Showing posts with label ޞިއްޙަތު. Show all posts
Showing posts with label ޞިއްޙަތު. Show all posts

11.12.2012

އުނގެނުމަށް ދަތިވުން


އުގެނުމަށް ދަތިވުން ނުވަތަ(ލަރނިނގް ޑިސްއެބިލިޓީޒް) އަކީ ކުއްޖާ އުފަންވާއިރުވެސް އުފެދުމުގައި އެކުއްޖާގެ "ނާރުތަކާއި ބެހޭ ނިޒާމު" ނުވަތަ ސިކުނޑިއާއި ހަށިގަނޑުގެ އެހެންބައިތަކާއި ގުޅުވައިދޭ މުވާސަލާތީ ވިއުގަ، އުފެދި ފައި ހުންނަގޮތުން ކުދިންނަށް ދިމާވާކަމެކެވެ. އެހެންކަމުން އުނގެނުމުގެ އެކި މަރުހަލާތަކުގައި އަޑުއެހުމާއި، ވާހަކަ ދެއްކުމާއި، ބަލއަިގެން ކިޔުމާއި، ހިސާބު ހެދުމާއި، ވިސްނުން ބޭނުންކޮށްގެން ކުރަންޖެހޭ ކަންކަން ކުރަން އުދަގޫވެއެވެ.

އިތުރަށް ވިދާޅުވޭ...

6.17.2012

މާބަނޑު ދުވަސްވަރު ކެއުމުގައި ރަނގަޅު އާދަތަކެއް ހިފަހައްޓަންޖެހޭ

އަލްއުޚްތު ޙުސްނާ ޢަބްދުﷲ
މާބަނޑުވުމުން ކޮންމެ އަންހެނެއްގެ ވެސް އުންމީދަކަށް ވާނީ ސިއްޙަތު ސަލާމަތުން ހެޔޮހާލުގައި އޭނާގެ ދަރިފުޅު އުފަން ކުރުމެވެ. އެހެންކަމުން ބަލިވެ އިނުމުން ގިނަ އަންހެނުން އެހެންޏާ ނުވާ ވަރަށް ޞިއްޙަތާ މެދު ސަމާލުވެއެވެ. ގަވާއިދުން ޑޮކްޓަރުގެ އިރުޝާދުތައް ހޯދައެވެ.

މާބަނޑު ދުވަސްވަރަކީ އާންމުކޮށް ކާން އާދަވެފައި ހުންނަ އެއްޗެހި ނޫން ތަފާތު ‘ކޫސަނި’ އެއްޗެހި ކާހިތްވާ ދުވަސްވަރެކެވެ. ހާއްސަކޮށް ތަފާތު ހުތްކަން ގަދަ މޭވާ ކެއުމަށް މާބަނޑު އަންހެނުން ބޭނުންވެ އެވެ. އެހެންކަމުން ހުތް އަނބު، ކުންނާރު ފަދަ ހުތް އެއްޗެހި މާބަނޑުވުމާއި ވިހެއުމާ ދޭތެރޭގައި އެވާ 9 މަސްދުވަހު ގޭގައި ހުސްނުކޮށް ބަހައްޓަ އެވެ. މިފަދަ މޭވާތަކަކީ އޭގައި ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވޭ އެއްޗެހި ކަމުގައި ވިޔަސް މާ ގިނައިން ކާނަމަ ގެއްލުން ބޮޑު އެއްޗެއްސެވެ.

ހުތް ކަން ގަދަ މޭވާ ތަކަކީ އޭގައި ‘އެސިޑް’ އެކުލެވޭ ބާވަތްތައްކަމުން އޭގެ ސަބަބުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވެ އެވެ. އެހެންކަމުން އެފަދަ އެއްޗެހި މާ ގިނައިން ކެއުން ބުއްދިވެރި އެއް ނޫނެވެ.

ހުތް ރަހަ ފިޔަވާ މާބަނޑު އަންހެނުން ދެން އެންމެ ގަޔާވާ ރަހަޔަކީ ކުޅި ރަހަ އެވެ. މާބަނޑު ދުވަސްވަރު ވަރަށް ގިނަ އަންހެނުން ކުޅިކޮށް ކާން ބޭނުންވެ އެވެ. ކާން ކިތަންމެ ހިތް އެދުނަސް އެއީ ސިއްހަތައް ކިހާ ގެއްލުން ހުރި ކަމެއްތޯ ބަލާލުން މުހިއްމެވެ.

މާ ކުޅިކޮށް ކާނަމަ ބަނޑަށް އުނދަގޫވެ މާގިނައިން ބޮޑުކަމު ދެވެން ފެށުން ގާތެވެ. މީގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ ހަށިގަނޑަށް ވަރަށް ނުރައްކާ ވެއެވެ. ހާއްސަކޮށް ވައިގެ މައްސަލަ ހުންނަ މީހުންނަށް ނުރައްކާ ބޮޑެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ކުޅިކޮށް ކެއުމުގައި ވަކި މިންގަނޑެއް ހިފެހެއްޓުމެވެ.

ބަލިވެ އިންނަ ދުވަސްވަރު ގިނަ ވަގުތު އަރާމުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެހެންކަމުން އަންހެންވެރިން ތައްޔާރީ ކާނާއާ ރައްޓެހިވެ އެވެ. އެކި ގޮތް ގޮތަށް ބަންދުކޮށްފައި ހުންނަ ނޫޑުލްސް ފަދަ އެއްޗެއްސަކީ ފަސޭހައިން ތައްޔާރު ކޮށްލައިގެން ކައިލެވޭނެ އަނގަޔައްވެސް މީރު އެއްޗެއްސެވެ. މި ތަކެއްޗަކީ ގިނަ އަދަދަކަށް ލޮނާއި ތެޔޮ އެކުލެވޭ އެއްޗެއްސެވެ. މީގެ އިތުރުން މިކަހަލަ ތައްޔާރީ ކާނާ ތަކަކީ އެއެއްޗެހީގެ ރަހަ ގިނަ ދުވަސްވަންދެން ތާޒަ ކަން މަތީގައި ބެހެއްޓުމަށްޓަކައި ‘ޕްރިޒަވޭޓިވްސް’ އަޅައިގެން ހަދާފައި ހުންނަ އެއްޗެއްސެވެ.

ތަފާތު ލުއި ބުއިންތަކަކީވެސް މާބަނޑު އަންހެނަކަށް ރަނގަޅު އެއްޗެއް ނޫނެވެ. މިފަދަ ފިނި ބުއިންތައް އާންމުކޮށް ބޯނަމަ ފައިދާ ހުރި އެއްޗެއް ބޯނެ ޖާގަ ބަނޑަކު ނޯންނާނެ އެވެ. މީގެ ބަދަލުގައި ކިރާއި ޖޫސް ފަދަ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ބުއިން މާ ރަނގަޅެވެ. ގިނައިން ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ.

ބަލިވެ އިނުމުން ކާ ހިތްވާ އެއްޗެހީގެ ބަދަލުގައި ފައިދާ ހުރި ބާވަތްތައް އިސްކަން ދިނުން މުހިންމެވެ. މިގޮތުން ފެހިކަން ގަދަ ފަތާއި ‘ވިޓަމިން ސީ’ އަދި ‘ވިޓަމިން އޭ’ ގިނަ ބާވަތްތައް ކެއުން ރަނގަޅެވެ. މީގެ އިތުރުން ‘ފޮލިކް އެސިޑް’ އާއި ‘ފައިބަރ’ އަދި ‘ކެލްސިއަމް’ އަކީވެސް މާބަނޑު އަންހެނެއްގެ ކެއުމުގައި ހިމެނެންޖެހޭ މުހިންމު މާއްދާތަކެވެ.

އިތުރަށް ވިދާޅުވޭ...

1.30.2012

ހެދުމާއި، ދުޅަހެޔޮކަމާއި މުސްލިމުން

ޑރ. އިބްރާހިމް ޝިހާމް
ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީ.ބީ.ސީ.) އަކީ ވަރަށް ގިނަ މީހުން މަޢުލޫމާތު ނެގުމަށާއި ޚަބަރު ހޯދުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ޞިއްޙަތާއި ތާރީޚާއި އަދި އެ ނޫން ވެސް އެކިއެކި މައުޟޫޢުތަކުގެ މައްޗަށް "މަޢުލޫމާތުން" ފުރިގެންވާ އެތައް ޕްރޮގްރާމެއް އެ މީހުން ގެނެސްދެއެވެ.

ނަމަވެސް މިއީ މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގައި ހަމަ އެންމެ ފުރުޞަތެއް ވެސް ނަގާނުލާ ބައެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ. އެމީހުން ފޮނުވާ އެންމެ އާދައިގެ ޕްރޮގްރާމްތަކުގައި ވެސް އިސްލާމުންނާއި އޮންނަ ދެކޮޅުވެރިކަން އޮންނަނީ ވިސްނާ މީހަކަށް ވިއްޔާ ފައުޅުވާށެވެ. 2001 ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބީ.ބީ.ސީ. އިން ދުރަށް ފެތުރި "ޞިއްޙީ" މަޢުލޫމާތާއި މެދު ނަޒަރެއް ހިންގާލަމާހެވެ. އެ އިރުޝާދުގައިވާ ގޮތުން ވިއްޔާ "ކަށީގެ ބައްޔެއް ކަމުގައި ރިކެޓްސް ގިނަވަމުން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ހެދުން އެޅުމުގައި މުސްލިމުން ގެންގުޅޭ ހަރުކަށި ގޮތްތަކެވެ." މިފަދަ އެއްޗެއް ބުނާކަށް އެއްވެސް ދިރާސާއެއްގެ ބޭނުން ހިފާކަށް ނުޖެހުނެވެ. ނޫނީ ޞިއްޙީ ކަމަކާ ގުޅޭ އެއްޗެއް ބުނުމުގައި ޢާންމު ގޮތެއްގައި ގެންގުޅޭ އެއްވެސް އުޞޫލެއް ވެސް ގެންގުޅޭކަށް ނުޖެހެއެވެ. ހަމަ ބުނެލަންވީއެވެ. މިފަދަ އެއްޗެތި ކިޔައި އަޑުއަހާ ހަދާނީ ބީ.ބީ.ސީ. އިން ބުނާ މިފަދަ "ކުޑަ" އެއްޗެއް ވިސްނާލުމަކާ ނުލާ "މަޢުލޫމާތު" ގެ ގޮތުގައި ސިކުނޑިއަށް ނަގާނެ މީހުންކަން އެ މީހުން ދަންނާތީއެވެ.

ރިކެޓްސްއަކީ ކޮބައިތޯއެވެ؟ މިއީ ހަށިގަނޑުގައި ވިޓަމިން-ޑީ މަދުވުމުން ކަށިގަނޑަށް އަންނަ ބަދަލުތަކަށް ކިޔާ ނަމެކެވެ. ހެދެމުން އަންނަ ކަށީގައި މަޢުދަނުގެ ބާވަތްތައް ރަނގަޅު މިންވަރަށް އެކުނުލެވެނީއެވެ. ނަތީޖާއަކަށް ވަނީ ކަށިގަނޑު އައިބުވެ ބަލިކަށިވުމެވެ. ރިކެޓްސް ގިނައިން ފެންނާނީ 2 އަހަރުން ދަށުގެ ކުޑަކުދީންގެ ކިބައިންނެވެ. ވިޓަމިން-ޑީ ހަށިގަނޑަށް ލިބޭ މައިގަނޑު ދެގޮތެއް ވެއެވެ. އެއް ގޮތަކީ ކާއެއްޗެތީގައި އެކުލެވޭ ވިޓަމިން އެ ކާއެއްޗަކާއި އެކު ލިބުމެވެ. (މިސާލު: މަހު މޭ، ބިސް ...). އަނެއް ގޮތަކީ އަވީގެ އަލްޓްރާ ވައިލެޓް ދޯދިތައް ހަމަށް އެޅުމުން ހަމުގައި ވިޓަމިން-ޑީ އުފެދުމެވެ. ފަހުން މި ބުނި ބަޔަށް "ފޮޓޯލިސިސް" އޭ ކިޔެއެވެ. ބީ.ބީ.ސީ. އިން އެ ބުނަނީ މުސްލިމް އަންހެނުން ހެދުން ލާ ގޮތުން އަތްވަށް ހާމަވާ ވަރު ކުޑަވެ ހަށިގަނޑުގައި ވިޓަމިން-ޑީ މަދުވާ ގޮތް ދިމާވެ ރިކެޓްސް ޖެހެނީ ކަމަށެވެ. މިއީ ވަރަށް ވެސް ހަމަނުޖެހޭ ވާހަކައެކެވެ. އެތައް ސަބަބުތަކަކާ ހުރެއެވެ.

• ރިކެޓްސްއަކީ ޅަފަތުގެ ބައްޔެކެވެ. އިސްލާމްދީނުގައި ހަށިގަނޑުގެ މިވެނި މިންވަރެއް ނިވާކުރާށޭ އަންގާފައިވަނީ ބާލިޣުވެފައި ތިބޭ މީހުނަށެވެ. 2 އަހަރު ނުފުރޭ ކުޑަކުދީންނަކަށް ނޫނެވެ.

• އިސްލާމްދީނުގައި އޮންނަ ގޮތަށް ހެދުން އަޅައިގެން އުޅެމުން ވެސް މުސްލިމް އަންހެނާއަށް އެ މީހާ ގޭގައި ފުދޭވަރަށް އަތްވަށް ހާމަވުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި މަދު މިނެޓްކޮޅަކަށް އަވީގައި ހުރުމުން ވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން-ޑީ އުފެދޭނެއެވެ. އެ "ފައިދާ" ހޯދުމަށްޓަކައި ހެދުން ނަގާ އެއްލާލައި ހުޅަނގުގެ މީހުނާއި ހުޅަނގަށް ތަބާވާ މީހުން އުޅޭ ގޮތަށް އުޅެގަންނާކަށް މުސްލިމް އަންހެނުންނަކަށް ނުޖެހެއެވެ.

• ރަނގަޅަށް ކާއެއްޗެތި ކައިހަދާނަމަ ފުދޭ ވަރަކަށް ވިޓަމިން-ޑީ ލިބޭނެއެވެ. (މަހުމޭ، ބިސް، ކިރު- ބާޒާރުގައި ލިބެން ހުންނަ ގާތްގަނޑަކަށް ހުރިހާ ކިރަކީ ވެސް ވިޓަމިން ޑީ ވަކީން އަޅާ "އެންރިޗް" ކޮށްފައި ހުންނަ ކިރެވެ.)

• ރިކެޓްސް ޖެހެން ދިމާވާ އަދި އެތައް ސަބަބުތަކެއް ހުންނަކަމީ ވެސް ހަނދާންކޮށްލުން ބޭނުންތެރި ކަމެކެވެ. އަދި އޭގެ އިތުރުން ހަށިގަނޑުގައި ކެލްސިއަމް މަދުވެއްޖިއްޔާ ވިޓަމިން-ޑީ ހަށިގަނޑުގައި ހުރުމަކުން ވާނެ ފައިދާއެއް ވެސް ނޯންނާނެއެވެ. (ކެލްސިއަމްއަކީ އަވީގައި ހުރުމުން ލިބޭ އެއްޗެއް ނޫނެވެ.)

• އަވީގައި ހުރުމަކުން ވިޓަމިން-ޑީ ހަށިގަނޑުގައި އުފެދުމަކީ އަދި ލާޒިމު ކަމެއް ނޫނެވެ. މި ކަމަކީ ވަރަށް ގިނަ ސަބަބުތަކާއި ޝަރުޠުތަކެއްގެ މައްޗަށް ހުއްޓިފައި އޮންނަ ކަމެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބައެއް މަސްތަކުގައި (މިސާލު: އެމެރިކާގެ އެޑްމޮނޓޮންގައި އޮކްޓޯބަރު މަހާއި މާރޗް މަހާއި ދެމެދު) ކިތަންމެ އިރަކު އަވީގައި ހުއްޓަސް ހަމަ ކުޑަ ވިޓަމިން-ޑީ ކޮޅެއް ވެސް ނުއުފެދޭނެއެވެ.

ދެން ބީ.ބީ.ސީ. ގެ މި އުފެއްދުމުގައި އަތްވާއިބެހޭ ގޮތުން ނުގެނެސްދޭ ބައެއް ނުކުތާތަކަށް ބަލައިލާނަމެވެ. އިރަށް ހާމަވުމުން ދިމާވާ ބައެއް ކަންތަކުގެ ތެރޭގައި ހަންގަނޑު އެނދުން، ހަމުގައި ރޫޖެހުން، ދުވަސްވާ ކަމަށް ފެނުން. އަދި ހަމުގެ ކެންސަރު ޖެހުން ހިމެނެއެވެ. ހަމުގެ ކެންސަރަކީ ރިކެޓްސްއަށް ވުރެ މާ ނުރައްކާތެރި އަދި މާ ޢާންމު ބައްޔެކެވެ. އަދި ހަމުގެ ކެންސަރު ޖެހުމަށް ދިމާވާ އެންމެ މުހިންމު އަދި މައިގަނޑު އެއް ސަބަބަކީ އިރުގެ ދޯދިތައްކަން އެތައް ދިރާސާތަކަކުން ވަނީ ސާބިތުވެފައެވެ.

ރިކެޓްސްއަކީ މިހާރު މަދުން ފެންނަ އެއްޗެއް ކަމުގައި ވިއަސް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ހަމުގެ ކެންސަރު ޖެހިގެން މަރުވެއެވެ. އިނގިރޭސިވިލާތުގައި ކޮންމެ 5 ގަޑިއިރެއްގެ ތެރޭގައި ހަމުގެ ކެންސަރުގެ ސަބަބުން މީހަކު މަރުވެއެވެ. އެމެރިކާގައި ކޮންމެ ގަޑިއިރެއްގެ ތެރޭގައި ހަމުގެ ކެންސަރުގެ ޝިކާރައަކަށް ވެގެން މީހަކު މަރުވެއެވެ. ހަމުގެ ކެންސަރުގެ އެންމެ ނުރައްކާ ވައްތަރު ކަމަށްވާ "މެލިގްނަންޓް މެލަނޯމާ" ދުނިޔޭގައި މިހާރު ގިނަވަމުންދަނީ ބިރުގަންނަންޖެހޭ ފަދަ ދަރަޖައަކަށެވެ. 1930މ. އާ އަޅާބަލާއިރު އެމެރިކާގައި އެކަނިވެސް މިބަލި ނިސްބަތުން %1800 (އާދޭހެވެ. 180 ގުނައަށް) ވަނީ އިތުރުވެފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިބަލި އިތުރުވެފައިވަނީ ކުރީން އުޅުނު މީހުންނަށްވުރެ ހަށިގަނޑުގެ ހާމަކަން އިތުރުކޮށްގެން އުޅޭ މީހުންގެ ތެރޭގައެވެ. (އޮކްސްފޮރޑް ޓެކްސްޓް ބުކް އޮފް މެޑިސިން) އަދި މިހާރު ވެސް މި ބަލި ދަނީ އިތުރުވަމުންނެވެ.

ޝައްކެއް ނެތެވެ. ހެދުން ލާ ގޮތާއި ހަށިގަނޑަށް ޖެހޭ ބަލިތަކާއި މެދު ވަރަށް ވެސް ގުޅުން ބޮޑެވެ. ނަމަވެސް ހެކިތަކާ ދަލީލުތައް ދައްކާ ގޮތުގައި މި ގުޅުން ވަނީ ބީ.ބީ.ސީ. އިން އެ ފަތުރާ ވާހަކަތަކާ މުޅީން ތަފާތުކޮށެވެ. ކޮންމެ އަހަރަކު އިނގިރޭސިވިލާތުގައި 40،000 (ސާޅީސް ހާސް) މީހުންނަށް ހަމުގެ ކެންސަރު ޖެހެއެވެ. ހަށިގަނޑު ހާމަކުރުމަށް ލާ ހެދުންތައް ދޫކޮށްލައި އިސްލާމީ ރިވެތި ހެދުމުން ޒީނަތްތެރިވީ ނަމަ މީގެ ތެރެއިން ބޮޑު ބައެއް ރައްކާތެރި ކުރެވުނީހެވެ.

ލަދުވެތިކަމަކީ އޭގެ އަގު ނުކުރެވޭފަދަ މާތް ޚަޞީލަތެކެވެ. ރިވެތި އުޅުމަކީ ހަމައެކަނި މާއްދީ ތިލަފަތުން ކިރާލެވޭނެ އެއްޗެއް ނޫނެވެ. މުސްލިމުންނަށް އުޅުމަށް އަންގަވާފައިވާ ގޮތާއި ހެދުން އެޅުމުގައި ގެންގުޅެން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަކީ އަހަރެމެން ﷲ އަށް ޙަމްދުކޮށް ޝުކުރުކުރާހާ ވެސް ފުރިހަމަ ގޮތްތަކެކެވެ. އެއީ އިންސާނާގެ އުނި ސިކުނޑިއަށް އެއަށް ފާޑުކިއިދާނެ ކަމެއް ނޫނެވެ. އަދި ކޮންމެހެން އެކަމަށް ފާޑުކިއަންޖެހިއްޖެ ކަމަށް "ވިސްނިއްޖެ" މީހާވެސް ކޮންމެވެސް މިންވަރަކަށް ޙަޤީޤަތާއި މެދު ވިސްނާލުމާއި ފާޅުވެ ފެންނަންހުރި ދަލީލުތަކަށް ނަޒަރެއް ހިންގާލުމަކީ ބުއްދިވެރި ކަމެކެވެ. އަހަރެމެންގެ އިސްލާމީ ހެދުމަކީ ވަރަށް ގިނަ ކަންތަކުން އަހަރެމެން ރައްކާތެރިކޮށްދޭ ހެދުމެކެވެ. ނޭދެވޭ ލޯތަކުން ފެށިގެން ގޮސް ބަލިޖައްސާ މަދިރީގެ ކަށިތަކުންނާއި އިރުގެ ނުރައްކާތެރި ބައެއް ދޯދިތަކުންނެވެ. އެއީ އަހަރެމެންގެ ރޫޙަށް ފައިދާކުރާ، ހަމަޖެހޭ ރިވެތި ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރާ އެއްޗެކެވެ. އަހަރެމެންގެ ހަށިތަކަށާއި ޞިއްޙަތަށް ވެސް މަންފާކުރާ އެއްޗެކެވެ.

އިތުރަށް ވިދާޅުވޭ...

10.06.2011

އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެ؟

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والعاقبة للمتقين. ولاعدوان إلا على الظالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. و بعد

ﷲގެ ދީން ބިންމަތިން ފޮހެލައި، އެދީނުގެ ހުޅުކޮޅު ނިއްވާލުމަށް، ހުރިހާ ޒަމާނެއްގައިވެސް ޣައިރުމުސްލިމުން، އެމީހުންނަށް ކުރެވުނުހައި މަސައްކަތެއް ކުރަމުންދެއެވެ. މިގޮތުން އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ ބައެއްކަންތަކުން އިންސާނުންނަށް ގެއްލުންލިބޭކަމަށް ޘާބިތުކޮށްދޭން އެމީހުން މަސައްކަތްކުރެއެވެ. އަދި އެމީހުންގެ މިމަޅީގައިޖެހި، އެ ޕުރޮޕެގެންޑާ ފެތުރުމުގައި ބައެއް މުސްލިމުންވެސް ބައިވެރިވެއެވެ.

ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭކަމަށް ބުނެވޭ، މިދިވެހިރާއްޖޭގައިވެސް އެފަދަ ޕްރޮޕެގެންޑާތައް ފެތުރެމުންދާތަން ފެންނަކަމީ އެކަމުގެ ދިރިހުރި ހެއްކެކެވެ. އަންހެންކުދިން ޚިތާނުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެކަމެއް ނޫންކަމަށާއި، އެއީ އެކުދިންނަށް ވަރަށްބޮޑެތި ގެއްލުންތަކެއް ހުރިކަމެއްކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކަކީވެސް އެފަދަ ޕުރޮޕެގެންޑާއެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ އިސްލާމްދީނުގައި ޚިތާނުކުރަން އަންގަވާފައިވާގޮތަށް ޚިތާނުކޮށްފިނަމަ، އެއްވެސް ގެއްލުމެއްނުވާނެކަމަށާއި، އޭގެބަދަލުގައި އެކުދީންނަށްވާނީ ފައިދާކަމުގައި އިތުބާރުހުރި މުސްލިމު ޑޮކްޓަރުން ބަޔާންކޮށްފައިވެއެވެ. އަދި އެކުދީންނަށް ގެއްލުންވަނީ ‘ފިރުޢައުނީ ޚިތާނު’ގެ ނަމުން މަޝްހޫރުވެފައިވާ ގޮތަށް ޚިތާނުކުރުމުން ކަމަށްވެސް އެބޭފުޅުން ބަޔާންކުރައްވާފައިވެއެވެ.

ޑޮކްޓަރުންގެ މިވާހަކަތައް ނޭގުނަސް، ﷲ ގެ ދީނުގައި ޝަރުޢުވެފައިވާ އެއްވެސް ކަމަކުން، އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ނުލިބޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އެހެނީ މިދީނަކީ އިންސާނުން ޚަލްޤުކުރެއްވި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ދީނެވެ. އިންސާނުންނަށް ފައިދާހުރިކަންތަކާއި ގެއްލުންހުރި ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.

ނަމަވެސް ހިތާމައާއެކު ބުނެލަން ޖެހެނީ، މުޖުތަމަޢުގައި މަރުޖިޢަކަށް ބެލެވޭ ބައެއް ބޭފުޅުންގެ ފަރާތުންވެސް، އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއް ނޫންކަމަށާއި، އެކަމާމެދު އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ޟަޢީފު ޙަދީޘްތަކެއްކަމަށް ބުނެވި، އެކަމުގެ މަޝްރޫޢިއްޔަތުކަމާމެދުވެސް ބައެއް މީހުން މިހާރު ޝައްކުކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ޙަޤީޤަތް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ބަޔާން ކޮށްދިނުމުގެ ގޮތުން، ބައެއް ޞައްޙަ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.

1-عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ (رواه مسلم) ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރއްވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.” މި ޙަދީޘުގައި ދެމަފިރިންގެ ލަދުވެތިގުނަވަނަށްވެސް ޚިތާނޭ ޙަދީޘްކުރައްވާފައި އޮތުމުން، އަންހެންމީހާ ޚިތާނުކުރުމަކީވެސް މަޝްރޫޢުކަމެއްކަން އެނގިގެންދެއެވެ.

2-عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ (صححه الألباني في صحيح أبي داود) އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. “(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. اخْفِضِيْ وَ لَا تُنْهِكِيْ فَإِنَّهُ أَنْضَرُ لِلْوَجْهِ وَ أَحْظَى عِنْدَ الزَّوْجِ (صححه الألباني) “(އަންހެންކުދިން) ޚިތާނުކުރާށެވެ! އަދި (ޚިތާނުކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. އެއީ އެއަންހެންމީހާގެ މޫނު ރީތިވުން އެންމެ ގާތްގޮތެވެ. އަދި ފިރިމީހާ ކައިރީގައި އެންމެ އަރާމު ގޮތެވެ.”

3-عَنْ أُمِّ عَلْقَمَةَ أَنَّ بَنَاتِ أَخِيْ عَائِشَةَ خُتِنَّ (أخرجه البخاري في الأدب المفرد) އުއްމު ޢަލަޤަމާ ރަޙިމަހަﷲގެ ކިބައިން ރިވާވެގެންވެއެވެ. “އާއިޝާ ރަޟިޔަﷲ ޢަންހާގެ އަޚުގެ އަންހެން ކުދިން ޚިތާނުކުރެވުނެވެ.”

4-އިބްނު ރަޖަބް ރަޙިމަހުﷲ ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. وَخِتَانُ الْمَرْأَةِ مَشْرُوْعٌ بِغَيْرِ خِلَافٍ ”އަންހެނުން ޚިތާނުކުރުމަކީ (ދީނުގައި) މަޝްރޫޢުކަމެކެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.”

5-އިމާމުލް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި بَابُ إِذَا الْتَقَى الخِتَانَانِ (ދެ ޚިތާނު ޖެހޭހިނދު) މިހެން ވިދާޅުވެ ބާބު ބަންނަވާފައިވެއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ މި ބާބު ޝަރަޙަ ކުރައްވަމުން ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. ” ދެ ޚިތާނުގެ މުރާދަކީ ފިރިހެން މީހާގެ ޚިތާނާއި(ލަދުވެތި ގުނަވަނާއި) އަންހެން މީހާގެ ޚިތާނެވެ.(ލަދުވެތި ގުނަވަނެވެ).” މި ބާބުގައި އިމާމުލް ބުޚާރީ ރަޙިމަހުﷲ ގެންނަވާފައިވަނީ، ޖިމާޢުވެއްޖެނަމަ، ހިނައިގަތުން ވާޖިބުވާނެކަން ބަޔާންވެފައިވާ ޙަދީޘްތަކެވެ.

6-ފިޠުރަތުގެ ކަންތައް ބަޔާންކުރެވިފައިވާ ޙަދީޘް ޝަރަޙަކުރައްވަމުން، އައްނަވަވީ ރަޙިމަހުﷲ ޞަޙީހްމުސްލިމްގެ ޝަރަޙަ އަލްމިންހާޖްގައި ވިދާޅުވެފައިވެއެވެ. “ފަހެ ޚިތާނުކުރުމަކީ، އިމާމް ޝާފިޢީ ރަޙިމަހުﷲ އާއި ބައެއް ޢިލްމުވެރިންގެ އަރިހުގައި ވާޖިބުކަމެކެވެ. އަދި އިމާމް މާލިކް ރަޙިމަހުﷲ އާއި ގިނަ ޢިލްމުވެރިންގެ އަރިހުގައި ސުންނަތް ކަމެކެވެ. ޝާފިޢީ ރަޙިމަހުﷲގެ އަރިހުގައި، އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބުކަމެކެވެ.”

7-ޝާފިޢީ މަޛްހަބުގެ ފިޤުހުފޮތެއްކަމުގައިވާ ‘މިންހާޖުއް ޠާލިބީންގައި’ އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ ވާޖިބެކެވެ.”

8-ޝާފިޢީ މަޛްހަބުގެ އެހެން ފިޤުހުފޮތެއްކަމުގައިވާ ‘އަލްބަޔާނުގައި’ އަލްޢިމްރާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމަކީ (އަހަރެމެންގެ މަޛުހަބުގައި) ވާޖިބެކެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް، އެއީ ސުންނަތެއްކަމަށް އަބޫޙަނީފާ ވިދާޅުވެއެވެ.”

9-ޝާފިޢީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހުފޮތް ކަމުގައިވާ ‘އަލްމަޖުމޫޢުގައި’ އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގައި ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީވެސް ވާޖިބެކެވެ.” އަދި މިއީ ސަލަފުންގެ ގިނަ ބޭކަލުންތަކެއްގެ ބަހެވެ. އަދި ޚިތާނުކުރުން ވާޖިބެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ތެރެއިން އިމާމް އަޙުމަދުވެސް ހިމެނެއެވެ. އަދި އިމާމް މާލިކާއި އިމާމް އަބޫހަނީފާ ވިދާޅުވަނީ ފިރިހެނުންނާއި އަންހެނުންގެ ޙައްޤުގައިވެސް އެއީ ސުންނަތެއް ކަމުގައެވެ. އަދި ރާފިޢީ އެއީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ވަޖުހެއްކަމަށް ވިދާޅުވެއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްވުމަކީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ތިންވަނަ ވަޖުހުކަމުގައި ރާފިޢީ ބަޔާންކުރައްވައެވެ. ނަމަވެސް، މި ދެ ވަޖުހަކީވެސް ޝާޛް(އެކަހެރި، ޤަބޫލުނުކުރެވޭ) ދެ ވަޖުހެވެ. އަދި އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ޞައްޙަ ވަޖުހަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ވާޖިބުވުމެވެ. މިއީ ޝާފިޢީ ރަޙިމަހުﷲގެވެސް ރައުޔެވެ. އަދި ޖުމުހޫރުންވެސް ވިދާޅުވާގޮތެވެ.”

10-މާލިކީ މަޛްހަބުގެ ފޮތެއް ކަމުގައިވާ ‘އަލް އިސްތިޛްކާރުގައި’ އިބްނު ޢަބްދިލް ބައްރި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އާޠާއު ވިދާޅުވެއެވެ. ޚިތާނު ނުކުރަނީސް މީހެއްގެ އިސްލާމްކަން ފުރިހަމަ ނުވާހުއްޓެވެ. މާލިކާއި، ޝާފިޢީއާއި، އަބޫޙަނީފާ ދެއްކިލައްވަނީ ބޮޑުމީހެއްވިޔަސް، އިސްލާމްވުމަށްފަހު ޚިތާނުކުރަން ޖެހޭނެކަމަށެވެ. އަދި އަންހެނުންނަށް އެއީ އެދެވިގެންވާ ސުންނަތެއްކަމުގައި އެބޭކަލުން ދެކިލައްވައެވެ. އަދި އިމާމް މާލިކު ވިދާޅުވާކަމުގައި އިބްނުލްޤާސިމް ވިދާޅުވިއެވެ. ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީ ފިޠުރަތުގެ ތެރެއިންވާ ކަމެކެވެ.”

11-ޙަންބަލީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހު ފޮތްކަމުގައިވާ ‘އަލްމުޣުނީގައި’ އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ފިރިހެނުންނަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އަންހެނުންނަށްޓަކައި އެއީ މާތްކަމެކެވެ. އެކަނބަލުންނަށް ވާޖިބުވެގެންވާކަމެއް ނޫނެވެ. މިއީ ގިނަ ޢިލްމުވެރިންތަކެއްގެ ބަހެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ އަންހެނުންނަށްވެސް ޝަރުޢުވެގެންވާ ކަމެކެވެ. އަބޫ ޢަބްދިﷲ (އިމާމު ޢަޙުމަދު) ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް إِذَا الْتَقَى الْخِتَانَانِ وَجَبَ الْغُسْلُ (ދެޚިތާނު ޖެހިއްޖެނަމަ (ޖިމާޢުވެއްޖެނަމަ) ހިނައިގަތުން ވާޖިބުވެއްޖެއެވެ.)އިން، އަންހެން ބޭކަނބަލުންވެސް ޚިތާނުކުރައްވާކަން އެނގެއެވެ.”

12-ޙަނަފީ މަޛްހަބުގެ ފޮތެއްކަމުގައިވާ ‘ތުޙުފަތުލްމުލޫކުގައި’ ޒައިނުއްދީން އައްރާޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ފިރިހެނުންނަށް ސުންނަތެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ.”

13-’އައްޝަރުޙުލް މުމްތިޢުގައި’ ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މުއައްލިފު (އަލްޙަޖާވީ)ގެ ބަސްފުޅުން ދޭހަވަނީ، ޚިތާނުކުރުމަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބެއްކަމެވެ. (ޙަންބަލީ) މަޒްހަބުގެ ރައުޔަކީ މިއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްކަމުގައިވެސް ބުނެވެއެވެ. މިއީ މުވައްފަޤު އިބްނުޤުދާމާ ރަޙިމަހުﷲގެ ރައުޔެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް ސުންނަތެއްކަމުގައިވެސް ބުނެވެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އަދި ފިރިހެނުންނަށް ވާޖިބެއްކަމަށާއި އަންހެނުންނަށް ސުންނަތެއްކަމަށް ބުނެވޭ ރައުޔު އެއީ ޙައްޤާއި އެންމެ ގާތް ރައުޔެވެ.”

14-’ނައިލުލް އައުޠާރުގައި’ ޝައުކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ވާޖިބެއްކަމަށް ޘާބިތުވާ އެއްވެސް ޞައްޙަ ދަލީލެއް ނެތެވެ. (ދަލީލުން) ޔަޤީންވާކަމަކީ އެއީ ސުންނަތެއްކަމެވެ.”

15-އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ‘މަޖުމޫޢަތުލް ފަތާވާގައި’ ވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަކަމެއް ތޯއެވެ. (ޖަވާބުގައި) ވިދާޅުވިއެވެ. އެންމެހައި ޙަމްދެއްވަނީ ﷲ ތަޢާލާއަށެވެ. އާނއެކެވެ. އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަ ކަމެކެވެ.”

16-ސަޢޫދީ ޢަރަބިއްޔާގެ ފަތަވާކޮމިޓީގެ ފަތަވާފޮތުގައިވެއެވެ. “ޚިތާނުކުރުމަކީ ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ޝަރުޢުވެފައިވާކަމެކެވެ. ނަމަވެސް ފިރިހެނުންނަށް އެއީ ވާޖިބެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ.” އަދިވެސް އަންހެނުން ޚިތާނުކުރުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލުކުރެވުމުން ބަޔާންކޮށްފައިވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ މަޝްރޫޢުކަމެކެވެ. އަދި އެއީ އެކަނބަލުންގެ ޙައްޤުގައި މާތްކަމެކެވެ.”

ޚުލާޞާ
މަތީގައި ބަޔާންވެފައިވާ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން،އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުވެފައިވާ ކަމެއްކަމާއި، އެއީ ދީނީކަމެއްކަމާއި، އެކަމަށް ދަލާލަތުކުރާ ޞައްޙަ ޙަދީޘްތައްވެސް ވާރިދުވެފައިވާކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. އަދި ހަމައެއާއެކު، ހަތަރު މަޛުހަބުގެ ޢިލްމުވެރިންވެސް އެކަމުގެ މަޝްރޫޢިއްޔަތާމެދު އެއްބަސްވެލައްވާކަމާއި، އެބޭފުޅުން ވާހަކަދައްކަވާފައިވާނީ، އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯކަމާމެދުކަން އަޅުގަނޑުމެންނަށް ބަޔާންވެގެން ހިނގައްޖެއެވެ. އަދި އިސްލާމްދީނުގައި އަމުރުވެފައިވަނީ ޚިތާނުކުރާއިރު، މާބޮޑަށް ނުކެޑުމަށްކަންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން އިސްލާމްދީނުގައި އައިސްފައިވާގޮތާއި ޚިލާފަށް ބަޔަކު ޢަމަލުކުރުމުގެ ސަބަބުން، އޭގެއިން ނިކުންނަ ނޭދެވޭ ނަތީޖާއަށް ބަލައި، އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމެއް އެއީ ނެތްކަމަކަށް ނެހެދޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އަދި ހަމައެއާއެކު، ބަޔަކު ހޯދާފައިވާ ހޯދުމަކަށް ބިނާކޮށްވެސް، އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމެއް، އެއީ ނެތްކަމަކަށް ނެހެދޭނެކަންވެސް ދަންނަން ޖެހެއެވެ. އެހެނީ އެމީހުންނަށް ހޯދުނު ހޯދުން އެއީ އެންމެރަނގަޅުގޮތް ނޫންކަން ޘާބިތުވުމަކީވެސް ދުރުކަމެއްނޫނެވެ.

ގެއްލުންހުރި އެއްވެސްކަމަކަށް، ﷲއާއި އެއިލާހުގެ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުގަނޑުމެންނަށް އަމުރުނުކުރައްވާނެއެވެ.
____________________________________
މިއީ ދިސަލަފިއްޔާ ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

އިތުރަށް ވިދާޅުވޭ...

7.18.2011

އަންހެނުން ބުމަ ހެދުން

ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް
ﷲ ވަޙީކުރައްވާފައިވެއެވެ.(( إِن يَدْعُونَ مِن دُونِهِ إِلاَّ إِنَاثًا وَإِن يَدْعُونَ إِلاَّ شَيْطَانًا مَّرِيدًا . لَّعَنَهُ اللّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا . وَلأُضِلَّنَّهُمْ وَلأُمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللّهِ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا )) { النساء : 117 – 119} މާނައީ: " އެކަލާނގެ ފިޔަވައި އަންހެން(ނަންތަކެއް ކިއިގެންވާ) ބުދުތަކަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި، ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ ޝައިޠާނާއަށް މެނުވީ އެބައިމީހުން އަޅުކަމެއްނުކުރެތެވެ.* މާތް ﷲ ޝައިތާނާއަށް ލަޢުނަތް ލައްވައިފައިވެއެވެ. އަދި އެޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަންގެ ބަޔަށް ވައްދާހުށީމެވެ.* އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެންލައްވައި، ޙަޤީޤަތެއްނެތް އުއްމީދުތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި،ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި، ﷲ ހެއްދެވި ހެއްދެވުން ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކުކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.

މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ޝައިތާނާ، ﷲ ތަޢާލާ އާދަމުގެ ދަރިން ހެއްދެވި ހެއްދެވުން ބަދަލުކުރަން އަމުރުކުރާނެކަމެވެ. އަދި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައި "ހެއްދެވި ހެއްދެވެން" ބަދަލުކުރުވާ ބަހުގެ މުރާދަކީ ބުމަހެދުމާއި، ޓެޓޫ ޖެހުމާއި އަދި ދެދަތްދޭތެރެ ދުރުކުރުންފަދަ ކަންކަމެވެ.

އިމާމް ބުޚާރި އާއި މުސްލިމް އަދި ސުނަނުގެ ބޭކަލުން، އަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ޞައްޙައް ޙަދިޘްފުޅެއްގައިވެއެވެ. ((أَنَّ النَّبِيَّ صَلَى اللهُ عَلَيْهِ وَسَلَّمِ لَعَنَ النَّامِصَاتِ وَالْمُتَنَمِّصَاتِ)) މާނައީ: " މާތް ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމް ބުމަހަދައިދޭމީހާއާއި އަދި ބުމަހަދުވާމީހާއަށް ލަޢުނަތްލެއްވިއެވެ. "

އިސްވެދިޔަ އާޔަތާއި ޙަދީޘުން ބުމަ ހެދުމަކީ ޙަރާމްކަމެއްކަމަށް ވަރަށް ސާފުކޮށް އެނގެއެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގަދަޔަށް، ނުވަތަ އިންސާނީ ވަންތަކަން ގެއްލޭފަދަ ގޮތަކަށް ބުމަފަޅާފައިހުރި މީހެއްނަމަ، އެފަދަ ހުތުރުކަމެއް ފިލައިދާވަރަށް ބުމަކޮށުމަށް ބައެއް ޢިލްމުވެރިން ހުއްދަދެއްވައެވެ. ނަމަވެސް އެއީ އެފަދަ ޟަރޫރީ ޙާލަތަކަށް ޓަކައި އެކަންޏެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނެގުމަކަށް ނޫނެވެ.

ޝައްކެތްނެއްގޮތުގައި އިސްލާމްދީނަކީ ރިވެތިކަމަށް ލޯބިކުރާ އަދި އެކަމަށް ބާރުއަޅާ ދީނެކެވެ. އަދި ވަކިން ޙާއްޞަކޮށް އަނބިމީހާ އޭނަގެ ފިރިމީހާއަށްޓަކައި ޒީނަތްތެރިވުމަކީ މުސްތަޙައްބުވެގެންވާކަމެކެވެ. އެގޮތުގެ މަތިން އަންހެނުން ޒީނަތްތެރިވާން ބޭނުންކުރާ ތަފާތުކުރީމް ތަކަކީ (ފެއާރ އެން ލަވްލީ ފަދަ) އޭގެ ސަބަބުން ހަމަށް ދާއިމީ ބަދަލެއް އަންނަ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ހަމުގެކުލަޔަށް ވަގުތީ ގޮތުން ގެނެވޭ ރީތިކަމެކެވެ. އެއާ ޚިލާފަށް ސާޖަރީ ކޮށްގެން މޫނަށް ގެނެވޭ ބަދަލުތައް، ވާނީ ﷲ ތަޢާލާ ހެއްދެވި ހެއްދެވުމަށް ގެނެވޭ ބަދަލަކަށެވެ. އަދި މިފަދަ ކުރީމްތަކަކީ އޭގައި ލާބަޔާއި މަންފާލިބޭނަމަ ހުއްދައެއްޗެއްސެވެ. ނަމަވެސް މިފަދަ އެއްޗެއްހި ބޭނުންކުރުމުގައި ދެނަގަންނަންޖެހޭ މުހިއްމު ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި އެބޭނުންކުރާ އެއްޗެހީގައި އިސްލާމްދީން ޙަރާމްކުރާ، އަދި އެއީ އެއްވެސް ގެއްލުމެއްލިބޭ މާއްދާއެއް އެކުލެވިގެން ނުވާއެއްޗަކަށްވުމާއި އަދި އެގެއްލުމަކީ އަވަސް ނުވަތަ ދުރު މުސްތަޤްބަލުގައިވެސް ލިބިދާނެ ގެއްލުމެއްކަމުގައި ވެގެންނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ( لاَ ضَرَرَ وَلاَ ضِرَارَ ) މާނައީ: "ގެއްލުންދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ" އަދި އެއުފެއްދުމުގައި (އޫރުގެ ޖެލެޓިންފަދަ) އެއްވެސް ނަޖިސްބާވަތެއް ހިމެނިފައިނުވުމެވެ. އަދި މިފަދަ ބޭނުންތަކަށް އަޅުގަނޑުމެން އިސްރާފުވެސް ކޮށްގެންނުވާނެވެ. މިދެންނެވި ޝަރުޠުތަކާއެކު ޒީނަތްތެރިވުމަށް ތަފާތު ކުރީމް ބޭނުންކުރުމަކީ ހުއްދަކަމެކެވެ.
.........................
ރާއްޖެއިސްލާމް އިން ނަގާފައި

އިތުރަށް ވިދާޅުވޭ...

3.25.2011

ދެމަފިރިންގެ އައުފޯވަހި

عبد الحكيم النيفرى- رحمه الله -
ދެމަފިރިކަމުގެ ބޭނުމަކީ، ދުނިޔެ ޢިމާރާތްކުރުމެވެ. ދުނިޔޭގައި ފޮރުވިފައިވާ ޚަޒާނާތައް ހާމަކޮށް އެތަކެތީން ބޭނުން ހިފުމަށް ދަރިފަސްކޮޅު އައުކޮށް އާލާކުރުމެވެ.

ދެމަފިރި ކަމުގައިވާ ލައްޒަތަކީ، ދަރިފަސްކޮޅު ދެމެހެއްޓުމަށާއި، ގިނަކުރުމަށް ޤުދުރަތް މެދުވެރި ކުރި އެންމެ ވަރުގަދަ މެދުވެރިޔާއެވެ. އަދި ދިރިއުޅޭ ކޮންމެ މަޚްލޫޤެއް ހުލިވެ ހުސްވިޔަ ނުދީ ހިފަހައްޓާ ގަދަފަދަ ބާރު މެއެވެ.

ނަމަވެސް . . . ކަމުގެ ޙަޤީޤީ ސިއްރަކީ ބަލައި ވިސްނާއިރު ދެމަފިރި ކަމުގެ ފޮނި ލައްޒަތުގެ ތެރޭގައި، ފޮރުވިފައި ވަނިކޮށް ފެނުނީ ހަށިގަނޑުން ފެލައިލެވޭ ޖައުހަރު ޙަޔާތުގެ ދިޔަވަރެވެ. ދެންކުރިމަތިލާން ޖެހޭ ދަތި މަސައްކަތް ތަކެވެ. ތަރުބިއްޔަތު ކުރާން ޖެހިފައިވާ ޅަ ދަރީންތަކެވެ. ޝައްކެއްނެތެވެ! މި ފޮނި ފޮނި ޙައިވާނީ މަޖާ ދެމަފިރިކަމުގައި އެކުލެވިފައި ނުވާނަމަ މަދުބަޔަކު މެނުވީ ތިމާމެންގެ ނަސްލު ދެމިއޮތުމަށް ފަރުވާލެއް ނުބެހެއްޓީހެވެ.

ވިސްނާވާކަށް ނުވޭތޯއެވެ؟ މި ފޮނިފޮނި ލައްޒަތު ޙާޞިލްކުރުމުގައި ހައްދު ފަހަނައަޅައި ގޮސް ބުންވަރު ހުސްކޮށްލައިގެން ވެސް ވާކަށެއް ނެތް ނޫންތޯއެވެ؟ ނަމަވެސް ބައެއްމީހުން ޚާއްޞަކޮށް އަލަށް މީހުންނާއިންނަ ކުދީން، މިކަމުގެ ޙަޤީޤީ ސިއްރަށް ވިސްނުމަކާއި ނުލައި ދެމަފިރިކަމުގެ ލައްޒަތަކީ ހުރިހާ ކަމެއްގެ ނިމުން ކަމަށް ދެކެތެވެ. ހިތުނިޔަތާއި، އެކުގައި ކުރިމަތިލާ ޤިބުލަ ކަމަށް ހަދައި މި ލައްޒަތު ގެ ތެރެއަށް ފީނައި ބުންވަރު ހުސްކޮށްލަތެވެ. ލަސްތަކެއް ނުވެ އެތަނުން ބައްދަލު ކުރަނީ ހީކެރުވުމާއި ކުކުރުމެވެ. ވޭނާއި ރިއްސުމެވެ.

މާތް ޅެންވެރިޔާއި މި ފަންޑިތަ ބަސް ހަނދުމަ ކުރުން ހުއްޓެވެ.
"كم حسنت لذّة للمرء قاتلة
من حيث لم يدر انّ السّمّ في الدسم"

މިލައްޒަތުގެ ގެއްލުން
ހުވަފެނެއް ފަދަ މިޝަހުވާނިއްޔަތުގެ ތެރޭގައި ގެނބި ހައްދު ފަހަނަ އަޅާ މީހާގެ ޙާލު ސިފަކުރުމުގައި މިޒަމާނުގައި ކާމަސްތުރާ ޢިލްމު ގެ މާހިރުން ބުނަނީ މިއީ ބަވަތެއްގެ ޖުނޫނެއް ކަމެވެ. މިޖުނޫނު (މޮޔަބަލި) ފެށިގެން އަންނަނީ، ޒުވާންކަމުގެ ފޯއްދުން ހަށިގަނޑު ގެ ނާރުތަކުގައި ހިގައި ގަންނަ ދުވަސްވަރުގައި ކަމަށެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދުގައެވެ.

އާދެ! މިކަމުގެ ޢިލްމުވެރީން ބުނަނީ މިފުރާވަރުގައި ވަރަށް ހަރުދަނާ ތަރުބިއްޔަތެއް ލިބިފައިވާ ކުއްޖެއްމެނުވީ ތިމާއަށް އަމިއްލަޔަށް، ނުވަތަ އެހެންމީހަކު ލައްވާނަމަވެސް ތިމާގެ މަނި ނެރެލުމަށް މަސައްކަތް ކުރާނެއެވެ. ދެން މިކަމުން ލިބިގަތުމުގައި އާދަ ކުރަމުން ގޮސް މޮޔަވަނީ އެވެ.

މިޖުނޫނަކީ މަތިމަތީން ބަލައިލާ ޖާހިލުންގެ ނަޒަރުގައި ޖުނޫނެއް ނޫނެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ވިސްނާ ވިސްނުންތެރީންގެ ނަޡަރުގައި ވަރުގަދަ ޖުނޫނެކެވެ. ނަތީޖާ އަކަށް ވަނީ ފަލަނާރުތައް ޅަވެހުއްޓައި އެއިން ދިޔަ ފެލެވި އެނާރުތަކުން ސިކުޑީގެ ހިމަހިމަ ނާރުތަކަށާއި ޙިއްސު ތަކުގައި ކަވިހޮޅިތަކަށް ލިބޭންވީ ބާރު އެދެވޭގޮތުގައި ނުލިބުމެވެ. ތޫނު ވިސްނުމާއި ވަރުގަދަ ހިތްވަރުގެ ނޫރާނީ އަލިކަން ނެތިދިޔުމެވެ.

މިއީ އަޅުގަނޑުމެންގެ ޢާއްމުން ވިސްނައި އުޅޭ، ހިސާބެއް ނޫނެވެ. ވިސްނައި އުޅޭ ހިސާބުން ފެންނަނީ ހަށިގަނޑުގެ ލެއިމަދުވެ ޟަޢީފުވެ ނުރައްކާތެރި ކިހުނާއި ކެއްސުންބަލި ފަދަ ބަލިބައްޔަށް ހަށިގަނޑު ތައްޔާރުވާތީއެވެ. ވިސްނުމާއި ހަނދާނުގެ ބާރު، ދެރަވުމުގެ ސަބަބުން އަދާކުރާން ޖެހިފައިވާ ދުނިޔަވީ ވާޖިބުތަކާއި ދީނީވާޖިބުތައް ރަނގަޅަށް އަދާނުކުރެއްވިދާތީއެވެ. ވަޢުދު ފުއްދުމާއި ތެދުވެރިކަމަށް ޚިޔާނާތްތެރިވެވޭތީއެވެ.

މިލައްޒަތުގެ މެދުމިން
ވިސްނުންތެރި ކޮންމެ ކުއްޖަކު ތިމާގެ ހަށިގަނޑު ޞިއްހަތާއި ބުއްދީގެ ބާރާއި އަޚްލާޤު އައުކުރުމުގެ މައްޗަށް ހިއްމަތާއި އެކު މަސައްކަތް ކުރުން ވާޖިބެވެ. އެއީ ދެމަފިރިކަމުގެ ލައްޒަތު ލިބިގަތުމުގައި ހަށިގަނޑާއި އެކަށީގެންވާ މެދުމިނެއްގައި މެނުވީ އެކަންތައް ޙާޞިލްނުކުރުމެވެ. ސަލާމަތް ދިރިއުޅުމެއް ތިމާއަށާއި ޢާއިލާއަށް ލިބުން އޮތީ އެއިރުންނެވެ. މިކަމުގެ މެދުމިން ހުއްޓި ފައިވަނީ މީހާގެ މުޅި ހަށިގަނޑުގައި ހުރި ޞިއްޙަތަކާއި އާރާއި ބާރެއްގެ މައްޗަށެވެ. ފިރިހެން ބޭހެއް ކައިގެން ނުވަތަ ބޮއިގެން ލިބޭ ވަގުތީ ބާރެއްގެ މައްޗަކަށް ނޫނެވެ. އޭގެ ނަތީޖާ އަކީ ވަރުގަދަ ވިހައެކެވެ. މިކަމުގެ މެދުމިނަކީ ޞިއްހަތު ސަލާމަތުން ހުރި ދެމަފިރިން ބައްދަލުވާއިރު ދެމީހުންނަށް މެ ލައްޒަތު ޙާޞިލްކުރުގެ ބާރު އަންނަ ނަމަ ހަފުތާއެއްގައި ތިންފަހަރަށް ވުރެ ގިނަ ނުކުރުމެވެ. ރަނގަޅީ ދެފަހަރު ނުވަތަ އެއްފަހަރުއެވެ.

އޭ! އައުކައިވެނީގެ ދެކުދީންނޭވެ! އަޅުގަނޑު މިނަންގަތްރޮގުން މިކަން ގެންދަނަމަ ތިޔަދެކުދިންނަށް ލިބޭނީ ރަނގަޅު ޞިއްޙަތެކެވެ. ބުއްދިޔާއި ވިސްނުމަށް ލިބޭނީ، އިތުރު ބާރެކެވެ. އަދަބާއި އަޚްލާޤަށް އަންނާނީ މާތްސިފަތަކެކެވެ. މުސްކުޅިވާއިރު ދެކޭނީ ހުސްނުވެ ހުރި ޚަޒާނާއެކެވެ.

ޝައްކެއް ނެތެވެ! ޅަފުރާއިން ފެށިގެން މި ޖިންސީ މަޖާ ޙާޞިލު ކުރުމުގައި ގޮތެއް ނެތި ޖައުހަރިއްޔާތުން އިސްރާފު ކުރަމުން ދާމީހުން އުމުރުން ދުވަސްކޮޅެއް ވާއިރަށް ގައިބާރު ދެރަވެ، ތަނާސުލީ ބާރު ހުސްވެ، ޝަކުވާތައް ގިނަވެ ވެއެތުވެ ދިޔަ ދުވަސްކޮޅުގެ މައްޗަށް ހިތާމަ ކުރެތެވެ.

ނަމަވެސް އިހަށް ނުވިރައްކަލެއް ފަހުން ވެވޭން ނޯންނާނޭ ކަން ތިޔަކުދީންނަށް ވެސް އެނގޭނެއެވެ.
..........................
(އިންސާނީ މަތިވަރުގެ ސަލާމަތް)
ދަރުމަ މެއި 2006އިން ނަގާފައި.

އިތުރަށް ވިދާޅުވޭ...

3.07.2011

ދަރިފުޅު މަރާލީ ހެއްޔެވެ؟

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ކައިވެނީގެ ބޭރުން ބަލިވެއިންނަ ބައެއް މީހުން އެބައިމީހުންގެ މައްޗަށް އަތުވެދާނެ ޒިނޭގެ ޙުކުމުން ސަލާމަތްވުމަށްޓަކައި އެބޯޝަން ޚިޔާރުކުރެއެވެ. ތިމާކުރި ފާފައަށް ތައުބާވުމުގެ ބަދަލުގައި އިތުރު ފާފައެއް ބޮލުގައި އަޅައެވެ. ދުނިޔޭގެ ލަދަށެވެ. ޒިނޭއަކީ ޙަރާމްކަމެކެވެ. އިންސާނަކު ޤަޞްދުގައި މެރުމަކީވެސް ޙަރާމްކަމެކެވެ.

ދަރިފުޅު އުފަންވުމުގެ ކުރިން ނައްތާލާނެ ގޮތްތައް އިންސާނުން ވަނީ މާކުރިއްސުރެ ހޯދާފައެވެ. އަދި ހަމަ އެއިރުއްސުރެ އިންސާނުންގެ ތެރެއިން ގިނަބަޔަކު އަންނަނީ އެބައިމީހުންގެ ދަރީން އުފަންނުވަނީސް ނައްތާލަމުންނެވެ. އެބޯޝަންގެ ނަމުން ނަންދެވުނަސް މިއީވެސް ހަމަ ޤަސްދުގައި އިންސާނަކު މަރާލުމެވެ. އަދި މިކަމާ ނުރުހުން ފާޅުކުރަނީ ހަމައެކަނީ މުސްލިމުންނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެކި ދީނުގެ، އެކި ނަސްލުގެ އެތައްބައެއް އަންނަނީ އެބޯޝަންއާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެބޯޝަންއަކީ އެންމެ ރަނގަޅުކަމެއްކަމަށް ބުނާމީހުން ބުނާގޮތުގައި ދަރިން ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޙައްޤު އަންހެނާއަށް ލިބިގެންވާނެއެވެ. ސުވާލަކީ، ދަރިން ބޭނުން ނޫންނަމަ އެކަން އެގޮތަށް ނިންމުމުގެ ޙައްޤު އޮންނާނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އެޙައްޤު ނިމިދާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ އަންހެނަކު ބަލިވެ އިންކަން އެނގޭއިރު ބަނޑުގައި ވާނީ ދަރިއެކެވެ. ބިހަކާއި ދަރިފަންޏެއް ނޫނެވެ. ދިރޭ ފުރާނައެއް ނައްތާލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިފައި ވޭހެއްޔެވެ؟ ދަރިން ބޭނުން ނޫންނަމަ ބަލިވެ އިނުމުގެ ކުރިން ކުރެވިދާނެ އެތައް ކަންތައްތަކެއް ވެއެވެ. ނަމަވެސް ބަލިވެ އިނުމަށްފަހު ދަރިފުޅު ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޙައްޤު މައިމީހާއަކަށް ނޯވެއެވެ.
وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا (النساء 93)
މާނައީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."

ބައެއް ޤައުމުތަކުގައި އެބޯޝަން ހުއްދަކުރެވުނީއްސުރެ މިހާތަނަށް، ހަމައެކަނި އެމެރިކާގައިވެސް 30 މިލިޔަން ކުދިން އުފަންނުވަނީސް މަރާލެވިފައިވެއެވެ. 1970 އިން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުން 1.7 ބިލިޔަން ދަރިން މިފަދައިން ނައްތާލެވިފައިވެއެވެ. ހިތާމައަކީ މިފަދަކަމެއް ކުރާ ބަޔަކަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ރޭކާނުލާކަމެވެ. އެބޯޝަން ހަދަނީ ކިހިނެއް ހެއްޔެވެ؟

އެންމެ ގިނައިން އެބޯޝަނަށް ބޭނުންކުރަނީ ސަކްޝަން މެތަޑެވެ. އެއީ ކުއްޖާ ބަނޑުގައި އޮންނަ ފުރަތަމަ ތިންމަހުގެ ތެރޭގައި ނައްތާލާނަމައެވެ. ބާރު ޕްރެޝަރުގައި އެތެރެއަށް ވައިދަމާ އާލާތަކާ ގުޅާފައިވާ ހޮޅިއެއް އަންހެނާގެ ރަޙިމަށް ވައްދާ އޭގެ ވަރުގަދަ ދަމާ ބާރުން ކުއްޖާ ކުދިކުދި ކޮށްލާ ނެރެނީއެވެ. ދެވަނަ ގޮތަކީވެސް ފުރަތަމަ ތިންމަހުގައި ކުއްޖާ ނައްތާލުމަށް ބޭނުންކުރާ ގޮތެކެވެ. މީގައި ވަޅިއެއް ބޭނުންކޮށްގެން ދަރިއާއި މައިމީހާއާ ގުޅިފައިވާ ހިސާބުން ވަކިކޮށްލަނީއެވެ. އަދި ކުއްޖާގެ ހަށިގަނޑު ކުދިކޮށް ކޮށާ ބޮލުގެ ނާށިގަނޑު ފިސްކޮށްލާ ނެރެނީއެވެ. ތިންވަނަ ގޮތަކީ ތިންމަހާއި ފަސްމަހާ ދެމެދުގައި ކުއްޖާ ނައްތާލާގޮތެވެ. އެއީ ގިނިފައްޗެއް ފާޑަށް ހުންނަ އެއްޗެއް ރަޙިމަށް ވައްދާ ކުއްޖާގެ ގުނަވަންތައް ވަކިކޮށް، މައިމީހާގެ ހަށިގަނޑުން ނެރުމެވެ. އަދިވެސް އިތުރު ގޮތްތައް ވެއެވެ. ހަމަ މިފަދަ ރަޙްމު ކުޑަ ގޮތްތަކެވެ. މީގެ ތެރެއިން ބައެއް ގޮތަކީ ވިހެއުމާއި ކައިރިވެފައިވާނަމަ ބޭނުންކުރާ ގޮތްތަކެވެ. ނަމަވެސް އެގޮތްތަކުގެ ވާހަކަ ލިޔާކަން ނެތީމެވެ. މިފަދަ ވާހަކަ ލިޔުމަށްވެސް ހިތްވަރު ބޭނުންވެއެވެ.

އިސްލާމީ ޢިލްމުވެރިން އެބޯޝަން ޙަރާމްކަމަށް އެއްބަސްވާއިރު ބައެއް މުސްލިމް ޤައުމުތަކުގައި އެބޯޝަން ހުއްދަކުރާ އެއް ޙާލަތުވެއެވެ. އެއީ ދަރިފުޅުގެ ސަބަބުން މައިމީހާގެ ފުރާނައަށް ގެއްލުންވާނެކަން ޔަޤީންވާނަމައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކަށްޓަކައި މީހުން އެބޯޝަން ހައްދައެވެ. ބައެއް މީހުން ދަރީންގެ ސަބަބުން އެބައިމީހުންގެ މިނިވަންކަން ގެއްލިދާނެތީއެވެ. އަނެއްބައިމީހުން ދަރީން ނުގެންގުޅެވިދާނެތީއެވެ. ނުވަތަ "ކެރިއަރ" އަށް ހުރަސްއެޅޭތީއެވެ. އިސްލާމްދީނުގައި ޙަލާލު ދަރިން ލިބެނީ ދެމީހަކު ކައިވެނި ކުރުމަށްފަހު އަންހެންމީހާ ބަލިވެ އިނުމުންނެވެ. ކައިވެނީގެ ބޭރުން ބަލިވެއިންނަ ބައެއް މީހުން އެބައިމީހުންގެ މައްޗަށް އަތުވެދާނެ ޒިނޭގެ ޙުކުމުން ސަލާމަތްވުމަށްޓަކައި އެބޯޝަން ޚިޔާރުކުރެއެވެ. ތިމާކުރި ފާފައަށް ތައުބާވުމުގެ ބަދަލުގައި އިތުރު ފާފައެއް ބޮލުގައި އަޅައެވެ. ދުނިޔޭގެ ލަދަށެވެ. ޒިނޭއަކީ ޙަރާމްކަމެކެވެ. އިންސާނަކު ޤަޞްދުގައި މެރުމަކީވެސް ޙަރާމްކަމެކެވެ. ހިތާމައަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިންވެސް ބައެއް މީހުން، ރައްޖެއިން ބޭރު ޤައުމުތަކަށްގޮސް އެބޯޝަން ހައްދާވާހަކަ ތުންތުންމަތިން ނަމަވެސް އިވޭކަމެވެ. ދުނިޔޭގެ ލަދުން ދާދި އަވަހަށް ސަލާމަތްވެވެއެވެ. އާޚިރަތުގައި ލިބޭނެ ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ.
.................................
ދަރުމަ ޖެނުއަރީ 2008

އިތުރަށް ވިދާޅުވޭ...

1.30.2011

އެއިޑްސް ބަލި

އެކުލަވާލީ: އަލްއަޚް މުޙައްމަދު ޝާފިޢު
އޭޑްސް ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.
އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ.
އެއިޑްސް ބަލީގެ ތާރީޚް
އެއިޑްސް ބަލީގެ ވާހަކަ ފުރަތަމަ ފެންމަތިވެގެން އައީ 1981 ވަނަ އަހަރު އެވެ. އެއީ އެމެރިކާގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ބަޔަކަށް މިބަލި ޖެހިފައިވާކަން އެގުމުންނެވެ. ފުރަތަމަ އޭޑްސް ބަލި ފާޅުވެފައިވަނީ އެފްރިކާގެ ގައުމެއް ކަމުގައިވާ ޒަޔަރ އިން ކަމަށް ވެސް ބުނެވެއެވެ. އެއަށްފަހު ހެއިޓީ އަށް މިބަލި ވާޞިލްވީ ހެއިޓީގައި ދިރިއުޅޭ ބައެއް ޒަޔަރ މީހުންގެ ފުށުންނެވެ.
ހެއިޓީ އިން ދެން ބަލި ދަތުރުކުރީ އެމެރިކާ އަށެވެ. އެއީ ހެއިޓީ އަށް ދިޔަ އެއް ޖިންސުން ގުޅުން ހިންގާ އެމެރިކާ މީހުން ތަކެއްގެ ސަބަބުންނެވެ. ހެއިޓީ އަކީ އެދުވަސްވަރު ހުރިހާ ވައްތަރެއްގެ ޖިންސީ ގުޅުން ހުއްދަ ކުރެވިފައި އޮތް ގައުމެއް ކަމުން އެމެރިކާގެ ވަރަށް ގިނަބަޔަކު އެދުވަސްވަރު ހެއިޓީ އަށް ޗުއްޓީ ހަދަން ދިޔަ ކަމުގައި ބުނެވެއެވެ.
1983 ވަނަ އަހަރު ޢިލްމުވެރިންގެ މަސައްކަތުން އޭޑްސް ބަލި ޖައްސާ ވައިރަސް ހޯދިއެވެ. މިހޯދުމުން އެގުނު ގޮތުގައި އޭޑްސް ބަލި ޖައްސަނީ ހިއުމަން އިމިއުނޯ ޑެފިޝެންސީ ވައިރަސް ނުވަތަ އެޗް އައި ވީ އެވެ. ލޭގެ ތަޙްލީލު ތަކުގެ އެހީގައި ބަލިޖެހިފައިވާ މީހުންގެ ލޭގައި ބައްޔާއި ގުޅިގެން އުފެދޭ ހަށި ދަމަނަ ، ނުވަތަ އެންޓިބޮޑީޒް ހުރިކަން އިލްމު ވެރިން ހޯދިއެވެ. އޭގެ ފަހުން ވައިރަސް އޭޑްސް ބަލި ޖެހިފައި ތިބޭމީހުންގެ ލޭގައި ހުންނަކަން ވަނީ ހޯދިފައެވެ.
އޭޑްސް ބައްޔަށް އަދިއަދާ ހަމައަށް ވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެ ހުރުމަކީ ބަލިން މިންޖުވުމަށް އޮތް އެންމެ ރަގަޅު ގޮތް ކަމުގައި ބުނެވެއެވެ. ބަލިޖެހޭތާ 10-2 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މަރުވެދާކަން ވަނީ އެގިފައެވެ.

އެއިޑްސް ބަލި ޖެހޭގޮތް
• ބަލި ޖެހިފައި ހުރި މީހަކާ އެކު ޖިންސީ ގުޅުން ހިންގުން
• އެއިޑްސް ޖެހިފައިވާ މީހަކާއެކު ކޮންމެ ގޮތަކަށް (އަނގަ، ފުރަގަސް ފަރާތް، ކުރިމަތި ފަރާތް ނުވަތަ ފަރުޖު ) ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުން
• ބަލި ޖައްސާ ވައިރަސްއާ ތަޣައްޔަރުވެފައިހުރި ލޭ އެޅުން
• ބަލިޖެހިފައިވާ މީހަކު ބޭނުންކުރި އިންޖެކްޝަންކަށި، ސިރިންޖް، ކުރަފަތް، ރޭޒަރުތިލަ ފަދަ ތަކެތި ބޭނުންކުރުން
• ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުން (ވިހެއުމުގެ ތެރޭގައި)
• ބަލިޖެހިފައިވާ މައިމީހާ ތުއްތު ދަރިފުޅަށް ބުއްދިނުމުން
• ކަނޑައިގެން ގޮސްފައިވާ ތަނެއްގައި ބަލިޖެހިފައިވާ މީހާގެ ގައިން ލޭ، ނުވަތަ ތެތްދިޔައެއް ޖެހުންނުވަތަ އުގުޅުން

އެއިޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަގޮތް
އޭޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ. އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ. ބަލި ޖައްސާ ވައިރަސް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މަނި، ކުޅު، ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔައިގެ ތެރޭގައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ނުވަތަ ތެތްކަން، މައިމީހާގެ ގާތުންދޭ ކިރު، މަނި، އަދި ލޭގެ ޒަރީޢާ އިންނެވެ. މިއީ އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ.

އެއިޑްސް ބަލި ނުޖެހޭނެ ގޮތްތައް
• ކެއްސާ ކިބިހި އެޅުން، އާދައިގެ ދޮންދިނުން، ބެއްދުން، އުރުން، ބީހިލުން
• މެހި، މަދިރި ފަދަ ސޫފާ ސޫފި ހެފުން
• ސަލާމްކުރުން، ފޯނުން ވާހަކަ ދެއްކުން
• ލޭހަދިޔާކުރުން
• ބަލިޖެހިފައިވާ މީހަކާ އެކު އުޅުން، ކެއުން ފަދަ ކަމެއްކުރުން
• ބަލިޖެހިފައިވާ މީހާ ނިދާއެދެއްގައި ނިދުން ނުވަތަ އެއް ފާޚާނާ ބޭނުންކުރުން
• މަދިރީގެ ސަބަބުން

އެއިޑްސް ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުން
• އިސްލާމީ ހަމަތަކާ އުސޫލްތަކާ ޚިލާފަށް ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާމީހުން
• ލޭގެ ތެރެއަށް މަސްތުވާ ތަކެތި ފޮނުވައިގެން ބޭނުންކުރާ މީޙުން
• ލޭގަނޑުވުން ކުރިމަތިކުރުވާ ބައްޔެއް ޖެހިފައިވާ މީހުން
• ގުނަވަން ބަދަލުކުރަން ޖެހިފައިވާ މީހުން
• ބަލީގެ ވައިރަސް އާ އެކުވެފައިވާ ލޭ ހަށިގަނޑަށް އަޅާފައިވާ މީހުން
• ބަލިޖެހިފައިވާ މާބަނޑު މީހާގެ ބަނޑުގައިވާ ކުޑަ ދަރިފުޅަށް

އެއިޑްސް ބަލި ދިފާޢީ ނިޒާމްގެ ބާރު ދަށްކޮށްލުން
އެޗްއައިވީ ވައިރަސް ހަމަލާދެނީ ލޭގެ ހުދު ސެލް ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް، ގެ ވަކިވައްތަރު ތަކުގެ ތެރެއިން ހެލްޕަރ ޓީ ސެލް، އަށެވެ. މިބުނި ސެލްއާއި މެދު ބެލެވިފައިވަނީ ދިފާޢީ ނިޒާމްގެ ގިނަ ސެލްތަކެއްގެ ވަޒީފާ ކޮންޓްރޯލްކުރާ މޭސްތިރި ކަމުގައެވެ. އެޗްއައިވީ ވައިރަސް ތަތްވަނީ މިބުނި ސެލްގެ ސަތަޙައިގައިވާ ސީޑީ4 އޭ ކިޔޭ މޮލިކިއުލް ތަކާއެވެ. މިމޮލިކިއުލް ތަކަކީ ވައިރަސްގައި އެކުލެވޭ ގްލައިކޯ ޕްރޮޓީން ތަކަށް ހުންނަ ރިސެޕްޓަރ ތަކެކެވެ. މިބުނި ސެލް ވައިރަސް އާއި ތަޣައްޔަރުވުމުން އެތައް ގްލައިކޯ ޕްރޮޓީން ތަކެއް ސެލްއާއި ތަތްވެ، އެސެލްގެ ވަށައިގެންވާ ސެލްތައް ވައިރަސް އާއި ތަޣައްޔަރު ކުރުވައި، ސެލްތައް އެއްވެގެން ދެއެވެ.
އެއަށްފަހު އެއްވެގެންދިޔަ ސެލްތައް ބައިބައިވެ ފުނޑުފުނޑުވެގެން ދެއެވެ. އެއާއި ގުޅިގެން ހެލްޕަރ ޓީ ސެލް ތަކުގެ މިންވަރު މަދުވެ، ދިފާޢީ ބާރު ވެސް ކުޑަކޮށްލައެވެ. މިގޮތަށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެންދާ ހިނދު ބައެއް ކަހަލަ ބަލިތަކާއި، އިންފެކްޝަންތަކަށް، އަދި ކެންސަރުގެ ބާވަތްތަކަށް ހަށިގަނޑު ހުށަހެޅި އާޚިރު ނަތީޖާއެއްގެ ގޮތުން މަރުވެދެއެވެ.
އެޗްއައިވީ ވައިރަސް އަށް ހިމޭންކަމާއެކު ދެމިހުރުމުގެ ކުޅަދާނަކަން ލިބިގެން ވެއެވެ. މިގޮތުން މިވައިރަސް ހިމޭންކަންމަތީ ލޭގެ ހުދު ސެލް ގެ ވައްތަރު ތަކުގެ ތެރެއިން ލިމްފަސައިޓް އަދި މޮނަސައިޓް ތަކުގެ ތެރޭގައި ދެމިހުރެއެވެ. ބަލީގެ ނުރައްކާތެރި ޢަލާމާތްތައް ފެންނަނީ ފުރަތަމަ ވައިރަސް ހަށިގަނޑަށް ވަންނަތާ 7 އަހަރު ވަރު ފަހުންނެވެ. އެއީ ކުރިން ބަޔާންކުރެވުނު ހިމޭންކަންމަތީ ހުރި ވައިރަސްތައް މުރާލިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. މިބުނިގޮތަށް ވައިރަސް މުރާލިވެ ހަރަކާތްތެރިވާން ފަށަނީ ބައެއް ކަހަލަ އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ. މިސާލަކަށް އެޕްސްޓޭންބަރ ވައިރަސް، ހެޕަޓައިޓިސްބީ ވައިރަސް، ހާރޕީޒް ސިމްޕްލެކްސް ވައިރަސް، ސައިޓޯމެގާލޯ ވައިރަސް، ސިފިލިސް، ކިހުނުވުން އަދި މިނޫނަސް ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ.

އެއިޑްސް ބަލި ޖެހުމުން ފެންނާނެ ޢަލާމާތްތައް
މިބަލީގައި ފެންނަ އަލާމާތްތައް 3 މަރުޙަލާ އަކަށް ބަހާލެވިދާނެ އެވެ.
ފުރަތަމަ މަރުހަލާ
ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވާނެއެވެ.
ހިމޭން މަރުހަލާ
ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ އެވެ.
މުޅިހަށިގަނޑުގައި ގޮށްލުން
މިއީ ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.
ފަހު މަރުހަލާ
މިމަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެން ދެއެވެ.

އެއިޑްސް ބައްޔާއި ގުޅިގެން ދިމާވާ މައްސަލަތައް
ނޭވާލާ ނިޒާމްއަށް ކުރިމަތިވާ ބަލިތައް
• ނިއުމޯސިސްޓިސް ނިއުމޯނިޔާ: އެއިޑްސް ބަލީގެ އަހުލުވެރިންގެ ތެރޭގައި ޢާންމު މިބައްޔަކީ ނިއުމޯސިސްޓިސް ޖިރަވެސި ކިޔާ ޕަރަސައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ކުރިއަރަމުން އަންނަ ގައުމުތަކުގައި އެއިޑްސް އަށް ކުރިން ޓެސްޓް ނުކޮށްތިބޭ މީހުންނަށް އެއިޑްސް ޖެހިފައިކަން އަންގައިދޭ ފުރަތަމަ ނިޝާނަކަށް މިބައްޔަށް އެމީހާ ހުށަހެޅިފައިވާކަން އެގުން ހިމެނެއެވެ.
• ކެއްސުން ބަލި: އެއިޑްސް ބަލީގެ އަހުލުވެރިންނަށް ކެއްސުން ބަލި ޖެހެނީ އެއިޑްސް ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ ކުރީކޮޅު އެވެ. މިބައްޔަކީ ބޭހުގެ އެހީގައި ފަރުވާހޯދި މުޅިން މިންޖުވެވޭނެ ބައްޔެކެވެ. ކެއްސުން ބައްޔަކީ ނޭވާލާ ނިޒާމްއަށް ޖެހޭ މައިގަނޑު ބައްޔެއް ކަމަށް ބެލިފައިވިޔަސް ހަށިގަނޑު އެހެން ބައިތަކަށް ވެސް ކެއްސުން ބަލި ޖެހެއެވެ. އެގޮތުން ކެއްސުން ބަލި ނުވަތަ ޓީބީ ކަށީގެ މަދު، ކަށި، ފުރަމޭ، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކާއި މިނޫން ހަށިގަނޑުގެ ޓިޝޫ ތަކަށް ވެސް ޖެހެއެވެ.
ހަޖަމުކުރާ ނިޒާމްއަށް ކުރިމަތިވާ ބަލިތައް
• ކާތަކެތި ހިގާ ހޮޅި ދުޅަވުން: ކާތަކެތި ހިގާ ހޮޅި ދުޅަވުމޭ ބުނެވެނީ ކާތަކެތި ހިގާ ހޮޅީގެ ތިރީބައި ގައި އިންފްލެމޭޝަން އުފެދި ފުއްޕުމަށް ނިސްބަތް ކޮށެވެ. އެއިޑްސް ބަލީގެ އަހުލުވެރިންނަށް މިމައްސަލަ ކުރިމަތިވަނީ ފަންގަސް، ނުވަތަ ވައިރަސް އެއްގެ ސަބަބުންކަން ފާހަގަ ކުރެވިފައި ވެއެވެ.
• އާދަޔާ ޚިލާފަށް ބޭރަށް ހިންގުން: މިއީ އެއިޑްސް ބަލީގެ އަހުލުވެރިންގެ މެދުގައި ވަރަށް ޢާންމު ކަމެކެވެ. ބޭރަށް ހިންގުން ކުރިމަތިވަނީ ތަފާތު ޖަރާސީމް ތަކުގެ ސަބަބުންނެވެ. މިގޮތުން ބޭރަށް ހިންގުން ކުރިމަތިކުރުވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި ސަލްމޮނެއްލާ، ލިސްޓީރިއާ، ޝިގެއްލާ، ކަމްޕައިލޯ ބެކްޓަރ، އަދި އީކޮލައި ފަދަ ބެކްޓީރިޔާ ތައް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ވައިރަސް ތަކާއި، ޕަރަސައިޓްގެ ސަބަބުން ވެސް ބޭރަށް ހިންގުން ކުރިމަތި ކުރުވައެވެ.
ނާރުތަކުގެ ނިޒާމްއަށް ކުރިމަތިވާ ބަލިތައް
• ޓޮކްސަޕްލާޒްމޯސިސް: މިއީ ޓޮކްސަޕްލާޒްމާ ގަންޑީ ކިޔާ ޕަރަސައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑިއަށް އަަސަރުކޮށް ސިކުނޑި ދުޅަވުން މެދުވެރި ކުރުވައެވެ. މީގެ އިތުރުން މިބަލީގެ އަސަރު ފުއްޕާމޭ އަދި ލޯ އަށްވެސް ކުރެއެވެ.
• ޕްރޮގްރެސިވް މަލްޓިފޯކަލް ލޫކައެންކެފަލަޕަތީ: މިބަލި ޖެހުމުން ނާރު ސެލްގެ ވަށައިގެން ހުންނަ މައެލިން ފަށަލަ މަޑުމަޑުން ހަލާކުވަމުން ދެއެވެ. ޖޭސީ ވައިރަސްގެ ސަބަބުން ޖެހޭ މިބަލި އެއިޑްސް ބަލި ޖެހިފައި ތިބޭ 70 އިންސައްތަ މީހުންނަށް ކުރިމަތިވާ ކަމަށްވެއެވެ. މިބަލި ޖެހެނީ އާދަޔާ ޚިލާފަށް ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުންނެވެ.
• ކްރިޕްޓަކޯކަލް މެނިންޖައިޓިސް: މިއީ ކްރިޕްޓަކޯކަސް ނިއުފޯމަންސް ކިޔޭ ފަންގަސް އެއްގެ ސަބަބުން ސިކުނޑިއަދި ސްޕައިނަލް ކޯޑް ވަށައިގެންވާ ދުލި ފަށަލަތައް ދުޅަވުމެވެ. މިބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ވަރުބަލިވުން، މޭނުބައިކުރުން، އަދި ހޮނޑުލުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޢާންމު ކެންސަރުގެ ވައްތަރުތައް
• ކަޕޯސިސް ސާކޯމާ: މިއީ އެއިޑްސް ބަލީގެ އަހުލުވެރިންނަށް ޖެހޭ އެންމެ އާންމު ކެންސަރުގެ ވައްތަރެވެ. މި ކެންސަރު ޖެހުމުން ހަންގަނޑުގައި ދަނބުކުލައިގެ ފިތްގަނޑު ނުވަތަ ލައްތަކެއް ފާނޑުގެ އެއްޗެއް ނަގައެވެ.
• ރަހިމުގެ ދޮރުގެ ކެންސަރު: އެއިޑްސް ބަލި ޖެހިފައިތިބޭ އަންހެނުންނަށް މިއީ ވަރަށް ގިނައިން ޖެހޭ ކެންސަރުގެ ވައްތަރެއްކަމަށް ފާހަގަ ކުރެވެއެވެ. މިކެންސަރު ޖެހެނީ ހިއުމަން ޕެޕިލޯމާ ވައިރަސް ގެ ސަބަބުންނެވެ.

އެއިޑްސް ބައްޔަށްދެވޭ ފަރުވާ
އެއިޑްސް ބަލިން ރައްކާތެރިވުމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި ރައްކާތެރިވެ ހުރުމަށް ދެވޭނެ ވެކްސިނެއް ވެސް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން މިބައްޔާމެދު ރައްކާތެރިވެ، އެކަމުން ދުރުވެ ހުރުމަށް އޮތް ހުރިހާ ފިޔަވަޅެއް އެޅުމަކީ އެންމެ ރަގަޅު ގޮތް ކަމުގައި ބެލެވެއެވެ.
ބަލިޖެހުމުން ފަރުވާގެ ގޮތުގައި މިހާރު ބޭނުންކުރެވެނީ ހައިލީ އެކްޓިވް އެންޓިރެޓްރޯވައިރަލް ތެރަޕީ (HAART)ގެ ނަމުގައި ދެވޭ ފަރުވާ އެކެވެ. މިފަރުވާގެ ސަބަބުން އެއިޑްސް ބަލީގެ އަލާމާތްތަކާއި އޭގެ އުދަގޫތައް ކޮންމެވެސް ވަރަކަށް ކުޑަކޮށްދޭ ކަމަށް ބުނެވެއެވެ. ނަމަވެސް ފަރުވާ ކުރަމުން ގޮސް ހުއްޓާލައިފިނަމަ ހަމަ އާދައިގެ ގޮތަށް އުދަގޫތައް އިތުރުވެގެން ދެއެވެ. މިބުނި ފަރުވާ ތަޢާރަފްކުރެވުނީ 1996 ވަނަ އަހަރު އެވެ.
އެއިޑްސް ބައްޔަށް ފަރުވާ ހޯދުމަށްޓަކައި މިހާރުވެސް ދުނިޔޭގެ އެކިއެކި ޖަމާޢަތްތަކާއި، ޔުނިވަސިޓީތަކާއި، މެޑިކަލްކޮލެޖްތަކުގެ ސައިންސްވެރިންނާއި، ޑޮކްޓަރުން ދަނީ ހޭބޯ ނާރައި މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ބޭނުންކުރެވޭ ތަފާތު ބޭސްތަކުގެ ބަދަލުގައި އާބޭސްތަކެއް އުފެއްދުމަށްވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ.

އެއިޑްސް ބަލިން ރައްކާތެރިވުން
• ކައިވެނިކުރުން- ޖިންސީ ޣަރީޒާ ދީނުގެ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުން
• އިސްލާމީ ހަމަތަކާއި އެއްގޮތަށް ޖިންސީ ގުޅުން ހިންގުން
• އޭޑްސް ބައްޔާއި ބެހޭ މަޢުލޫމާތު ހޯދައި އޮޅުން ފިލުވައި ދެނެގަތުން
• ލޭއެޅުމުގެ ކުރިން އެއީ ރައްކާތެރިލޭތޯ ބަލައި ޗެކްކުރުން : މާނައަކީ ލޭއެޅުމުގެ ކުރިން އެލެޔަކީ އެޗްއައިވީ އަށް ޓެސްޓްކޮށްފައިވާ ލޭތޯބެލުން.
• އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރު، ސިރިންޖް ފަދަ ތަކެތި ބޭނުން ނުކުރުން
• ޑިސްޕޯސަބަލް ސިރިންޖް އަންގި ބޭނުންކުރުން
• އިންޖެކްޝަން ކަށި، ސިރިންޖް ފަދަ ތަކެތި ބޭނުން ކުރުމުގެ ކުރިން ސްޓެރިލައިޒްކުރުން ނުވަތަ ރަގަޅަށް ސްޓެރިލައިޒްކޮށްފައިވާ އަދަވާތްތައް ބޭނުންކުރުން.
• ޓެޓޫ ޖެހުމާއި ކަންފަތް ތޮރުފުން ފަދަ ޢަމަލްތަކާއި ދުރުހެލިވުން: އެއީ މިކަންކަމުގައި ބޭނުންކުރެވޭ ތޫނު އާލަތަކީ ބައެއް ފަހަރު އޭޑްސް ބަލީގެ ވައިރަހާއި ތަޣައްޔަރު ވެފައިވާ އެއްޗަކަށް ވެދާނެތީއެވެ.
• ޞިއްޙީ ދާއިރާގައި މަސައްކަތްކުރާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
• ބަލިޖެހިފައިވާ މީހުން އެހެންމީހުންނަށް ބަލި ނާރާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުން
• ބަލިޖެހިފައިވާ މީހެއްނަމަ :-
o ގާތުން ކިރު ނުދިނުން
o ވިހެއުމުގެ ތެރޭގައި ދަރިފުޅަށް ބަލިޖެހިދާނެތީ ޑޮކްޓަރަކާއި ވާހަކަ ދައްކައިގެން ދަރިފުޅަށް ރައްކާތެރިގޮތެއް ހޯދުން

މަޢުލޫމާތު: ވިކިޕީޑިއާ

އިތުރަށް ވިދާޅުވޭ...

11.04.2010

ދަތްތައް ސާފުކޮށް ބެލެހެއްޓުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ދަތް އުނގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އަހަރެމެން ކާ އެއްޗެތީގެ ތެރެއިން ބައެއް ބާވަތުގެ އެއްޗެތީގެ ސަބަބުން އަނގާގައި ބެކްޓީރިއާ ނުވަތަ ޖަރާސީމު އުފެދޭގޮތް ދިމާވެއެވެ. ޚާއްޞަކޮށް ޗޮކްލެޓާއި މެޓާ ފަދަ ފޮނި އެއްޗެތި ކެއުމަށްފަހު ދަތް އުނގުޅުމަކީ ދަތްފަނި ކެއުމުން ސަލާމަތްކުރުމަށްޓަކައި ވަރަށް މުހިއްމުކަމެކެވެ.
ކާއެއްޗެތީގެ އަސަރު ބައިގަޑީ އިރަށްވުރެ ގިނައިރު އަނގައިގެ ތެރޭގައި ހުންނަގޮތް ދިވާވެއްޖެނަމަ އަނގައިގެ ތެރޭގައި އެސިޑްގެ ބައި ނުވަތަ ހުތްކަން އިތުރުވެ އޭގެ ސަބަބުން ދަތުގެ ބޭރުފަށަލަ ހަލާކުވެ ދަތްތައް ފަނިކާން ފަށާކަމަށް ދަތުގެ ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ދަތުގައި ކޮބަޑިޖަހައި ހިރުގަނޑު ހަލާކުވާގޮތް މެދުވެރިވެއެވެ.
ދަތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދެއްވާށެވެ.
1- ކޮންމެ ދުވަހަކުވެސް މަދުވެގެން ދެއިރު ދަތްތައް އުނގުޅައި ސާފުކުރުން. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރު ކަމެކެވެ) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ."
2- ކެއުމުގެ ފަހުންނާއި ނިދުމުގެ ކުރިން އަދި ނިދުމުގެ ފަހުން ދަތްތައް ސާފުކުރުން
3- ނަމާދަށް ތައްޔާރުވުމުގެ ގޮތުން ދަތް އުނގުޅުން
4- ކެއުމުގެ ރަނގަޅު އާދަތައް ހިފެހެއްޓުން، އަދި އިރުއިރުކޮޅާ އެއްޗެތި ކެއުމުން ދުރުހެލިވުން
5- ދަތް އުނގުޅާ ބުރުހަކީ ދަތްތައް ރަނގަޅަށް ސާފުވާފަދަ ބުރުހެއްކަމުގައި ވުން.
6- ދަތް އުނގުޅުމަށް ބޭނުންކުރާ ބޭހަކީ ދަތް ފަނިކެއުމުން ސަލާމަތްކޮށްދޭ، ފްލޮރައިޑް ހިމެނޭ ބޭހެއްކަމުގައި ވުން
7- ދަތަށް ބޭނުންވާ މާއްދާތައް ހިމެނޭ ކާނާ ކެއުން
8- ޤަވާޢިދުން ދަތުގެ ޑޮކްޓަރަށް ދެއްކުން
އެންމެ ރަނގަޅު ދަތް އުނގުޅާ ބޭހާއި ބުރުސް
މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި ދަތް އުނގުޅުމަށް އެންމެ ރަނގަޅީ ސިވާކެވެ. ސިވާކުގެ ދިޔަ ނުވަތަ ޢަރަޤަކީ ޖަރާސީމު މަރައިލާއި އަނގައިގައި ހުންނަ އެސިޑް ނުވަތަ ހުތްކަން ކަނޑުވައިދޭ އެއްޗެކެވެ. ސިވާކު ދަނޑީގައި ހުންނަ ނަރުވާތަކަކީ ދަތް އުނގުޅާ ބުރުހެއްފަދަ އެއްޗެކެވެ. ވީމާ ސިވާކު ދަނޑިކޮޅަކީ ދަތްއުނގުޅާ ބުރުހަކާއި ބޭހުގެ ބަދަލުގައި ބޭނުން ކުރެވިދާނޭ ރަނގަޅު އެއްޗެކެވެ. ބުރުހާއި ބޭހަށްވުރެ ޚަރަދުވެސް ކުޑައެވެ. ސިވާކުގައި އެކުލެވޭ މަޢުދަނުގެ ބާވަތްތަކަކީ ޖަރާސީމު މަރައިލަދީ ދަތްފަނިކެއުމުން ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދޭ ބާވަތްތަކެކެވެ. މިޒަމާނުގެ ދަތް އުނގުޅާބޭސްތަކުގައި އެކުލެވިގެންވާ ބާރުގަދަ ކެމިކަލްތަކަށްވުރެ، ޠަބީޢީ މާއްދާތަކެއް އެކުލެވިގެންވާ ސިވާކުގެ ފައިދާ މާބޮޑުކަން އެތަކެއް ސައިންޓިފިކް ރިސާޗްތަކަކުން ދައްކައެވެ. އަދި މީގެ އިތުރުން ސިވާކަކީ ބައިވަރު ޑޮކްޓަރުންނާއި އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯގެ އިތުބާރު ދީފައިވާ، ބޭނުން ކުރުމަށް ހިތްވަރުދޭ އެއްޗެކެވެ.
ތަހުލީލުކުރުމުގެ ކުޅަދާނަކަމާއި ލެބޯރެޓަރީތަކުގެ މުއްސަނދިކަން ދުނިޔެއަށް ލިބިފައިނުވާ ޒަމާނެއްގައި "ސަޙަރާތެރޭގައި" އުޅުނު ބަޔަކަށް، "ޞަޙަރާތެރޭގައި" ހެދޭ އިރާކު ގަހުގެ މޫ ނުވަތަ ގޮފި، ބޭނުންކުރަން އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާ، އަދި އުއްމަތަށް އިރުޝާދު ދެއްވާފައިވުމީ، އެކަލޭގެފާނު އެގެންނެވީ "ރިސާލަތު"ގެ ތެދުކަން މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރަން މަޖުބޫރު ކުރުވި ކަމެކެވެ. އެހެނީ އެ ފޯރމިއުލާއަކީ މިއަދުގެ ތަހުޛީބުވެ ތަރައްޤީވެފައިވާ ލެބޯރެޓަރީތަކުގެ ފޯމިއުލާއަށްވުރެ މޮޅު ފޯމިއުލާއެއްކަމަށް މިއަދު މިވަނީ އިޤްރާރުވާންޖެހިފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އަހަރެމެން މިވަނީ އެކަލޭގެފާނަށް އީމާންވާން ޖެހިފައެވެ.
މަރުޖިޢު: "ސިވާކު" އައްޝައިޚް ޙަސަން މޫސާ ފިކްރީ، ރާއްޖެއިސްލާމް

އިތުރަށް ވިދާޅުވޭ...

7.16.2010

މައިވަންތަކަމާއި ވިސްނުންތޫނުކަން

އަލްއަޚް ޢަލީ ސަޢީދު
މައިންވަންތަކަމަކީ އަންހެނުންގެ ވިސްނުން ތޫނުކުރާ ކަމެކެވެ. ބަލިވެއިންނަ ދުވަސްވަރުން ފެށިގެން ގާތުން ކިރުދިނުމުގެ މުއްދަތުގައި މައިމީހާގެ ވިސްނުންތޫނުވެ ބުއްދި އިސްވާން މެދުވެރިވާ ސަބަބަކީ އެކަމުގެ ތެރޭގައި ހަށިގަނޑުގެ ހޯމޯން ތަކަށް އަންނަ ބަދަލެކެވެ. ޠަބީޢީ މި ބަދަލުގެ ސަބަބުން ބުއްދި ގަދަކޮށް އުގެނުން އިތުރުކޮށްދޭ މާއްދާއެއް މައިމީހާގެ ހަށިގަނޑުގައި ނިސްބަތުން އިތުރުވާލެއް މާގިނަކަމުގައި، ވިސްނުން ތޫނުވެ ކޮށިވުމާ ގުޅޭ ދިރާސާތައް ކުރުމުގައި ނަންހިގާފައިވާ ލޮސްއެންޖަލިސްގެ ޖަމްޢިއްޔާއަކުން ހާމަކޮށްފައިވެއެވެ.

އިންޓަރނެޓްގައި ޝާއިޢު ކޮށްފައިވާ މިނަތީޖާ އެބައިމީހުން ހާމަކޮށްފައިވަނީ، މިކަމާ ގުޅިގެން ޙައިވާނުންނާ އިންސާނުންގެ ނަފްސިއްޔާތު ދެނެގަތުމަށް ކުޅަ ތަޖުރިބާ ތަކަކަށް ފަހުގައެވެ.
އަންހެނުންނާއި އަންހެން ޖިންސުގެ މަޚްލޫޤުންނަކީ ހަށިގަނޑުގައިވާ ހޯމޯންތަކަށް ބަދަލު އައުމުގައި ފިރިހެން ޖިންސަށްވުރެ ސަބަބުތައް ގިނަ ބައެކެވެ. މައްސަރުކަންތަކާއި (ގައިދަލާއިނުން) ބަލިވެ އިނުމުގެ ޙަޤީޤަތާއި، ތަކުރާރުކޮށް ކުރިމަތިލާން ޖެހުމުގެ ނަތީޖާއަކަށް ވަނީ އަންހެނުންގެ ސިކުނޑި ތަރައްޤީވެ ވިސްނުން ތޫނުވުމުގެ މާއްދާ ދުވަހުން ދުވަހަށް އިތުރު ވުމެވެ. އަދި މި މާއްދާ ހަށިގަނޑުގައި ރައްކާކޮށް އެއިން ތަޞައްރަފް (ބޭނުން ހިފުމުގެ) ކުރުމުގެ ކުޅަދާނަކަން މުޅި އުމުރަށް އެބައިމީހުންނަށް ލިބިދިނުމެވެ. މިހުނަރަކީ ދަރިމައިވުން އިތުރުވީވަރަކަށް އަށަގަތުންވެސް އިތުރު ހުނަރެއް ކަމަށް މި ދިރާސާ ހާމަކުރެއެވެ.
ދަރިމައިވުމުގެ ޙަޔާތް ނުފަށައި ތިބޭ އަންހެނުންގައި ޢާއްމުކޮށް ހަރުލާފައިވާ ސިފަތަކުގެ ތެރެއިން ކަންކަމާ ހާސްވެ ތެޅިފޮޅިގަތުމާއި، ތުއިގޮތް ދެއްކުން ބަލިވެއިންނަ ދުވަހުން ފެށިގެން ދެރަކޮށްލައި އެފަދަ ޝުޢޫރުތަކުގެ ރައްދު ޢަމަލެއްގެ ގޮތުން ވިސްނުންތެރިކަމާއެކު އެ ދިމާވާ ކަމަކާއި މުޤާބަލާ ކުރުމާއި، ހަރުދަނާ ޝަޚްޞިއްޔަތަކާ އެކު އިސްތިޤްބާލު ކުރުމަށް އަންހެނުންގެ ނަފްސު ތައްޔާރުވާކަމަށް ޢިލްމުވެރިން ހާމަކުރައްވައެވެ. އަދި ކުދިކުދި ކަންތަކާ ރުޅިމޫނު ދެއްކުމުގެ އާދަ އަންހެނާ ބަލިވެއިންނަ ދުވަހުން ފެށިގެން މުޅިންހެން ކެނޑިގެން ދާކަމަށް ތަޖުރިބާ ކުރެވިފައި ވެއެވެ. ސަބަބަކީ ބަލިވެއިނުމާ ގުޅޭ ބަދަލުތަކުން ސިކުޑިއަށް ޒިންމާދާރު މަޚްލޫޤެއްގެ އިޙުސާސް ވެރިކުރުވާތީއެވެ. އަދި ހަމައެހެން ފުރާނައެއް ސަލާމަތުން ގަރުބަ ގަތުމުގެ ސިއްރާއި އަންހެންވަންތަކަން ގުޅި ލާމެހިފައިވާތީއެވެ.
އެއީ ޤަބޫލު ކުރެވޭ ވާހަކައެކެވެ. ޙަޔާތެއް ރައްކާތެރި ކޮށް ސަލާމަތް ކުރުމަކީ މިއަދުވެސް އިންސާނުންގެ އެންމެ އިސް މައުޟޫޢުއެވެ. ޞިއްޙީ ގޮތުން ފޯރުވައިދެވޭ ދުޅަހެޔޮކަމަށް ބެލިޔަސް، އިޖްތިމާޢީ ގޮތުން ދެވޭ އަމާން ކަމަށް ބެލިޔަސް ނުވަތަ އަތުވެދާނޭ ނުރައްކަލަކުން ދިފާޢު ކުރުމަށް ބެލިޔަސް ތަރައްޤީ އިންސަނުންގެ ވިސްނުން އެންމެ ފުރަތަމަވެސް ހުއްޓޭނީ ރައްކާތެރި ކުރުމަށް ކުރަންޖެހޭ ތަދުބީރުތަކުގެ މައްޗަށެވެ.
ޙަޔާތެއްގެ ރައްކާތެރިކަން ފެށެނީ ގަރުބަގަންނަ މަރުޙަލާއިންނެވެ. އެ މަރުޙަލާ ބަލިވެއިނުމާއި ކިރު ދިނުމުގެ ދުވަސްތައް ކަޑައްތުކުރުމަށް ފަހު ނޫނީ ނުމެނިމޭމެއެވެ. މާބަނޑުން ފެށިގެން ކިރު ތުނބުން ވީއްލެންދެން އިންސާނީ ޙަޔާތެއްގެ ސައްތައިން އޮނަސައްތަ ޙިއްސާކޮށް ބަރޯސާ ވަނީ މައިމީހާއަށެވެ. އެފަދަ ޒިންމާދާރު އަންހެނެއްގެ ވިސްނުން ހާސްހާސް މަޚްލޫޤުންނާއި ނުބައްދަލު ވާން ޖެހޭނެ ކަމަށް ބުއްދި ޤަބޫލު ކުރެއެވެ.

........................................................

= މިލޔުން ނަގާފައިވަނީ ދަރުމަ މަޖައްލާގެ 2002 ނޮވެމްބަރ މަހުގެ ޢަދަދުން =

އިތުރަށް ވިދާޅުވޭ...

5.21.2010

ރޯގާއަކީ ކޮބާ؟

ޑރ. އިބްރާހީމް ޝިހާމް
ރޯގާ އަކީ ނޭވާ ލުމާބެހޭ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގިނަފަހަރު ރޯގާގެ ސަބަބެއްކަމުގައި ވަނީ ނޭވާލުމާބެހޭ ނިޒާމަށް ވައިރަސް އޭކިޔޭ ބާވަތުގެ ޖަރާސީމު ވަނުމެވެ. އިންސާނުންނަށް ޖެހޭބަލިތަކުގެ ދެބައިކުޅަ އެއްބައި އެއީ ރޯގާ އެވެ. ރޯގާ ޖައްސާވައިރަސް ތަކުގެތެރޭގައި 200 އަށްވުރެ ގިނަ ވައިރަސް ހިމެނެއެވެ.

ރޯގާގެ ޖަރާސީމު އަރަނީ އަނގައިންނާއި ނޭފަތުން ނިކުންނަ ކުދި ކުޅުތިކިތަކުގެ ޒަރިއްޔާއިންނާއި ގައިންގަޔަށް (ގިނައިން އަތުގައި އުނގުޅިފައިހުންނަ ޖަރާސީމުގެ އަސަރުން) ނުވަތަ ޖަރާސީމު އުނގުޅިފައިވާ ގޭތެރޭގެ އެއްޗެއް،ހިފާގެންގުޅޭއެއްޗެއް ނުވަތަ ކުޅޭއެއްޗަކުންނެވެ. ގިނަ މީހުނަށް ހީވެފަ އޮންނަގޮތާއި ޙިލާފަށް ފިނީގައިއުޅުމަކުން ނުވަތަ ވަރުބަލިވެގެންވަކި ރޯގާޖެހޭލެއް އަވަސްވާކަމަކަށް ދިރާސާތަކަކުން ނުދައްކައެވެ. ނަމަވެސް ހަށިގަނޑަށް ބާރުކުރާއެކި އެކި ކަންކަމާއި ގުޅިގެން ރޯގާ ޖެހުން ގާތްވެއެވެ.

ރޯގާ ޖެހުމުގެ އަލާމާތްތަށް
ނޭފަތް ބެދުން، ފެން އައުން، ނޭފަތަށް އުނދަގޫ ވުން
ކިނބިހި އެޅުން
ކަރުގަ ރިއްސުން، ކެއްސުން
ހުން އައުން، ބޮލުގަ ރިއްސުން

ރޯގާގެ ފަރުވާ
ރޯގާ ޖައްސާ ޖަރާސީމަށް އަސަރުކޮށްގެން ރޯގާރަނގަޅުކުރުވާ އެއްވެސް ބޭހެއް އަދި ހޯދިފައެއްނުވެއެވެ. އަދި އެއްވެސް ހާލެއްގައި ހަމައެކަނި ރޯގާ ޖެހިފައިވާ މީހަކަށް އެންޓިބައޮޓިކްސް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. "ވަރަށް ބޮޑަށް" ރޯގާ ޖެހިފައިވިޔަސް އެއަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ގިނަފަހަރު އެއްވެސް ބޭހެއް ނުކުރިއަސް ރޯގާ ރަނގަޅުވެގެން އާދެއެވެ. ރޯގާ ގެ ބޭސް ކަމުގައި މަޝްހޫރުވެފައިވާބޭސް ތަކަކީ އޭގައި އެކުލެވޭ އުނދަގޫތައް (މިސާލަކަށް ކިނބިހި އެޅުން، ނޭފަތުން ފެން އައުމާއި ބެދުން ) މަޑުކޮށް ލުއިކޮށްދޭ ބޭހެވެ. އަދި މިފަދަ ބޭސް ބޭނުންކުރުމުން ފުދޭނެއެވެ. އަދި ބެކްޓީރިއާއެއްގެ އަސަރު ހަށިގަނޑުންފެނިއްޖެ ހިނދެއްގައި ބޭސް ކުރާފަރާތުން އެންޓިބައޮޓިކްސް ވެސް ދީފާނެއެވެ. އަދި ގައިގަ ރިހުމާއި، ބޮލުގަ ރިހުން ނުވަތަ ހުން ހުރިނަމަ އެކަމަށް ބޭސް ބޭނުން ކުރެވިދާނެއެވެ.

ޑޮކްޓަރަށް ދައްކަންދާނީ ކޮންއިރަކުން؟
އަވަހަށް ނޭވާލެވޭނަމަ ނުވަތަ ނޭވާލާން އުނދަގޫ ނަމަ
ހުން އައިސް 3 ދުވަހަށްވުރެ އިތުރުވެއްޖެނަމަ
ނޭފަތުން ފެންއައުން 2 ހަފްތާ އަށްވުރެ އިތުރު ވެއްޖެ ނަމަ
ކަންފަތުގައި ރިއްސާނަމަ
ވަރަށް ބޮޑަށް ހީކަރުވާ ތުރުތުރު އަޅާނަމަ
ވަރަށްގަދައަށް ބޮލުގަ ރިއްސާ ނުވަތަ ކަނދުރާ ހަރަކާތް ކުރުމަށް އުނދަގޫވާނަމަ
ކަންފަތުގައި ރިއްސާނަމަ ނުވަތަ ލޮލުގައި މަޑުލައިފިނަމަ
ކަރުގައި ރިއްސާތާ 48 ގަޑިއިރަށްވުރެ އިތުރު ވެއްޖެނަމަ

މިއިން ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ.

*******************************

ރާއްޖެއިސްލާމް އިން ނަގާފައިވާ ލިޔުމެއް

އިތުރަށް ވިދާޅުވޭ...

4.27.2010

ޞިއްޙީ ރަނގަޅު އާދަތައް

ޞިއްޙަތު ސަލާމަތުން ހުރުމަކީ ދިރިހުރުމަށް ކޮންމެ މީހަކަށްމެ ބޭނުންވާނެ އެންމެ މުހިއްމު އެއްކަންތަކެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުރެވޭނީ ޞިއްޙީގޮތުން ރަނގަޅު އާދަތަކެއް އަޅުގަނޑުމެންގެ ކިބައިގައި ހުރެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޞިއްޙީ ގޮތުން ރަނގަޅު އާދަތަކެއް ހިފެހެއްޓިގެންނެވެ.

ޞިއްޙީ ގޮތުން ރަނގަޅު އާދަތަކުގެ ތެރެއިން ދުވާލަކު ދޭއް ނުވަތަ ތިން ފަހަރު ދަތް އުގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ހެދުނު ހޭލައިގެންނާއި، އަދި ނިދަން އޮށޯތުމުގެ ކުރިން ދަތްޕިލަ ރަގަޅަށް ސާފުކޮށް އުނގުޅަން ވާނެއެވެ. ދަތްޕިލަ ރަގަޅަށް އުނގުޅައި ސާފުކުރުމަކީ ދަތް ފަނިކެއުމުން ޙިމާޔަތްކޮށްދީ، ހިރުގަނޑުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ދަތްފިލަ ނުއުގުޅައި ސާފު ނުކޮށް ގިނައިރު ބަހައްޓައިފިނަމަ އަނގައިން ނުބައި ވަސް ދުވާގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި އުޅޭއިރު އެފަދަ މީހުންގެ ފުށުން އެހެން މީހުންނަށް ނުތަނަވަސްކަން ކުރިމަތިކުރުވައެވެ. ހަމަ މިހެން ދަތްތައް ރަނގަޅަށް އުނގުޅައި ސާފުކުރުމަކީ އަނގައިގެ ޞިއްޙަތު ރަނގަޅުކޮށްދީ ދަތްތައް ދިގުމުއްދަތަކަށް ރައްކާތެރިކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނު ހޭލައިގެން ދަތް ނުއުނގުޅައި ސައިބޮއިފިނަމަ ދަތްތަކުގެ ދޭތެރޭގައި ބެކްޓީރިއާ ފަދަ ޖަރާސީމް އަށަގަތުން އިތުރުވެ، ދަތް ފަނިކެއުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ދަތްޕިލަ އުނގުޅައި ސާފު ކުރުމުގައި ފްލޮރައިޑް އެކުލެވޭ ދަތް އުގުޅާ ބޭހެއް އިޚްތިޔާރު ކުރުން މުހިއްމެވެ. އެއީ މިކަމުގެ ސަބަބުން އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާތައް ނެތިދިއުމަށް މަގުފަހިވެގެންދާތީ އެވެ.

ކެއުމުގެ ކުރިންނާއި އަދި ފާޚާނާ ކުރުމަށްފަހު ދެއަތް ސައިބޯނިލައިގެން ރަނގަޅަށް ދޮވެ ސާފުކުރުމަކީ ވެސް ޞިއްޙީ ރަނގަޅު އާދައެއްގެ ގޮތުގައި ކުރެވިދާނެ ކަމެކެވެ. މިގޮތަށް ޢަމަލު ކުރަން ޖެހެނީ ބެކްޓީރިއާ، ވައިރަސް ފަދަ ޖަރާސީމްގެ ބާވަތްތަކަކީ އަހަރެމެންނަށް ލޮލަށް ނުފެންނަ ކުދިކުދި އެއްޗިއްސަށްވެފައި، އެތަކެތީގެ ފުށުން ފެތުރޭ ބަލިތަކުން ހަށިގަނޑު ޙިމާޔަތް ކުރުމަށްޓަކައެވެ.

ތިމާގެ ހަށިގަނޑާއި، ތިމާ ބޭނުންކުރާ އަންނައުނާއި، އުޅޭތަން ސާފުކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މިއީ އިސްލާމްދީންވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަންތައް ތަކެކެވެ. ހަށިގަނޑު ސާފުތާހިރު ކަމަކީ މުޖުތަމަޢެއްގެ އުޅޭއިރު އެހެން މީހުންނަށް ތިމާގެ ފުށުން އުނދަގުލެއް ވިޔަ ނުދިނުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި މީގެ އިތުރުން ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ކަސްއެޅުން ފަދަ ހަމުގެ ބަލިތަކާއި އަދި އެހެނިހެން އެތަކެއް ބަލިތަކުން މިންޖު ކުރުވާނޭ ކަމެކެވެ.
ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުމަކީވެސް ޞިއްޙީ ރަނގަޅު އާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަރަށް ގިނަ ބަލިތަކަކީ ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ވީހިނދު މިއީ ވަރަށް މުހިއްމު ކަމެކެވެ. ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާ، ވައިރަސް، ޕަރަސައިޓް، ފަދަ ޖަރާސީމްތަކުގެ ސަބަބުން ޖެހޭ ބަލިތައް ހިމެނެއެވެ. މިސާލަކަށް ބޭރަށް ހިންގުން، ކޮލެރާ، ޝިގެއްލާ، ހެޕަޓައިޓިސް، ފަދަ ބަލިތަކަކީ ކާބޯ ތަކެތީގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކެވެ.

ކަސްރަތު ކުރުމަކީ ވެސް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ހިފެހެއްޓިދާނެ ޞިއްޙީ ރަނގަޅު އާދައެކެވެ. ކަސްރަތު ކުރުމުގެ ގޮތުން ތަފާތު އެކި ކަންތައްތައް ކުރެވިދާނެއެވެ. މިސާލަކަށް ކަސްރަތު ލިބޭ ފަދަ ކުޅިވަރެއް ކުޅުން، ދުވާލަކު ބައިގަޑިއެއްހާ އިރު ހިނގާލުން، ފެތުން، ބައިސްކަލް ދުއްވުން ފަދަ ކަމެއް ކުރެވިދާނެއެވެ. އެމެރިކާގައި ތޭރަހާސް މީހުން ބައިވެރިކޮށްގެން އަށް އަހަރު ދުވަހުގެ މުއްދަތަށް ކުރި ދިރާސާއަކުން ދައްކާގޮތުން ދުވާލަކު ބައިގަޑިއެއްހާ އިރު ކަސްރަތު ކުރުމުގެ ގޮތުން ހިނގާލާ ހަދާމީހުން ކަސްރަތު ނުކުރާ މީހުންނަށްވުރެ ޢުމުރު ދިގުވެފައި، އަވަހަށް މަރުވުމުގެ ފުރުޞަތު ކުޑަވެއެވެ.

އާދަވެގެން ކަސްރަތު ކުރުމަކީ އެތަކެއް ބަލިތަކަކުން ރައްކާތެރިވެ ހުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. އާދަކޮށް ކަސްރަތުކޮށް ހަދާނަމަ، ހަކުރުބަލި، ޕްރެޝަރު މައްޗަށް ދިއުން، ހިތުގެ ބަލިތައް، ސްޓްރޯކްޖެހުން، ފަލަވުން، އަދި ބަނޑުހިކުން ފަދަ ބަލިތަކާއި ދުރުކޮށްދީ އެކަންކަމުން ރައްކާތެރިކޮށްދެއެވެ.

ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާގެ ބާވަތްތައް ކެއުމުގައި ހިމަނަންޖެހެއެވެ. ޚާއްޞަކޮށް ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކެއުމެއް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އެޅޭ ހަރުދަނާ ބިންގަލެއްކަން ޔަގީނެވެ. ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން،މޭވާ އާއި ތަރުކާރީ، ވިޓަމިން، އަދި ތަފާތު ވައްތަރުގެ މަޢުދަން ތަކާއި، ދިޔާތަކެތި ހިމެނެއެވެ.

ތިމާގެ ހަންގަނޑަށް ފަރުވާތެރިވެ އަޅާލުމަކީ ވެސް ވަރަށް ވެސް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ގަދަ އަތްވާއި ހޫނުގައި މަސައްކަތްކުރާ މީހުން އިރުން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތަކުން މިންޖުވެހުރުމަށް ވީވަރަކުން ހަށިގަނޑު ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ގަދަ އަވީގެތެރޭގައި ގިނައިރު އުޅުމަކީ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމަކަށްވާތީ އެވެ.

ޞިއްޙީ ރަނގަޅު އާދަތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި ބަރާބަރަށް ނިދުން، އަތްފައިގެ ނިޔަފަތި ކަނޑައި ސާފުތާހިރު ކަންމަތީގައި ބެހެއްޓުން، ކެއްސާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން، އަދި މިނޫނަސް ތަފާތު އެތައްކަމެއް ހިމެނެއެވެ.

އިތުރަށް ވިދާޅުވޭ...

3.02.2010

އިސްލާމްދީނުގައި ހުއްދަނޫން ފެޅުންތައް

އަލްއަޚް މުޙައްމަދު ރަމީޒު އަޙްމަދު
ބޭސްވެރިކަމުގެ މައިދާނުގައި ފަރުވާއެއްގެ ގޮތުން ކުރެވޭ ފެޅުމުގެ (ސާރޖަރީގެ) ގިނަ މަސައްކަތްތަކަކީ އިސްލާމް ދީން ހުއްދަކުރާ ކަންތައްތަކެކެވެ. އެއީ މީހަކަށް ޖެހިފައިވާ ބައްޔަކަށް ފަރުވާ ކުރުމަށްޓަކައެވެ. ނުވަތަ ހަށިގަނޑުގެ މަސައްކަތްތަކަށް ހުރަސް އަޅާފަދަ އައިބުތަކުން ސަލާމަތް ވުމަށްޓަކައެވެ. މިކަން މިހެން އޮތްނަމަވެސް އެކަމުގައި އެއްވެސް ފައިދާއެއް ނެތް ނުވަތަ ޝަރުޢީގޮތުން އެއީ ބޭނުންތެރި ކަމަކަށް ނުބެލެވޭ ފެޅުންތަކަކީ އިސްލާމް ދީނުގައި ހުއްދަ ފެޅުންތަކެއް ނޫނެވެ.

މިގޮތުން މިބަޔާން ކުރާ ފެޅުންތަކަކީ އިސްލާމް ދީނުގައި ހުއްދަނޫން ފެޅުންތަކެއް ކަމަށް މިޒަމާނުގަ ބައެއް އިސްލާމީ އިލްމުވެރިން ވިދާޅުވާ ފެޅުންތަކެކެވެ.

1.ރީތިވުމުގެ ގޮތުން ފެޅޭ ފެޅުންތައް:
އެއީ ހަމައެކަނި ބޭރަފުށުގެ ރީތިކަމަށް ޓަކައި ނުވަތަ މުސްކުޅިކަން ފޮރުވުމަށްޓަކައި ފެޅޭ ފެޅުންތަކެވެ. ކޮންމެހެން އެކަންކަމަށް ބޭނުން ޖެހޭ ޟަރޫރީ ފެޅުންތަކެއް ނޫނެވެ.
މިގޮތުން ދެބާވަތެއްގެ ފެޅުން ފެޅެއެވެ. އެއްބާވަތަކީ ސިފަ ބަދަލުކުރުމަށްތަކައި ފެޅޭ ފެޅުމެވެ. މިބާވަތުގެ މިސާލަކީ ނޭފަތާއި ދަށްދޮޅިއާއި އުރަމަށްޗާއި ކަންފަތާއި ބަނޑުގެ ބައްޓަމަށް ނުވަތަ ބޮޑުމިނަށް ބަދަލު ގެނައުމަށް ފެޅޭ ފެޅުންތަކެވެ.
ދެވަނަ ބާވަތަކީ ޒުވާން ވުމަށްޓަކައި ފެޅޭ ފެޅުމެވެ. މިގޮތުން މޫނުގެ ރޫތަށް ފިލުވައި ރީތި ކުރުމަށް ފެޅޭ ފެޅުންތަށް ވެއެވެ. އަދި މުސްކުޅިވެ އުމުރުން ދުވަސްވުމުން ފިނދުމަސްގަނޑާއި އަތްދަނޑިއާއި ދެއަތާއި ބުމައަށް އަންނަ ބަދަލުތަށް ނައްތާލުމަށް ފެޅޭ ފެޅުންތަށްވެސް ހިމެނެއެވެ.
ކުރިންވެސް ލިޔެވުނު ފަދައިން މިބާވަތުގެ ފެޅުންތަކަކީ އެއްވެސް ޟަރޫރީ ބޭނުމެއް އޮތް ފެޅުންތަކެއް ނޫނެވެ. ނުވަތަ ކޮންމެހެން ބޭނުންޖެހިގެން ފެޅޭ ފެޅުންތަކެއް ނޫނެވެ. އެކަމުގެ އަސްލު ލަނޑުދަނޑިއަކީ ﷲ ހައްދަވާފައިވާ ސިފަ ބަދަލު ކުރުމެވެ. އަދި އެމީހަކު ބޭނުންވާހާ ގޮތަކަށް އެސިފަ ބަދަލުކޮށް އެއާ ކުޅުމެވެ. އެހެންކަމުން އެއީ ހުއްދަ ފެޅުމެއް ނޫނެވެ. އަންނަނިވި ދަލީލު ތަކުން އެކަމަށް ހުއްޖަތް ލިބެއެވެ.
1.އިބްލީސް ބުނިކަމަށް އަންގަވައި ސޫރަތުއްނިސާގެ 119 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (އަދި ﷲ ގެ ޚަލްޤުކުރެއްވުން ބަދަލު ކުރުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރު ކުރާހުށީމެވެ.) މި މާތް އާޔަތުގައި ވާރިދުވެގެންވަނީ އާދަމުގެ ދަރިންގެ ތެރެއިން ﷲ އަށް އުރެދޭ މީހުންނަށް ޝައިތާނާ ޒީނަތްތެރިކޮށް ދައްކާ ހަރާމް ކަންތައްތަކެވެ. އޭގެ ތެރޭގައި ﷲގެ ޚަލްޤުކުރެއްވުމަށް ބަދަލުގެނައުން ވެއެވެ. ހަށިގަނޑު ރީތިކުރުމުގެ ގޮތުން ފެޅޭ މިފަދަ ފެޅުންތަކަކީ ﷲ އިންސާނާއަށް ދެއްވި ސިފަ ބަދަލުކޮށް އޭނާގެ ގިތް އެދޭހާ ގޮތަކަށް ބަދަލު ކުރުމަށް ކުރެވޭ ކަމެކެވެ. އެހެން ކަމުން އެކަމަކީވެސް ޙަރާމް ކަމަކަށް ވެގެންދާނެއެވެ.
2. (ފަރިވުމަށްޓަކައި ﷲ ގެ ޚަލްޤުކުރެއްވުމަށް ބަދަލު ގެނެސް އިސްތަށި އުފުރާ އަންހެނުންނާއި ދަތްތަކަށް ބަދަލުގެންނަ އަންހެނުނަށް ލަޢުނަތް ލެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވަނިކޮށް އަޑުއެއްސެވިކަމަށް ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.) މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ލަޢުނަތް ލެއްވިގެންވާ ކަން މި ޙަދީޘުން ދޭހަވެއެވެ. ސިފަ ބަދަލު ކުރުންކަން ވެސް އެގެއެވެ. އަދި އެއީ ރީތިވުމަށްޓަކައި ކުރެވޭ ކަމެއްކަންވެސް އެނގެއެވެ. ކުރިން ދެންނެވި ފެޅުމުގައިވެސް މި ދެމާނަ އެކުލެވެއެވެ. އެހެނީ ސިފައަށް އެ ގެނެވޭ ބަދަލަކީ ރީތިކަން އިތުރު ކުރުމުގެ ނިޔަތުގައި ކުރެވޭ ކަމެކެވެ.
3. ޓެޓޫ (ކައްޓަކުން ހަމުގެ ތެރެއަށް ކުލަ ދުއްވައިގެން އެކި މަންޒަރު ސިފަވާގޮތަށް ކުރަހާ ކުރެހުން) ކުރުމާއި އިސްތަށި އުފުރުމާއި ދަތްކެނޑުން ހުއްދަނުވާ ފަދައިން ރީތިވުމަށްޓަކައި ފެޅޭ ފެޅުންތައް ހުއްދައެއް ނުވާނެއެވެ. އެ ދެގޮތުގައިވެސް ރީތިވުމާއި ޗާލުވުމުގެ ބޭނުމުގައި ﷲގެ ޞޫރަ ކުރެއްވުމަށް ބަދަލުގެނައުން އެކުލެވޭ ކަމަށްޓަކައެވެ.
4. މިބާވަތުގެ ގިނަ ފެޅުންތަކަކީ އެކަމުން މަކަރާއި އޮޅުވާލުމަށް މަގުފަހިކުރާ ފެޅުންތަކެކެވެ. އެއީ ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ. މިސާލަކަށް ޒުވާންވުމަށް ފެޅޭ ފެޅުންތަކަކީ ކައިވެނި ކުރުންފަދަ ކަންކަމުގައި އޮޅުވާލުމަށްޓަކައި ކުރެވޭ ކަންކަމަށްވެސް ވެދާނެއެވެ.
5. މިފެޅުންތައް ފެޅުމުގައި ހުއްދަ ނޫން ބައެއް ކަންކަމަށް އަރައިގަނެވެއެވެ. އެއީ މިސާލަކަށް ހޭނެއްތުން ފަދަ ކަންކަމެވެ. ހޭނެއްތުމަކީ އަސްލުގައި ދީނީގޮތުން ޙަރާމް ކަމެކެވެ. އަދި އެކަން ހުއްދަވާފަދަ ސަބަބެއް މިދެންނެވިފަދަ ފެޅުންތަކުގައި ނުވެއެވެ. އެހެންކަމުން އޭގެ ޙަރާމްކަން ކުރިން އޮތްގޮތަށް އޮންނާނެއެވެ. އަދި ހިލޭ ފިރިހެނުންގެ ފެޅުންތައް އަންހެނުން ފެޅުމާއި ހިލޭ އަންހެނުންގެ ފެޅުންތަކުގައި ފިރިހެނުން މަސައްކަތް ކުރުމަކީވެސް މިކަމުގައި ވެދާނެ ކަމެކެވެ. މިކަމުގައި އައުރައަށް ބެލުމާއި ހިލޭ މީހަކާއެކު އެކަހެރިވުމާއި މިފަދަ ކަންކަން ހިމެނެއެވެ. މިކަންކަންވެސް ހުއްދަ ކުރެވޭނަމަ ހުއްދަކުރެވެނީ ޟަރޫރީ ބޭނުމަކަށްޓަކައެވެ. ނަމަވެސް މިފަދަ ފެޅުންތަކުގައި އެފަދަ ބޭނުމެއް ނުވެއެވެ. އެހެންކަމުން އެއީ ޙަރާމް ކަމެކެވެ.
6. މިފަދަ ގިނަ ފެޅުންތަކަކީ ނުރައްކާތަކާއި ގެއްލުންތަކުން ހުސްވެގެންވާ ކަންކަމެއް ނޫނެވެ. އަދި އެކަށީގެންވާ އެއްވެސް ބެނުމެއްނެތި އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ހުށަހޮޅިގަތުމަކީ ހުއްދަ ކަމެއްނޫނެވެ.

2.ޖިންސް ބަދަލުކުރުމަށް ފެޅޭ ފެޅުންތައް
މިއީ އަންހެނުން ފިރިހެނުންނަށް ބަދަލުވުމަށްޓަކައި ނުވަތަ ފިރިހެނުން އަންހެނުންނަށް ބަދަލުވުމަށްޓަކައި ފެޅޭ ފެޅުންތަކެވެ. މިގޮތުން އެމީހެއްގެ އަޞްލު ގިންސީ ގުނަވަން ނަގައި އެޖާގައިގާ އޭނާ ބޭނުންވާ އަނެއް ޖިންސުގެ ޖިންސީ ގުނަވަން އިންދައެވެ. އަދި އެމީހެއްގެ ކިބައިގައިވާ އޭނާގެ އަޞްލު ޖިންސުގެ ހުރިހާ އަލާމާތްތަކެއް ނައްތާލައެވެ. އެއާއެކު ޚާއްޞަ ނަފުސާނީ ފަރުވާ އާއި ހޯމޯންގެ ފަރުވާ ދެވެއެވެ.
މިބާވަތުގެ ފެޅުންތަކަކީ ފަހަކަށްއައިސް ކާފިރުންގެ ތެރޭގައި ފެތުރިފައިވާ ކަންތައްތަކެކެވެ. އެކަމަށް ބޭނުންވާ ސަބަބެއްކަމަށް ބުނަނީ ތަފާތު ސަބަބުތަކަށްޓަކައި ތިމާ އެޖިންސެއްގެ މަތީ އުފަންވީ ޖިންސަށް ނަފުރަތު ކުރެވި ނުރުހެވުމެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެއީ އުމުރުގެ ވަރަށް ކުރީއްސުރެ ތަރުބިއްޔަތު ކުރެވޭ ގޮތަކުން ދިމާވާ ކަމެކެވެ. އަދި މިގޮތަށް ޖިންސް ބަދަލު ކުރަން ބޭނުންވާ މީހުންނަކީ ޚުންޘާއިންނާއި ޚިލާފަށް ސިފަ ނުވަތަ ގުނަވަންތަކުން ވިޔަސް އެމީހުންގެ ޖިންސް ވަކިކުރުމަށް އެއްވެސް އޮޅުމެއް ނާރާ ބައެކެވެ. މިއީވެސް އިސްލާމްދީނުގައި ހުއްދަނޫން ފެޅުމެކެވެ. އެއީ އަންނަނިވި ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ.
1. ކުރީގައި ބަޔާންވެ ދިޔަ އާޔަތް، ބޭކާރު ގޮތުގައި ކުޅިވަރަށްﷲ ގެ ޚަލްޤު ކުރެއްވުމަށް ބަދަލު ގެނައުން ޙަރާމް ކަމުގެ މައްޗަށް ދަލީލު ކުރެއެވެ. މިފަދަ ފެޅުމަކީ މިދެންނެވި ބީދައިން ކުރެވޭ ކަމެކެވެ. އެހެނީ އެފަދަ ފެޅުންތަކުގައި ޑޮކްޓަރުން އަންހެނާގެ ނުވަތަ ފިރިހެނާގެ ޖިންސީ ގުނަވަންތައް ކަނޑައި ވަކިކުރުމެވެ.
2.(ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތް ވެގަންނަ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވެގަންނަ މީހުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވުން އެދި ދުޢާފުޅު ކުރެއްވިއެވެ.) މި ޙަދީޘުން ފިރިހެނުން އަންހެނުންނާ އެއްގޮތްވެގަތުމާއި އޭގެ އިދިކޮޅުވެސް ޙަރާމްވެގެންވާ ކަމަށް ދަލީލު ކުރެއެވެ.
3. މިބާވަތުގެ ފެޅުމަކީ ޝަރުޢީ ގޮތުން ހުއްދަނޫން ކަންތައްތަކެއް އޭގައި ހިމެނިގެންވާ ފެޅުމެކެވެ. އެއީ ޢައުރަބެލުން ފަދަ ކަންކަމެވެ.
4. ޑޮކްޓަރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މިފަދަ ފެޅުންތަކަކީ ބޭސްވެރިކަމުގެ ބަލާއިރު އެކަން ކުރުމަށް އެއްވެސް ސަބަބެއް ނެތް ބޭނުމެއްނެތް ކަމެކެވެ. އޭގައިވަނީ ހަމަ އެކަނިﷲ ލެއްވި ޖިންސް ފިޔަވައި އެހެން ޖިންސަކަށް ބަދަލުވެގަތުމުގެ އެދުމެކެވެ.
5. އިންސާނުން ކާސިކުރުމަކީ ހުއްދަ ނޫން ކަމެއްކަމުގެ މައްޗަށް ޙިޖާޒާއި ކޫފާގެ ފިޤުހުވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމުގައި އަލްއިމާމުލް ޤުރުޠުބީ ވިދާޅުވިއެވެ. ކާސިކުރުމަކީ ޖިންސީ ގުނަވަނުގެ މަސައްކަތް ބޭކާރުކޮށްލުން ކަމަށްވާއިރު އެމުޅި ގުނަވަން ނަގައި މުޅިން ބަދަލުކުރުން ހުއްދަ ނުވުން އައުލާކަން ބޮޑުވެގެންވެއެވެ.

3. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފެޅޭ ފެޅުންތައް:
މިއީ ކުރިމަގުގައި ހިނގާފާނެ ކަމަށް ހީވާ ނުރައްކަލުން ދިފާޢުވުމަށްޓަކައި ފެޅޭ ފެޅުމެވެ. މީގެތެރެއިން ގެއްލުން ލިބޭނެކަމަށް ޔަޤީނާ ގާތަށް ހީވެގެން ފެޅޭ ފެޅުމަކީ ހުއްދަ ފެޅުމެކެވެ. މިތާނގައި ބަލައިލާނީ ހީވާ ހީވުން އެ ދަރަޖައަށް ނުދަނީސް ފެޅޭ ފެޅުންތަކާ މެދުގައެވެ. މިސާލަކަށް އެޕެންޑިކްސް ނުވަތަ ޓޮންސިލް ނުވަތަ ދަތެއް ހަމަ ސަލާމަތުން އޭގެ މަސައްކަތް ކޮށްކޮށް ހުއްޓާ، ފަހުން މަސްއަލައެއް ޖެހިދާނެކަމުގެ އެއްވެސް ދަލީލެއް ނެތި ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށްފައެވެ. އެހެންކަމުން މިއީވެސް ހުއްދަ ފެޅުމެއްނޫނެވެ.
އެއީ އަންނަނިވި ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ. ފުރަތަމައަށް އެފަދަ ގުނަވަނެއް ކަނޑައި ނެގުމަކީ އެކަމަށް ބޭނުންވާ އެކަށީގެންވާ ބޭނުމެއްނެތި ﷲގެ ޙުލްޤު ކުރެއްވުމަށް ގެނެވޭ ބަދަލަކަށް ވާކަމެވެ. ދެވަނައަށް އެގުނަވަންތައް ﷲ ލައްވާފައިވަނީ ބޭކާރު ގޮތެއްގައެއް ނޫނެވެ. އޭގައި ކޮންމެވެސް ފައިދާތަކެއް ވެއެވެ. ނަމަވެސް ކުރެވޭ ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް އެތަކެތި ނެގުމުން އޭގެ ފައިދާއާއި ބޭނުން ބޭކާރުކޮށްލެވެނީއެވެ.
އިސްވެ ދެންނެވުނު ނަޤުލީ އަދި ބުއްދީގެ ދަލީލުތަކާއި ޙުއްޖަތްތަކަށް ބަލައިލުމުން މިދެންނެވި ތިންބާވަތުގެ ފެޅުންތަކަކީ ހުއްދަ ފެޅުންތަކެއް ނޫންކަން އެނގެއެވެ. އެހެންކަމުން މިފަދަ ފެޅުމަކަށް ނޫނެވެ. ހަމައެހެންމެ އެކަން ކުރުމަކީ ޑޮކްޓަރަކަށްވެސް ހުއްދަވާނެ ކަމެއް ނޫނެވެ. އަދި އެފަދަ ކަންތައްތައް ކުރާ މީހުން އެކަމަށް ދައްކާ ބަހަނާއަކީ އެކަން ހުއްދަކުރުމަށް އެކަށީގެންވާ ޙުއްޖަތެއް ނޫނެވެ.

ވަސީލަތް: ދަރުމަ މަޖައްލާ

އިތުރަށް ވިދާޅުވޭ...

1.12.2010

އަންހެނުންގެ އިސްތަށިގަނޑު ކޮށުން

އަލްއަޚް ޢަބްދުލްހާދީ ޙުސައިން

بــســــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

އަންހެނާގެ ބޮލުގެ އިސްތަށިގަނޑު ކޮށުމަކީ ހުއްދަކަމެކެވެ. އެހެންނަމަވެސް ބޯކޮށުމުގައި ޝަރުތުތަކެއްވެއެވެ.


އެއީ:

1. ބޯ ނުބޭލުން: ބޯބޭލުން ހުއްދަވަނީ ޙާޖަތަކަށްޓަކައެވެ. މިސާލަކަށް ބައްޔެއްގެސަބަބުން.

2.ފިރިހެނެއްގެ ސިފަ ޖެހޭގޮތަށް ނުކޮށުން: ފިރިހެނުންނާއި ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. رَسُولُ اللهِ صلَّى الله عليه وسلم ހަދީޘްކުރައްވަނީ: " لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَالْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ. " رواه البخاري. މާނައީ: " އަންހެނުންނާއި ވައްތަރުވާން އުޅޭ ފިރިހެނުންނަށާއި ފިރިހެނުންނާއި ވައްތަރުވާން އުޅޭ އަންހެނުންނަށް رَسُولُ اللهِ صلَّى الله عليه وسلم ލަޢުނަތްލެއްވިއެވެ." މިގޮތުން ކަންފަތުގެ ފޫޅަށްވުރެ ކުރުކުރުން ހުއްދަ ވެގެންނުވެއެވެ. އެއަށްވުރެ ކުރުކޮށްފިނަމަ ފިރިހެނަކާ އެއްގޮތްވުން ކައިރިކަންބޮޑެވެ.

3. ކާފަރު އަންހެނެއްގެ ސިފަ ޖެހޭ ގޮތަށް ނުކޮށުން: އެބައިމީހުންނަށް ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްމާލްދީނުގައި ހުއްދަކަމެއްނޫނެވެ. މިގޮތުން ވަކިމީހެއްގެ ސްޓައިލަށް ކޮށުން ހުއްދަނުވާނެއެވެ. رَسُولُ اللهِ صلَّى الله عليه وسلم ހަދީޘްކުރައްވަނީ : ( من تشبه بقوم فهو منهم ) . މާނައީ: "ބަޔަކާއި އެއްގޮތްވެއްޖެނަމަ އޭނާ ވަނީ އެބައިމިހުންގެ ތެރެއިންނެވެ."

4. ބޯ ކޮށަން ހުންނަނީ އަންހެނެއްކަމުގައި ވުން.

5. މީހަކާ އިނދެގެން އުޅޭނަމަ ފިރިމީހާގެ ހުއްދަހޯދުން.

6. މިޒަމާނުގެ ސެލޫންތަކަށް ދާނަމަ އެތަންތަނަކީ ރައްކާތެރި ތަންތަނަށް ވާންޖެހޭނެއެވެ. އެގޮތުން ބޯކޮށަން ތިބޭ މީހުންނަކީ އަންހެނުންނަށް ވެފައި އަދި ތިމާގެ ބޯ ކޮށާ ވަގުތު ހިލޭ ފިރިހެނުންނަށް ވަދެވޭ ތަނަކަށް ވެގެންނުވާނެއެވެ. އަދި އެތަންތާ ބޯކޮށަން ތިބޭ އަންހެނުންނަކީ ނިވާކަން ކުޑަ ހެދުން ލައިގެން ބޯކޮށަން ތިބޭ ބައެއްކަމުގައި ވެގެން ނުވާނެއެވެ. އެއީ އެކަމުގައި އެމީހުންނަށް އެހީ ފޯރުވައިދެވޭތީއެވެ. ﷲއަށް އުރެދުމެއްގައި އެކަކު އަނެކަކަށް އެހީތެރިވުމެއް ނޯވއެވެ. މާތްﷲ ވަހީކުރައްވަނީ: { وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان }. މާނައީ: "ހެޔޮކަންތައްތަކާއި ތަޤުވާވެރިވުމަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ. އަދި ނުބައިކަންތައްތަކާއި ޢަދާވާތްތެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރި ނުވާށެވެ."
މިއީ ނޫރުލްއިސްލާމް.ނެޓް އިން ނަގާފައިފާ ލިޔުމެއް.


އިތުރަށް ވިދާޅުވޭ...