަވާނެއެވެ.

21- ޙައިޟުވެރިއާ ޠުހުރުވުމަށްފަހު، އޭނާ ޙައިޟުވި އިރު ލައިގެން ހުރި ހެދުން ބަދަލު ކުރަން ޖެހޭނެތަ؟ ހެދުމުގައި އެއްވެސް ލެޔެއް ހޭކިފައި ނެތްކަން މިތާ ފާހަނގަކުރަމެވެ.
ޖަވާބު: އިބްނު ޢުޘައިމީން
ހެދުން ބަދަލު ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ޙައިޟުގެ ސަބަބުން މުޅި ހަށިގަނޑު ނަޖިހެއް ނުވެއެވެ. ވީމާ ހަށިގަނޑުގައި ވާ ހެދުމެއްވެސް ނަޖިސް ނުވާނެއެވެ. ނަމަވެސް ހެދުމުގައި ލޭ ހޭކިއްޖެނަމަ، އެ ހޭކުނު ތަނެއް ދޮވެލުމުން ފުދޭނެއެވެ. މިކަމުގެ ދަލީލަކީ ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ-، އެކަލޭގެފާނުގެ އަނބިކަނބަލުން ޙައިޟުވެވަޑައިގަނެފައި ހެނދުން ކޮޅުތަކުގައި ލޭ ހޭކިއްޖެނަމަ ދޮވެފައި އެ ހެދުންކޮޅުތަކުގައި ނަމާދު ކުރައްވަން އަމުރު ކުރެއްވިއެވެ.

ނޯޓް: މިއީ ކަވާސާ.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.
http://www.kavaasaa.com/dheenai-dhuniye/fiqh/roadha-anhenun-ge-suvaal.html

އިތުރަށް ވިދާޅުވޭ...

4.01.2010

ކައިވެނި އަލުން ރުޖޫޢަ ކުރުން

އަލްއަޚް އާދަމް ނިޝާން
ސުވާލު:
ފުރަތަމަ ފަހަރު ވަރިކޮށްފައި ޢިއްދައިގާ އިންދާ ރުޖޫޢަ ކުރީއެވެ. ޢިއްދަ ހަމަނުވަނީސް ރުޖޫޢަކޮށްފައި އަނެއްކާ ދިމާވި ކަމަކާއި ގުޅިގެން ވަރިކުރީއެވެ. އޭރުވެސް ފުރަތަމަ ވަރީގެ ޢިއްދާ ހަމަ ނުވެއެވެ. ސުވާލަކީ މިމުއްދަތުގެ ތެރޭގައި އަލުން ރުޖޫޢަ ކުރެވިދާނެތޯއެވެ؟

ޖަވާބު: آدم نشان المالديفي

الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين.

ކޮންމެއަކަސް މިސުވާލުގެ ޖަވާބަށް ދިއުމުގެ ކުރީގައި މުހިއްމު ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމަވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ:

"مَنْ عَمِلَ صَالِحاً مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً " (سورة النخل: 97)

"ފަހެ ފިރިހެނުންގެ ތެރެއިން ވިޔަސް އަދި އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙް ހެޔޮ ޢަމަލްތައް ކޮށްއުޅޭ މީހުން، އެއީ މުއުމިނެއްކަމުގައި ވާނަމަ އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން الله ދައްކަވާ ހުށީމެވެ." (ސޫރަތުއް ނަޚްލް: 97)

ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކާއި ދެމެދު ޝަރުޢީ ގޮތުން ގުޅާލެވޭ ގުޅާލުމެކެވެ. އެއީ އަބަދު އަބަދަށް ދެމީހުންގެ ޙަޔާތް ވޭތުކުރުމުގެ މަޤްޞަދުގައެވެ. އިންސާނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ޚަލްޤު ކުރެވިފައިވާ ބައެއް ކަމުން ދެމަފިރީން ކަމުގައި ވިޔަސް ނުވަތަ ގާތް ތިމާގެ މީހުންނާއި އެނޫން މީސްމީހުންގެ ދެމެދުގައިވެސް، އެކިއެކި މައްސަލަތައް ޖެހުމަކީ އެއީ ނުވެ ނުދާނޭ ކަމެކެވެ. ކިއެއްހެއްޔެވެ. އެއީ އިލާހީ ޤާނޫނުވެސް މެއެވެ.

މިގޮތުން ދެމަފިރިން ރުޅި އައިސް ނުވަތަ މައްސަލަޖެހޭ ކޮންމެ ވަޤުތެއްގައި ވަރިފަށަށް އެރުމަކީ އެކަމުގައި އޮތް ޙައްލެއް ނޫނެވެ. އެފަަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ދެފަރާތުންވެސް ވީހާވެސް ބޮޑަށް ރުޅި މައިތިރިކޮށް ޞުލްޙަވެރި ވެވޭތޯ މަސައްކަތް ކުރާނީއެވެ. އެގޮތަށް ޙައްލު ނުވެއްޖެނަމަ ދެފަރާތުގެ ޢާއިލާއިންވެސް މީހުން ބައްދަލުވެ މަޝްވަރާކޮށް އެކަމެއް ޙައްލު ކުރެވޭތޯ ބަލާނީއެވެ. އެގޮތުންވެސް ޙައްލު ނުވެ އަދި އެކީގައި އުޅުމަކީ ނާދިރު ކަމެއްކަމަށް ދެފަރާތައް ފެނިއްޖެ ޙާލަތެއްގައި ނަމަ، ޞުލްޙަވެރިކަމާއި އެކު ދެމީހުން ވަކިވާނީއެވެ.

ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. ފުރަތަމަ ފަހަރު ވަރި ކުރުމަށްފަހު ޢިއްދައިގެ މުއްދަތުގެ ތެރޭގައި (އެބަހީ ތިން ޙައިޟު ނިމުމުގެ ކުރިން) ކައިވެނި ރުޖޫޢަކޮށްފި ކަމުގައިވާނަ، ޢިއްދަ ކެނޑުނީއެވެ. އެއަށްފަހު އިތުރަށް ގުނާކަށް ޢިއްދައިގެ މުއްދަތެއް (އެޢިއްދައިގައެއް) ބާކީއެއް ނޯންނާނެއެވެ. އެގޮތުން ދެން ހިނގާނީ އަނެއްކާވެސް ކައިވެނިވެފައިވާ މީހެއްގެ ޙުކުމެވެ. އަދި ހަމައެހެންމެ ދެން ބާކީ އޮންނާނީ ދެވަރިއެވެ. (ޢިއްދައިގެ މުއްދަތު ހަމަވުމަށްފަހު ކައިވެނި ރުޖޫޢައެއް ނުކުރެވޭނެއެވެ. އޭރުން ދެން ޖެހޭނީ އަލުން އާ ޢަޤުދަކާއި އެކު އާ ކައިވެންޏެއް ކުރާށެވެ.)

ފުރަތަމަ ފަހަރު ރުޖޫޢަކުރުމަށްފަހު އަނެއްކާވެސް ވަރިކޮށްފި ކަމުގައިވާނަމަ، މިވަރި ކުރި ހިސާބުން އަންހެން މީހާގެ ޢިއްދައިގެ ދުވަސްތައް (އެބަހީ ތިން ޙައިޟު) އަލުން ގުނަން ފެށުނީއެވެ. މިމުއްދަތުގެ ތެރޭގައި ކައިވެނި އަލުން ރުޖޫޢަ ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މިގޮތުން މިމުއްދަތު ނިމުމުގެ ކުރިން ރުޖޫޢަކޮށްފި ކަމުގައިވާނަމަ އެބެލެވޭނީ ދެވަނަ ރުޖޫޢު ކަމަށެވެ. އޭރުން ދެން ބާކީ އޮންނާނީ އެއްވަރިއެވެ. އެހެންނަމަވެސް ތިންވަނަ ފަހަރަށް ވަރިކޮށްފި ނަމަ ދެން ރުޖޫޢައެއް ނުކުރެވޭނެއެވެ. އެއަށްފަހު ވަރި ކުރި ފިރިހެނާއަށް އެއަންހެންނާއާއި ކައިވެނި ކުރެވޭނީ، އެއަންހެނާ އޭނާގެ ޢިއްދަ ހަމަކޮށް އަދި އެއަށްފަހު އެހެން ފިރިހެނަކާއި ޞައްޙަ ކައިވެންޏެއްކޮށް ޖިމާޢުވެފައި ވާނަމައެވެ. (މިފަދަ ޙާލަތެއްގައި ހަމައެކަނި ފަށްކެނޑުމަށްޓަކައި އިނދެއުޅުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ.)

والله أعلم.

وصلّ اللهم وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.


= ދީނީ ނިއުސް ޑޮޓް ކޮމް އިން ނަގާފައިވާ ލިޔުމެއް =

އިތުރަށް ވިދާޅުވޭ...

12.29.2009

ވުޟޫކޮށްގެން ހުރެ ފިރިމީހާގެ ގައިގައި އަތްލެވުމުން ވުޟޫ ގެއްލޭނެތޯއެވެ؟

އައްޝައިޚް މުޙައްމަދު އިބްރާހިމް، ނައިފަރު
ވުޟޫ ކޮށްގެން ހުރެ ފިރިމީހާ ގައިގައި އަނބިމީހާ އަތްލިޔަސް އަދި އަނބިމީހާ ގައިގައި ފިރިމީހާ އަތްލިޔަސް ޖިންސީ ގުނަވަނުން އެއްޗެއް ބޭރުވެއްޖެއްޔާ މެނުވީ އެކަކުގެ ވުޟޫއެއްވެސް ނުގެއްލޭނެއެވެ.

މާތްﷲ ރުއްސުންލެއްވެވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ބައެއް އަނބިއަނބި ކަނބަލުންނަށް ބޮސްދެއްވާފައި ވުޟޫ އަލުން ނުކުރައްވައި ނަމާދަށް ނުކުމެ ވަޑައިގަންނަވައެވެ.
އަދިވެސް އެކަމަނާގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ދަމުނަމާދު ކުރައްވާއިރު އަހުރެން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ނިދާފައި އޮންނަވަމެވެ. އެކަލޭގެފާނު ސަޖިދަ ކުރައްވާއިރު އަހުރެންގެ ފައިގައި ކޮށްޓަވާލައްވައެވެ. ދެން އަހުރެން ފައި ކުރުކޮށްލަމެވެ. ދެން އެކަލޭގެފާނު ސަޖިދަ ކުރައްވައެވެ.

އިތުރަށް ވިދާޅުވޭ...

11.17.2009

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެ ފާއިތުވެދިޔަ ރޯދަ


މުޙައްމަދު ޝަމްޢޫން
ސުވާލު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާގެ ކިބައިން ރަމަޟާންމަހު ގެއްލިގެންދާ ރޯދަ ގަޟާކުރުމުގެ ކުރިން، އޭނާ ހިފަންވީ ޝައްވާލުމަހުގެ ހަރޯދަތޯ؟ ނުވަތަ އޭނާ އިސްކުރަންވީ ޤަޟާކުރަންޖެހިފައިވާ ފަރުޟުރޯދަތައްތޯ؟ މި ދެގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ޖަވާބު: الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޤަޟާކުރަންޖެހޭ ފަރުޟުރޯދަތަކެއް ހުއްޓައި ސުންނަތްރޯދަ ހިފުމާއި ބެހޭގޮތުން ޢިލްމުވެރިންގެ ދެ ރައުޔެއް އައިސްފައިވެއެވެ.ފުރަތަމަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެކުރިން ސުންނަތް ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ. އެހެނީ ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނެއެވެ.ދެވަނަ ރައުޔު: ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެނީ ފަރުޟު ރޯދަ ޤަޟާކުރުމުގެ ވަގުތު އަނެއް ރޯދަމަހާއި ހަމައަށް ދެމިގެންދެއެވެ.ދެން އުފެދޭ ސުވާލަކީ މި ދެރައުޔުން، ރަނގަޅީ ކޮންރައުޔެއްތޯއެވެ؟ އާދެ، އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ދެވަނަ ރައުޔަށެވެ. ސަބަބު: ފަރުޟު ނަމާދެއްގެ ވަގުތުވެފައި އޮއްވައި، ވަގުތު އޮވެއްޖެނަމަ އެފަރުޟު އަދާކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުމަކީ ހުއްދަކަމެކެވެ. ފަރުޟަށްވުރެ ސުންނަތަށް އިސްކަން ނުދެވޭނީ ފަރުޟު އަދާކުރާނޭ ވަގުތެއް ނެތްނަމައެވެ. ހަމަ މިގޮތަށް ރޯދަވެސް ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތު އޮވެއްޖެނަމަ، އެފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުން ހުއްދަވާނެއެވެ. ނަމަވެސް އެ ފަރުޟުރޯދަ ޤަޟާކުރާނޭ ވަގުތުނެތްނަމަ، ފަރުޟަށްވުރެ ސުންނަތް ރޯދައަށް، އިސްކަން ނުދެވޭނެއެވެ.މިސާލު: މީހަކު ޤަޟާކުރަންޖެހިފައި އޮތީ 8 ރޯދައެވެ. އެހެންވެއްޖެނަމަ، ޝަޢުބާންމަހުގެ 20 ނުވަތަ 21 ޖެހެންދެން އޭނާއަށް ސުންނަތް ރޯދަ ހިފިދާނެއެވެ. ނަމަވެސް ޝައުބާންމަހުގެ 20 ނުވަތަ 21 ޖެހުމަށް ފަހު އޭނާއަށް ސުންނަތް ރޯދަ ނުހިފޭނެއެވެ. އެހެނީ އޭނާ ޤަޟާކުރަންޖެހިފައިވާ 8 ރޯދަ ހިފުމަށް، އޭނާއަށް އިތުރުވަގުތެއް ނެތެވެ.މިހާ ހިސާބަށް، މިވާހަކަ ދެކެވުނީ ފަރުޟުރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތްރޯދަ ހިފުމުގެ ޙުކުމާއި ބެހޭގޮތުންނެވެ. އާދެ، ހުއްދަތޯ ނުވަތަ ހުއްދަނޫންތޯއެވެ. ކުރީގައިވެސް ބަޔާންކުރި ފަދައިން އަޅުގަނޑަށް ބުރަވެވެނީ ހުއްދަ ކަމަށެވެ. ނަމަވެސް މިދެގޮތުން އެންމެ އައުލާކަންބޮޑީ(އެންމެ ރަގަޅީ)، ކޮންގޮތެއް ތޯއެވެ؟ ޖަވާބު: އެންމެ ރަގަޅީ ފުރަތަމަ، ފަރުޟުރޯދަ ޤަޟާކުރުމެވެ.ސަމާލުކަމަށް: މަތީގައި ބަޔާން ކުރެވިފައިވާ ސުންނަތްރޯދަތަކުގެ ތެރޭގައި ޝައްވާލުމަހުގެ 6 ރޯދަ ނުހިމެނޭނެއެވެ. އެހެނީ ޝައްވާލުމަހުގެ 6 ރޯދަ، އެހެން ސުންނަތްރޯދަތަކާއި ތަފާތެވެ. ޝައްވާލުމަހުގެ 6 ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. مَنْ صَامَ رَمَضَانَ وَ أَتْبَعَهُ سِتًّا مِنْ شَوَّالَ كَانَ كَصِيَامِ الدَّهْرِ "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ މުޅިއަހަރު ރޯދަހިފި ފަދައެވެ."މި ޙަދީޘްފުޅުގައި އައިސްފައި މިވަނީ ރަމަޟާންމަހުރޯދަ ހިފުމަށްފަހު ޝައްވާލުމަހުގެ 6 ރޯދަހިފާ މީހެއްގެ ވާހަކައެވެ. އެހެންކަމުން ރޯދަޤަޟާކުރަން ޖެހިފައިވާ މީހާ، މުޅި ރަމަޟާންމަހުރޯދަ ހިފިކަމަކަށް ނުވާނެއެވެ. އޭނާ ރޯދަ ޤަޟާކުރުމުގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިކަމުގައިވިޔަސް، ޙަދީޘުގައި ބަޔާންކުރެވިފައިވާ ޘަވާބެއް އޭނާއަކަށް ނުލިބޭނެއެވެ. އޭނާއަށް ލިބޭނީ ސުންނަތް ރޯދައެއް ހިފުމުގެ ޘަވާބެވެ. ޙަދީޘްގައި ބަޔާންކުރެވިފައިވާ ޘަވާބު ލިބޭނީ ރޯދަ ޤަޟާކުރުމަށްފަހު ޝައްވާލުމަހުގެ 6 ދުވަހު ރޯދަ ހިފުމުންނެވެ. ޝައްވާލުމަހުގެ، ކޮންމެ 6 ދުވަހަކު ހިފިއަސް، އެމަހުގެ 6 ދުވަހު ރޯދަހިފިކަމަށްވާނެއެވެ. ފުރަތަމަ 6 ދުވަހު ހިފުން ލާޒިމުވެގެނެއް ނުވެއެވެ. وَاللهُ أَعْلَمُ
ނޯޓް: މިލިޔުމަކީ ޢާބިދުލްޙަރަމައިން އިން ނަގާފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ...

11.15.2009

ޙައިޟުވެރިޔާގެ ރޯދަ

މުޙައްމަދު ޝައްމޫނު
ސުވާލު: ރަމަޟާންމަހުގެ ދުވަހެއްގެ ފަތިސްވުމުގެ ކުޑަވަގުތުކޮޅެއްފަހުން، ޙައިޟުވެރިޔާ ޠާހިރުވެއްޖެނަމަ އެދުވަހު ކެއިންބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންތައްތަކުން ދުރުވެހުރުން އޭނާގެ މައްޗަށް ލާޒިމުވާނެތޯއެވެ؟ އަދި އެ ދުވަހު އޭނަގެ ރޯދަ ޞައްޙަވާނެތޯއެވެ؟

ޖަވާބު: އެދުވަހު، ރޯދަގެއްލޭ ކަންތައްތަކުން ދުރުވެހުރުން އޭނަގެ މައްޗަށް ލާޒިމެއްނުވާނެއެވެ. އެހެނީ އެދުވަހު އޭނާ ރޯދައަށް ހުރިކަމުގައިވިއަސް އޭނަގެ ރޯދަ ޞައްޙައެއްނުވާނެއެވެ.ސަބަބަކީ އެދުވަސް ފެށުނުއިރު އޭނާ ހުރީ އުޒުރުވެރިއެއްގެ (ޙައިޟުވެރިއެއްގެ) ގޮތުގައެވެ. އޭނާއަށް އޮތީ އެދުވަހުގެ ރޯދަ، ފަހުން ޤަޟާކުރުން އެކަންޏެވެ.
އެދުވަހުގެ ބާކީއޮތް ވަގުތުގައި ރޯދަ ގެއްލޭ ކަންތައްތަކުން ދުރުވެ ހުންނަން ޖެހޭނީ އުޒުރުވެރިއެއްކަމުގައި ނުވާނަމައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެދުވަހު ރޯދަހިފުން ވާޖިބުވާ މީހެއްކަމުގައި ވާނަމައެވެ. އުޒުރުވެރިއެއްކަމުގައި ނުވާމީހަކު އެދުވަހުގެ ކުރީކޮޅުގައި ރޯދަގެއްލޭފަދަ ކަމެއް ކޮށްފިނަމަ، ރޯދަ ޤަޟާކުރުމުގެ އިތުރަށް، އެދުވަހުގެ ބާކީއޮތް ވަގުތުގައި ރޯދަގެއްލޭ ކަންތައްތަކުން ދުރުވެހުރުންވެސް އޭނަގެ މައްޗަށް ލާޒިމުވާނެއެވެ.

ޖަވާބު ދެއްވީ އަލްއަޚް މުޙައްމަދު ޝަމްޢޫނު
ޖަވާބު ނެގީ ޢާބިދުލްޙަރަމައިން އިން

އިތުރަށް ވިދާޅުވޭ...